بســم اللّـه الرّحمـن الرّحيــم
 
      
          ބިސްމީގެ ބަރަކާތުން ފަށައި ކުރަމޭ ދުޢާ ﷲ އަށް
             ބިސްމީގެ ފެށުމުން ޙަމްދުކޮށް ކިޔަމޭ ޘަނާ ކައުސާޙިބަށް
 
އަޅުގަނޑު އުފަލެއް ކަމުގައި ދެކެނީ، އަޅުގަނޑު މިރަށަށް މިކުރި ޒިޔާރަތުގައި، ތޮއްޑޫގެ ހިތްހެޔޮ، ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކީ ހުރިހާ ރައްޔިތުންނަށް ޝުކުރު ދެންނެވުން.
 
އާދެ، މިރަށުގެ ފެހި ބަނދަރުމަތިން އިތުރު ފެހިކަން މުޅި ރަށުތެރެއަށް ގެނެސްދިނުމުގެ މަޤްޞަދުގައި އަދި ރައްޔިތުންނަށް ޟަރޫރީ ބޭނުން ފުއްދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން މިއަދު ތޮއްޑުއަށް މި ލިބިގެންދަނީ، ޝައްކެއްވެސްނެތްގޮތުގައި ވަރަށް އަގުހުރި، އަގުބޮޑު މަޝްރޫޢެއް.
 
އާދެ، ތޮއްޑުއަކީ ދަނޑުވެރިކަމުގެ އެހާ ލާމަސީލު ރަށަކަށްވެފައި، ތޮއްޑޫގެ އުފެއްދުންތަކަކީ، އަޅުގަނޑުމެން ހުރިހާ އިރަކުވެސް އެކަމަށް ޝައުޤުވެރިވާ އުފެއްދުންތަކެއް ކަމަށްވާއިރު، މި އުފެދިގެން މިދާ، ނޫނީ ނިމިގެން މިދާ ފެނުގެ މަޝްރޫޢުން ޝައްކެއްވެސްނެތްގޮތުގައި، ތޮއްޑޫގެ ހަމަ ހުރިހާ ރައްޔިތުންނަށް، ގޭގެ ދިރިއުޅުމުގެ އިތުރަށް، އާމްދަނީ އިތުރުކުރައްވަން ކުރައްވާ މަސައްކަތުގައި، ޝައްކެއްވެސްނެތްގޮތުގައި ވަރަށްބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނެ. އެހެންވީމާ، އެކަމަށްޓަކައި މި މަސައްކަތް ކޮށްދެއްވި ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. ޚާއްޞަ ގޮތެއްގައި، އަޅުގަނޑުމެންގެ ސަރުކާރުގައި ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މި މަސައްކަތްތަކުގައި  މި އުޅުއްވާ ވަރަށް މުރާލި އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤު އިބްރާހީމަށް އަދި އެމަނިކުފާނާއެކީ މަސައްކަތް ކުރައްވާ މިނިސްޓްރީގެ ޓީމަށް، އިސްބޭފުޅުން ކުރީ ސަފުތަކުގައި މި ތިއްބެވީ. އަދި މިކަހަލަ ހުރިހާ މަސައްކަތްތަކެއްގައި، މި ސަރުކާރުގައި، މި ޒަޢާމަތުގައި އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ދައުރު ވަރަށް ބޮޑަށް ފާޅުވެގެންދާތަން.
 
އާދެ، މި މަޝްރޫޢަކީ ސްޓެލްކޯގެ ފަރާތުން ހިންގަވާ މަޝްރޫޢެއް. އަދި މިއާއެކީ އަޅުގަނޑުމެންނަށް ފެނިގެންދަނީ މިކަހަލަ މަޝްރޫޢުތަކުގައި، ފެނުގެ މައްސަލަތަކުގައި، ފެނުގެ މަޝްރޫޢުތަކުގައި، އެމް.ޑަބްލިޔޫ.އެސް.ސީ.ގެ ފަރާތުން އަދި ކަރަންޓާއި އެހެން މިކަހަލަ މަޝްރޫޢުތަކުގައި ފެނަކާގެ ފަރާތުން އެހީތެރިވަމުންދާތަން. އަޅުގަނޑުމެންގެ ވިސްނުމުގައި، ސަރުކާރުގެ ކުންފުނިތަކުގެ، ބާރުވެރިކަން އިތުރުވުމަކީ، އިޤްތިޞާދީ ފުދުންތެރިކަން އިތުރުވުމަކީ، ޝައްކެއްވެސްނެތްގޮތުގައި މިކަހަލަ މަޝްރޫޢުތަކަށް، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް މިކުރާ މަސައްކަތުގައި، ސަރުކާރުގެ ބަޖެޓަށް ވަރަށް ބޮޑަށް ލުއިވެގެންދާނެ ކަމެއް.
 
އާދެ، ކޮންމެ ރަށަކަށްވެސް އައިސް، ރަށުގެ ބޭފުޅަކަށް، އަޅުގަނޑަށްވުރެ ކުރިން ވާހަކަ ދައްކަވަން ފުރްޞަތު ލިބިއްޖެ ކަމަށްވަންޏާ، ރަށަށް ބޭނުންވާ ހުރިހާ ކަމެއްގެ ވާހަކަ އަޅުގަނޑާ ހަމައަށް އަންނާނެ. އަންނަންވެސްވާނެ. އަޅުގަނޑު ހަމަ އުފަލާއެކީ، ޝައުޤުވެރިކަމާއެކީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް ޙަސަންގެ ވާހަކަފުޅު އަޑުއަހަން އިނީ. ތޮއްޑުއަށްވެސް އިރާދަކުރެއްވިއްޔާ ތޮއްޑުއަށް ބޭނުންވާ ކަންތައްތައް ހަމަ ފުދިގެންދާނީ މި ޒަޢާމަތުގައި. ތޮއްޑުއަށް މިހާރު ބަނދަރުގެ އެއްގަމު ތޮށްޓާއި، ބޭރުތޮށީގެ މަޝްރޫޢުގެ ވާހަކަ، ދެންމެ އަޅުގަނޑުމެންގެ ތެރޭގައި މި ދެއްކުނީ. އަދި އަޅުގަނޑާ ހަމައަށް އިލްތިމާސްވެސް މިއައީ. އަޅުގަނޑު ހަމަ ތޮއްޑޫގެ ޢިއްޒަތްތެރި ރައްޔިތުންނަށް ދަންނަވަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ މިކަން އަވަސްކޮށްދެވޭތޯ އަޅުގަނޑު ހަމަ ބަލާނަމޭ.
 
އަޅުގަނޑުމެން ސަރުކާރުން ރައްޔިތުންގެ އެކި ހިސާބުތަކަށް ބޭނުންވާ ޚިދުމަތްތައް ދެމުން، މަސައްކަތް ކުރަމުންދާއިރު، މިދުވަސްކޮޅަކީ ޚާއްޞަކޮށް ދިވެހިރާއްޖެއަށް ވަރަށްގިނަ ބޭރުގެ ފަރާތްތަކުން ނަޒަރު ހިންގާ ދުވަސްކޮޅަކަށް މިއޮތީ ވެފައި. އަޅުގަނޑު، އަޅުގަނޑުގެ ދަތުރު މިއަދު ފަށަމުން އުކުޅަހުގައި މީގެ ބައެއް ތަފްޞީލުތައް ދިނީމު. އެއާއެކީ ހަމަ ދަންނަވާލަން ބޭނުންވަނީ، މިއަދު މިއީ ފަހަރުގައި އަޅުގަނޑުމެންނަށް އެހާ އުފާވެރި ދުވަހަކަށްނުވެ ހިނގައިދާނެއޭ. އާދެ، މިހާރު ކަންނޭނގެ އިނގިރޭސިވިލާތުގައި، ކޮމަންވެލްތް ޤައުމުތަކުން ދިވެހިރާއްޖޭގައި ހިނގާ ކަންތައްތަކާ ބެހޭގޮތުން ކިހާވަރަކަށްތޯ އެމީހުން ބެހޭނީ، ނޫނީ ކިހާވަރަކަށްތޯ ދިވެހިރާއްޖެއާ ދޭތެރޭގައި ފާރަވެރިވާނީ. އެ ނިންމުން ނިންމާނީ. ޝައްކެއްވެސްނެތްގޮތުގައި، ސަރުކާރާއި ރައްޔިތުންގެ ދިފާޢުގައި މި މަސައްކަތް ކޮށްދެއްވަން، ދައުލަތުގެ ބަންޑާރަ ނައިބާއި، ޚާރިޖީ ވަޒީރު މިހާރުވަނީ އިނގިރޭސިވިލާތުގައި. އަޅުގަނޑުމެންވެސް ސަރުކާރުން މި ޤައުމުތަކާއެކީ މަސައްކަތްކުރާ އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުގެ އިސްވެރިންނާ ގުޅުމާއެކީ، އަޅުގަނޑުމެން މި އުންމީދު ކުރަނީ، އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ ހަމަ ޙަޤީޤަތުގައިވެސް ޙައްޤަށް ނަޞްރު ލިބިގެންދާނެއޭ.
 
އެހެންނަމަވެސް، މިހުރިހާ ވާހަކައެއް ދަންނަވާއިރުވެސް، އަޅުގަނޑު ހަމަ އިސްވެ ދިވެހި ރައްޔިތުންނަށް އިންތިޒާރު ކުރައްވަން ދަންނަވަން. ފަހަރުގައި އަޅުގަނޑުމެން މިގެންދާ ސިޔާސަތުތައް މިގޮތަށް ގެންދާތީ، ހަމަ އަޅުގަނޑުމެންނާ ދޭތެރޭގައި ފިޔަވަޅެއް އެޅުމަކީ ދުރުގައި އޮތް ކަމެއް ނޫން. މިއަދުގެ ނަތީޖާވެސް މިދެންނެވި ކަހަލަ ގޮތަކަށް އައުމަކީ، ދާދި ކައިރީގައި އޮތް ކަމަކަށްވެގެން ހިނގައިދާނެ. އެހެންވިޔަސް، އަޅުގަނޑުމެންގެ ވިސްނުމަކަށް ބަދަލެއް ނާންނާނެ. އަޅުގަނޑުމެން ބޭނުންވަނީ، ޑިމޮކްރަސީގައި އަދި އިސްލާމީ އުޞޫލުތަކާ އެއްކޮށް، އެއްވަނަ ދުނިޔޭގެ ޤައުމުތަކުންވެސް، އެ ޤައުމުތަކުގެ ސަރުކާރުން ރައްޔިތުންނަށް ގެނެސްދޭ ޑިމޮކްރެޓިކް ވެށި، ދިވެހިރާއްޖޭގެ ރައްޔިތުންނާ ހަމައަށް ގެނެސްދޭން. އަޅުގަނޑުމެންގެ ޤައުމަށް އައިސްފައި، އަޅުގަނޑުމެންގެ ފަނޑިޔާރުންނަކީ މިވެނި ޤައުމެއްގައި ތިބި ފަނޑިޔާރުންނާ އެއް ފެންވަރުގެ ބައެއް ނޫނޭ ބުނުމަކީ، އަޅުގަނޑުމެން ބަލައިގަންނާނެ ކަމެއް ނޫން. އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރު މިއުޅޭ މައްސަލަތަކުގެ ތެރޭގައި މައްސަލައަކަށް ވަނީ، ގަބޫލުކުރައްވާ، މިއީ މިކަމުގެ ޙަޤީޤަތް އޮތްގޮތް. މީގެ ތަފްޞީލުތަކަށް ދާކަމަށްވަންޏާ، ތަފްޞީލުތައް ހުރެދާނެ. އެއްބޭފުޅަކު، ދެބޭފުޅަކަށް ވަކި ޙުކުމެއް އައިމަ، ފަނޑިޔާރުގެއިން ކަންތައް ކުރިގޮތް ރަނގަޅެއް ނޫން. އެކަންކަން ނިންމާ ފަނޑިޔާރުންގެ ފެންވަރެއްވެސް ނެތް. އެކަމަކު ދިވެހިރާއްޖޭގައި އެންމެ ޤަދީމީ ޒަމާނުއްސުރެ މިއަދާ ހަމައަށް، ދިވެހިރާއްޖޭގައި މިއުޅޭ ހުރިހާ ދިވެހި ރައްޔިތުންނަށް ކުށްކުށަށް އަރައިގަނެވުނީމަ އަދި އިޚްތިޔާރުން ބޭރުގައި ނަމަވެސް އަރައިގަނެވުނީމަ، މިހާތަނަށް މިއައީ ހަމަ މި ފަނޑިޔާރުން، ހަމަ މި ޘަޤާފަތުގެ ތެރެއިން، ހަމަ މި އުޞޫލުތަކުގެ ތެރެއިން އެ ބަޔަކަށް ޙައްޤު އަދަބު، ކޯޓްރޫމްގެ ތެރޭގައި ދެމުން. ބޭރު ދުނިޔެއަކުން ނުބެހޭ. އެކަންކަން އެންމެ ރަނގަޅު. އެހެންނަމަވެސް، މިހާރު މިވާގޮތަކީ ވަކިބޭފުޅުންކޮޅަކަށް މިކަހަލަ ކަންކަން އައިމަ އުނދަގޫވަނީ.
 
އަޅުގަނޑު ހަމަ މީގައި ދަންނަވާލަން ބޭނުންވަނީ، ބޭރުގައި މަސައްކަތް ކުރައްވާ، ރާއްޖޭގެ ކަރާމާތް ނަގާލަން މަސައްކަތް ކުރައްވާ، އަދި ރާއްޖެއަށް ޑިމޮކްރަސީ އަންނާނީ އެބޭފުޅުން މިތާ ތިއްބަވައިގެން ކަމަށް ގަބޫލުކުރައްވާ ބޭފުޅުންނަށް، އަޅުގަނޑު މިއަދުވެސް މި ދަޢުވަތު އަރުވަނީ، އެބޭފުޅުންގެ އެހާބޮޑު މަޢުޞޫމްކަމެއް އޮތިއްޔާ، ވަޑައިގަންނަވާށޭ ދިވެހިރާއްޖެއަށް. ވަޑައިގެން ރައްޔިތުންނަށް، އެބޭފުޅުންގެ މަޢުޞޫމްކަން ހާމަކޮށްދެއްވާ. އެއީ، ރާއްޖޭގެ ވެރިކަމާ ދެން ހަވާލުވާން ތިއްބެވި ބޭފުޅުން ކަމަށް ދަޢުވާ އުފުއްލަވާ ބޭފުޅުން. ރާއްޖޭގެ ވެރިކަމާ ހަމައަށް އަންނަންވާނީ، ރާއްޖޭގެ ޤާނޫނުތަކާއި، ދީނީ އުޞޫލުތަކާއި، ރާއްޖޭގެ އަދަބުތަކާ އެއްގޮތަށް ދަމަހައްޓަން ހިތްވަރުހުރި އަދި އެމީހުންގެ ފަރާތުގައި އެފަދަ ކުށެއްގެ ތުހުމަތު، ނޫނިއްޔާ އެފަދަ ކުށެއްގެ ޙުކުމް ނެތް މީހުން. ކުށްކުރާ މީހުން އައިސްފައި، ކުށް އެމީހުންގެ މައްޗަށް ސާބިތުވެފައި ތިބި މީހުން އައިސްފައި، އަޅުގަނޑުމެންގެ އުޞޫލުތަކާ އެއްގޮތަށް ވެރިކަން ކުރެވޭނެ ކަމަށް ބުނާކަމަށްވަންޏާ، އަޅުގަނޑުމެން މި ބުނަނީ، ނީލަން ފިހާރައިގެ ބޮޑު ސޭޓަކަށް ވަގަކު ބޭންދިޔަސް ހަމަ ރަނގަޅުވާނެއޭ.
 
އެހެންވީމާ، މި ބޭބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދިވެހިރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރައްވަން ވަކާލާތު ކުރައްވާ ބޭފުޅުން ވަޑައިގެން ސާބިތުކޮށްދެއްވާ! އެބޭފުޅުންނަކީ އެވަރުގެ ހިތްވަރާއި ޤާބިލުކަން ހުރި ބޭފުޅުންތޯ؟ ވަކިވަކި ނަންނަން ދަންނަވާކަށެއް ނޫން. ހަމަ ކޮންމެ ބޭފުޅަކަށްވެސް އަޅުގަނޑު އަރުވާ ދަޢުވަތަކީ މިއީ. ވަޑައިގެން އެބޭފުޅުންގެ މައްޗަށް އެ އުފުލިފައި ހުރި ބަދުނާމުތައް، ނޫނީ ކުރެވޭ ތުހުމަތުތައް، ކޯޓްރޫމްގެ ތެރޭގައި ހިންގަވާ. ޝަރީޢަތަށް ސާބިތުކޮށްދެއްވާ، އެބޭފުޅުންގެ މަޢުޞޫމްކަން. އެބޭފުޅުންގެ މަޢުޞޫމްކަން ޝަރީޢަތަށް ސާބިތުކޮށްދެއްވައިފި ކަމަށްވަންޏާ، ކޮށްދެއްވޭނެ ކަމަށްވަންޏާ، އެބޭފުޅުންނަށް ކެރިވަޑައިގަންނަވަންވާނެ ރާއްޖެއަށް ވަޑައިގަންނަވަން. އަޅުގަނޑުގެ ސަރުކާރުގައި ސިޔާސީ ބޭފުޅަކު ސިޔާސީވެގެންނެއް، އެބޭފުޅަކާ ދޭތެރޭގައި ފިޔަވަޅެއް ނާޅާނަން. އެކަމަކު ސިޔާސީ ބޭފުޅަކުވެސް، ދީނީ ޢިލްމުވެރިޔަކުވެސް ޙުދޫދުން ބޭރުން، ޤާނޫނީ ޙުކޫމަތުން ބޭރުން މީހުންގެ ޙައްޤުތަކަށް އަރައިގެންފި ކަމަށްވަންޏާ، އެބޭފުޅުންނާ ދޭތެރޭގައި ޝަރީޢަތް ހިނގާނެ. އަދި ޝަރީޢަތުން ކުރާ ޙުކުމެއް، މިހިރީ އިސްތިއުފާނުގެ މަރްޙަލާތައް. ކަޑައްތު ކުރައްވާ.
 
ކުރީ ދުވަހެއްގައި އަޅުގަނޑު ވާހަކަ ދައްކަމުން ދެންނެވިން. އެބޭފުޅުންނަށް އެ މަރްޙަލާތައް ކަޑައްތު ކުރެއްވުމުގައި އުފުއްލަވަން އުނދަގުލީ ޓްރާންސްޕޯޓްގެ ޚަރަދު ކަމަށްވަންޏާ، ޓެކްސީ ޚަރަދު އަޅުގަނޑު ދޭނަމޭ. އެހެންނަމަވެސް، ހައިކޯޓުގެ މަރްޙަލާ ނިންމަވަންޖެހޭ. ސުޕްރީމް ކޯޓުގެ ފަހު އިސްތިއުނާފުގެ މަރްޙަލާ ނިންމަވަންޖެހޭ. އެކަންކަން ނުނިންމަވައި ވަޑައިގެން، ދޮން މީހުންގެ ކައިރީގައި ދިވެހިރާއްޖޭގައި ހުރި ކަންތައްތަކާ ބެހޭގޮތުން ވާހަކަ ދެއްކުމާއި، އެންމެ ބޯދާ ޒަމާނުގައި ދިވެހިރާއްޖޭގެ ވެރިކަމަށް ބޭރުގެ ފަރާތްތަކަށް ދަޢުވަތުދީގެން ގެނެސް، ދިވެހިރާއްޖޭގެ ސިޔާދަތާއި، ރައްޔިތުންނަށް ހިތްނުތަނަވަސްކަން ގެނައުމަށް އޭރު ރާއްޖޭގައި އިސްކޮށް ތިއްބެވި ބޭފުޅުން ކުރެއްވި މަސައްކަތާއި މިއަދާ ކޮން ތަފާތެއްތޯ އޮތީ؟ އެކަމުގެ ތެރޭގައި އަޅުގަނޑުމެންނަށް އެންމެ ޚިދުމަތްތެރި ބޭބޭފުޅުން އެވަނީ ދުނިޔެ ދޫކުރައްވާފައި ވަޑައިގެން. މިސާލަކަށް، އެންމެ ވަރުގަދަ ޚިދުމަތެއް ކުރެއްވި އެއް ބޭފުޅަކަށް މުޙައްމަދު ތަކުރުފާނު ވާކަމަށްވަންޏާ، މުޙައްމަދު ތަކުރުފާނުގެ ދަރިކަލުންވެސް ހަމަ އެވަނީ ހަމަ އެކަހަލަ ބޭރު މީހުންގެ ނުތަނަވަސްކަން އުފައްދައިގެން، ދިވެހި ރައްޔިތުންގެ ތެރެއިން ބަޔަކު ކުރި މަސައްކަތުގެ ތެރޭގައި އޭނަވެސް ޝަހީދުކޮށްފައި. މިއީ އަޅުގަނޑުމެންގެ ތާރީޚުގައި ހުރި ބައިވަރު ފިލާވަޅުތައް ދޮއެއްތޯ؟
 
ދިވެހިރާއްޖޭގައި މިއަދު، މިއަދުގެ ދުނިޔޭގައި މިކަހަލަ ކަންކަމަށް ބޭރުގެ ފަރާތްތަކުގެ ސަމާލުކަން ގެނެވިދާނެ. އެހެންވީމާ، ބަޔަކު އަޅުގަނޑުމެން ކުރާ މަސައްކަތް ދިރާސާ ކުރަންވީ. އެކަމަކު އިންޞާފްވެރިކަމާއެކީ ދިރާސާ ކުރާށޭ، އަޅުގަނޑު އަބަދުވެސް އިލްތިމާސް ކުރާނީ. އަޅުގަނޑު ހަމަ އުފަލާއެކީ ދަންނަވަން. އަޅުގަނޑުމެންގެ ސަރުކާރުން ކުރާ ކަންތައްތަކުގެ ތެރޭގައި، ދީނީ ޢިލްމުވެރިން ވާހަކަފުޅު ދައްކަވަމުން، އެހެން މީހުންނަށް އޮޅޭގޮތަށް ވާހަކަ ދައްކަވަމުން، ވިދާޅުވަނީ ލާދީނީ ސަރުކާރުތަކޭ މި އޮންނަނީ. އެބޭފުޅުން މިއަދު އަތުގައި ހިއްޕަވައިގެން އެ ތިއްބެވީ، އެންމެ ވަރުގަދައަށް އޭރު އެ ސަރުކާރުތަކަކީ ލާދީނީ ސަރުކާރުތަކޭ ވިދާޅުވި ބޭފުޅުން. އަޅުގަނޑު ހަމަ މިއަދުވެސް އުފަލާއެކީ ފާހަގަކުރަން. މިރޭ އެބައޮތް ޙަފްލާއެއް. އުފާވެރި ޙަފްލާއެއް. އެކަމަކު އެ ޙަފްލާގައި ވާހަކަ ދެއްކުން ހަމަޖެހިފައި އޮތްގޮތުން އަޅުގަނޑު ވާހަކަ ނުދައްކާތީ، މިއަދު ކުރިމަރާލާފައި އިސްވެ އަޅުގަނޑު އެ ވާހަކަ ދަންނަވާނަން.
 
ދިވެހިރާއްޖޭގައި އިރާދަކުރެއްވިއްޔާ އެޅޭ އެންމެ ވަރުގަދަ، އެންމެ ރީތި އިސްލާމީ ބިނާ، މިރޭ ސަޢޫދީ ސަރުކާރުގެ އެހީގައި، މާލޭގައި ގޯލްޑަން ޖުބިލީ މިސްކިތުގެ ނަމުގައި މިރޭ އެކަން އިފްތިތާޙު ކުރެވޭނެ. އަޅުގަނޑުމެންނަކަށް މިކަހަލަ ކަންތަކުގައި ދީނީ ޢިލްމުވެރިންނަކާ ބަޙުޘެއް ނުކުރެވޭނެ. އެކަމަކު އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޢަމަލުން، އަޅުގަނޑުމެންގެ ބަހުން އަޅުގަނޑުމެން ސާބިތުކޮށްދޭނަން، އަޅުގަނޑުމެންގެ އިޢުތިޤާދު އޮތްގޮތް. އަޅުގަނޑުމެންނަކީ ރައްޔިތުންނަށް ޚިދުމަތް ކުރަން އައިސް ތިބި ބައެއް. އަޅުގަނޑުމެންނަކީ ވާހަކަ ދައްކާ ހުރިހާ އެންމެންނާ އެއްގޮތަކަށްވެސް ޖަދަލުކުރަން ތިބި ބައެއް ނޫން. އެކަމަކު އެއާއެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، ދީނުގައި ކިހާވަރެއްގެ ޙުކުމެއް އޮންނަ ކަމެއްތޯ، ދީނުގައި ހުރި ކަންކަމާ ބޭރުން އަދި ރާއްޖޭގައި ހިނގާ ކަންކަމާ ބޭރުން ރާއްޖެ ފަސާދަކުރަން ޢިލްމުވެރިން ވާހަކަ ދެއްކުމަކީ، ކިހާވަރެއްގެ ޙުކުމެއް އެބޭފުޅުންގެ މައްޗަށް އުފުލޭނެ ކަމެއްތޯ؟ އެބޭފުޅުން ހަމަ އެންމެ ރަނގަޅު ނޫންތޯ، ރައްޔިތުންނަށް ސާފުކޮށްލަދެއްވަން. އެކަން ސާފުކޮށްލަދެއްވާ. އެކަން ސާފުކޮށްލަދެއްވީމަ، އަޅުގަނޑުމެން ހަމަ ވަރަށް އުފަލާއެކީ އެބޭފުޅުން ދައްކަވާ ވާހަކަތައްވެސް ބަލައިގަންނާނަން.
 
މިއަދު ފަހަރުގައި ސީމެގުން ނޫނިއްޔާ ކޮމަންވެލްތުން މިކުރާ ކަންކަމަކީ އަޅުގަނޑުމެންނަށް އެހާ ފަސޭހަ ކަމަކަށްނުވެ ހިނގައިދާނެ. އެކަންކަމުގެ ނަތީޖާއަކަށްވާނީ، އަޅުގަނޑުމެންނާ ދޭތެރޭގައި ނުބައި ގޮތަކަށް ނިންމައިފި ކަމަށްވަންޏާ، ނަތީޖާއަކަށްވާނީ މިކަހަލަ މަޝްރޫޢުތައް ހިންގާ އެކިއެކި ފަރާތްތަކުން އަޅުގަނޑުމެންނަށްދޭ އެހީ ކޮންމެވެސްވަރަކަށް މަދުވުމަކީ އެކަށީގެންވާ ކަމެއް. އަދި މިނޫން އެހެން އުނދަގޫވެސް އަޅުގަނޑުމެން އުފުލަންޖެހޭނެ.
 
އަޅުގަނޑު ތޮއްޑޫގައިވެސް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންނަށް މިހާރު މިއުފުލަންޖެހޭ އުނދަގޫ މި އުފުލަންޖެހެނީ، ދިވެހި ރައްޔިތުންގެ ތެރެއިން މަދު ބަޔަކު ނަމަވެސް، ބޭރުގައި މިކުރާ ޤާނޫނާ ޚިލާފު އަދި މުޅި ދައުލަތުގެ ޝުހުރަތު ނަގާލަން ކުރާ މަސައްކަތުގެ ސަބަބުންނޭ. މި މަސައްކަތުގެ ސަބަބުން ސަރުކާރުގެ ވެރިން ކުރަންޖެހޭ ދަތުރުތަކާއި، ކުރަންޖެހޭ ފިކުރާއި، އަދި ކުރަންޖެހޭ ހޭދައަށް ބަލައިފި ކަމަށްވަންޏާ، އެކަމުން އެކަނިވެސް، އަޅުގަނޑު ދަންނަވާލާނަން. އެކަން ކުރަން ނުޖެހޭނަމަ، މިއަދުން މިއަދަށް އަޅުގަނޑު ދަންނަވާނަން، ތޮއްޑޫގެ އެއްގަމު ތޮށްޓާއި ބޭރުތޮށި، އެކަމަށް އަޅުގަނޑުމެން ކުރާ ޚަރަދުކުރަން ނުޖެހޭނަމަ، މިއަދުވެސް ނިންމައިދޭނަމޭ. މިއީ އަޅުގަނޑުމެންގެ ތެރޭގައި ކަންތައްތައް ހުރިގޮތަކީ ދޮއެއްތޯ. އެކަމަކު ދައުލަތުން މިވަގުތު ރައްޔިތުންނަށް ބޭނުންވާ މިކަހަލަ އެތައް ކަންތައްތަކެއް ކުރަމުންދާއިރު، އަޅުގަނޑުމެންނަށް މި ފެންނަނީ، އަޅުގަނޑުމެން ދައުލަތުން ނުވަތަ މިދެންނެވި ކަހަލަ ރަށްރަށަށް ބޭނުންވެފައި ހުރި ކަންތައްތައް ކުރުމަށް، އެ ހޭދަކުރަން ހުންނަ ފައިސާގެ ތެރެއިން ބޮޑުބައެއް އަޅުގަނޑުމެން އެއްފަރާތް މި ކުރަންޖެހެނީ، މިދެންނެވި ކަހަލަ ހަނގުރާމަތައް ކުރަން. އެކަމަކު މިއަދުގެ ދުނިޔޭގައި އަޅުގަނޑުމެން އެކަންކަން ކުރަންޖެހޭ. އަޅުގަނޑުމެން ބޮޑެތި ޚަރަދުކޮށްގެން، ބޮޑެތި ހޭދަކޮށްގެން، އަޅުގަނޑުމެންގެ ދިފާޢުގައި ކުރަންޖެހޭ ކަންތައްތައް ކުރަންޖެހޭ.
 
އެހެންވީމާ، ހަމަ ރައްޔިތުންގެ ތެރޭގައި ވިސްނާވަޑައިގަންނަވާ! މިކަންކަމާ ދޭތެރޭގައި އަޅުގަނޑު ހަމަ މިދަންނަވާލާ ވާހަކަ. އަޅުގަނޑުމެން ދައްކާ ވާހަކައިގައި، އަޅުގަނޑުމެން ދައްކާ ވާހަކައިގައި، އަޅުގަނޑުމެންނާ ޖަދަލު ކުރައްވަން ވަޑައިގަންނަވާ، ހިސާބުގެ އަކުރުތައް ހިއްޕަވައިގެން. އަޅުގަނޑުމެންނަށް ސަރުކާރަށް އެންމެ އުނދަގޫވާ އެއް މައްސަލައަކީ، ދެންމެ ޠާރިޤުގެ ވާހަކަފުޅުގައި ވިދާޅުވިގޮތަށް، ސަރުކާރުގެ ތެރޭގައި މި ހިނގާދިޔަ ބޮޑު ކޮރަޕްޝަންގެ މައްސަލަ. އެމް.އެމް.ޕީ.އާރު.ސީ.ގައި ހިނގާދިޔަ ބޮޑު ކޮރަޕްޝަންގެ މައްސަލަ. ދިވެހިރާއްޖޭގައި ދުވަހަކުވެސް މިވަރުގެ ކޮރަޕްޝަނެއް ނުހިނގާކަންނޭނގެ. ނުހިނގާ.
 
އެކަމަކު އެއާއެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކުރީގައި ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށްވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަދި އެބޭފުޅުންނާއެކީ ދައުލަތުގެ ވަޒީރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށްވެސް އަދި އޭރުގެ ކަންތައް ދުށް ދިވެހި ރައްޔިތުންނަށްވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކޮރަޕްޝަނަކީ ދިވެހިރާއްޖޭގެ އިއްޔެގެ އުފެއްދުމެއް ނޫނޭ. އަދި މިއީކީ ދިވެހިރާއްޖޭގެ އުފެއްދުމެއްވެސް ނޫން. މިއީ، ދުނިޔޭގެ ހުރިހާ ތަނެއްގައި އޮތް ކަމެއް. އަޅުގަނޑު މި ވާހަކަ މިދަންނަވަނީ، އެއްވެސް ގޮތަކަށް އުފާވެރިކަމާއި ފަޚްރުވެރިކަމާއެކީއެއް ނޫން. އަޅުގަނޑުމެން ހިތާމަކުރަންޖެހޭ ކަމެއް. އެހެންނަމަވެސް، ޤާނޫނީ މަސްއޫލިއްޔަތު ހަވާލުވެގެން ތިބޭ ބަޔަކު، ޤާނޫނާ ޚިލާފަށް ކުރާ ކަންތައްތަކެއް ކުރާ ކަމަށްވަންޏާ، ޤާނޫނުއަރާ އެމީހުންނާ ހަމަކުރަންދެން، އެމީހުން އެކުރާ ކަމެއް ކުރާނެ. އެކަމަކު ޤާނޫނާ ކުރިމަތިލާން ޖެހުނީމަ، ދެން ހަމަ އެންމެ ވަރުގަދަ މީހާވެސް، އަޅުގަނޑުގެ ޒަޢާމަތުގައި ގަބޫލުކުރަންޖެހޭނެ، ހަމަ ޤާނޫނީ ޙުކުމަށް އޭނަ ހުށަހެޅޭނެ. އަޅުގަނޑާ ވަރަށް ގާތް ބޭފުޅެއް އަދި މަޤާމުގެ ގޮތުން ވަރަށް ވަރުގަދަ މަޤާމެއްގައި ހުންނެވި ބޭފުޅެއް އަދީބަކީ. ނައިބު ރައީސް. އެކަމަކު އޭނަވެސް ކަންތައްތައް ކުރެއްވި ގޮތުން، އޭނަވެސް ހަމަ ޖެހޭނީ ކޯޓުގެ ތެރެއިން އޭނައަށް އެއްވެސްކަހަލަ ރަޙުމެއް އޮތްތޯ، އެ މަސައްކަތް ކުރައްވަން.
 
ކުރީގައިވެސް ސަރުކާރުތަކުގައި ކޮރަޕްޝަން ހިނގާ. މި ސަރުކާރަކު ނޫން ކޮރަޕްޝަން ހިނގަނީކީއެއް. އެހެންވީމާ، ކުރީގެ ސަރުކާރުތަކުގައި ކޮރަޕްޝަން ހިނގާއިރު، އެކަންކަމަކީ ނުހިނގާ ކަންކަމަށް މިއަދު ވަކާލާތު ކުރައްވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލާނީ، ހަނދާން ކުރައްވާށޭ، ހަމަ އޭގެކުރީގެ ފަތްފުށްތައްވެސް އުކާލައްވާށޭ. ހުރިހާ އިރެއްގައިވެސް ރާއްޖޭގައި ކޮރަޕްޝަން އޮތް. އަދި އޭރުގައި ހުރި މިންވަރުން އޭރުގައި ހުރި ކޮރަޕްޝަން ވަކި މިއަދުގެ ކޮރަޕްޝަނަށްވުރެ ކުޑައެއް ނޫން. މިއަދު އަޅުގަނޑުމެން އެއްގޮތަކަށްވެސް އުފަލާއެކީ ދައްކާ ވާހަކައެއް ނޫން މިއީ. އެކަމަކު އަޅުގަނޑު މި މައްސަލައަށް ޖަވާބުދޭން ބޭނުންވާ ސަބަބަކީ، އަޅުގަނޑު ރައްޔިތުންނަށް އައީ ޚިދުމަތް ކުރަން. އަޅުގަނޑު ރައްޔިތުންނަށް އައީ ޤާނޫނާއި އަދި އިޚްލާޞްތެރިކަމާއެކީ ޚިދުމަތް ކުރަން. އަޅުގަނޑު އައީ އަޅުގަނޑުގެ ސަރުކާރުން އަޅުގަނޑާއެކީ މަސައްކަތްކުރާ މީހުން، މިދެންނެވި ކަހަލަ މުޅި ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަންނާނެ ޖާގަދޭން އައި މީހެއްގެ ގޮތަކު ނޫން.
 
އެހެންވީމާ، ހިތާމަކުރަން. ހިތާމަކުރަން. ނައިބު ރައީސަކަށް ހުންނެވި ބޭފުޅެއްގެ ތެރެއިން މިވަރުގެ ބޮޑުސިންގާ ޖަރީމާއެއް ހިނގާދިޔައީމަ. އެކަމަކު އަޅުގަނޑު ހިތަށްއަރަނީ، އެ ޖަރީމާއާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާއިރު، ހަމަ ގަބޫލުކުރަންޖެހޭ، އެއީ ކޮށްފައި އޮތް ކަމެއް. ގަބޫލުކުރަންޖެހޭ އެކަން ކޮށްފާނެ ކަމަށްވެސް. ކިހާވަރަކަށް ވިސްނުން ގޯސްވީމަތޯ، އޭނައާއެކީ މަސައްކަތްކުރާ އަދި އެމީހަކު އެހިސާބަށް ސިޔާސީގޮތުން ގެނެސްދިން ރައީސް، ރައީސްގެ ފުރާނަ ދުއްވާލަން ލޯންޗެއް ގޮއްވާލާ ހިސާބަށް، މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަފަހަރު ހިނގާ ކަމެއް. އެހާ ހިސާބަށް ކަންތައް ގެންދާ މީހަކަށް، އޭނަ އެކުރާ މަސައްކަތް ނުބެލޭ ކަމަށްވަންޏާ، ކޮންމެފަދަ ކޮރަޕްޝަނެއްވެސް ކުރުމުގެ ޖާގައޮތް. އެކަން އެއޮތީ ކޮށްފައި. އެކަމާ އަޅުގަނޑުމެންގެ ސަރުކާރުން ހިތާމަކުރަން. އެކަމަކު އެއީކީ އެއްގޮތަކަށްވެސް އެމް.ޑީ.ޕީ އަކަށް އަދި އަޅުގަނޑުމެންގެ ވާދަވެރިންނަކަށް، އެކަމާ މި ސަރުކާރާ ދޭތެރޭގައި އެއްޗެއް ބުނެވޭނެ ކަމެއް ނޫން. އެމް.ޑީ.ޕީ.ގެ ސަރުކާރުގެ ތާރީޚު ބައްލަވާ. ތިން އަހަރުގެ ކުރު ތާރީޚު. އޭރު އޮޑިޓަރ ޖެނެރަލް ނެރުއްވި ކޮންމެ ފޮތެއްގައި އޮތީ ކޮންމެވެސް ވަޒީރެއްގެ ބޮޑު ކޮރަޕްޝަންގެ ވާހަކައެއް. ހުރިހާ ވަޒީރުން އެ ތިއްބެވީ. ކޮރަޕްޝަންގެ އަދަދުތައް އެހެރީ އެ ފޮތުގައި ހިމަނާފައި.  މި ސަރުކާރުގައި މި ހިނގާދިޔަ ކޮރަޕްޝަނާ ދޭތެރޭގައި އަޅުގަނޑު ހިތާމަކުރަން.
 
އެކަމަކު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މި ކޮރަޕްޝަން ހުއްޓެނީ ހަމަ އަޙްމަދު އަދީބާ ހަމައިން. މި ސަރުކާރުގެ އެހެން ވަޒީރުންނެއް މީގެތެރެއަކު ނުހިމެނޭ. އަދި މިއީކީ ރައީސަށްވެސް އެނގޭ ކަމެއް ނޫން. މިއާއެކީ ރަށުތެރޭގައި ހޮޅުއަށިތަކުގައި އެ ދެކެވޭ ވާހަކަތައް އަޅުގަނޑުމެންނަށް އަޑުއިވޭއިރު، އަޅުގަނޑުމެންނަށް މި އިވެނީ، މީގެ ފައިދާ އެކި މީހުންނަށް ލިބެޔޭ. ފައިސާގެ ފައިދާ ކާކަށްތޯ ނުލިބެނީ؟ ފައިސާގެ ފައިދާ ކާކަށްތޯ ނުލިބެނީ؟ އެކަކު އަނެކަކަށް އެހީތެރިވާންދޭ ފައިސާ. އަދި ޞަދަޤާތެއްގެ ގޮތުން ދޭ ފައިސާވެސް، އެ ބަލައިގަންނަ މީހާ ބަލައިގަނޭތޯ، އެއީ ޞައްޙަ ގޮތެއްގައި އޭނައަށް ލިބުނު ފައިސާއެއްތޯ؟ ނޫނިއްޔާ އެމީހާ އެފައިސާ ހޯދީ ޞައްޙަ ގޮތެއްގައި، ކާކުތޯ ބަލައިގަންނަނީ؟ އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި އަޙްމަދު އަދީބް އެބަހުރި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށްވެސް އަދި އެހެން މީހުންނަށްވެސް އެހީތެރިވެވަޑައިގެން ދެއްވާފައި. އަޅުގަނޑުގެ ސިޔާސީ ޙަރަކާތްތަކަށް، އަޅުގަނޑަށް ތާއީދުކުރާ ވިޔަފާރިވެރިންގެ ތެރެއިން އެތައް ބަޔަކު، 2018 އަށް މަސައްކަތް ކުރުމަށް އަޅުގަނޑަށް އެބަދޭ، އެކި އަދަދުގެ ފައިސާ ދެމުން އެބަދޭ. މިހާތަނަށް އަޅުގަނޑަށް އެ ފައިސާ މެނޭޖްކޮށްދެއްވީ އަދީބު. އަޅުގަނޑަކަށް އެ ފައިސާގެ ތަފްޞީލެއްވެސް ނޭނގެ. އެހެންނަމަވެސް، އެ ފައިސާއާއެކީ އެމް.އެމް.ޕީ.އާރު.ސީ.ގެ ކޮރަޕްޝަންގެ ފައިސާ ހިމަނައިގެން، އަދި ކަންކަމަށް ބޭނުންވާ މީހުން، އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަޑައިގަތީމަވެސް އެބަހުރި އެހީވެދެއްވާފައި.
 
އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެ ފައިސާ ހިފާ މީހަކު، އެއީ ރައީސުލްޖުމްހޫރިއްޔާ ކަމުގައިވީނަމަވެސް، އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމުގައިވީނަމަވެސް، އޭނައަކަށް ނޭނގޭނެ، އެއީކީ އެމް.އެމް.ޕީ.އާރު.ސީ.ގެ ތެރެއިން، ދައުލަތުގެ ޚަޒާނާއަށް ޚިޔާނާތްތެރިވެގެން ހޯދާފައި ހުރި ފައިސާކަމެއް. އަޅުގަނޑުމެންނަށް މިކަންކަން، ހުރިހާ ކަމެއް އެނގިގެންދާނީ، މި މައްސަލަތައް މިހާރު އެދަނީ ކޯޓަށް ހުށަހެޅިގެން. އެތައް މައްސަލައެއް، މީގެ އެތައް މައްސަލައެއް އެވަނީ ކޯޓަށް ހުށަހެޅިފައި. އެހެންވީމާ، މީގައި ހިސާބުތަކެއް ހުރި ފަރާތްތަކެއް، ބޭރަށް ގޮސް ތިބެގެން، މި ފައިސާ މިވެނި މީހަކަށް ދިނީމޭ ކިޔާފައި، މިއަދު ވާހަކަ ދެއްކިޔަސް، އެމީހުން އަންނަންވީ ނޫންތޯ، އެމީހުން ދައްކާ ވާހަކަ ރާއްޖޭގައި ސާބިތުކޮށްދޭން. އެމީހުންގެ ބަސް އަޅުގަނޑުމެން ބޭނުންވޭ ކޯޓްރޫމަށް. އެހެންވީމާ، އައްލާމް ވިޔަސް، ޢަލީ ވަޙީދުވިޔަސް، އެހެން މީހަކުވިޔަސް، މި ވާހަކަތައް ސާބިތުކޮށްދޭން ވަޑައިގަންނަވާ މާލެއަށް. ރާއްޖެއަށް ވަޑައިގަންނަވާ. ރާއްޖޭގެ ކޯޓްރޫމްގެ ޖަލްސާތަކުގެ ތެރެއިން އެބޭފުޅުން ވަގުތުކޮޅެއް އެބަޖެހޭ އަޅުގަނޑުމެންނަށް ހުސްކޮށްދެއްވަން. ބޭރުގައި ތިއްބަވައިގެން މިގޮތަށް މަސައްކަތް ކުރެއްވުމަކުންނެއް، އެއަކުންނެއް އެބޭފުޅުންނަކަށް ފައިދާއެއް ނުވާނެ. ކީއްކުރަންތޯ، އަމިއްލައަށް، އަމިއްލަ ވަޠަން ދޫކޮށްލާފައި އަރުވާލެވިގެން އެ ތިބެނީ. އެބޭފުޅުންވެސް ލޯބިވާ ފަސްގަނޑު މިއީ. އަދި މިތާ ތިބި ރައްޔިތުންނަށް ޚިދުމަތް ކުރަން އަޑުހަރުކޮށް ވަކާލާތު ކުރައްވާ ބޭފުޅުން އެއީ. މިތަނަށް ޚިދުމަތެއް ކުރެވޭނީ މިތާ ތިބެގެން ދޮއެއްތޯ. ޣައިބުގައި ތިބެގެންނެއް ހިއެއްނުވޭ ޚިދުމަތް ކުރެވޭނެހެނެއް މި ރާއްޖެއަކަށެއް. އަޅުގަނޑުމެން ރާއްޖޭގައި ތިބެގެން ރާއްޖެއަށް މި ޚިދުމަތް ކުރަނީ. ރައީސް ނަޝީދުވެސް، އޭނަގެ މަޢުޞޫމްކަން ސުޕްރީމް ކޯޓާ ހަމައިން ސާބިތުކޮށްދެއްވާ. ކޮށްދެއްވީމަ އެމަނިކުފާނަށްވެސް ޖާގަ އެބައޮތް 2018 ގައި. އެކަމަކު އަޅުގަނޑުމެން ޤާނޫނުތަކުގައި އަޅުގަނޑުމެން ލިޔުނިން. ކުރީގައި ރާއްޖޭގެ ޘަޤާފަތަކީ، ރާއްޖޭގެ ޤާނޫނު އޮންނަގޮތަކީ، ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ މީހަކަށް، ކުށްކުރާ ހުރިހާ އެންމެންގެ ކުށްތަކަށް، ވަކި މުއްދަތެއް ހޭދަވުމަށްފަހު ޢަފޫކުރެވޭ، މަޢާފްދެވޭ. އެހެންނަމަވެސް، 2008 ވަނަ އަހަރު އެކުލަވައިލެވުނު ޤާނޫނުއަސާސީގައި، އޭރު ރައްޔިތުންގެ މަޖިލީހުގައި، ޚާއްޞަ މަޖިލީހުގައި އިން މެންބަރެއް އަޅުގަނޑުވެސް މިއީ. އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ، ހުރިހާ ކުށަކަށް ރައީސުލްޖުމްހޫރިއްޔާއަކަށް މަޢާފްދެވެންވާނެ ކަމަކަށް. ރައްޔިތުންގެ އެތައް ބައެއްގެ ޙައްޤުތަކަށް އަރައިގަންނަ މީހުންނަކަށް، ރައީސްކަން ކުރަން ހުންނަ މީހަކަށް މަޢާފްދެވިގެނެއް ނުވާނެ. ރައީސަކަށް ހުންނަ މީހަކަށް މަޢާފް ދެވޭނީވެސް އުޞޫލުތަކެއްގެ ތެރެއިން. މުޅި ރަށެއްގެ ރައްޔިތުންނަށް ގެއްލުންދީފައި، އެކަންކަން ކުރާ މީހުންނަށް، ނޫނިއްޔާ މީހުން މަރާފައި ތިބޭ މީހުންނަށް، ކީއްވެގެންތޯ ރައީސުލްޖުމްހޫރިއްޔާއަށް ހުންނަ މީހަކަށް، އުޞޫލުން ބޭރު އޭނަ ހިތުހުރިގޮތަކަށް މަޢާފް ދެވެންވީ؟ އަޅުގަނޑުމެން ގަބޫލުކުރީ އެކަން ނުކުރެވޭނެ ކަމަށް.
 
އެހެންވީމާ، އަޅުގަނޑުމެން ޤާނޫނުއަސާސީ އިޞްލާޙު ކުރަމުން ދިޔައިރު، ރައީސުލްޖުމްހޫރިއްޔާ މަޢާފް ދެއްވާނީ، ޤާނޫނުތަކުގައި ކަނޑައެޅިފައި އޮންނަ އުޞޫލުތަކުން ކަމަށް އެހެރީ ލިޔެފައި. އެ ލިޔުނީ މުޅި މުޖުތަމަޢުގެ ސަލާމަތަށް. އެއީ އެއްގޮތަކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ކަރާމާތަކަށް އުނިކަމެއް ދޭކަށެއް ނޫން. އެކަމަކު ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ކޮންމެ ބޭފުޅަކަށްވެސް މިދެންނެވި ގޮތަށް މީހުންގެ ފާޑުކިޔުމާއި އަމާޒު ކުޑަކުރުމަށްޓަކައި ކުރި ކަމެއް. މި ޤާނޫނުއަސާސީ ހިފައިގެން ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތީ. މި ޤާނޫނުއަސާސީގެ ދަށުން ހެދިފައި އޮންނަ ޤާނޫނުގައި ލިޔެފައި އޮންނަ ކަމެއް، މީހުންގެ ރުހުމަކާ ނުލައި އަދި ކޯޓް މަރްޙަލާއިން ބޭރުން މީހުން ހިފައި ހައްޔަރު ކުރުމަކީ، ޓެރަރިޒަމްގެ ދަޢުވާ އެމީހާގެ މައްޗަށް އުފުލޭނެ ކަމެއްގޮތަށް. އެކަން ކުރަންޖެހުނު ގޮތަކީވެސް މީގެ ފަނަރަވަރަކަށް، ވިއްސަކަށް އަހަރު ކުރިން، މާލޭގެ މަދަރުސާތަކުން ނިމޭ ކުޑަކުދިން، މުޅި މޫނު އަދި މުޅި ހަށިގަނޑު ނިވާކޮށްގެން ތިބޭ މީހުން އައިސް، ކާރުތަކަށް ލައިގެން ކުޑަކުދިން ގެންދިޔުމާއި، ކުޑަކުދިންނަށް އަނިޔާކުރުމާ، މިކަހަލަ އެތައް ކަންތައްތަކެއް މާލޭގައި ޢާންމުވެގެން ދިޔައީމަ، އެއީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ކަމަކަށްނުވީމަ، ޤާނޫނަށް އެ މާއްދާ ލާންޖެހުނީ. އެހެންވީމާ، އެގޮތަށް މީހުން ހިފައި ހައްޔަރު ކުރުމަކީ، ޓެރަރިޒަމްގެ ދަޢުވާ އުފުލަންޖެހޭ ކަމެއް. އަދި މުޅި ދުނިޔޭގައިވެސް، ހިއުމަން ރައިޓްސް ކޮންވެންޝަންތަކުގައިވެސް، މިދެންނެވި ގޮތަށް އެންފޯސްޑް ޑިސެޕިއަރެންސަކީ ބޮޑު ޖިނާއީ ކުށެއް.
 
 އެހެންވީމާ، މިކަންކަން އޮތީ މިހެންކަން އަދި އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް ލިޔެފައި ހުރި ޤާނޫނުތަކާއެކީ ވެރިކަމަށް ވަޑައިގެންފައި، ދެން މީހުން ހިފައި ހައްޔަރުކޮށް، އެއްވެސްކަހަލަ ގޮތަކަށް ކޯޓުގެ މަރްޙަލާގެ ތެރެއިން ހިނގާލާނެ، އަދި މީހާ ދިފާޢުވާނެ ފުރްޞަތެއްނުދީ، މީހުން ހިފައި ހައްޔަރުކުރާ މީހުންގެ ތެރޭގައި، ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި، ސިޔާސީ ވާދަވެރިންނާ ހިމެނުނީމަ، ދެން އެމަނިކުފާނާވެސް ޤާނޫނުއަރާ ހަމަކުރާނެ. އެއީ މިއަދު އަޅުގަނޑުމެންނާ މި ދިމާވެގެން އުޅޭ މައްސަލައަކީ.
 
ދެން އަޅުގަނޑުމެންގެ ތެރޭގައި ހައްޔަރުވެފައި ތިބި ބޭފުޅުންނަށް ބަލާކަމަށްވަންޏާ، މި ތިއްބަވަނީ ގޭގައި ހަތިޔާރު ގެންގުޅުއްވައިގެން ހިފިގެން ހައްޔަރުވެފައި ތިބި ބޭފުޅުން. އަޅުގަނޑުގެ ހުރިހާވެސް ހަމްދަރުދީއެއް އެބައޮތް. އެހެންނަމަވެސް، އެ މައްސަލަ ކޯޓަށް ދިޔައީމަ، އެބޭފުޅުންގެ މަޢުޞޫމްކަން، ކުށުން ބަރީއަވާކަން ސާބިތުކޮށްދެއްވަންޖެހޭނީ އެބޭފުޅުން. އެއީކީ ދައުލަތަކަށް، ރައީސަކަށް ހުންނަ މީހަކަށް ކުރެވޭނެ ކަމެއް ނޫން. އެއީ، އަޅުގަނޑަށް ކޮށްދެވޭނެ ކަމެއް ނޫން. ދެން ދީނީ ޢިލްމުވެރިންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުން ނުކުމެވަޑައިގަތީ، ގަދަބާރުން ދައުލަތުގެ ވެރިކަން ވައްޓާލަން، މެއި 1 ވަނަ ދުވަހު މިދިޔަ އަހަރު. އެބޭފުޅުން ކުރައްވާފައި ހުރި ކަންތައް އެހެރީ ފެންނަން. ދައްކަވާފައި ހުރި ވާހަކަ އެހެރީ ފެންނަން. އަދި ނުވެގެން ފުލުހުންނަށް އަނިޔާކުރުމަށްޓަކައި ޕިކަޕެއްގައި ޕެޓްރޯލް ހަންތަކެއް އަރުވައިގެން ގޮސްފައި، އެ ލޮރީ ގޮއްވާލަންވެސް އެހެރީ ރާވާފައި. އަޅުގަނޑުމެންނަށް ޓީ.ވީތަކުން ފެނޭ ދޮއެއްތޯ، ފުލުހުންގެ ކުއްޖަކު ވެއްޓިފައި އޮންނައިރު، މަޢުޞޫމްކަންމަތީ އޮތްއިރު، އޭނަގެ ދިފާޢެއް ނެތްއިރު، އޭގެތެރޭގައި ތިބި ބައެއް މީހުން އޭނަ ގައިގައި ކޮޅުފައިން ތެޅި މަންޒަރު. މިއީކީ ދިވެހި ރައްޔިތެއް ނޫންތޯ؟ މިއީ ދިވެހި މަންމަޔަކަށް، ބައްޕަޔަކަށް އުފަން ދަރިއެއް ނޫންތޯ؟ އެކަމަކު ފުލުސް ކުއްޖަކުވީމަ، ޔުނީފޯމްގައި ހުރީމަތޯ އަޅުގަނޑުމެން އެހާ ރަޙުމްކުޑަވާންވީ؟ އެހާދިސާތައް އަޅުގަނޑުމެން ހަނދާންނެތިގެން މިއުޅެނީ ކީއްވެގެންތޯ؟ އެބޭފުޅުން ހަމަގައިމު އެދުވަހުގެ މުޒާހަރާއަށް ވަޑައިގަތީ، ފުލުހުންގެ ތެރޭގައި އިޤްރާރެއްގައި ސޮއިކުރައްވާފައި. ޢަލީ ވަޙީދު ސޮއިކުރެއްވި. ޢިމްރާން ޢަބްދުﷲ ސޮއިކުރެއްވި. އެ އިޤްރާރުގައި އޮންނަނީ، ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ނުކުރާނެ ކަމަށް. އަދި އެކަމެއްގެ ޒިންމާ އުފުއްލަވާނެ ކަމަށް. އެހެންވީމާ، ގަދަބާރުން ދައުލަތެއް ވައްޓާލަން ނުކުމެ ކުރެއްވި މަސައްކަތުގެ ނަތީޖާއަކަށްވީ، އެ ކުރެއްވި ކުށްތަކަށް، ހަމަ އަޅުގަނޑު ދަންނަވާނީ، ޤާނޫނުއަރާ ފައިހަމަކުރީއޭ.
 
ދެން އަޅުގަނޑުގެ އިލްތިމާސަކީ، ކޯޓުތަކަށް ވަޑައިގަންނަވާށޭ. ކޯޓުތަކުން އިންޞާފް ހޯއްދަވާށޭ. މަޢުޞޫމްކަން ކަށަވަރު ކުރައްވާށޭ. އަޅުގަނޑަށް ކޮށްދެވޭނެ ކަމެއް ނެތް. އަޅުގަނޑުމެން ނޫންތޯ ނިންމައިގެން މިތިބީ ތިންބާރު ވަކިކޮށްގެން. ޢަދުލު އިންޞާފްގެ ދާއިރާގައި ހިނގާ ކަންކަމަކާ ރައީސެއް ނުބެހޭނެ. ރައީސް ބެހޭނީ ހަމައެކަނި އެންމެ ކަމެއްގައި، ޢަދުލު އިންޞާފްގެ ދާއިރާގައި. މައްސަލަތައް ލަސްވާކަމަށްވަންޏާ، މައްސަލަތައް އަވަސްކުރަން. މައްސަލަތައް އަވަސްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ބެހެންޖެހޭ ކަމެއް. ޤާނޫނުއަސާސީގެ 115 ވަނަ މާއްދާއަކީ ރައީސަށް މިކަހަލަ ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް، މުއައްސަސާތައް ހިނގަނީ ޤާނޫނާ އެއްގޮތަށްތޯ އެކަށައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ބާރު. މުއައްސަސާތައް ހިނގަނީ، އެ މުއައްސަސާތައް ހިނގަންވާ ގޮތަށްތޯ. ސްޕީޑް ލިބޭތޯ. އެކަންކަން ހިނގަނީ ރަނގަޅަށްތޯ ބެލުމަކީ އޮތް ކަމެއް. އެކަމަކު ކޯޓުތަކުގެ ޙުކުމަކަށް ރައީސުލްޖުމްހޫރިއްޔާއަކަށް ފާޑެއް ނުކިޔޭނެ. އެހެންވީމާ، އަޅުގަނޑަކަށް ނުބެހެވޭނެ އެކަންކަމަކާއެއް.
 
ދެން އަޅުގަނޑުމެންގެ ތެރޭގައި އެ ތިއްބެވި އެހެން ބޭފުޅުންނަށް ދަންނަވާ ކަމަށްވަންޏާ، ހަމަ ހުރިހާ ބޭފުޅުންގެ އުޅުއްވުން ހުރީ މިކަހަލަ ގޮތަކަށް. ސިޔާސީވެގެނެއް ނޫން އެބޭފުޅުން ހައްޔަރުވެފައި އެތިބީ. އާދަޔާޚިލާފަށް ސިޔާސަކަން ބޮޑުވެގެން. ޤާނޫނުތަކަށް ތަބާވާންނުޖެހޭ ބަޔަކު އުޅެންޖެހޭ ކަމަށް ގަބޫލުކުރެވިގެން. އަޅުގަނޑުވެސް ޤާނޫނާ ޚިލާފުވެއްޖެ ކަމަށްވަންޏާ، އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނޯންނާނެ، ގެންގޮސް ޤާނޫނީ އަދަބު އަޅުގަނޑަށް ލިބެންވީ. އެކަމަކު އަޅުގަނޑަކީވެސް އެ ޑިމޮކްރެޓިކް ވެރިކަމުގައި، އެ ޑިމޮކްރެޓިކް ސަރުކާރު އޮތްއިރު، ހުރިހާ ޤާނޫނުތަކުން ބޭރުން، ކޯޓްރޫމުން އެންމެ ދުވަހަކުވެސް އަލިކަން ނުފެނި، ދެފަހަރުމަތިން ހައްޔަރުކޮށް ބަންދުގައި ގެންގުޅުނު މީހެއް. އެހެންވީމާ، އެއީ، އެ ޑިމޮކްރަސީ އޮތް މިންވަރަކީ.
 
މިއަދުގެ ޑިމޮކްރަސީގައި އަޅުގަނޑު މި ދަންނަވަނީ، އަޅުގަނޑުގެ ސަރުކާރުން މީހަކު ދައްކާ ވާހަކައަކުން މީހަކު ހައްޔަރެއް ނުކުރާނެ. އެހެންވެގެން އަޅުގަނޑު މި އިލްތިމާސް މިކުރަނީ ބޭރުގައި ތިއްބެވި ބޭފުޅުންނަށްވެސް، ދިވެހިރާއްޖެއަށް ހެޔޮއެދިވަޑައިގަންނަވައިގެން، އެ އުފުއްލަވާ އަޑުތައް އަޅުގަނޑުމެންނާއެކީ، އަޅުގަނޑުމެން ރައްޔިތުންނާއެކީ ހޮޅުއަށިތަކުގައި ޙިއްޞާކޮށްލައްވަން ރާއްޖެއަށް ވަޑައިގަންނަވަންވީ ނޫންތޯއޭ. އަދި އެބޭފުޅުންގެ މައްޗަށް މައްސަލައެއް އުފުލިފައި ނުވާކަމަށްވަންޏާ، ކޮންކަމަކާތޯ ބިރުން ތިބެންވީ. ހަމަގައިމުވެސް ހިތްހަމަޖެހުން ލިބޭނީ، މިކަހަލަ ފެހި ބަނދަރުތައް މަތިން ދޮއެއްތޯ؟ އެހެންވީމާ، މިތަނަށް ވަޑައިގަންނަވަންވީ ނޫންތޯ. އަދި މިތަނަށް ޚިދުމަތް ކުރައްވަން އެ އުޅުއްވަނީ. އެހެންވީމާ، މިބޭބޭފުޅުން މިކަހަލަ ވާހަކަފުޅު ދައްކަވާއިރު، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ވާހަކަފުޅު ދައްކަވައިގެން، އެބޭފުޅެއްގެ މަޢުޞޫމްކަން އެސްޓެބްލިޝް ކުރަން ބޭނުމިއްޔާ، ކަށަވަރުކަން ރައްޔިތުންނަށް ވިސްނައިދޭން ބޭނުންކަމަށްވަންޏާ، ރައްޔިތުންނަށް ވިސްނޭވަރަށް އެވާހަކަފުޅު ދައްކަވާ. ރައްޔިތުންނާ ކައިރިން އެވާހަކަ ދައްކަވާ. އަދި އެބޭފުޅުންނާ ބެކް އެންޑް ފޯތް، ޖަދަލުކޮށްލެވޭގޮތަށް ރައްޔިތުންނާ ވާހަކަފުޅު ދައްކަވާ. މިކަހަލަ ބައްދަލުވުމަކަށް ވަޑައިގެން ސުވާލާއި ޖަވާބު ނަންގަވާ! ރައީސް ނަޝީދު ވަޑައިގަންނަވާ މިތަނަށް. ވަޑައިގެންފައި ސުވާލާއި ޖަވާބު ނަންގަވަންވީ ނޫންތޯ. ސުވާލާއި ޖަވާބު ނަންގަވަންވީ ރައީސް ނަޝީދުވެސް. އޭރަށް ރައްޔިތުންނަށް ވިސްނައިދެއްވޭވަރަށް، އެބޭފުޅުންގެ މަޢުޞޫމްކަން، ނޫނީ ކުށެއް ނުކުރައްވާކަން ރައްޔިތުންނަށް ކަށަވަރުކޮށްދެއްވޭނީ.
 
އެހެންވީމާ، ކޮރަޕްޝަންގެ ވާހަކައިގައިވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެމް.އެމް.ޕީ.އާރު.ސީ.ގެ ކޮރަޕްޝަނަކީ، އަޅުގަނޑުމެން ހިތާމަކުރާ ކަމެއް އެކަމުގައި. އެކަމަކު އެޔާއެކީވެސް ދަންނަވާލަން ބޭނުންވަނީ، އެއީ އެ ފައިސާ ކަމެއް އަދީބު އެހީތެރިވާ އެންމެންނަކަށް ނޭނގޭނެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށްވެސް، ސިޔާސީ މީހުންނަށްވެސް އަދި އަޅުގަނޑުމެންގެ އެކިއެކި ސިޔާސީ ޙަރަކާތްތަކަށްވެސް އެއިން ފައިސާ ޚަރަދުކޮށްފައި ހުރެދާނެ. އެކަމަކު ފައިސާ ލިބޭއިރު، އަޅުގަނޑުމެންނަކަށް އެއީ އެ ފައިސާކަމެއް ނޭނގެ. ފައިސާގެ ނާޖާއިޒު ކަމެއް އުޅޭކަން މި އެނގުނީ، އުޅޭކަމެއް މި އެނގުނީވެސް ރައީސުލްޖުމްހޫރިއްޔާ ޙައްޖު ދަތުރެއް ކޮށްފައި އައިއިރު، ބޮން ގޮއްވާލި، ނޫނިއްޔާ ލޯންޗް ގޮއްވާލި މައްސަލައިގައި. އެހިސާބުން ފެށިގެން މިކަން ފެންމަތިވީވެސް. އެހިސާބުން ފެށިގެން މި މައްސަލަ ފެންމަތިވީ. އޭގެކުރިން ހިނގާފައި ހުރި މުޢާމަލާތުތަކަކީ، އެއްވެސް މީހެއްގެ ބާރުފޯރާ، ނޫނީ އެއްވެސް މީހަކަށް އެކަމާބެހޭ، ނާޖާއިޒް ކަންކަމެއް އޭގައި ހިމެނޭކަމުގެ މަޢުލޫމާތު އޮތް ކަމެއް ނޫން.
 
އެހެންވީމާ، ރައީސް ނަޝީދަށްވެސް އަދި ރައީސް ނަޝީދު ކަހަލަ ކުރީގައި ޤައުމުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންވެސް ދައްކަވާ ވާހަކަފުޅުތައް ދައްކަވާއިރު، ހަމަ ދަންނަވާލަން ބޭނުންވަނީ، އެއްގޮތަކަށްވެސް ދިވެހިރާއްޖޭގައި މިހާރު ކޮރަޕްޝަން އޮވެގެން، މިހާރު ކޮރަޕްޝަންގެ ވާހަކަ ދައްކާކަށް އެއީކީ ޖާއިޒް ވާހަކައެއް ނޫން. ދިވެހިރާއްޖޭގައި ހުރިހާއިރަކުވެސް ކޮރަޕްޝަން އޮވޭ. ކޮންމެ ސަރުކާރަކުންވެސް މަސައްކަތް ކުރާނީ ކޮރަޕްޝަން މަދުކުރުމަށް. ކޮރަޕްޝަން ނައްތާލަން. އެކަމަކު ކާކުތޯ؟ މިއަދު މިތަނުންވެސް އަޅުގަނޑު ކައިރީ ވިދާޅުވެބައްލަވާ. ފައިސާ ފޮއްޗެއް ލިބިއްޖިއްޔާ އޭގައި ނުހިފާނީ ކާކުތޯ؟ އަދި އެ ލިބޭ ފައިސާ އެއީ، އެކަށީގެންވާ ރަނގަޅު އަދަދެއްގެ ފައިސާ ވެއްޖިއްޔާ، އެ ފައިސާދޭ މީހާ ކުރެން އަހާނެތޯ، ކިހިނެއް ހޯދި ފައިސާއެއްތޯ؟ ކިހިނެއްތޯ އަހާނީ؟ ޚުދު އަނބިމީހާވެސް ނާހާ، ގޭގެ ޚަރަދު ހިންގަނީ ޙަލާލު ފައިސާއިންތޯ؟ ދެން ކިހިނެއްތޯ މިކަން ކުރަނީ؟ އެހެންވީމާ، މިގޮތަށް ދެއްކޭ ވާހަކައިގައި، ދިވެހިރާއްޖޭގައި ކޮރަޕްޝަން އޮވެފައި، ހުރިހާ ޤައުމެއްގައިވެސް ކޮރަޕްޝަން އޮވޭ. ހުރިހާ ޤައުމެއްގައިވެސް ކޮރަޕްޝަން އޮވޭ. ރާއްޖޭގައި ކޮރަޕްޝަން އޮންނަންޖެހޭ ކަމަކަށް ވަކާލާތު ކުރަނީކީ ނޫން.
 
އެކަމަކު އަޅުގަނޑު ދަންނަވާލަން މި އުޅެނީ މިކަމުގެ ދިފާޢުގައި އަޅުގަނޑުމެން މިވާހަކަ ދައްކަނީ، އެއީ މިމައްސަލަވެސް ކޮރަޕްޝަންގެ މައްސަލައަކަށްވެގެން، އޮޑިޓަރ ޖެނެރަލާ ހަމައަށް މި މައްސަލަ ބަލައިދޭން ހުށަހެޅީވެސް ރައީސް. ހުށަހެޅީވެސް ރައީސް. ދެން ކުރީގެ އޮޑިޓަރ ޖެނެރަލްވެސް މިހާރު އެ ދައްކަވާ ވާހަކަ. މަޤާމުގައި ހުންނެވިއިރު ނުދެއްކެވުނު ވާހަކައެއް މިހާރު ދައްކަވާއިރު، އަޅުގަނޑު ހަމަ ވަރަށް ހިތާމަޔާއެކީ ދަންނަވާލަން ޖެހެނީ، ކީއްވެގެންތޯ އެމަނިކުފާނަށް އަޅުގަނޑު އެއްވެސް ގޮތަކަށް އެމަނިކުފާނުގެ ފިކުރު އަޅުގަނޑަށް ޝައުޤުވެރިކުރަން، އެމަނިކުފާނަށް ފްލެޓެއް ދޭންވީ؟ އަޅުގަނޑު އަތްމަތީގައި އޮތް އެއްޗެއް ނޫން. ސަރުކާރުގައި ވަޒީރުންގެ ކޮމިޓީއަކުން ނިންމާފައި އެއޮތީ، ސަރުކާރުގެ ޚަރަދުގައި ހަދާފައި ހުރި ފްލެޓްތައް، މިނިވަން މުއައްސަސާތަކުގައި ތިބި އިސްވެރިންނަށް ފްލެޓް ލިބޭނެ އުޞޫލެއް ހަމަޖައްސައިދޭން. އޭރުގެ އޮޑިޓަރ ޖެނެރަލަކީ، މިނިވަން މުއައްސަސާއެއްގެ އިސްވެރިއެއް. ފަނޑިޔާރުންނާއި، މިނިވަން މުއައްސަސާތަކުގެ އިސްވެރިންނަށް ތިއްބަވާ ބޭފުޅުން، މީހުންގެ ގޭގޭގައި ކުލި ދައްކަވައިގެން ތިއްބަވާކަށް އަޅުގަނޑުމެންނަށް ފަސޭހައެއް ނޫން. ކޮންމެވެސް މިންވަރަކަށް އެބޭފުޅުން ކުރައްވާ މަސައްކަތްޕުޅުތަކަށް އަސަރެއް ކޮށްފާނެތީ، އަޅުގަނޑުމެންނަކަށް ފަސޭހައެއް ނޫން މިބޭފުޅުން ތިއްބަވާކަށް. އެހެންވެގެން ސަރުކާރުން ވަޒީރުންގެ މަޖިލީހުން ވާހަކަ ދައްކާފައި ނިންމީ، މުއައްސަސާތަކުގައި ތިއްބަވާ ބޭފުޅުންނަށް، މިދެންނެވި ފްލެޓްތަކުން ޖާގަ ހޯދައިދޭން. އަޅުގަނޑުގެ ފަރާތުން އެ އޮފަރ ދިޔަނަމަ، އަޅުގަނޑު ހަނދާނެއް ނެތް ދިޔަކަމަކަށް. އެ އޮފަރ ދިޔަނަމަ، އެއީކީ އެއްގޮތަކަށްވެސް އެބޭފުޅާގެ ހިތްޕުޅާއި، އެބޭފުޅާގެ ވިސްނުން އަޅުގަނޑުގެ ކޮޅަށް ލަންބަންޖެހޭ ކަމެއް އޮވެގެން ކުރި ކަމެއް ނޫން އެއީކީ.
 
ދެން އަޅުގަނޑު ދަންނަވާލަން ހުރި ވާހަކަތަކުގެ ތެރޭގައި، އަޅުގަނޑު ދަންނަވާލާނަން، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކަކީ ހަމަ ޙަޤީޤަތުގައިވެސް ރައްޔިތުންނާ ހަމައަށް، މީގެކުރީގެ ސަރުކާރުތަކުން ނައިސް ހުރި ތަރައްޤީ ގެންނަން ކުރާ މަސައްކަތް. އަޅުގަނޑު ވަރަށް އުފާވާނެ، ދަރުބާރެއް ހަދާފައި، މި ދަރުބާރުތަކަށް ހުރިހާ އިރެއްގައި މަސައްކަތްކުރި މީހުން އައިސްފައި، އޭރު ކޮށްފައި ހުރި ކަންތަކާއި، މިހާރު ކޮށްފައި ހުރި ކަންތަކާއި، ކަންތައްތައް ކުރަން ފައިސާ ހޯދާ ގޮތާއި، ރާއްޖެ އޮތް ޙާލަތާއި، މިހާރު ރާއްޖެ އޮތް ޙާލަތާއި އަދި ބޭރުގެ ފަރާތުން އަޅުގަނޑުމެންނަށް އަންނަ ފިއްތުމެއްގެ ތެރެއިން ރާއްޖެއަށް ދަތިކުރުންތަކެއް އައިސްފި ކަމަށްވަންޏާ، މިކަހަލަ މަޢުޞޫމް ރައްޔިތުންނަށް ދޭން ބޭނުންވާ ޚިދުމަތް ދިނުމުގައި، ރައްޔިތުންނަށް ކިހާ ބޮޑެތި އުނދަގޫތަކެއް، ދައުލަތަށް ކިހާ ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާންޖެހޭތޯ، މިކަހަލަ މަޝްވަރާތަކެއް ކޮށްލައްވަންވީ ނޫންތޯ؟ ހަމަ ޑިބޭޓް ކޮށްލައްވާ. ރައްޔިތުންނަށް ފޮރުވަންޖެހޭ ކަމެއް ނޯވޭ. އެހެންވީމާ، އެވާހަކަ އެހާ ސިއްރު ސިއްރުން ދައްކަވާނެވެސް ކަމެއްނެތް. ހަމަ ރައްޔިތުންގެ ކުރިމަތީގައި ޑިބޭޓް ކޮށްލަންވީ. ތިމަންނަމެންނަށް މިކުރެވެނީ މޮޅު ކަމެއްތޯ؟ ބޭރު ދުނިޔޭގައި ތިބެގެން ދިވެހިރާއްޖެއަކީ މިކަހަލަ ހުރިހާ ބޮޑެތި ޖަރީމާތައް، ބޭރުގެ ދުނިޔެއަށް އެކްސްޕޯޓް ކުރާ ޤައުމެއް ކަމަށް ދިވެހިރާއްޖެ ސިފަކޮށްދޭން މިކުރަނީ ކޮންކަހަލަ ވިޔާނުދާ ނުބައި މަސައްކަތެއްތޯ؟ ދިވެހިރާއްޖެއިން އެކަނިތޯ، ސީރިއާގައި އެއޮތް ހަނގުރާމައަށް ބައިވެރިވާން މީހުންދަނީ. މާތްކަލާކޯ އެއީ އެހެން އޮތް ކަމެއް ނޫން. ދިވެހިރާއްޖެއިން ވަކި ކީއްވެތޯ މީހުން ނުދާނީ؟ ދިވެހިރާއްޖޭގައިވެސް އުޅޭ މުސްލިމުންގެ ތެރޭގައި އެކަން ގަބޫލުކުރާ ބަޔަކު ތިބެއްޖެ ކަމަށްވަންޏާ، ސަރުކާރުން އެކަން ހުއްޓުވަން ކިތަންމެ މަސައްކަތެއް ކުރިޔަސް، އަޅުގަނޑުމެންގެ ޤާނޫނުއަސާސީގައި އަދި އަޅުގަނޑުމެން ގަބޫލުކުރާގޮތުންވެސް، މީހުންގެ ދަތުރުފަތުރު ނޫނިއްޔާ މީހުންގެ ޙަރަކާތެއް، އެއްތަނުން އަނެއް ތަނަށް ދިޔުން މަނާކުރެވޭނެ ގޮތެއް ނެތް. ވެލިޑް ޕާސްޕޯޓެއް ހިފައިގެން ރާއްޖެއިން މި ނުކުންނަނީ އިންޑިއާއަށް ދާން، ބެންކޮކަށް ދާން. ދެން އެތަނުން އޭނަގެ މަންޒިލް އެހެން ދިމާއަކަށް ބަދަލުކޮށްލީމަ، ދިވެހި ސަރުކާރުން ކުރާނީ ކީއްތޯ؟ އޭގައި އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނެތް.
 
އެކަމަކު އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ސީރިއާގައި އެ ހިނގާ ކަންތައްތަކަށް، ނޫނީ އައިސިސްގެ ޙަރަކާތްތަކަށް ބައިވެރިވާން ދަނީ ހަމައެކަނި ދިވެހިންނެއް ނޫން. އަދި ރައީސް ނަޝީދުގެ ވާހަކަފުޅުގައި ކިތަންމެވަރަކަށް އެކަން ހައިލައިޓް ކުރައްވަން މަސައްކަތް ކުރެއްވިޔަސް، ނިސްބަތުން ރާއްޖެއިންދާ މީހުން ވަކި ގިނައެއްވެސް ނޫން. ވަކި ގިނައެއްވެސް ނޫން. އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ ދޮއެއްތޯ، އެތަނުގައި އެންމެ ވަރުގަދައަށް، އިނގިރޭސިބަހުން ދަންނަވަންޏާ، ބުޗަރ، ނޫނީ ޖައްލާދު، ޖައްލާދަކަށް ހުރީ އިނގިރޭސި މީހެއް. އިނގިރޭސިއެއް ހުރީ. އެހެންވީމާ، އަޅުގަނޑުމެންނަށް ކޮން ވާހަކައެއްތޯ ދެކެވޭނީ؟ އަޅުގަނޑުމެން ދަޢުވަތު ދެން، ބޭރުގެ ދައުލަތްތަކުން، ބޭރުގެ މުއައްސަސާތަކުން ރާއްޖެއާ ވާހަކަ ދައްކައިގެން ރާއްޖެއަށް ބޭނުންވާ، ރާއްޖެ ބިނާކުރާނެ ކަންތައްތަކަކަށް އެހީވާން. އެކަމަކު އަބަދުވެސް އަޅުގަނޑުމެންގެ ފަހަތުން ލަޓިބުރިއެއް ހިފައިގެން، ހަންމުށި ހިފައިގެން އުޅުމަކީ، އަޅުގަނޑުމެންނަކަށް ފަސޭހަ ކަމެއް ނޫން ބަލައިގަންނާކަށް.
 
 ރާއްޖެއަކު ނޫން ބޮޑެތި ގޯސް ހަދަނީ. ރާއްޖޭގައި މި ހިންގަނީ، ރާއްޖޭގައި އޮތް ޤާނޫނުތަކާއި، ރާއްޖޭގައި އޮތް ޝަރީޢަތުގެ ތެރެއިން ހިންގާ އުޞޫލަށް ބިނާކޮށް، ހިންގާ ކަންތައްތަކެއް. އަދަބު ލިބިވަޑައިގަންނަވާ އެއްވެސް ބޭފުޅެއްގެ ފަރާތަކުންނެއް، ރައްޔިތުންނަށް ކަށަވަރުވާވަރަށް، ޔަޤީންވާވަރަކަށް އެބޭފުޅުންނަށް އަދަބު ލިބެންނުވާ ސަބަބު ވިދާޅެއްނުދެއްވޭ. އެބޭފުޅުންނަކަށް އެވާހަކަ ވިދާޅެއްނުދެއްވޭ. އޭގެ ބަދަލުގައި ހައްތަހާވެސް މި ދައްކަވަނީ އެހެން ކޮންމެވެސް މީހެއްގެ ވާހަކަ. އެހެންވީމާ، އެއްބަޔަކު މިނުކުތީ، ރާއްޖޭގައި، މި ދައުލަތުގައި ކޮރަޕްޝަން ބޮޑުވެގެން، ކޮރަޕްޝަން ބޮޑުވެގެން، ފަސާދަ ބޮޑުވެގެން ދައުލަތް ވައްޓާލަން. އެކަމަކު ދައުލަތުގައި ނެތް ކަންތައްތަކެއްގެ މައްޗަށް މީހުން އަރައި، ތަންތަން ބައިބައިކުރަން، ތަންތަން ފަސާދަކުރުމަކީ ހާދަ ނުބައި ފާފައެކޭ. ހާދަ ބޮޑު ފާފައެކޭ. އެއަށްވުރެ މާރަނގަޅުވާނެ، އެއަށްވުރެ މާރަނގަޅުވާނެ ބިނާކުރަނިވި ކަންތައްތައް ކުރަން ރައްޔިތުންނަށް ޚިދުމަތް ކުރިއްޔާ. އެއަށްވުރެ މާރަނގަޅުވާނެ، ދީނީ ޢިލްމުގެ މައްޗަށް ފޮތްތައް ލިޔުނިއްޔާ. ދަރިވަރުން ތަރުބިއްޔަތު ކޮށްދިނިއްޔާ މާރަނގަޅުވާނެ. އަދި ބޭރުގައި ތިއްބެވި ސިޔާސީ ބޭފުޅުންވެސް މިކޮޅަށް ވަޑައިގެން، ދިވެހިރާއްޖޭގެ ސިޔާސީ ޙަރަކާތުގައި ސާބިތުކަމާއެކީ ބައިވެރިވެވަޑައިގަތީމަ މާރަނގަޅުވާނެ. ވަޑައިގަންނަވާ މޭޒުތަކަށް އަޅުގަނޑުމެންނާ ވާހަކަ ދައްކަވަން. އަޅުގަނޑުމެންނާ ވާހަކަ ދައްކަވާފައި، އަޅުގަނޑުމެންގެ ތެރޭގައި ޙައްލުނުވެ ހުރި މައްސަލަތައް ޙައްލުކުރާނެ ގޮތްތައް ވިދާޅުވެދެއްވާ. އެބޭފުޅުންނަކަށް ފުރްޞަތު ލިބިވަޑައެއްނުގަންނަވާތޯ، ހުރި މައްސަލަތައް ޙައްލުކުރާކަށް. ކީއްވެގެންތޯ، ދިވެހިރާއްޖޭގައި ހުރި ހުރިހާ މައްސަލަތައް، މި ސަރުކާރު އައިމަ، އުފަންވެގެންއުޅޭ މައްސަލަތަކަކަށް އަޅުގަނޑުމެންނަށް ހީވެގެން މިއުޅެނީ؟ އެހެންތޯ އެކަން ހުރީ؟ ބޭރުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން، އެބޭފުޅަކު އެބޭފުޅެއްގެ ޙަޔާތުގައި، ޤާނޫނީ ޙަޔާތުގައި އުފުއްލެވި ޒިންމާގެ ތެރެއިން އެކަން ރަނގަޅު ކުރައްވަން ފުރްޞަތު ނުލިބޭ އެކަކުވެސް އެބަހުރިތޯ؟ ނެތެއްނޫންތޯ؟ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ނައިބު ރައީސްކަން ކުރި މީހުންނާއި، ހޯމް މިނިސްޓަރުކަން ކުރި މީހުންނާއި، ރައީސްކަން ކުރި މީހުންނާ، މީގެތެރޭގައި މިއުޅެނީ. އަދި ޚާރިޖީ ވަޒީރުކަން ކުރި މީހުންވެސް މީގެތެރޭގައި އެބައުޅޭ. އެހެންވީމާ، ކޮބައިތޯ އެބޭފުޅުންނަށް ފުރްޞަތު ނުލިބިފައި، އޭރު ކަންކަން ރަނގަޅުކުރަން. އޭރު ރަނގަޅު ނުކުރެވުނު ކަންކަން، އެކަންކަން ރަނގަޅު ކުރެވޭތޯ މިހާރުގެ ސަރުކާރުން މަސައްކަތް ކުރަނީ.
 
ހަމަގައިމުވެސް ރައްޔިތުންނަށް ގަބޫލުކުރެވޭ ޙަޤީޤަތަކީ، މިހާރު ޒުވާނުންނަށް އުންމީދުތަކެއް ހޯދައިދީފި. ޒުވާނުންނަށް ގަބޫލުކުރެވޭ، ޒުވާނުންގެ އަތުގައި ހިފާނެ ސަރުކާރެއްކަން މިއޮތީ އައިސްފައި. ޒުވާނުންނަށް ގަބޫލުކުރެވޭ، މި 5 އަހަރު އިރާދަކުރެއްވިއްޔާ، އުނދަގުލެއްނެތި، ގޮންޖެހުމެއްނެތި އަޅުގަނޑުމެންގެ މަޝްރޫޢުތައް ހިންގަން ޖާގަދީފި ކަމަށްވަންޏާ، ހަމައެކަނި މި 5 އަހަރު ނިމޭއިރުވެސް ގާތްގަނޑަކަށް ތޭރަހާސް ފްލެޓް، ނޫނިއްޔާ އަށްޑިހަވަރަކަށް ހާސް މީހުންނަށް ދިރިއުޅެވޭނެގޮތް މި ސަރުކާރުން ހަމަޖައްސައިދޭނެކަމުގެ ކަށަވަރުކަން ޒުވާނުންގެ އެބައޮތް. ޒުވާނުންނަށް ގަބޫލުކުރެވޭ، ގަދަކަނޑުގައި ދެން މާލެއިން ފުރައިގެން ހުޅުލެއަށް ދާންނުޖެހޭނެކަން. ޒުވާނުންނަށް ކަށަވަރުކަން އެބައޮތް. ގަޑިޖެހިގެންވެސް ހުޅުލެއިން، ނޫނިއްޔާ ހުޅުމާލެއިން މާލެއަށް ދެން އަންނަން ނުޖެހޭނެކަން. ހަމަ ފަސޭހަކަމާއެކީ، މާލެއިން ހިތަދުއަށް ދިޔުމަށްވުރެ އަވަސްކަމުގައި ހުޅުމާލެއަށް، މާލެއަށް އާދެވޭނެ ކަމުގެ ޔަޤީންކަން އެބައޮވޭ. އަންހެން ބޭފުޅުންނަށް އެބައޮވޭ ޔަޤީންކަން. ދިވެހި ސަރުކާރުން މިހާރު ކުރާ މަސައްކަތުގައި، އަންހެން ބޭފުޅުން ބާރުވެރިކުރަން ކަންތައްތަކެއް ކުރާކަން. ކުންފުނިތަކުގެ ބޯޑުތަކުގައި އަންހެން ބޭފުޅުން ހިމަނާކަން އެބަ އެނގޭ. މުއައްސަސާތަކަށް އަންހެން ބޭފުޅުން ޒިންމާދާރުކަމާއެކީ ޒިންމާ އުފުލަންލާކަން އެބަ އެނގޭ. މިއީ މީގެކުރީގައި ހުރި ކަންތައްތަކެއް ނޫނެއްނޫންތޯ؟ ޒުވާނުންނަށް އެބަ އެނގޭ، ޒުވާނުންނަށް ގިނަ ހުސް ވަގުތުތަކެއް ލިބިއްޖެ ކަމަށްވަންޏާ، ކޮންމެވެސް ވިޔާނުދާ ނުސިޔާނު ކަންތައްތަކެއް ކުރާނެކަން. އަދި އެކުރާ ކަންތައްތަކުގެ ތެރެއިން ބައެއްގެ ޙައްޤުތަކަށް އަރައިގަނެވޭކަންވެސް ޒުވާނުންނަށް އެނގޭނެ.
 
އެކަމަކު މިއަދު ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައި ޢާންމުވެގެން، ގިނަވެގެން މިދަނީ ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ އިންފްރާސްޓްރަކްޗަރތައް ޤާއިމްކުރެވިގެންދާތަން. އަޅުގަނޑުމެން ނުދައްކަމޭ، ފުޓްސަލް ދަނޑު އޭރު ނޭޅުނީ، މިހާރު ނޭޅެނީ ބަނދަރު ހަދަންޖެހޭތީކީއޭ. އަޅުގަނޑުމެން ނުދައްކަމޭ ހޮސްޕިޓަލްތައް ނޭޅެނެކީއެއް ބަނދަރު ބޮޑުކުރަންޖެހޭތީކީއެއް. އަޅުގަނޑުމެން އެކަންކަން ކޮށްދެވޭތޯ މި ބަލަނީ. އެހެންވީމާ، އަޅުގަނޑުމެންގެ ސަރުކާރުގައި 5 އަހަރު އިރާދަކުރެއްވިއްޔާ ނިމިގެންދާއިރު، ދެހާސް އާބާދީ އޮންނަ އެއްވެސް ރަށެއްގައި، ފުޓްސަލް ދަނޑު ނެތް ރަށެއް ނޯންނާނެ. އަދި ހަމައެހެންމެ، އަންހެން ބޭފުޅުންނަށް ބޭނުންވާ ކުޅިވަރުގެ އިންފްރާސްޓްރަކްޗަރއެއް ޤާއިމްވެގެން ދަނީ ދޮއެއްތޯ؟ ފެނާއި ނަރުދަމާއަށް އެކަނި ބަލައިލިޔަސް، އަޅުގަނޑު މިއީކީ އެއްގޮތަކަށްވެސް ކުރީގެ ސަރުކާރުތަކާއި މިހާރު ސަރުކާރުން ކުރާ ކަންތަކާ އަޅާކިޔަން ދައްކާ ވާހަކައެއް ނޫން. އެކަމަކު އަޅުގަނޑުމެންގެ ސަރުކާރުގައި، އަޅުގަނޑުމެންގެ ވަޒީރުންގެ، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި، އެބޭފުޅުންގެ ހުރި އިޚްލާޞްތެރިކަން، ނޫނިއްޔާ އެބޭފުޅުންގެ ހުރި މުރާލިކަން ދެއްކުމަށް ކުރާ މަސައްކަތެއް މިއީ. އެބޭފުޅުން އެ ވިދާޅުވަނީ، ރައީސް ޔާމީން މަސައްކަތް ކޮށްގެން ފައިސާ ހޯދައިދެވިއްޖެކަމަށްވަންޏާ ތިމަންނަމެންގެ ވިސްނުމުގައި މިއޮތް ހަމައެކަނި މި ދެމަޝްރޫޢަށް ބަލައިފި ކަމަށްވަންޏާ، އެކަމަކު މި ދެމަޝްރޫޢަކީ ޝައްކެއްވެސްނެތްގޮތުގައި ހުރިހާ ރަށްރަށަކަށްވެސް މުހިންމު ދެމަޝްރޫޢު. ފެނާއި ނަރުދަމާ، މި ދެމަޝްރޫޢަށް ބަލައިފި ކަމަށްވަންޏާ، މި 5 އަހަރު ނިމިގެންދާއިރު، 50 ރަށުގައި ފެނާއި ނަރުދަމާ ޤާއިމްކުރާނެ. މިއީ ދިވެހިރާއްޖޭގައި މިހާރު މީހުން ދިރިއުޅޭ ރަށްތަކަށް ބަލައިފި ކަމަށްވަންޏާ، ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި. މިދާ އާބާދީގެ އަދަދަށް ބަލައިފި ކަމަށްވަންޏާ، ދިވެހިރާއްޖޭގެ 80 ޕަސެންޓް މީހުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތް، މި 5 އަހަރުގެ ތެރޭގައި ނިމިގެންދާނެ.
 
އަޅުގަނޑުމެންގެ ރާއްޖޭގެ އިޤްތިޞާދު އޮތީ ދައުލަތަށް ލިބޭ އާމްދަނީ، 3 އަހަރުގެ އާމްދަނީއާ ނުބައްދަލު އަދަދަކުން ދަރާފައި. އެކަމަކު މިއަދު މިދައްކަނީ އަޅުގަނޑުމެންގެ ރާއްޖެއަކީ ބޭރުގެ އިންވެސްޓަރުން، އެ ރާއްޖެއާ ދޭތެރޭގައި އިންވެސްޓް ކުރަން ޝައުޤުވެރިކަން އޮތް ތަނެކޭ. އެހެންވީމާ، ކީއްކުރަންތޯ، ރާއްޖެއަކީ ޓުއަރިސްޓުން އަންނަން ނުވާވަރު ތަނެއް ކަމަށް، ނުވާވަރު މަންޒިލެއް ގޮތަށް ވަކާލާތު ކުރަމުން މިގެންދަނީ. ރާއްޖެއަށް ޓުއަރިސްޓުން ނާންނަ ކަމަށްވަންޏާ، މި ރަށްރަށުގައި ހުރި ގެސްޓްހައުސްތަކަށް އަންނާނެ މީހުންވާނެތޯ؟ މިވަރު ވާހަކަ ދެއްކޭއިރު، ކިހާވަރެއްގެ ޤައުމީ ޒިންމާއެއްތޯ މި އުފުލެނީ؟ ނޫނީ ކިހާވަރެއްގެ ޣައްދާރު ކަމެއްތޯ މި ކުރެވެނީ؟ މިއަކަށް ވިސްނާލާކަށް ބޭނުމެއްނުވެއޭ. ރައްޔިތުންނަށް ދަތިވާ ކަންތައްތައް ކުރީމަ ދަތިވާނީ ހަމައެކަނި ސަރުކާރަކަށް ނޫން. ރައްޔިތުންނަށް ދަތިވާ ކަންތައްތައް ކުރީމަ، ވޯޓް ހޯދަން ބޭނުންކަމަށްވަންޏާ، ވޯޓް ހޯދަންވެސް ދަތިވާނެ.
 
އެހެންވީމާ، އަޅުގަނޑު ހަމަ ވާހަކަކޮޅު ނިންމާލަމުންވެސް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުގެ ހިތުގައި ހަމަ ވަރަށް ބޮޑެތި ވަރުގަދަ މިކަހަލަ ޝުޢޫރުތައް އެބަހުރި. އަޅުގަނޑު އައީކީ އެއްގޮތަކަށްވެސް އަޅުގަނޑުގެ ވަގުތު މަޝްޣޫލުކޮށްލާކަށެއް ނޫން ސިޔާސީ ކަންކަމުގައި. އަޅުގަނޑު މަޤާމާ ޙަވާލުވީ ރައްޔިތުންނަށް ޚިދުމަތް ކުރަން. އެ ޚިދުމަތުގެ މައިގަނޑު މަސައްކަތެއްގެ ގޮތުގައި އަޅުގަނޑު އަމާޒުކުރީ، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދޭން. ޖީބަށް ލިބޭ ފައިސާ އިތުރުކުރަން. ބިކަވެފައި ތިބި ޒުވާނުންނަށް، ގޮތްހުސްވެފައި ތިބި ގިންތިތަކުގެ މީހުންނަށް ގޮތްތަކެއް ހޯދައިދެވޭތޯ އަޅުގަނޑުގެ ވިސްނުމުގައި ކަންކަމެއް ހުރީމަ. އަޅުގަނޑު އައީ ދިވެހިރާއްޖޭގެ އިޤްތިޞާދު، ވަރުގަދަ އިޤްތިޞާދަކަށް ހަދަން. އަޅުގަނޑު އައީ މާލެއާއި ހުޅުލެއާ ދޭތެރޭގައި ބްރިޖް އަޅަން. އަޅުގަނޑު އައީ ހޮސްޕިޓަލް ނެތް ތަންތަނުގައި ހޮސްޕިޓަލް އަޅައިދޭން. އަޅުގަނޑު އައީ ދިވެހިރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން، ބޮލަކަށްޖެހޭ މިންވަރު ދެގުނަ ކުރަން. އަޅުގަނޑު މިއައީ މީގެކުރީގައި ނުކުރެވޭނެ ކަމަށް ބުނަމުން އައި ކަންތައްތައް ކޮށްދެވޭތޯ ބަލަން. އަޅުގަނޑު މިއައީ ރައްޔިތުންނަށް ހަމަޖެހުން ހޯދައިދޭން. އަޅުގަނޑު މިއައީ ރައްޔިތުންނަށް ހަމަޖެހުން ހޯދައިދޭން. އަޅުގަނޑު މިއައީ ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖޭގެ އިސްތިޤްލާލާއި ސިޔާދަތަށް އަރައިގަންނަ ކަންތަކަށް ޖާގަދޭން ބޭނުންނުވާތީ. އަޅުގަނޑު އެކަން ކުރަން މިއައީ. އަޅުގަނޑު މިއައީ ދިވެހިރާއްޖެއަށް ހެޔޮއެދިގެން. އަޅުގަނޑު މިއައީ ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރަން. އަޅުގަނޑު މިއައީކީ އަޅުގަނޑުގެ ވަގުތުތައް، ސިޔާސީ މިދެންނެވި ކަހަލަ ކަންކަމުގައި ހޭދަކުރާކަށެއް ނޫން.
 
އެހެންވީމާ، އަޅުގަނޑު ރައްޔިތުންނަށް އިލްތިމާސް ކުރަން ބޭނުންވަނީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އަޅުގަނޑުމެންނާއެކީ ތިއްބަވާށޭ. އަޅުގަނޑުމެންނާއެކީ ތިއްބަވައިގެން ތިޔަބޭފުޅުންނަށް ލިބެންވާ ބަނދަރުތަކާއި، ހޮސްޕިޓަލްތަކާއި އަދި ތިޔަބޭފުޅުންނަށް ލިބެންވާ ފެނާއި ނަރުދަމާ ނުލިބިއެއް ނުދާނެ. އެކަމަކު އަޅުގަނޑުމެންނާއެކީ ތިއްބަވައިގެން ފަހަރުގައި ފުލުހުންނާއި ސިފައިން ގައިގައި ތަޅާލަން ނެރޭނެ ކުދިންތަކެއް އަޅުގަނޑުމެންގެ ތެރެއިން ނުހޯދިދާނެ. އެކަމަކުވެސް މިކަންކަން ނިންމަވާ ރައްޔިތުން.
 
އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ހެޔޮޖަޒާ މާތްﷲ މިންވަރު ކުރައްވާނެ. އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތްﷲގެ ތައުފީޤު މިންވަރު ކުރައްވާނެ.