بســم اللّـه الرّحمـن الرّحيــم
ޙަމްދާއި ޝުކުރުހުރީ اللّـه سبحانه وتعالى ގެ މަގުގައި ޖިހާދުކުރާ މީހުންނަށް ނަޞްރު ދެއްވުމަށް އަޒަލުއްސުރެ ވާގިވެވޮޑިގެންވި ކަލާނގެ ޙަޟްރަތަށް. ”وَلَقَدْ سَبَقَتْ كَلِمَتُنَا لِعِبَادِنَا الْمُرْسَلِينَ، إِنَّهُمْ لَهُمُ الْمَنصُورُونَ ، وَإِنَّ جُندَنَا لَهُمُ الْغَالِبُونَ.“
ޞަލަވާތާއި ސަލާމްހުރީ، މިނިވަންކަމުގެ ރަސޫލެއްގެގޮތުގައި އަދި މުޖާހިދުންގެ އިމާމެއްގެގޮތުގައި މިދުނިޔެއަށް ވަޑައިގެންނެވި محمد صلّى اللّـه عليه وسلّم މާތް ނަބިއްޔާގެ ޙަޟްރަތަށް.
ދިވެހި ތާރީޚާއި ޘަޤާފަތަށް ޚިދުމަތްކުރާ މަޖިލީހުގެ ރައީސް، ތިލަދުންމަތީ އުތުރުބުރީގެ އަތޮޅުވެރިޔާ، ދައުލަތުގެ ޢިއްޒަތްތެރި މިނިސްޓަރުން، މި ޖަލްސާއަށް ވަޑައިގެން ތިއްބެވި ޢިއްޒަތްތެރި މެހްމާނުން، އުތީމުގެ އެންމެހާ ރައްޔިތުން؛
السّلام عليكم ورحمة اللّه وبركاته،
މިއަދު، ރާއްޖޭގެ ޤައުމީދުވަހު، އަދި ބަރަކާތްތެރި ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު، ދިވެހިރާއްޖޭގެ ޤައުމީ ފަސްގަނޑުގެތެރޭގައި ހިމެނޭ އެންމެ ފަޚުރުވެރި، އެންމެ ލޮބުވެތި އެއް ރަށުން އާދެ، އުތީމުން، ޤައުމީދުވަހުގެ ހެޔޮއެދުންތައް މުޅި ދިވެހިރާއްޖޭގެ ރައްޔިތުންނަށް މިފޮނުވަނީ، ނުހަނު އިޚްލާޞްތެރިކަމާއެކު. އާދެ، އުތީމަކީ މަޝްހޫރު ބޮޑުތަކުރުފާނުގެ ލޮބުވެތި އުފަންރަށް.
ބޮޑުތަކުރުފާނަކީ، ދިވެހިރާއްޖޭގެ "ޖޯޖްވޮޝިންގޓަން". ބޮޑުތަކުރުފާނަކީ، ދިވެހި ޤައުމުގެ "މަހާތުމާގާނދީ". އަދި ކީއްތޯ! ބޮޑުތަކުރުފާނަކީ، ދިވެހި އުންމަތުގެ "ޞަލާޙުއްދީނުލްއައްޔޫބީ". މިހެން ދެންނެވިނަމަވެސް، ބޮޑުތަކުރުފާނަށް ޙައްޤުވެގެންވާ ތަޢުރީފް އަދާކުރެވުނީކަމަކަށް ނުވާނެ. އާދެ، ބޮޑުތަކުރުފާނު ރާއްޖެއަށް ކުރެއްވި ޚިދުމަތް އަދި ދީނަށްޓަކައި ކުރެއްވި ޖިހާދު އެއީ، ކުރިން ދެންނެވި އެކިއެކި ލީޑަރުން، އެބޭފުޅުންގެ ޤައުމަށް ކުރެއްވި ޚިދުމަތްތަކަށްވުރެ، އެއްގޮތަކުން ބަލާއިރު، މާ މަތިވެރި ޚިދުމަތެއް. އަދި އެބޭފުޅުން ކުރެއްވި ޖިހާދަށްވުރެ މާވަރުގަދަ ޖިހާދެއް.
ޝައްކެއްނެތް. މިއަދު އަޅުގަނޑުމެން އެބަޠަލެއްގެ އުފަން ރަށް ކަމުގައިވާ އުތީމުގައި، އެބަޠަލެއްގެ ޒިކުރާ މި އާކުރާ އަލްޣާޒީ މުޙަންމަދު ތަކުރުފާނުލްއަޢުޡަމަކީ، ދިވެހިތާރީޚުގައި ލާމަސީލު ޝަޚްޞިއްޔަތެއް. އެތަކުރުފާނު ކުރެއްވި ޖިހާދާއި ވެވަޑައިގެންނެވި ޤުރުބާނީ އެއީ، ދުނިޔޭގެ ތާރީޚަށް ބެލިނަމަވެސް، އެކަހަލަ އެހެން މިސާލެއް ފެންނަން ނެތްފަދަ ކަންތައްތަކެއް. އާދެ، ބޮޑުތަކުރުފާނު، ދިވެހިރާއްޖެ، ބޭރުބައެއްގެ އަޅުވެތިކަމުން ސަލާމަތްކުރެއްވީ، އޭނާގެ ފަހަތްޕުޅުގައި ބައިގިނަ ލަޝްކަރެއް އޮވެގެންނެއް ނޫން. އޭނާގެ އިތުރަށް އެންމެ ހަތަރު ފަސްމީހުންނާ އެކުގައި. އޭނާގެ އަތްޕުޅުގައި ވަރުގަދަ ހަތިޔާރުތަކެއް ހުރެގެނެއްވެސް ނޫން. ހަމައެކަނި ވަރުގަދަ އީމާނަކާއި ނުގުޑާފަދަ ޢަޒުމެއްގެ ބާރުން. ބޮޑުތަކުރުފާނު އެޙަމަލަދެއްވި އަދި ދެރަކުރެއްވި ޕޯޗްގީޒް މީހުންނަކީ، އެދުވަސްވަރު ދުނިޔޭގައި އޮތް ވަރުގަދަ އިސްތިޢުމާރީ ބާރެއް. "ކަނޑުގެބާޒު"ގެ ނަމުން މަޝްހޫރުވެފައިވާ މުހިންމު ކަނޑުގެ ބާރެއް. އިންޑިޔާ ބަޔަކާއި އޮޅުދޫކަރައިގެ ބައެއްގެ ވެރިކަމުގައި އޭރުތިބި ނުފޫޒުހުރި ބައެއް. އެހެންކަމުން، ބޮޑުތަކުރުފާނު އެކުރެއްވި ޖިހާދަކީ، އެއްގޮތަކުން ބަލައިފިނަމަ ޞަލާޙުއްދީނުލްއައްޔޫބީ ކުރެއްވި ޖިހާދަށްވުރެވެސް ވަރުގަދަ ޖިހާދެއް. އަނެއްގޮތަކުން ބަލައިފިނަމަ، ބޮޑުތަކުރުފާނު އެ ވެވަޑައިގެންނެވި ޤުރުބާނީއަކީ، ޖޯޖްވޮޝިންގޓަން ނުވަތަ މަހާތުމާގާނދީފަދަ ޒަޢީމުން، އެބޭފުޅުންގެ ޤައުމަށްޓަކައި ވެވަޑައިގެންނެވި ޤުރުބާނީއަށްވުރެ މާމަތިވެރި ޤުރުބާނީއެއް.
އަޅުގަނޑުމެން މިއަދު ޤައުމީދުވަސް މިފާހަގަކުރަނީ، އެމަތިވެރި ބަޠަލުގެ ޒިކުރާ އާކުރަމުން. އެތަކުރުފާނުގެ ވަރުގަދަ ޢަޒުމާއި، އަގުހުރި ޖިހާދުން ރާއްޖެއަށް ހޯއްދަވައިދެއްވި މިނިވަންކަމާއި އިސްތިޤްލާލަށްޓަކައި އުފާކުރަމުން. އެތަކުރުފާނު ދެއްކެވި ފުރިހަމަ ކެރިވަޑައިގަތުމާއި ސާބިތުކަމުގެ ނަމޫނާ އަޅުގަނޑުމެންގެ ހިތްތަކުގައި އަލުން ބިންވަޅު ނަގަމުން.
މިގޮތުން، މިއަދު އަޅުގަނޑުމެން އެދުވަސް މިފާހަގަކުރަނީ، ވަރަށް ޚާއްޞަ ބިމެއްގައި. އަޅުގަނޑުމެންގެ ރާއްޖޭގެ ކުދިކުދި ރަށްތަކުގެ ތެރެއިން ވަރަށް މުހިންމު ރަށެއްގައި. އާދެ، އެބިމަކުން ދުވަހުގެ ބަޠަލު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ބިން. އެރަށަކުން އެމަތިވެރި މުޖާހިދުގެ ޖިހާދު ފެށްޓެވި ރަށް. މިއަދު ރާއްޖޭގެ ޤައުމީދުވަހުގެ މުނާސަބަތު، މިރަށުގައި މިހާ ކުލަގަދަގޮތަކަށް ފާހަގަކުރެވޭކަން އެއީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް.
މިމަތިވެރި މުނާސަބަތު މިރަށުގައި ފާހަގަކުރެވޭއިރު، މިކަމަށް އަދި އިތުރު ހައިބަތެއް ގެނެސްދެނީ، މިކަމަށްޓަކައި މިރަށް ތައްޔާރުކޮށްފައިވާ ފުރިހަމަކަމުން. މިރަށަށް ގެނެސްފައިވާ ޒީނަތްތެރިކަމާއި ނަލަކަމުން. މިރަށަށް ގެނެވިފައިވާ ބަދަލުތަކާއި ތަރައްޤީގެ ފާޅުކަން ބޮޑުކަމުން. މިކަމަށްޓަކައި މިރަށުގެ ތައްޔާރުތައް މިހާ ފުރިހަމައަށް ކުރެއްވި ހުރިހާ ފަރާތްތަކަކަށް، އަޅުގަނޑުގެ ހިތުގައި އުފެދިފައިވަނީ ޚާއްޞަ ތަޢުރީފަކާއި ޝުކުރެއް. އުތީމުގައި މިއަހަރުގެ ޤައުމީދުވަސް ޚާއްޞަގޮތެއްގައި ފާހަގަކުރެއްވުމަށް ޚިޔާލުކުރައްވައި، އެކަމާބެހޭ ތައްޔާރުތައް ކުރައްވަމުންގެންދެވި، ދިވެހި ތާރީޚާއި ޘަޤާފަތަށް ޚިދުމަތްކުރާ މަޖިލީހަށް އަޅުގަނޑުގެ ހިތުގައި އުފެދިފައިވަނީ، ވަރަށް މަތިވެރި ޝުކުރެއް. ހަމަ މިނޭވާގައި މިރަށުގައި ކޮށްފައި މިވާ ގިނަގުނަ މަސައްކަތްތަކަށްޓަކައި، ޢާންމުކޮށް ތިލަދުންމަތީ އުތުރުބުރީގެ އެންމެހާ ރައްޔިތުންނަށް އަދި ޚާއްޞަކޮށް، އުތީމު ރައްޔިތުންނަށް އަޅުގަނޑު ޝުކުރުވެރިވަނީ އިޚްލާޞްތެރިކަމާއެކު. އަދި މިއަތޮޅުގެ ހީވާގި އަތޮޅުވެރިޔާ އަލްފާޟިލް އާދަމް ޢަބްދުއްރަޙްމާނަށާއި، އުތީމުގެ ޙަރަކާތްތެރި ކަތީބު އަލްފާޟިލް އާދަމް ޢަބްދުއްރަޙްމާނަށް އަދި އުތީމުގެ އެހެން ވެރިންނަށްވެސް އަޅުގަނޑުގެ ހިތުގެ އަޑިން ޝުކުރުވެރިވަން. އަދި ހަމަ އެއާއެކު މިއަދުގެ ރަސްމިއްޔާތު މިހާ ފުރިހަމަކޮށްދެއްވުމަށްޓަކައި ނުލާހިކު ބުރަ އުފުއްލަވައިގެން މިހާ ދުރަށް ވަޑައިގެންދެއްވި އެންމެހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރުވެރިވަން. އޭގެތެރޭގައި މިރަށަށް ވަޑައިގެން ތިއްބެވި ބޭރުގެ ޢިއްޒަތްތެރި މެހުމާނުންނަށް ވަކިން ޚާއްޞަގޮތެއްގައި ޝުކުރުވެރިވާންޖެހޭ.
މިއަދު އަޅުގަނޑުމެން ފާހަގަކުރަންޖެހޭނީ ހަމައެކަނި އަޅުގަނޑުމެންގެ، ޤައުމީދުވަހުގެ ގޮތަކުންނެއްނޫން. މިއަދަކީ ވަރަށް މާތް މައްސަރެއް ފެށޭ ދުވަހެއް. އާދެ، އެމައްސަރުގައި محمّد صلّى اللّـه عليه وسلّم ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް މައްސަރު ފެށޭ ދުވަސް.
އަޅުގަނޑުމެންގެ ޤައުމަކީ، ސަތޭކައިންސަތޭކަ މުސްލިމް ޤައުމަކަށްވުމާއެކު، މިގޮތުންވެސް މިއަދަކީ، ވަރަށް ޚާއްޞަ ދުވަހެއް. ވީމާ، އަޅުގަނޑުމެންގެ ޤައުމީދުވަސް އައިސްފައި މިވަނީ ޤައުމީ ލޯތްބާއި ދީނީ ޙުރްމަތުގެ ގުޅިފައިވާ ރަމްޒެއްގެ ގޮތުގައި. ޤައުމިއްޔަތަށާއި ދީންވެރިކަމަށް އިޝާރާތްކުރާ ނިޝާނެއް ކަމުގައި.
މިއަހަރުގެ ޤައުމީދުވަސް އުތީމުގައި ފާހަގަކުރެވޭކަން އެއީ، އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ކަމެއް. މިކަމަކީ އަޅުގަނޑު ދެކޭގޮތުގައި، އޭގައި ވަރަށް ފުން މާނަތަކެއް އެކުލެވިގެންވާ ކަމެއް. މިކަމުގައި ވަރަށް ޚާއްޞަ ދެކަމެއް ފާހަގަވެގެންދޭ. އޭގެތެރެއިން އެއްކަމަކީ، ރާއްޖޭގެ ބިމުން އުފެދުނު އެ ބަޠަލަކަށްޓަކައި ރާއްޖެ ފަޚުރުވެރިވުން އެންމެ ޙައްޤު ބަޠަލަށް ދޭންވީ ޤަދަރާއި އިޙްތިރާމް މިއަދު ސަރުކާރުން ދޭކަން. އެފަދަ ބަޠަލެއްގެ ޒިކުރާއިން މިއަދު ދިވެހި ދަރީންގެ ހިތްތަކުގައި ޤައުމަށްޓަކައި ޤުރުބާންވުމުގެ ޢަޒުމާއި، ދީނަށްޓަކައި ޖިހާދުކުރުމުގެ ސާބިތުކަން އަދި ވަޒަންދެކެ ލޯބިވުމުގެ ޝުޢޫރު އުފެއްދުމަށް ސަރުކާރުން އެދޭކަން.
މިއަދު އަޅުގަނޑުމެންގެ ޤައުމީދުވަސް ފާހަގަކުރާއިރު، އަޅުގަނޑުމެން ހަނދާންކުރަންވީ މިއަދުގެ ބަޠަލު އާދެ، ބޮޑުތަކުރުފާނު އަޅުގަނޑުމެންނަށް ދޫކުރައްވާފައި ވަޑައިގެންނެވި ޤައުމީ އުސޫލު. އެތަކުރުފާނު ގެނެސްދެއްވި މަތިވެރި އިލްހާމް. ބޮޑުތަކުރުފާނު އަޅުގަނޑުމެންނަށް ދޫކުރައްވާފައި ވަޑައިގަތް އެންމެ އަގުހުރި އިރުޝާދަކީ، މިނިވަންކަމުގެ އިރުޝާދު. ބައެއްގެ އަޅުވެތިކަމުގެ ދަށުގައި ނުތިބުމުގެ އިރުޝާދު. އެއާއެކު، އެތަކުރުފާނު ގެނެސްދެއްވި އިލްހާމުތަކަކީވެސް ހަމަ އެފަދަ މަތިވެރި އިލްހާމުތަކެއް. އާދެ، ދިވެހިވަންތަކަމުގެ އިލްހާމް، ދިވެހިއްޔަތުގެ އިލްހާމް، ދިވެހި ޤައުމިއްޔަތުގެ އިލްހާމް.
ތާރީޚުގެ އަލީގައި މާޒީގެތެރެއަށް ބަލާލައިފިނަމަ، ބައެއް މުއައްރިޚުން ދެކޭގޮތުގައި، އަޅުގަނޑުމެން ލިޔަން މި ގެންގުޅޭ ތާނައިގެ އަކުރުތަކަކީ، ބޮޑުތަކުރުފާނުގެ ދަރިކަލުން ކަލާފާނުގެ ދުވަސްވަރުގައި ބޭނުންކުރަން ފެށިފައިވާ އަކުރުތަކެކޭ ބުނެވިދާނެ. އެހެންކަމުގައި ވަނީނަމަ، އޭގެ ކުރިން ދިވެހިބަހުން ލިޔަން ބޭނުންކުރި ދިވެސްއަކުރު އުވާލައި، އަޅުގަނޑުމެންގެ އަމިއްލަ އަކުރެއް ބޭނުންކުރަން ފެށުމުގެ ޚިޔާލު އެންމެ ފުރަތަމަ އުފައްދަވާފައިވަނީ، ބޮޑުތަކުރުފާނު ކަމުގައި ވުމަކީ އެއްގޮތަކަށްވެސް އެކަށީގެންނުވާ ކަމެއްނޫން. އާދެ، މިގޮތުން ބޮޑުތަކުރުފާނު ގެނެސްދެއްވާފައިވަނީ، ދިވެހިވަންތަކަމުގެ ވަރަށްވެސް މަތިވެރި އިލްހާމެއް.
އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެން ދިވެހިންނަކީ ޠަބީޢަތުގައިވެސް އަމިއްލަ ގޮތަކާއި، މުސްތަޤިއްލު ޚިޔާލުތަކެއް އަށަގެންފައިވާ ބައެއް. މިނިވަންކަމަށް ލޯބިކުރާ ބައެއް. މިކަމުގެ ހެކިތައް ތާރީޚުން ފެންނަން އެބަހުރި.
މިއަދަކީ އަޅުގަނޑުމެންގެ ޤައުމީދުވަސް. މިއަދަކީ އަޅުގަނޑުމެންގެ ތާރީޚާއި ޘަޤާފަތަށް ޤަދަރުކުރަންވީ ދުވަސް. މިއަދަކީ އަޅުގަނޑުމެންގެ މަދަނިއްޔަތާއި ތަހުޒީބާމެދު ފަޚުރުވެރިވާންވީ ދުވަސް. އަޅުގަނޑުމެން ވިސްނާލަމާތޯ! އަޅުގަނޑުމެންނަކީ، ހާދަ ޒަމާންވީ ތާރީޚަކާއި އަދި އަމިއްލަ ޘަޤާފަތެއް އޮތް ބައެއްކަން. އަޅުގަނޑުމެން ހަނދާންކުރަމާތޯ! އަޅުގަނޑުމެންނަކީ، ވަރަށް ކުރިއްސުރެ އަޅުގަނޑުމެންގެ މުސްތަޤިއްލު މަދަނިއްޔަތަކާއި ތަހުޒީބެއްގެ ވެރިންކަން.
އާދެ، ރާއްޖޭގެ ތާރީޚު، މީގެ ދެހާހެއްހާ އަހަރު ކުރިއާ ހަމައިން ކިތަންމެ ފަނޑުގޮތެއްގައި ނަމަވެސް ފެންނަން އެބައޮތް. އެންމެ ކުރީގެ ލިޔުންތެރީންވެސް ރާއްޖެއާމެދު ލިޔެފައި ހުރީ ދިވެހިންނަކީ، މިނިވަން އަދި ވަރަށް މަތީ ދަރަޖައަކަށް ތަހުޒީބުވެފައިވާ އަމިއްލަ ގޮތެއް ގެންގުޅޭ ބައެއް ކަމަށް. އަދި ބޭރުގެ، މިހާރުގެ ލިޔުންތެރިންވެސް ރާއްޖެއާމެދު ލިޔަމުން ގެންދަނީ ހަމަ އެގޮތަށް.
ރާއްޖެއާމެދު ބޭރުގެ މުއައްރިޚަކު ލިޔެފައިވާ އެންމެ ކުރީގެ ލިޔުމެއް ކަމުގައި ފެންނަން އޮތް އެއް ލިޔުމަކީ އަލްމަސްޢޫދީގެ ލިޔުއްވުން. އޭގައި އޭނާވެސް ބަޔާންކުރައްވަނީ، ރާއްޖެއަކީ، މިނިވަން މުސްތަޤިއްލު ޤައުމެއްކަން. ދިވެހިންނަކީ، އަމިއްލަ ތަހުޒީބަކާއި ތަމައްދުނެއްގެ ވެރި ބައެއްކަން. އޭގެފަހުން އިބްނުބަޠޫތާ އަދި ޕިރާޑް ފަދަ މުއައްރިޚުންގެ ލިޔުންވެސްވަނީ، މިދެންނެވި ޙަޤީޤަތަށް ތާއީދުކޮށްފައި. ވީއިރު އަޅުގަނޑުމެން، އަޅުގަނޑުމެންގެ އަމިއްލަ ދިވެހިއްޔަތަށްޓަކައި ފަޚުރުވެރިވަމާތޯ! އަޅުގަނޑުމެންގެ ދިވެހިވަންތަކަމަށް ޤަދަރުކުރަމާތޯ! އަޅުގަނޑު މިދެންނެވީ، މިއަދު ދުނިޔެ ތަރައްޤީވެފައިވާ ހިސާބުން އަޅުގަނޑުމެން އޮތީ މާބޮޑަށް ތަރައްޤީވެފައެކޭ ނޫން. ނުވަތަ އަޅުގަނޑުމެންވަނީ، ފަޚުރުވެރިވާންޖެހޭ ހިސާބަށް ކުރިއަށްގޮސްފައެކޭވެސް ނޫން. ނަމަވެސް، އަޅުގަނޑު ކެރިހުރެގެން މިދަންނަވަނީ، އަޅުގަނޑުމެންގެ އަމިއްލަ ދިވެހިވަންތަކަމާއި، ޤައުމުގެ މިނިވަންކަން އަޅުގަނޑުމެންނާ ހަމައަށް އައިސްފައިވާ ފުރިހަމަގޮތް އެއީ، އެއަށްޓަކައި އަޅުގަނޑުމެން ފަޚުރުވެރިވުން ޙައްޤު ގޮތެކޭ.
ވީމާ، އަދިވެސް އެއްފަހަރު ދަންނަވަން. އަޅުގަނޑުމެންގައި ހުރި ދިވެހިވަންތަކަން އަނެއްކާވެސް ދިރުވުމަށް މަސައްކަތް ކުރަމާތޯ! ދިވެއްސަކަށްވީކަން އެއީ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ފަރުދަކުވެސް ފަޚުރުވެރިވާ ކަމަކަށް ހަދަމާތޯ! ދިވެހިންނަކީ ކުރިއްސުރެ މިނިވަން، އަމިއްލަ ތަހުޒީބަކާއި ތަމައްދުނެއް ގެންގުޅުނު ބަޔަކަށްވީފަދައިން، މިހާރާއި އަދި މުސްތަޤްބަލުގައިވެސް އެގޮތުގައި ތިބޭނެ ބައެއް ކަމުގައި ވަމާތޯ!
ރާއްޖޭގެ އުފާވެރި ޤައުމީދުވަހުގެ މުނާސަބަތުގައި އަޅުގަނޑު މުޅި ދިވެހި އުއްމަތަށް މި ގޮވާލަނީ، އަޅުގަނޑުމެންގެ ދިވެހިއްޔަތަށްޓަކައި ފަޚުރުވެރިވުމަށް. އަޅުގަނޑުމެންގެ ޤައުމީ އަބްޠާލުން ދިރުއްވެވި ދިވެހިވަންތަކަން އަނެއްކާވެސް އަލުން ދިރުވުމަށް، އާ ހިތްވަރަކާއެކު މަސައްކަތް ފެށްޓެވުމަށް. އަޅުގަނޑުމެންގެ ކޮންމެ ރައްޔިތަކީވެސް، ދިވެއްސަކަށްވީތީ ފަޚުރުވެރިވުމަށް. ދިވެއްސަކަށްވީތީ އުފާކުރުމަށް. އަޅުގަނޑުގެ މިއިލްތިމާސާއެކު އަޅުގަނޑުމެންގެ ދިވެހިއްޔަތަށް އިތުރު ބާރެއްލުމުގެ ގޮތުން ސަރުކާރުގެ ފަރާތުން، އަޅުގަނޑުވެސް މިއަދު މުހިންމު ފިޔަވަޅެއް އަޅާނަން.
އާދެ، އަޅުގަނޑުމެންގެ ރޭޑިޔޯއަކީ އަޅުގަނޑުމެންގެ އަޑު. ސަރުކާރުގެ އެންގެވުންތަކާއި އަޅުގަނޑުމެންގެ ޚަބަރުތައް، އަދި ބޭރުގެ ޚަބަރުތަކާއި އެހެނިހެން މަޢުލޫމާތު، ދިވެހިރައްޔިތުންނަށް އިއްވައިދޭ ވަސީލަތް. އަޅުގަނޑުމެންގެ ތަޢާރުފް، ބޭރު މީހުންނަށް ގެނެސްދޭ ވާސިޠާ. ވީއިރު، އަޅުގަނޑުމެންގެ ރޭޑިޔޯއަށް ބޭރު ބަހަކުން ނަމެއް ކިއިގެނެއްނުވާނެ. އާދެ، މިފަދަ ޤައުމީ ވާޖިބުތަކެއް އަދާކުރާ، މިފަދަ މުހިންމު ޤައުމީ ވަސީލަތަކަށް ބޭރުބަހަކުން "ރޭޑިޔޯ މޯލްޑިވްސް" އޭ ކިޔުމަކީ އަޅުގަނޑު ހިތުން މާ ހަމަޖެހޭ ކަމެއްނޫން. އެހެންކަމާއެކު، އަޅުގަނޑުމެން މިއަދު މިކުރިމަތިލާ ދިވެހިވަންތަކަން އަލުން ދިރުވުމުގެ ރޫޙުގެ ފެށުމެއް ކަމުގައި އަޅުގަނޑު މިފަޚުރުވެރި ފަސްގަނޑުން މި އިޢުލާނު ކުރަނީ، މިއަދުން ފެށިގެން، ރޭޑިޔޯ މޯލްޑިވްސްގެ ނަމަކީ، "ދިވެހިރާއްޖޭގެ އަޑު" ކަމަށް. އާދެ، އެއީ "ދިވެހިރާއްޖޭގެ އަޑު". އަޅުގަނޑުހިތުން އެއީ، އެއަށް އެންމެ އެކަށީގެންވާ ނަން. އެއީ ޙަޤީގަތުގައިވެސް "ދިވެހިރާއްޖޭގެ އަޑު".
އަޅުގަނޑުމެން ދިވެހިވަންތަކަމަށްޓަކައި ފަޚުރުވެރިނުވާންވީ ސަބަބެއް ނެތް. އާދެ، އަޅުގަނޑުމެންގެ އަމިއްލަ ދިވެހި ބަހެއް އެބައޮތް. އަޅުގަނޑުމެންގެ އަމިއްލަ ދިވެހި އާދަކާދަތަކެއް އެބަހުރި. މިހިރަ ކަންތައްތައް ދިރުވުމުގެ މަސައްކަތެއް ނުކުރެވި އެތައް ދުވަހެއް ވެގެންދާއިރުވެސް އެކަންކަން އުވިގެނެއްނުދޭ. އެއިން އެނގެނީ އަޅުގަނޑުމެންގައި ދިވެހިވަންތަކަން ޠަބީޢީގޮތުން އަށަގެންފައިވާކަން. ވީމާ، މިހާރު ބޭނުމީ މިކަން ތަރައްޤީކުރުން. މިކަމަށް އަޅުގަނޑުމެން ހޭލުން. މިކަމަށްޓަކައި އަޅުގަނޑުމެން ފަޚުރުވެރިވުން.
އަޅުގަނޑުގެ ވާހަކަ ފަށައިގަތުމުގައިވެސް ދެންނެވިން. މިއަދު މިރަށުގައި ޤައުމީދުވަސް ފާހަގަކުރުމުގައި ޚާއްޞަ ގޮތެއްގައި ފާހަގަކުރެވޭ ދެކަމެއް އެބައޮތޭ. އޭގެތެރެއިން އަނެއްކަމަކީ، އާދެ، ދެވަނަ ކަމަކީ، މިއަދުގެ ސަރުކާރުން ރާއްޖެތެރެއަށް ދޭ އަހަންމިއްޔަތު. ޝައްކެއްނެތް. ޤައުމީދުވަހު ސަރުކާރުގެ ފަރާތުން ބާއްވާ އެންމެ މުހިންމު ރަސްމިއްޔާތު ރާއްޖެތެރޭގެ ރަށެއްގައި ބޭއްވުމަށް ހަމަޖެހުނުކަން އެއީ، ވަރަށް ފުން މާނައެއް އޭގައި އެކުލެވިގެންވާ ކަމެއް. އަދި މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، މިނިސްޓަރުންނާއި، ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިންނާއި، ދައުލަތުގެ ކުރިއަށް ތިއްބެވި ބޭފުޅުންގެ ތެރެއިން ނުހަނު ގިނަ އަދަދެއްގެ ބޭފުޅުން، މިރަށަށް ވަޑައިގެން ތިއްބެވިކަން އެއީ، ވަރަށްބޮޑު ކަމެއް. މިކަމުން ދައްކަނީ، އަޅުގަނޑު ކުރިންވެސް ދަންނަވަމުން އަންނަ ފަދައިން، ދިވެހިރާއްޖެއަކީ، ހަމައެކަނި މާލެ ނޫންކަމަށް މިއަދުގެ ސަރުކާރުން ދެކޭކަން. ރާއްޖޭގެ ކުރިއެރުމަކީ، ރާއްޖެތެރެއަށް ތަނަވަސްކަން ގެނެސްދިނުމަކީ، މިއަދުގެ ސަރުކާރުން އެންމެ ބޮޑަށް ސަމާލުކަންދޭ ކަންތައްކަން.
މީގެ ކުރިން މާލެ ނޫން ރަށެއްގައި އާދެ، އެރަށަކީވެސް ހަމަ މި ރަށް. އުތީމުގައި ރާއްޖޭގެ ޤައުމީދުވަހެއްގެ އިޙްތިފާލު ބޭއްވިފައިވަނީ މީގެ 29 އަހަރު ކުރިން، ހިޖުރައިން 1371 ވަނަ އަހަރު. އެދުވަހާ މިއަދާ ދެމެދުގައި މިވީ 29 އަހަރުގެ ތެރޭގައި މާލެއަށް އައިސްފައިވާ ތަރައްޤީއާއި، އެމުއްދަތުގެ ތެރޭގައި ރާއްޖެތެރެއަށް އައިސްފައިވާ ބަދަލުތަކާ އަޅައި ބަލައިލުމުން، މިދިޔަ ދުވަސްތަކުގައި ސަރުކާރުން ރާއްޖެތެރެއަށް އަޅައިނުލެވި އޮތް މިންވަރު ވަޒަންކުރެވޭނެ. އެ ފަނޑު ޞަފްޙާތައް އަލުން އުކާކަށް އަޅުގަނޑު މިމަޤާމުގައި ގަސްދެއްނުކުރަން. އޭގެ ބަދަލުގައި އަޅުގަނޑު ޔަޤީންކޮށް މިއަރުވަނީ، ސަރުކާރު ހިންގުމާ އަޅުގަނޑު ހަވާލުވީއްސުރެ މަސައްކަތް ކުރަމުން މިގެންދަނީ ރާއްޖެތެރެ ތަރައްޤީކޮށް އިޞްލާޙު ކުރެވޭތޯ ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުންކަން. މިގޮތުން އެޅުނު ބައެއް ފިޔަވަޅުތަކުގެ މައްޗަށް، ވަރަށް އަވަހަށް އަޅުގަނޑު ނަޒަރެއް ހިންގާލާނަން.
ސަރުކާރު ހިންގުމާ އަޅުގަނޑު ހަވާލުވިއިރު، ސަރުކާރުގެ މުވައްޒަފުންގެ ގޮތުގައި ރާއްޖެތެރޭގެ އެކިއެކި މަޤާމުތަކުގައި ތިބީ ޖުމްލަ 933 މުވައްޒަފުން. 1979 ވަނަ އަހަރު ނިމުނުއިރު ރާއްޖެތެރޭގެ މަޤާމުތަކުގައި ތިބި ސަރުކާރުގެ މުވައްޒަފުންގެ އަދަދު، އޭގެ ދެގުނައަށްވުރެވެސް އިތުރުވެއްޖެ. އާދެ، މިހާރު ރާއްޖެތެރޭގެ މަޤާމުތަކުގައި ސަރުކާރުގެ 2094 މުވައްޒަފުން އެބަތިބި. އާދެ، ރާއްޖެތެރެ ކުރިއެރުވުމަށްޓަކައި އެމަޤާމުތަކަކީ ކޮންމެހެން ބޭނުން މަޤާމުތަކެއް ކަމުގައި ސަރުކާރަށް ފެނިގެން އިތުރުކުރި މަޤާމުތަކެއް އެއީ. ރާއްޖެތެރޭގެ މަޤާމުތައް އިތުރުކުރުމާއެކު، ރާއްޖެތެރޭގެ މަޤާމުތަކަށް ލިބޭ މުސާރަވެސް، ދައުލަތުގެ ތަނަވަސްކަން އޮތް މިންވަރަކުން މިހާރުވަނީ އިތުރުކޮށްދެވިފައި.
ރާއްޖެތެރޭގެ ތަރައްޤީއަށްޓަކައި ތިން އަހަރުދުވަހުގެ މަޝްރޫޢެއް ކަނޑައެޅި، އޭގެ މަސައްކަތް މިދިޔަ އަހަރު ހިންގަން ފެށުނު. އެ މަޝްރޫޢުގެ ދަށުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ސަރުކާރުން ޚަރަދުދީގެން ހިންގާ ސަރުކާރުގެ ޕްރައިމަރީ ސްކޫލެއް ހުޅުވުނު. އަދި ކުރިއްސުރެ ހިނގަމުން އަންނަތާ 10 އަހަރުވެފައިވާ މަދަރުސާތަކަށް ސަރުކާރުން އެހީވެދޭގޮތަށްވެސް ހަމަޖެއްސުނު. މިގޮތުން 1979 ވަނަ އަހަރު ނިމުނުއިރު، ރާއްޖެތެރޭގައި ސަރުކާރުގެ 19 ޕްރައިމަރީ ސްކޫލާއި، ސަރުކާރުން އެހީވެދޭ 47 މަދަރުސާ އެބަހުރި. މީގެ ކުރިން ރާއްޖެތެރޭގައި ސަރުކާރުން އެހީ ލިބިގެން ހިންގާ އެއްވެސް ސްކޫލެއް، މަކްތަބެއްފަދަ ތަނެއް ނެތް.
މިދެންނެވި މަޝްރޫޢުގެ ދަށުން ސަރުކާރުގެ ޚަރަދުގައި ރާއްޖެތެރޭގެ 13 ރަށެއްގައި މިހާރު އާ މިސްކިތްތައް ރޭނެމުން އެބަދޭ. އަނެއްބައި ރަށްރަށުގެ މިސްކިތްތައް މަރާމާތު ކުރެވެމުން އެބަދޭ. އަދި އެނޫންވެސް ރަށްރަށުގައި ހުރި ރައްޔިތުންގެ ޢިމާރާތް މަރާމާތު ކުރެވެމުން އެބަދޭ.
ރާއްޖޭގެ އެންމެ މަތިވެރި މަސައްކަތް ކަމުގައިވާ މަސްވެރިކަމުގެ ރޮނގުގައިވެސް އިތުރު ކަންތައްތައްވަނީ ފެށިފައި. އޭގެތެރޭގައި، ރާއްޖެތެރޭގެ މީހުންނަށް ފަސޭހައިން ތެޔޮ ލިބޭނެގޮތް ހަމަޖެއްސުމުގެ ގޮތުން، މިދިޔަ 6 މަސްދުވަހުގެ ތެރޭގައިވަނީ 88 ތެޔޮތާނގީ ރާއްޖެތެރޭގެ އެކި ރަށްރަށަށް ފޮނުވިފައި.
އާދެ، ރާއްޖެތެރެ ތަރައްޤީކުރުމުގެ ގޮތުން ސަރުކާރުން މިގެންދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން. އެހެންކަމާއެކު މިމަސައްކަތުގެ ނަތީޖާ ލިބެމުންދާނީ، ރާއްޖެތެރޭގެ ރައްޔިތުންވެސް މިކަމުގައި ސަރުކާރާ އެއްބާރުލައްވައިގެން. އަޅުގަނޑުމެންގެ ތެރޭގައި ބުނެއުޅޭ މުޙާވިރާއެއްގައި އޮންނަ ފަދައިން، "އަތޮޅުވެރިންނަށް ހިއްޕެވޭނީ ވަލުގައި". އެއަށް ބާރުލައި، ދެމުން އެއީ ހަމައެކަނި ރައްޔިތުންނަށް ކުރެވޭނެ ކަމެއް.
އާދެ، ރާއްޖެތެރެ ކުރިއަރާނީ، ރާއްޖެތެރޭގެ މީހުންގެ މަސައްކަތުން. ރާއްޖެތެރޭގެ މީހުން މާލެއަށް ގޮސް މަސައްކަތެއް ލިބޭތޯ އުޅުމުގެ ބަދަލުގައި ރާއްޖެތެރެއަށް ގޮސް ކޮންމެ މީހަކުވެސް އެމީހެއްގެ ރަށަށް، އެމީހެއްގެ އަތޮޅަށް ޚިދުމަތް ކުރެވޭތޯ އުޅެގެން. މީގެކުރިން އެގޮތަށް މާލެ ދާން ޖެހިފައި އޮތީ ރާއްޖެތެރޭގައި މަސައްކަތްކުރާނެ ފުރުޞަތެއް ނޯންނާތީ. ރާއްޖެތެރޭގައި ޚިދުމަތް ކުރާނެ ރޮނގުތަކެއް ނުހުންނާތީ. އެހެންނަމަވެސް، މިހާރު ސަރުކާރުން ރާވަމުން މިގެންދަނީ، ކޮންމެ މީހަކަށްވެސް، އެމީހެއްގެ އަމިއްލަ ވަޒަނުގައި އެމީހެއްގެ އަނބިދަރިންގެ ގާތުގައި ހުރެގެން އެމީހެއްގެ ޙަޔާތް ތަނަވަސް ކުރާނޭ ފުރްޞަތު ހޯދައިދޭން. ވީމާ، މިހާރު ސަރުކާރުން ރާވަމުންގެންދާ މަޝްރޫޢުތައް ހިނގައިގަންނަންވާއިރަށް އެކަމަށް ރާއްޖެތެރޭގެ ރައްޔިތުން ތައްޔާރުވެގެން ތިބުމަކީ ކޮންމެހެން ބޭނުންކަމެއް. ކުރާނެ މަސައްކަތްތައް ރާވައި ޢަޒުމްތައް ހިތުގައި އުފެއްދުމަކީ، ކޮންމެހެން ކުރަންވީ ކަމެއް.
މިފުރްޞަތުގައި އަޅުގަނޑު ފާހަގަކޮށްލަންޖެހޭ ނުކުތާއެއް އެބައޮތް. ދެންމެ ދެންނެވިފަދައިން ރާއްޖެތެރެ ކުރިއަރާނީ، ރާއްޖެތެރޭގެ މީހުންގެ މަސައްކަތުން. މީގެ ހެކިތައް، ތަންކޮޅެއް ކުރިން ރާއްޖެތެރެއަށް އައި ތަރައްޤީގެ ދައުރުންވެސް ފެނިފައިވާނެ. އާދެ، ސުމުއްވުލްއަމީރު އަލްމަރްޙޫމް މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ދުވަސްވަރު، ރާއްޖެތެރޭގެ ރަށްރަށުގައި ހެދިފައި ހުރި މަގުތަކާއި، އެޅިފައި ހުރި ޢިމާރާތްތައް އަޅާފައިވަނީ، ހަމަ ރައްޔިތުންގެ މަސައްކަތުން. އަދި އެމަސައްކަތްތައް ހިނގާފައިވަނީ ވަރަށް ފޯރިއާއެކު މުޅިން ހިލޭ. ސަރުކާރުން އެކަމަށް ޚަރަދުނުކޮށް.
މިދޭތެރެއިން ރާއްޖެތެރެއާމެދު ސަރުކާރުން ކަންތައްތައް ބެހެއްޓިފައި އޮތް ގޮތަކުން، މިގޮތަށް ރައްޔިތުންގެ މަސައްކަތް ލިބުންވަނީ މުޅިންހެން މިހާރު ނެތިފައި. އެހެންނަމަވެސް، މިހާރު އަނެއްކާވެސް އެރޫޙު ރާއްޖެތެރޭގައި އުފެދެން ފަށައިފި ކަމުގެ ހެކިތައް ފެންނަމުން އެބަދޭ. އަޅުގަނޑު އެދެނީ، ވީވަރަކުން އެރޫޙު އާލާކުރުން. އާދެ، ކުރާ ކޮންމެ މަސައްކަތަކީ މާއްދީގޮތުން އޭގެ އަގެއް ލިބޭ މަސައްކަތެއް ކަމުގައި ހެދުމުގެ ޚިޔާލު ދޫކޮށްލުން. ތިމާގެ ރަށަށާއި، ތިމާގެ އަތޮޅަށާއި، ތިމާގެ ޤައުމަށް ޚިދުމަތް ކުރުމަކީ، އުފަލެއް ކަމުގައި ހެދުން.
މިއަދު ސަރުކާރުން އެންމެ މަތީ އަހަންމިއްޔަތެއް ދީފައިވާ ރޮނގަކީ ރާއްޖެތެރޭގެ ތަޢުލީމު. ކޮމިއުނިޓީ އެޑިޔުކޭޝަންގެ ގޮތުގައި ރާއްޖޭގެ ދެއަތޮޅެއްގައި ސްކޫލްތައް ހުޅުވިގެން މިހާރު ހިނގަމުން އެބަދޭ. އަދި ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އިތުރު ދެ އަތޮޅެއްގައި ކޮމިއުނިޓީ ސްކޫލް ހުޅުވޭނެ. ކުރިން ދެންނެވި ފަދައިން، ކޮންމެ އަތޮޅެއްގައި މިހާރު ޕްރައިމަރީ ސްކޫލެއްވެސް ވަނީ ހުޅުވިފައި. އަދި މިހާރު އަސާސީ ތަޢުލީމުގެ މަޝްރޫޢެއްވެސް ވަނީ ސަރުކާރުން ފަށާފައި. ތަޢުލީމަކީ، ހަމައެކަނި ފޮތްފޮތުން އުނގެނުމެއް ނޫން. ތަޢުލީމަކީ، ދިރިއުޅުމަށް ކުރާނޭ މަސައްކަތްތައް ދަސްކުރުން. މަޢުލޫމާތުގެ ދާއިރާ ތަނަވަސްކުރުން އެއީވެސް ތަޢުލީމު.
ތަޢުލީމު ދޭންވީ ހަމައެކަނި ކުޑަކުދިންނަކަށް ނޫން. އެކުދިން ތަރުބިޔަތު ކުރަން ތިބި ބަޔަކީ، ތިމާމެން ކަމަށްވާތީ، ތިމާމެންނަށް އެނގޭ އެއްޗެއް އިތުރުކުރެވޭތޯ މަސައްކަތް ކުރުމަކީވެސް، ތިމާމެންގެ ވާޖިބެއް. ބޮޑެތިމީހުން ކިޔެވުމަކީ، އަދި ބޮޑެތިމީހުންނަށް ކިޔަވައިދިނުމަކީ، ބޭކާރު ކަމެއްނޫން. އޭގެ އަސަރު އެތައް ގޮތަކުން ކުޑަކުދިންނަށްވެސް ފޯރާނެ ކަމެއް.
ރާއްޖޭގައި ލިޔަންކިޔަން ނުދަންނަ މީހުންވެސް އެބަތިބި. ހަމައެކަނި ތިބީއަކީ ނޫން. ހިތާމަކުރުން އެކަށީގެންވާވަރަށް އެބަތިބި. ބައެއް މީހުންނަށް ލިޔެކިޔަން އެނގުމާއެކުވެސް، ދީނީގޮތުންނާއި އިޖުތިމާޢީގޮތުން އެނގެން ބޭނުންވާ ކަންތައްތައް ނޭނގޭ މީހުންވެސް އެބަތިބި. ވީމާ، އަސާސީ ތަޢުލީމުގެ މަޤްޞަދަކީ ލިޔަންކިޔަން ނޭނގުން ރާއްޖެއިން މުޅިން ފިލުވައިލުން. ދީނީގޮތުންނާއި އިޖުތިމާޢީ ގޮތުން އެނގެން ބޭނުންވާ މިންވަރު އުނގަންނައިދިނުން. މުޖުތަމަޢުގައި މަޤްބޫލު މީހަކަށްވުމަށް އެނގެން ބޭނުންވާ މަޢުލޫމާތުތަކާއި އަދަބުތަކާ، އެބާވަތުގެ ކަންތައްތައް ދަސްކޮށްދިނުން.
މިއަދު އަޅުގަނޑު ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރާނީ، މަސައްކަތްތެރި ބަޔަކަށްވުމަށް. އިތުރު މަސައްކަތްތައް އުފެއްދުމަށް. މިހާރުކުރާ މަސައްކަތްތައްވެސް މިހާރަށްވުރެ އިތުރަށް ކުރުމަށް. އިރާދަކުރެއްވިއްޔާ ރާއްޖެ، އެއް ދުވަހުން އަނެއް ދުވަހަށް ދަނީ ކުރިއަށް. ތަނަވަސްކަން ދަނީ އިތުރުވަމުން. ނަމަވެސް، ލިބޭ ތަނަވަސްކަމުގެ ބޭނުން ފުރިހަމައަށް ކުރަންދަންނަ މީހަކީ މާދަމާގެ ދަތިތަކާމެދު ވިސްނަން އެނގޭ މީހެއް. ވީމާ، މިއަދު ދުނިޔެއަށް އަންނަމުންދާ ބަދަލުތަކަށް ވިސްނައިގެން، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންތައްތައް ހަމަޖައްސަން އެނގުމަކީ، ކޮންމެހެން ބޭނުން ކަމެއް.
އަޅުގަނޑުމެންނަށް ކުރެވެން ހުރި މަސައްކަތްތައް ވަރަށްވެސް ގިނަ. އެހާމެ ފާޅުކަން ބޮޑު. މަސްވެރިކަން މިހާރަށްވުރެ އިތުރުކުރެވިދާނެ. މިހާރު އިންޖީނު ނޭޅިގެން މަހަށް ނުފުރާ ހުރި ދޯނިތައް އަނެއްކާވެސް މަހަށް ފުރުވަން ފަށަމާތޯ! ދުނިޔޭގައި ތެލުގެ އަގު ބޮޑުވަމުންދާތީ، އެހެން ޤައުމުތަކުގައި ތެޔޮ ހޭދަކުރުން މަދުކުރުމަށްޓަކައި ތަފާތު ފިޔަވަޅުތައް އަޅަމުން އެބަދޭ. އަޅުގަނޑުމެންގެ އަވަށްޓެރި ޝްރީލަންކާގައިވެސް މިހާރު އާދީއްތަ ދުވަހުގެ ހެނދުނު 8:00 ން މެންދުރުން އަނބުރާ 2:00 އަށް ކާރުދުއްވުން މުޅިން މަނާ. އަދި މިއަށްވުރެވެސް އިތުރު ފިޔަވަޅު އެޅުމަށް އެތާނގެ ސަރުކާރުން ވިސްނަމުން އެބަގެންދޭ. މިމަޢުލޫމާތަކީ، އަޅުގަނޑު މިދޭތެރެއިން ޝްރީލަންކާއަށް ކުރި ނުރަސްމީ ދަތުރުގައި ލިބިފައިވާ މަޢުލޫމާތު. ވީމާ، އަޅުގަނޑުމެން ތެޔޮ ހޭދަކުރުން މަދުކުރުމަށްޓަކައި އިންޖީނު ދޯނިފަހަރު ދުއްވާ ދުވަހެއް މަދުކޮށްލުމަކާ ނުލައި، ތެޔޮ ގަންނާނެ އިތުރު އާމްދަނީ ހޯދުމަށްޓަކައި އިންޖީނު ދޯނިފަހަރު ދުއްވާ ދުވަހު އިންޖީނު ނެތް ދޯނިފަހަރުވެސް މަހަށް ފުރުވަންވީ. ފުރުވަން ފަށަންވީ. ލޮނުމަސް އެޅުން ގިނަކުރަންވީ. އަދި ފަރުމަސް ހިފުމަށް އިތުރު ބާރެއްލާންވީ. ދަނޑުގޮވާންކުރުން އިތުރުކުރަންވީ. އިތުރު ރުއް ހައްދަންވީ.
އަޅުގަނޑުމެންގެ ރާއްޖެއަކީ، މީގެކުރިން ކުފުރާވެސް ރާއްޖެއިން ބޭރަށް ފޮނުވާހެދި ރާއްޖެއެއް. މިހާރު އިވެނީ، ކާން ބޭނުންވާވަރަށްވެސް ކާށި ނުލިބިގެން އުޅޭ ވާހަކަ. ސަބަބަކީ ކޮބައިތޯ؟ ކެނޑެމުންދާ ރުއްރުކަށް ނުވަތަ ވެއްޓެމުންދާ ރުއްރުކަށް، އެހެން ރުއް އަޅުގަނޑުމެންނަށް ނުހެއްދުނީ. ހައްދަން ނޫޅެވުނީ. އެއީ ބިންނެތިގެނެއްވެސް ނޫން. ހަމަ އެކަމާ ވިސްނައިނުލެވުނީ. އެކަން އިހުމާލުކުރެވުނީ. ވީމާ، އަޅުގަނޑުމެން އަނެއްކާވެސް އާ ބާރެއްލާފައި ދިވެހި ރުއް އިތުރަށް ހެއްދޭތޯ މަސައްކަތް ފަށަމާތޯ! ރާއްޖޭގައި އުޅޭ ކޮންމެ މީހަކަށް 1980 ވަނަ އަހަރުގެ ތެރޭގައި ރުކެއް އިންދަމާތޯ! އޭރުން މިއަހަރުގެ ތެރޭގައި ގާތްގަނޑަކަށް 160,000 ރުއް އިތުރުކުރެވޭނެ.
ބަދަލުވަމުންދާ ދުނިޔެއާ ކުރިމަތިލާއިރު، އަޅުގަނޑުމެންގެ ދިރިއުޅުމަށްވެސް ހެޔޮ ބަދަލުތައް ގެނައުމަކީ ކޮންމެހެން ބޭނުންކަމެއް. މިގޮތުން އަޅުގަނޑު މިއަދު ތިޔަބޭފުޅުންނަށް އިލްތިމާސްކުރާހިތްއޮތީ، އަދި ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އިލްތިމާސްކުރާހިތްއޮތީ، އަޅުގަނޑުމެންގެ ދިރިއުޅުމަކީ، އިޤްތިޞާދީ ދިރިއުޅުމަކަށް ހެދުމަށް. ޚަރަދުކުޑަ ދިރިއުޅުމަކަށް ހެދޭތޯ ބެލުމަށް. ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް ބޭނުންނެތް އިސްރާފުތައް ދޫކޮށްލުމަށް. ކިތަންމެ މަދުން ލިބޭ މީހަކުވެސް، އެމީހަކަށް ލިބޭ އެއްޗަކުން ކޮންމެވެސް މިންވަރެއް ރައްކާކޮށްގެން، ފަހަށް ރައްކާތެރިވުމުގެ ބުއްދިވެރި އުޅުން ދަސްކުރުމަށް. އާދެ، ޚަރަދު ކުޑަކުރުމަކީ، ދިރިއުޅުމުގެ ދެބައިކުޅައެއްބައި.
އަޅުގަނޑުމެންގެ ރާއްޖޭގައި ބޭނުންކުރަންޖެހޭ، ވަރަށްގިނަ ތަކެއްޗަކީ، ރާއްޖެއިން ބޭރުން ގެންނަ ތަކެތި. ވީމާ، ދުނިޔޭގެ ބާޒާރުގައި އެއްދުވަހު ތެލުގެ އަގުބޮޑުވެގެން، އަނެއްދުވަހު ރަނުގެ އަގު ބޮޑުވެގެން މުދަލުގެ އަގަށް އަންނަ ބަދަލުތަކަކީ، އެއަށް އަޅުގަނޑުމެންނަށް ބާރު ފޯރުވެން އޮންނާނެ ކަންތައްތަކެއް ނޫން. ވީމާ، އަޅުގަނޑުމެންނަށް ކުރެވެން އޮންނާނެ ކަމަކީ، ރާއްޖޭގައި އުފައްދާ ތަކެތި ވީހާ ގިނައިން ދިރިއުޅުމުގެ ކަންތައްތަކަށް ބޭނުންކުރުން. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ، އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޭނުންކުރެވޭ ތަކެތީގެ ތެރެއިން ރާއްޖޭގައި އުފައްދާ ތަކެތި ވީހާވެސް ގިނަކުރުން.
މިހިސާބަށް އައުމުން އަޅުގަނޑަށް ދަންނަވާލަންޖެހޭ އެހެން ވާހަކައެއް އެބައޮތް. އެއީ، މިއަހަރު ފެށުމާއެކު ސަރުކާރުން ހިންގަންފެށި އެކްސްޕޯޓް އިމްޕޯޓް ޤާނޫނާބެހޭ ވާހަކައެއް. މިޤާނޫނުގެ ދަށުން ރާއްޖެއަށް އެތެރެކުރާ ވިޔަފާރި މުދަލުން ޑިއުޓީ ނަގަން ނުވެސް ފަށަނީސް، މާލޭގެ ބާޒާރުގައި، ބައެއް ފިހާރަތަކުގައި ހުރި މުދަލުގެ އަގު ބޮޑުކޮށްލި. މިކަމާ ގުޅިގެން ސަރުކާރުގެ ފަރާތުން ބެލިއިރު ވަރަށް ގިނަ ފިހާރައިގައި އަގުބޮޑުކޮށްފައި ހުރީ ޑިއުޓީ ނުވެސް ދައްކާ މުދަލުން. މި ދެންނެވީ ޑިއުޓީ ނަގަން ފެށުމުގެ މާކުރިން އެ ފިހާރަތަކަށް ގެނެސްފައިވާ މުދަލުން. މިކަހަލަ ކަންތައްތަކަކީ ހުރެގެންވާނެ ކަންތައްތަކެއް ނޫން. މިއީ އަޅުގަނޑު މި ދަންނަވާ ބަދަލު ކުރަންވެފައި ހުރި ކަންތައްތައް.
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، މި އުފާވެރި ޤައުމީދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ތަހުނިޔާއާއި މުބާރަކްބާދު ފޮނުވަމުން. ހެޔޮއެދުންތައް ފާޅުކުރަމުން. އިޚްލާޞްތެރި ދުޢާތައް ކުރަމުން. މިއަދު އަޅުގަނޑު ތިޔަ އެންމެ ބޭފުޅުންނަށް ތަހުނިޔާއާއި މުބާރަކްބާދުތައް މި ފޮނުވަނީ، ދިވެހި އުޑުދަށުގައި މިއަދަށްޓަކައި އެންމެ ފަޚުރުވެރިވާނޭ ބިމުން. އާދެ، އެ ބިމަކުން މިއަދުގެ އަގުހުރި ބަޠަލު ދުނިޔެއަށް ވަޑައިގަތް ބިމުން. އައްސުލްޠާނުލްޣާޒީ މުޙަންމަދު ތަކުރުފާނުލްއަޢުޡަމް ސިރީސަވާދީއްތަ މަހާރަދުންގެ އުތީމުން. މިކަން ތިޔަ އެންމެ ބޭފުޅުންވެސް ފާހަގަކުރެއްވުމަކީ އަޅުގަނޑު އެދޭ ކަމެއް. އިރާދަކުރެއްވިއްޔާ، މީގެ ކުޑައިރުކޮޅެއް ފަހުން އަޅުގަނޑު މިރަށުގައި ބޮޑުތަކުރުފާނުގެ ޒިކުރާ ދިރުވުމުގެގޮތުން ހެދޭ ޚާއްޞަ މަރުކަޒެއްގެ ބިންގާ އަޅާނަން. މިތަނަކީ، ދުނިޔޭގެ ބައެއް އެހެން ޤައުމުތަކުގައިވެސް އެތަންތާނގެ ވަރުގަދަ އަބްޠާލުންގެ ހަނދާނުގައި ހަދާފައި ހުންނަ އެކި އެކި މޮނިއުމެންޓް، އާދެ، ޔާދުގާރުފަދަ ތަނެއް. އާދެ، އަޅުގަނޑުމެންގެ ރާއްޖެ އުފެއްދި އެންމެ ވަރުގަދަ ބަޠަލުގެ ހަނދާން އަބަދަށްޓަކައި ދެމިހުންނަނިވި ނިޝާނެއްގެ ގޮތުގައި އެތަން މި ހެދެނީ. އެ މަރުކަޒު މި ބިނާކުރެވެނީ، ރާއްޖޭގެ މުސްތަޤްބަލުގެ ދަރިންނަށާއި، ބޭރުގެ މީސްމީހުންނަށް ފެންނަން ހުންނާނެ މަރުކަޒެއްގެ ގޮތުގައި.
އަޅުގަނޑު މިކަހަލަ މަރުކަޒެއް މިރަށުގައި ހެދުމުގެ ޚިޔާލުކުރީ 1979 ވަނަ އަހަރުގެ މާރިޗު މަހުގެ 4 ވަނަ ދުވަހު. އެއީ، ތިލަދުންމައްޗަށް އަޅުގަނޑު ކުރި ދަތުރުގައި އުތީމަށް އައި ދުވަސް. އެދުވަހުން ފެށިގެން މިއަދާ ހަމައަށް މިވީ 10 މަހާއި ފޮއި ދުވަސް ފާއިތުވެގެން ދިޔައީ، އެފަދަ މަރުކަޒެއްގެ ޑިޒައިން ކުރެހުމަށާއި، ކަމާބެހޭ ތައްޔާރުތައް ކުރުމުގައި. އިރާދަކުރެއްވިއްޔާ އަޅުގަނޑު މިއަދު މި ބިންގާ އަޅާ މަރުކަޒު ވަރަށް އަވަހަށް ނިމޭނެ. އަދި އަޅުގަނޑުމެންގެ ބަޠަލު އަލްޣާޒީ މުޙަންމަދު ތަކުރުފާނުލްއަޢުޡަމަށް އަޅުގަނޑުމެން ދިވެހިރައްޔިތުންގެ ހިތުގައި ދެވިފައިވާ ލޯތްބާއި ޤަދަރުގެ ރަމްޒީ ނިޝާނެއްގެ ގޮތުގައި އެތައް ދުވަހަކަށް ދެމިހުންނާނެ.
އާދެ، އަޅުގަނޑު ތިޔަބޭފުޅުންނާ ވަކިވެލާނީ، ރާއްޖެއަށް ތަނަވަސް މުސްތަޤްބަލެއް ދެއްކެވުމަށް އެދެމުން. ރާއްޖޭގެ ރައްޔިތުންނަށް ޤައުމިއްޔަތުގެ އާ ރޫޙަކާއި، ދިވެހިވަންތަކަމުގެ އާ ދިރުމެއް ގެނެވުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދެމުން. ޤައުމީ އަބްޠާލުންގެ ފަނޑުވުމެއްނެތް ޒިކުރާގެ އިލްހާމުން ދިވެހި ހިތްތައް އަބަދުގެއަބަދަށް ދިރިދިރިހުރުމުގެ ނަޞީބަށް އެދެމުން. ކުރިއަށް ދިވެހި ޤައުމު. ކުރިއަށް ދިވެހި މިނިވަންކަން. ކުރިއަށް ދިވެހި ޤައުމިއްޔަތު. ކުރިއަށް ދިވެހި ދިވެހިއްޔަތު.