"ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެއްދެވުން
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، "ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ" ގެ ނަމުގައި އިދާރާއެއް މިއަދު އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތަށް ހަމަޖެއްސެވުމާގުޅިގެން، ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު)ގެ 19 މާއްދާގެ ދަށުން، ޓެރަރިޒަމުގެ ޢަމަލުތަކާ ގުޅިގެން އެކަންކަން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމުގެ އިސްފަރާތަކީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުކަމަށް ކަނޑައަޅުއްވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުގެ އޮފީސްތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ ނަންބަރަކީ 464 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ މަސައްކަތްތަކުގެ ލިސްޓު މިދެންނެވުމާއެކު އެވަނީއެވެ.
 
ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ މަސައްކަތްތައް
1. އެންޓި ޓެރަރިޒަމާއި، ކައުންޓަރ ޓެރަރިޒަމާ ގުޅުންހުރި އެންމެހައި ކަންތައްތަކުގައި ޤައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރުން.
2. ޓެރަރިޒަމުގެ ޢަމަލުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ފިޔަވަޅު އެޅުމުގައި ގެންގުޅޭ މިންގަނޑުތައް ބަލައި ދިރާސާކޮށް، އެ މިންގަނޑުތަކާ އެއްގޮތަށް ރާއްޖޭގައި ކައުންޓަރ ޓެރަރިޒަމާއި އެންޓި ޓެރަރިޒަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ބައްޓަންކުރުން.
3. ދައުލަތުގެ އިދާރާތަކަށް ލިބޭ ޓެރަރިޒަމާ ގުޅުންހުރި މަޢުލޫމާތު އެއްކޮށް، އެނަލައިޒްކުރުން.
4. ޓެރަރިޒަމަށް ވާގިވެރިވުމުގެ ގޮތުން ހިންގާ ޢަމަލުތަކާއި، އެފަދަ ޢަމަލުތައް ހިންގުމަށް ފައިސާ ހޯދާ މަގުތަކާއި، އެފަދަ ފައިސާ ދައުރުކުރާ ފަންޑުތަކާބެހޭ މަޢުލޫމާތު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުން.
5. ޓެރަރިޒަމުގެ ޢަމަލު ހިންގާ ފަރާތްތަކާއި، އެފަދަ ޢަމަލު ހިންގުމަށް އެހީތެރިވާ ފަރާތްތަކާއި، ޓެރަރިޒަމަށް ފައިސާ ޚަރަދުކުރާ ފަރާތްތަކުގެ މުދަލާއި ފައިސާ ހިފެހެއްޓުމާބެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުން.
6. އެކިއެކި ވިސްނުންތަކުގައި ހައްދުފަހަނަޅާފައިވާ ފަރާތްތަކުން ރާއްޖޭގެ ސުލްހަމަސަލަސްކަމާއި، އަމާންކަމަށް ނުރައްކާކުރުމަށް ހިންގާ ކަންތައްތަކާބެހޭ މަޢުލޫމާތު އެއްކޮށް، އެ މަޢުލޫމާތު ހިއްސާކުރަންޖެހޭ ފަރާތްތަކާ ހިއްސާކުރުން.
7. އެކިއެކި ވިސްނުންތަކުގައި ހައްދުފަހަނަޅާފައިވާ ފަރާތްތަކަށް ފައިސާދީގެންނާއި، މަޢުލޫމާތާއި ތަމްރީނު ދީގެންނާއި، މިނޫންވެސް ގޮތްގޮތުން ވާގިވެރިވެ އެހީތެރިވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތައް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުން.
8. އެކިއެކި ވިސްނުންތަކުގައި ހައްދުފަހަނަޅައިދިއުމަށް މެދުވެރިވާ ސަބަބުތަކާއި، ހާލަތްތަކާއި، އިޖުތިމާޢީ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާބެހޭ ދިރާސާތައް ހަދައި، މިފަދަ ވިސްނުންތައް މުޖުމަޢުގައި އަށަގެންނެވުން ކުޑަކުރުމަށްޓަކައި އިޖުތިމާޢީ ދާއިރާގެ ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކާއި، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތަކާއި ޖަމްޢިއްޔާތަކާ ގުޅިގެން މަސައްކަތްކުރުން.
9. އެކިއެކި ވިސްނުންތަކުގައި ހައްދުފަހަނަޅައިފައިވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އަމާޒުކޮށްގެން ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމާއި، ޓެރަރިޒަމުގެ ޢަމަލުތައް ހިންގާފައިވާ ފަރާތްތަކާއި، އެފަދަ ޢަމަލުތަކުގައި ބައިވެރިވެފައިވާ ފަރާތްތަކަށް (ޖަލުތަކުގައި ތިބި ޤައިދީންވެސް ހިމެނޭގޮތަށް) ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުން.
10. އެކިއެކި ވިސްނުންތަކުގައި ހައްދުފަހަނަޅައިފައިވާ ފަރާތްތަކުން މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންދިނުން ހުއްޓުވުމަށްޓަކައި، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ފެންވަރުގައި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވެ ރާއްޖެ ތަމްސީލުކުރުން.
11. ކަންކަމުގައި ތިމާ ދެކޭގޮތް މުޖުތަމަޢުގައި އަށަގެންނެވުމަށް ބާރުގެ ބޭނުންކޮށްގެން ނުވަތަ ހަތިޔާރުގެ ބޭނުންކޮށްގެން ހިންގާ ހަރަކާތްތައް ހުއްޓުވުމަށްޓަކައި، ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެޅުން.
12. ޤައުމީ ފެންވަރުގައި ކައުންޓަރ ޓެރަރިޒަމަށް ތައްޔާރުވެފައިވާ މިންވަރު ބެލުމުގެ ގޮތުން ޓެރަރިޒަމުގެ ހަމަލާތަކަށް ރެސްޕޮންޑް ކުރާނެގޮތުގެ ފަރިތަކުރުންތައް ބޭއްވުން.
13. ކައުންޓަރ ޓެރަރިޒަމުގެ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އެކުލަވައިލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި، ޤައުމީ ސަލާމަތީ މަޖިލީހަށް ލަފަޔާއި އިރުޝާދުދިނުން.
14. ކައުންޓަރ ޓެރަރިޒަމުގެ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް ތަންފީޒުކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި، އެ އިދާރާތަކުގެ މެދުގައި ވިލަރެސްކުރުން.
15. ޓެރަރިޒަމާގުޅޭ މަޢުލޫމާތު އެއްކުރުމުގައި ދައުލަތުގެ އިދާރާތަކުން ޢަމަލުކުރާނެ ގޮތްތައް ކަނޑައެޅުން.
16. ޓެރަރިޒަމާ ދެކޮޅަށް "ކައިނެޓިކް" އޮޕަރޭޝަންތައް ހިންގުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި، އެފަދަ އޮޕަރޭޝަންތައް ހިނގަމުންދާއިރު ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
17. ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ ބައިނަލްއަޤްވާމީ މަސައްކަތްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުން.
18. ބައިނަލްއަޤްވާމީ، ސަރަޙައްދީ އަދި ޤައުމީ ފެންވަރުގައި ޓެރަރިޒަމާގުޅޭ ޢިލްމީ ދިރާސާކޮށް، ދިރާސީ ކަރުދާސް ލިޔެ ޝާއިޢުކުރުން.
19. ޓެރަރިޒަމުގެ ނުރައްކަލާ ބެހޭ ގޮތުންނާއި، ޓެރަރިޒަމުން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންތައްތަކާ ބެހޭ ގޮތުން ދައުލަތުގެ އިދާރާތަކަށާއި، ޞިނާޢީ މަރުކަޒުތަކަށާއި، ޓޫރިސްޓް ރިސޯޓުތަކަށާއި، އިޖުތިމާޢީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނަށާއި، އާންމު ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދީ، ހޭލުންތެރިކަން އިތުރުކުރުން.
20. އެންޓި ޓެރަރިޒަމާއި ކައުންޓަރ ޓެރަރިޒަމާބެހޭ ކަންކަމުގައި ބޭރުގެ ފަރާތްތަކުން އެހީތެރިކަން ހޯދުމާއި، އެ ފަރާތްތަކާއެކު މަސައްކަތްކުރުން.
21. ޓެރަރިޒަމާބެހޭ ޤާނޫނާއި، ޓެރަރިޒަމާ ގުޅުންހުރި ޤާނޫނުތައް ސަލާމަތީ ބާރުތަކުންނާއި އެހެނިހެން އިދާރާތަކުން ތަންފީޒުކުރަމުން ގެންދާގޮތް އޮޅުންފިލުވައި، ހަރުދަނާކުރަންޖެހޭ ކަންކަން ދެނެގަނެ، އެކަންތައްތައް ރައީސުލްޖުމްހޫރިއްޔާއަށާއި ޤައުމީ ސަލާމަތާބެހޭ މަޖިލީހަށް ހުށަހެޅުން.