މިއަދުގެ ސަރުކާރުން މިކުރައްވަނީ ޤައުމުގެ ކަންތައްތައް ބިނާކުރަން ކުރައްވާ މަސައްކަތްޕުޅުތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައި ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަކީ، ރާއްޖޭގެ ރައްޔިތުންނަށް ޟަރޫރީ ގޮތުން ބޭނުންވެފައި ހުރި ވަރަށްގިނަ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނުމަށް ކުރައްވާ މަސައްކަތްޕުޅުތަކެއްކަމަށެވެ. މީގެ ތެރޭގައި އިޤްތިޞާދު ކޮޅަށްޖެހުމާއި، ގޮނޑުދޮށްތަށް ޙިމާޔާތް ކުރުމާއި، ސާފުބޯފެން ނެތުމާއި، ނަޖިހުގެ ތަޣައްޔަރުކަމުން ރަށްރަށް ސަލާމަތްކުރަން ކުރައްވާ މަސައްކަތްޕުޅުތައް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށްޓަކައި ހިންގަވާ މަޝްރޫޢުތަކަކީ ހަމައެކަނި ސަރުކާރުގެ ބަޖެޓުން ހޭދަކޮށްގެން ކުރެވޭ މަސައްކަތްތަކެއް ނޫންކަމަށާއި، މިއީ ބޭރުގެ މުއައްސަސާތަކުން ލިބޭ އެހީއާއެކީ ކުރިޔަށްގެންދާ މަޝްރޫޢުތަކެއްކަން ފާހަގަ ކުރެއްވިއެވެ. އަދި، ފަސޭހަކަމާއެކީ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި ރަށްރަށުގެ ވެށިންނާއި، މުޖުތަމަޢުން ޖާގަ ލިބުމަކީ ސަރުކާރުން ޤައުމު ބިނާކުރަން މިކުރައްވާ މަސައްކަތްޕުޅުތަކަށް ފަސޭހަކަން ލިބިގެންދާނެކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކޮމަންވެލްތުގެ ޤައުމުތަކުން، ސީމެގްގެ ވޮޗަށް ދިވެހިރާއްޖެ ލުމާއި ބެހޭގޮތުން މިއަދުގެ ވަގުތެއްގައި ނިންމުމެއް ނިންމާނެކަމަށް ޚަބަރުލިބޭކަމުގައި ވިދާޅުވިއެވެ. އަދި ސީމެގްގެ ވޮޗަށް ދިވެހިރާއްޖެ ލައިފިނަމަ މިޤައުމުގެ ތަރައްޤީގެ ދުވެލި ލަސްވެ ބޭރުގެ އެހީއާއި ބޭރުގެ އިންވެސްޓަރުން ރާއްޖެއާއި މެދު ދެކޭނެ ގޮތުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މިފަދަ ކަންކަމަކީ އަމިއްލަޔަށް ބުނެކިޔާއިގެން ހޯދާކަންކަން ކަމަށާއި، މިފަދަ ބޮޑެތި ކަންކަން ހިންގުމުގެކުރިން ޤައުމުގެ ކަރާމާތާއި މުޖުތަމަޢުގެ ހަމަޖެހުމާއި ކުރިއެރުމަށް ވިސްނާލުން މުޙިއްމުކަމުގައި ވިދާޅުވިއެވެ.