بســم اللّـه الرّحمـن الرّحيــم
      
          اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
   މަހިބަދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަޅުގަނޑާއެކީ މި އުފާވެރި މުނާސަބަތުގައި ބައިވެރިވެވަޑައިގަންނަވަން ދަތުރުކުރެއްވި އެންމެހައި ޢިއްޒަތްތެރިން. ދުރާއި ގާތުން މި ޖަލްސާގެ ކަންތައްތައް ބައްލަވަމުން، އައްސަވަމުން ގެންދަވާ އެންމެހައި ލޮބުވެތި ދިވެހި ރައްޔިތުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ، އަޅުގަނޑު ފަށަމުން މަހިބަދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަޅުގަނޑު މިރަށަށް އައުމުން، ތިޔަބޭފުޅުން ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި އަދި އަޅުގަނޑުގެ ޓީމަށް ތިޔަ ދެއްވާ ޚާއްޞަ މެހްމާންދާރީއަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކީ ރަށުގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
 
އާދެ، ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، އުފާވެރި ކަންތައްތަކެއް ރައްޔިތުންނާ ހަމައަށް ގެނެސްދޭން ކުރާ މަސައްކަތްތަކެއް. އަޅުގަނޑުމެން ކުރާ މިދަތުރަކީ، އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި ޝައްކާއި ވަހުމް އުފައްދަން ކުރާ ދަތުރެއް ނޫން. އަޅުގަނޑުމެން މިކުރާ ދަތުރަކީ، ރައްޔިތުންނާ ހަމައަށް އުފާވެރިކަން ޙާޞިލުކޮށްދިނުމަށް، ގެނެސްދިނުމަށް ކުރާ މަސައްކަތް. އަތޮޅުތެރޭގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ، ކޮންމެ ރަށަކަށްވެސް ނަރުދަމާއާއި ފެނުގެ މުހިންމުކަން އޮންނަ މިންވަރު. ވޭތުވެދިޔަ ދިގު ޒަމާންތަކުގައި ރާއްޖޭގެ އެކި ހިސާބުގައި މިދެންނެވި ކަހަލަ އަސާސީ ޚިދުމަތްތައް، އެކިމިންވަރަށް ސަރުކާރުތަކުން ވަނީ ގެންގޮސްދެއްވާފައި. އެހެންނަމަވެސް، ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، އަޅުގަނޑުމެންގެ އާބާދީ ބެހިފައި މި އޮންނަ ދުރު ހިސާބަށް ބަލާފައި، އެކި ރަށްރަށުގެ މައްޗަށް ބެހިފައި އޮންނާތީއާއެކީ، އެއްވެސް ސަރުކާރަކަށް މިހުރިހާ ކަމެއް ކުރުމަކީ ފަސޭހަ ކަމަކަށްނުވޭ. އަދި ޚާއްޞަގޮތެއްގައި، މިދިޔަ ހަތަރު ފަސް އަހަރެއްގެ ތެރޭގައި، ރާއްޖޭގައި މިކަހަލަ ޢުމްރާނީ ތަރައްޤީއާއި، އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި، ސަރުކާރުތަކުން ނޫނިއްޔާ ސަރުކާރުން އެހާބޮޑު މަސައްކަތެއް، ދިމާވި ތަފާތު ސަބަބުތަކާ ހެދިނަމަވެސް، ކޮށްދެވިފައި އޮތް ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ. އެހެން މިދަންނަވާ ސަބަބަކީ، އަޅުގަނޑުމެންގެ ސަރުކާރު ރައްޔިތުންނަށް ޚިދުމަތް ކުރުމަށް، ރައްޔިތުންނާ ހަމައަށް އައުމާއެކީގައި، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ކުރީގައި ސަރުކާރުތަކުން ޤާއިމުކޮށްފައި ހުރި އެކިއެކި ވަސީލަތްތައް، ހޮސްޕިޓަލް ކަމަށްވިޔަސް، ޞިއްޙީ މަރްކަޒެއް ކަމަށްވިޔަސް، މަދަރުސާއެއް ކަމުގައިވީނަމަވެސް، މިއިން ކޮންމެ ތަނެއް އާބާތުރަ ފިލުވުމާއި، އަދި އެތަންތަން، އަލުން ބިނާކުރަންޖެހޭ ތަންތަން ބިނާކުރުމާ، މިކަހަލަ ތަފާތު މަސައްކަތްތަކެއް ކުރަމުން މިގެންދަނީ.
 
މިކަހަލަ ކަންތައްތަކެއް ކުރުމާއެކީ ނޫނިއްޔާ، އަޅުގަނޑުމެންނަކަށް އެއްވެސް އާ މަޝްރޫޢަކައިގެން ކުރިއަށްދެވޭވަރުގެ ހަކަތަވެސް އަޅުގަނޑުމެންގެ އިޤްތިޞާދުގައި ނެތީ. ސަރުކާރެއް ނިމިގެން، އެހެން ސަރުކާރަކާއި ދައުލަތެއް ހަވާލުކުރާއިރު އެންމެ އެދޭ ކަމަކީ ޚަޒާނާގައި ކޮންމެވެސް މިންވަރެއްގެ ފައިސާ ހުރުމާއި، އަދި ވަސީލަތްތަކާއެކީ ދެން އަންނަ ބަޔަކާ، ރައްޔިތުންގެ މި ވަރުގަދަ ޒިންމާ ހަވާލުކުރުން. އެހެންނަމަވެސް، އޮޑިޓް ރިޕޯޓްތަކުން ބަލައި ހެދުމުން އަޅުގަނޑުމެންނަށް އެހެރީ ކަންތައްތައް ފެންނަން. އެހެންވީމާ، ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިކުރާ މަސައްކަތް ކުރުމުގައި، މިކުރެވެނީ ތަރައްޤީގެ ވަރަށް ތަފާތު މަސައްކަތްތަކެކޭ. ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލައިގެން ކުރާ މަސައްކަތްތަކެއް. އެއްވެސް ގޮތެއްގައި އަޅުގަނޑު ދަންނަވާކަށްނެތިން، އަޅުގަނޑުމެން ސަރުކާރުން ކުރާ ހުރިހާ މަސައްކަތަކީ، އެންމެ ފުރިހަމައަށް ކުރެވޭ މަސައްކަތެކޭ. އެކަމަކު އެޔާއެކީވެސް އަވަސްވެގަންނަން ތިޔަބޭފުޅުންނަށް ދަންނަވަން. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، އަޅުގަނޑާއި އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، އަދި ކުންފުނިތަކުގެ ހުރިހާ އިސް މުވައްޒަފުންގެ ޓީމްތަކުން މިކުރައްވާ މަސައްކަތަކީ، ރައްޔިތުންނަށް އަވަސްކަމާއެކީ މިދެންނެވި ކަހަލަ ޚިދުމަތްތައް ފޯރުކޮށްދޭން ކުރާ މަސައްކަތް.
 
އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، ރާއްޖޭގެ އެކި ހިސާބުގައި މިކުރެވޭ މަސައްކަތަށް ބަލާކަމަށްވަންޏާ، މިހޭދަކުރި ކުރު ދެ އަހަރުގެ މުއްދަތުގެ ތެރޭގައި އަޅުގަނޑުމެންނަށް ކަންކަން ކުރެވިފައި ހުރި މިންވަރާ ދޭތެރޭގައި ވިސްނަވައިލައްވައިފި ކަމަށްވަންޏާ، އަޅުގަނޑު މި ދައްކާ ވާހަކަ ހެއްކަކަށް ފުދިގެންދާނެ.
 
މަހިބަދުއަށް މިއަދު މިއައީ މިކަހަލަ އުފާވެރި ކަމެއް ފަށްޓައިދިނުމަށްޓަކައި. މަހިބަދޫގެ ރައްޔިތުން ފެނުގެ އިންތިޒާރުގައި، ސާފު ބޯފެނުގެ އިންތިޒާރުގައި ތިބޭތާ ލައްކަ ޒަމާންވެއްޖެ. މިއީކީ މަހިބަދުއަށް އެކަނި ޚާއްޞަ ކަމެއްވެސް ނޫން. އެހެންނަމަވެސް، ކޮންމެ ރަށެއްގައި މިކަހަލަ ކަމެއް ކުރެވިގެންދާއިރު، އެ ރަށެއްގެ ރައްޔިތުން އުފާވެރިކަމާއެކީ މި ޚިދުމަތް ބަލައިގަންނާނެ. އަޅުގަނޑަށް ލިބޭ އުފަލަކީ، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް އައިސް، ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް، ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގައި ސަރުކާރުގެ ދައުރެއް އޮންނާތީ، އެކަމުގައި ރައްޔިތުންގެ އުފަލުގައި ބައިވެރިވުމަށް ލިބޭ އުފާ އެއީ އަޅުގަނޑު އެންމެ އުފަލާއެކީ ފާހަގަކުރާ ކަމަކީ.
 
އެއާއެކީ ދަންނަވާލަން ބޭނުންވޭ، މަހިބަދުއަކީ މަހިބަދޫގައި ދިރިއުޅޭ، މަހިބަދޫގެ ރައްޔިތުންގެ އިތުރަށް، މަހިބަދޫގައި ދިރިއުޅޭ މީހުންނާއެކީ، ގާތްގަނޑަކަށް 2800، 2500 ވަރަކަށް މީހުންގެ އާބާދީއެއް އޮތް ރަށެއް. މަހިބަދުއަށް ބޭނުންވާ މިދެންނެވި ކަހަލަ ވަރަށްގިނަ ޚިދުމަތްތައް މިހާރުވަނީ އިރާދަކުރެއްވިއްޔާ ޤާއިމްކުރެވިފައި. އަދި މަހިބަދުއަށް ބޭނުންވާ ޚިދުމަތްތައް މިވަނީ ފެށްޓުމާ ދާދި ކައިރީގައި. މަހިބަދުއަށް ދެން ބޭނުންވެފައި ހުރި ކަންތައްތަކުގެ ތެރޭގައި، އަޅުގަނޑަށް ހަމަ ދޭތެރެދޭތެރެއިން ދާއިރާގެ ޢިއްޒަތްތެރި މެންބަރު ހަނދާންކޮށްދެއްވާނެ. އެކޮށްދެއްވާ ހަނދާންކޮށްދެއްވުމުގެ މައްޗަށްވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، މަހިބަދޫގައި ދެން މިހާރު އެންމެ އިސްކަމެއްދޭ އެއްކަމަކަށް މިއޮތީ މަގުހެދުމުގެ މަޝްރޫޢޭ. މަގުހެދުމަށް ބޭނުންވާ މަސައްކަތް މިހާރު އެވަނީ މޮބިލައިޒް ކުރުމުގެ މަގުމަތީގައި. ކުނި ނައްތާލުމުގެ ނިޒާމް، މިއީވެސް ހަމަ ކޮންމެ ރަށަކަށް ބޭނުންވާ ކަމެއް. މަހިބަދޫގައި މިވަނީ މިހާރު ދެންމެ ޔޫ.އެން ގެ ރެޒިޑެންޓް ކޯޑިނޭޓަރ ޝޯކޯ ނޯޑާ ވިދާޅުވި ފަދައިން، ދިވެހިރާއްޖެއަށް ދިމާވެފައި ހުރި މައްސަލަތަކަށް ބޭނުންވަނީ، އޭނަގެ ކޯޓެއް ނަގާކަމަށްވަންޏާ، މޯލްޑިވިއަން ސޮލިއުޝަން. އަޅުގަނޑުމެންގެ އުފެއްދުން، އަޅުގަނޑުމެން ޙައްލު ހޯދާނެ ގޮތްތަކެއް އަޅުގަނޑުމެން އޭގެތެރެއިން ނެރެންޖެހޭ. މަހިބަދޫގައި މިހާރު އެހެރަ އިންސިނިރޭޓަރަކީ، ރާއްޖޭގައި އުފައްދާފައި ހުރި އިންސިނިރޭޓަރެއް. ކުނި އެންދުމަށްޓަކައި ރާއްޖޭގައި އުފައްދާފައި ހުރި އިންސިނިރޭޓަރެއް. މި އިންސިނިރޭޓަރުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފެށިގެން މަހިބަދޫގެ ކުނީގެ ނިޒާމުގެ މައްސަލައަށްވެސް ޙައްލެއް އަންނާނެ.
 
ކުނީގެ ނިޒާމަށް ބަލާކަމަށްވަންޏާ، މަހިބަދޫގައި މިކުރެވޭ މަސައްކަތަކީ، ރާއްޖޭގައި މިހާރު ރޭވިފައި ހުރި މަޝްރޫޢުތަކަށް، ހަމައެކަނި ކުނި ނައްތާލުމުގެ މަޝްރޫޢުތަކަށް ބަލާކަމަށްވަންޏާ، އޭގެ ޒާތުގައި ވަރަށް ކުޑަކުޑަ މަޝްރޫއެއް. ހިތްޕުޅަށް ގެންނަވާ! ބޮޑެތި އާބާދީތައް. ސ. އަތޮޅު، ފުވައްމުލައް، ގދ.ގެ ރަށްރަށް. އުތުރުގެ ކުޅުދުއްފުށި ކަހަލަ ބޮޑެތި ރަށްރަށަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެން މިއަހަރާއި މިއަންނަ އަހަރުގެ ތެރޭގައި، މިސަރަޙައްދުގެ އަދި އާބާދީ ބޮޑެތި އަތޮޅުތަކަށް ބަލާކަމަށްވަންޏާ، ރ. އަތޮޅު މީގެތެރޭގައި ހިމެނިގެންދޭ. މިހުރިހާ ތަނެއްގެ ކުނި އެއްކުރުމާއި، ކުނި ނައްތާލުމުގެ ނިޒާމު ހިމެނޭ. އަދި މީގެއިތުރުން، މުޅި މާލެއަށް މިއޮތް ހުރިހާ ޒަމާނުގައި އަޅުގަނޑުމެން އެންމެން އުފުލަން ޖެހިފައި އޮތް ތަކުލީފެއް ކަމުގައި ވަނީ މާލޭގެ ކުނިގޮނޑު ގިނަވުމާއެކީ، މެއްސާއި އަދި އެހެންވެސް މިކަހަލަ ސޫފީގެ އުނދަގޫވެގެން އެބަހުރި މާލޭގައި އެކި ދުވަސްވަރު މަދަރުސާތައް ބަންދުކޮށްފައި. ވަހާއި، މެއްސާ މިކަހަލަ ކަންތައްތަކުގެ އުނދަގުލާހެދި. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އަނެއްކާވެސް މިކަމަށްވެސް ހަމަ މޯލްޑިވިއަން ސޮލިއުޝަނެއް އަޅުގަނޑުމެން ހޯދާނަން. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، މާލޭގައި އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ގާތްގަނޑަކަށް 400 ހެކްޓަރ، 400 އަކަމީޓަރުގެ ބިމެއް ހިއްކައިގެން މި މަސައްކަތުގެ ޚިދުމަތްދޭން. މާލެއިން ބޭރުގައި، މާލޭގެ ކުނި ނައްތާލުމުގެ ނިޒާމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން. އިރާދަކުރެއްވިއްޔާ ރަށުތެރެއަކަށް ދިމާވާނެ މީގެ އެއްވެސް ދައްޗެއް ނޯންނާނެ. އަދި ނުސިޔާނު ކަންތައްތަކުގައި އުޅުއްވާ ބޭފުޅުން ދޭތެރެދޭތެރެއިން ބޮޑެތި ޖަލްސާތައް އަޅުގަނޑުމެން ކުރާއިރު، އެ ކުނިގޮނޑުގައި ރޯކުރުމުގެ އުނދަގުލުންވެސް ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑުމެން ސަލާމަތްވެގެންދާނެ. ދެން ކުނިގޮނޑު އަނދާތަން ފެންނާތީ، މާލެއާ ތަންކޮޅެއް ދުރުގައި. އެހެންނަމަވެސް، މިއީ އަޅުގަނޑުމެން އަބަދުއަބަދު ކުރިމަތިލާ ކަންކަން.
 
އަޅުގަނޑުމެން މި މަސައްކަތްތައް މިކުރަނީ، ތަރައްޤީއަކީ ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ކަންތައް ކަމަށް ގަބޫލުކޮށްގެން. އަޅުގަނޑުމެން ގަބޫލުކުރަނީ، އަޅުގަނޑުމެންގެ ރާއްޖޭގައި ހުރި އުނި ކަންތައްތައް، ރާއްޖޭގެ އިސް މަސްއޫލިއްޔަތު އުފުލާފައި ތިބި މީހުން ބޭރުގައި ހާމަކުރާ ފަދައިން، ދޮގު މަޢުލޫމާތު ހާމަކުރުމަކީ، އެއަކުން ރާއްޖެއަށް ލިބޭނެ ފައިދާއެއް އޮތް ކަމަކަށް އަޅުގަނޑުމެން ގަބޫލެއްނުކުރަމު. ރާއްޖެއަކީ އެއްވެސް ގޮތެއްގައި، އެއްވެސް ގޮތެއްގައި ފަރަންސޭސި އިންޤިލާބުގެ ތެރެއިން އުފެދިފައި އޮތް ކަހަލަ މުޖުތަމަޢެއް އޮތް ތަނެއް ނޫން. ރާއްޖެއަކީ އެއްވަނަ ދުނިޔޭގެ ތަހުޒީބު އެތައް އަހަރެއް ވަންދެން އިޙްސާސް ކުރަމުން އަންނަ ޤައުމެއް ނޫން. ރާއްޖެއަކީ ދާދި އިހަކަށްދުވަހަކު، 2008 ވަނަ އަހަރު، ވަރަށް ތަހުޒީބީ، ވަރަށް މިޒަމާނުގެ  ރޫލް ބޭސްޑް ޤާނޫނުއަސާސީއެއް އަޅުގަނޑުމެން ބަލައިގަނެ، އަޅުގަނޑުމެން ލިބިގަނެ، އޭގެ ޒާތުގައި ޑިމޮކްރަސީގެ ނިޒާމުގެ އުޞޫލުތަކާއި، ފަންނުވެރިކަމާއި، ވައްޓަފާޅިއަށް ބަލާކަމަށްވަންޏާ ވަރަށްފަހުން ބަލައިގެން ޤައުމެއް. އެ ނިޒާމު އަޅުގަނޑުމެން ގަބޫލުކޮށްފައި، އަދި އެ ޤާނޫނުއަސާސީ އަޅުގަނޑުމެން ލިބިގެންއިރު، އެ ޤާނޫނުއަސާސީގައި މިއަދު ހުރި މައްސަލަތައް އެންމެ އަޑުހަރުކޮށް ބޭރު ދުނިޔޭގައި ފަތުރުއްވަމުން ގެންދަވާ ބޭފުޅަކު އޭރު ވިދާޅުވި، ރައްޔިތުންނަށް ބޭނުންވާ މިނިވަންކަން ޤާނޫނުއަސާސީން ލިބުމުން، ތިމަންނަމެން މި ހޯދީ އިންޤިލާބެއްގެ ތެރެއިންނޭ. މިއީ، ހަމަ ކޯޓް، އަންކޯޓް ފެންނަންހުރި ކަންތައްތައް. ވީޑިއޯ ފުޓެޖް މީގެތެރޭގައި އަޅުގަނޑުމެންނަށް ފެންނަން މިހިރީ. އެހެންވީމާ، އެވަރުގެ ޤާނޫނުއަސާސީއެއް އަޅުގަނޑުމެން ބަލައިގަތީ ދާދި އިހަކަށްދުވަހުގެ ތެރޭގައި.
 
 ދެން އަޅުގަނޑުމެން މިދައްކަނީ ރާއްޖޭގައި ނިޒާމުގައި ހުރި އުނި ކަންކަމުގެ ވާހަކަ. އަޅުގަނޑު އެއްވެސް ގޮތަކަށް މި ދައްކަނީ، ރާއްޖޭގައި ހުރި ކަންތައްތަކުގެ ދިފާޢުގައި ދައްކާ ވާހަކައެއް ނޫން. އެކަމަކު އަޅުގަނޑު އުފަލާއި ފަޚްރުވެރިކަމާއެކީ ފާހަގަކުރަނީ، ދިވެހިރާއްޖޭގައި ކިޔަވައިގެން ނުކުންނަ ކުދިން އެބަ ބުނެއޭ، ބޭރުގެ ޔުނިވަރސިޓީން ކިޔަވާ ކުދިންނަށް ގޮންޖަހާލާފައި މަތީ ޝަރަފްވެރި މަޤާމުތައް ހޯދައިދޭނަމޭ. ނަތީޖާ ހޯދައިދޭނަމޭ. އަދި އިނގިރޭސި ބަސް ކަހަލަ އަޅުގަނޑުމެންގެ މާދަރީ ބަސްނޫން ބަސްބަހުން ކިޔަވައިގެން، ހަމަ ބޭރުގެ މާދަރީ ބަސް، އެ ބަހަކަށް އަހުލުވެރި ކުދިންނަށްވުރެ މަތީ ފާސް ހޯދާ ކުދިން ދިވެހި ރައްޔިތުންގެ ތެރޭގައި އެބަތިއްބޭ. މިއަހަރުގެ އޯ ލެވެލްއާއި އެޑެކްސެލްގެ ނަތީޖާއަށް ބެއްލެވި ނަމަވެސް، އެކަން ހަމަ ވަރަށް ސާފުކޮށް އެނގޭނެ.
 
އަޅުގަނޑުމެންގެ ރާއްޖޭގައި ހުރި ދަތި ކަންތައްތައް އަޅުގަނޑުމެން ޙައްލުކުރަން މިކުރާ މަސައްކަތުގައި ޙައްލުތަކެއް ފެންނަ ތަން އަޅުގަނޑުމެންނަށް އެބަ ފެނޭ. އެހެންވީމާ، އުފަލާއެކީ، ފަޚްރުވެރިކަމާއެކީ ދިވެހި ރައްޔިތަކަށްވީތީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ރާއްޖޭގައި އުނި ކަންތައްތައް ހުއްޓެއްކަމަކު، ރާއްޖޭގައި ފަޚްރުވެރިވާންޖެހޭ ކިތަންމެ ބައިވަރު ކަންތައްތަކެއް އެބަހުއްޓޭ. އެހެންވީމާ، އެ ކަންތައްތަކުގެ ވާހަކަ އަޅުގަނޑުމެން ދައްކާފައި، އެ ފަޚްރާއެކީ އަޅުގަނޑުމެން ކުރިއަށްދާން މިޞްރާބު ޖެހިއްޔާ، އަޅުގަނޑު ހިތުން ހަމަގައިމުވެސް ދިވެހިރާއްޖޭގެ ޤައުމީ ނައު ދަތުރުކުރާނީ، ރަނގަޅު އަމާން މިޞްރާބަކަށް.
 
ދެންމެ ޠާރިޤު އިބްރާހީމް ވަރަށް އިޚްލާޞްތެރިކަމާއެކީ ވަރަށް ހެޔޮބަސްފުޅުތަކެއް އަޅުގަނޑަށް ވިދާޅުވެދެއްވި. އެ މަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި މިކަހަލަ މަޝްރޫޢުތަކުގައި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދެއްވުމުގައި، މަނިކުފާނުގެ މުރާލިކަމާއެކީ ތިޔަކޮށްދެއްވާ މަސައްކަތްތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އެއާއެކީ މި ނިޒާމް ނިމިގެން ދިޔައީމަ، މި ނިޒާމާ ހަވާލުވެވަޑައިގަންނަވަނީ ސްޓެލްކޯގެ ފަރާތުން. ވަރަށް އެކަށީގެންވާ ގޮތެއްގައި މި ނިޒާމް ބަލަހައްޓަވައި ދެއްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަޅުގަނޑަށް ދެންމެ ލިބިގެން އެދިޔަ ކުލައަކީވެސް އަޅުގަނޑުގެ ސަރުކާރުގެ ޙަޔާތުގައި ކޮންމެވެސް އެއް ޒަމާނެއްގައި ސްޓެލްކޯއާ ގުޅިގެން ދިޔައިރު، ވަރަށް އަޑުމަޑުކޮށް ދިޔައީ، އެއްވެސް ކަހަލަ މައިކެއްނެތި، ޝުކޫރު ވަރަށްގިނަ ވާހަކަފުޅު ދެއްކެވި. އޭގެތެރޭގައި އަޅުގަނޑު ދަންނަވާލާނަން. އޭގެތެރޭގައި، ސްޓެލްކޯއާ އަޅުގަނޑު ގުޅިގެން ކުރި މަސައްކަތުގެ ތެރޭގައި، ސްޓެލްކޯގައި އެ ކޮށްދިން ޚިދުމަތުގެ މުއްދަތު އަޅުގަނޑު ހަނދާންވާ ގޮތުންވިއްޔާ، 14 އަހަރާއި އެތައް މަހެއްގެ ޚިދުމަތުގައި ސްޓެލްކޯއަށް ލިބިފައި އޮތް ކުރިއެރުމާއެކީ، އެމަނިކުފާނު އެޕްރިޝިއޭޓް ކުރައްވާފައި އަޅުގަނޑަށް މި ޝުކުރު އަދާކުރެއްވީ. ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިކަހަލަ އަގުބޮޑު ނިޒާމުތައް އަޅުގަނޑުމެން ރަށްރަށުގައި ޤާއިމްކުރީމަ، މީގެ ނިޒާމެއް ނެތީމަ އަޅުގަނޑުމެން ތަޙައްމަލްކުރާ ދައްޗާ، އެކަންކަން އަޅުގަނޑުމެންނަށް އިޙްސާސް ކުރެވޭއިރު، އަޅުގަނޑު ނޭދެމޭ އެއްވެސް ގޮތަކަށް، މިކަހަލަ ނިޒާމްތައް ރަށްރަށަށް އައީމަ، މިކަންކަން ވެންޑަލައިޒް ކުރާކަށެއް. މިތަންތަން ހަލާކުކުރާކަށެއް އަޅުގަނޑު ނޭދެމޭ.
 
ގދ. ތިނަދޫ، މިދިޔަ ހަފްތާގެ ތެރޭގައި، އަޅުގަނޑުމެން ތިނަދޫގައި ހަމަ އުފާވެރި 3 ރަސްމިއްޔާތެއް ނިންމާފައި، 3 މަޝްރޫޢެއް ނިންމާފައި އަޅުގަނޑުމެން އައީ. މުޅި ރަށް އެދަނީ ތަރައްޤީގެ މަގުގައި. މުޅި ރަށް އެއޮތީ އެއް އަންބާއެއް، އެއް އަޑަކުން އެ ކިޔަނީ. މުޅި ރަށުގައި އެއޮތީ ތަރައްޤީގެ މަޝްރޫޢުތައް. އެކަމަކު ހިތްދަތިކަމާއެކީގައި އޭގެ ކުރީގެ ހަފްތާއެއްގައި ފާހަގަކުރަމުންދިޔައީ، އެތައް ޚަރަދެއް ކޮށްގެން ތިނަދޫގައި ހަދާފައި ހުރި އިންޖީނުގެއާއި، މުޅި ރަށުގެ އިންޖީނުން ކަރަންޓްގެ އުފާ، ނޫނީ ކަރަންޓުން އެ ލިބޭ ފަސޭހަކަން، ހަތަރު ފަސްދުވަހަށް މުޅި ރައްޔިތުންނަށް ބީވެގެންދިޔައީ. ޝައްކެއްވެސްނެތްގޮތުގައި، ސަރުކާރަށް ވިއްސަކަށް، ފަންސަވީސް މިލިއަން ރުފިޔާގެ ޚަރަދު. އަދި އެކަމަކު އެއަށްވުރެ ބޮޑަށް މީގެ ގެއްލުން ވަނީ ޙަޤީޤަތުގައި ޢާންމު ރައްޔިތުންނަށް ދޮއެއްތޯ؟ ތިނަދޫގެ ލޮބުވެތި ރައްޔިތުންނަށް ގެއްލުންވަނީ. އަޅުގަނޑު ނުބުނަން ފަހަރެއްގައިވެސް އެއީކީ އެއްގޮތަކަށްވެސް މީހަކު ގަސްދުގައި ކޮށްފައި އޮތް ކަމެކޭ. އެހެންނަމަވެސް، މިހާރު މި އިވެނީ އެކަންކަމާ ގުޅިގެން ތަޙުޤީޤަށް ބަޔަކު ބަންދުކުރެވޭ ވާހަކަ. އެހެންވީމާ، އެއްގޮތަކަށްވެސް އަޅުގަނޑު އެދޭކަމެއް ނޫން، އަޅުގަނޑު ގަބޫލުކުރާނެއް ކަމެއްވެސް ނޫން، މިކަހަލަ ނިޒާމަކުން މުޅި ރަށުގެ ރައްޔިތުންނަށް ފައިދާހުރި ކަންތައްތައް، ސަރުކާރަކުން އަދި ސަރުކާރާ ބައިވެރިވާ ތަރައްޤީގެ ޕާޓްނަރެއްގެ ގޮތަށް މިހާރު އަޅުގަނޑުމެންނަށް، މާދަމާ 50 އަހަރު ފުރިގެންދާއިރު، މިޒް ޝޯކޯ ނޯޑާގެ ވާހަކައިގައި އެ ފާހަގަކުރެއްވި ގޮތަށް ޔޫ.އެން.ޑީ.ޕީ އަކީ ދިވެހިރާއްޖޭގެ ތާރީޚުގައި، އަޅުގަނޑުމެންގެ ތަރައްޤީގެ މަސައްކަތުގައި، އެންމެ ކުރިއްސުރެ އަޅުގަނޑުމެންނާއެކީ މަސައްކަތްކުރާ މުއައްސަސާ. އެކަމަށްޓަކައި އެކަމަނާއަށް އަދި ޔޫ.އެން.ޑީ.ޕީ އަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަމުންވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއީ ހަމައެކަނި ދިވެހި ރައްޔިތުންގެ ފައިސާއެއްވެސް ނޫނޭ. މިއީ، ބޭރުގެ ދައުލަތްތަކަށް ސަބްސްކްރައިބް ކުރެވިފައި ހުންނަ އ.ދ. ކަހަލަ މުއައްސަސާތަކުން އަޅުގަނޑުމެންނަށް ލިބޭ އެހީއާއެކީ އަޅުގަނޑުމެންނަށް ޤާއިމްކުރެވިގެންދާ މަޝްރޫޢުތައް.
 
މިރަށުގެ މި ފެނުގެ ނިޒާމް، ވޯޓަރ މެނެޖްމަންޓް ނިޒާމެއް އައިސްގެންދާއިރު، މިއީ ޔުނައިޓެޑް ނޭޝަންސްގެ ނޫނީ ޔޫ.އެން.ޑީ.ޕީ.ގެ ނޫނީ ޔޫ.އެން.އެފް.ސީ.ސީ ގެ އެޑެޕްޓޭޝަން ފަންޑުގެ ތެރެއިން ހިނގާ މަޝްރޫޢެއްކަން އަޅުގަނޑުމެން ފާހަގަކުރިން ސަރުކާރާއެކީ. އެހެންވީމާ، އަޅުގަނޑުމެންނަށް ކަންތައްތައް ކޮށްދޭން ތިބޭ މީހުންނަށް އަޅުގަނޑުމެން ދައްކާ މިސާލާ ދޭތެރޭގައި އަޅުގަނޑުމެން ޚިޔާލުކުރަންވާނެ. އަދި ފަރުދީގޮތުން މިކުރެވޭ ކަންކަމުން މުޅި މުޖުތަމަޢު އުފުލަންޖެހޭ ބޮޑެތި ތަކުލީފާއި، މުޅި މުޖުތަމަޢު އުފުލަންޖެހޭ ބަދުނާމު، މިކަންކަމާ ދޭތެރޭގައި ރައްޔިތުން ވިސްނަންޖެހޭނެ. މިކަހަލަ މަޝްރޫޢުތަކަށް އަޅުގަނޑުމެންނަށް ފައިސާ ލިބިގެން މިދަނީ، މި މަޝްރޫއުތައް ސަރުކާރުން ހިންގުމުގައި އަވަސްކަމާއެކީ، ހަލުއިކަމާއެކީ ހިންގައިދޭތީ. އަޅުގަނޑުމެންނަކީ މީގެކުރިންވެސް ތިމާވެށްޓާ ރައްޓެހި އެތަކެއް މަޝްރޫޢު ހިންގާފައި އޮތް ޤައުމެއް. އަދި މިހާރު މިގެންދަނީ ތިމާވެށްޓާ ރައްޓެހި ތަފާތު އެކި މަޝްރޫޢުތައް ހިންގަމުން. ތިމާވެށީގެ ވަރަށްގިނަ ކަންތައްތައް ކުރެވެމުން މިދަނީ. ވޯޓަރ މެނޭޖްމަންޓް ސިސްޓަމެއް މިހާރު ޤާއިމުކުރެވޭއިރު ހަމައެކަނި ހަކަތަ އުފައްދަނީކީ ޑީސަލަކުންނެއް ނޫން. މިތަނުގައިވެސް ހަކަތަ އުފެއްދުމުގައި 33 ކިލޯ ވޯޓްގެ، އަޅުގަނޑުމެންނަށް މި ފެންނަނީ ސޯލަރ ޕެނަލްގެ ތެރެއިން ހަކަތަ އުފައްދާ ތަން. އަދި މިއީ ހަމައެކަނި ކަނޑުގެ ލޮނުގަނޑުން ސާފު ފެން އުފައްދަނީކީވެސް ނޫން. އިންޓަރގްރޭޓަޑް ސިސްޓަމެއްގެ ތެރެއިން މި އަންނަނީ. އެހެންވީމާ، ތިމާވެށްޓާ ރައްޓެހި ގުޅުންހުރި ތަފާތު މިކަހަލަ ކަންތައްތައް ކުރާތީ، ތިމާވެށްޓަށް އެހީދޭ ދުނިޔޭގެ އެތައް ބައިވަރު ޖަމްޢިއްޔާތަކަކާއި، ދޭދޭ ޤައުމުތައް އެބަހުރި، ޚާއްޞަކޮށް، އެއްވަނަ ދުނިޔޭގެ ޤައުމުތައް. މި އެހީ ހޯދާފައި، މި އެހީ އަޅުގަނޑުމެން އެޕްރިޝިއޭޓް ނުކުރާކަން އަޅުގަނޑުމެންނަށް ދައްކައިދެވެނީ، އޭގެ ދެ ދުވަސްފަހުން، ނޫނީ ދެ އަހަރު ފަހުން ނިޒާމް ހަލާކުކޮށްލީމަ.
 
މިތަނުގައި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި އެތައް މެންބަރުންނެއް އެބަ ތިއްބެވި. އަޅުގަނޑުމެންގެ ތެރޭގައި މިހާރު އޮންނާނީ އަޅުގަނޑު ހަނދާންވާ ގޮތުގައި ވެއްޖިއްޔާ، މިކަހަލަ ކަންކަމުގެ ތެރޭގައި، ސަރުކާރުގައި އޭރު އަޅުގަނޑު އުޅުނުއިރު، 1990ގެ މެދުތެރޭގެ އަހަރުތެރޭގައި އޮންނާނެ، ޢާންމު ޚިދުމަތްތައް ދިނުމާ ބެހޭގޮތުން ހަދާފައި އޮންނަ ޤާނޫނެއް. އެ ޤާނޫނުގައި ކޮންމެވެސްވަރަކަށް އޮންނާނެ، މިދޭ ޚިދުމަތްތައް، ނޫނީ ޚިދުމަތް ދިނުމަށް އުފައްދާފައި ހުންނަ ވިއުގަތައް ހަލާކުކުރީމަ، ދެވޭނެ އަދަބަކާ ބެހޭގޮތުންވެސް ވާހަކަ ދައްކާފައި. އެކަމަކު މިއަދުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، މުޅި ރާއްޖޭގައި ނެތި ގެއްލިގެންދާ ނިޒާމުތަކެއް އިޢާދަކުރުމަށް ކުރާ މަސައްކަތްތަކެކޭ. އެ މަސައްކަތްތަކުގެ ތެރޭގައި، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ތިއްބެވީމައާއެކީ، އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ، އަޅުގަނޑުމެންގެ ތަރައްޤީއަށް މި އެޅޭ ހުރަހާ ދޭތެރޭގައި. ތިނަދުއަށް ދިމާވިކަހަލަ މައްސަލަތައް އަޅުގަނޑުމެން ބޭނުމެއްނުވޭ އެހެން ރަށްރަށުގައި ދިމާވާކަށް. ދެން ތިނަދޫގައިވެސް ދިމާވާކަށް ބޭނުމެއްނުވޭ. އެހެންވެގެން އެބަޖެހޭ މިކަހަލަ ކަންތައްތައް ހުއްޓުވުމަށްޓަކައި ހަރުކަށި އަދަބުދޭން. ހަރުކަށި އަދަބުދީގެން ނޫނިއްޔަކާ މި ނުހުއްޓުވޭނެ. ކޮން ފަރުދަކަށްތޯ ޙައްޤު އޮތީ މުޅި މުޖުތަމަޢުގެ މަޢުޞޫމްކަން، މިކަހަލަ ގޮތަކަށް ނަގާލަން. ކޮން ފަރުދަކަށްތޯ ޙައްޤު އޮތީ؟
 
އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކުރީގައި ރައީސްކަން ކުރައްވާފައި ހުންނެވި މުޙައްމަދު ނަޝީދަށްވެސް ދަންނަވާލަން ބޭނުންވަނީ، މަނިކުފާނަކީ ފަރުދެކޭ. މުޅި ރާއްޖޭގެ މަޢުޞޫމްކަން ތިގޮތަށް ނަގާލައްވަން ކުރައްވާ މަސައްކަތަކީ، އެކަމާ މަނިކުފާނު އެކައުންޓެބްލް ކުރާނެ މަސައްކަތްތަކެކޭ. އެކަން ނުކުރައްވާށޭ. އެއީ ކުރެއްވޭނެ ކަންކަމެއް ނޫނޭ. ދެންހަމަ މިގޮތަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިހެން ޤާއިމްކުރެވޭ ނިޒާމްތައް ހަލާކުކުރަން އެކުރާ މަސައްކަތަކީ، އެއްގޮތަކަށްވެސް ރައްޔިތުންގެ މަންދޫބުން، އެކަންކަމަށް ޖާގަ ދެއްވައިގެންވާނެ ކަންކަމެއް ނޫން. އަދި މިކަހަލަ މުޖްތަމަޢުތަކުންވެސް އެކަންކަމަށް ޖާގަ ދެއްވިގެންވާނެ ކަމެއް ނޫން. މިރަށުގައި މި ނިޒާމް ހަލާކުވެއްޖެ ކަމަށްވަންޏާ، ހަލާކުކޮށްލައިފި ކަމަށްވަންޏާ، ދެން އަނެއްކާ ދިގު ވެއިޓް ލިސްޓެއްގެ ތެރޭގައި، އެތަކެއް ރަށްރަށާއެކީ، އެތަކެއް ޚިދުމަތްތަކަކާއެކީ ވެއިޓް ލިސްޓް ކުރެވިގެން އަނެއްކާ ދާނީ މަހިބަދޫގެ މި ނިޒާމް އަލުން އާރާސްތު ކުރުމަށް ކުރާ މަސައްކަތް. މިއީ ބޭކާރު ކަމެއް ނޫންތޯ؟ ކީއްކުރަން ކުރާ ކަމެއްތޯ؟ އަޅުގަނޑުމެން އަމިއްލަ ލާރީގައި އުފައްދާ އެއްޗެހި، އަޅުގަނޑުމެން އަމިއްލައަށް ހަލާކުކޮށްލަނީ. ބައްޕަޔަކު ގަދައަޅައި މަސައްކަތްކޮށްގެން، ގެއެއް ރީތިކޮށް ޢިމާރާތްކޮށްފައި، އަނެއްދުވަހު ދަރިންގެ ތެރޭގައި ނުކުންނަ މައްސަލަތަކެއްގެ ތެރޭގައި ބިމާހަމައަށް އިމާރާތް ތިރިކޮށްލީމަ މިދެންނެވި ކަހަލަ ކަންކަމާ ގުޅުންހުރި މިސާލެއް މި ދެންނެވީ. އެއީކީ އެއްވެސް ފެމިލީއަކުން، އެއްވެސް ޢާއިލާއަކުން ގަބޫލުކުރާނެ ކަމެއް ނޫން.
 
 އަޅުގަނޑުމެންނަށް މިއަދު ދަތިވެއްޖެކަންނޭނގެ، އަޅުގަނޑުމެންނާ އިދިކޮޅު ފަރާތްތަކުން، ނޫނިއްޔާ މީހުންގެ ޙައްޤުތަކަށް އަރައިގަންނަ ފަރާތްތަކަށް އުނދަގޫވެއްޖެކަންނޭނގެ، އަބުރާ ބެހުމުގެ ކުށާ ބެހޭގޮތުން އެކަންކަމަށް އަދަބު ކަނޑައަޅަންވެއްޖެ ކަމަށް ތަންކޮޅެއް ތަފާތު ގޮތަކަށް އަޅުގަނޑު ވާހަކަ ދެއްކީމަ. އަޅުގަނޑުމެންނަކީވެސް ތަންތަނުގައި ވާހަކަ ދައްކާ މީހުން. އަޅުގަނޑުމެންނަކީވެސް ސިޔާސީ އިދިކޮޅުގައި ތިބެގެން، މިކަހަލަ ޕޯޑިއަމްތަކުގައި ތަފާތު އެކިއެކި ވާހަކަތައް ދެއްކި މީހުން. އަޅުގަނޑުމެން ނުހުންނާނެ މީހުންގެ ޒާތީ ކަންކަމަކާ ބެހިފައެއް. އަޅުގަނޑުމެންނެއް ނުހުންނާނެ، މީހުންގެ އަބުރަށް އަރައިގެންފައެއް. އަޅުގަނޑުމެންނަކީ ޒާތީ ވާހަކަ ދައްކާ ބައެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއަދު އެކަންކަމާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާ ވާހަކަ، ނޫނީ ރައީސް ވިސްނާ ވާހަކަ އަދި މިކަމާ ދޭތެރޭގައި ރައީސް ވިސްނާގޮތް ބިލެއްގެ ސިފައިގައި، ރައްޔިތުންގެ މަޖިލީހަށް ނޫނީ އިޞްލާޙެއްގެ ސިފައިގައި ފޮނުވާނެ ވާހަކަ ދެއްކީމަ، މިކަން ބޮޑުވެއްޖެ ވަރަށްގިނަ ފަރާތްތަކަށް. އެކަމަކު މިއަދު އަޅުގަނޑު ކޮންމެވެސްވަރެއްގެ ހިމޭންކަމެއް އެބޭފުޅުންނަށް ހަމަ ދަންނަވާލަން ބޭނުންވޭ.
 
އަޅުގަނޑު މިދަންނަވާ ވާހަކައަކީ، އެއްގޮތަކަށްވެސް އަޅުގަނޑު މިކުރާ މަސައްކަތަކީ މިނިވަން ޚިޔާލުފާޅުކުރުމަށް، ޚިޔާލުފާޅުކުރުމަށް ހުރަސްއަޅާ ޚިޔާލެއް ނޫނޭ. އަދި އެކަމާ ހުރަސްއަޅާކަށްވެސްނެތިން. މިނިވަން ޚިޔާލުތައް އަންނަންވާނެ. މިނިވަން ޚިޔާލަކީ، ބިނާކުރަނިވި ޚިޔާލަށް ހަދަންޖެހެނީ. މިނިވަން ޚިޔާލުގައި މުހިންމެއް ނޫން، އަވަށްޓެރިޔާގެ ގޭގައި ހުރި ހަޑިހުތުރު ވާހަކަ ދެއްކުމެއް. އެއީކީ މުޅި މުޖުތަމަޢަކަށް ފަސޭހަކަމެއް ނޫން. އެހެންވީމާ، އަބުރާވެސް ބެހެންވީ. އަޅުގަނޑު އެދޭގޮތެއް ނޫން. އަބުރާވެސް ބެހެންވީ. މައްސަލައެއްނޫން. އެކަމަކު އަބުރާބެހޭ ކަމަށްވަންޏާ، އަބުރާބެހޭ ކުށް އެމީހެއްގެ މައްޗަށް ސާބިތުކޮށްދެވިއްޖެ ކަމަށްވަންޏާ، މިހާރު ޤާނޫނީ ކުށަކަށްވެގެން އެކަމަށް އަދަބެއްނެތީމަ، ކޯޓުގެ ތެރެއިން އެ އޮންނަ އުޞޫލެއްގެ މަތިން -/4500 ރުފިޔާ ނަގައިދޭ ކަމަށްވަންޏާ، އަޅުގަނޑު މި ހުށަހަޅާ ބިލުގައި އެ އަދަދު ދާނީ ގުނަވެގެން. އެހެންވީމާ އަބުރާ ބެހެންވީ. އެއީކީ މައްސަލައެއް ނޫން. އަދިވެސް އޮންނާނީ އަބުރާ ބެހުމުގެ ކުށަކީ މަދަނީ ކުށެއްގެ ގޮތުގައި. އެއީކީ ޖިނާއީ ކުށެއްގެ ގޮތަށް ބަދަލުކުރާކަށް އަޅުގަނޑުގެ ޚިޔާލެއް ނެތް. އެހެންނަމަވެސް، އެ އަބުރާ ބެހެނީ ކޮން ފެންވަރެއްގެ މީހެއްތޯއާއި، އަދި އަބުރާ ބެހެނީ ކިހާވަރެއްގެ، މުޖުތަމަޢުގައި ކިހާވަރެއްގެ ބުރަދަނެއް ހުރި މީހަކާތޯ، މިކަންކަމަށް ރިޢާޔަތްކޮށްފައި ޤާނޫނުގައި ބޮޑެތި ޖޫރިމަނާގެ އަދަދުތައް ހިމަނާނަން. އަޅުގަނޑު އެދެނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިއަށް ރިޢާޔަތް ކުރައްވައި، މި ބިލު ފާސްކޮށްދެއްވަން.
 
މީހުންގެ ޙައްޤުތަކަށް އަރައިނުގަންނަ މީހުން މިކަމަކާ ޖެހިލުންވާނެ ކަމެއްނެތް. އަދި ފައިސާ ހުރެގެން މީހުންގެ ޙައްޤުތަކަށް އަރައިގަންނަ މީހުން، ޞަދަޤާތްކުރާގޮތަށް ހަމަ އެޖޫރިމަނާ ފައިސާ ދައްކަންވީ. ޖޫރިމަނާ ފައިސާ ނުދައްކާ ކަމަށްވަންޏާ، ޖޫރިމަނާ ފައިސާ ނުދައްކާ ކަމަށްވަންޏާ، އޭގެތެރޭގައި އަންނާނެ ޖިނާއީ އެލިމަންޓެއް. ޖޫރިމަނާ ފައިސާ ނުދައްކާފައި، ތިމަންނަ އިފްލާސް ކުރާށޭ ބުންޏަސް، މިއަދުގެ ދިވެހިރާއްޖޭގެ ނިޒާމް ބޭނުމެއްނުވާނެ އެކަން ގަބޫލުކުރާކަށް. އިފްލާސްކުރާ ކަމަށްވަންޏާ، އެހެން މީހުންގެ ޙައްޤަށް އަރައިގަތީމަ، ދެން ޖޫރިމަނާ ނުދެއްކުނީމަ، އެ ޖޫރިމަނާ ބަދަލުވެގެންދާނެ، ކޮންމެވެސްކަހަލަ ބަންދުގެ މުއްދަތަކަށް. އެހިސާބުން ޖިނާއީ ކަމަކަށްވާނީ. އެކަމަކު ފުރަތަމަ މަރްޙަލާގައި އަބުރާ ބެހުން އޮންނާނީ އަދިވެސް މަދަނީ ކުށެއްގެ ގޮތުގައި. މަދަނީ ކުށުގެ އަދަބަށް ދައްކަންޖެހޭ ފައިސާ، ޖޫރިމަނާ ފައިސާ ނުދެއްކިއްޖެ ކަމަށްވަންޏާ، އަޅުގަނޑުގެ ޚިޔާލުގައި އޮތީ އެ ޝަޓްލް ކޮށްލަން ބަންދުގެ ޙުކުމަކަށް. އަދި ޚަބަރުފަތުރާ ވަސީލަތްތަކުން ޒިންމާދާރުކަން ކުޑަގޮތެއްގައި މިކަން ތަކުރާރުކޮށް މީހުންގެ އަބުރާ ބެހުމުގެ ކަންތައް، އެކި މީހުންގެ ވާހަކަތަކުގައި ގެންނަވާ ކަމަށްވަންޏާ، ޚަބަރުފަތުރާ ވަސީލަތްތަކުންވެސް ޒިންމާތަކެއް އުފުލަން އެބަޖެހޭ. އެހެންވީމާ، ޚަބަރުފަތުރާ ވަސީލަތްތަކަށްވެސް އަޅުގަނޑު އިލްތިމާސް މިކުރަނީ، މިކަންކަމާ ދޭތެރޭގައި ރައްކާތެރިވާން. އެހެން ނޫންކަމަށްވަންޏާ، އަޅުގަނޑުމެންގެ މުޖުތަމަޢު، އަޅުގަނޑުމެން މި ބޭނުންވާ އަމާން، މަޞްލަޙަތު އޮތް މުޖުތަމަޢެއްގެ ގޮތުގައި އަޅުގަނޑުމެންނަކަށް ނުގެންދެވޭނެ.
 
މިދުވަސްވަރަކީ ރާއްޖޭގެ އެކިކަންކަމަށް ބޭރުގެ އެކިފަރާތްތަކުން ޝައުޤުވެރިކަން ހުންނަ ދުވަސްވަރެއް. މީގައިވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ހަމަ ޠާރިޤު އިބްރާހީމް އެ ދެއްކެވި ވާހަކަފުޅު ހަމަ ދީބާޖާއަކަށް ބަލައިގެން، އަޅުގަނޑުވެސް މިއަށް ކޮންމެވެސް އެއްޗެއް ދަންނަވާލަން ބޭނުމޭ. އަޅުގަނޑުމެން ބޭރުގެ އެހީތެރިކަން ބޭނުން. ބޭރުގެ ދައުލަތްތަކާ ގުޅެން ބޭނުން. ބޭރުގެ މުއައްސަސާތަކާއެކީ އެ އޮންނަ ގުޅުން ދަމަހައްޓަންވެސް ބޭނުން. އަޅުގަނޑުމެންނަކީ އެކަނި ތިބެވޭނެ ބައެއްވެސް ނޫން. އަޅުގަނޑުމެންނަކީ ދުނިޔޭގެ ރާޅާއި ވައި، އޮއި އަޅުގަނޑުމެންނާ ހަމައަށް، އަޅުގަނޑުމެންގެ ގޮނޑުދޮށްތަކާ ހަމައަށް ބީއްސާނެ ޤައުމެއްވެސްމެ. އެހެންވީމާ، އަޅުގަނޑުމެން އ.ދ. އަށް ވަދެ މިތިބީ، އަޅުގަނޑުމެން ކޮމަންވެލްތަށް ވަދެ މިތިބީ، އަޅުގަނޑުމެން ސާކަށް ވަދެ މިތިބީ، އަދި މިނޫންވެސް މާލީ އިދާރާތަކަށްވެސް، ވާރލްޑް ބޭންކް، އައި.އެމް.އެފް، މިކަހަލަ ހުރިހާ އިދާރާތަކަށް އަޅުގަނޑުމެން މި ވަދެ ތިބީ އޭގެތެރެއިން އަޅުގަނޑުމެން ފައިދާއެއް ހޯދަން. އަދި އެއާއެކީ އަޅުގަނޑުމެންނަށް އެއިން އުނގެނެން ބޭނުންވާ ކަންތައްތަކެއްވެސް އުނގެނެން.
 
ދިވެހިރާއްޖެއަކީ ހުރިހާ ކަމެއް އެންމެ މޮޅަށް ކުރާ ޤައުމު ކަމަކަށްނުވާނެ. އަދި ދުނިޔޭގައި އޮތް އެއްވެސް ޤައުމަކީ، ހުރިހާ ނިޒާމެއް އެންމެ ފުރިހަމައަށް އޮތް ޤައުމު ކަމަކަށް ވަކާލާތު ކުރާނެ ޤައުމެއްވެސް ނޯންނާނެ. އެއްވެސް ދެ ޤައުމެއްގައި މި އުޞޫލުތައް ހުންނަނީ އެއްގޮތަކަށެއް ނޫން. ހުރިހާ ޤައުމެއްގައި މައްސަލަތައް ފައިސަލާކޮށް ގޮތްގޮތް ނިންމަން ތިބޭ ފަނޑިޔާރުންނަކީ އެއް ފެންވަރެއްގެ ބައެއްވެސް ނޫން. އެއް ތަޖުރިބާގެ ބައެއްވެސް ނޫން. ދިވެހިރާއްޖެއަށް ބޭރުން އަމާޒުވެގެން މިދާ އަމާޒުތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ ފަނޑިޔާރުންގެ ސުލޫކާ ބެހޭގޮތުން ނޫނިއްޔާ ފަނޑިޔާރުންނާ ބެހޭގޮތުން އެކިއެކި ވާހަކަތައް މި އަންނަނީ. ކީއްވެގެންތޯ ދިވެހިރާއްޖެއަށް މިއޮތްހާ ދުވަހު މި ވާހަކަތައް ނައީ. އަޅުގަނޑުމެންވެސް، އަޅުގަނޑުމެންވެސް ފަނޑިޔާރުންގެ ޙުކުމުގައި ބަންދުވެފައިވެސް ތިބެއްޖައީމޭ. އަދި އަޅުގަނޑެއް ނޫން، އެހެން މީހުންވެސް ފަނޑިޔާރުންގެ ޙުކުމްތައް އެބަ ތަޙައްމަލް ކުރަމޭ. އެއިރަކު ބައިނަލްއަޤްވާމީ މުޖުތަމަޢަކު މިއިން އެއްވެސް ވާހަކައެއް، ދިވެހިރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކަކަށް، ނޫނީ ދިވެހި ދައުލަތަކަށް ހުށަހެއްނާޅައޭ. މިއަދު މިއުޅެނީ ކީއްތޯވެގެން؟
 
މިއަދު ހަމަ ޙަޤީޤަތުގައިވެސް ވެގެން މިއުޅޭ ކަމަކީ ޖިނާއީ ކޯޓުގެ އިސް ފަނޑިޔާރު ހައްޔަރު ކުރީމަ، އެ ހައްޔަރު ކުރެއްވި އަދި ހައްޔަރު ކުރަން އަމުރު ކުރެއްވި އޭރު ހުންނެވި ރައީސުލްޖުމްހޫރިއްޔާއާ ދޭތެރޭގައި ކޯޓުގައި މައްސަލަ ފައިސަލާކޮށްފައި، އެމަނިކުފާނަށް ޙުކުމެއް އައިމަ، އެކަން ތަޙައްމަލް ނުކުރެވިގެން އުޅޭ އުޅުން މިއީ. މިއީ ޙަޤީޤަތް. މިއީ ޙަޤީޤަތް. ދިވެހިރާއްޖޭގައި މިކަން ނުދަންނަ ކުދި ބޮޑު އެއްވެސް މީހަކު ނުހުންނާނެ. އަމުދުން ބާރުވެރި ފަރާތްތަކުން، ބާރާއި އިޚްތިޔާރު އޮތް ފަރާތްތަކުން، އެއަށްވުރެ ބާރުވެރިކަން ކުޑަ ނިކަމެތި މީހުންގެ ޙައްޤުތަކަށް އިޙްތިރާމް ނުކުރާކަމަށްވަންޏާ، ދެން އެތަނެއްގައި މުޖުތަމަޢު ތެރޭގައި މަޞްލަޙަތެއް ނޯންނާނެ. ވެރިކަމުގައި ތިބޭއިރު، ވެރިކަމުގައި ތިބޭ މީހުންނެއް އެހެން މީހުންގެ ޙައްޤުތަކަކަށް އަރައިގަނެގެނެއް ނުވާނެ. އަޅުގަނޑަށް ހަމަ ޔަޤީން ކަށަވަރު، ތިޔަބޭފުޅުން ގަބޫލުކުރައްވާނެ، އަޅުގަނޑުވެސް އެއްވެސް ކޯޓެއްގެ ފަނޑިޔާރަކު ހައްޔަރުކުރާކަށް ތިޔަބޭފުޅުން އެދިވަޑައެއްނުގަންނަވާނެ. އަދި އަޅުގަނޑު މާދަމާ ގޮސްފައި ޖިނާއީ ކޯޓާއި، މަދަނީ ކޯޓާއި، ސުޕްރީމް ކޯޓުގައި ތަޅުއަޅުވާކަށްވެސް ތިޔަބޭފުޅުން އެދިވަޑައެއްނުގަންނަވާނެ. އަދި މިތަންތަނުގައި ހުންނަ ކޯޓުތަކުގައި ތަޅުއަޅުވާކަށްވެސް އެދިވަޑައެއްނުގަންނަވާނެ. މި ދައްކަނީ އަޅުގަނޑުމެންގެ ތެރޭގައި ހިނގާ ދިޔަ ކަންތައްތަކުގެ ވާހަކަ. މިއީ، އޭރު ހުންނެވި ރައީސް ކުރައްވާފައި ހުރި ކަންތައްތަކުގެ ވާހަކަ މި ދައްކަނީ. އެކަމަކު މިއީ އެންމެ ޑިމޮކްރެޓިކް ރައީސް. ޑިމޮކްރެޓިކް ރައީސަކަށްވަނީ ކިހިނެއްތޯ؟ އިންތިޚާބެއްގައި ވާދަކުރައްވައިގެން ހޮވިވަޑައިގަތީމަ. ދިވެހިރާއްޖޭގައި އެނޫންވެސް ބޭފުޅުން އެބަ ތިއްބެވި، އިންތިޚާބުގައި ވާދަކުރައްވައިގެން ހޮވިވަޑައިގެންފައި. އެކަމަކު ޑިމޮކްރެޓިކް ރައީސެއް، ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ވެރިކަމަށް ވަޑައިގަތުމަށްފަހު، އެ ޑިމޮކްރަސީއަށް ކިހާވަރެއްގެ ފަރިތަކަމެއްތޯ އެމަނިކުފާނަށް ސާބިތުކޮށްދެވުނީ؟ ހަމަ ޚުދުމުޚްތާރު ވެރިއެއްގައި ހުންނަންވާ ހުރިހާ ސިފަތަކެއް ތަމްސީލު ކޮށްދެއްވި. އޭރަކުއެއް އ.ދ. އަކުން، ބޭރުގެ ދައުލަތްތަކަކުން އަދި އެހެންވެސް ތަންތަނުން އެކަމާ ދޭތެރޭގައި ހިތްހަމަނުޖެހިގެނެއް، ކަންބޮޑުވެގެނެއް އަޅުގަނޑުމެންނާ ހަމައަކަށް ނާދޭ. އަޅުގަނޑުވެސް މިއީ ދެތިންފަހަރެއްގެ މަތިން ހައްޔަރުކޮށްފައި ހުރި މީހެއް. އަދި އެ ހައްޔަރުކުރި ކުރުމާ ގުޅިގެނެއް ދައުލަތަކުން އަޅުގަނޑުގެ މައްޗަކަށް އެއްވެސް ދަޢުވާއެއް ނުއުފުލާ. އެކަމަކު އޭގެ ބަދަލުގައިވެސް އަޅުގަނޑު ހައްޔަރުކުރީ ޤާނޫނާ ޚިލާފަށް ކަމާއި، އަދި އޭގެ މަދަނީ ބަދަލު ހޯދުމަށް އަޅުގަނޑު ކުރި ދަޢުވާ، އަޅުގަނޑާ އެއްކޮޅަށް އެއޮތީ ނިންމާފައި. އަދި އޭރުގެ ސަރުކާރުން އަޅުގަނޑަށް ބަދަލެއް ނުވެސްދޭ. ބަދަލަށް ލިބެނީ ހަތަރުހާސް ރުފިޔާކަންނޭނގެ. އެ ބޭނުންވެގެނެއް ނޫން. އެކަމަކު އަޅުގަނޑު ރައްޔިތުންނަށް ސާބިތުކޮށްދޭން ބޭނުންވީ، އޭރުވެސް އަޅުގަނޑު ހައްޔަރުކުރީވެސް ޤާނޫނީ ނިޒާމުން ބޭރުން. ހުރިހާ ވިސްނުމާއި ބުއްދީގެ ހަމަތަކުން ބޭރުން. ހަމަ ޚުދުމުޚްތާރު ސިފައެއް އެކުލެވިގެންވާ ނިޒާމެއްގެ ތެރެއިން ހައްޔަރުކުރީ. އެހެންވީމާ، މިއަދު މިދެކެވޭ ވާހަކައަކީ ޙަޤީޤަތުގައި އަޅުގަނޑުމެންގެ ރާއްޖޭގެ ކަންކަން ކުރަނީ ކިހިނެއްތޯ، އެކިއެކި ޖަމްޢިއްޔާތަކުން މި ބައްލަވާ ބެއްލެވުމާ ދޭތެރޭގައި ދިވެހި ރައްޔިތުން ހިތްޕުޅަށް މިވާހަކަ ގެންނަވާ!
 
އަޅުގަނޑުމެން އެކިއެކި މުޢާހަދާތަކުގައި ބައިވެރިވެގެން ތިބޭއިރު، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި އިސްލާމްދީން އޮންނައިރު، ބައެއްކަހަލަ މުޢާހަދާތަކަށް ވަކާލާތު ކުރައްވާ ބޭފުޅުން އެބަ އެދިވަޑައިގަންނަވާ ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް ޖާގަލިބެންވެސް. އަދި އަޅުގަނޑުމެންގެ ތެރޭގައި މިކަމަށް ވަކާލާތު ކުރެވިފައިވެސް އެބަހުރި. އެކަމަކު މިއީ އަޅުގަނޑުމެންގެ އަޣްލަބިއްޔަތު ބޭނުންވާ ގޮތްތޯ؟ މިއީ އަޅުގަނޑުމެންގެ އަޣްލަބިއްޔަތު ބޭނުންވާ ގޮތެއް ނޫނޭ. ޑިމޮކްރަސީގެ އަސާސަކީ ކޮބައިތޯ؟ ޑިމޮކްރަސީގެ އަސާސަކީ އިސްލާމްދީނުގައި ކަނޑައެޅިގެން މަނާނުކުރާ ހުރިހާ ކަންތައްތަކެއްގައި ޑިމޮކްރަސީގެ އަސާސް، ދިވެހި ރައްޔިތުންގެ ރައުޔު ލިބިގެން ނިންމަން ބޭނުންވާ ހުރިހާ ކަމެއް، ރައްޔިތުންގެ އަޣްލަބިއްޔަތު، ރައްޔިތުންގެ އަޣްލަބިއްޔަތު ހޯދައިގެން ގޮތަކަށް ނިންމުން. މިއަދު ވޯޓެއްލައި، ދިވެހިރާއްޖޭގައި އެހެން ދީންތަކަށް ޖާގަ އޮންނާނެތޯ؟ ސައްތައިން ނުވަދިހަ ނުވައެއް ފާސްކުރާނީ ޖާގަ ނޯންނާނެ ކަމަށް. އެހެންވީމާ، ކިހިނެއްތޯ އަޅުގަނޑުމެންގެ ތެރެއިން ފަރުދަކު މިކަމަށް ވަކާލާތު ކުރާނީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން. ނުކުރެވޭނެ.
 
އެހެންވީމާ، އަޅުގަނޑު ހަމަ މި ދަންނަވާލާ ވާހަކަ މިދެންނެވީ، އަޅުގަނޑަށް ގަބޫލުނުކުރެވެނީ، ދިވެހިރާއްޖޭގައި މިހިރަ ހުރިހާ އުނިކަމަކާވެސްއެކީ، ޝަރަފްވެރިކަމާއި ފަޚްރުވެރިކަމާއެކީ ދިވެހިރާއްޖޭގައި ފާހަގަކުރަންޖެހޭ ކަންތައްތަކެއް ހުންނަ ވަގުތެއްގައި، ދިވެހިރާއްޖޭގެ ވަލިއްޔުލްއަމުރަކަށް ހުންނެވި ބޭފުޅަކު ވަޑައިގެން، ދިވެހިރާއްޖޭގެ ފަތިފުށް މުޅި ދުނިޔޭގެ ކުރިމަތީގައި ހާވާލީމަ، އެއީކީ އަޅުގަނޑުމެން އެކަމާ ދޭތެރޭގައި ފަޚްރުވެރިވާންވީ ކަމެއް ނޫން. އެއީކީ ކުރެވިގެންވާނެ ކަމެއް ނޫން. އަދި ދިވެހިރާއްޖޭގެ އެކި ސަރުކާރުތަކުގެ ވަޒީރުކަން އަދާކޮށްފައި ތިބި މީހުންވެސް މަޤާމުން ވަކިވީމަ، އެމީހުންގެ ދިފާޢުގައި އޭރު ކޮށްފައި ހުރި، ކަންތައްތަކުގެ ވާހަކަ، އެސް.އެމް.އެސް.ގެ ޒަރީޢާއިން ރައްޔިތުންނާ ހަމައަށް ގެނެވުނީމަ، އެކުރެވެނީކީ ފަޚްރުވެރި ކަމެއް ނޫން. އެކުރެވެނީ އޭރު އެމީހުން ކޮށްގެން ތިބި ހުވައާ ޚިލާފު ކަންތައްތައް. މަޤާމުގެ މަސްއޫލިއްޔަތު އުފުލައިގެން، ޤާނޫނާ ޚިލާފުނުވާ ގޮތުގެ ކަންތައްތަކުގެ ވާހަކަ މިހާރު ނެރުމަކީ ހަމައެކަނި އެމީހުންގެ ސުލޫކީ އަޚްލާޤީ ފެންވަރު، މުޅި ރައްޔިތުންނަށް ހާމަކޮށްދިނުން ނޫން ކޮންކަމެއްތޯ؟
 
މިއަދު އެކަހަލަ އެސް.އެމް.އެސްތައްވެސް އެބައުޅޭ. އަޅުގަނޑާ ބެހޭގޮތުންވެސް އެސް.އެމް.އެސް. އެބަހުރި. ޝައްކެއްވެސްނެތް، ވަޒީރުކަން ކޮށްފައި ހުންނަ މީހަކަށް، ނައިބު ރައީސްކަން ކޮށްފައި ހުންނަ މީހަކަށް، ރައީސަކަށް ހުންނަ މީހަކު އެސް.އެމް.އެސް ކުރާނެ. އޭގެތެރޭގައި ޤާނޫނާ ޚިލާފު އެއްކަމެއްވެސް އޮތްތޯ ބައްލަވާ. ޤާނޫނާ ޚިލާފު ކަންކަމަށް އަމުރުކުރާނެ ރައީސެއް ނޫން މިއީކީއެއް. އެހެންވީމާ، ދެން އެ އެސް.އެމް.އެސް.ތައްވެސް ނުކުމެގެން، ދިވެހިރާއްޖޭގެ މުޖުތަމަޢުގެ ތެރޭގައި ދައުރުކުރުމަކީ އެކަމުން އަޅުގަނޑުގެ އަޚްލާޤީ ފެންވަރު ދައްކައިދޭ ކަމެއް ނޫން. އެކަމުން ދައްކައިދެނީ، އުފައްދަންޖެހޭ ސުވާލަކީ، ކީއްވެގެންތޯ ނައިބު ރައީސަކަށް ހުރި މީހަކު، ރައީސުލްޖުމްހޫރިއްޔާ އިން ލޯންޗެއް ގޮއްވާލަން ނިންމަންޖެހުނީ؟ މިއަދު އަޅުގަނޑުމެންގެ މީޑިއާގައިވެސް އަދި އަޅުގަނޑުމެންގެ މުއައްސަސާތަކުގެވެސް ކަންބޮޑުވުން އޮތީ އެއްގޮތަކަށްވެސް އެ ހާދިސާއާ ދޭތެރެއަކު ނޫން. ކިތައް މަޢުޞޫމް މީހުންތޯ އެ ލޯންޗްގައި ތިބީ؟ ކިތައް މީހުންގެ ފުރާނަ ގެއްލޭވަރުގެ ހާދިސާއެއްތޯ އެއީ؟ މިއަދު މި ދައްކަނީ ކީއްވެގެންހޭ އަދީބު ހައްޔަރުކޮށްފައި ހުރީ؟ ކީއްވެގެންހޭ އަދީބްގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ، ނޫނިއްޔާ މަރުގެ ދަޢުވާ ނުއުފުލައި، ކީއްވެގެންތޯ ކޮރަޕްޝަންގެ ދަޢުވާ އުފުލަނީ؟ ދަޢުވާ އުފުލުމަކީ ޕްރޮސެކިއުޓަރ ޖެނެރަލް ކުރާނެ ކަމެއް. ޕްރޮސެކިއުޓަރ ޖެނެރަލަށް އެކަން ކުރެވޭނީ، މައްސަލަތައް ބަލައި ތަޙުޤީޤުކޮށްފައި، ފުލުހުންގެ އިދާރާއިން ޕްރޮސެކިއުޓަރ ޖެނެރަލަށް މައްސަލަތައް ފޮނުވީމަ.  އެޖިނާއީ ތަޙުޤީޤުވެސް އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، ކޮމްޕްލީޓް ކޮށްފައި، މި ހަފްތާގެ ތެރޭގައި، ނޫނީ އަންނަ ހަފްތާގެ ތެރޭގައި ވަންނާނެ.
 
 ގަބޫލުކުރައްވާ މިއަދު ދިވެހި ރައްޔިތުންވެސް. އަޅުގަނޑުމެންނާ އެއްއިރެއްގައި ކިތަންމެ ގާތްވިނަމަވެސް، އަދި ޤައުމެއްގެ ކިތަންމެ މަތީ މަޤާމުތަކެއް ފުރިނަމަވެސް، އަޙްމަދު އަދީބަކީ މިދެންނެވި ކަހަލަ ނުރައްކާތެރި ކަމެއް ނުކުރާ މީހަކަށް ހެދޭނެ ގޮތަކީ ނެތްގޮތެއް. އެހެންވީމާ، މިއަދު އަޅުގަނޑުމެން ކުށްވެރި ކުރަންވީ އެކަހަލަ ކަންކަން. މިއަދު އަޅުގަނޑުމެން ކުށްވެރި ކުރަންވީ ދައުލަތުގެ ޚަޒާނާއިން 87 މިލިއަން ރުފިޔާ ނެގިގޮތް، އެކަން ކުށްވެރި ކުރަންވީ. އެ ލާރި ނެގީމާ، އެވާހަކަވެސް އަޅުގަނޑުމެން ދައްކަންޖެހޭ. އެއީކީ ދެން އޭނަޔާއެކީ މަސައްކަތް ކުރައްވަން ތިއްބެވި ހުރިހާ ވަޒީރުންނަށް އެނގިގެން ހިނގާ ކަންކަމެއް ނޫން. އަދި ރައީސުލްޖުމްހޫރިއްޔާއަށް އެނގިގެންވެސް ހިނގާ ކަންކަމެއް ނޫން. ރައީސުލްޖުމްހޫރިއްޔާ ބާރު ސްޕީޑުގައި ކަންކަން ކުރާއިރު، މިއަދު މި މަޝްރޫޢުގައި އަޅުގަނޑަށް ކިހިނެއްތޯ އެނގޭނީ، ޠާރިޤު މިކަން ކުރައްވާފައި އޮތްއިރު، މިކަން ކުރައްވާފައި މިއޮތީ ޓެންޑަރު ކުރައްވައިގެން އެންމެ ރަނގަޅު ޕާޓީއެއް ހޯއްދަވައިގެންތޯ؟ އެއީ، ރައީސް އޮފީހުން ބަލާނެ ކަމެއް ނޫން. އެއީ ރައީސްގެ ޒިންމާއެއް ނޫން. ރައީސް ޒިންމާ އުފުލާ ފަދައިން، ޤާނޫނުން ކޮންމެ ވަޒީރަކުވެސް ޒިންމާ އުފުލާނެ. މަސްއޫލިއްޔަތު ހަވާލުވާ ކޮންމެ މުއައްސަސާގެ ވެރިޔަކުވެސް އެ މަސްއޫލިއްޔަތު އެގޮތަށް އުފުލަންވާނެ. އެހެންވީމާ، ނައިބު ރައީސަކަށް ހުންނަވައިގެން ޓޫރިޒަމް މިނިސްޓްރީ ބެލެހެއްޓެވިއިރު، ޤާނޫނާ ޚިލާފަށް އެ ހޯއްދަވާފައި ހުރި ފައިސާ ބޭނުންކުރެއްވި ގޮތެއް، މައްސަލަ ބެލީމަ ނޫނިއްޔަކާ އެނގޭނެ ގޮތެއް ނޯންނާނެ. އުފައްދަވާފައި ހުރި ކުންފުނިތަކެއްގެ ވާހަކަ މިއަދު އަޑުއިވެނީ. އެކަމަކު ރާއްޖޭގައި އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މިކަންކަން ބެލޭނެ ނިޒާމުތަކެއް އެބަހުރި.
 
ދެން އަޅުގަނޑު އުފައްދާ ސުވާލަކީ ނިޒާމްތައް ފެއިލްވީ، ނޫނީ ނިޒާމްތައް ނިދާފައި އޮތީ ކީއްވެގެންތޯ؟ ނިޒާމްތައް ނިދާފައި އޮތީ ފަހަރުގައި ވެދާނެ، އެހާ އިސް މަޤާމެއްގައި ހުންނަވާފައި، އެހާ ބާރުގަދަ، އަދި ރައީސާ އެހާ ގާތް މީހަކަށްވާތީ، އެމަނިކުފާނު ކުރައްވާ ކަމަކާ ދޭތެރޭގައި ސުވާލު ނުއުފެއްދުނީކަންނޭނގެ. އެއީ ކަމަށްވެދާނެ މިކަން ދިމާވުމަށް މެދުވެރިވި ސަބަބަކީ. މީރާއަށް ވަންނަންޖެހޭ ފައިސާ ނުވަދެ އޮތްތޯ، ބެލިފައި އޮތީ ކިހާ މިންވަރަކަށްތޯ މިއަދު ސުވާލު އުފައްދަންޖެހޭ. އޯޑިޓް ރިޕޯޓުގައި ސުވާލު އުފައްދާ. އެކަމަކު އެކަންކަން ނުބެލުން އެއީކީއެއް، އެ މައްސަލައިގައި ވަޒީރުންގެ މަޖިލީހުގައި ތިބި އެހެން މީހުންނާއި ރައީސާ މިކަމުގައި ބައިވެރިވާ ކަމުގެ ދަލީލެއް ނޫން. އެވާހަކަ މިއަދު ދައްކަވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑާ ވާދަވެރި އިދިކޮޅު ފަރާތްތަކުގައި ތިއްބެވި ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ. ބައްލަވާށޭ އޭރު ނުކުމެފައި ހުރި އޮޑިޓް ރިޕޯޓްތައް. އޮޑިޓް ރިޕޯޓްގެ ޞަފްޙާތައް އުކާލައްވާ! އަޅުގަނޑުމެންނަށް  ވަރަށް ފަސޭހަވެގެންދިޔަ، އޭރުގައި ހުރި ޚިޔާނާތުގެ ވާހަކަ، ރިޔާސީ އިންތިޚާބުގެ ތެރޭގައި، އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ބޭފުޅުން ވަޑައިގެން އޭރު ކިޔައިދެއްވީމަ. އަދަދުތަކާއެކީ އޭރު އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި. މިއަދު އޮޑިޓަރ ޖެނެރަލް ރިޕޯޓްގައިވެސް ނެރެފައި ހުރި ރިޕޯޓްތަކަށް ބަލާކަމަށްވަންޏާ، ޢަދަދު އެއޮތީ ފެންނަން. އަދި އޭރު އެމް.އެމް.ޕީ.އާރު.ސީ.ގެ ތެރެއިން އެކަން ކުރި ގޮތް އެއޮތީ ފެންނަން. އެއަކުންނެއް ރައީސް އުފުލަންޖެހޭ ޒިންމާއެއް ނޯންނާނެ. އަދި އެފައިސާއަކީ ރައީސާ ހަމައަށް އައިސް ހުރި ފައިސާ ކަމަކަށް ބެލޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެ.
 
އެހެންވީމާ، އަޅުގަނޑު ބޭނުންވީ ހަމަ މިވާހަކަވެސް ދަންނަވާލަން. ދަންނަވާލާފައި ދަންނަވަން ބޭނުންވަނީ، ރާއްޖޭގައި މި ހިނގާ ހުރިހާ ކަންތައްތަކަށް ބޭރުގެ ދައުލަތްތަކުން ވަރަށް ކަޅިއަޅައޭ. އެކަމަކު ރައްޔިތުން ސަމާލުވާންޖެހޭ ކަންކަމަކީ، ދިވެހިރާއްޖޭގެ އިސްތިޤްލާލާއި، ދިވެހިރާއްޖޭގެ ކަރާމާތާއި، ދިވެހިރާއްޖޭގެ ވައްޓަފާޅިއާއި، އަޅުގަނޑުމެންގެ ސުލޫކާއި، އަޅުގަނޑުމެން އުޅެބޮޑުވި ގޮތާއި، އަދި އަޅުގަނޑުމެންގެ ނަފްސުގެ ޒީނަތްތެރިކަމާއި، އަޚްލާޤިއްޔާތާއި، މިތަނުގައި އޮންނަންވީ ކޮން ދީނެއްތޯއާއި، ކުޑަކުދިން ތަރުބިއްޔަތު ކުރަންވީގޮތާއި، ބޮޑެތި މީހުންނާ އަޅާލަންވީގޮތްވެސް އަޅުގަނޑުމެން ނިންމާނީ، އަޅުގަނޑުމެންގެ ވެށްޓަށް ގަބޫލުކުރެވޭގޮތަށް، އަޅުގަނޑުމެންގެ މިންގަނޑުތަކުން ނޫންތޯއޭ. މޯލްޑިވިއަން ސޮލިޔުޝަން ނޫންތޯ؟ ބޭރު ދުނިޔޭގައި ޔޫރަޕްގައި ނޫނީ އެމެރިކާގައި މިކަންކަންވަނީ ކިހިނެއްތޯ؟ 18 އަހަރުވާއިރު، ބައްޕައާއި މަންމަ ދޫކޮށްލާފައި ވަކި އެޕާޓްމަންޓެއް ހިފައިގެން، ކުއްޔަށް ހިފައިގެން ދޭ. އަޅުގަނޑުމެން ކިތައް ފެމިލީތޯ އެކަން މިކުރަނީ؟ އެހެންވީމާ، ބޭރުގައި ހުންނަ ހުރިހާ ވައްޓަފާޅިއާއި އުޞޫލުތަކަކީ އަޅުގަނޑުމެންނަށް ފަސޭހަ ކަންކަމެއް ނޫން ގަބޫލުކުރާކަށް.
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑަށް އެނގޭ، ދާއިރާގެ ޢިއްޒަތްތެރި މެންބަރަށް ވަގުތު ދޭންވެސްޖެހޭ. އެހެންނަމަވެސް، އަޅުގަނޑު ހިތަށްއެރީ ހަމަ ނިންމާލާއިރުވެސް، އަޅުގަނޑުމެން ދެންވެސް އިންތިޒާމު މިކުރަނީ، އަނެއްކާވެސް ހަމަ އުފާވެރި ކަމަކަށް. ރައްޔިތުންގެ މަޖިލީހުގެ އެތައް ބައިވަރު މެންބަރުންނެއް ވަޑައިގެން މި ތިއްބެވީ ޠާރިޤުގެ ދަޢުވަތަށް. މިރަށުގެ ޒުވާނުންނަށްޓަކައި އަނެއްކާވެސް މި ސަރުކާރުން ކޮށްދޭ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ފުޓްސަލް ދަނޑު ހުޅުވައިދިނުމުގެ ރަސްމިއްޔާތަށް. އެހެންވީމާ، ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ތަރައްޤީގެ ބައިވެރިންގެ ގޮތުގައި އަޅުގަނޑުމެން މިދެކެނީ، އަދި އަޅުގަނޑުމެންގެ ޤައުމު ބިނާކުރުމުގެ ބައިވެރިންގެ ގޮތުގައި މިދެކެނީ، ދިވެހި ޒުވާނުން. އެހެންވީމާ، ޒުވާނުންނަށް ކޮށްދޭ ކަންތައްތައް މި ސަރުކާރުން މިކޮށްދެނީ. އަދި މުޅިން ގެއްލިފައި ހުރި އާދަތަކާއި ރަނގަޅު އުޞޫލުތައް އަނބުރާ އިޢާދަކުރެވޭތޯ ކުރާ މަސައްކަތްތަކެއް މިހާރުގެ ސަރުކާރުން މިކުރަނީ. މިކަންކަން ކުރާއިރު އަޅުގަނޑުމެންގެ ތެރޭގައިވެސް ހަމަ ނޭދެވޭ ކަންތައް ހުންނާނެ. އެހެންނަމަވެސް، އެކަންކަން އެނގޭ ހިސާބުން އެކަންކަން ރަނގަޅުކޮށްފައި އަޅުގަނޑުމެން ކުރިއަށްދާނީ، އައި.ބީ.ގެ ބަހުންނަމަ ހަމަ ރޮކެޓް ސްޕީޑްގައި، ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގައި.
 
 ވާހަކަކޮޅު އެއްސެވީތީ ވަރަށް ޝުކުރު ދަންނަވަން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަޅުގަނޑުމެންނަށް މިކަހަލަ ތަރައްޤީގެ މަޝްރޫޢުތަކުގައި އ.ދ.ގެ ފަރާތުން، ޔޫ.އެން.ޑީ.ޕީ.ގެ ފަރާތުން އަޅުގަނޑުމެންނަށް މި ބަހައްޓަވާ ގާތްކަމާއި ދެއްވާ އެހީތެރިކަމަށް ފަށްފަށުން ރެޒިޑެންޓް ކޯޑިނޭޓަރ ޝޯކޯ ނޯޑާއަށް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި ޝުކުރު ދަންނަވަމުން.
 
   والسّلام عليــكم ورحـمــة اللّـه وبـركاتـه.