بســم اللّـه الرّحمـن الرّحيــم
 
                       اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
   ގައްދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަދި މި ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ޢިއްޒަތްތެރިން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ، އަޅުގަނޑު ވަރަށް އުފާވެރިކަމާއެކީ ބަލައިގަންނަން، ގައްދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަޅުގަނޑުމެން މިހާ ނުގަޑިއެއްގައި މިރަށަށް އައުމުންވެސް ތިޔަ ވިދާޅުވި ހޫނު މަރްޙަބާ. ވަރަށް އިޚްލާޞްތެރިކަމާއެކީ ތިޔަ އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަން.
 
އާދެ، ހަމައެޔާއެކީ ދަންނަވާލަން ބޭނުންވަނީ، ވަރަށް ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ރަޝީދު ވިދާޅުވި، ދެ ދުވަހެއްގެ މަސައްކަތޭ، ގައްދޫގެ ރައްޔިތުން ކުރައްވާފައި މިވަނީ. މި ޖަލްސާއަށް، މި އިޙްތިފާލަށް ތައްޔާރުވެވަޑައިގަތުމަށް، އަޅުގަނޑާއި އަޅުގަނޑާއެކީ ވަޑައިގަންނަވާ ޑެލިގޭޝަނަށް މަރްޙަބާ ވިދާޅުވުމަށް. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނަމަވެސް، މިހާ ފުރިހަމައަށް މިހުރިހާ ކަމެއް އިންތިޒާމްކޮށްދެއްވި ކަމަށްޓަކައި ގައްދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އަދި ހަމައެޔާއެކީ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ސަރުކާރުން މިކުރަނީ ހަމަ ވަރަށް ވަރުގަދަ މަސައްކަތްތަކެކޭ، ރާއްޖޭގައި ހުރި ހުރިހާ ހިސާބަކަށް އަވަސްކަމާއެކީ ތަރައްޤީގެ މަޝްރޫޢުތައް ގެންދިޔުމަށްޓަކައި. އެހެންވީމާ، އަޅުގަނޑު އެދެނީ، އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހަށް އައިސް، މިކަންކަން ކުރުމުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވާއިރު އެކަންކަމަށް އިސްކަން ދެއްވުން. އެއްގޮތަކަށްވެސް އަޅުގަނޑަށް މަރްޙަބާ ވިދާޅުވުމަށްޓަކައި މިވަރުގެ ތަކުލީފެއް ކޮންމެހެން އުފުއްލެވުމަކީ އަޅުގަނޑު އެދޭގޮތެއް ނޫން. އަޅުގަނޑު ހަމަ ވަރަށް އުފާވޭ، މިކަހަލަ އެއްވެސްކަހަލަ ޒީނަތްތެރިކަމެއްނެތިވެސް އިޚްލާޞްތެރިކަމާއެކީ، ހިތްހެޔޮކަމާއެކީ ރައްޔިތުން ތިއްބެވިގޮތް ދެއްކެވުމަށްޓަކައި ފަސޭހަފުޅު ވަގުތެއްގައި ވެއްޖިއްޔާ، އަޅުގަނޑަށް އިސްތިޤްބާލު ވިދާޅުވުމަށްޓަކައި ރައްޔިތުން ވަޑައިގެންފި ކަމަށްވަންޏާ، އެއަށްވުރެ ވަރުގަދައަށް ރައްޔިތުންގެ ތާއީދު އަޅުގަނޑަށް ދެއްކެވޭނެ ގޮތެއް އޮންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަން. އެހެންވީމާ، އެކަން ކޮށްދެއްވީމަ އަޅުގަނޑަށް ފުދޭނެ. އެހެންވީމާ، ވަރަށް އިޚްލާޞްތެރިކަމާއެކީ މިއަދު އެކަން ގައްދޫގެ ރައްޔިތުން ދައްކަވައިދެއްވައިފި. އެކަމަށްޓަކައި އަދިވެސް ތިޔަބޭފުޅުންނަށް ވަރަށް ޝުކުރު ދަންނަވަން.
 
އާދެ، އަޅުގަނޑުގެ ހަނދާނަށް އަންނަނީ، އަޅުގަނޑުމެންގެ ސިޔާސީ މަސައްކަތްތައް ފަށައިގެން، އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ، 2011 ވަނަ އަހަރު އަޅުގަނޑުމެން ގައްދުއަށް ޒިޔާރަތެއް ކުރިން. އެއީ ޑީ.އާރު.ޕީ އެއް އުފެދި، ޑީ.އާރު.ޕީ.ގެ ތެރޭގައި މައްސަލަތަކެއް އުޅެ، އަދި ރައީސް މައުމޫންގެ ވިސްނުންފުޅުގައި، އަދި އަޅުގަނޑުމެން ޑީ.އާރު.ޕީ.ގައި ތިބި މީހުންގެ ވިސްނުމުގައި، ޑީ.އާރު.ޕީ.ގެ މިޞްރާބު އެ ދިމާއަށް ނުދާތީ، ޑީ.އާރު.ޕީ ބައިބައިވެ، އާ ޕާޓީއެއް އަޅުގަނޑުމެން އުފެއްދިން. ޕީ.ޕީ.އެމް ކިޔާ ޕާޓީއެއް އުފެއްދިން. ޕީ.ޕީ.އެމް އުފައްދައިގެން، މާގިނަ ދުވަސްތަކެއްނުވެ، ހަނދާންވާގޮތުން ވެއްޖިއްޔާ، 2011 ވަނަ އަހަރުގެ ތެރޭގައި، އެންމެ ފުރަތަމަ ދާއިރާގެ އިންތިޚާބަށް، އަތޮޅު ކައުންސިލްގެ އިންތިޚާބަކަށް، ބައި އިލެކްޝަނަކުން ބޭފުޅަކު ހޮވަން ޖެހިގެން އަޅުގަނޑު މިތަނަށް ޒިޔާރަތެއް ކުރިން. އާދެ، މިދާއިރާއަށް މުޙަންމަދު ޢަބްދުއްޞަމަދު ހޮވުމަށްޓަކައި އަޅުގަނޑުމެން ކުރި ޒިޔާރަތުގައި، ވަރަށް ވާދަވެރި އިންތިޚާބެއް، އެ އިންތިޚާބަކީ. އެހެންނަމަވެސް، ގައްދޫގައި ތިއްބެވި ރައީސް މައުމޫނަށް ޝައުޤުވެރިކަން ހުންނަ ބޭފުޅުންނާއި، އަދި ޕީ.ޕީ.އެމް.އަށް އިޚްލާޞްތެރި ބޭފުޅުންގެ މަސައްކަތުން ވަރަށް ވަރުގަދަ، ފޯރިގަދަ އިންތިޚާބަކަށްފަހު، އެފަހަރު އަޅުގަނޑުމެންނަށް އެގޮނޑި ކަށަވަރުކޮށްދެއްވި. އެއީ ޕީ.ޕީ.އެމް. އުފެދުނުފަހުން، ވާދަވެރި އިންތިޚާބަކުން އެންމެ ފުރަތަމަ އަޅުގަނޑުމެންނަށް ކާމިޔާބު ލިބުނު އިންތިޚާބު.
 
ހަމައެޔާއެކީ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ހަމަ އުފާތަކެއް އިޙްސާސް ކުރީމު، މިފަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ގައްދޫ ދާއިރާގެ ގޮނޑި، ޕީ.ޕީ.އެމްއަށް ހަދިޔާކުރެއްވީމަ. މިކަމުން ދައްކައިދެނީ ގައްދޫގެ ރައްޔިތުންގެ ހިތްޕުޅުގައި އަޅުގަނޑުމެން ޕާޓީއަށް، ރައީސް މައުމޫނަށް، އަދި އަޅުގަނޑުމެން މިކުރާ މަސައްކަތަށް ތިޔަބޭފުޅުންގެ އޮތް އިޚްލާޞްތެރިކަން. މިކަންކަން މިހެން ހުރީމަޔާއެކީ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ރަޝީދުގެ ވާހަކަފުޅުގައި ދެތިންފަހަރަކު ވިދާޅުވި، ގައްދޫ އެކަހެރި ނުކުރާ ވާހަކަ. އަޅުގަނޑުމެންގެ ސަރުކާރުގެ މަސައްކަތްތައް މި ހިނގަނީކީ ހަމަ އެއްވެސް ގޮތަކަށް، އެއްވެސް ރަށެއް އެކަހެރިކުރުން އަޅުގަނޑުމެންގެ ޚިޔާލުގައި އޮވެގެނެއް ނޫން. ހުރިހާ ރަށެއްގައިވެސް މި ދިރިއުޅެނީ ދިވެހި ރައްޔިތުން. އެހެންވީމާ، އެއްވެސް ރަށެއް އެކަހެރިއެއް ނުވާނެ. އަދި އަޅުގަނޑު މިދެންނެވި ސަބަބުތަކަށްޓަކައި ގައްދުއަކީ ޙަޤީޤަތުގައިވެސް ވަރަށް ޚާއްޞަ ރަށެއް. ގދ. އަތޮޅަކީ ޙަޤީޤަތުގައިވެސް ވަރަށް ޚާއްޞަ އަތޮޅެއް.
 
މިހުރިހާ ކަމަކާއެކީވެސް ދަންނަވާލަން ޖެހެނީ، ކޮންމެ ސަރުކާރަކަށްވެސް ފައިސާ ލިބޭ މިންވަރާއި، ކުރަންހުރި މަސައްކަތްތަކާއި، އަތޮޅުތެރޭގައި ކަންކަން ބޭނުންވާ މިންވަރާއި، އަޅުގަނޑުމެން އިންސާނުންގެ ބޭނުންތައް، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ މިންވަރަށް ބަލާއިރު، މިކަންކަމަކީ ބެލެންސް ކުރަންޖެހޭ ކަންތައްތަކޭ. އެހެންވެގެން އަޅުގަނޑުމެން ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމަށްވެސް މިދަނީ. މިހާރު މިއަދު މި އިފްތިތާޙު ކުރެވިގެން މިދަނީ، މިރަށަށް ސާފު ބޯފެން، ނޫނީ ރައްކާތެރި ބޯފެން ލިބުމުގެ އުފާވެރި މުނާސަބަތު. އ.ދ.ގެ ފަރާތުން، ޔޫ.އެން.ޑީ.ޕީ.ގެ ފަރާތުން އަޅުގަނޑުމެންނަށް މިކަމުގައި އެހީތެރިކަން ލިބުނު. ޔޫ.އެން.އެފް.ސީ.ސީ.ގެ ފަރާތުން އެޑޮޕްޓޭޝަން ފަންޑުން އަޅުގަނޑުމެންނަށް މި އެހީ ލިބިގެން، މި މަޝްރޫޢު ކާމިޔާބު ކުރެވިގެން މިދަނީ. އެހެންވެގެން އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، ދައުލަތުގެ ފައިސާއަކީ، ޙަޤީޤަތުގައިވެސް ހުރިހާ ކަމަކަށް ބޭނުންވާ ވަރަށް ހުރި ފައިސާއަށް ނުވާތީ، ބޭރުގެ ފަރާތްތަކުގެ އެހީއަށް އަޅުގަނޑުމެން މި އެދެނީ.
 
އެހީއަށް އެދޭއިރުވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ބޭރުގެ ފަރާތްތަކުގެ އެހީ ހޯދާއިރު، އަދި ބޭރުގެ ސަރުކާރުތަކުގެ އެހީ ހޯދާއިރު، އަޅުގަނޑުމެންގެ ތެރޭގައި ކޮންމެވެސްވަރެއްގެ ވާހަކަތަކެއް ދެކެވޭ، ނޫސްތަކުން ކޮމެންޓްރީތަކުން އަޅުގަނޑަށް ފެނޭ އަބަދު ސަލާންޖަހަންދާ ވާހަކަ. ދަންނަވަންތޯ، އަޅުގަނޑުމެން އެއްގޮތަކަށްވެސް ނުދަންނަވަން، ދިވެހިރާއްޖެއަކީ ފުދުންތެރިވެފައި އިތުރުވެފައި ތިބި ބައެކޭ. އަދި އަޅުގަނޑުމެންގެ ރައްޔިތުންގެ، ނިކަމެތި ރައްޔިތުންގެ ބޭނުންތަކަށް އެދި އެވަގުތު ރައީސްކަމާ ޙަވާލުވެހުރި މީހަކު ސަލާންޖަހަން ދިޔުމަކީ، އަޅުގަނޑު ދެކޭގޮތުގައި، އެއްވެސް ގޮތަކަށް އަޅުގަނޑުމެން އެކަމަކަށް މަލާމާތް ރައްދުވާންވީ ކަމެއް ނޫން. އަޅުގަނޑު އުފާކުރަން، އަޅުގަނޑު އުފާކުރަން، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، އަޅުގަނޑުމެން ރައްޔިތުންނަށް ބޭނުންވާ ކަންކަން ހޯދައިދިނުމަށް އ.ދ. އަށް، އ.ދ.ގެ ޖަމްޢިއްޔާގައި ހިމެނޭ އެކިއެކި ގުނަންތަކަށް، އަދި ހަމައެހެންމެ، ބޭރުގެ ޤައުމުތަކަށް ގޮސްގެން މި އެހީ ހޯދުން. ދުނިޔޭގެ އެއްވެސް ޤައުމަކީ ހުރިހާ ކަމެއް ފުދުންތެރިވެފައި އޮންނަ ޤައުމެއް ނޫން. ހުރިހާ ޤައުމުތަކުންވެސް އެހީ ހޯދަން ދާނެ. އަދި މި އ.ދ. އަކީވެސް އަޅުގަނޑުމެންގެ ޙިއްޞާވެސް، އަޅުގަނޑުމެންގެ ނިސްބަތުން އޮންނަ މުއައްސަސާއެއް. އެހެންވީމާ، އ.ދ. އިން އެހީ ހޯދައިގެން، މިކަހަލަ ކަންކަން ކުރުމަކީ، އެއްގޮތަކަށްވެސް އަޅުގަނޑުމެންނަކަށް އޭގެ މަލާމާތް ރައްދުވާންޖެހޭ ކަމެއް ނޫން. އަޅުގަނޑުމެން ގަބޫލުކުރަންވާނެ، އަޅުގަނޑުމެންގެ ފުދުންތެރިކަން ހުރި މިންވަރު. މި ސަބަބުތަކަށްޓަކައި، ދެންމެ ގައްދޫގެ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ރަޝީދު އެ ވިދާޅުވި ދިގު ލިސްޓް ދިގުވެގެންދަނީވެސް. އަޅުގަނޑުމެންނަށް އެއްފަހަރާ ހުރިހާ ކަންތައްތައް ކޮށްނުދެވެނީ. އެހެންނަމަވެސް، އެޔާއެކީ ދަންނަވާލަން ބޭނުންވަނީ، އެ ލިސްޓްގައި ހުރި ގިނަ ކަންތައްތައް އިރާދަކުރެއްވިއްޔާ ފުރިހަމަވަމުން އެބަދެޔޭ. ވަރަށްގިނަ ކަންތައްތަކެއް ކުރެވި، އަދި އެހެންމެ އެހާ ގިނަ ކަންތައްތަކެއް ފެށިގެން މިއޮއް ކުރިއަށް ދަނީ.
 
ދެންމެ، މިނިސްޓަރ ޠާރިޤު އިބްރާހީމް އަޅުގަނޑު ގާތުގައި ވިދާޅުވިގޮތުން ވެއްޖިއްޔާ، ނަރުދަމާގެ ނިޒާމުގެ ޢަމަލީ މަސައްކަތްވެސް، ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި މިރަށުގައި ފެށިގެންދާނެ. އެހެންވީމާ، ނަރުދަމާގެ ނިޒާމް ފުރިހަމަވެގެން އެދަނީ. ސާފު ބޯފެނުގެ ނިޒާމް ފުރިހަމަވެގެން މިދަނީ. އަދި މިއީ ފުރަތަމަ ރަށްކަންނޭނގެ، މިކަހަލަ އިންޓަރގްރޭޓަޑް ވޯޓަރ މެނޭޖްމަންޓް ސިސްޓަމެއް ޤާއިމްވެގެންދާ.
 
ފެނުގައިވެސް، ހަމައެކަނި ލޮނުފެން، މީރުފެނަށް ބަދަލުކުރުމެއް ނޫން. ވާރޭފެންވެސް. އަދި ވާރޭފެން ތަޙުލީލުކޮށްގެން، އަދި ވާރޭފެން ސާފުތާހިރުކޮށްގެން މި އިންޓަރގްރޭޓަޑް ސިސްޓަމްގެ ތެރޭގައި ބޭނުންކުރެވޭ. އަދި އެޔާއެކީ ހަކަތަވެސް މި ބޭނުންކުރެވެނީ ހަމަ ދިވެހިރާއްޖޭގައި ފުރަތަމަފަހަރު މިގޮތަށް. މި ވޯޓަރ ސިސްޓަމް މެނޭޖް ކުރުމުގެ ތެރޭގައި އިންޓަރގްރޭޓް ވެގެންދާއިރު، މިއޮއް ހުރިހާ ދުވަހު އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، ހަމަ ޑީސަލް އިންޖީނުން ލިބޭ ކަރަންޓް ހަކަތައިން. އެހެންނަމަވެސް، މިފަހަރު އަލަށް މި މަޝްރޫޢު ފެށިގެންދާއިރު، މިތަނުގައި އަޅުގަނޑުމެން ބޭނުންކުރާ ކަމަށް ދެންމެ އިޢުލާންވެގެން އެދިޔައީ، ސޯލަރ އެނަރޖީ ބޭނުންކުރުން.
 
އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ޙަޤީޤަތުގައިވެސް އިޢާދަކުރަނިވި ހަކަތަ، އަޅުގަނޑުމެންގެ ޤައުމުގެ ހަކަތައިގެ ގްރިޑްގެ ތެރެއަށް އިތުރުކުރުމަށް ކުރާ މަސައްކަތް. މިއަހަރުގެ ނިޔަލާ ހަމަޔަށްދާންވާއިރަށް، ނޫނީ މިއަންނަ އަހަރުގެ މެދާ ހިސާބަށް ދާންވާއިރަށް، ގާތްގަނޑަކަށް އިތުރު ހައެއްކަ މެގަވޮޓް ހަކަތަ، އިޢާދަކުރަނިވި ހަކަތައިގެ ގޮތުގައި ހުންނާނެ. މިއީ، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ރާއްޖެ ފަޚުރުވެރިވާންޖެހޭ ކަމެއް. އަދި ތިމާވެށްޓާ ގުޅުންހުރި މިކަހަލަ ކަންތައްތައް ކުރުމުން، އަޅުގަނޑުމެންނަށް ބޭރުގެ އެހީދޭ ފަރާތްތަކުން، ތިމާވެށްޓަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން ދިވެހިރާއްޖެއަށް އެހީ ލިބުމުގައި ފަސޭހަތަކެއް ހުރޭ. އަދި އަޅުގަނޑުމެން މިކުރާ މަސައްކަތާ އިދިކޮޅަށް ބޭބޭފުޅުން ވާހަކަފުޅު ދައްކަވާއިރުވެސް، އަޅުގަނޑުމެންނަށް ފަޚުރުވެރިކަމާއެކީ، ބޭރުން ވަޑައިގަންނަވާ މެހްމާނުންނަށް އަދި އ.ދ.ގެ ޖަމްޢިއްޔާތަކަށް، ބޭރުގެ ޔޫރަޕްގައިވެސް ތިމާވެށްޓާ ގުޅުންހުރި މަސައްކަތްތަކެއް ކުރާ ފަރާތްތަކަށް، އެހީދޭ ފަރާތްތަކަށްވެސް އަޅުގަނޑުމެންނަށް ހަމަ ދެއްކެން މި އޮންނަނީ، މުޅި ދުނިޔޭގައިވެސް އޮތް ރަށެއްގެ ހަކަތަ، ނޫނިއްޔާ ރިޒޯޓެއްގެ ހަކަތަ، މުޅި ހަކަތަ ސަތޭކައިންސައްތަ ސޯލަރ އެނަރޖީއަށް ކަރަންޓްގެ ހަކަތައަށް ބަދަލުކޮށްގެން މިކުރާ ހަމައެކަނި ޤައުމަކަށް އޮތީ، ނޫނީ ހަމައެކަނި ރަށެއް އޮތް ޤައުމަކަށް މިއޮތީ ދިވެހިރާއްޖެ.
 
މިކަހަލަ ކަންތައްތައް އަޅުގަނޑުމެން މިކުރަނީ، ޙަޤީޤަތުގައިވެސް މިއީ އަޅުގަނޑުމެންނަށް ބޭނުންތެރި ކަމަކަށްވާތީ. އަދި އެޔާއެކީ އަޅުގަނޑުމެން މިކަމުން މި ދައްކައިދޭން ބޭނުންވާ މިސާލަކީ، ނޫނީ ދައްކައިދޭން ބޭނުންވާ ނަމޫނާއަކީ، މިއީ ދިވެހިރާއްޖޭގައި ކުރެވިދާނެ ކަމެއްކަން. މިކަންކަން އަޅުގަނޑުމެން ކުރީމަ، އަޅުގަނޑުމެންނަށް އެބަ ބޭރުން ލިބޭ އެހީތެރިކަން އިތުރުވެގެންދޭ.  މި ފުރްޞަތުގައި، ޔޫ.އެން.ޑީ.ޕީ.ގެ ރާއްޖޭގައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު މި ދަންނަވަނީ، އެކަމަނާގެ މަސައްކަތްޕުޅުން، އ.ދ.ގެ އެކިއެކި ގުނަންތަކުން އަޅުގަނޑުމެންނަށް ލިބޭ އެހީތެރިކަމަށް ހަމަ އިޚްލާޞްތެރިކަމާއެކީ ޝުކުރު ދެންނެވުމުގެ ބޭނުމުގައި.
 
އާދެ، ރަޝީދުގެ ވާހަކަފުޅުގައި ވަރަށްގިނަ ވާހަކަފުޅުތައް ވިދާޅުވި. އެހެންނަމަވެސް، ހަމަ ތެދުތެދަށް ދަންނަވާ ކަމަށްވަންޏާ، މިއޮއްހާ ދުވަހު އަޅުގަނޑަށް އެންމެ ވަރުގަދައަށް ދެއްކެވި ވާހަކަފުޅަކީ، މާވާރުލު އެއަރޕޯޓްގެ ވާހަކަ. މިތާ ނަރުދަމާއެއް ބޭނުންވާ ކަމެއް އަޅުގަނޑަކަށް އެނގިފައެއް ނޯވޭ. އަދި މިތާ ފެން ބޭނުންކަމެއްވެސް އަޅުގަނޑަކަށް އެނގިފައެއް ނޯވޭ. ބަނދަރު ލިބުނީމަ ތޮށީގެ މަސައްކަތް މިއޮތީ ނިމިފައި. އަޅުގަނޑަށް ހަމަ އިވެމުންދިޔައީ، މާވާރުލު އެއަރޕޯޓްގެ ވާހަކަ. އަޅުގަނޑު ހަމަ ދަންނަވާނަން، ސަރުކާރުތަކުން ދިވެހި ދައުލަތުގައި އެކިއިރު ތިއްބަވާ ރައީސުން އެބަހުރި ގިނަ މަސައްކަތްތަކެއް ކުރައްވާފައި، ރާއްޖެތެރޭގެ އެކި ހިސާބަށް ތަރައްޤީގެ މަޝްރޫޢުތައް ގެންދަވަން. އެހެންނަމަވެސް، މި ހުރިހާ މަޝްރޫޢުތަކަކީ، ސަރުކާރުގެ ބަޖެޓުން އަޅުގަނޑުމެންނަށް ކުރެވޭ ކަންކަމެއް ނޫން. މީގެ ގިނަ މަޝްރޫޢުތަކެއް މިދަނީ، މިދެންނެވި ގޮތަށް އެކިއެކި އަމިއްލަ ފަރާތްތަކަށް. އަމިއްލަ ފަރާތްތަކަށް މި މަޝްރޫޢުތައް މި ލިބެނީ، ކޮންމެވެސް ކަހަލަ ޕްރައިވެޓް ޕާޓްނަރޝިޕް ޕްރޮޖެކްޓެއްގެ ދަށުން. ނޫނިއްޔާ ސީ.އެސް.އާރު މަޝްރޫޢެއްގެ ދަށުން. މިތަނުގައި އެއަރޕޯޓެއް ހަދަން ބިމެއްދޭއިރު، އެއަރޕޯޓެއް ހަދާއިރު، އެޔާއެކީ ގުޅުންހުރި އެހެން ކަންތައްތަކެއްވެސް ސަރުކާރުގެ ފަރާތުން އެބަދޭ. އަޅުގަނޑުމެންނަށް ފައިސާދޭން ދަތިވާފަހަރު، ރިޒޯޓް ހަދަން ރަށްރަށް އެބަދެވޭ. މިގޮތަށް މި ނަރުދަމާއާއި ފެނުގެ ނިޒާމްވެސް މީގެކުރިން އައިސްފައި މިއޮތީ.
 
އެހެންވީމާ، ގިނަ މަސައްކަތްތަކެއް ފެށި، މިހެން ހުންނަ ގިނަ މަސައްކަތްތަކެއް ލަސްވެފައި މި ހުންނަނީ، އެ މަސައްކަތް ކުރައްވާ ފަރާތްތަކަށް، އެ މަސައްކަތް އެ ނިންމަން އޮންނަ މުއްދަތުގައި ނުނިންމޭތީ. މާވާރުލު އެއަރޕޯޓަކީވެސް 7 އަހަރުވެއްޖެ، ދިގު ރާސްތާއެއް ކަޑައްތުކުރި އެއަރޕޯޓެއް. އެހެންވީމާ، އޭގެ އުނދަގުލާއި ހިތްދަތިކަން، މި ދާއިރާގެ ރައްޔިތުން ތަޙައްމަލް ކުރައްވާނެކަން އަޅުގަނޑަށް އެނގޭ. އެހެންނަމަވެސް، އެޔާއެކީ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ސަރުކާރުން މަސައްކަތް މިކުރަނީ އަބަދުވެސް ބޭރުގެ ފަރާތްތަކުން އިންވެސްޓް ކުރުމަށް ހިތްވަރުދޭން. އަދި ތަނަވަސް އަމިއްލަ ފަރާތްތަކުން ކުރައްވާ މަސައްކަތްތަކަށްވެސް ބާރުވެރިކަން، ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭން. އެހެންވީމާ، އަމިއްލަ ފަރާތަކުން ގިނަ މަސައްކަތްތަކެއް ކޮށްފައި އޮންނަ ކަމަށްވަންޏާ، ހަމަ ބަލަނީ އެކިފަހަރު، މުއްދަތުތައް ދީގެން ނަމަވެސް މި އެއަރޕޯޓްގެ މަސައްކަތް، އެފަރާތުން ނިންމޭތޯ ބަލަން. އަޅުގަނޑުމެންގެ ސަރުކާރުވެސް މި އެއަރޕޯޓްގެ މަސައްކަތް ކުރަމުން ގެންދިޔަ. މިދާއިރާގެ ކުރީގެ ޢިއްޒަތްތެރި މެންބަރު ޒާހިރު އާދަމަށްވެސް އެކި ފުރްޞަތުވަނީ ދެވިފައި. އެކި މުއްދަތު ވަނީ ދެވިފައި. އެހެންނަމަވެސް، އެ މުއްދަތުގެ ތެރޭގައި އެކަށީގެންވާ މަސައްކަތްތައް ކުރެއްވިފައި ނެތުމާއެކީ، އަޅުގަނޑުމެންނަށްވެސް ގަބޫލުކުރެވުނީ، ދެން މި އެއަރޕޯޓްގެ މަސައްކަތް ކުރިއަށް ގޮސްގެން، މި ރަށުގެ، މި ދާއިރާގެ ރައްޔިތުންނަށް ދަތުރުފަތުރުވެސް ފަސޭހަވެގެންދާނީ. އަދި އެމް.ޓީ.ސީ.ސީ.ގެ ފެރީގެ ނިޒާމް، މިއަހަރުގެ ތެރޭގައި ފެށުނު ކަމުގައިވިނަމަވެސް، ޔޫރަޕަށް ވަޑައިގަތުމުގެ ބަދަލުގައި އަޅުގަނޑުމެންވެސް ބޭނުންވަނީ، މި ދާއިރާގެ ރައްޔިތުން މާލެއަށް ދަތުރުކުރައްވަން. އެހެންވީމާ، އެކަން އަޅުގަނޑު ކޮށްދޭން ބޭނުންވާތީ، މި ދާއިރާގައި މިއޮއް މާވާރުލު އެއަރޕޯޓްވެސް މިހާރު އެއޮތީ އެއަރޕޯޓްގެ މަސައްކަތް ކުރިން ކުރެއްވި ފަރާތުން ވަކިކޮށް އަދި މި މަޝްރޫޢަށް ކުރިމަތިލާނެ ފަރާތެއްވޭތޯ އިޢުލާންކޮށްފައި.
 
ދެން އަޅުގަނޑު މި ޕޯޑިއަމްގައި ހަމަ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ އެއްވެސް ގޮތަކަށް މިފަހަރު މި އެއަރޕޯޓް ނިންމާކަށް އިތުރު 7 އަހަރެއް ނުދާނެއޭ. އެއީ، އަޅުގަނޑުގެ ހަމަ ކަށަވަރު ބަހެއް ތިޔަބޭފުޅުންނަށް މި އަރުވަނީ. އަޅުގަނޑުމެން ކަންތައްތައް ކުރާއިރުވެސް، މިހާރު ކަންތައްތައް މި ކުރަންޖެހެނީ އުޞޫލުތަކެއްގެ ތެރެއިން. ގިނަ ރައްޔިތުންނަށް، ގިނަ ބަޔަކަށް ގަބޫލުކުރެވޭ އުޞޫލުތަކެއްގެ ތެރެއިން. އެ އުޞޫލުތަކުގެ ތެރޭގައި، މި ދެންނެވި ގޮތަށް ބޭރުގެ މެހްމާނުން ރާއްޖެއަށް އައިސް އިންވެސްޓް ކުރާކަމަށްވަންޏާ، އެ މެހްމާނުން ބޭނުންވާ ކަންތައްތައް،އެ މެހްމާނުންނަށް ފަސޭހަކުރުމަށްޓަކައި ސަރުކާރުން ކޮށްދޭ ކަންތައްތައް ވަރަށްގިނަ. ހަމައެހެންމެ އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ފުދުންތެރި ދިވެހި ރައްޔިތުން ކުރާ މަސައްކަތްތަކުގައިވެސް، އަޅުގަނޑުމެން މަސައްކަތްތަކަށް ތަރުޙީބުދެން. އެހެންވީމާ، މަސައްކަތް ނުކުރެވި އަދި ލަސްވެގެންދިޔަކަސް، ހަމަ އެގްރީމަންޓާ ޚިލާފްވާ ފުރަތަމަފަހަރު، އަޅުގަނޑުމެންގެ ސަރުކާރުން އެގްރީމަންޓެއް ކެންސަލެއް ނުކުރާނެ. އަޅުގަނޑުމެންގެ ސަރުކާރަކީ، އަމިއްލަ ފަރާތްތަކުން ކުރާ މިކަހަލަ މަސައްކަތަށް ވާގިވެރިވެގެން، ހިތްވަރުދީގެން އެމީހުން ލައްވައި ކަންތައް ކުރަން ބޭނުންވާ ބައެއް. އެހެންވީމާ، އެއްފަހަރުނުވީ، ދެވަނަފަހަރުނުވީ، ތިންވަނަފަހަރުވެސް މުއްދަތު އިތުރުކޮށްދެން. އެހުރިހާ ކަމެއް ކޮށްފައިވެސް، ދެން އެއަރޕޯޓަށް ބޭނުންވާ މަސައްކަތް ނިންމަން ފައިސާ ހޯދޭނެ ގޮތެއްގެ އެންމެފަހުގެ ދިރާސާތަކަށް ބަލާފައި، ފައިސާ ހޯދޭނެގޮތެއް ނެތްކަމަށްވަންޏާ، ދެން އެހާ ހިސާބުން އެއަރޕޯޓް ވަކިވަނީ. އެކަން މާވާރުލުގައިވެސް ހިނގައި މިދިޔައީ.
 
ދެން ހަމައެޔާއެކީވެސް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ސަރުކާރަށް އަދި މިވީ ދެ އަހަރު ދޮއެއްތޯ. އަޅުގަނޑުމެންގެ ރާއްޖޭގައި ހުރިހާ ދިމާއެއްގައި، ހުރިހާ ވޭންއަޅާ އަދި ދަތިކަން އިޙްސާސްކުރާ ހުރިހާ ކަމަކީ، ދެ އަހަރުގެ ތެރޭގައި ޙައްލުކޮށްދެވޭނެ ކަންކަމެއް ނޫން. ވަރަށްގިނަ ކަންތައްތައް އެވަނީ ރައީސް މައުމޫން، 30 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ އެކި ހިސާބުގައި ކޮށްދެއްވާފައި. އަދި އޭގެފަހުން އައި ދެ ސަރުކާރުންވެސް ވަނީ އެކި މަޝްރޫޢުތައް އެކި ހިސާބުގައި ކޮށްދެއްވާފައި. އެކަމަކު ހިތްޕުޅަށް ގެންނަވާ، 180 ވަރަކަށް ރަށުގައި މީހުން ދިރިއުޅޭ ކަމަށްވަންޏާ، އަދި ކޮންމެ ރަށެއްގައި ބޭނުންވާ ހުރިހާ ކަމެއް އެރަށަށް ފުރިހަމަވެގެންދާ ކަމަށްވަންޏާ، މިއީކީ ރޮކެޓް ސައިންސެއް ނޫން. އެއަށްވުރެވެސް އުނދަގޫ ކަމެއް މިއީ އިނގޭތޯ. ދިވެހިރާއްޖެ ކަހަލަ އާބާދީ ކުޑަ، އަދި ބޮޑު ސަރަޙައްދަކަށް ރަށްރަށް ބެހިފައި އޮންނައިރު، ކޮންމެ ރަށަކަށް ބޭނުންވާ ހުރިހާ ކަމެއް އެރަށުގެ ރައްޔިތުންނަށް ކޮށްދިނުމާއެކީ، އަދި އާބާދީ އެއްފަސްކުރުމުގެ މަޝްރޫޢަކީވެސް ރައްޔިތުންނަށް ގަބޫލުކުރެވޭގޮތަކަށް، އެމީހުން ހިތްހަމަޖެހޭގޮތަކަށް، މި ރައްޔިތުން ބަދަލުވަމުންދާގޮތަށް ކުރެވޭ ކަމަކަށްވާކަމަށްވަންޏާ، މިމަސައްކަތް ދެ އަހަރުގެ ތެރޭގައި، ފަސް އަހަރު ދުވަހުގެ ތެރޭގައި ކޮށް ނިންމައި، ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ ގެނެވޭ ކަމަށްވަންޏާ، ތިޔަބޭފުޅުން އަޑުއައްސަވާނެ، އެކި ފަންނުތަކުން، ޢިލްމީ ދިރާސާތަކުން، ނޫނީ އެކި ފަންނުތަކުން އިންސާނިއްޔަތަށް ޚިދްމަތްކުރާ ފަރާތްތަކަށް މި ލިބޭ އެންމެ ޝަރަފްވެރި މަޤާމަކީ، ނޫނީ އެވޯޑަކީ ނޯބްލް ޕްރައިޒް. މިކަންތައް ދިވެހިރާއްޖޭގައި މިހިރަ މައްސަލަތައް، ގާތްގަނޑަކަށް ފަސްއަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމައިދީފި ކަމަށްވަންޏާ، އެމީހަކަށް ނޯބްލް ޕްރައިޒް ލިބޭނެކަމާ ދޭތެރޭގައި ހަމަ ހިތްޕުޅުގައި އެއްވެސް ޝައްކެއްނުކުރައްވާ.
 
އެންމެ އުނދަގޫ އެއް ކަންތައް. ވަރަށް ފަސޭހަ، ބޮޑު އެއް އަތޮޅު ދިވެހިރާއްޖޭގައި އޮތްނަމަ، މިސާލަކަށް، ގދ. އަތޮޅަކީ، ގއ. އާއި ގދ. އަތޮޅަކީ ދުނިޔޭގައި އޮތް އެންމެބޮޑު އަތޮޅު. ޝައްކެއްވެސްނެތް، އެކަމަކު އަޅުގަނޑުމެން ކިހާ އުފާވީސްތޯ، ކިހާ ނަޞީބުގަދަވީސްތޯއޭ، މި އަތޮޅު މިއީ އެއް ބައްރަކަށް ހިކިފައި އޮތް އެއް އަތޮޅު ކަމަށްވީނަމަ. އޭރަށް މިއަތޮޅަށް ބޭނުންވި ހުރިހާ ކަންތައް، އެއް އަހަރު ދުވަހުގެ ތެރޭގައި އޮންނާނީ ފުދި ނިމިފައި. އައްޑުއަތޮޅު، ބޮޑު އަތޮޅެއް. އަޅުގަނޑުމެންގެ އެންމެބޮޑު މައްސަލައަކީ، މިއަތޮޅުތަކުގައި އޮންނަ ރަށްތައް އެތުރިފައި ހުންނަގޮތުން، މާލެއާއި މި ބައެއް ހިސާބުތަކަށް ދަތުރުކުރާއިރު، މާލެއިން ސިލޯނަށް ދިޔުމަށްވުރެ ދަތުރު ދުރު. އެހެންވީމަ، އަޅުގަނޑު ގަބޫލުކުރަނީ، ކޮންމެފަހަރަކު މިއަތޮޅުގެ ޢިއްޒަތްތެރި މެންބަރު މާލެ ވަޑައިގަންނަވާއިރު، ރޫޓް ބަދަލުވެގެން މިދަނީ ޔޫރަޕަށް. އެއްގޮތަކަށްވެސް ޔޫރަޕުން ލިބޭ ފަސޭހަތައް ހޯއްދަވާކަށެއް ނޫން. އެހެންވީމާ، އަޅުގަނޑު ދަންނަވާލަން މިއުޅެނީ، މިކަހަލަ ޗެލެންޖްތަކެއް، މިކަހަލަ ގޮންޖެހުންތަކެއް ސަރުކާރުތަކާ މި ދިމާވަނީ. އެހެންނަމަވެސް، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، އިރާދަކުރެއްވިއްޔާ، މި ގޮންޖެހުންތަކުން އަރައިގަނެ، ރައްޔިތުންނަށް ބާރު ސްޕީޑްގައި ކަންތައްތައް ކޮށްދެވޭތޯ.
 
އަދި އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، އަޅުގަނޑުގެ ސަރުކާރުގައި އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ވަޒީރުންނަކީ ވަރަށް އަވަދިނެތި، ވަރަށް މުރާލިކަމާއެކީ، ގިނަ ވަގުތު މަސައްކަތްޕުޅުގައި ހޭދަކުރައްވާ ވަޒީރުން. އެބޭފުޅުން އެ މަސައްކަތްޕުޅު ކުރައްވަނީ ހަމަ ރައްޔިތުންނަށް ޚިދްމަތް ކުރައްވަން. އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، ބައެއްފަހަރު ތާރީޚު ކިޔާފައި ބައެއްކަހަލަ ވާހަކަ ދެއްކުމުގެ ބޭނުމަކީ، އެއްގޮތަކަށްވެސް ކުރީގެ ސަރުކާރުތަކުން ކުރައްވާފައި ހުންނަ މަސައްކަތްތަކާ އަޅާކިޔުމެއް ނޫން. މިއަދުވެސް އަޅުގަނޑު ދަންނަވާލަން ބޭނުން، އަޅުގަނޑުމެންގެ އަމާޒަކީ، ނޫނީ އަޅުގަނޑުމެން ކަށަވަރުކުރަން ބޭނުންވަނީ، އަޅުގަނޑުމެންގެ ފަސްއަހަރުގެ މުއްދަތު ނިމިގެންދާއިރު، މިދެންނެވި ގޮތަށް ހުރިހާ ދިމާއަކަށް ހަކަތަ ލިބެން ހުރުން ޔަޤީންކުރުން.
 
އަޅުގަނޑުމެން މަސައްކަތްތަކެއް ކޮށްގެން، މިދިޔަ އަހަރުގެ ނިޔަލާ ހަމައަށް އައިއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، ކުދިބޮޑު ހުރިހާ ރަށަކަށް 24 ގަޑިއިރުގެ ކަރަންޓް އިރާދަކުރެއްވިއްޔާ އެހެރީ ފޯރުކޮށްދީފައި. ހަމައެހެންމެ، ދެންމެއަކު ޠާރިޤު އިބްރާހީމްގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް، މީގެކުރީގައި އިޢާދަކުރަނިވި ހަކަތަ ދެ މެގަވޮޓް، އަޅުގަނޑުމެންގެ ސަރުކާރުގެ މިހާތަނަށް ދެ މެގަވޮޓް އެހެރީ ނިންމާފައި. އަދި ހަތަރު މެގަވޮޓް އިންސްޓޯލް ކުރުމުގެ މަސައްކަތް އެވަނީ ކޮންޓްރެކްޓް ކުރެވިފައި. މިއީކީ އެއްގޮތަކަށްވެސް އަޅުގަނޑުމެން ކުރިއާ މިހާރާ އަޅާކިޔާފައި، މި ތަފާތު އަޅުގަނޑުމެންގެ ޚިޔާލަށް ގެންނާކަށް ނޫން. މިއަދުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، މި ޕޯޑިއަމްގައި ހުރެގެން ވާހަކަ ދައްކާއިރު، ކުރިއަށް އޮތް ދޮޅުމަސްދުވަހުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ ނަރުދަމާގެ ޢަމަލީ މަސައްކަތް ގައްދޫގައި ފެށިގެންދާނެ. އަޅުގަނޑުމެންގެ ވިސްނުމަކީ، އަޅުގަނޑުމެންގެ ފަސްއަހަރު ނިމިގެންދާއިރު، އަދި ސިޔާސީ ކަންކަމުގައި އަޅުގަނޑުމެންނަށް ފިކުރުކުރަންނުޖެހި، އަދި ކުށަށް އަރައިގަންނަ ފަރާތްތައް ގިނަވެގެން، އެކަންކަމާ ދޭތެރޭގައި ސަރުކާރުން ވިސްނަންނުޖެހި، ތަރައްޤީގެ މަޝްރޫޢުތައް ރައްޔިތުން ބޭނުންވާ މިންވަރުގައި، ބޭނުންވާ ސްޕީޑްގައި ގެނެސްދޭ ކަމަށްވަންޏާ، އަޅުގަނޑުމެންގެ އަމާޒު، ހަމަ މިކަމުގައިވެސް ދަންނަވާލާނަން.
 
އަޅުގަނޑުމެންގެ ސަރުކާރުގެ ފަސްއަހަރު ނިމިގެންދާއިރު، އަޅުގަނޑު ކަށަވަރު ކުރަން ބޭނުންވޭ، 50 ރަށަށް ނަރުދަމާ ޤާއިމްވެ ނިމެން. އަދި ހަމައެހެންމެ، 50 ރަށަށް ސާފު ބޯފެން، ހަމަ ގޭގެއަށް ފެން ލިބޭވަރުކޮށްދޭން އަޅުގަނޑުމެން ބޭނުންވޭ. މިއީކީ އެއްގޮތަކަށްވެސް ކުރީގެ ސަރުކާރުތަކުން މިކަން ކުރެވިފައި ހުރި މިންވަރާ އަޅާބަލާފައި، ތަފާތު ކިޔާކަށެއް ނޫން. އަޅުގަނޑުމެންގެ މި ސަރުކާރު މިއައީ، އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ހޭލުންތެރި މީހުންތަކެއް، އަދި ކަންކަމަށް އެދި ވަރަށް އިންޕޭޝަންޓް، ވަރަށް ވަގުތު ނުތަނަވަސްވެފައި ތިބި ބަޔަކު ތިބި ވަގުތެއްގައި. ކޮންމެ ބޭފުޅަކު މެނިފެސްޓޯއެއް ހިއްޕަވައިގެން، ދުނިޔޭގައި ލެއްވި ހުރިހާ ކަމެއް ކުރާނެ ވާހަކަ ދައްކަވަމުން ގެންދަވަނީ. އަޅުގަނޑުމެން އައީ ޢަމަލީ މެނިފެސްޓޯއެއް ހިފައިގެން. އެހެންވީމާ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، އެ ޢަމަލީ މެނިފެސްޓޯގައި ހުރި ކަންތައްތައް ވަގުތު އޮއްވައި، އެކަންކަން ޙާޞިލުކުރަން ކުރާ މަސައްކަތް. އެހެންވެގެން އަޅުގަނޑުމެންގެ ސްޕީޑް ބާރީ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ސްޕީޑް ބާރުވާއިރުވެސް، ދެންމެ ޠާރިޤުގެ ވާހަކަފުޅުގައި ވިދާޅުވިގޮތަށް، އަޅުގަނޑުމެންނަށް އުނދަގޫވާ ކިތަންމެ ކަންތައްތަކެއް އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހޭ. އަދި ސަރުކާރުގެ ވަގުތު އެކަންކަމަށް ހުސްކުރަންވެސް އެބަޖެހޭ.
 
އަޅުގަނޑު ހަމަ ކުޑަކުޑަ މިސާލެއް ދަންނަވާނަން. އަޅުގަނޑުމެންގެ ރާއްޖޭގެ ވެރިކަން ކުރައްވާފައިވާ ރައީސް ނަޝީދު އަބަދު ދައްކަވާ ވާހަކަފުޅުގެ ތެރޭގައި، މި ދައްކަވަނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު މި ސީރިއާގައި އޮންނަ ހަނގުރާމައަށް، ނޫނީ އައިސިސްއާ ބައިވެރިވާން އަބަދުވެސްދާ ވާހަކަ. އަޅުގަނޑުމެންގެ އިޢުތިޤާދުގައި، އިސްލާމީ އިޢުތިޤާދުގައި އެބަޔަކު ނިންމާ ގޮތަކަށް، އެ ބަޔަކަށް ޖިހާދަށް ކަމަށް ގަބޫލުކުރެވޭ ކަންކަމުގައި އެކަން ކުރާކަމަށްވަންޏާ، ދިވެހިންނެއް ނޫން، އިސްލާމީ ހުރިހާ ދައުލަތްތަކުންވެސް ހަމަ ރައްޔިތުން އެބަދޭ. ދިވެހިރާއްޖެ އިސްތިސްނާއެއް ނުވާނެ. ދިވެހިރާއްޖެއަކީވެސް ދުނިޔޭގެ އޮޔާއި ވަޔާ، މީގެތެރޭގައި ހާމަކޮށް އޮތް ކުޑަކުޑަ ޤައުމެއް. އަޅުގަނޑު އެއްގޮތަކަށްވެސް އޭގައި ބައިވެރިވާންދާތީ، އެކަމަށް ހިތްވަރުދެނީކީއެއް ނޫން. އަދި ހިތްވަރެއް ނުވެސްދޭނަން. އެއީ ސަބަބަކީ އެދާ ދިޔުމުގެ ތެރޭގައި، އަޅުގަނޑުމެންގެ ގިނަ ބަޔަކު އެބަ ދުނިޔެ ދޫކުރޭ. އަދި ޢާއިލާތަކެއް ނިކަމެތިވެ، ކުޑަކުދިންތަކެއް ޔަތީމު އެބަވޭ. އެހެންވީމާ، މިއީކީ އަޅުގަނޑު ހިތްވަރުދޭނެ ކަމެއް ނޫން. އެހެންނަމަވެސް، ޙަޤީޤަތަކީ ދިވެހިރާއްޖޭގައި މަދުން ނަމަވެސް މިކަން އެބަ ހިނގާ. އެކަމަކު މިވާހަކަ މިހާ ވަރުގަދައަށް ދެއްކީމަ، ދެންމެ ޠާރިޤު އިބްރާހީމްގެ ވާހަކަފުޅުގައި ވިދާޅުވިގޮތަށް، މިވާހަކަ މިހާ ވަރުގަދައަށް ދެއްކީމަ، އަޅުގަނޑުމެންނަށް މީގައި ގެއްލުންތަކެއް އެބަވޭ. ހަމަ ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް އެބަވޭ. މިވާ ގެއްލުންތަކުގެ ތެރޭގައި، ބޭރު ފައިސާ ދިވެހިރާއްޖެއަށް އަންނައިރު، އެހެން އެއްވެސް ޤައުމެއްގައި ނުބަލާ މިންވަރަށް، ދިވެހިރާއްޖޭގައި  މި ލިބޭ ބޭރު ފައިސާ ބޭނުންކުރަނީ ޖާއިޒް ރަނގަޅު ކަންތައްތައް ކުރަންތޯ އެބަ ބަލާ. ނޫނީ މިފައިސާ ބޭނުންކުރެވެނީ މިދެންނެވި ކަހަލަ ބައިނަލްއަޤްވާމީ ބޮޑެތި މުޢާހަދާތަކުން، ނޫނިއްޔާ ބައިނަލްއަޤްވާމީ ބޮޑެތި ޤައުމުތަކުން ގަބޫލުނުކުރާ ކަންކަމަށްތޯ، އެބަ ވަރަށް ވަރުގަދައަށް ފާރަލާ ބަލާ. ރާއްޖެއިން ބޭރުން ރާއްޖެއަށް ފަންސާހަކަށްހާސް ޑޮލަރު ރެމިޓް ކުރަންވިޔަސް، ބޭރުކުރަންވީނަމަވެސް، އެތަކެއް ދުވަސް ބޭންކްތަކުގެ ތެރޭގައި އެބަނަގާ. އެއީ މި ފައިސާ ބޭނުންކުރަނީ، ކޮންމެވެސް ނާޖާއިޒް ކަމެއް ކޮށްފައި، ނޫނީ ނާޖާއިޒްކޮށް ލިބިފައި ހުރި ފައިސާ ދިވެހިރާއްޖެއަށް ގެނެސްފައި، ރަނގަޅު ކުރަންތޯ ބަލާ ބެލުންތަކެއް އެބަ ބަލާ. އަދި ހަމައެހެންމެ، އަޅުގަނޑުމެންގެ ބޭންކިންގގެ ނިޒާމަށް އަންނަ ބަދަލުތަކަށް ބަލާކަމަށްވަންޏާ، ރާއްޖޭގައި މި ހުންނަ، ރާއްޖޭގެ ބޭންކުން މިސާލަކަށް، އަޅުގަނޑުމެން ބޭންކިންގގެ މަސައްކަތް ކުރާއިރު، އަޅުގަނޑުމެން، ރާއްޖެއިން ބޭރުގައި އަޅުގަނޑުމެންގެ ޗެކްތައް، ނޫނިއްޔާ އަޅުގަނޑުމެންގެ އެކައުންޓްތައް ގެންގުޅޭ ކަމަށްވަންޏާ، ހަމަ އެބަޖެހޭ، ބޭންކްގެ ކަރެސްޕޮންޑެންޓް ބޭންކްތަކުގެ ބޭރުގައި ހުންނަން. މިއީކީވެސް ފަސޭހަކަމެއް ނޫން. އަޅުގަނޑުމެންގެ ބޭންކަށް އެހީތެރިވާ ކަރެސްޕޮންޑެންޓް ބޭންކް އެބަ ހުންނަންޖެހޭ. އެހެން ނޫނިއްޔާ ބައިނަލްއަޤްވާމީ މުޢާމަލާތުގައި ބޭންކް އޮފް މޯލްޑިވްސްގެ ތެރެއިން ރެމިޓްކުރާ، ނޫނީ ޓްރާންސްފަރ ކުރާ ޓެލިގްރަފިކް ޓްރާންސްފަރއަކަށްވިޔަސް، އަދި ސްވިފްޓް ޓްރާންސްފަރއަކަށްވިނަމަވެސް، މިކަންކަމެއް އަޅުގަނޑުމެންނަކަށް ހާސިލެއްނުވޭ. އެހެންނަމަވެސް، މިކަހަލަ ވާހަކަތައް ދައްކަމުން ދައްކަމުންދާތީ، އަޅުގަނޑުމެންގެ ތެރޭގައި އެންމެ ވަރުގަދަ އެއް ކަރެސްޕޮންޑެންޓް ބޭންކް މިހާރު އެއޮތީ ގެއްލިފައި. އަދި މިހާރު އޭގެ ދެވަނަ ބޭންކް ޕުލްއައުޓްކުރާ ވާހަކަ އެ ދައްކަނީ.
 
 އެހެންވީމާ، އަޅުގަނޑުމެން މިކުރާ ކަންތަކުން މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަން، އަޅުގަނޑުމެންގެ އިޙްސާސަށް ނައިސް މިކަހަލަ ކަންތައް ކުރީމަ، ރާއްޖޭގެ ރައްޔިތުންނަށް މިއިން ގެއްލުންވަނީ. ރާއްޖޭގެ މަޝްރޫޢުތަކަށް ލިބެން ހުންނަ ފައިސާ ގެއްލުންވަނީ. އަދި ރާއްޖޭގެ ކުރިއެރުމަށް ހުރަސްއެޅެނީ. އެހެންވީމާ، މިކަންކަން މިކުރެވެނީ ޒިންމާދާރުކަމާއެކީތޯ، އެބަޖެހޭ ހިތާހިތާ ސުވާލުކޮށްލަން. އަޅުގަނޑުމެންގެ އިސްލާމީ އުޞޫލަކީ އެއްވެސް މީހަކު ޢައުރަނިވާނުވާ ކަމަށްވަންޏާ، އަނެއް އަޚު، ނޫނީ އުޚުތަކު، އޭނަގެ އަޢުރަ ނިވާކޮށްދޭން މަސައްކަތް ކުރަންވީ. އެއްގޮތަކަށްވެސް އިތުރަށް ބަރަހަނާ ކުރަންވީކީ ނޫން. މިއީކީ ނޫން އަޅުގަނޑުމެން ކަންތައް ކުރަންޖެހޭ ގޮތަކީ. އެހެންވީމާ، ރާއްޖޭގައި ނެތްވަރަށް ރާއްޖޭގެ ކަންކަން ގޯސްކޮށްގެން، މިކަހަލަ ވާހަކަތައް ބޭރުގައި ޢާންމުކުރަމުން ގެންދިޔައީމަ، މީގެ ހިތިކަން، މީގެ އުނދަގޫ އަޅުގަނޑުމެން އިޙްސާސް އެބަކުރަން. އިޙްސާސްކުރީމަ މިވާގޮތަކީ، އަޅުގަނޑުމެންނަށް ލިބޭ ގެއްލުންތަކުގެ އިތުރަށް، ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތަކަށް، ސަރުކާރުގެ ވިސްނުމާއި، ސަރުކާރުގެ މުދަލާއި ފައިސާ ހޭދަކުރަން ލިބޭ ލިބުމުގައި، އަޅުގަނޑުމެންނަށް އެބަޖެހޭ، އަޅުގަނޑުމެން އެހެން ވިސްނުންތަކަކަށް ދާން. ގިނަ މަސައްކަތްތަކެއް މިހާރު މި ކުރަންޖެހެނީ މިކަހަލަ ކަންކަމުގައި.
 
 ކީއްވެގެންތޯ، އެތަކެއް ސިޔާސީ މީހުން ބަންދުގައި ހައްޔަރުކޮށްފައި އެތިބީ. ހައްޔަރުވެފައި އެތިބީ ކީއްވެގެންތޯ؟ އަޅުގަނޑަށް ހަމަ ޔަޤީން، އެއްވެސް ބޭފުޅަކު، އެއްވެސް ބޭފުޅަކު ގޭގައި މަޑުމަޑުން ހުންނަވަނިކޮންނެއް ހައްޔަރުވެފައެއް ނުހުންނާނެ. އަދި އަޅުގަނޑުމެންގެ ސަރުކާރުން އަޅުގަނޑުމެން ކަށަވަރުކުރާ ކަމެއް، އަދި މިހާތަނަށް ކޮށްފައި އޮތް ކަމެއް، ޝަރުޢީ ޙުކުމަކާ ނުލައި، ނޫނީ ކޯޓުގެ ބަހެއްނެތި، އެއްވެސް މީހަކު 24 ގަޑިއިރަށްވުރެ ގިނައިރަކު ނުބައިންދާނެ. އަދި ގިނަފަހަރަށް، ގިނަފަހަރަށް މީހުން ގެންދަނީ 24 ގަޑިއިރަށް ގެންދާއިރުވެސް ކޯޓުގެ އަމުރެއް ހޯދައިގެން. އެކަންކަން ކުރަނީ، އަޅުގަނޑުމެން ބޭނުންވަނީ ދިވެހިރާއްޖޭގައި މިއޮތް ޑިމޮކްރަސީއަކީ ރައްޔިތުންނަށް ގަބޫލުކުރެވޭ އަދި ރައްޔިތުން ދިވެހިރާއްޖޭގައި އުޅޭއިރު، ރައްޔިތުންނަށް އަމާން ރާއްޖެއަކަށް ދިވެހިރާއްޖޭގައި، އެ އިޙްސާސް ރައްޔިތުންނަށް ލިބިގެންދިޔުން.
 
އަޅުގަނޑުމެން ވަރަށް ނާމާން ތިން ހަތަރު އަހަރެއް ހޭދަކޮށްފީމު، މާޒީކޮށްފީމު. އެކަމެއް ބޭނުމެއް ނޫން، ދިވެހިރާއްޖޭގައި އިޢާދަވާކަށެއް. އަޅުގަނޑުމެންނަށް އަޅުގަނޑުމެން ބޭނުންވާ މިންވަރަކަށް ތަނަވަސްކަން އޮތް ކަމަށްވަންޏާ، ބުރިބުރިއަށް ޢިމާރާތް ކުރެވިދާނެ. އެކަމަކު ހިތްހަމަޖެހުމެއް ނުލިބޭ ކަމަށްވަންޏާ، އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ބޭނުމެއް ނެތް. އެހެންވީމާ، އަޅުގަނޑުގެ ސަރުކާރުން ކަށަވަރުކުރަން ބޭނުންވާ ކަމަކީ، ޤާނޫނާއި ގަވާއިދާ އެއްގޮތަށް ނޫނިއްޔާ ހަމަ އެއްވެސް މިކަހަލަ ބަންދެއްގައި މީހަކު ހުންނާކަށް ނުޖެހޭނެ. އެކަމަކު އެބަޔަކު ކުރާ ކަމެއްގެ ނަތީޖާ އެބަޔަކާ ބައްދަލުކުރާނެ، ކޯޓް ރޫމެއްގެ ތެރޭގައި. އެއީކީ އެއްގޮތަކަށްވެސް ސަރުކާރު އަނިޔާވެރިވާތީކީ ނޫން. ސަރުކާރުން އެކަންކަން ކުރަނީ، އެކަންކަން ނުކޮށްފި ކަމަށްވަންޏާ، އަނެއްކާވެސް ޤާނޫނަށް ތަބާވާ މީހުން މަދުވާނެތީ. ނޫނިއްޔާ ޤާނޫނަށް އަރައިގަންނަ، އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަންނަ މީހުން ގިނަވާނެތީ.
 
އެހެންވީމާ، މިކަންކަން ކުރާތީކީ، ނެތް ކަންތައްތައް އުފައްދައިގެން ވާހަކަ ދެއްކުމަކުން، އެއްގޮތަކަށްވެސް ހީފުޅުނުކުރައްވާ، އެއީ ސަރުކާރު މިވަގުތު ހިންގަން ހުރި މީހަކަށް މާބޮޑު އަސަރުތަކެއް ކުރާނެ ކަމަކަށް. އަޅުގަނޑާ ބެހޭގޮތުން ޙަޤީޤަތާ ޚިލާފު ކިތަންމެ ވާހަކައެއް ދެއްކިޔަސް، މައްސަލައެއް ނޫނެކޭ ނުދަންނަވާނަން. އެހެންނަމަވެސް، އެއީކީ ދަންނަވާނީ ޤާނޫނީގޮތުން އަޅުގަނޑަކަށް މައްސަލައަކަށްނުވެއޭ. އެއީ، އަޅުގަނޑު އެއްގޮތަކަށްވެސް ސިހުންވާ ކަންކަމެއް ނޫން. އެހެންވީމާ، ދައްކާނެ ވާހަކައެއް ދައްކަންވީ. ހަދާނެގޮތަކަށް ވާހަކަ ހަދައިގެން ވާހަކަ ދައްކަންވީ. އަޅުގަނޑަކީ ވެރިކަމާ ހަމައަށް އައުމަށް، ރައްޔިތުންގެ އަރިހަށް އެކިއެކި އިންތިޚާބުތަކުގައި، މުޙަންމަދު ޢަބްދުއްޞަމަދު ހޮވަން އައި އިންތިޚާބުން ފެށިގެން އެކިއެކި އިންތިޚާބުތަކަށް، މިހުރިހާ އިލްޒާމްތަކަކާއި ތުހުމަތުތަކަކާއެކީ، އެހެންނަމަވެސް، ރައްޔިތުން އިތުބާރު ކުރައްވައިގެން ވެރިކަމަށް ގެންނެވި މީހެއް. އެހެންވީމާ، އަދިވެސް އެ ތުހުމަތުތައް އޮންނާނެ. އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ދެކެފީމު، އަޅުގަނޑުމެން ދެކެފީމު، މީގެކުރިން އެކަންކަމުގައި އުޅުއްވި، މިހާރުވެސް އެ އުޅުއްވާ ބޭފުޅުން ވެރިކަން ކުރެއްވިއިރު، ރާއްޖެ އޮތް ހިސާބު، ރާއްޖޭގެ ނާމާންކަމާއި، ރާއްޖޭގެ ޤާނޫނުތަކަށް އިޙްތިރާމް ނުކުރާ މިންވަރާއި، ރާއްޖޭގެ ތަރައްޤީ ފަހަތަށްދިޔަ މިންވަރު އަޅުގަނޑުމެން ދެކެފީމު. އެހެންވީމާ، މިހާރު މިކުރެވެނީ، މުޅި ރާއްޖެ އަލުން އާރާސްތު ކުރުމުގެ މަސައްކަތް. އާރާސްތު ކުރަނީ ހަމައެކަނި ޢިމާރާތް ހަދައިގެން، ބަނދަރު ހަދައިގެން، ނަރުދަމާއާއި ފެނާ ރައްޔިތުންނަށް ގެނެސްދީގެނެއް ނޫން. އެންމެ ބޮޑަށް ކުރަންޖެހޭ މަސައްކަތަކީ، ރައްޔިތުންގެ އަޚްލާޤިއްޔާތު ރަނގަޅު ކުރަން ކުރާ މަސައްކަތް. އެހެންވީމާ، އެ މަސައްކަތްތައް މިކުރެވެނީ. އަލުން އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ދިވެހިރާއްޖެ އަނބުރާ ލިބޭތޯ ކުރާ މަސައްކަތް.
 
އެހެންވީމާ، ގައްދޫގައި ދަންނަވާލަން ބޭނުންވާ ވާހަކަތަކުގެ ތެރޭގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ސިޔާސީގޮތުން މި ދައްކާ ވާހަކަތަކުގައި، އަންނަ ކޮންމެ ވާހަކައަކަށް އަޅުގަނޑަކަށް ފަސޭހައެއް ނޫން، ނޫހަށް އަރާ، ނޫނީ އަޅުގަނޑުގެ ސްޕޯކްސްމަން ލައްވައި އެއްޗެއް ބުނުވާކަށް. އެހެންކަމަށްވަންޏާ، އަޅުގަނޑުމެން މަސައްކަތް ނުކޮށް، އެކަމާ އުޅެންޖެހޭނީ. އެހެންނަމަވެސް، މިހާރު މިކުރެވޭ މަސައްކަތަކީ، ދެ އަހަރުގެ ތެރޭގައި، މިދިޔަ ދެއަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތަކީ، ވީރާނާވެފައި އޮތް އިޤްތިޞާދެއް ނަގައި ކޮޅަށްޖެހުމަށް ކުރާ މަސައްކަތް. ހުސްވެފައި އޮތް ޚަޒާނާއަކަށް ފައިސާ ލިބެން ކުރާ މަސައްކަތް. އަދި އެކަންކަމުގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑުމެންގެ އިޤްތިޞާދު ރަނގަޅުވާ ކަމަށް ގަބޫލުކުރެވުނީމަ، އަޅުގަނޑުމެން މީގެ ދެއަހަރު ކުރިން ކުރެވުނު މަސައްކަތްތައް. އަޅުގަނޑުމެން މި އަންނަނީ ތަންތަނުގައި ބިންގާ އަޅައިދޭކަށް ނޫން. އަޅުގަނޑުމެން މި އަންނަނީކީ މަޝްރޫޢުތައް ފަށްޓައިދޭކަށެއް ނޫން. އަދި މަޝްރޫޢު ފަށްޓާފައި، އެ މަޝްރޫޢު ނުނިމި ހިނގައިދާނެ ކަމުގެ ދިގު އިންތިޒާރުގައި ރައްޔިތުން ތިއްބަވަންޖެހޭނެއެކޭ ދަންނަވާކަށްވެސް ނޫން. އަޅުގަނޑު ކުރާހިތްވާ ކަމަކީ، މަޝްރޫޢުތައް ފެށި، މަޝްރޫޢުތައް އަވަހަށް ނިންމާފައި، އެ މަޝްރޫޢުތަކުން ރައްޔިތުންނަށް ފައިދާވާ ހިސާބަށް ދިޔައީމަ، އެބޭފުޅުންގެ އުފަލެއްގައި ބައިވެރިވާން އައުން.
 
މިއަދު މިއަންނަނީ، މީގެ ހަމަ ބަރާބަރު ދެ އަހަރު ކުރިން ފެށުނު މަޝްރޫޢެއް ނިމިގެން، ރައްޔިތުންނަށް އޭގެ ފިނިކަން، ނޫނިއްޔާ ފެނުގެ ހިތްހަމަޖެހުން ރައްޔިތުންނަށް ލިބިވަޑައިގަންނަވާތީ، ގައްދޫ ރައްޔިތުންގެ ތި އުފަލުގައި ބައިވެރިވާން. އެހެންވީމާ، އަޅުގަނޑު މިކުރާ ދަތުރުތައް މިކުރަނީ މިގޮތަށް. ކުރިއަށް އޮތް ދެތިން ހަފްތާގައި ހަމަ ރާއްޖެތެރޭގެ އެކި ހިސާބަށް އަޅުގަނޑު މި ދަތުރުކުރަނީ، މިދެންނެވި ކަހަލަ މަޝްރޫޢުތައް ނިންމައިދީފައި، އެމަޝްރޫޢުތަކުން ރައްޔިތުންނަށް ލިބޭ އުފަލުގައި ރައްޔިތުންނާއެކީ ބައިވެރިވާން. އަޅުގަނޑުމެން މަޝްރޫޢުތަކެއް ނުފަށައި، އަޅުގަނޑެއް ނުބުނާނަން، އެކިތަނުގައި އެކި ކަހަލަ ފެކްޓްރީ އަޅާ ވާހަކައެއްވެސް. އަޅުގަނޑު އަންނާނީ އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް އަޅުގަނޑުމެން މި ދޭ ޚިދްމަތުގެ ރައްޔިތުންނަށް އުފާވެރިކަން ލިބޭއިރު، އެ އުފަލުގައި ރައްޔިތުންގެ ހިތްހަމަޖެހުމުގައި ބައިވެރިވާން.
 
އެހެންވީމާ، ދަންނަވާލަން ބޭނުންވަނީ އަދިވެސް ރައްޔިތުން އަޅުގަނޑު އިމްތިޙާން ކުރައްވާށޭ. އެކަމަކު ގަބޫލުކުރައްވާ، ގަބޫލުކުރައްވާ، އިދިކޮޅު ފަރާތްތަކުން ކިތަންމެ ވާހަކައެއް ނެރުނު ކަމުގައިވިޔަސް، ކިތަންމެ ކަމެއް ކުރި ކަމުގައިވިނަމަވެސް، އަޅުގަނޑު މިހިރީ ވަރަށް ސާބިތުކަމާއެކީ. އަޅުގަނޑަކީ މީގެކުރީގައިވެސް ދިވެހިރާއްޖޭގެ އެއް އަހަރުގެ އުފެއްދުމާ ނުބައްދަލު ޢަދަދުގެ ރައުސްމާލެއް ފޮރުވައިގެން އުޅުނު މީހެއް. އަދި އޭގެފަހުން އިވެމުން މިދިޔައީ، ދުވަހަކު އަޅުގަނޑު އެ ބޭންކެއްގެ އެކައުންޓްގައި ފައިސާ ނުގެންގުޅޭ ބޭންކެއްގައި އަޅުގަނޑުގެ ފައިސާ ހުރި ވާހަކަ. އެއަށް ރައްދުދިނީމަ، މިހާރު އެ ފައިސާ ހޯދާކަށްވެސް ނޫޅޭ. އެ ފައިސާ ހޯއްދަވާ އެބޭފުޅަކު. އެސް.ބީ.އައި.ގައި ހުރި އެ ފައިސާ ހޯއްދަވައިފިއްޔާ، އެއީ މަޙްލޫފަށް ހަދިޔާއަށް ދިނީ. ހަދިޔާ ހިބައިން ދިނީ. 800 މިލިއަން ޑޮލަރުގެ ވާހަކަ ދެއްކީމަ، އަޅުގަނޑު ބުނިން، އޭގެތެރެއިން 10 ޕަސެންޓް އަޅުގަނޑަށް ދެއްވައްޗޭ. އެއީ އެހާ ގިނަ ޢަދަދެއްގެ ފައިސާ. އަނެއް 90 ޕަސެންޓް ހޯއްދަވާ ބޭފުޅަކު ގެންދަވާށޭ. އެކަން ކުރަންވީ ނޫންތޯ؟
 
އެހެންވީމާ، ރައްޔިތުންނަށް މިއަދުވެސް ދަންނަވާލަން ބޭނުންވަނީ، ބަޔަކު ތިބެގެން މިކަހަލަ މަސައްކަތްތަކެއް ކުރާ ކަމަށްވަންޏާ، ލައްކަ ގިނަ ވާހަކަ އުފައްދައިގެން، ލައްކަ ގިނަ ކަންތައް ކުރެވިދާނެ. އަދި ފާރަވެރިކަމާއެކީ ކަންކަން ކުރާކަމަށްވަންޏާ، އަޅުގަނޑަކީވެސް، އަޅުގަނޑުގެ ޢާއިލާއަކީވެސް ވަރަށް އާދައިގެ ގޮތެއްގައި ދިވެހި މުޖްތަމަޢުގައި ޙަރަކާތްތެރިވާ ޢާއިލާއެއް. އަޅުގަނޑުމެންނަކީ ވަކިން ފޮރުވިފައި، ފާރަވެރިންނާއެކީ އަބަދު އުޅޭ ބައެއް ނޫން. އަޅުގަނޑުގެ ކުދިންނަކީ މަގުމަތީގައި ހަމަ ތިޔަބޭފުޅުން ގޮތަށް، ކޮފީޝޮޕްތަކަށް ގޮސް، އަދި މިނޫންވެސް އެހެން ދިވެހި ރައްޔިތުން ކުރާ ކަންތައްތަކުގައި އުޅޭ ހަމަ އާދައިގެ ބައެއް. އެކުދިން ދައްކާ ވާހަކަ، އެކުދިންނަށް އަނިޔާވެރިވުމުގެ ގޮތުން ރެކޯޑްކޮށްގެން ނާޖާއިޒްގޮތެއްގައި ބޭނުންކުރާކަމަށްވަންޏާ، ހަމަ އަޅުގަނޑު ދަންނަވާނީ މަރްޙަބާއޭ، އެކަންކަން ކުރައްވާށޭ. އެކަންކަން ހިނގާނެ. އެހެންނަމަވެސް، އަޅުގަނޑު ރައްޔިތުން އަރިހު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ރައީސްކަން ކުރިޔަސް، އަޅުގަނޑުމެންނަކީ ވަކި ވަރުގަދަ އިންސާނުންނެއް ނޫން. އަޅުގަނޑުމެންނަކީ ހަމަ މިތާ ތިއްބެވި ކޮންމެ ރައްޔިތެއްފަދަ ހަމަ ނިކަމެތި އިންސާނެއް. އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި ހުރި އުނި ކަންކަން ހުންނާނެ.
 
އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ދިވެހިރާއްޖޭގެ ޒަޢާމަތަށް އައީ، އެއްގޮތަކަށްވެސް ރައްޔިތުންގެ ފައިސާގައި ޖެހިގެނެއް ނޫން. އަދި ނުވެސްޖެހޭނަމު. އަދި އެއްވެސްކަހަލަ ރައްޔިތުންގެ ޙައްޤަކަށް އަރައިގަންނަ ކަމެއް އަޅުގަނޑުގެ ފަރާތަކު ނޯންނާނެ. އެހެންނަމަ، އަޅުގަނޑު އެއްގޮތަކަށްވެސް، އަޅުގަނޑު ރައްޔިތުންގެ މި ވަޒީފާ އަދާކުރާކަށް، ރައްޔިތުންނަށް ޚިދްމަތްކުރާކަށް ނާންނާނެ. އަޅުގަނޑު ގަބޫލުކުރާގޮތުގައި، އެމީހެއްގެ ހުންނަ ސާބިތުކަމާއެކީ މިކަން ކުރެވިއްޖެ ކަމަށްވަންޏާ، ރައްޔިތުން ބަލައިގަންނާނެ.
 
އަޅުގަނޑު ހަމަ މިއަދު ދަންނަވާލަން ބޭނުންވޭ. އަޅުގަނޑު ހުރީ ސިޔާސީ ވާހަކަ ނުދައްކަން. އެވާހަކަ ޠާރިޤު ވަރަށް ފުރިހަމައަށް ދެއްކެވީމަ. އެހެންނަމަވެސް، ހަމަ ދަންނަވާލަން ބޭނުންވަނީ، މިއުފެދޭ ސުވާލުތަކަށް ޖަވާބު އެރުވުމުގެ ގޮތުން. ތިޔަބޭފުޅުން ހަމަ ވިސްނުމުގެ ކިރުމުން، ތަރާދުން ކިރާލައްވާ. އަޅުގަނޑާއެކީ މަސައްކަތުގައި އުޅުއްވި ސިޔާސީ ހުރިހާ ބޭފުޅުން ކޮބައިތޯ؟ ކިތައް ޕާޓީ ބަދަލުކުރައްވައިފިތޯ؟ ސިޔާސީ ވިސްނުން، ފުޓްސަލް ދަނޑެއްގައި އޮންނަ ބޯޅައަށްވުރެ ބާރަށް އެއްކޮޅުން އަނެއްކޮޅަށް ޖަހައިފި ނޫންތޯ؟ މިނޫން ބޭފުޅަކު އެބަ ހުންނެވިތޯ؟ މިނޫން ބޭފުޅަކު ނެތް. އެހެންވީމާ، މިއީ އަޅުގަނޑުމެންގެ ސިޔާސީ މީހުންގެ ވިސްނުން ހުރި މިންވަރަކީ. ނޫނިއްޔާ އެބޭފުޅުންގެ ސާބިތުކަން ހުރި މިންވަރަކީ. ސާބިތުކަމާއެކީ ރައްޔިތުންނަށް ޚިދްމަތްދޭ ކަމަށްވަންޏާ، އެބަޔަކު ގަބޫލުކުރާ ފަލްސަފާއެއްގެ މަތީގައި، އެބަޔަކު ގަބޫލުކުރާ އުޞޫލެއްގެ މަތީގައި އެކަން ކުރެވޭތޯ މަސައްކަތް ކުރަންވާނެ.
 
އަޅުގަނޑުމެންނަކީ ރިވެތި އަޚްލާޤެއްގެ މަތީގައި ތިބެގެން، ދިވެހިރާއްޖޭގެ މުޖްތަމަޢަކީ ހަމަޖެހޭ ޞުލްޙަވެރި މުޖްތަމަޢަކަށް ހަދައިގެން، ހަމަ އިސްލާމްދީނުގެ މަތިވެރި ރިވެތި އުޞޫލުތަކުގައި ދިރިއުޅޭ ރައްޔިތެއްގެ ގޮތުގައި ދިވެހިރާއްޖެ ބާއްވަން ބޭނުންވާ ބައެއް. އެއީ، ރައީސް މައުމޫންގެ ފިކުރަކީ. ހަމަޖެހުން، ޝަރީޢަތާއި ޢަދުލުގެ ތެރެއިން ކަންކަން ވެގެންދިޔުން. މަގުމައްޗަށް ނުކުމެ މީހުންނަށް ގެއްލުން ދިނުމެއް ނޫން. އަވަށްޓެރިންގެ ގޭގޭގައި ބިއްލޫރި ތެޅުމެއް ނޫން. އެ ވިސްނުމުގައި ތިބި ބައެއް އަޅުގަނޑުމެންނަކީ. އެހެންވީމާ، އަޅުގަނޑުމެން މަސައްކަތް ކުރާނީ މިދެންނެވި ޙުދޫދުގެ ތެރޭގައި. އަޅުގަނޑުމެންނަކަށް މިނޫން ގޮތަކަށް މިކަންކަން ކުރާކަށް ދަސްވެފައެއް ނެތް. އަޅުގަނޑުމެންގެ މަދަރުސާއަކީ މިދެންނެވި ގޮތަށް ވަރަށް ވަރުގަދަ މަދަރުސާއެއް. އެހެންވީމާ، އަޅުގަނޑުމެން މަސައްކަތް މިކުރަނީ ދިވެހިރާއްޖެއަށް ހަމަޖެހުން ގެންނަން. ހަމަޖެހުމެއް ނާންނާނެ، އިންޤިލާބެއްގެ ތެރެއަކުން. ހަމަޖެހުން އަންނާނީ، ހަމަޖެހުން ދަމަހައްޓާނެ އުޞޫލުތަކެއްގެ ތެރެއިން. އެ އުޞޫލުތަކަކީ ޤާނޫނާއި ގަވާއިދަށް އިޙްތިރާމް ކުރުން. ޓީޗަރުންނަށް ކުދިން އިޙްތިރާމް ކުރުން. ބޮޑެތި މީހުންނަށް، އެއަށްވުރެ ޒުވާނުން ކަމޭހިތުން. މިއީ ރީތި އުޞޫލުތަކަކީ.
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަންވެސްމެ. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާއިރު، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ގައްދޫގެ ރައްޔިތުން އެއްގޮތަކަށްވެސް ހިތްޕުޅުގައި މި ޝައްކު ނުގެންގުޅުއްވާ. އެއްގޮތަކަށްވެސް ގައްދޫގެ ރައްޔިތުންނަކީ އެކަހެރި ރައްޔިތެއް ނޫން. ގައްދުއަކީ ޝައްކެއްވެސްނެތްގޮތުގައި، ގދ. ގައި އޮތް ވަރަށް މުހިންމު، ވަރަށް ޚާއްޞަ ރަށެއް. އެހެންވީމާ، ގައްދުއަށް ބޭނުންވާ ތަރައްޤީ، އަޅުގަނޑުގެ ވެރިކަމުގައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ތަނަވަސްކަން ހުރި މިންވަރަކުން ގެންނާނަން. އަދި އަޅުގަނޑު ސަރުކާރާ ޙަވާލުވެގެން ހަމަ އެންމެ ކުރީކޮޅުގައި ފެށުނު ބިޔަ ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢު އިރާދަކުރެއްވިއްޔާ އުފާވެރިކަމާއެކީ މިއަދު އަޅުގަނޑުމެން އިފްތިތާޙު މިކުރަނީ. މިއީ ހަމަ އެންމެ ކުރީކޮޅުގައި ފެށުނު ވަރުގަދަ އެއް މަޝްރޫޢު.
 
ދެންހުރި އެހެން މަޝްރޫޢުތަކަކީ، އަޅުގަނޑުމެން ހަމަ ވަޢުދުތަކެއްގެ ތެރެއިން، ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ކަންތައްތަކާއި، މިހެންހުރި ކަންތައްތަކެއް. އިރާދަކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް މިކަންކަން އެބަ ހިނގާ. މިރަށަށް ބޭނުންވާ ސްޕޯޓްސް ކޮމްޕްލެކްސްވެސް އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ ޓެންޑަރ ކުރުމުގެ މަސައްކަތް، ނޫނީ ޓެންޑަރ މިހާރުވަނީ ކޮށްފައި. މަސައްކަތްތައް ލަސްވެގެންދަނީ ހަމަ ޙަޤީޤަތުގައިވެސް ކޮންޓްރެކްޓަރުންނަށް އެ މަސައްކަތް ނުކުރެވޭތީ.
 
 ދެން ކޮންމެހެންވެސް ތިޔަބޭފުޅުން ކޮންމެ ހުކުރު ދުވަހަކު ހުކުރުނަމާދު ކުރައްވަންވާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަންވެސް ހަމަޖެހިގެންދާނެ. އެހެންވީމާ، އަޅުގަނޑާހެދި އެއްގޮތަކަށްވެސް ހުކުރުއަޅަންޖެހޭ ރައްޔިތެއް ގައްދޫގައި ތިބުމަކީ، އަޅުގަނޑު އެއްވެސްކަހަލަ އުފަލެއް އިޙްސާސްކުރާނެ ކަމެއް ނޫން. އިރާދަކުރެއްވިއްޔާ އެކަންވެސް ހަމަޖެހިގެންދާނެ. ފެރީގެ ދަތުރުފަތުރުވެސް އެމް.ޓީ.ސީ.ސީ.ގެ ފަރާތުން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ހަމަޖެހިގެންދާނެ.
 
އަޅުގަނޑު އެދެނީ ގައްދޫގެ ހުރިހާ ރައްޔިތުންނަށް ހަމަޖެހުން. އަދި މި އަންނަ ކުރިއެރުމާއި، އަންނަ ހިތްހަމަޖެހުމުގައި ގައްދޫގެ ރައްޔިތުން ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ނަމޫނާވެވަޑައިގެންދެއްވާ. އަޅުގަނޑުމެން ކަންކަން ކުރާނީ ޞުލްޙަވެރިކަމާއެކީ. އަޅުގަނޑުމެންނަކީ މަޞްލަޙަތަށް ލޯބިކުރާ، ޤާނޫނަށް ތަބަޢަވާ، އަދި އެންމެން އެކަކު އަނެކަކަށް އިޙްތިރާމްކުރާއިރު، އެކެއްގެ ޙައްޤަށް އަނެކަކު އަރައިގަތުމުގައި ޖެހިލުންވާ ބަޔަކަށް އެބަވާންޖެހޭ. އެހެން ނޫން ކަމަށްވަންޏާ، ކިތަންމެ ބޮޑު މީހާއަށްވެސް ހަމަ ނިކަމެތި މީހާއަށް ލިބޭ އަދަބު، އަޅުގަނޑު ވެރިކަމުގައި ހުރިއްޔާ، ހަމަ އެއް އުޞޫލަކުން ދާނީ. އެހެންވެ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑާއެކީ ވާދަކުރައްވާ ސިޔާސީ ބޭފުޅުންނަށްވެސް، ސިޔާސީ ބޭފުޅުންނަކަށްވާތީކީ ނޫން، އެބޭފުޅުން ހައްޔަރުވެފައި އެތިބީކީ. ސިޔާސީ ބޭފުޅުންނަށްވުރެ ބޮޑަށް، ސިޔާސަ މީހުންނަށް އެމީހުންވީމަ، އެމީހުންނަށް އަދަބު އެ ލިބެނީ. އެހެންވީމާ، އެކަން ދޫކޮށްލައްވާ. އެކަން ދޫކޮށްލައްވާ.
 
މިހާރު އެއޮތީ ހުރިހާ ޕާޓީތަކަކަށް ދަންނަވާފައި، ވާހަކަ ދައްކަވަން ވަޑައިގަންނަވާށޭ. ކޮންކަމަކާތޯ ވާހަކަ ދައްކަން އަންނަންވީ؟ ވާހަކަ ދައްކަން އަންނަންވީ ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކެއް ކުރުމުގައި، ދައުލަތުގެ ސިޔާސަތު ބިނާކޮށް، އަދި ދައުލަތުން ރައްޔިތުންނަށް ކޮށްދޭނެ ކަންތައްތައް އަވަސްކުރަން ކުރާ ވާހަކަތަކެއް ދައްކަން އަންނަންވީ. އެއްގޮތަކަށްވެސް ވާހަކަ ދައްކަން އަންނަންވީ، ދެން ދިވެހިރާއްޖޭގައި ރައީސްކަން ކުރާނީ ޔާމީންތޯ، ރައީސް ނަޝީދުތޯ، ނޫނީ އެހެން މީހެއްތޯ؟ އެ ވާހަކަ ދައްކާކަށް ނޫން. އެއީ އަޅުގަނޑުމެން ގަދައަޅާ މަސައްކަތް ކުރާނެ ކަންކަން، އަޅުގަނޑުމެންގެ ހިތްވަރާއި ޢަޒުމާ ހުރެގެން. އަދި އެއީ ކޮންމެ މީހެއްގެ ވިސްނުމުގައިވެސް، އެމީހަކު ރައްޔިތުންނަށް ދޭނެ ކަމެއް އޮތްކަމަށް، ރައްޔިތުންނަށް ޚިދްމަތެއް ކުރެވޭނެ ކަމަށް އެމީހެއްގެ ޤާބިލްކަން ހުރިކަމަށް ގަބޫލުކުރެވެންޏާ، ކުރަން ބޭނުންވާ ކަމެއް. އެކަމަކު އެކަންކަމަކީ ﷲ ނިންމަވާ ކަންކަން. އަޅުގަނޑުމެން މަސައްކަތް ކުރާނީ ދޮއެއްތޯ؟ އެހެންނަމަވެސް، އަޅުގަނޑުމެން ކޮންމެ މީހަކުވެސް، ކޮންމެ ހައިސިއްޔަތަކުން މަސައްކަތްކުރި ނަމަވެސް، އަޅުގަނޑުމެން މަސައްކަތް ކުރަންވީ، ރައްޔިތުންނަށް ޚިދްމަތްތަކެއް ކޮށްދެވޭނީ ކިހިނެއްތޯ؟ ރައްޔިތުންނަށް ޚިދްމަތް ކޮށްދިނުމުގައި، ހުރިހާ އެންމެން ނުޖެހޭ ވެރިކަމަށް އަންނާކަށެއް. ހުރިހާ އެންމެންނަށްވެސް މަސައްކަތް ކުރެވޭނެ.
 
އެހެންވީމާ މިހާރުވެސް އަޅުގަނޑު ދޮރު ހުޅުވާލާފައި އެއޮތީ، ހަމަ ހުރިހާ ބޭފުޅުންނަށް، އެއްފަހަރާ ވެދެވަޑައިގަތަސް ފުޅާ ދޮރެއް އެއޮތީ. ވަޑައިގަންނަވަންވީ އަޅުގަނޑާއެކީ ވާހަކަފުޅު ދައްކަވަން. އެކަމަކު ވާހަކަފުޅު ދައްކަވަން ވަޑައިގަންނަވާއިރު، ވާހަކަފުޅު ދައްކަވަންވީކީ، ކުށްކޮށްގެން ހައްޔަރުކޮށްފައި ތިބި މީހުން ވީއްލާކަށެއް ނޫން. އަޅުގަނޑާއެކީ ވާހަކަފުޅު ދައްކަވަން ވަޑައިގަންނަވާ! ޤައުމު އާރާސްތު ކުރުމަށް މިކުރާ މަސައްކަތުގައި، މިއަށްވުރެ ރައްޔިތުންނަށް ފައިދާއާއި ލާބަހުރި އިތުރު މަޝްރޫއުތަކެއް، މިއަށްވުރެ ހަލުއިކަމާއެކީ ކޮށްދެވޭނީ ކިހިނެއްތޯ؟ އަޅުގަނޑާއެކީ ވާހަކަ ދައްކަވަން ވަޑައިގަންނަވާ! ދިވެހިރާއްޖެ ބަދުނާމު ނުކުރައްވައި، ގުޅިގެން ދިވެހިރާއްޖެ އިޝްތިހާރުކޮށްގެން. ދިވެހިރާއްޖެއަކީ ހުރިހާ މެހްމާނުންނަށް ކަމޭހިތާ މަންޒިލެއް ގޮތުގައި ޕްރޮމޯޓް ކުރަން ވާހަކަ ދައްކަވަން ވަޑައިގަންނަވާ! އަޅުގަނޑާއެކީ ވާހަކަ ދައްކަވަން ވަޑައިގަންނަވަންވީ، މިދެންނެވި ކަހަލަ ބިނާކުރަނިވި ވާހަކަ ދައްކަވަން. އެއްގޮތަކަށްވެސް ދިވެހިރާއްޖެ ފަޟީޙަތްކޮށް، ދިވެހިރާއްޖޭގައި ނެތް ކަންތައްތައް ވުޖޫދަށް ގެންނަވައިގެން، ކަންކަން ބޮޑުކުރައްވައިގެން، އެ ނިކަމެތިކަން ދިވެހި ރައްޔިތުން ބަރުދާސްތު ކުރާކަހަލަ ވާހަކަތަކެއް ދައްކާކަށް ނޫން އަންނަންވީކީ. އަޅުގަނޑާއެކީ ވާހަކަ ދައްކަވަން ވަޑައިގަންނަވަންވީ، ހަމަ މިދެންނެވި ގޮތުގައި، ގައްދޫ އިތުރަށް ތަރައްޤީ ކުރަން ބޭނުންކަމަށްވަންޏާ، ގައްދުއަށް އިތުރު ކުރިއެރުން ގެނެސްދެވޭނީ ކޮންކަހަލަ މަޝްރޫޢުތަކެއް ހިންގައިގެންތޯ؟
 
އަޅުގަނޑުމެން އާދައިގެ ނިކަމެތި ރައްޔިތުންނަށް ކޮންކަމެއްތޯ ބޭނުންވަނީ؟ އަޅުގަނޑުމެން އާދައިގެ ނިކަމެތި ރައްޔިތުންނަށް ބޭނުންވާނީ، އެރަށުގެ ލަފާފުރުމުގެ ދަތިކަން ހުރިއްޔާ، އެކަންކަން ސަރުކާރުން ފަސޭހަކޮށްދިނުން. މާލެއަށް ދާން އަގުބޮޑިއްޔާ އަގުހެޔޮކޮށްދިނުން. ގޭގެ ކަރަންޓް ބިލް ބޮޑުކަމަށްވަންޏާ، ކަރަންޓް ބިލް ކުޑަވުން. ލިބޭ އާމްދަނީން ދެކޮޅުނުޖެއްސޭ ކަމަށްވަންޏާ، ޖީބަށް ތަނަވަސްކަން އިތުރުކުރެވޭނެ ގޮތްތައް ސަރުކާރުން ހަދައިދިނުން، މަގުފަހިކޮށްދިނުން. ކޮންމެ ރަށަކީ ސާފުތާހިރު އަދި އެރަށުގައި ތިބެގެން މަސައްކަތް ކުރެވޭނެ ވަޒީފާތަކެއް އުފައްދައިދޭން. މިއީ ނިކަމެތި ރައްޔިތުން ބޭނުންވާ ކަމަކީ.
 
އެހެންވީމާ، އަޅުގަނޑު މިއަދުވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑާ އެއްމޭޒަށް ވަޑައިގަންނަވާށޭ، މިދެންނެވި ކަންކަމުގައި ދިވެހިރާއްޖެއަށް ފާގަތިކަމާއި، ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދޭނެ ވާހަކަ ދައްކަވަން ވަޑައިގަންނަވާ. އެއްގޮތަކަށްވެސް ކުށްވެރިންގެ ޙައްޤުތަކުގެ ވާހަކަ ދައްކާކަށް ނޫން ވަޑައިގަންނަވަންވީކީ. ކުށްވެރިންގެ ޙައްޤުތައް އެހެރީ ޤާނޫނުގައި އެކަށައަޅައި ބަޔާންކޮށްދީފައި. ކުށްނުކުރާ މީހުންނަކީ ދިވެހިރާއްޖޭގައި ހަމަ އެމީހަކު ދާން ބޭނުންވާ މިންވަރަކަށް، އެމީހަކު ބޭނުން މަސައްކަތެއް ކޮށްގެން ފައިދާ ހޯދަންވީ، އެމީހަކަށް ފައިދާ ހޯދޭނެވަރަކަށް. އެކަމަކު ކުށްކުރީމަ، ޤާނޫނުގައި އޮތް ގޮތަކަށް އެމީހަކަށް ޙައްޤު އަދަބު ލިބޭނެ. އެއީ، އެންމެންގެ ރައްކަލަށް ކުރާ ކަމެއް. އެއީ، އަޅުގަނޑު އަމިއްލަ ސަލާމަތް ހޯދަން ކުރާ ކަމެއް ނޫން. އަޅުގަނޑު ބޭނުންވަނީ، ދިވެހިރާއްޖެއަކީ އެކަކު އަނެކެއްގެ ޙައްޤުތަކަށް އިޙްތިރާމްކުރާ، ހަމަޖެހޭ ބަޔަކު ދިރިއުޅޭ، ޤާނޫނަށް ބޯލަނބައި، ކިޔަމަންތެރި، ރަނގަޅު ބަޔަކު އުޅޭ ތަނަކަށްވެގެންދިޔުން.
 
ގައްދޫގެ ރައްޔިތުން ހިތްޕުޅަށް ގެންނަވާ! އަޅުގަނޑުމެން މިތިބީ މާލޭގައި. މާލެއަށް ތިޔަބޭފުޅުންގެ ތެރޭގައި އުޅޭ އުނދަގޫތައް އަންނާނީ ޔޫރަޕާ ހަމައަށް ގޮސްފައިކަންނޭނގެ މަތިންދާބޯޓްގައި އަންނަންޏާ. އެކަމަކު ދަންނަވާލަން މިއުޅެނީ، މިތަނުގެ މުޖްތަމަޢު ހަމަނުޖެހޭކަމަށްވަންޏާ، ކޮން ބަޔަކަށްތޯ އޭގެ އުނދަގޫވަނީ. ގައްދޫގެ ރައްޔިތުންނަށް އުނދަގޫވާނީ. އެކަމަކު ކީއްކުރަންތޯ އެހާ އުނދަގުލުގައި އުޅެންވީ؟ އެއަށްވުރެ އަރާމުގައި، އެއަށްވުރެ ފަސޭހައިގައި، އެންމެން އެކަކު އަނެކަކަށް އިޙްތިރާމްކޮށްގެން އުޅޭ ކަމަށްވަންޏާ، ގައްދޫގެ ރައްޔިތަކީ ވަރަށް އުފާވެރި، ހަމަޖެހޭ ދިރިއުޅުމެއް އުޅޭ ރައްޔިތަކަށް ވެގެންދާނެ. ސަރުކާރުން ކޮށްދޭނެ މަސައްކަތަކީ، އެ އުފާވެރިކަމުގައި ގައްދޫގެ ރައްޔިތުން ދިރިއުޅުމަށްޓަކައި ގައްދުއަށް ދެން ބޭނުންވާ މިދެންނެވި ކަހަލަ އިންފްރާސްޓްރަކްޗަރާއި، ގައްދޫގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި ކުރިއަށްދިޔުން. ޒުވާނުންނަށް ބޭނުންވާ ކަންތައްތައް ކޮށްދިނުން. އަޅުގަނޑާއި އަޅުގަނޑުގެ ސަރުކާރުގެ ވަޒީރުން މިކުރާ މަސައްކަތަކީ، މިދެންނެވި ކަހަލަ ކަންތައްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭން ކުރާ މަސައްކަތް. އެކަން ކުރާއިރު އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެން މިކުރާ މަސައްކަތް ގެންދާނީ ބާރަށް.
 
މާތްﷲ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، ﷲގެ ދަރުމައާއި ޘަވާބު މިންވަރު ކުރައްވާށި! އިރާދަކުރެއްވިއްޔާ ދިވެހިރާއްޖެ ދެކޭނީ، އަދަށްވުރެ އުފާވެރި، ހިތްހަމަޖެހޭ މުސްތަޤްބަލުގެ ދުވަސްތަކެއް.
 
   والسّلام عليــكم ورحـمــة اللّـه وبـركاتـه.