بســم اللّـه الرّحمـن الرّحيــم
      
          އެންމެހައި ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.
 
   އުކުޅަހުގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަދި މި ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ޢިއްޒަތްތެރިން، ދުރާއި ގާތުން މި ޖަލްސާ އަޑުއައްސަވަމުން، ބައްލަވަމުން ގެންދަވާ އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ، އުކުޅަހަށް މި ލިބިގެންދާ އުފާވެރިކަމުގައި ބައިވެރިވުމަށް އަޅުގަނޑުމެން މިރަށަށް މިކުރި ދަތުރުގައި، އުކުޅަހުގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ވިދާޅުވި ހޫނު މަރްޙަބާއަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އެޔާއެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، ދެންމެ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް ޙަސަންގެ ވާހަކަފުޅުގައި ވިދާޅުވިގޮތަށް، އެއްގޮތަކަށްވެސް މިއީކީއެއް ތޮއްޑޫ ދާއިރާއަށް ނޫނީ އަރިއަތޮޅަށް އަޅުގަނޑު ކުރާ ދަތުރެއްވެސް ނޫން. އެހެންވީމާ، މަޢާފާއެކީ ރަސްދޫގެ ރައްޔިތުންނަށްވެސް ދަންނަވާލަން ބޭނުންވަނީ، މާ ދުރުނޫން މުސްތަޤްބަލެއްގައި އިރާދަކުރެއްވިއްޔާ، ރައްޔިތުންނަށް އުފާވެރި މުނާސަބަތެއްގައި ބައްދަލުކުރުމުގެ ފުރްޞަތު އަޅުގަނޑު ހޯދާނަމޭ.
 
އާދެ، ޝައްކެއްވެސްނެތްގޮތުގައި، އުކުޅަހުގައި މިއަދު މިއީ ވަރަށް އުފާވެރި ދުވަހަކަށް ވެގެންދާނެ. އުކުޅަހުގެ ލޮބުވެތި ރައްޔިތުން ކުރަމުންދިޔަ ދިގު އިންތިޒާރަކަށް މިއަދު ނިމުމެއް އައި ދުވަހަކަށްވާނެ. ސާފު ބޯފެން ލިބުމަކީ، ޝައްކެއްވެސްނެތްގޮތުގައި، ކޮންމެ އިންސާނަކަށްވެސް ހަމަ އެންމެ ބޭނުންވާނެ އެއް ޚިދުމަތް. އެހެންވީމާ، އުކުޅަހުގެ ރައްޔިތުންނަށް މި ޚިދުމަތް ލިބިގެންދާތީ، އުކުޅަހުގެ ރައްޔިތުންނަށް މަރްޙަބާ ދަންނަވައި، އަދި އެޔާއެކީ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑަށްވެސް އެނގިފައި އޮތް ގޮތުގައި، އުކުޅަހުގެ ރައްޔިތުންނަކީ ވަރަށް މުރާލި، މަސައްކަތްތެރި ޞިނާޢަތްތަކެއްގައި އުޅުއްވާ ރައްޔިތުންތަކެކޭ. މަސްވެރިކަމާއި މިހާރު ލޯކަލް ޓުއަރިޒަމާއެކީ އުކުޅަހަކީ ތަނަވަސް ރަށެއްކަން އަޅުގަނޑުމެންނަށްވެސް އެނގޭ.
 
އެހެންވީމާ، ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ވަރަށް އުފާވެއޭ ޙަޤީޤަތުގައި ދިވެހިރާއްޖޭގެ މި ވަކިވަކިން ހުންނަ ރަށްރަށުގައި، ކޮންމެ ރަށަކުން އެ ރަށެއްގެ ރައްޔިތުން މިކުރާ މަސައްކަތަކީ، އިޤްތިޞާދީ ގޮތުން ފައިދާހުރި މަސައްކަތްތަކަށް ވެގެންދިޔުން. މިއަތޮޅުން އުކުޅަހަކީ، މިކަމުގައި ލާމަސީލު ރަށަކަށް ވެގެންދާކަން އަޅުގަނޑު ހަމަ އުފަލާއެކީ ބަލައިގަންނަން.
 
އެޔާއެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑަށްވެސް މިއަދު ހަމަ ޙަޤީޤަތުގައިވެސް ވަގުތު ވަރަށްކުޑަތަންވެގެން މިދަނީ. އަޅުގަނޑު ސަބަބު، އަޅުގަނޑު ވާހަކައާއިގެން ކުރިއަށްދާއިރު ދަންނަވާލަންވެސްމެ. އެހެންވީމާ، އުކުޅަހުގެ ރައްޔިތުންނަށް މަރްޙަބާ ދަންނަވަމުން، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވާ ދެތިން ވާހަކައެއް އެބައޮތް. އެއީ އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ޙަޤީޤަތުގައި ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވެފައި ހުންނަ، ޟަރޫރީ ގޮތުން ބޭނުންވެފައި ހުރި ވަރަށްގިނަ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، އެ ރަށުގެ ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނުމަށް ކުރަން ބޭނުންވާ މަސައްކަތްތަކެއް، އެ ރައްޔިތުންނާ ހަމައަށް ގެނެސްދޭން ސަރުކާރުގެ ބަޖެޓުންނާއި ކުންފުނިތަކުން ކުރާ މަސައްކަތްތަކެއް. މި މަސައްކަތުގައި މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، ފެނުގެ ނިޒާމް ހަމަޖެހިގެންދިޔައީ. ފެނުގެ ނިޒާމް ހަމަޖެހިގެންދާއިރު، ދައުލަތުގެ ބަޖެޓުން، ދެން އޮޒްއެއިޑް، ޔޫރަޕިއަން އެއިޑް، ވާރލްޑް ބޭންކް އެއިޑް، އަދި މަސައްކަތުގެ ކޮންޓްރެކްޓަރެއްގެ ގޮތަށް ހަވާލުވެވަޑައިގެންނެވި ސްޓެޓިކް އިލެކްޓްރިކް ކުންފުނި. މިހުރިހާ ފަރާތްތަކަށް ޖުމްލަގޮތެއްގައި އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަމުން، އަދި މި ސިސްޓަމް މެނޭޖްކޮށްދެއްވާނީ ސްޓެލްކޯ އިން ކަމުގައިވާތީ، ސްޓެލްކޯގެ ހީވާގި ވެރިންނަށް، ޗެއަރމަން، މެނެޖިންގ ޑިރެކްޓަރ އަދި ޓީމަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިކުރަނީ ބިނާކުރަން ކުރާ މަސައްކަތްތަކެކޭ. ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި، ޝައްކެއްވެސްނެތްގޮތުގައި، ދިވެހިރާއްޖޭގެ އެއްރަށަކަށް، އެއް ރަށަކުން އިޙްސާސް ކުރެވޭ ކަމަށްވަންޏާ، އެނގިވަޑައިގަންނަވާނެ، ހަމަ ސަރުކާރުތަކުން ކުރާ މަސައްކަތުގެ ތެރޭގައިވެސް ބަޖެޓްގެ ތަނަވަސްކަމާއި، ބަޖެޓްގެ ފޯރުންތެރިކަން ހުރި ނެތް މިންވަރުން އުކުޅަހަށް އައިސްފައި އޮތް ތަރައްޤީއާއި، ބޭނުންވެފައި ހުރި ކަންތައްތަކުގެ ތެރެއިން ފުދިގެންދިޔައީ ކިހާ މިންވަރެއްގެ މަސައްކަތެއްކަން، އުކުޅަހުގެ ރައްޔިތުން އިޙްސާސް ކުރައްވާނެ. އަދި އެޔާއެކީ މިއަދު ފެނުގެ ނިޒާމް މިތަނުގައި ހަމަޖެހިގެން ދިޔައީމަ، ކިހާވަރެއްގެ ޝުކުރުވެރިކަމަކާއެކީތޯ، މި ނިޒާމް އުކުޅަހުގެ ރައްޔިތުން ބަލައިގަންނަނީވެސް ހަމަ ގަބޫލުކުރައްވާނެ.
 
ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ސަރުކާރުން މިކުރާ މަސައްކަތްތަކަކީ، ރައްޔިތުންނަށް މިކަހަލަ ކަންތައްތަކެއް ފޯރުކޮށްދޭން ކުރާ މަސައްކަތްތަކެކޭ. ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް، ކޮށްދޭން ބޭނުންވާ މަސައްކަތްތައް. އަޅުގަނޑުމެން ސަރުކާރުތަކުން ކިތަންމެ ވާހަކަތަކެއް ދެއްކި ކަމުގައިވީނަމަވެސް، އެ ދައްކާ ވާހަކަތައް ޙަޤީޤަތުގައި ކޮންކްރީޓް ނަތީޖާތަކަކާ ހަމައަށް އަންނަކަން އިޙްސާސް ކުރެވެނީ، ރައްޔިތަކަށް މިކަހަލަ ޚިދުމަތެއް ލިބިގެން ދިޔައީމަ. އުކުޅަހުން މިއަދު އެކަން ވިޓްނަސް ކުރައްވާނެ. އުކުޅަހުން މިއަދު އެކަން ކަށަވަރު ކުރައްވާނެ، އުކުޅަހުގެ ރައްޔިތުން.
 
އެހެންވީމާ، މިއާއެކީވެސް ދަންނަވާލަން ބޭނުންވަނީ، މިކުރެވޭ މަސައްކަތަކީ ދެންމެ އިބްރާހީމް ޙަސަންގެ ވާހަކަފުޅުގައި، ވަރަށް އޯގާތެރި ބަސްތަކަކުން އަޅުގަނޑަށް ހަދިޔާ ކުރެއްވީމަ، އެމަނިކުފާނަށް ޝުކުރު ދެންނެވުމާއެކީ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިކުރަނީ ޤައުމު ބިނާކުރަން ކުރާ މަސައްކަތްތަކެކޭ. ގަބޫލުކުރައްވާ ޙަޤީޤަތްތައް. މީގެކުރީގައި ކަންކަންވެފައި ހުރި ގޮތްތަކާއި އަދި ތަރައްޤީއަށް ކުރެވިފައި ހުރި މަސައްކަތްތަކާއި، މިހާރު މިކުރެވޭ މަސައްކަތްތައް އަޅައިކިޔައިލެއްވުމަކީ، ހަމަ ސިކުނޑީގެ މީޒާނުން ކިރާލަންޖެހޭ ކަންކަން. ތަނަވަސް ސިކުނޑިއެއް ނޫނީ ވިސްނުންތެރި ސިކުނޑިއެއް ހުރި ކޮންމެ ރައްޔިތަކުވެސް އެކަންކަން ބަލަންވާނެ. ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް، ފަސޭހަކަމާއެކީ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ރަށްރަށުގެ ވެށިން، ނޫނިއްޔާ މުޖުތަމަޢުން އަޅުގަނޑުމެންނަށް ޖާގަ ލިބޭ ކަމަށްވަންޏާ، އެކަންކަން ކުރުމަކީ އަޅުގަނޑުމެންގެ މަސައްކަތަށް ފަސޭހަކަން ލިބިގެންދާނެ ކަންކަން. އަޅުގަނޑުމެން މިއުޅެނީ ބިނާކުރުމުގެ މަޝްރޫޢުތަކެއް ހިފައިގެން އައިސް. މީގެކުރީގެ އަހަރުތަކުގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ އަސާސީ އެތައް ކަންތައްތަކެއް އެހެރީ ފުދިގެން ގޮސްފައި. އެކަމަކު އަސާސީ ކަންތައްތައް، އޭގެ ޒާތުގައިވެސް ޠަބީޢީގޮތުންވެސް މިވާގޮތަކީ، އަސާސީ ކަންތައްތައް އަނެއްކާވެސް އަސާސީ ކަންތައްތަކަކަށް ބަދަލުވެގެންދަނީ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުވެގެންދިޔުމުން. ރައްޔިތުންގެ އުންމީދުތަކާއި އިޙްސާސްތައް ބަދަލުވެގެންދިޔުމުން. ނޫނީ ރައްޔިތުން އެމީހުންގެ ކުރިއެރުމާ ދޭތެރޭގައި ވިސްނާގޮތް، ފިކުރުކުރާގޮތް ބަދަލުވެގެންދިޔައީމަ، އަސާސީ ޚިދުމަތްތައް، އަނެއްކާވެސް އަސާސީ ޚިދުމަތްތަކަށް ވެގެންދަނީ. ބަނދަރުތައް، ދެފަހަރު، ތިންފަހަރު ބޮޑުކުރެވެނީ ކީއްވެގެންތޯ؟ އެއީ އަޅުގަނޑު މިދަންނަވާ ވާހަކައަކީ. އެހެންވީމާ، ގަބޫލުކުރަންޖެހޭ ޙަޤީޤަތްތަކަކީ، ކޮންމެ ސަރުކާރެއް އަޔަސް، މިކަހަލަ ޚިދުމަތްތަކެއް ދޭން ސަރުކާރުން އަންނަނީ. އެހެންނަމަވެސް، އެކަންކަން ކުރެވޭ މިންވަރާއި، އެކަންކަން ކުރަން ވާހަކަ ދައްކާފައި، އެކަންކަން ނުކުރެވޭ މިންވަރާ، މިއީ ހަމަ ރައްޔިތުން އަޅައިކިޔާލަންޖެހޭ ކަންތައްތައް.
 
އުކުޅަހަށް ބޭނުންވާ ކަންތައްތަކުގެ ވާހަކަ އަޅުގަނޑު ކައިރީގައި ހަމަ ދެންމެއަކުވެސް ނުރަސްމީ ގަޑީގައިވެސް، ސައިގެ ވަގުތުގައިވެސް އަޅުގަނޑަށް ކުޑަކޮށް އިވިގެންދިޔަ. އެއާއެކީވެސް ދަންނަވާލަން ބޭނުންވަނީ، މިއަދު އުކުޅަހުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްވެސް މިހާރު ނިމުމަކާ ހަމައަށް އެދަނީ. މިއީވެސް ޝައްކެއްވެސްނެތްގޮތުގައި، އުކުޅަހަށް ލިބިގެންދާނެ ވަރަށްބޮޑު ކުރިއެރުމެއް. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ދެންމެ އަޅުގަނޑުމެންނަށް ދާއިރާގެ ޢިއްޒަތްތެރި މެންބަރު ވިދާޅުވިގޮތަށް، އިސްލާމްދީން އައީ ކީއްވެގެންތޯ، ތަހުޒީބު މުޖުތަމަޢަކަށް އިސްލާމްދީން ގެނެސްދެނީ ކޮންކަމެއްތޯ؟ އާދެ، ޖަހާލަތުގެ އަނދިރިކަމުގެ ތެރެއިން އިސްލާމްދީން މި ގެނެސްދެނީ އަލިކަމުގެ ތެރެއަށް. ވިސްނުމާއި، ފިކުރާއި، އުޅުމާއި، ވައްޓަފާޅިއާ. އަދި މީހުންނަށް އިޙްތިރާމް ކުރުމާއި، ޤައުމު ބިނާކުރުމާއި، މުޖުތަމަޢު ތެރޭގައި ހަމަޖެހުން އޮތުމާ. މިކަހަލަ އެތައް ކަމެއްގެ ނަމޫނާ މިސާލުތަކެއް އިސްލާމްދީން އަޅުގަނޑުމެންނަށް ގެނެސްދެނީ. އެހެން ނޫނިއްޔާ ދިވެހި ރައްޔިތުން އިސްލާމްދީން ގަބޫލުކޮށްގެން ތިބޭނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއްނުކުރަން. ހަމަ ހުރިހާ ސިކުނޑިތަކަކުން އަޅުގަނޑުމެން ވިސްނަން. އެކި ދީންތަކުގައި ހުރި ތަފާތުތައް. އެކި ދީންތަކުގައި ކަންކަމަށް އެޕްރޯޗް ކުރާގޮތް، ތަފާތު ހުންނަ މިންވަރު އަޅުގަނޑުމެން އެބަ ގަބޫލުކުރަން. އަޅުގަނޑު މިތަނަށް މިއައީކީ އިސްލާމްދީނުގެ ވާހަކަ ދައްކާކަށް ނޫން. އެކަމަކު ދަންނަވާލަން ބޭނުންވަނީ، އިސްލާމްދީނުންވެސް އަޅުގަނޑުމެންނަށް ކަށަވަރުކޮށްދޭ ކަމަކީ މިދެންނެވީއޭ. ބިނާކުރުން، ހަލާކުވެގެން ގޮއްސަ، ނެތިގެންދާ ކަންތައްތައް ބިނާކުރަން ކުރާ މަސައްކަތްތައް. އަޅުގަނޑުމެން ސަރުކާރުން މިކުރަނީ ހަމަ ޙަޤީޤަތުގައިވެސް ވީރާނާވެފައި އޮތް އިޤްތިޞާދެއް ނަގައި ކޮޅަށްޖަހަން ކުރާ މަސައްކަތްތައް. ގޮނޑުދޮށްތައް ހަލާކުވާތީ، ގޮނޑުދޮށްތައް ހިމާޔަތް ކުރަން ކުރާ މަސައްކަތްތައް. ސާފު ބޯފެން ނެތުމާއި، ނަޖިހުގެ ތަޣައްޔަރުކަމުން ރަށްރަށް ސަލާމަތްކުރަން ކުރާ މަސައްކަތްތައް މިކުރަނީ. އަޅުގަނޑުމެންނަކީ ސިޔާސީ މަސައްކަތް ކުރަން އުޅޭ ބައެއް ނޫން.
 
މިއަދުވެސް އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލަންޖެހޭ ސަބަބަކީވެސް މިއަދުވެސް އަޅުގަނޑުމެންނަށް މިއީ ވަރުގަދަ އިމްތިޙާނެއް ދުނިޔޭގައި ކުރިމަތިލާ ދުވަހެއް. މިއަދު މިއީ ކޮމަންވެލްތްގައި އޮތް ސަރުކާރުތަކުން ދިވެހިރާއްޖެއާ ދޭތެރޭގައި އަޅާނީ ކޮން ފިޔަވަޅެއްތޯ، ކުރިއަށް އޮތް ތިން ހަތަރު ގަޑިއިރުގެ ތެރޭގައި ނިންމާ ދުވަސް. މި މުޞީބާތް އަޅުގަނޑުމެން ހޯދައިގެން މިތިބީ ކީއްވެގެންތޯ ސުވާލު ކުރައްވާ! އަޅުގަނޑުމެންގެ ރާއްޖެއާ ދޭތެރޭގައި ކޮމަންވެލްތުގެ ޤައުމުތަކުން، މި ސީމެގްގެ ވޮޗަށް ދިވެހިރާއްޖެ ލާނެތޯ، ލައިފިކަމަށްވަންޏާ، ދެން ދިވެހި ރައްޔިތުން ތަޙައްމަލް ކުރަންޖެހޭނީ ކޮންކަހަލަ ކަންތައްތަކެއްތޯ ވިސްނާވަޑައިގަންނަވާ. ރައީސް ނަޝީދުގެ ވެރިކަން ނިމި، ރައީސް ވަޙީދުގެ ވެރިކަމާ ހަމައަށް އައުމާއެކީ، ވެރިކަން ބަދަލުވީ ޤާނޫނީ ޞައްޙަކަމުގެ ތެރެއިންތޯ ބެލުމަށްޓަކައި ކޮމަންވެލްތުން އެކުރި ދިރާސާތައް ކުރުމަށް 8 މަސް ދުވަހުގެ ދިގު މުއްދަތެއް ނެގި. އެ ދިގު މުއްދަތުގެ ތެރޭގައި ގަބޫލުކުރައްވާ، ރާއްޖެއިން ބޭރުން ރާއްޖޭގައި ހުރި ބޭންކްތަކަކަށް އިތުރު ފައިސާއެއް ނުދޭ. ބޭރުގެ އިންވެސްޓަރުންނެއް ރާއްޖެއަކަށް ނާދޭ. ހަމަ ރާއްޖެއަށް ދިޔައީ ހަމަ ހަނަފަސް މޫސުމުގެ ދުވަސްތަކެއް ރާއްޖެ ކުރިމަތިލީ. 8 މަސްދުވަހުގެ ދިގު ތަކުލީފު އަޅުގަނޑުމެން އުފުލީމު. ހަމަ އެއްވެސް ކަހަލަ ދިރުމެއް ނެތް 8 މަސްދުވަހުގެ ދިގު މުއްދަތެއް އަޅުގަނޑުމެން ކަޑައްތު ކުރީމު. އެ 8 މަސްދުވަހުގެ މުއްދަތަށްފަހު، ހުރިހާ ކަމެއް ނިމިގެން ދިޔައިރު، ހުރިހާ ކަމެއް ނިމިގެންދިޔައީ، ދިވެހިރާއްޖެއިން، ދިވެހި ސަރުކާރުން ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ނުކުރެއޭ. ކޮބައިތޯ އަޅުގަނޑުމެންނަށް ލިބުނު ބަދަލަކީ؟ ކޮބައިތޯ އަޅުގަނޑުމެންނަށް ލިބުނު ހިތްހަމަޖެހުމަކީ؟ އިމްތިޙާނުން ފާސްވި. އެކަމަކު ގައިން ހަންނޮޅާލި.
 
އެހެންވީމާ، ދަންނަވާލަން މިއުޅެނީ ކީއްކުރަން އަޅުގަނޑުމެން ކުރާ ކަންތައްތަކެއްތޯއޭ މިއީ؟ އަޅުގަނޑުމެން މިއަދު ސީމެގްގެ ވޮޗްގައި، ނޫނިއްޔާ ކޮމަންވެލްތުން އަޅުގަނޑުމެންނާ ދޭތެރޭ އަޅާ ފިޔަވަޅުތައް އަޅައިފި ކަމަށްވަންޏާ، އަޅުގަނޑުމެން އެ ފިޔަވަޅުތައް ބަލައިގަންނާނެ. އެހެންނަމަވެސް، އެއާއެކީ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިނެކިރާއިރު، އަޅުގަނޑުމެން މިނެކިރާށޭ، މަދަނީ ތަހުޒީބީ މުޖުތަމަޢެއްގައި، އިސްލާމީ މުޖުތަމަޢެއްގައި ކަންކަންކުރާގޮތާއި، އެ މިންގަނޑުތަކުގެ މިންގަނޑުން. އަޅުގަނޑުމެންގެ ރާއްޖޭގައި ޤާނޫނުތަކާ ޚިލާފުވާ މީހުންނާ ދޭތެރޭގައި ފިޔަވަޅުއެޅީމަ، އެއީކީއެއް މުޅި ދައުލަތަށް އަދަބު ލިބެންޖެހޭ ކަމެއްނޫން. އަޅުގަނޑުމެންގެ މަޢުޞޫމްކަން ނަގާލައި، އަޅުގަނޑުމެންގެ އެތަން މިތަން ހަލާކުކޮށްލީމަ، އެކަންކަމާ ދޭތެރޭގައި ޤާނޫނީ ޝަރުޢީ މަރްޙަލާގެ ތެރެއިން އަންނަ ޙުކުމްތަކެއް އައީމަ، އެއީކީ ރައީސް އޭގެ ޒިންމާ އުފުލަންޖެހޭ ކަމެއް ނޫން. އަޅުގަނޑުމެން ނޫންތޯ މިތިބީ، ބުނެކިޔައިގެން ތިން ނިޒާމް ވަކިކޮށްގެން. ރައީސަކީ ޝަރުއީ ދާއިރާގައި ހިނގާ ކަންތައްތަކާ ބެހޭ މީހެއް ނޫން. އަދި ބެހުމުގެ ޖާގަ، ކުރިއަށް އޮތް ތަނުގައިވެސް ލިބިގެންވާނެ ފަރާތެއް ނޫން، ރައީސްކަން ކުރާ މީހުންނަކީ.
 
އެހެންވީމާ، މީހުން ކޮށްފައި ހުންނަ ކުށްކުށަށް، ކޯޓްރޫމްގެ ތެރޭގައި އަންނަ އަދަބު ލިބިގެން ދިޔުން އެއީކީ ރައީސް ކުރާ ކަމެއް ނޫން. އެއީކީ ރައީސް ނިންމައިގެންވާނެ ކަމެއްވެސް ނޫން. އެހެންނަމަވެސް، ދިވެހި ދައުލަތުން މިކުރާ ކަންތައްތަކަކީ، ޙަޤީޤަތުގައިވެސް މުޅި ރާއްޖޭގައި، މުޅި ރާއްޖޭގައި މިދެންނެވި ގޮތަށް މަދަނިއްޔަތެއް ތަރައްޤީވެގެންދާނީ، ނޫނިއްޔާ ރޫޅި ވީރާނާވެފައި އޮތް މުޖުތަމަޢެއް ބިނާކުރަން ކުރާ މަސައްކަތުގެ ތެރޭގައި، ހަމަޖެހޭ ނިޒާމެއް ޤާއިމްކުރެވިގެން ނޫނީ މިކަމެއް ނުވާނެ. ހަމަޖެހޭ ނިޒާމަކީ އެންމެން ގަބޫލުކުރާ އުޞޫލުތަކަށް ތަބާވެވޭނެ ގޮތްތައް، ސަރުކާރުން ޤާނޫނު ތަންފީޛުކުރާ ފަރާތްތަކުން ކަށަވަރުކޮށްދިނުން. އެކަން ކަށަވަރުކޮށްނުދެވޭ ކަމަށްވަންޏާ، ހަމަޖެހޭ ނިޒާމެއް އެތަނަކު ނޯންނާނެ. ޞުލްޙަ މަޞްލަޙަތެއް ނޯންނާނެ. ޤާނޫނުގެ އަމުރު މަޢުރޫފެއް ނުހިނގާނެ.
 
އެހެންވީމާ، މިހެން ހިނގައިދިޔަ ކަންތައްތަކާ ބެހޭގޮތުން ކީއްވެގެންތޯ، ދިވެހިރާއްޖެ ކަހަލަ ކުޑަކުޑަ ޤައުމެއް އަބަދުއަބަދު ދުނިޔޭގެ ސަމާލުކަމަށް މި އަންނަނީ؟ އަޅުގަނޑުމެން ކައިރީގައި މިހިރަ އަވަށްޓެރި ބޮޑެތި ބައެއް ޤައުމުތަކުގައި، ސިޔާސީގޮތުން ހިނގާފައި ހުރި ކަންތައްތަކުގައި، ކޯޓުން ޙުކުމްކޮށްގެން ސިޔާސީ މީހުން މަރާފައި ނެތްތޯ؟ މިއެއް ނާދޭ މި ޤައުމުތަކުގެ ސަމާލުކަމަކަށް. ދިވެހިރާއްޖެ، މިއޮތް ކުޑަކުޑަ ދިވެހިރާއްޖެ މި އަންނަނީ މިކަންކަމުގެ ސަމާލުކަމަށް. އެކަމަކު އަޅުގަނޑު ދަންނަވަން ބޭނުންވަނީ، މިއީ އަޅުގަނޑުމެން ބުނެކިޔައިގެން ހޯދައިގެން އުޅޭ ކަންކަމޭ. އެހެންވީމާ، މިކަންކަން ކުރީމަ، ދިވެހި ރައްޔިތުންނަކަށް އެއިން ލިބޭނީ ފައިދާއެއް ނޫން. މިކަންކަން ކުރީމަ، މިހާރު މިތާ ލިސްޓް ކުރެވިފައި މިހިރަ އެހީދޭ ޖަމްޢިއްޔާތަކުން، އެހީދޭ ޤައުމުތަކުން ދިވެހި ދައުލަތަށްދޭ އެހީ ކުޑަވެގެންދާނެ. އަދި އޭގެއިތުރަށް އެނޫން ހަރުކަށި ފިޔަވަޅުވެސް އެޅުމަކީ އެކަށީގެންވާ ކަމެއް. ބުނެކިޔައިގެން ހޯދާ ކޮންމެ ކަމެއްގެ ނަތީޖާ، އަޅުގަނޑުމެން ހޯދާނެ. ވޯޓަކީވެސް އަދި ޑިމޮކްރަސީއަކީވެސް އެމީހަކު އަހައިގެން ހޯދާ އެއްޗެއް. ޑިމޮކްރަސީއެއް އޮންނަން ޖެހުމަކީ އެއްގޮތަކަށްވެސް، އެއްގޮތަކަށްވެސް އިސްލާމްދީނުގައި ހުންނަ އުޞޫލުތަކާ ޚިލާފު ކަމެއްނޫން. އިސްލާމްދީނުގައި ހުންނަ އުޞޫލުތަކުގެ ތެރޭގައި، ޑިމޮކްރަސީ، ޚިޔާލުފާޅުކުރުމާ، މިކަންކަން މިހުންނަނީ، އެހެން މީހުންގެ ޙައްޤުތަކަށް އަރައިނުގަނެ. މުޅި ޤައުމެއްގެ ޙައްޤު، މުޅި ޤައުމެއްގެ ކަރާމާތް، ވަކިވަކި ނަފްސުން، ވަކިވަކި މީހުންގެ ޙައްޤުތަކަށްވުރެ ބޮޑުވާނެ، ވަރުގަދަވާނެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯ އެކަމަށް ފިކުރުކުރަނީ؟ މީގެ އުނދަގޫ އަޅުގަނޑުމެން އުފުލާނީ. އަޅުގަނޑުމެން ތަޙައްމަލް ކުރާނީ.
 
އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުގެ ޒަޢާމަތުގައި، އަޅުގަނޑަށް ގަބޫލުކުރެވޭ މިންވަރުން ރާއްޖޭގެ ކަންކަން، ރާއްޖޭގެ ދުސްތޫރުގައި ކަނޑައަޅުއްވާފައި ހުންނަ ނިޒާމުތަކުގެ ތެރެއިން ނިންމާ ނިންމުމާ ދޭތެރޭގައި، ބޭރުގެ ދައުލަތްތަކުން ފާޑުކިޔަސް، އަދި ބޭރުގެ މުޖުތަމަޢުތަކުން އެކަންކަމާ ދޭތެރޭގައި ފިޔަވަޅު އެޅިޔަސް، ހަމަ ޝުކުރުވެރިކަމާއެކީ އެކަން ބަލައިގެންފައި، ﷲ އަށް ޙަމްދުކުރުމާއެކީ، އަޅުގަނޑުމެން، އަޅުގަނޑުމެންގެ މިޞްރާބުގައި މަސައްކަތް ކުރިއަށްދާނީ. ހަމަ ޤާނޫނީ ވެރިކަމެއް ދިވެހިރާއްޖޭގައި އޮންނާނީ. ދުސްތޫރުގެ ބާރު ދިވެހިރާއްޖޭގެ ހުރިހާ ތަނެއްގައި ހިނގާނެ. ބޭރު ދައުލަތްތަކުން އަޅުގަނޑުމެންނާ ދޭތެރޭގައި މިކަހަލަ ފިޔަވަޅުތައް އަޅުއްވާއިރު، އަޅުގަނޑު ހަމަ މިއަދުވެސް އިޚްލާޞްތެރިކަމާއެކީ ގޮވާލަން ބޭނުންވަނީ، މިކަންކަން ކުރައްވާއިރު، ދިވެހިރާއްޖޭގައި ކަން ހިނގަމުން އަންނަގޮތާއި، ދިވެހިރާއްޖޭގެ ދުސްތޫރުގައި ކަނޑައަޅާފައި ހުރި މުއައްސަސާތަކުގެ މިނިވަންކަމާއި، އަދި އެ މުއައްސަސާތަކުން ނިންމާފައި ހުންނަ ކަންތައްތައް ނިންމުމުގައި، ދައުލަތުގެ ނޫނީ ދައުލަތް ހިންގަން ހުންނަ ރައީސެއްގެ ބާރު ކިހާވަރަކަށްތޯ ފޯރަނީ، ނޫނީ ފޯރާފައި އޮތީ، މިކަންކަމަށް ރިޢާޔަތް ކުރާށޭ. މިނޫން ގޮތަކަށް ނިންމަވާ ނިންމެވުންތަކަކީ، އަޅުގަނޑުމެންނަކަށް ބަލައިގަންނަން ފަސޭހަ ކަންކަމެއް ނޫން. އަޅުގަނޑުމެންނާ އެކަންކަން ބައްދަލުކުރި ނަމަވެސް، ބަލައިގަންނާކަށް ފަސޭހައެއް ނޫން.
 
އަޅުގަނޑުމެންގެ ތެރެއިން އެއްބަޔަކު ކުރާ މަސައްކަތުން މި މުޞީބާތްތައް އަޅުގަނޑުމެން ބަލައިގަންނާނަން. އެކަމަކު އަޅުގަނޑުގެ ޖަލްސާވެސް އުކުޅަހުގައި ކުރުކުރަން މިޖެހެނީވެސް އަޅުގަނޑު އެބަ އިންތިޒާރު ކުރަން، އަޅުގަނޑުމެންގެ މިކަންކަމުގެ ތެރޭގައި، މައްސަލަ ބަދަލުކޮށްލުމަށް ހިތްވަރު ދެއްވޭނެ ދެ ބޮޑުވަޒީރަކަށް ފޯނުން އަޅުގަނޑު ގުޅަން ބޭނުންވޭ، އެގާރަގަޑިބައިގެ ކުރިން. އެހެންވީމާ، އެ ސަބަބަށްޓަކައި އަޅުގަނޑު އުކުޅަހުގެ ބައްދަލުވުން މިކުޑަކޮށްލަނީ. އަޅުގަނޑުމެންނަށް މި އަންނަ މުޞީބާތުން ސަލާމަތްވުމަށް އަޅުގަނޑު ސަރުކާރުގައި ހުރިހާ ހިނދަކު، އަޅުގަނޑު ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނަން.
 
އެހެންވީމާ، ވަރަށް މަޢާފާއެކީ އުކުޅަހުގެ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، ތިޔަބޭފުޅުންނާއެކީ މިއަށްވުރެ ދިގު ވަގުތުކޮޅެއް އަޅުގަނޑަށް ނުލިބުނު ސަބަބު މިދަންނަވާލީ. އެކަމަކު އެޔާއެކީވެސް ދަންނަވާލަން ބޭނުންވޭ، އަޅުގަނޑަށް މިރަށުގެ މިހާ ކުޑަ ވަގުތުކޮޅެއް ހޭދަކޮށްލެވުނީމަ، އޭގެ ބަދަލެއްގެ ގޮތުގައި ހަމަ ވަރަށް ބިނާކުރަނިވި އީޖާބީ ކޮންސްޓްރަކްޓިވް މަސައްކަތްތަކެއް ކުރާ ރައްޔިތެއް އޮތް ރަށަކަށް އުކުޅަސްވާތީއާއެކީ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދެންމެ އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ، ކައުންސިލް މެންބަރަކު އަޅުގަނޑާ ވާހަކަ ދައްކަވަމުން އެ ގެންދެވީ. މިރަށަށް ދެން އެންމެ ދަތިވެފައި އޮތް ކަމަކީ، ނަރުދަމާގެ މަސައްކަތް. އަދި ނަރުދަމާގެ މަސައްކަތުގައި، މިރަށުގައި މި ފެނުގެ މަސައްކަތްވެސް ކުރެއްވި ސްޓެޓިކް ކުންފުނީގެ ފަރާތުން ކޮންމެވެސްކަހަލަ އިންޑިކޭޝަނެއް އެބަ ދެއްވާ، ޚަރަދުގެ ބޮޑުބައެއްގައި ހިއްޕަވާނެ ކަމަށް. ސާޅީހަކަށް ޕަސެންޓް ހިއްޕަވާނެ ކަމަށް. އެކަން ތިޔަބޭފުޅުން ކަށަވަރު ކުރައްވާ. އެކަން ތިޔަބޭފުޅުން ކަށަވަރު ކުރައްވާ ކަމަށްވަންޏާ، އުކުޅަހަށް އަޅުގަނޑު މިއަދު އަރުވާ ހަދިޔާއަކީ، މިއަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މިރަށުގެ ފެނުގެ ނަރުދަމާ، ބަޖެޓުގެ ތެރެއިން އަޅުގަނޑު ހަމަޖައްސައިދޭނަމޭ.
 
އުކުޅަހުގެ ރައްޔިތުންނާ އަޅުގަނޑު ވަކިވެލަން މަޖުބޫރުވަނީ، އަޅުގަނޑު މިދެންނެވި ކަހަލަ މަސައްކަތްތަކެއް އަޅުގަނޑު ކުރަން ހުރީމަ. އެހެންނަމަވެސް، އަޅުގަނޑު އެދެނީ، އުފާވެރި ދުވަސްތަކެއް. ރައްޔިތުންނަށް ތިޔާގި ދުވަސްތަކެއް. އަދި މިއާއެކީ އުކުޅަހުގެ ނަމޫނާއިން އަޅުގަނޑުމެން މުޅި ދިވެހިރާއްޖެއަށް ޢާންމުވެފައި އޮތް ތިޔާގިކަމާއި، މަޞްލަޙަތަށް ލޯބިކުރާ އަދި އިސްލާމްދީނާއި ރިވެތި އުޞޫލުތަކަށް ލޯބިކުރާ، ދިވެހިވަންތަ، ދިވެހި ސިފަތަކެއް ހުންނަ، ދިވެހި ރައްޔިތެއް ދިރިއުޅޭ ރީތި ޖަޒީރާ ޤައުމުތަކަށް މިތަންތަން ބަދަލުކޮށްލިއްޔާ، މިއީ ދުނިޔެމަތީގައި އޮތް ސުވަރުގެ ނޫން ގޮތަކަށް ހަމަ އެއްވެސް މީހަކު ސިފައެއް ނުކުރާނެ ދޮއެއްތޯ؟ އެހެންވީމާ، މިކަންކަން ހޯދުމަކީ އަޅުގަނޑުމެން އަތްމަތީގައި އޮތް ކަމެއް. ޚިޔާލުފާޅުކުރުމަކީ އޮތް ކަމެއް. މިނިވަންކަމަށް މަސައްކަތް ކުރުމަކީ އޮތް ކަމެއް. އެކަމަކު މިނިވަންކަމުގެ ޙުދޫދުން ބޭރުން މަސައްކަތް ކުރާ މީހުންނަށް އަދަބަކީވެސް އެމީހުންނާ ބައްދަލުކުރާނެ ކަމެއް. އެކަން ކަށަވަރު ކުރައްވާ. ވަރަށް ބޮޑަށް ޝުކުރިއްޔާ!
 
   والسّلام عليــكم ورحـمــة اللّـه وبـركاتـه.