ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އ.ދ.ގެ ޚާއްޞަ ވަފުދެއް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ވަފުދުގައި އިސްކޮށް ހުންނެވީ އ.ދ. ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް، މިރޮސްލާވް ޖެންޗާއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ މިހާރުގެ ސިޔާސީ ޙާލަތާ ބެހޭގޮތުން އ.ދ. ގެ ވަފުދުގެ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު ދެއްވިއެވެ. އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން އިސްނަންގަވައިގެން ފަށްޓަވަން ހަމަޖެހިފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަކީ ރާއްޖޭގެ ސިޔާސީ ފަރާތްތަކުގެ މެދުގައި އިތުބާރު އަށަގެންނެވުމަށް ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ތަރައްޤީއަށްޓަކައި ސަރުކާރުން ހިންގަވަން ރާއްވަވާފައިވާ އެކިއެކި މަޝްރޫޢުތައް ކުރިއަށް ގެންދެވުމަށާއި، ރާއްޖޭގެ ޑިމޮކްރެސީ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރައްވާ މަސައްކަތްޕުޅުތަކަށް ލިބޭ އިތުރު ބާރަކަށް ވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އ.ދ. ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލްގެ ވާހަކަފުޅުގައި، ސިޔާސީ ޕާޓީތަކާއެކު މަޝްވަރާތައް ފެށްޓެވުމަށް ސަރުކާރުން އިސްނަންގަވާފައިވާތީ އެކަމަށްޓަކައި މަރުޙަބާ ވިދާޅުވިއެވެ. އަދި ވީ އެންމެ އަވަހަށް މި މަޝްވަރާތައް ފެށްޓެވުމަށް އ.ދ.އިން ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެކަމުގެ ޔަޤީންކަން އ.ދ. ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ފޮރިން ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙަންމަދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.