އަޅުގަނޑުމެންގެ ސަރުކާރަކީ އަމިއްލަ ފަރާތްތަކުން ތަރައްޤީގެ މަގުގައި ކުރާ މަސައްކަތްތަކަށް ވާގިވެރިވެގެން ހިތްވަރުދީގެން އެމީހުން ލައްވާ ކަންތައްތައްކުރުވަން ބޭނުންވާ ބައެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހުވަދުއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި އެއަތޮޅު ގައްދޫގައި ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ދައުލަތުގެ ފައިސާއަކީ ހުރިހާ ކަމަކަށް ބޭނުންވާ ވަރަށް ހުރި ފައިސާއަށް ނުވާތީ، ބޭރުގެ ފަރާތްތަކުގެ އެހީއަށް އެދެންޖެހޭ ކަމުގައާއި، އަދި ބޭރުގެ ސަރުކާރުތަކުގެ އެހީ ހޯދާއިރު، އަޅުގަނޑުމެންގެ ތެރޭގައި ސަލާންޖަހަންދާ ވާހަކަ ކޮންމެވެސްވަރަކަށް ރާއްޖޭގެ ބައެއް މީޑިޔާތަކުގައި ދެކެވޭކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެއަކީ ފުދުންތެރިވެ އިތުރުވެފައި ތިބި ބައެއްކަމުގައި ނުދެކޭކަމަށާއި، ދިވެހި ރައްޔިތުންގެ ބޭނުންތަކަށް އެދި އެވަގުތު ރައީސްކަމާ ޙަވާލުވެހުރި މީހަކު ސަލާންޖަހަން ދިޔުމަކީ، އެމަނިކުފާނު ދެކޭގޮތުގައި، އެއްވެސް ގޮތަކަށް އެކަމަކަށް މަލާމާތް ރައްދުކުރަންވީ ކަމެއް ނޫންކަމުގައެވެ.

ސަރުކާރުން ރައްޔިތުންނަށް ދޭންބޭނުންވާ ޚިދުމަތްތަށް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ 180 ވަރަކަށް ރަށުގެ މީހުންނަށް ދަތި އުނދަގޫވާ ހުރިހާ ކަމެއް އެއްފަހަރާ ޙައްލުކޮށްދިނުމަކީ، ޤުދްރަތީގޮތުން ރާއްޖެ އޮންނަގޮތުން އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން މިގެންދަނީ މިފަދަ ގޮންޖެހުންތަކުން އަރައިގަނެ، ރައްޔިތުންނަށް ބާރު ސްޕީޑްގައި ކަންތައްތައް ކޮށްދެވޭނެ ގޮތް ހޯދުން ކަމުގައި ކަމަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހުރިއްޔާ އިތުރަށް ވިދާޅުވިގޮތުގައި، މި ސަރުކާރުގެ ފަސްއަހަރު ނިމިގެންދާއިރު، 50 ރަށަށް ނަރުދަމާ ޤާއިމްކުރެވި އަދި ހަމައެހެންމެ، 50 ރަށަށް ސާފު ބޯފެންލިބިގެންދިޔުން އެއީ އެމަނިކުފާނު ކަށަވަރުކުރައްވަން ބޭނުންފުޅުވާކަމެއްކަމަށެވެ.

ރައީސުލްޖުމްހުރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ވެރިކަމަށް ދުރުވީ ޢަމަލީ މެނިފެސްޓޯއެއް ހިއްޕަވައިގެންކަމަށާއި، މިހާރު މިކުރެވިގެންދާ މަސައްކަތްތަކަކީ، މި ޢަމަލީ މެނިފެސްޓޯގައި ހުރި ކަންތައްތައް ވަގުތު އޮއްވައި، ޙާޞިލުކުރަން ކުރާ މަސައްކަތްތަކެއްކަމުއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ބައެއް ސިޔާސީ ފަރާތްތަކުންދަނީ ރާއްޖޭގައި ނެތްވަރަށް ރާއްޖޭގެ ކަންކަން ގޯސްކޮށްގެން، ބޭރުގެ ފަރާތްތަކުގެ މެދުގައި ވާހަކަ ފަތުރަމުން ކަމަށާއި، މީގެ ހިތިކަމާއި އުނދަގޫ ސަރުކާރުން އިޙްސާސް ކުރަންޖެހޭކަމަށެވެ. އަދި މީގެ ސަބަބުން ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތަކަށް ވިސްނަން އޮންނަ ވަގުތާއި، ސަރުކާރުގެ މުދަލާއި ފައިސާ ހޭދަކުރަން ލިބޭ ލިބުމުގައި ދަތިތަކެއް ކުރިމަތިވެ ތަރައްޤީގެ ދުވެލި މަޑުވެގެންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ގައްދޫގައި ރައްކާތެރި ބޯފެނުގެ ޙިދުމަތް އިފްތިތާޙްކޮށްދިނުމުގެގޮތުން ވަނީ ހަނދާނީ ބިނާގެ ފަރުދާ ކައްސަވާލަދެއްވާފައެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމްއާއި، ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދުއާއި، ގައްދޫ ކައުންސިލުގެ ރައީސް އަލްފާޟިލް މުޙައްމަދު އަޙްމަދު ވާހަކަފުޅުދެއްކެވިއެވެ. މީގެ އިތުރުން، ގައްދޫ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާއެއް ވެދުމަށް އެރުއްވިއެވެ. އެރަށު ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާ ވެދުމަށް އެރުއްވީ ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމްއާއި، ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ރަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ ބައެއް އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.