އަލްޖީރިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ހަމްޒާ ޔަހުޔާ ޝެރިފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، އަލްޖީރިއާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި، އަލްޖީރިއާގެ އާ ސަފީރުގެ ދައުރުގައި ރާއްޖެއާއި އަލްޖީރިއާއާ ދެމެދު އިތުރަށް ގުޅުން ބަދަހިވާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އަލްޖީރިއާ ދުޅަހެޔޮ ޑިމޮކްރަސީއަކަށް ހެދުމަށްޓަކައި ކުރެވެމުންދާ މަސައްކަތަށް އިޝާރާތްކުރައްވާ ތަހުނިޔާ ވިދާޅުވެ ދިވެހިރާއްޖޭގައި ޑިމޮކްރަސީ ވަރުގަދަކުރުމަށް 2008 ގައި ފެށުމުން ޤައުމަށް މިހާތަނަށް އައި ބަދަލުތައް ހިއްޞާ ކުރެއްވިއެވެ. އަދި ދިވެހިރާއްޖެއާއި އަލްޖީރިއާ ދެމެދުގައި އޮތް 30 އަހަރު ވި ގުޅުންވެސް ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.
އަލްޖީރިއާގެ އާ ސަފީރު ދެއްކެވިވާހަކަފުޅުގައި، އެމަނިކުފާނުގެ ސަފީރުކަމުގައި ރާއްޖެއާއި އަލްޖީރިއާ އާއި ދެމެދު އޮންނަ ގުޅުން، އަދި ހާއްސަގޮތެއްގައި މިސަރުކާރުގެ އިޤްތިޞާދީ އެޖެންޑާ ވަރުގަދަ ކުރުމަށް، އެކި ދާއިރާތަކުން ބަދަހިވެގެންދާނެ ކަމުގައި އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ވަގުތީ ގޮތުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިންގުމާ ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ހެލްތް އޮނަރަބަލް އިރުތިޝާމް އާދަމާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަޞީރު މުޙަންމަދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.