بســم اللّـه الرّحمـن الرّحيــم
 
السّلام عليــكم ورحـمــة اللّـه وبـركاتـه، 
     
މިރޭ އަޅުގަނޑު ޓެލެވިޜަންގެ ޛަރީޢާއިން ތިޔަ އެންމެ ބޭފުޅުންނާ މި ބައްދަލުކޮށްލަނީ، އަދު ހެނދުނު އަޅުގަނޑު ރޭޑިޔޯ މެދުވެރިކޮށް، ޤައުމާ މުޚާޠަބުކޮށް ދެއްކި ވާހަކަކޮޅު ޓީ.ވީ ބައްލަވާ ބޭފުޅުންނަށްވެސް ދަންނަވައިލުމަށް. އަދު ހެނދުނު އަޅުގަނޑު ޤައުމަށް އިޢުލާނުކުރި އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ މުހިންމުކަމުން، އެ މަސައްކަތަށް މުޅި ދިވެހި އުންމަތުގެ އެއްބާރުލެއްވުން ބޭނުންވާތީ، ރޭޑިޔޯއާއި ޓީ.ވީ އާއި ނޫސްތައް މެދުވެރިކޮށް، މި ވާހަކަ ހަމަ ކޮންމެ ދިވެހި ފަރުދަކަށްވެސް ރައްދުކުރުމުގެ ބޭނުންތެރިކަން ބޮޑުކަން އިޙްސާސް ކުރެވޭތީ. 
އާދެ، މިއަދު، 1980 ވަނަ އަހަރުގެ ފުރަތަމަ ދުވަހު، އަދި މީލާދީގޮތުން އައު 10 އަހަރެއް ފެށޭ ދުވަހު، اللّـه سـبحانه وتعالىގެ ވާގިފުޅާއެކު، ދައުލަތުން މި ފަށާ މަޝްރޫޢަކީ، ރާއްޖޭގެ ތަޢުލީމާބެހޭ ވަރަށް ޚާއްޞަ މަޝްރޫޢެއް. މި މަޝްރޫޢަށް ދެވިފައިވާ ނަމަކީ، [ރާއްޖޭގެ އަސާސީ ތަޢުލީމު]. މި ނަން. މި މަޝްރޫޢުގައި އަސާސީ ތަޢުލީމޭ ބުނުމުން، ގަސްދުކުރެވޭ މާނައާއި، އަސާސީ ތަޢުލީމުގެ މަޤްޞަދުތަކާ ބެހޭގޮތުން ކުޑަ އެއްޗެއް ދަންނަވާލުމަކީ، މި ފުރްޞަތުގައި ކޮންމެހެން ބޭނުންކަމެއް ކަމަށް އަޅުގަނޑު ދެކެން.
މި މަޝްރޫޢުގައި އަސާސީ ތަޢުލީމޭ ބުނުމުން، ގަސްދުކުރެވޭ މާނައަކީ ކޮބައިކަން އަދި އަސާސީ ތަޢުލީމުގެ މަޤްޞަދުތަކަކީ ކޮބައިކަން، އަދި މި މަޝްރޫޢު ރޭވިފައިވާ ގޮތުގެ ތަފްޞީލުތައް، މިހުރިހާ ކަމެއް ތިޔަ ހުރިހާ ބޭފުޅުންނަށް އަންގަވައިދެއްވުމުގެ މަސައްކަތް، ހަމަ މިއަދު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފަށްޓަވާނެ. އާދެ، އެ މިނިސްޓްރީން އިންތިޒާމު ކުރައްވާ ޖަލްސާތަކާއި، ރޭޑިޔޯ، ޓީ.ވީ.އާއި، ނޫސްތަކުގެ ޛަރީޢާއިންނާއި، އަދި އެނޫންވެސް ގޮތްގޮތުން. މިގޮތުން ބާއްވަވާ ފުރަތަމަ ޖަލްސާ މިއަދު ހަވީރު އިސްކަންދަރު ސްކޫލް ހޯލުގައި އެ ބޭއްވެވީ. 
އެހެންނަމަވެސް، އަޅުގަނޑުވެސް މި ފުރްޞަތުގައި އަސާސީ ތަޢުލީމާ ބެހޭގޮތުން ކޮންމެވެސް އެއްޗެއް ދަންނަވައިލުމަކީ، މިއަދު އަޅުގަނޑުގެ ކޮނޑުގައި އެޅިފައިވާ ބުރަ މަސްއޫލިއްޔަތު ނިޔާކުރާގޮތުން އަޅުގަނޑުގެ ވާޖިބެއް ކަމަށް ދެކެން.
އާދެ، އަސާސީ ތަޢުލީމަކީ، ކޮންމެ ދިވެއްސަކީވެސް އެމީހެއްގެ ދިރިއުޅުމުގައި ދިމާވާ އާދައިގެ މައްސަލަތައް ޙައްލުކުރެވޭފަދަ ފެންވަރެއްހުރި، އަދި މުޖްތަމަޢު ޤަބޫލުކުރާ މީހެއް ކަމުގައިވުމަށްޓަކައި، ކޮންމެހެން އެނގެން ބޭނުންވާ މިންވަރު އުނގަންނައިދިނުން. އަދި އެ މިންވަރު އުނގެނިގަތުން. އެހެން ޢިބާރާތަކުން ދަންނަވާނަމަ، އަސާސީ ތަޢުލީމަކީ، ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުންނާއި އަދި ތިމާގެ އަމިއްލަ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބުތައް ފުރިހަމައަށް އަދާކުރުމަށާއި، ތިމާގެ ޙައްޤުތައް ދެނެގަތުމަށް އެހީވެދޭ މިންވަރު އުނގަންނައިދިނުން. ތިމާގެ ފައިދާއަށާއި، އަދި ޤައުމުގެ ތަރައްޤީއަށްޓަކައި އެނގެން ބޭނުންވާ މިންވަރު އުނގެނިގަތުން.
1980 ވަނަ އަހަރުން ފެށިގެން 1985 ވަނަ އަހަރުގެ ނިޔަލަށް، މި 6 އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ރޭވިގެން މިއަދު މި ފަށައިގަނެވޭ އަސާސީ ތަޢުލީމުގެ މަޝްރޫޢުގައި އެކުލެވިގެންވަނީ މައިގަނޑު ދެބައެއް. އެއްބަޔަކީ، ލިޔަންކިޔަން ނުދަންނަ އެންމެންނަށް ލިޔަންކިޔަން ދަސްކޮށްދިނުން. ޢަރަބިތާނަ އަކުރު އަންގައިދީ، ފުދޭވަރަކަށް ކިޔަން ދަސްކޮށްދިނުން. އަނެއްބަޔަކީ، އަޅުގަނޑުމެންގެ މުޖްތަމަޢުގެ ކުރިމަތީގައި މަޤްބޫލު މީހަކަށްވުމަށްޓަކައި ކޮންމެ މީހަކުވެސް ދަތުން ލާޒިމުވާ ކަންތައްތައް ދަސްކޮށްދިނުން. މިދެންނެވި ދެވަނަ ބައިގައި، މާތްވެގެންވާ އިސްލާމްދީނާބެހޭ މަޢުލޫމާތު، ކޮންމެވެސްވަރަކަށް ހިސާބާބެހޭ މަޢުލޫމާތު، ދިވެހިރާއްޖޭގެ ތާރީޚާއި ޖިއޮގްރަފީއާބެހޭ މަޢުލޫމާތު، ޞިއްޙަތާބެހޭ މަޢުލޫމާތު، އިޖްތިމާޢީ ރީތި އަދަބުތަކާބެހޭ މަޢުލޫމާތު، މަސައްކަތްތެރިކަމާބެހޭ މަޢުލޫމާތު، މިހުރިހާ ބާވަތެއްގެ މަޢުލޫމާތު ހިމެނޭ.
ތަންކޮޅެއް ކުރީ ދުވަސްވަރެއްގައި އަޅުގަނޑުމެންނަށް ހީވެފައިއޮތީ ރާއްޖޭގައި ލިޔަންކިޔަން ނުދަންނަ މީހުންނެއް ނޫޅޭކަމަށް. ނުވަތަ އުޅޭނަމަ އުޅެނީ ވަރަށްމަދުންކަމަށް. އެއްއިރެއްގައި، އާދެ، މީގެ ފަންސަވީހަކަށް އަހަރު ކުރިން، އެއީ ތެދަކަށްވުން އެކަށީގެންވޭ. ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ދައުރުގައި، ރާއްޖޭގައި މީހުން އުޅޭ ކޮންމެ ރަށެއްގައި، ފަށައިގަތުމުގެ ފެންވަރުގެ މަދަރުސާއެއް އުފެއްދެވި. ކޮންމެ އަތޮޅެއްގައި އެއަށްވުރެ ތަންކޮޅެއް މަތީ ފެންވަރުގެ ޢިލްމު އުގަންނައިދޭ މަރްކަޒެއް އުފެއްދެވި. މާލޭގެ ހަތަރު އަވަށުގައި އަވަށު އިބްތިދާއީ މަދަރުސާ ހިނގަމުންދިޔަ. މީގެއިތުރަށް ފިރިހެން ކުދިންނަށް މަދްރަސަތުލް މަޖީދިއްޔާ، އަންހެން ކުދިންނަށް މަދްރަސަތުއް ސަނިއްޔާ، ރާއްޖެއިން އޭރު ދެވެންއޮތް އެންމެމަތީ ފެންވަރަށް ތަޢުލީމު ދިނުމަށް ޚާއްޞަ ކުރެވިފައިހުރި. ރާއްޖެތެރޭގެ ކުދިން މާލެއައިސް ކިޔެވުމަށް ދާރުލްއިޤާމާގެ ނަމުގައި ބޯޑިންގއެއް ހިނގަމުންދިޔަ. ބެލެނިވެރިން ނެތް، ނުވަތަ ބެލެނިވެރީންގެ އެހީ ނެތްކުދީން ތަރުބިއްޔަތުކޮށް އިޞްލާޙު ކުރުމަށް އިޞްލާޙިއްޔާއެއްވެސް ހިނގަމުންދިޔަ.
1954 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އަލުން ރަސްކަމަކަށް ބަދަލުވެ، ޤާނޫނުއަސާސީއަށް ބަދަލުއައިސް، އިލްޒާމީ ތަޢުލީމުގެ ނަމުގައި ޤާނޫނެއް ފާސްކުރެވި، އެއަށް  ޢަމަލު ކުރެވެމުންދިޔަ. ކޮންމެ ދިވެހި ރައްޔިތެއްވެސް ދީނުގެ މަޢުލޫމާތާއި، ދިވެހިބަހާއި، ހިސާބު، ވަކިފެންވަރަކަށް އުނގެނުން، އިލްޒާމީ ތަޢުލީމުގެ ޤާނޫނު ލާޒިމުކުރި. އާދެ، އެއީ ސުމުއްވުލްއަމީރު އިބްރާހީމްފާމުލަދޭރި ކިލެގެފާނު ދައުލަތްހިންގަވަން ހުންނެވި ދުވަސްވަރު.
1960 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ތަޢުލީމަށް އެއްގޮތަކުން ބަލާއިރު ވަރަށްބޮޑު ތަރައްޤީއެއް ލިބެމުންދިޔަ. މަޖީދިއްޔާ އާއި، އަމީނިއްޔާ ވަރަށް ރަނގަޅަށް މި ޒަމާނުގެ އުޞޫލަށް ހިނގަން ފެށި. ބޭރުގެ ޓީޗަރުން ގެނެވި، އިނގިރޭސި މީޑިއަމުން ކިޔަވައިދޭގޮތަށް ހަމަޖެހުނު. އަދި ލަންޑަން ޖީ.ސީ.އީ. އޯ.ލެވެލްއާ ހަމައަށް ވަރަށް ރަނގަޅަށް ކިޔަވައިދެމުން ގެންދެވުނު.
އެހެންނަމަވެސް، މާލޭގައި ހުރި ތަޢުލީމީ މަރްކަޒުތަކަށް މި ދައުރުގައި ލިބިގެންދިޔަ މަތިވެރިކުރިއެރުމާ ޚިލާފަށް، ރާއްޖެތެރޭގެ ތަޢުލީމަށް އެއްވެސް އަހަންމިއްޔަތެއް ނުދެވުނު. ނަތީޖާއަކަށްވީ 1965 ވަނަ އަހަރު ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުއިރު ރާއްޖެތެރޭގައި ދައުލަތުގެ ފަރާތުން ތަޢުލީމު ފެތުރުމުގެ އުޞޫލު މުޅިން ނެތިގޮސްފައިވާކަން. އާދެ، ސަރުކާރުންއިލްޒާމްކުރާ މިންވަރަށް ތަޢުލީމު ދެވޭނެ އެއްވެސް ގޮތެއް ރާއްޖެތެރޭގައި ނެތުމާއި އަދި ރައްޔިތުންނަށް އިލްޒާމީ ތަޢުލީމުގެ ޤާނޫނަށް ޢަމަލުކުރެވޭނެ އެއްވެސް ގޮތެއް ނެތުމުން، އެންމެފަހު ނަތީޖާއަކަށްވީ، އިލްޒާމީ ތަޢުލީމުގެ ޤާނޫނު އުވައިލަންޖެހުން.
މިދެންނެވި ގޮތުގެމަތިން، މީގެ ވިހި ފަންސަވީސް އަހަރުކުރިން، ރާއްޖޭގައި ލިޔަންކިޔަން ނުދަންނަތިބީ ވަރަށް މަދު އަދަދެއް ކަމުގައިވިޔަސް، ރާއްޖެތެރޭގެ ތަޢުލީމާ ބެހޭގޮތުން ވޭތުވެދިޔަ އަހަރުތަކުގައި ކަންތައްތައް ހިނގަމުން ގޮސްފައިވާ ގޮތުން، ހިތާމަޔާއެކު އަޅުގަނޑަށް ދަންނަވަންޖެހެނީ، މިއަދު ރާއްޖޭގައި ލިޔަންކިޔަން ނުދަންނަ މީހުންގެ އަދަދު ވަރަށްގިނަކަމަށް. ދާދިފަހުން އެކިގޮތްގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހޯއްދެވި މަޢުލޫމާތުގެ މައްޗަށް ބިނާކުރައްވައި، އެ މިނިސްޓްރީ އިން ވިދާޅުވާގޮތުގައި، މިހާރު މުޅި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް ސަތޭކައަކުން ތިރީސް ހަތް މީހުންނަކީ ލިޔަންކިޔަން ނުދަންނަ މީހުން.
ބައެއް އަތޮޅުތަކުގައި ލިޔަންކިޔަން ނުދަންނަ މީހުންގެ ޢަދަދު އެއަށްވުރެވެސް ގިނަ. އެއްއަތޮޅެއްގެ ރައްޔިތުންގެ ޖުމްލަ ޢަދަދުގެ ސަތޭކައަކުން ފަންސާސް، އާދެ، ދެބައިކުޅައެއްބައި މީހުންނަކީ އަކުރު ނުދަންނަ މީހުންކަމަށް އެޑިޔުކޭޝަނުން ހޯއްދެވި މަޢުލޫމާތު ދައްކާ. އެހެން ބައެއް އަތޮޅުތަކުގައި ސަތޭކައަކުން ސާޅީސް، ސާޅީސްފަހެއް، ސާޅީސްއަށެއް، މިހެން އެބަތިބި. އަކުރު ނުދަންނަ މީހުން އެންމެ މަދު އަތޮޅުގެ ނިސްބަތަކީ ސަތޭކައަކުން ތޭވީސް.
މިހާރު ރާއްޖޭގައި މިހާ ގިނަ އަދަދަކަށް ލިޔަންކިޔަން ނުދަންނަ މީހުން ތިބުމާއެކު، އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ އެންމެ ފުރަތަމަ މައިގަނޑު ބައި ކަމުގައި ހިމެނިފައިވަނީ ލިޔަންކިޔަން ދަސްކޮށްދިނުން.
އަސާސީ ތަޢުލީމުގެ މައިގަނޑު ދެވަނަ ބައިގެ އެންމެ އިސްކަމެއް ކަމުގައި ކަނޑައެޅިފައިވަނީ، ދީނީ ވާޖިބުތަކާ ބެހޭގޮތުން ކޮންމެ މުސްލިމަކުވެސް ދަތުން ލާޒިމުވާ މިންވަރު ދަސްކޮށްދިނުން. މިވޭތުވެދިޔަ ގިނަ އަހަރުތަކުގެ ތެރޭގައި ރާއްޖެތެރޭގައި ދައުލަތުގެ ފަރާތުން ތަޢުލީމުދޭ އެއްވެސް ތަނެއް ނެތުމުގެ ސަބަބުން ދީނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައި ނެތް މީހުންގެ ޢަދަދުވެސް، ހިތާމަޔާއެކު ދަންނަވަންޖެހެނީ ވަރަށްގިނައޭ.  އާދެ، ހިނައި ޠާހިރުވާން ނޭނގޭ މީހުންނާއި، ނަމާދުކުރަން ނޭނގޭ މީހުން އަޅުގަނޑުމެންގެ ރާއްޖޭގައި ތިބިކަން އެއީ އަޅުގަނޑު ދަންނަވާނީ، ރާއްޖެފަދަ ސަތޭކަ ޕަސެންޓް އިސްލާމީ ޤައުމެއްގެ ނިތްކުރީގައި ޖެހިފައިވާ ލަދުވެތިކަން ބޮޑު ލައްގަނޑެކޭ. އެހެންކަމަށްވުމާއެކު، އީމާން، އިސްލާމް، އިޙްސާންކަން އެނގުން، ހިނައި ޠާހިރުވާން އެނގުން، ފަރުޟު ފަސްނަމާދާއި، ހުކުރުނަމާދާއި، ދެ ޢީދު ދެ ނަމާދު ކުރަން އެނގުން، ޤުރްއާނުގެ ބައެއް ކުރު ސޫރަތްތައް، އާދެ، وَالضُّحَىٰ އިން ފެށިގެން ތިރީގެ ސޫރަތްތައް ހިތުން ދަސްކުރުން، ރޯދަހިފަން އެނގުން، މިއީ އަސާސީ ތަޢުލީމުގެ، ދީނާބެހޭ ބައިގައި ހިމެނޭ ކަންތައްތައް.
އަސާސީ ތަޢުލީމުގައި ދެން ދަސްކޮށްދެވޭނެ ކަންތައްތަކަކީ، ހިސާބުގެ ހަތަރު މައިގަނޑު އާދައިގެވަރަކަށް އެނގުން. އަދި ދިރިއުޅުމުގައި ދިމާވާ އެކިއެކި ކަންކަމުގައި އެ ހަތަރު މައިގަނޑު ބޭނުންކުރަން އެނގުން. ތިމާގެ ރަށާއި އަތޮޅުގެ މާޙައުލު އެނގުން. ޤައުމީ އަބްޠާލުންގެ ތެރެއިން ބައެއް ޚާއްޞަ ބޭފުޅުންނާބެހޭ މަޢުލޫމާތު އެނގުން، ބަލިތަކުން ރައްކާތެރިވެ އުޅުމަށްޓަކައި ސަމާލުކަންދޭންވީ މައިގަނޑު ކަންތައްތައް އެނގުން، ރާއްޖެއިން ޢާންމުކޮށް ލިބެން ހުންނަ ތަކެތީގެ ތެރެއިން ހަށިގަނޑަށް ފައިދާހުރި ތަކެތި އެނގުން، ޖަމާޢަތުގެ ރީތި އަދަބުތަކާއި މާތް އަޚްލާޤީ ސިފަތައް އެނގުން، ތިމާއާއި އެހެން މީހުންނާ ދެމެދުގައި އޮންނަ ގުޅުމުގައި ހުންނަންޖެހޭ މައިގަނޑު އަދަބުތައް އެނގުން، މިބާވަތުގެ މުހިންމު މަޢުލޫމާތު. މިކަންކަމުގެ އިތުރަށް، މަސައްކަތްތެރިކަމަށް ޝައުޤުވެރިކުރުވުން އެއީވެސް އަސާސީ ތަޢުލީމުގެ ވަރަށް ޚާއްޞަ ބައެއް.
އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އަސާސީ ތަޢުލީމުގެ މަޝްރޫޢު ކާމިޔާބު ކުރެވޭނީ، ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލެއްވުން ސަރުކާރަށް ލިބިގެން. ޚާއްޞަކޮށް، އަމިއްލަ ސްކޫލްތަކާއި، މަދަރުސާ، މަކްތަބް، ކްލާސްފަދަ ތަންތަނާއި، ޖަމްޢިއްޔާތަކާއި، ކްލަބްތަކާއި، މުދައްރިސުންނާއި ޓީޗަރުންނާއި، ކިޔަވާކުދިންނާ، އަދި މިފަދަ ޤައުމީ ޚިދުމަތެއްގައި ބައިވެރިވާން އެދޭ ވޮލަންޓިއަރުންނާއި، އަތޮޅުތަކުގެ އަތޮޅުވެރިންނާއި، ރަށްރަށުގެ ވެރިންނާ، މިހުރިހާ ފަރާތެއްގެ އެހީތެރިކަން ލިބިގެން ނޫނީ މިފަދަ ބޮޑު މަޝްރޫޢެއް ނުހިންގޭނެކަން ކަށަވަރު.
އާދެ، މި މުހިންމު ހަ އަހަރު ދުވަހުގެ މަޝްރޫޢު އެކުލެވިގެންވަނީ ތިންބުރުގެ މައްޗަށް. މި ތިން ބުރުގައި ޖުމްލަ ފަސްދޮޅަހަކަށް ހާސް މީހުންނަށް ތަކެތި ދަސްކޮށްދޭންޖެހޭ. މިހުރިހާ އެންމެންނަކީ، ލިޔެކިޔަން ނުދަންނަ މީހުންނެއް ނޫން. މީގެތެރެއިން ބައެއް މީހުންނަކީ ލިޔެކިޔަން ދަތަސް، އަސާސީ ތަޢުލީމުގައި ހިމެނޭ މިންވަރަށް ތަކެތި ނުދަންނަ މީހުން.
އަޅުގަނޑު އެންމެ ބޮޑަށް ތިޔަބޭފުޅުންގެ ސަމާލުކަމަށް ދަންނަވާލަން ބޭނުންވާ ނުކުތާއަކީ، މި މަޝްރޫޢު ކުރިއަށް ގެންދިޔުމުގައި އެންމެ ބޮޑު ބައެއް ކުޅޭނީ މި މުހިންމު މަސައްކަތުގައި ބައިވެރިވާ ވޮލަންޓިއަރުންކަން. އާދެ، ޤައުމީ ޚިދުމަތުގެ ރޫޙުގައި މުޅި ރާއްޖޭގެ ތަރައްޤީއަށްޓަކައި އަމިއްލަފުޅަށް މި މަޝްރޫޢުގައި ބައިވެރިވެވަޑައިގެންދެއްވާ އަމިއްލަ ފަރާތްތައްކަން. މިގޮތުން މާލެއިންނާއި ރާއްޖެތެރެއިން މިއަހަރު ވަރަށްގިނަ ޢަދަދަކަށް ވޮލަންޓިއަރުން ބޭނުންވޭ.
އަޅުގަނޑުގެ މި ވާހަކަކޮޅު ނިންމާލުމުގެ ކުރިން، މި މަޝްރޫޢު ރާއްވަވައި ތައްޔާރު ކުރެއްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރައްވާފައިވާ ބުރަ މަސައްކަތްޕުޅަށް ވަރަށް އިޚްލާޞްތެރި ޝުކުރެއް، އެފަރާތަށް ރައްދުކުރުމަކީ އަޅުގަނޑުގެ ވަރަށް ޚާއްޞަ އުފަލެއް ކަމުގައި ދެކެން. އަސާސީ ތަޢުލީމުގެ މަޝްރޫޢާބެހޭ ފޮތެއް މިހާރުވަނީ އެ މިނިސްޓްރީން އެކުލަވައިލައްވާފައި. އެ ފޮތުގައި މި މަޝްރޫޢާބެހޭ ވަރަށްގިނަ ތަފްޞީލުތަކާއި ސްޓެޓިސްޓިކްސް އެކުލެވިގެންވޭ. ކަނޑައެޅިފައިވާ ޕްރޮގްރާމާ އެއްގޮތްވާ ގޮތުގެ މަތީން، އެ މިނިސްޓްރީން އަސާސީ ތަޢުލީމުގެ މުޤައްރަރުވެސް ހައްދަވައި ނިމިއްޖެ. މިހާރު ގެންދަވަނީ މިކަމަށް ބޭނުންވާނޭ ފޮތްބަޔާއި، ކިޔަވައިދިނުމަށް ބޭނުންވާނޭ ތަކެތި ތައްޔާރު ކުރައްވަމުން. މި މަޝްރޫޢު ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލަވާނީވެސް ހަމަ އެ މިނިސްޓްރީއިން. މިހުރިހާ ކަމެއް ހިނގަމުން މިދަނީ ޚުދު މިނިސްޓަރ އޮފް އެޑިޔުކޭޝަން އޮނަރަބްލް އަލްއުސްތާޛު މުޙަންމަދު ޒާހިރު ޙުސައިންގެ ބެއްލެވުމުގެ ދަށުން ކަމަށްވުމާއެކު، އެމަނިކުފާނަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު އަދާކުރަން. މި ޝުކުރުގައި އެ މިނިސްޓްރީގެ ވަކީލުންނާއި، އެހެން ބޭފުޅުންވެސް ޝާމިލްކުރަން.
އާދެ، އާ އަހަރުގެ ފުރަތަމަ ދުވަހު އަޅުގަނޑު ޤައުމާ މުޚާޠަބުކޮށް މި ގޮވައިލާ ގޮވައިލުމަށް، ޤައުމުގެ އެންމެހައި ރައްޔިތުން ވަރަށް ފުރިހަމަގޮތެއްގައި އިޖާބަ ދެއްވާނޭ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އެހެނިހެން ބޮޑެތި ޤައުމީ ޚިދުމަތްތަކެކޭވެސް އެއްފަދައިން، މިކަމުގައިވެސް މާލޭގެ އަވަށްއަވަށުގެ އަވަށްކުރިއަރުވާ ކޮމިޓީތަކުގެ ފަރާތުންނާއި، ރާއްޖެތެރޭގެ އަތޮޅުކުރިއަރުވާ ކޮމިޓީތަކުންނާއި، ރަށްރަށުގެ ރަށްކުރިއަރުވާ ކޮމިޓީތަކުން ޝައުޤުވެރިކަމާއެކު އިސް ނަންގަވާނެ ކަމަށް ވަރަށް ޚާއްޞަ ގޮތެއްގައި އަޅުގަނޑު އުންމީދުކުރަން. ވަކިން ޚާއްޞަކޮށް، މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއާޒުންނާއި، އަތޮޅުތަކުގެ އަތޮޅުވެރިންނާއި، ރަށްރަށުގެ ވެރިންގެ ފަރާތުން މި މަޝްރޫޢަށް ވަރަށް ހޫނު ތަރުޙީބެއް ލިބޭނެކަން އަޅުގަނޑަށް ކަށަވަރު.
ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަނީ، މި ފެށޭ 10 އަހަރަކީ، ތަޢުލީމާއި ތަރައްޤީގެ 10 އަހަރު ކަމުގައި ހެއްދެވުމަށްޓަކައި ޤައުމީ ޚިދުމަތުގެ އަތުކުރި އޮޅައިލެއްވުމަށް. މުޖްތަމަޢާއި ޤައުމަށް ފައިދާކުރާނެ، ދީނާއި ޤައުމަށް ތެދުވެރިވާނެ ދިވެހި ދަރިންތަކެއް އުފެއްދޭތޯ ވަރުގަދަ ޢަޒުމަކާއެކު ދައުލަތާ ރައްޔިތުން އެއްބާރުލުމަށް.
މިއަދު މި ފެށޭ އައު އަހަރުގެ ހެޔޮއެދުންތައް، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ފޮނުވަމުން، މާތްﷲ ދިވެހިރާއްޖެއަށް ބާއްޖަވެރިކަމާއި އަމަންއަމާންކަން ދެއްވުން އެދި ދުޢާކުރަމުން އަދި މިއަހަރު މި ފެށޭ އަސާސީ ތަޢުލީމުގެ މަޝްރޫޢަށް ފުރިހަމަ ކާމިޔާބީއަކަށް އެދެމުން އަޅުގަނޑު ވަކިވެލަން.
وآخر دعواهم أن الحمد لله ربّ العالمين. 

       والسّلام عليكم ورحمـة اللّـه.