بســم اللّـه الرّحمـن الرّحيــم
 
       
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
އަޅުގަނޑުމެންގެ މެހްމާނުން، މި ޙަފްލާއަށް ވަޑައިގެންނެވި އެންމެހައި ޢިއްޒަތްތެރި ޖަލީސުން، އަދި މި ޙަފްލާގެ ކަންތައްތައް ބައްލަވަމުން، އައްސަވަމުން ގެންދަވާ އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުން.
 
السّلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ، މިގޮތަށް ނިކަމެތިކަމުގައި މިއުޅޭ ނިޔަނެތި މަޢުޞޫމް ކުޑަކުދިން ދުނިޔޭގެ ޖަރގަންގައި މި ބޭނުންކުރަނީ ސްޓްރީޓް ޗިލްޑްރަންގެ ގޮތުގައި. މަގުމަތީގައި އުޅޭ ކުދިންގެ ގޮތުގައި. އަޅުގަނޑުމެން [ސްޓްރީޓް ޗިލްޑްރަން] މި ނަމުގައި މިކުދިންގެ ނޫނިއްޔާ މި އިޞްޠިލާޙު، ލިޓްރެޗަރގައި ލިޔެވިފައި މި އޮންނަނީ. މަގުމައްޗަށް މިކުދިން ދާންޖެހެނީ ކޮންސަބަބަކާހުރެތޯއޭ؟ ހަމަގައިމުވެސް މި ސްޓޭޖްމަތީގައި އަޅުގަނޑުމެންނަށް، މި ކުޑަކުދިންގެ ހިޔަލުގައި ތިބި ނިޔަނެތި ކުޑަކުދިންގެ ފަރާތުން އެ ހުށަހަޅައިދިން ޙަރަކާތަށް ބަލާކަމަށްވަންޏާ، ނޫނީ އައިޓަމަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެންގެ އެންމެންގެ ލޯބި، އެކުދިން މިލްކުކޮށްފައި ވަނީ. އަޅުގަނޑުމެން ހަމަ ކޮންމެ މީހެއްގެ ދަރިޔަކަށް، އެއިން ކޮންމެ ކުއްޖަކު އެބަވޭ.
 
އެހެންވީމާ، ހިތާހިތާ ކުރަންޖެހޭ ސުވާލަކީ، ދުނިޔޭގައި ކީއްވެގެންހޭ، މީގެ ކުޑަކުދިންނަކީ މަގުމަތީގައި އުޅޭ ކުޑަކުދިން، ނޫނީ ސްޓްރީޓް ޗިލްޑްރަންގެ ގޮތުގައި ވަނީ؟ އަދި ސްޓްރީޓް ޗިލްޑްރަންއަކީ އެއްކުއްޖަކު ދެކުއްޖަކު ނޫން. މީގެ އަހަރުތަކެއްގެ ކުރިން، ޔުނިސެފުން ހަދާފައި އޮންނަ ސްޓަޑީއެއް. ދެން އެކި ރިވާތައް މީގައި މި ހުންނަނީ. މީގެ ޕްރެކްޓިޝަނަރުން ސުވާލު އުފައްދާ، މި ޢަދަދާ ދޭތެރޭގައި. އެހެންނަމަވެސް، ދުނިޔޭގެ ހުރިހާ ތަނަކަށް ބަލާކަމަށްވަންޏާ، ގާތްގަނޑަކަށް މީގެ ސްޓްރީޓް ޗިލްޑްރަން، ނޫނިއްޔާ އަޅާލުންތެރިކަމެއް ނެތް، އޯގާތެރިކަމެއް، އިޙްސާންތެރިކަމެއް މުޖްތަމަޢުގެ ފަރާތުން ނުލިބޭ ކުދިންގެ ޢަދަދު މިއުޅެނީ 100 މިލިއަނަށްވުރެ މަތީގައި. 100 މިލިއަނަށްވުރެ މަތީގައި. އެހެންވީމާ، ދެންމެ ތަޢާރުފްގައި ވާހަކަފުޅު ދައްކަވަމުން، ޒީނާޒް ވިދާޅުވިގޮތަށް، ދިވެހިރާއްޖެއަކީ ހާދަ ނަޞީބުވެރި ޤައުމެކޭ. އަޅުގަނޑުމެންގެ ރާއްޖޭގައި މަގުތައް ނެތީކީނޫން. އަޅުގަނޑުމެންގެ ރާއްޖޭގައި މަގުތައް އެބަހުރި. ދުނިޔޭގައި ހިނގާ ހުރިހާ ނުބައި ކަމެއް، އަޅުގަނޑުމެންގެ ރާއްޖޭގައި އެބަހުރި. އަދި ދުނިޔޭގައި ހުރި ހުރިހާ އުފާވެރިކަމެއްވެސް، އަޅުގަނޑުމެންގެ ރާއްޖޭގައި އެބަހުރި. އެހެންނަމަވެސް، އަޅުގަނޑުމެންގެ މަގުތަކުގައި އުޅޭ ކުޑަކުދިންނެއް އަޅުގަނޑުމެންނަކަށް ނުފެނޭ. އެކުދިންނަށް އޯގާތެރިކަމާއެކު ސަރުކާރުން ބަލަހައްޓައިދޭނެ އިންތިޒާމްތަކެއް އިރާދަކުރެއްވިއްޔާ ހަމަޖެހެމުން، ހަމަޖައްސަމުން ގެންދަނީ އަބަދުވެސް.
 
 އަޅުގަނޑުމެންނަށް ހަމަ ވަރަށް މަޝްހޫރު ވާހަކައެއް ދޮއެއްތޯ؟ ބްރެޒިލްގެ މަގުމަތީގައި، ރިއޯގެ މަގުމަތީގައި މިއުޅޭ ކުޑަކުދިންގެ ވާހަކަ. ދެން އޭގެ ހިތްދަތި ނަތީޖާގެ ވާހަކަ ދައްކާކަށް ނޫން. އެކަމަކު ކޮންމެ ރެޔަކު ކުޑަކުދިންތަކެއް އުޅޭނެ. އަނެއް ދުވަހު އެ ކުޑަކުދިން ނުފެންނާނެ. އަނެއްކާ އަނެއް ރޭ، އެހެން ކުޑަކުދިންތަކެއް މަގުތަކުގައި އުޅޭނެ. ޖެހިގެން އަންނަ ދުވަހު އަލިވިލޭއިރު އެކުދިންނެއް ނުފެންނާނެ. މިއީ، ހަމަ މުޅި ދުނިޔެ ދަންނަ ޢާންމު ސިއްރެއް. އެހެންނަމަވެސް، ދުނިޔޭގެ ހުރިހާ މުއްސަނދި ޤައުމުތަކާއި، މުއައްސަސާތަކާއެކުވެސް މިކަންކަމާ ދޭތެރޭގައި އަޅާލެވޭނެ އިންތިޒާމްތަކެއް ހަމަޖެހިފައެއް ނެތް. ކޮންމެ ރަށެއްގައިވެސް ޤާނޫނުތަކެއް ހުންނާނެ. ޝައްކެއްވެސްނެތްގޮތުގައި، ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށް، ނޫނިއްޔާ އެންމެ ނިޔަނެތި އެންމެ ވަލްނަރަބްލް އެކި ގިންތިތަކުގެ މީހުންގެ ޙިމާޔަތުގައި ހެދިފައި ހުންނަ ޤާނޫނު މަދެއްނުވާނެ. ދިވެހިރާއްޖޭގައި މިގޮތަށް ހެދިފައި ހުރި ޤާނޫނު މަދެއްނޫން. އަދި ދެންމެ ބަންޑާރަ ނައިބުގެ ވާހަކަފުޅުގައި އެ ވިދާޅުވީ، އިތުރު ޤާނޫނު، އިޖްތިމާޢީ ހަމަޖެހުން، ރައްކާތެރިކަން ހޯދައިދިނުމަށާއި، ހަވާސާވަމުން މިދާ ގިންތިތަކުގެ ޙައްޤުގައި، ޙައްޤު ހޯދައިދިނުމަށް އިތުރު ޤާނޫނުތައް ތަޢާރުފް ކުރައްވާ ވާހަކަ.
 
ޤާނޫނުތައް އައުމަކީ ޝައްކެއްވެސްނެތްގޮތުގައި ލާޒިމް ކަމެއް. އެހެންނަމަވެސް، އެޔާއެކީ އަބަދުވެސް އަޅުގަނޑު ގަބޫލުކުރަނީ، ޤާނޫނުގައި އަޅައިދޭ ފޮޅުވަތަކުންނެއް، އެ ޙައްޤު ޙިމާޔަތެއްނުވެއޭ. އެއީ އެކަން ވާގޮތެއް ނޫން. އަދި އެ ޙައްޤު ހޯދަން އެ ބަޔަކު ނުކުމެ، ޙައްޤު ލިބެން ބޭނުންވާ ގޮތަކަށް ހޯދިޔަސް، އެކަމެއް ޙައްލެއްނުވާނެ. މިހާރު ގަބޫލުކުރެވެނީ، އިނގިރޭސި ބަހުން ދަންނަވާ ކަމަށްވަންޏާ، މެއިން ސްޓްރީމް ކުރަން ކުރާ މަސައްކަތް. ހަވާސާވެފައި ތިބޭ ފަރާތްތައް މެއިން ސްޓްރީމް ކުރަން ކުރާ މަސައްކަތް އެއީ އިސްކޮށް، މުޖްތަމަޢުގެ ފަރާތުން ކުރަންޖެހޭ މަސައްކަތެއް. ޕޮޒިޓިވް، އެފަރމެޓިވް މަސައްކަތްތަކެއް. ދައުލަތެއްގެ ފަރާތުން ކުރަންޖެހޭ ކަމަކީ، ކުޑަކުދިން ކަމަށްވަންޏާ، ކުޑަކުދިންގެ ޙައްޤު ހޯދާނީ ކިހިނެއްތޯ؟ ޤާނޫނުއަސާސީން ކަށަވަރުކޮށްނުދޭނެތޯ؟ ޤާނޫނުތަކުން ކަށަވަރުކޮށްނުދޭތޯ؟ އެކުދިންނަށް ބޯހިޔާވަހިކަމާއި، ތަޢުލީމާއި އަދި ފުރިހަމަ ޞިއްޙަތަކާ، މިހުރިހާ ކަމަކީ ޤާނޫނުން ކަށަވަރުކޮށްދޭ ކަންކަމޭ. އެހެންނަމަވެސް، އަޅުގަނޑުމެން އެކަންކަން ކަށަވަރުކޮށްދޭން މިޖެހެނީ ދައުލަތުގެ ފަރާތުން.
 
އަޅުގަނޑު ހަމަ ވަރަށް އުފާވޭ، އަދި މިރޭ މި ފިޔަވަޅުމަތީގައި ހުރެގެންވެސް އުފަލާއެކު ބަލައިގަންނަން، ދީލަތި ހުރިހާ ފަރާތެއްގެ އެހީތެރިކަން. ކުޑަކުދިންގެ ހިޔާގައި މި ހިންގާ ޕްރޮގްރާމްތަކަށް، ރާއްޖޭގެ ވަރަށްގިނަ ކުންފުނިތަކުން، ރާއްޖޭގެ އަމިއްލަ ފަރުދުން ވަރަށް ދީލަތިކަމާއެކީ، ވަރަށް ދީލަތިކަމާއެކީ އެހީތެރިވެވަޑައިގެންދެއްވާ. އެކަމަށްޓަކައި އެހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި ހަމައެހެންމެ، މިހާތަނަށް ހުރި ކުޑަކުދިންގެ ހިޔާ އެއީ އެއްގޮތަކަށްވެސް ކުޑަކުދިން، ދެ ޖިންސުގެ ކުޑަކުދިން އެއްކޮށް ގެންގުޅެވޭ ކަހަލަ ގޮތަކަށް ހުރި ތަނެއް ނޫން. އެހެންނަމަވެސް، އޭރުގެ ދިވެހިރާއްޖޭގެ ޙާލަތަށް ބަލާއިރު، ހަމަ އެންމެ ރަނގަޅު ކަމެއްކަންނޭނގެ. އެހެންނަމަވެސް، އަދު އަޅުގަނޑުމެންނަށް މި ކުރިމަތިލާންޖެހޭ ގޮންޖެހުންތަކާ، މިކަންކަމަށް ބަލާއިރު، މިއީކީ އެއްގޮތަކަށްވެސް އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޫން. ހަމައެކަނި ދެ ޖިންސުގެ ކުދިންނެއް ނޫން. އެކި ޢުމުރުފުރާގެ ކުދިންވެސް މި ތިބެނީ މިތަނުގައި. އަދި އެކުދިން އަމިއްލައަށް ޙައްލުނުކުރެވޭ އެކި ކަހަލަ އުނދަގޫ އުފުލަންޖެހޭ ކަންކަމުގައި، ބަލިތަކަށް ބެލި ކަމުގައިވިނަމަވެސް، މީގެ ކުދިންވެސް ހަމަ މަސްހުނިގަނޑެއްގެ ތެރޭގައި މިތަނުގައި މިތިބެނީ. މިއީ ޚާއްޞަ އެހީތެރިކަމާއި، ޚާއްޞަ ފަރުވާ ބޭނުންވާ ކުދިން.
 
އަޅުގަނޑު ހަމަ ވަރަށް އުފާކުރަން، އަޅުގަނޑަށް އެންމެ ފުރަތަމަ މަޙްމޫދު އަލްޙާޖާ ތަޢާރުފްކޮށްދެއްވީ، އަޅުގަނޑުމެންގެ ކުރީގެ ޢިއްޒަތްތެރި ވަޒީރު ޙުސައިން ޙިލްމީ. އާދެ، އެމަނިކުފާނުގެ ދަޢުވަތަކަށް، ދެންމެ އަޅުގަނޑުމެންނަށް އަޖީބުގެ ވާހަކައިން އެނގިގެންދިޔަ ގޮތުން ވެއްޖިއްޔާ، މަޙްމޫދު އަލްޙާޖާ މާލެ ވަޑައިގަތީ. އަޅުގަނޑާ އެއްރެޔަކު ބައްދަލުކުރެއްވި، ޙުސައިން ޙިލްމީއާއި އައްޔޫބް. ދެން އައްޔޫބްގެ ބައްޕާފުޅު މަޙްމޫދު އަލްޙާޖާ. ދިވެހިރާއްޖެއަށް ކޮށްދެވޭނީ ކޮންކަހަލަ ކަންތައްތަކެއްތޯ ވާހަކަފުޅު ދައްކަވައި، އަޅުގަނޑުމެން ކުރެން ސުވާލު ކުރެއްވި. އަދި އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، މަޙްމޫދު އަލާޙާޖާއަކީ އަދި އެމަނިކުފާނުގެ ޢާއިލާގެ ފަރާތުން ސަރަޙައްދުގެ އެކި ޤައުމުތަކާއި އަދި ދުރު ހިސާބުގެ އެކި ޤައުމުތަކަށް، އިންސާނިއްޔަތަށްޓަކައި ވަރަށްގިނަ ޚިދްމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭކަލެއް. އަޅުގަނޑު ހަމަ ފުރަތަމަ ޚިޔާލަށް އައީ، ކުޑަކުދިންނަށް ކަންތައްތަކެއް ކޮށްދިނުމޭ، އަޅުގަނޑުމެން އެންމެ އިސްކަންދޭ ކަމަކަށްވާނީ. އެހެންވީމާ، ފަށްފަށުން ޙުސައިން ޙިލްމީއަށް ޝުކުރު ދަންނަވަން. އަދި އަޅުގަނޑުމެންނަށް މި އުފާވެރި ނަޞީބު މިންވަރު ކުރެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން.
 
އާދެ، ޔޫ.އޭ.އީ.ގެ އިންސާނިއްޔަތަށް ޚިދްމަތް ކުރައްވާ ލާމަސީލު ބޭފުޅެއް މަހްމޫދު އަލްޙާޖާއަކީ. އަޅުގަނޑުމެންގެ މިރޭގެ މި އިޙްތިފާލުގައި ބައިވެރިވެވަޑައިނުގެންނެވުނީ. އެހެންނަމަވެސް، އެކިފަހަރުމަތިން ރާއްޖެ ވަޑައިގެން، އަދި މިތަން ޢިމާރާތް ކުރުމުގެ އެކި މަރްޙަލާގައި މަޙްމޫދު ވަނީ މިތަނަށް ޒިޔާރަތް ކުރައްވާފައި. އެހެންކަމުން، އަޅުގަނޑުމެންނަށް މި ދީލަތި އަގުބޮޑު ހަދިޔާ، އަޅުގަނޑުމެން ދިވެހި ދަރިންނަށް، ދިވެހިރާއްޖެއަށް، ދިވެހި ދައުލަތަށް، އަޅުގަނޑުމެން އެންމެންނަށް ދެއްވި ކަމަށްޓަކައި މަޙްމޫދު އަލްޙާޖާއަށް ވަރަށް އިޚްލާޞްތެރިކަމާއެކީ، ދިވެހިރާއްޖޭގެ ނަމުގައި، ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ތުއްތުކުދިންގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އާދެ، އަޅުގަނޑުގެ މި ޝުކުރުގައި، މަޙްމޫދު އަލްޙާޖާގެ ތިން ބޭފުޅުން މިތާ މި ތިއްބެވީ. ޠާރިޤު، ޢައްމާރު އަދި އައްޔޫބް. މި ތިން ބޭފުޅުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި ޝުކުރު ދަންނަވަން.
 
އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިތަނުގައި ހުރި ފެސިލިޓީޒް އާއި، އަދި ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތް ކުރަން ކުރެވޭ މަސައްކަތްތަކުގެ ވާހަކަތައް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އަޑުއިވިގެން ހިނގައްޖެ. އާދެ، ކުޑަކުދިންގެ ހިޔާގެ ސީ.އީ.އޯ ޒީނާޒްގެ ފަރާތްޕުޅުން. އަދި އޭގެފަހުން މިހުރިހާ ކަމެއް އިސްކޮށް ވިލަރެސް ކުރައްވާ އަދި ޒިންމާ އުފުއްލަވާ ބަންޑާރަ ނައިބުގެ ފަރާތްޕުޅުން. އާދެ، އަޅުގަނޑުމެންގެ ސަރުކާރުން، ޚާއްޞަކޮށް، މިހާރު ޖެންޑަރ މިނިސްޓްރީގެ މަސައްކަތްތައް ބަލަހައްޓަވަމުން ގެންދަވަނީ ބަންޑާރަ ނައިބު، ލޯ އެންޑް ޖެންޑަރ. ވަރަށްގިނަ މަސައްކަތްތަކެއް މި ކުރައްވަނީ، މި ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތް ކުރައްވަން. އަދި ހަމައެހެންމެ އަންހެނުންގެ ޙައްޤުތައް ޙިމާޔަތް ކުރައްވަން. އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ދިވެހިރާއްޖެއަކީ އިސްތިސްނާއެއް ނޫން. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އެންމެ އަޅާލުންކުޑަ، ނޫނީ އެންމެ އޯގާތެރިކަން ނުލިބޭ ބަޔަކީ، އަންހެނުންނާއި ކުޑަކުދިން. އަދި އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތުގައިވެސް، އަޅުގަނޑު ހިތަށްއަރަނީ، ދެންމެ ސްޓޭޖްމަތިން މި ފެނުނު ތުއްތު ކުދިންނަށް ކޮށްނުދޭ ކަމެއް، ދެން އަޅުގަނޑުމެން ކޮންބަޔަކަށްހޭ ކޮށްދޭންވީ؟ އެކުދިންނަށް ޑިޒަރވްވޭ ހަމަ ހުރިހާ ކަމެއްވެސް. އެހެންވީމާ، އަޅުގަނޑުގެ ސަރުކާރުގެ އަމާޒަކަށްވާނީ، ހަމަ ޝައްކެއްވެސްނެތްގޮތުގައި މިކަހަލަ ތުއްތު ކުދިންނަށް ބޭނުންވާ ހަމަ ހުރިހާ ކަމެއްވެސް ކޮށްދިނުން.
 
އާދެ، ކުޑަކުދިންނަށް ކުޑަކުދިންގެ ހިޔާގައި އަދި އެތަނުގައި މިޒަމާނުގެ ސާމާނާއި ވަސީލަތްތަކާއެކީ، ކުޑަކުދިންގެ މުނިފޫހިފިލުވުމާއި، ތަރުބިއްޔަތާއި، ތަޢުލީމުގެ ކަންތައްތައް ހިނގަމުންދާއިރުވެސް، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ޒިންމާދާރު ކޮންމެ ދިވެއްސަކު މިރޭ ވިސްނާލަންޖެހޭކަންނޭނގެ. ޢިމާރާތެއްކޮށް، ވަށާފާރު ރާނައި، ބަގީޗާ ހައްދާފައި، ތަންތަން ބަލަހައްޓާނެ މީހުން ލައްވައިގެން މަސައްކަތް ކުރުމަކީ، ދައުލަތެއްގެ ތަނަވަސްކަން ހުރެއްޖިއްޔާ، އަދި ދައުލަތަކުން ކުރާ މަސައްކަތަކީ، ބޭރުގެ ފަރާތްތަކަށްވެސް ބަލައިގަނެވޭ ކަހަލަ މަސައްކަތެއް ކަމަށްވަންޏާ، މަޙްމޫދު އަލްޙާޖާ ކަހަލަ ދީލަތި ބޭފުޅުންގެ އެހީތެރިކަން، އެ ދައުލަތަކަށް ލިބޭނެ. ޝައްކެއްވެސްނެތްގޮތުގައި، އެއީ އަޅުގަނޑުމެންނަށް ހަމަ ލިބުނު ވަރަށް ވަރުގަދަ ނަޞީބެއް. މިއީ އިރާދަކުރެއްވިއްޔާ އެންމެ ފަސޭހަ ކަންތައް. އުނދަގޫ ކަމަކީ، އުނދަގޫ ކަމަކީ މިވަރުގެ އަމާނާތެއް، މިވަރުގެ ޒިންމާއެއް އުފުލާއިރު، ޒިންމާދާރުކަމާއެކީ މިކަން ކޮށްދިނުން. ހަމަ ހުރިހާ ތަނެއްގައިވެސް މިކަންކަން ހިނގާއިރު، އެކިކަހަލަ ޙައްޤުތަކަށް އަރައިގަނެވޭ ވާހަކަ އަޅުގަނޑުމެން އަޑުއަހަން. އަޅުގަނޑެއް ނޭދެން، ދިވެހިރާއްޖޭގައި މިކަން މިގޮތަށް ވާކަށެއް. އެއީ އަޅުގަނޑުމެންނަށް ވަރަށް ހިތްދަތި ކަމަކަށްވާނީ.
 
މިހުރިހާ ކަމެއް ދައުލަތުން ކުރާއިރުވެސް، އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ރާއްޖޭގައި އެކި ހިސާބުގައި މަދުން ނަމަވެސް ތުއްތު ކުދިންނަށް ގޯނާކުރެވި، އަދި ތުއްތުކުދިން ދުނިޔެ ދޫކޮށް، ދުނިޔެއިން ވަކިވާ ހިސާބަށް އެބަދޭ. ދާދިފަހުން މިދިޔަ ހަފްތާގެ ތެރޭގައިވެސް މިކަހަލަ ހިތްދަތި ވާހަކައެއް އަޅުގަނޑުމެން އެހީމު. ދައުލަތުން ދަނީ އެ މައްސަލަ ބަލަމުން، ތަޙުޤީޤު ކުރަމުން. އެހެންނަމަވެސް، މިއީ ދުނިޔޭގެ ޙަޤީޤަތް.
 
ތުއްތުކުދިން މަގުމައްޗަށް ނުކުންނަންޖެހޭ ސަބަބުތަކުގެ ތެރޭގައި، އެންމެ ވަރުގަދަ ސަބަބަކީ، ޢާއިލާ ރޫޅުން. ނޫނީ ޢާއިލާގެ ތެރޭގައި އޮތް ހަމަނުޖެހުން. ދެވަނަ ވަރުގަދަ ސަބަބަކީ، ޢާއިލާގެ ތެރޭގައި އޮންނަ ބަނޑުހައިކަމާއި ފަޤީރުކަން. މުޅި އިންސާނިއްޔަތުގެ އެންމެ ބޮޑު މުޞީބާތަކީ ފަޤީރުކަން. ފަޤީރުކަން ޢާއިލާއަކާ ބައްދަލުކޮށްފި ކަމަށްވަންޏާ، ޙިއްސުތައް އަޅުގަނޑުމެންނަކަށް ކަންތައް ކުރަންވީ ގޮތެއް ކިޔައެއްނުދޭނެ. އެހެންވީމާ، ކުޑަކުދިން މިކަހަލަ ޝިކާރައަށް މިވަނީ ޢާއިލާގެ ތެރޭގައި އޮންނަ ހަމަނުޖެހުމާއި، ޢާއިލާގެ ތެރޭގައި އޮންނަ ފަޤީރުކަމުން. އެހެންވެގެން އަޅުގަނޑުމެންގެ ތެރޭގައިވެސް ކުޑަކުދިން، މިދެންނެވި ގޮތަށް ޝިކާރައަށް ވެގެންމިދަނީ. އެހެންނަމަވެސް، ނިސްބަތުން އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގައި މިކުދިން މަދު. އެހެންނަމަވެސް މިއީކީ އަޅުގަނޑުމެން އުފާކުރަންޖެހޭ ކަމެއް ނޫން. އަޅުގަނޑުމެން އުފާކުރަންޖެހޭނީ، މިކަހަލަ ހުރިހާ ކުދިންނަށް އަޅާލުމާއެކީ، މިކަން އަޅުގަނޑުމެންގެ މުޖްތަމަޢުގެ ތެރެއިން ހަމަ އެއްކޮށް ނައްތާލެވޭ ދުވަހަކަށް އިންތިޒާރުކޮށް، އެކަމަށް ބޭނުންވާ ކަންކަން ކުރުމުން.
 
މިއާއެކީ އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑަށް މުނާސަބު، އަޅުގަނޑު މިރޭ މި ވާހަކަ ދަންނަވަން. ދައުލަތުގެ ފަރާތުން ތަނަވަސްކަން ހުރެއްޖެ ކަމަށްވަންޏާ، އަދި ދީލަތި އެކިއެކި ބޭފުޅުންގެ ފަރާތުން ތަނަވަސްކަމާއެކީ މިކަހަލަ ކަންތައްތައް ކޮށްދެއްވައިފި ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ޢިމާރާތް ކުރެވިދާނެ. އެކަމަކު އެކުދިންގެ ކަންފަތްތައް އަޑުއަހާނީ، ހަމައެކަނި މި ހަތަރު ފާރުގެ ތެރޭގައި އިވޭ ވާހަކައެއް ނޫން. އަޅުގަނޑުމެންގެ މުޅި މުޖްތަމަޢުގެ ބަލިމަޑުކަން މިއަދު އޮތްގޮތް ވިސްނަވާ! އަޅުގަނޑުމެންގެ މުޖްތަމަޢުގައި މަޢުޞޫމިއްޔަތު، ނޫނީ މަޢުޞޫމްކަން އެބައޮތްތޯ ހިތްޕުޅުން ސުވާލުކުރައްވާ! އަޅުގަނޑުމެންނަށް، އަޅުގަނޑުމެން ކުރަން ބޭނުންވާ ކަމެއް ވެއްޖެ ކަމަށްވަންޏާ، ތުއްތު ކުދިންތޯ އަޑުއަހަނީ، ދޮށީ މީހުންތޯ އަޑުއަހަނީ، ބަލިމީހުންތޯ އަޑުއަހަނީ، އަޅުގަނޑުމެންގެ ޚިޔާލަކަށް ގެންނާކަށް ބޭނުމެއްނުވޭ. މީހުންގެ ޙައްޤުތަކަށް އަރައިގަންނަނީ، އަދި ޝަރުޢީ ނިޒާމުން އެ ޙައްޤުގައި ފަރުވާހޯދޭނެ މިންވަރަކަށްވެސް ނޫން. އަޅުގަނޑުމެންގެ ތެރޭގައި މި ޙައްޤުތަކަށް އަރައިގަނެވޭއިރު، އެކަންކަމާ ދޭތެރޭގައި، އެކަންކަން ރައްދުވާ ބައެއް މީހުންގެ އިޙްސާސް އެކި މިންވަރަށް ހުންނާނެ. އެހެންނަމަވެސް، އަޅުގަނޑު ހިތަށްއަރަނީ، ކޮމްޕެޝަނޭޓް، އަޅާލާ، އޯގާތެރި މުޖްތަމަޢެއް ބިނާކުރާއިރު، އޯގާތެރި މުޖްތަމަޢެއް ބިނާކުރަނީ ސަރުކާރު ހެއްޔޭ؟ މުޖްތަމަޢަކީ ސަރުކާރެއް ނޫނޭ. ސަރުކާރަކީ މުޖްތަމަޢުގެ އެއް މުއައްސަސާ. މުޖްތަމަޢުގައި މި ތިބެނީ ފަރުދުން. މުޖްތަމަޢުގައި މި ތިބެނީ ޢާއިލާތައް. މުޖްތަމަޢުގައި މި ތިބެނީ ޒިންމާދާރުކަމާއެކީ ކަންކަން ކުރާ މުއައްސަސާތަކާއި، ކުންފުނިތަކާއި، އަދި އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތައް. މިކަންކަން ކުރަން ތިބޭ މީހުންނާއި، މިކަންކަން ކުރަން ފައިސާ ހޯދައިދޭ މީހުންނާއި، މިކަންކަމަށް ޤާނޫނު ފާސްކުރާ ޤާނޫނީ މަޖިލީހުގައި ތިބޭ މީހުންނަށް ޚާއްޞަ ބާރުތަކެއް ލިބުނީމަ، އެމީހުންގެ ޒިންމާއަކުން ބަރީއައެއްނުވޭ، އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަންނައިރު. އެމީހުންނަކީވެސް ޤާނޫނުގެ ކުރިމަތީގައި ޒިންމާ އުފުލަންޖެހޭ ބަޔަކަށް އެބަވާންޖެހޭ. މުޖްތަމަޢު ރަނގަޅުކުރާ ކަމަށްވަންޏާ، މުޖްތަމަޢު ރަނގަޅުވާނީ ހަމައެކަނި ތުއްތު ކުދިންނާ ހަމަޔަކުންނެއް ނޫން. ޝައްކެއްވެސްނެތްގޮތުގައި، ތުއްތު ކުދިންނާ ހަމައިން މި މަސައްކަތް ކުރަންޖެހޭ. ތުއްތު ކުދިންނަށް ފިލާވަޅު ނަގައިދެނީ ކޮންބައެއްތޯ؟ މުދައްރިސުންތޯ؟ މުދައްރިސުން ނަގައިދެނީ ފޮތުން ނަގައިދޭ ފިލާވަޅު. ދެން އެކުދިންނަށް އުނގެނޭ އެއްޗެއް އުނގެނެނީ، ވަށައިގެންވާ މުޖްތަމަޢުން އެކުދިންނަށް ދަސްވާ އެއްޗަކާއި، ފެންނަ އެއްޗެއްގެ މައްޗަށް ބިނާކޮށް. އެހެންވީމާ، ކުށަށް އަރައިގަތުމާއި، އަނެކެއްގެ ޙައްޤަށް އަރައިގަތުމުގައި ޖެހިލުންނުވުމާއި، އަދި ކުއްޖަކާ ތޮޅުމާ، މިކަންކަމަކީ ޓީޗަރުން ދަސްކޮށްދޭ ކަންތައްތަކެއް ނޫން. މިކަންތައްތަކަކީ ފޮތްފޮތުން ދަސްކޮށްދޭ ކަމެއް ނޫން. ކާކުތޯ ދަސްކޮށްދެނީ މިކަންތައް؟
 
މިހާރު ޓީ.ވީއެއް ހުޅުވާލައިފި ކަމަށްވަންޏާ، އަޅުގަނޑު މިދެންނެވި ވާހަކައިގެ ސީދާ ސާފު ދަލީލު، ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. އެކަމަކު އަޅުގަނޑުމެންގެ ޓީ.ވީ ޗެނަލްތަކުން މިކަހަލަ އެއްޗެހި ނުދައްކައެއްވެސް ނުވާނެ. އެހެންވީމާ، މުޖްތަމަޢު އިޞްލާޙު ކުރަން ނުކުމެ ތިބޭ މީހުންގެ ފެންވަރާއި، އަޚްލާޤިއްޔާތާއި، ޒިންމާދާރުކަމާއި، އަދި މުޖްތަމަޢަށް އަޅާލުންތެރިކަން ހުންނަ މިންވަރަށް ބަލާކަމަށްވަންޏާ، އަޅުގަނޑު ހިތަށްއަރަނީ، ދިވެހިރާއްޖެ އަނެއްކާވެސް ދެވަނަ ވިސްނުމަކަށް ދާން އެބަޖެހެޔޭ. މިކަންކަމަކީ، ދީނީ ތަޤްރީރުކޮށްގެން ރަނގަޅުވާނެ ކަންކަމެއް ނޫން. މިކަންކަމަކީ، ހޭލުންތެރި މީހުން އިތުރަށް ވާހަކަ ދައްކައިގެންވެސް ރަނގަޅުވާނެ ކަންކަމެއް ނޫން. އެހެންކަމަށްވަންޏާ، ޘަޤާފަތަކީ ދުނިޔޭގައި އޮތް އެންމެ ދިގު ޓްރެޑިޝަން. ޘަޤާފަތުގެ މައްޗަށް މިކަންކަން ވާކަމަށްވަންޏާ، ދުނިޔޭގައި މިކަހަލަ މައްސަލަތަކެއް ނުހުންނާނެ. ޒިންމާ އުފުލަންޖެހޭ މީހުން، އެހެން މީހުންގެ ޙައްޤުތަކަށް މިގޮތަށް އަރައިގަންނަ ކަމަށްވަންޏާ، އެމީހުންވެސް އެޙައްޤުތަކަށް އަރައިގަތީމަ، އެމީހުން ބައްދަލުކުރަންޖެހޭ ޤާނޫނުތަކާ ބައްދަލުކުރަންޖެހޭނެ. އެނޫން ގޮތަކަށް މިކަންކަމެއް ޙައްލެއްނުވާނެ.
 
އެހެންވީމާ، އަޅުގަނޑުމެން އޯގާތެރި މުޖްތަމަޢެއް ބިނާކުރަން ކުރާ މަސައްކަތުގައި އަދި ކުޑަކުދިން، އެކުދިންނަށް ލިބެންވާ ފަރުވާއާއި، ޢިނާޔަތްތެރިކަމާއި އަދި އެކުދިންނަށް ލިބެންވާ ކޮމްޕެޝަންއާއެކީ ބޮޑެތިވާއިރުވެސް މުޅި މުޖްތަމަޢަކީ، މުޅި މުޖްތަމަޢަކީ ކޮމްޕެޝަނޭޓް މުޖްތަމަޢަކަށް ވާން އެބަޖެހޭ. މުޖްތަމަޢަކީ ރުތްލަސް، ނޫނީ އަނިޔާވެރި، އަޅާލުންތެރިކަން ކުޑަ، އިޙްސާންތެރިކަން ކުޑަ މުޖްތަމަޢަކަށް ވެއްޖެ ކަމަށްވަންޏާ، ކުޑަކުދިންގެ ހިޔާގެ ހަތަރު ފާރުގެ ތެރޭގައި 18 އަހަރު ވަންދެން އުޅެފައި ކުޑަކުދިން ގެންގޮސްފައި، ދޫކޮށްލަނީ ކޮންތާކަށްތޯ؟ އެއްކަލަ ނުރައްކާތެރި މުޖްތަމަޢުގެ ތެރެއަށް. އެހެންވެގެން އަޅުގަނޑުމެންގެ މުޅި މުޖްތަމަޢުގެ ތެރޭގައިވެސް އަޚްލާޤަށް އިސްކަންދޭން މިޖެހޭ ކަމަކީ. ފޮތްފޮތުން އެކަނި ކިޔަވާ ކަންކަމެއް ނޫން މީކީ. އެހެންވީމާ، އަޅުގަނޑު ހަމަ މިރޭވެސް އިލްތިމާސްކޮށްލަން ބޭނުންވޭ. އަޅުގަނޑަށް ހަމަ ޙަޤީޤަތުގައިވެސް ވަރަށް މުނާސަބު މި. އަޅުގަނޑު މި ދައްކަނީ ސިޔާސީ ވާހަކައެއް ނޫން. އެކަމަކު އަޅުގަނޑު ކަށަވަރު ކުރަން ބޭނުންވަނީ، ކޮންމެ ދިވެހި ރައްޔިތެއްގެ ޙައްޤަކީވެސް، އެޙައްޤު ފެށޭ ހިސާބާއި، ނިމޭ ހިސާބުގައި އަނެކެއްގެ ޙައްޤަށް އަރައިނުގަނެ، އެކަކު އަނެކަކަށް ހިތްހަމަޖެހުމާއެކީ އުޅެވޭ މުޖްތަމަޢަކަށް ދިވެހި މުޖްތަމަޢުވުން. މެއިން ސްޓްރީމް ކުރަންޖެހެނީ، އިތުރު އަޅާލުންތެރިކަން ބޭނުންވާންޖެހެނީ، އިތުރު ޤާނޫނު ހަދަންޖެހެނީވެސް މި ޙައްޤުތައް ފަހަނަޅައި، ބޯޑަރު ކްރޮސްކޮށްފައި، ލައިން ކްރޮސްކޮށްފައި ދާ މީހުން ތިބޭތީ. އެހެންނޫނީ ޤާނޫނު ހަދާކަށް ނުޖެހޭ. އެންމެ ކުރީގެ މަދަނިއްޔަތުގައި، އިންސާނީ ޙަޟާރަތުގައި ޤާނޫނުތަކެއް ނުހުރޭ. އެކަކު، އަނެކަކުގެ ޙައްޤުތައް ޙިމާޔަތްކުރާ ގޮތްތަކެއް ހުންނަނީ. ލިޔެވިފައި އޮންނަ ޤާނޫނު، ހަމަ ޝައްކެއްވެސްނެތް ނުހުރޭ. އެހެންނަމަވެސް، ގަބޫލުކުރާ އުޞޫލުތަކެއް ހުރޭ. އެ ގަބޫލުކުރާ އުޞޫލުތަކުގެ ތެރޭގައި، މިދެންނެވި ގޮތަށް މި ޙައްޤުތަކަށް އަރައިގަތުމަކީ ކުރާ ކަންކަމެއް ނޫން.
 
އެހެންވީމާ، ތަހުޒީބުވެފައި މިއޮތީ ކިތަންމެވަރަކަށްވެސް ދުނިޔެ. އަދި ދިވެހިރާއްޖެވެސް މިއޮތީ ތަހުޒީބުވެފައި. އެކަމަކު މިދެންނެވި އެންމެ އަސާސާ ހަމައަށް ރުޖޫޢަވާ ކަމަށްވަންޏާ، ކިހާވަރަކަށްތޯ ދިވެހިރާއްޖެ ތަހުޒީބުވެފައި އޮތީ، އަޅުގަނޑުމެން ސުވާލު އެބަ ކޮށްލަންޖެހޭ. އަޅުގަނޑުމެން ސިޔާސީ މިނިވަންކަމާއި، ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރޭގައި، އެކަން ކުރަންޖެހޭނީ، އެކަން ކުރެވޭ ވެށްޓެއްގެ ތެރޭގައި، އެކަން ކުރަން އޮންނަ ގޮތަކަށް. އެއީކީއެއް ކުޑަކުދިންނަށް ދަސްކޮށްދޭކަށް ޓީ.ވީތަކުން ގެންނައިރު، މީހުންގެ ޙައްޤުތަކަށް އަރައިގަނެ، މީހުންގެ އަބުރު ކަތިލާ، މިކަންކަން ކުރުމަކަށް ޖާގަދޭންޖެހޭ ކަމެއް ނޫން.
 
އަޅުގަނޑުގެ ސަރުކާރުގައި، އަޅުގަނޑު ކަށަވަރުކޮށްދޭން ބޭނުންވަނީ، ހަމަ ކޮންމެ ރައްޔިތަކީވެސް، ހަމަ ކޮންމެ ރައްޔިތަކީވެސް، ދިވެހިރާއްޖޭގެ އެއްވަރުގެ ޙައްޤެއް އޮތް ރައްޔިތަކަށް ހެދުން. ކޮންމެ ރައްޔިތަކީވެސް ޒިންމާ އުފުލުމުގައި، އެއްވަރެއްގެ ޒިންމާ އުފުލައި، އަދި އެއްވަރަށް އެ މުޖްތަމަޢު ބައްޓަންކުރުމާއި، ބިނާކުރުމުގައި ޒިންމާ އުފުލާ މީހަކަށް ހެދުން. އެކަން ކުރެވޭނީ، ހުރިހާ އެންމެންނަކީވެސް ޤާނޫނު ދަންނަ، ޤާނޫނަށް އިޙްތިރާމްކުރާ، ޤާނޫނަށް ބޯލަނބާ ބަޔަކަށްވެގެން. އެކަން ކޮށްދޭން މި ބޭނުންވާ ސަބަބަކީ، މިދެންނެވި ކަހަލަ ކޮމްޕެޝަނޭޓް، ނޫނިއްޔާ އުޞޫލުތަކަށް ތަބާވާ ރޫލް ބޭސްޑް ސޮސައިޓީއެއް ބިނާކުރުމަށް ކުރާ މަސައްކަތް. ކީއްކުރަންތޯ، ވައްކަން ކުރީމަ އަދަބުދީފައި، މީހުންގެ އަބުރު ކަތިލީމަ އަދަބު ނުދޭންވީ؟ އަޅުގަނޑަކަށް ނުވިސްނޭ. ވައްކަން ކޮށްފައި، އެހެން ޙައްޤުތައް ފޭރިގެންފައި، މީހުންގެ އެންމެ ޝަރަފުވެރި، އެންމެ ކަރާމާތްތެރި ޙައްޤަކީ އެމީހުންގެ އަބުރު. އެއަށް އަރައިގަތީމަ އަޅުގަނޑުމެންނަށް ހަމަ އެއްވެސް މައްސަލައެއް ނޫން އެއީކީ. އެހެންވީމާ، އެހެނެއް މި ސަރުކާރަކު ނުވާނެ. އެހެނެއް މި ސަރުކާރަކު ނުވާނެ. މިދެންނެވި ކަހަލަ ތަހުޒީބީ މުޖްތަމަޢެއް، އަދި އޯގާތެރި، އަޅާލުންތެރި މުޖްތަމަޢެއް ބިނާކުރަން ބޭނުންކަމަށްވަންޏާ، އަދި އެ މުޖްތަމަޢަކަށް މިކަހަލަ ފަރުވާދޭ ބެލުންތެރި، ނޫނިއްޔާ އިޙްސާންތެރިކަމާއެކީ މަސައްކަތްކުރާ ތަނަކުން ކުދިން ނުކުންނައިރު،  އެ މުޖްތަމަޢަކީ މިދެންނެވި ކަހަލަ އުޞޫލުތަކެއް އަށަގެންފައި އޮތް މުޖްތަމަޢަކަށްވާންޖެހޭ.
 
އެހެންވީމާ، މިހާރު އަބުރާ ބެހުމުގެ ކަންތައްތައް އޮތްގޮތުގެ ތަފްޞީލުތަކެއް، މިދައުރުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ މިއަންނަ ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ދާނެ. މިއީކީ އެއްގޮތަކަށްވެސް ކުށްނުކުރާ މީހުންނަށް އަދަބު ދިނުމެއް ނޫން. އެކަމަކު ކުށްކުރާއިރު، މީހުންގެ ޙައްޤުތަކަށް އަރައިގަންނައިރު، އެ ޙައްޤުތަކަށް އަރައިގަނެވެނީ ކިހާ މިންވަރެއްގައިކަން، އެކަން ކުރާ މީހުން ދެނެގަނެ، އަދި އެކަމަށް އަރައިގެންފި ކަމަށްވަންޏާ، އެއާއެކީ އެމީހުންނާ ބައްދަލުކުރަންޖެހޭ އަދަބުތަކެއް، ނޫނިއްޔާ އެމީހުންނާ ބައްދަލުކުރަންޖެހޭ އުޞޫލުތަކެއް ހުންނާނެކަން ހަނދާންކޮށްދިނުމަށްޓަކައި ކުރަންޖެހޭ ކަމެއް.
 
އަޅުގަނޑު އެދެނީ، އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އަޅުގަނޑު މިފޮނުވާ މައްސަލައާ ދޭތެރޭގައި ވިސްނާވަޑައިގަތުން. ދިވެހި މުޖްތަމަޢަކީ މިދެންނެވި ކަހަލަ ރޫލް ބޭސްޑް، އޯގާތެރި، އަޅާލުންތެރިކަން އޮންނަ، އިޙްސާންތެރި މުޖްތަމަޢަކަށް ހަދަން ބޭނުމިއްޔާ، މިދެންނެވި ކަހަލަ ކަންކަމަށް ފަރުވާ އެބަ ހޯދަންޖެހޭ. އަޅުގަނޑަކަށްވެސް ފަސޭހައެއް ނޫން، އެތަން މިތަނުގައި ރާއްޖޭގައި ޖަލުތައް އަޅާކަށެއް. އެކަމަކު އެއަށްވުރެ އަޅުގަނޑަށް މާއުނދަގޫ، މުޅި ރާއްޖެއަކީ ހައިވާނު ބަގީޗާއަކަށްވާންވެސް. އެހެންވީމާ، އަޅުގަނޑު މިދެންނެވި ކަހަލަ ކަންތައްތަކެއް މިކުރަނީ، މުޖްތަމަޢުގައި ގެއްލިފައި ހުރި ޙައްޤުތަކެއް ހޯދުމާއި، ގެއްލިފައި ހުރި ރިވެތި އުޞޫލުތަކެއް އަނބުރާ އިޢާދަކުރުމަށް. އެހެންނޫނިއްޔާ އަޅުގަނޑުމެން މިކުރާ މަސައްކަތަކީ އެއްގޮތަކަށްވެސް ބޭނުންތެރި މަސައްކަތަކަށް ނުވާނެ. އެއްގޮތަކަށްވެސް ބޭނުންތެރި މަސައްކަތަކަށް ނުވާނެ. އެންމެ ޚިދްމަތްތެރި މީހާއާ ދިމާއަށްވެސް ހަމަ ފަރުދަކު ބޭނުން އެއްޗެއް ކިޔުމަކީ އެއްވެސް ކަހަލަ ކަމެއް ނޫން. އެހެނެއް ނުވާނެ.
 
ދިވެހިރާއްޖޭގައި މިހާރު މިއޮތް ޤާނޫނުއަސާސީއަކީ، ޤާނޫނުއަސާސީގެ މާހިރުން ވިދާޅުވާގޮތުން ވެއްޖިއްޔާ، މުޅި ސަރަޙައްދުގައިވެސް އަދި މުޅި ދުނިޔޭގައިވެސް ހުރި ޤާނޫނުތަކަށް ބަލާކަމަށްވަންޏާ، އެންމެ ރޫލް ބޭސްޑް އުޞޫލުތައް އެކަށައަޅައިދީފައި، އަދި އުޞޫލުތަކުގެ މަތީގައި ހިނގުމަށް މަގުދައްކައިދޭ ޤާނޫނުއަސާސީއެއް. ޙައްޤުތައް ޙިމާޔަތްކުރާ، ޙައްޤުތައް އެކަށައަޅައިދީ، ކުށަކީ ކޮބައިކަން ބުނެދީ، ބައުންޑްރީތައް ކަނޑައަޅައިދީފައި އޮތް ޤާނޫނުއަސާސީއެއް. އަޅުގަނޑުމެން އެ ޤާނޫނުއަސާސީ އިޞްލާޙު ކުރަން ކުރި މަސައްކަތުގައި، އެ މަސައްކަތް ކުރި މެންބަރުން، އެވަރުގެ ޤާނޫނުއަސާސީއެއް ނެތިގެން، އޭރު އަޅުގަނޑުމެން އެކަމާ ވަރަށް ފަޚްރުވެރިކަމާއެކީ އެ ވާހަކަ ދެއްކިން. އަދި ޤާނޫނުއަސާސީ ތަޞްދީޤު ކުރީމަ، އަޅުގަނޑުމެންނަށް ގަބޫލުކުރެވުނު، އަޅުގަނޑުމެން ދިވެހިރާއްޖެއަށް އާ ދިރުމެއް އަންނަނީ ކަމަށް. އެކަމަކު މިއަދު އެ ޤާނޫނުއަސާސީގައި ބުނާ ޙައްޤުތަކުގެ މަތިން ހަނދާން ހުންނަނީ، މި ލިޔުއްވި ބޭފުޅުންގެ ތެރެއިން ކިތައް ބޭފުޅުންތޯ، ސުވާލު އެބަ ކޮށްލަންޖެހޭ. އެހެންވީމާ، ކީއްކުރަން ލިޔާ އެއްޗެއްތޯ މިއީ؟ ކީއްކުރަން ލިޔާ އެއްޗެއްތޯ މިއީ؟ އެހެންވީމާ، އޭގައި ހުރި އުޞޫލުތައް ހިފަހައްޓަން އަޅުގަނޑުމެން ބޭނުންވަނީ. އަޅުގަނޑުމެން ގަބޫލުކުރަނީ، އިންސާނުން އެކަކު އަނެކަކަށް އިޙްތިރާމް ކުރުމާ ހަމައިގައި، އޮޅޭ ހިސާބަށް ގޮސްފި ކަމަށްވަންޏާ، މަގު ދައްކައިދެވޭނީ ލިޔެވިފައި އޮންނަ، ފާސްކޮށްފައި އޮންނަ، ގިނަބަޔަކު ގަބޫލުކުރާ އުޞޫލުތަކެއްގެ މައްޗަށް ޢަމަލުކުރެވިގެން. އެއީ ޤާނޫނުތައް މި ހަދާ ގޮތަކީ. ޤާނޫނު ހަދަނީ އެއްގޮތަކަށްވެސް، ކޮންމެހެން އޭގެ ޒާތުގައި، އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭތީ، ކުރާ ކަމެއްގެ ގޮތުގައި މި ހަދަނީ. އެހެންވީމާ، އަޅުގަނޑުމެންގެ މުޖްތަމަޢުގެ ތެރޭގައި ތަންދޮރު ދަންނަ، ތަޢުލީމީ އެތައް ބަޔަކު އެބަތިބި. ތަޢުލީމް އުނގަންނައިދެނީވެސް ހަމަ ރަނގަޅު މުޖްތަމަޢެއް ބިނާކުރަން. އެކަން ކުރާއިރު، އަޅުގަނޑުމެން ތުއްތު ކުދިންނަށް އަޅާލަންޖެހޭ ސަބަބު، އަޅުގަނޑުމެންނަށް ދެންމެ ޒީނާޒްގެ ވާހަކަފުޅުގައި އަދި ބަންޑާރަ ނައިބުގެ ވާހަކަފުޅުގައި އެ ވިދާޅުވީ. މިއަށްވުރެ ވަކި އޯގާތެރިކަން އިތުރަށް ބޭނުންވާ ގިންތިއެއް، ބަޔެއް ނޫޅޭނެ.
 
ހަމަ އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަވާ! އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެންގެ ހަމަ ދަރިން ދޮއެއްތޯ މިއީ؟ އަޅުގަނޑުމެންގެ ދަރިން މިއީ. އެހެންވީމާ، މި މީހުންނަށް އަޅާލަން ބޭނުންވާ ކަމަށްވަންޏާ، މާއްދީގޮތުން މިކޮށްދޭ ކަންތައްތަކުގެ އިތުރަށް، މި މީހުން ދެން ނުކުމެ ހޭލާ މުޖްތަމަޢަކީ، މިމީހުންނަށް ބަލައިގަނެވޭ، އަދި އެ މުޖްތަމަޢުގެ ތެރޭގައި ފަސޭހަކަމާއެކީ، އެސިމިލޭޓް ވެވޭކަހަލަ މުޖްތަމަޢަކަށް އެބަވާންޖެހޭ. މިތަނުން ދަސްކޮށްދޭ އަޅާލުމާއި، އިޙްސާންތެރިކަމާއި، އޯގާތެރިކަމާ، އެއެއް ނޫން އެކުދިން މިތަނުން ނުކުމެ، މިދެންނެވި ކަހަލަ ރަޙުމްކުޑަ މުޖްތަމަޢަކާ ކުރިމަތިލީމަ ދިމާވާނީ.
 
އަޅުގަނޑުމެންގެ ތެރޭގައި މިހާރު ޙައްޤުތަކަށް އަރައިގަތުމުގެ ތެރޭގައި، ބޮޑެތި ޖިސްމާނީ އަނިޔާ ދިނުމަކީ ފިކުރުކުރަންޖެހޭ ކަމެއްވެސް ނޫން އެއްބަޔަކަށް. އަދި އޭގެތެރޭގައި މީހުން މެރުމަކީ ދާދި ފަސޭހައިން ކޮށްލެވޭ ކަމެއް. ކީއްވެގެންތޯ އެކަން ކޮށްފައި، އެމީހުންނަށް އަރާމުގައި ތިބެވެންވީ؟ ނުވާނެ. ކޮންމެ މީހަކާވެސް ޤާނޫނު އަރާހަމަކުރާނެ. އެހެންވީމާ، އަޅުގަނޑު ކަށަވަރުކޮށްދޭން ބޭނުންވަނީ، އަޅުގަނޑުގެ ޒަޢާމަތެއްގައި ވެއްޖިއްޔާ، ހަމަ ކޮންމެ ކުށެއް ކުރާ މީހަކާ ޤާނޫނު އަރާހަމަކުރާނެއޭ. ޤާނޫނާ އެއްގޮތަށް މީހުން އުޅޭ ކަމަށްވަންޏާ، މި ސަރުކާރަށްވުރެ ފަސޭހަ ސަރުކާރެއްގައި އެއްވެސް ބަޔަކު އުޅޭނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއްނުކުރަން. އެކަމަކު ޙައްޤުތަކަށް އަރައިގަނެ، އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަނެ، މީހުންނަށް ނުރައްކާ ކުރިމަތިކޮށް، އަދި އަމުދުން ޖިންސުއްލަޠީފުން، އަންހެން ބޭފުޅުން މަގުތަކުގައި ހިންގަވާއިރު، އެބޭފުޅުންނަށް ފުރައްސާރަކޮށް، މިކަހަލަ ކަންތައް ކުރުމަކީ، ގަބޫލުކުރާކަށް އަޅުގަނޑުމެންނަކަށް ފަސޭހަ ކަންކަމެއް ނޫން. އަޅުގަނޑުމެންނަށް ވަރަށް ފަސޭހަ، ކައިވެންޏެއް ރޫޅުނީމަ، މުދާ ބަހާނެގޮތް ބުނެދޭން. އެކަމަކު އެއަށްވުރެ މާ އަސާސީ ކަމެއް ދޮއެއްތޯ، ކައިވެނި ކޮށްގެން ހުންނަ އަންހެނަކުވެސް މަގުމައްޗަށް ނުކުތީމަ، މި ފުރައްސާރަ ކުރުމާއި، ކުރާ ގޯނާއާ، މިކަންކަމުން މިމީހުން ސަލާމަތް ކޮށްދިނުމަކީ. އެވަރު ނުކޮށްދެވޭ ކަމަށްވަންޏާ، ދެން ކީއްކުރަންތޯ މުދާ ބަހަން އުޅެންވީ؟ ދައުލަތުގެ މަސްއޫލިއްޔަތެއް މިއީ. އެހެންވީމާ، ދައުލަތުގެ މަސްއޫލިއްޔަތެއް އުފުލާއިރު، އެވަގުތަކު ދައުލަތް ހިންގަން ޙަވާލުވެ ހުރި މީހަކު އެކަން ކުރަންޖެހޭނެ.
 
ދައުލަތް ހިންގުމަކީ ސޯޝަލް ކޮންޓްރެކްޓެއް. ރައްޔިތުންނާއި ސަރުކާރާ ދޭތެރޭގައި މިއޮންނަނީ ސޯޝަލް ބޮންޑެއް، ސޯޝަލް ކޮންޓްރެކްޓެއް. އެ ސޯޝަލް ކޮންޓްރެކްޓްގައި ދައުލަތަކީ ރައްޔިތުންގެ އިޙްސާސްތަކަށް އީޖާބީ ޖަވާބުދާރީވާ ދައުލަތަކަށްވުން. އެހެންވީމާ، ތަނެއްގެ އަމަންއަމާންކަމާއި، މަޞްލަޙަތާއި ޞުލްޙަ ގެއްލިއްޖެ ކަމަށްވަންޏާ، އެ ދައުލަތުގެ ވެރިޔަކަށް ހުންނަ މީހާ ޒިންމާތަކުން ފެއިލްވީ. އެ ސޯޝަލް ކޮންޓްރެކްޓުން އޭނަ ފެއިލްވީ. އެހެންވީމާ، އެއީ ކިހާވަރެއްގެ ދައުލަތެއްކަން މިނެކިރާ އެއްޗަކީ މިދެންނެވި ސޯޝަލް ކޮންޓްރެކްޓާ އެއްގޮތަށް ކިހާވަރަކަށްތޯ ކަންތައް ކުރެވެނީ. މީހުން ރުއްސުމަށްޓަކައި، މީހުން ހިތްހަމަޖެއްސުމަށްޓަކައި، އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަންނައިރުވެސް، އެކަން މައިތިރިނުކުރާ ދައުލަތެއްގެ ލީޑަރު، އަޅުގަނޑު ގަބޫލުކުރާގޮތުން ވެއްޖިއްޔާ، އެހެރީ މިދެންނެވި ސޯޝަލް ކޮންޓްރެކްޓްގައި ފެއިލްވެފައި. ކޮންމެ މީހަކަށްވެސް ޒިންމާދާރުކަމާއެކީ އުޅެވެންވާނެ. ކޮންމެ މީހަކީވެސް މިނިވަނެއް. މިނިވަން ޖައްވަކަށް ނޭވާލެވެންވާނެ. މިނިވަންކަމާއެކީ ހިނގާބިގާ އުޅެވެންވާނެ. އެއްރަށުން އަނެއް ރަށަށް ފުރެންވާނެ. ނޭރޭ ރަށެއް އޮވެގެން ނުވާނެ.
 
އެކަމަކު ދާދި ކައިރީ މާޒީގައި ދޮއެއްތޯ، އަޅުގަނޑުމެންނަށް ފެނުނީ، އެކި މީހުންނަށް އެކި ރަށްރަށަށް ނޭރޭ ތަންތަން. ސިޔާސީގޮތުން ވާދަވެރިވިޔަސް، ވާދަކުރަން ބޭނުންވިޔަސް މިއީކީ ކުރެވޭނެ ކަންކަމެއް ނޫން. މިއީކީ ކުރެވޭނެ ކަންކަމެއް ނޫން. ދިވެހިންނަކީ އެއްބައިވަންތަ، އެއްބައެއް، އެއް ނަސްލެއްގެ ބައެއް. އަޅުގަނޑުމެންގެ ތެރޭގައި ތަފާތު ދީންތަކެއް އޮތީކީ ނޫން. އެހެންވީމާ، މިވަރު ޤާނޫނުއަސާސީގައި އެކަށައަޅާފައި ހުރީ. ޤާނޫނުއަސާސީ ތަންފީޛު ކުރާ އެންމެ އިސް ފަރާތަކީ ދައުލަތް. ދައުލަތް ހިންގަން ހުންނަ މީހަކީ ރައީސުލްޖުމްހޫރިއްޔާ. މިއަދު ކޯޓުތަކުން އިއްވާ ޙުކުމްތަކަށް، ރައީސުލްޖުމްހޫރިއްޔާ ކުރާ ކަމެކޭ، މީގެ ކުރީގައި ރައީސްކަން ކުރި މީހުން ބުނީމަ، އަޅުގަނޑު ހިތަށްއަރަނީ، ކިހާ ޒިންމާދާރު ކަމެއްބާއޭ އެކުރެވުނީ. އެހެންވީމާ، ހަމަ އުފެދޭ ސުވާލަކީ އެވަރަށް އެހާ ރަނގަޅަށް އެވާހަކަ ވިދާޅުވެވެނީ، އެމަނިކުފާނުގެ ވެރިކަމުގައި ކޯޓުތަކުން ކުރި ހުރިހާ ޙުކުމެއްގައި އެމަނިކުފާނު އަތްޕުޅު ބާނުއްވާފައި ހުރީމަތާއޭ. އެހެން ނޫނިއްޔާ ކިހިނެއް ދައްކާނެ ވާހަކައެއްތޯ އެއީ؟ އެހެންވީމާ، ވަރަށް ޣައިރު ޒިންމާދާރު، ޒިންމާދާރުކަން ކުޑަކޮށް ދައްކާ ވާހަކަ އެ ހުންނަނީ. ކޯޓަކުން ކުރާ ޙުކުމެއް، ކޯޓަކުން ކުރީމަ ހިތްހަމަނުޖެހޭ ކަމަށްވަންޏާ، އޮންނާނެ އިސްތިޢުނާފުގެ ދެ މަރްޙަލާ. އިސްތިޢުނާފު ދެ ކޯޓު އޮންނާނެ. ދެ ކޯޓަށް ދަތުރުކުރައްވާ! އަދި އެއް ކޯޓުން އަނެއް ކޯޓަށް ވަޑައިގަންނަވަން ބޭނުންފުޅުކަމަށްވަންޏާ، ދައުލަތުން ޓެކްސީ ޚަރަދުވެސް ދީފާނެ. އެކަމަކު ކޯޓުގެ ތެރެއިން މައްސަލަ ޙައްލުކުރައްވާ. އެ މައްސަލަ އެނޫންގޮތަކަށް ޙައްލެއް ނުކުރެއްވޭނެ. އެހެންވީމާ، ޚިޔާލުފާޅުކުރުމުގެ ތެރެއިންވެސް ކުރެވޭނެ ކަންކަމާއި، ނުކުރެވޭނެ ކަންކަން ހުންނަންވާނެކަން ގަބޫލުކުރައްވާ. މިދެންނެވި ކަހަލަ ތުއްތު ކުދިން، މަޢުޞޫމް ކުދިން ބޮޑުވެގެން އަންނައިރު، މުޖްތަމަޢަކަށް ނޭވާލާން ބޭނުންވާއިރު، މުޖްތަމަޢަކީ ސަލާމަތްތެރިކަން އޮތް، އަމާންކަން އޮތް ކޮމްޕެޝަނޭޓް މުޖްތަމަޢަކަށް ހެދޭނީ، މިދެންނެވި ކަހަލަ ޙައްޤުތަކަކީ، އެއްވެސް އިސްތިސްނާއެއްނެތި، އެންމެން އެއަށް އިޙްތިރާމްކުރާ ޙައްޤުތަކެއްގެ ގޮތުގައި އޮވެގެން.
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަޅުގަނޑު ވާހަކަކޮޅު ނިންލާއިރުވެސް އަޅުގަނޑު އެދެނީ، މިފަދަ ތުއްތު ކުދިންނަކީ، އަޅުގަނޑުމެން އެންމެން އަޅާލާ ބަޔަކަށްވަމާތޯއޭ؟ އަޅުގަނޑުމެން ހަމަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްޞަ ޕްރޮގްރާމްތަކެއް މި ހިންގަނީ. އޭގެތެރޭގައި މުޅި ސަރުކާރުގެ އެއްބާރުލުން އެބަ ލިބޭ. ޚާއްޞަކޮށް، ކުންފުނިތަކުގެ އެއްބާރުލުން އަޅުގަނޑަށް ލިބޭ. އަޅުގަނޑު ހަމަ ވަރަށް އުފާވޭ. މިހާރު ސަރުކާރުން މިހެން ކުރާ ކޮންމެ ކަމެއްގައި، ސަރުކާރުގެ އެކި ކުންފުނިތަކާއި، އެކިއެކި ޖަމާޢަތްތަކުން ވަރަށް މުރާލިކަމާއެކީ، ހަމަ އުފަލުން އެބަ ބައިވެރިވޭ. ޝައްކެއްވެސްނެތްގޮތުގައި، މިއީ ޕާޓިސިޕޭޓަރީ ގަވަރނަންސްގެ އެންމެ ރަނގަޅު ފީޗަރއަކީ. އެހެންވީމާ، އަޅުގަނޑު އެދުވަހު ކުޑަކުދިންގެ ޙައްޤުތަކާ ބެހޭގޮތުން ވާހަކަ ދައްކާފައި، އިޢުލާނު ކުރުމާ ގުޅިގެން، ސަރުކާރުގެ ކޮންމެ ކުންފުންޏަކުން ދޮރު ހުޅުވާލައިފި، ނުކުޅެދުންތެރިކަން ހުންނަ، ނޫނިއްޔާ ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާދޭން. އެއީ ޝައްކެއްވެސްނެތްގޮތުގައި، މިހާރު އެތަކެއް ކުދިން އެބަތިބީ ސަރުކާރުގެ ވަޒީފާތަކުގައި. މީގެ ދެ ދުވަސް ކުރިން، ފެނަކާއިން އެ އިޢުލާނު ކުރެއްވީ، ރާއްޖެތެރޭގައި ފެނަކާގެ ހަމަ ކޮންމެ އިންޖީނުގެއެއްގައި، އިންޖީނުގެ ހުންނަ ކޮންމެ ރަށެއްގައި، 100 ކުދިންނަށް މުޅި ޖުމްލަ މި އަހަރު އެ ވަޒީފާ ހޯއްދަވައިދެއްވީ. ޝައްކެއްވެސްނެތްގޮތުގައި މިއީ އަޅާލުންތެރިކަމަކީ. މިއީ ޤާނޫނުގައި ލިޔެފައި ނެތް ޙައްޤެއްތޯ؟ ޤާނޫނުގައި ލިޔެފައި އޮތް ޙައްގެކޭ. އެކަމަކު މެއިން ސްޓްރީމްކޮށް، ތަންފީޛުކޮށް، އޭގެ މާއްދީ ފައިދާ ހޯދައިދޭން ބޭނުންކަމަށްވަންޏާ، އޭގައި ސަރުކާރުގެ ދައުރެއް އޮންނާނެ. ޤާނޫނުގައި އެކަށައަޅާފައި އެއޮތީ. އެކަން ނުވީމަ ކާކު ގޮވައިގެންތޯ ކޯޓަށްދާނީ؟ ނެތް.
 
އެހެންވީމާ، އޯގާތެރި މުޖްތަމަޢެއް ބިނާކުރާކަމަށްވަންޏާ، ދައުލަތުގެ ޒިންމާއެއް އެބައޮތް. ދައުލަތުގައި ހުރި އެކިއެކި މުއައްސަސާތަކުގެ ޒިންމާ އެބަހުރި. އަދި އަޅުގަނޑުމެންގެ ކޯޕަރޭޓް ރެސްޕޮންސިބިލިޓީ. ނޫނިއްޔާ މުޅި ސޮސައިޓީގެ ރެސްޕޮންސިބިލިޓީގެ ތެރޭގައި ހިމެނޭ ކުންފުނިތަކާއި، އެކިއެކި ޖަމްޢިއްޔާތަކާއި، ޖަމާޢަތްތަކުގެ ޒިންމާ ކުޑައެއް ނޫން. އަޅުގަނޑުމެންގެ ކުޑަކުދިންގެ ހިޔަލަށް ދިވެހިރާއްޖޭގެ ވިޔަފާރިވެރިން ވަރަށް ދީލަތިކަމާއެކީ އެހީތެރިވެވަޑައިގެންދެއްވާ. އެހެންވީމާ، ކުޑަކުދިންނަށް ރަނގަޅު ގޮތްތަކެއް އަޅުގަނޑުމެން ހޯދައިދޭން ބޭނުންކަމަށްވަންޏާ، މުޅި މުޖްތަމަޢަކީ އޯގާތެރި، އަޅާލުންތެރިކަން އޮތް މުޖްތަމަޢަކަށް ވާންޖެހޭ. އެކަން ކުރެވޭނީ އެންމެންނަކީ ޤާނޫނަށް ތަބަޢަވާ، ޤާނޫނަށް ލޯބިކުރާ، ޤާނޫނަށް ބޯލަނބާ ބަޔަކަށްވެގެން. ޤާނޫނާ ޚިލާފުވެއްޖެ ކަމަށްވަންޏާ، ޤާނޫނަށް ބޯލެންބޭނެ ގޮތަކީ، ނަޞޭޙަތް ދެވިދާނެ. ތަކުރާރުކޮށް ޤާނޫނާ ޚިލާފުވާ ކަމަށްވަންޏާ، ޤާނޫނާ އެއްގޮތަށް އުޅެން މަޖުބޫރު ކުރަންޖެހޭނެ. އެނޫން ގޮތަކަށް އެކަމެއް ނުވާނެ. އެއީ އެއަށްވުރެ މާ ޒިންމާދާރު، ތަންދޮރު ދަންނަ މީހުން ޤާނޫނަށް އަރައިގަންނަނީ. އެކަން ކުރެވޭނީ މިދެންނެވި ގޮތަށް. އެހެންވީމާ، މުޅި މުޖްތަމަޢުގައި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، އޯގާތެރި ކޮމްޕެޝަނޭޓް މުޖްތަމަޢެއް ބިނާކުރާކަމަށްވަންޏާ، ޤާނޫނަށް ތަބަޢަވާ، ޤާނޫނަށް ލޯބިކުރާ މުޖްތަމަޢެއް އޮވެގެން ނޫނީ މިކަމެއް ނުވާނެ.
 
އަޅުގަނޑުމެން އެދެނީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، މާތްﷲގެ ބަރަކާތާއި ޘަވާބު އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން. އަދި އެއާއެކީ ދައުލަތުން އަދި ދައުލަތުގެ އެކިއެކި ފަރާތްތަކުން، ކުންފުނިތަކުން، އިންސާނިއްޔަތަށް ޚިދްމަތެއްގެ ގޮތުގައި މިހެން މިކުރާ ކަންކަމުގައި ބޭރުގެ ފަރާތްތަކުން، އިންސާނިއްޔަތަށް އެހީތެރިވެވަޑައިގަންނަވާ މަޙްމޫދު އަލްޙާޖާ ފަދަ ބޭބޭފުޅުންގެ އެހީތެރިކަން އަޅުގަނޑުމެންނަށް އިތުރުވެގެންދިޔުން. އަދި އެކަންކަން ކުރުމުގައި، ޙުސައިން ޙިލްމީ ކަހަލަ ބޭފުޅުންނަށް، މިފަދަ ފަރާތްތަކާ ގުޅުއްވައިގެން އިތުރަށް ވާހަކަ ދެއްކެވިދާނެ. މިއީ އަޅުގަނޑުމެން އެންމެންގެ ރާއްޖެ. މިއީކީ ވަކި މީހެއްގެ ރާއްޖެއެއް ނޫން. އެހެންވީމާ، ކޮންމެ ފަރާތަކުންވެސް އަޅުގަނޑުމެންނަށް މިކަހަލަ ދީލަތި އެހީ ދެއްވާ ކަމަށްވަންޏާ، އަޅުގަނޑުމެން ޝުކުރުވެރިކަމާއި އުފާވެރިކަމާއެކީ ބަލައިގަންނާނެ. އެއީ މުޅި ދިވެހި ރައްޔިތުންނަށް ލިބޭ ހަދިޔާއަކަށްވާތީ.
 
ޝައްކެއްވެސްނެތްގޮތުގައި މިއީ ވަރަށް އަގުހުރި، ވަރަށް އަގުހުރި ބިނާއެއް. އަދި މީގެ ރަމްޒީ މާނައަށް ވިސްނައިފި ކަމަށްވަންޏާ، އަޅުގަނޑުމެން މި ދައްކަނީ ޒުވާނުންނަކީ އެންމެ ހަކަތަ ހުރި ބަޔަކަށްވާނޭ. އަޅުގަނޑުމެން ކޮންމެ މީހަކުވެސް ވާހަކަ ދައްކާއިރު ބުނޭ، މިއަދުގެ ޒުވާނުންނަކީ މާދަމާގެ މުސްތަޤްބަލޭ. މި ތުއްތު ކުދިންނަށް އަޅާނުލަންޏާ، ކޮން މުސްތަޤްބަލެއްތޯ، އެކުދިންގެ އޮތީ؟ މިކަހަލަ އެތައް ކުދިންނެއް އިތުރުވެއްޖިއްޔާ ރާއްޖޭގައި އޮތީ ކޮން މުސްތަޤްބަލެއްތޯ؟ މިކަހަލަ އެތައް ކުދިންނެއް އިތުރުވެގެންދާއިރު، މިކުދިންގެ ވާހަކައެއް ނޫން މި ދަންނަވަނީ. ބަސްނާހާ އެތައް ބައިވަރު ކުދިންނެއް އުޅޭ ކަމަށްވަންޏާ، އަދި އެކުދިން ބަސްނާހަނީ، އަދި އެކުދިން އުޅެންވާ ގޮތަށް ނޫޅެ އެ އުޅެނީ، އަޅުގަނޑުމެން ބޮޑެތި މީހުން ދައްކާ މިސާލުން ކަމަށްވަންޏާ، ކޮބައިތޯ އަޅުގަނޑުމެންގެ ޒިންމާ؟ ކުޑައެއް ނޫން ދޮއެއްތޯ.
 
އެހެންވީމާ، އަޅުގަނޑުމެންވެސް އަޅުގަނޑުމެން ކުރާ ކަމެއްގައި ނަމޫނާ ދައްކަން އެބަޖެހޭ. ނަމޫނާ ދައްކަން ދަސްކޮށްދެވިއްޖެ ކަމަށްވަންޏާ، މިކަހަލަ ކުޑަކުދިން މުޖްތަމަޢުގައި ބިނާކުރާއިރު، ސަރުކާރަށް، ދީލަތި ފަރާތްތަކަށް އެހީތެރިވެވަޑައިގެންދެއްވޭނެ. ޝައްކެއްވެސްނެތްގޮތުގައި، މިއީ ވަރަށް އަގުބޮޑު ހަދިޔާއެއް. މަޙްމޫދު އަލްޙާޖާގެ ޢާއިލާގެ ފަރާތުން އަޅުގަނޑުމެން ދިވެހިންނަށް ދެއްވި. އުފަލާއެކީ ޝުކުރުވެރިކަމާއެކީ އަޅުގަނޑުމެން ބަލައިގަންނަން.
 
އަޅުގަނޑުމެން އެދެނީ، ދިވެހި ކުޑަކުދިންނަށް، ޚާއްޞަކޮށް، އަޅާލުންތެރިކަން ނެތް، އަޅާލުންތެރިކަން ކުޑަ، ކުދިންނަށް، އުފާވެރި މުސްތަޤްބަލެއް މިންވަރު ކުރެއްވުން އެއީ އަޅުގަނޑުމެންގެ އެންމެންގެ ދުޢާއެއް. އަދި މިކަހަލަ ކުދިންނަށް ކޮށްދޭން ބޭނުންވާ ކަންތައްތައް ކުރުމުގައި، އަޅުގަނޑުމެން ދިވެހިރާއްޖޭގައި ތިއްބެވި ތަނަވަސް ފަރާތްތަކުން އަޅުގަނޑުމެންނަށް، ދައުލަތަށް ދީލަތި އެހީތެރިކަން ވެދެއްވުމަކީ، އަޅުގަނޑުގެ މިރޭގެ އިލްތިމާސް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތްﷲގެ ބަރަކާތް މިންވަރު ކުރައްވާނެ.
 
والسّلام عليــكم ورحـمــة اللّـه وبـركاتـه.