بســم اللّـه الرّحمـن الرّحيــم
    
السّلام عليــكم
 
      އޮފީސް އޮފީހުގެ ވެރިންނާ ބައްދަލުކޮށްލަން އަޅުގަނޑު ގަސްތުކޮށްގެން އުޅޭތާ ދުވަސްކޮޅެއްވެއްޖެ. އެހެން ނަމަވެސް، މަސައްކަތް ހުންނަގޮތުންނާ އެކުގައި ފުރްޞަތެއް ނުލިބި ދިޔައީ. ކޮންމެއަކަސް މިރޭ މި ފުރްޞަތު ލިބުނުކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން.
 
އެންމެފުރަތަމަ އަޅުގަނޑު އޮފީސް އޮފީހުގެ ހުރިހާ ވެރިންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އެއީ އަޅުގަނޑު ރައީސްކަމާ ހަވާލުވީއްސުރެ މިހާތަނާ ޖެހެންދެން ހުރިހާ ބޭފުޅުންގެ ފަރާތްޕުޅުން އަޅުގަނޑަށް ލިބުނު މަތިވެރި އެހީތަކަށްޓަކައި. އަޅުގަނޑު ޔަޤީންކުރާގޮތުގައި، އެ އެހީއާއި އެއްބާރުލެއްވުން އެއީ އަބަދުވެސް ލިބެމުންދާނެ އެއްޗެއް. ސަރުކާރު ހިންގޭނީ ސަރުކާރު ހިންގަން ތިބޭ އެންމެންގެ އެހީއާއި އެއްބާރުލުން އޮވެގެން. އެކަން ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ.
 
އާދެ، މިރޭ މި ބައްދަލުކޮށްލުމުގެ އެންމެ ފުރަތަމަ ބޭނުމަކީ، މިހާރު ހަމަޖެހިފައިވާ ގޮތުން ސަރުކާރުގެ ރަސްމީ ގަޑިއަށް ބަދަލުއައިސްފައިވުމާއެކު، އޮފީސް އޮފީހުގެ މަސައްކަތާ ބެހޭގޮތުން ހިސާބަކަށް ވާހަކަ ދައްކާލުން. މިހާރަށްވުރެ ރަނގަޅަށް ހުރިހާ އޮފީހެއްގެވެސް ކަންތައްތައް ގެންދިއުމާ ދޭތެރޭގައި ބައެއް ނުކުތާތައް ފާހަގަކޮށްލުން. ހުރިހާ އޮފީހެއްގެ މަސައްކަތް ކުރަމުން ގެންދަނީ ވަރަށްބުރަގޮތަކަށް. ވަރަށް މަސައްކަތް ބޮޑުކޮށް އޮންނަނީ. އެހެންކަމަށްވުމާއެކު، ހުރިހާ އޮފީސްތަކަކުންވެސް އެކަށީގެންވާވަރަށް މަސައްކަތް ކުރަމުންގެންދާކަމަށް އަޅުގަނޑު ގަބޫލުކުރަން. އަދި އޮފީސް އޮފީހުގެ ވެރިން މަސައްކަތަށް ފަރުވާތެރިކަން ބަހައްޓަވައިގެން، ކޮންމެ ބޭފުޅަކަށްވެސް ވެވަޑައިގެންނެވި އެންމެ ރަނގަޅަކަށް އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް އަޅުގަނޑު ގަބޫލުކުރަން. އެހެންނަމަވެސް، ބައެއްފަހަރަށް ކަންތައްތައް ދިމާވާގޮތުންނާއި، މަސައްކަތްތަކުގެ ގިނަކަމުންނާއި ބުރަކަމުން އަދި ދިމާވާ އެކިއެކި ސަބަބުތަކަށްޓަކައި ބައެއްފަހަރަށް ބައެއް އޮފީސް އޮފީހުގެ މަސައްކަތް އެދެވޭ އެންމެ ފުރިހަމަކޮށް ނުހުރެ އެބަދޭ. އެހެންވީމާ، އެކަމާ ގުޅޭގޮތުން އަޅުގަނޑަށް ފެންނަ ބައެއް ކަންތައްތައް ދަންނަވާލުން، މިބައްދަލުކޮށްލުމުގެ ބޭނުމަކީ.
 
އެންމެ ފުރަތަމަ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކޮންމެ އޮފީހެއްގެ ވެރިއެއްވެސް އެބޭފުޅެއްގެ މަސްއޫލިއްޔަތު، އޮފީހެއްގެ ވެރިއެއްގެ ހައިސިއްޔަތުން އެބޭފުޅެއްގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެއްވުމުގައި ވަރަށްބޮޑު ސަމާލުކަން ދެއްވަން ބޭނުންވޭ. އެއީ ކޮންމެ އޮފީހެއްގެ މަސައްކަތެއްވެސް ދުވަހުން ދުވަހަށް ބަރާބަރަށް ހިނގަމުން ދިޔުމަށްޓަކައި އަޅުގަނޑު މިހެން މި ދަންނަވަނީ. ޚާއްޞަކޮށް، މިހާރު ބާރުއެޅިފައިވަނީ ކޮންމެ ދުވަހަކުވެސް އެދުވަހެއްގެ މަސައްކަތް ނިންމާގޮތަށް. ނިމުމަށް ބާރުއަޅާގޮތަށް. ނުނިމިއްޖެ ހިނދެއްގައި ނުރަސްމީގަޑީގައިވެސް ހުޅުވައިގެން މަސައްކަތްކުރަން. އެހެން ނަމަވެސް، ކުރިއާ ޚިލާފަށް ތަންކޮޅެއް ބޮޑަށް ބާރުއަޅަން ހަމަޖެހިފައިވަނީ، ކޮންމެ ދުވަހަކުވެސް އެދުވަހެއްގެ މަސައްކަތެއް ނިންމާގޮތަށް. އެހެން އެކަން ދާނީ އަޅުގަނޑަށް ފެންނަގޮތުގައި، ކޮންމެ އޮފީހެއްގެވެސް މަސައްކަތް ހިނގާނުހިނގާގޮތް އޮފީހުގެ ވެރިން ބައްލަވައިގެން. މުވައްޒަފުންނާ ހަވާލުކުރައްވާފައި ހުންނަ މަސައްކަތްތައް އެމީހުން ފަރުވާތެރިކަމާއެކު ކުރަމުން ގެންދޭތޯ ބައްލަވައިގެން. ބައެއް ތަންތާނގައި އެކި މުވައްޒަފުންނާ މަސައްކަތް ހަވާލުނުކުރެވި އެބަހުރޭ. އެކަމަކު އަޅުގަނޑު ދެކޭގޮތުގައި ރަނގަޅު ގޮތަކީ ކޮންމެ ތަނެއްގެވެސް މަސައްކަތް ބައްސަވާލައްވައިގެން ގެންދެވުން. ކޮންމެ މުވައްޒަފަކަށްވެސް އެމީހަކު ކުރަންޖެހޭ ކަންތައް ރަނގަޅަށް އޮޅުންފިލާފައި އޮތުން. އަދި އެމީހެއްގެ މަސްއޫލިއްޔަތު ރަނގަޅަށް އޮފީހުގެ ވެރިޔާ އެމީހަކަށް އަންގަވައިދެއްވާފައި ބޭއްވެވުން. ހަމައެފަދައިން، ޢާންމުކޮށް ބަލާއިރު އޮފީހުގެ ހުރިހާ ކަމެއް ހިނގާނުހިނގާގޮތް ބެއްލެވުމުގެ މަސްއޫލިއްޔަތުވެސް އެޅެނީ ކޮންމެ އޮފީހެއްގެ ވެރިއެއްގެ ކޮނޑުފުޅުގައި.
 
އެހެންވީމާ، މުވައްޒަފުން އެމީހުންނާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ދުވަހުން ދުވަހަށް ބަރާބަރަށް ނިންމަމުން ގެންދޭތޯ ބެއްލެވުން އެއީވެސް އޮފީސް އޮފީހުގެ ވެރިންގެ މަސްއޫލިއްޔަތެއް. ހާޒިރީ ބަލަހައްޓައިތޯ ބެއްލެވުން. ޔައުމިއްޔާ ގަވާއިދުން ކޮންމެ ދުވަހަކުވެސް ލިޔަމުން ގެންދޭތޯ ބެއްލެވުން. ސިޓީތައް ފައިލްކުރަމުން ގެންދޭތޯ ބެއްލެވުން. މިއީ ވަރަށް މުހިންމު ކަންތައްތަކެއް. ވަރަށްގިނަފަހަރަށް ދިމާވޭ، ކޮންމެހެން ސިޓީއެއް ހޯދާލަން އުޅޭއިރު، އެ ސިޓީއެއް ނުފެންނާނެ. އަޅުގަނޑުވެސް ވަރަށްގިނަ އޮފީސްތަކުގައި އުޅެފައި ހުރި މީހެއް މިއީ. އުޅޭ ކޮންމެ އޮފީހެއްގައިވެސް  މިމައްސަލަ ދިމާވޭ. ހަމަ ކޮންމެހެން ބޭނުންވެގެން އެދުވަހަކު ހޯދަން އުޅޭ ސިޓީއެއް އޮންނާނީ ނުފެނިފައި. ފައިލަކު ނޯވޭ. އެއްވެސް މުވައްޒަފަކަށް އެ ވީތަނެއް އެނގޭކަމަކަށްނުވޭ. އެހެންގޮސް ބައެއްފަހަރަށް އެސިޓީ ލިބޭ ފަރާތުން ކޮޕީއަކަށް އެދެން ޖެހެންވެސް އެބަ ބޭނުންވޭ. ގަވާއިދުން ލިޔުންތައް ފައިލް ކުރެވެމުންދާނަމަ އެކަހަލަ ގޮތަކަށް އެކަން ވާކަށެއް ނުޖެހޭނެ. އަދި ސަރުކާރުގެ ވަރަށްގިނަ އޮފީސްތަކަކީ އެކި މަސައްކަތްތަކަށް ބިލްހަދާ ތަންތަން. އެހެންވީމާ، ގަވާއިދުން އެ ހަދަންޖެހޭ ބިލްތައް ހަދަމުން ގެންދޭތޯ ބެއްލެވުން އެއީވެސް ކޮންމެ އޮފީހެއްގެވެސް ވެރިއެއްގެ ވާޖިބަކަށްވާންވާނެ. ބިލް ހަދައިތޯއާއި، ހަދައިފައި ހުންނަ ބިލްތައް ގަވާއިދުން ހަވާލުކުރޭތޯއާއި، ހަވާލުކުރެވިފައި ހުންނަ ބިލްތަކަށް ގަވާއިދުން ފައިސާ ލިބެމުންދޭތޯއާއި، މިހުރިހާ ކަމެއް ބައްލަވަންޖެހޭނެ. ބައެއްފަހަރަށް އޯޑިޓް އޮފީހުން އެކި ތަންތަން ބައްލަވަމުން ގެންދަވާއިރު އެބަ ދިމާވޭ، ތިން ހަތަރު މަސްދުވަސް ވަންދެން ބިލް ނަހަދައި ހުންނަ ތަންތަން. ނުވަތަ ހަދާފައި ހުންނަ ބިލްތައްވެސް ހަވާލުނުކުރެވި ދެމަސް ތިންމަސްވެފައި ހުންނަ ތަންތަންވެސް ފެނޭ. ހަވާލުކުރެވިފައި ހުރި ބިލްތަކަށް ފައިސާ ހޯދުމަށް މަސައްކަތް ފުރިހަމައަށް ނުކުރައްވައި ހުންނަ ތަންތަންވެސް އެބަ ފެނޭ.

 

 
މިދެންނެވި ނުކުތާތަކުގެ އިތުރަށް، އޮފީހުގެތެރޭގެ ސާފުތާހިރުކަން ބެލެހެއްޓެވުމާ، އެކަންތައް ހަވާލުކުރެވިފައިވާ މުވައްޒަފުން އެކަންތައް ކުރަމުން ގެންދޭތޯ ބެއްލެވުން އެއީވެސް ކޮންމެ ވެރިއެއްގެ ވާޖިބަކަށްވާނެކަމަށް އަޅުގަނޑު ދެކެން. އަދި ވަރަށް މުހިންމު އެހެން ނުކުތާއެއްވެސް އެބައޮތް. އެއީ މުވައްޒަފުންގެ ޑިސިޕްލިން ހިފެހެއްޓެވުން. ވަރަށްގިނަފަހަރަށް މިހާރު އެކަން އޮންނަނީ ގިނަ ތަންތާނގައި ބޮއްސުންލައިގެން ގޮސްފައި. އެހެންވެގެން އެއްވެސް އޮފީހެއްގެ މަސައްކަތެއް ރަނގަޅަކަށް ނުހިނގާނެ. ކޮންމެ މުވައްޒަފަކުވެސް ގަވާއިދަށް ޙުރްމަތްތެރިކޮށްހިތަންޖެހޭނެ. އަދި އެމީހަކު ކުރަން ޖެހިފައިވާ ކަމެއް ރަނގަޅަށް ކުރަންޖެހޭނެ. އެހެންވީމާ، ކޮންމެ އޮފީހެއްގެވެސް ވެރިޔަކު އެކަން ބައްލަވައި، ގަވާއިދާ ޚިލާފަށް ކަންތައްކުރާ މީހުންނާ ދޭތެރޭގައި ފިޔަވަޅު އަޅުއްވައި، ނަޞޭޙަތް ދެއްވައި، އިންޒާރު ކުރައްވައި ނުވަތަ އެމީހުން ލައްވައި އެ ކުރަންޖެހޭ ކަމެއް ކުރައްވައި، އެމީހުންގެ އެހުރިހާ ކަމެއްވެސް ހުރިހާ ޢަމަލުތަކެއްވެސް އޮފީހުގެ ތެރޭގައި ހުންނަނީ ގަވާއިދުތައް ހަމަޖެހިފައިވާ ގޮތަށްތޯ ބައްލަވައި، ޑިސިޕްލިން ހިފެހެއްޓެވުމަކީ އޮފީސް އޮފީހުގެ ވެރިންގެ މަސްއޫލިއްޔަތެއް. ހާޒިރީއަށް ފަރުވާބަހައްޓައިތޯ ބެއްލެވުން. އެމީހުން ލައިގެން ތިބޭ ހެދުން އެއީ ސަރުކާރު ގަވާއިދު ހުއްދަކުރާގޮތަކަށް ލައިގެން ތިބޭ ހެދުމެއްތޯ ބެއްލެވުން. އެއީ ބައެއް ތަންތާނގައި އެކަންވެސް އޮންނަނީ ހިސާބަކަށް ދޫވެފައި.
 
މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހު، ރައީސް އޮފީހުން ހެދުމާބެހޭ ދެންނެވުމެއް އޮންނާނީ ނުކުމެފައި. އޭގެކުރީގެ ހުރިހާ ދެންނެވުންތައް ބާޠިލުކޮށްފައި، މިހާރު ހަމަޖެހިފައިވާގޮތް. އެގޮތަށް މުވައްޒަފުން ހެދުންލައިގެން ތިބޭތޯ ބެއްލެވުން އެއީވެސް ވަރަށް ބޭނުންތެރި ކަމެއް. މިހާރު އޮންނަ ގޮތުން ކުރިއަށްވުރެ ތަންކޮޅެއް ފަސޭހަވާނެ ކަމަށް އަޅުގަނޑަށް ލަފާކުރެވޭ. ހެދުމަށް އެހާބޮޑު އަހަންމިއްޔަތެއް ދޭންޖެހޭ ސަބަބަކީ އެއީ، ސަރުކާރުގެ އަދި މުވައްޒަފުންގެ ޤަދަރު ހިފެހެއްޓުން. އެހެން މީހުންގެ ކުރިމަތީގައިވެސް އެ ގަވާއިދުން ހެދުން ލައިގެން ތިބީމާ، އެއީ އެމީހުންނަށް އެހެން ފަރާތްތަކުގެ އިޙްތިރާމް ވަރަށް ބޮޑަށް ލިބޭ ކަމަކަށްވާނެކަން ޔަޤީން. އޮފީހުގެތެރޭގައި މުވައްޒަފުންގެ ޢަމަލުތައް ހުންނަގޮތް މަސައްކަތްނުކޮށް އެކަކު އަނެކަކާ ވާހަކަ ދައްކައި ސަމާސާކުރަން ތިބޭތަން ދިމާވޭ ބައެއްފަހަރު. އަޚްލާޤީ ގޮތުންވެސް ބައެއް ތަންތާނގައި ހިސާބަކަށް ނޭދެވޭގޮތަށް، ބައެއް މުވައްޒަފުންގެ މެދުގައި ކަންތައް ހުރުން އެކަށީގެންވޭ. ހުންނާނެ. އެހެންވީމާ، އެކަންތައްތައްވެސް ބައްލަވައި، އެހުރިހާ ކަމެއްވެސް ތަންކޮޅެއް ހަރުދަނާ ޑިސިޕްލިންއެއްގެ ދަށުން ގެންދެވޭތޯ ބެއްލެވުން އެއީ ވަރަށް ބޭނުންތެރި ކަމެއްކަމަށް އަޅުގަނޑު ދެކެން.

 

 
ދެން މިގޮތުން ބައްލަވާއިރު، މަސައްކަތަށް ފަރުވާކުޑަކުރާ މުވައްޒަފުން، ދެއްވާ ނަޞޭޙަތް ގަބޫލުނުކުރާ މުވައްޒަފުން ނުވަތަ ކަނޑައެޅިގެން ގަވާއިދާ ޚިލާފަށް ކަންތައް ކުރާ މީހުން، ކުށްކުރާ މީހުން، މި މީސްމީހުންނާ ބެހޭގޮތުން ގަވާއިދުން ފިޔަވަޅު އަޅުއްވަންޖެހޭނެ. އެއީ އެއްވެސް ހާލެއްގައި އެމީހުންނަށް ކުރެއްވޭ ބޭއިންޞާފެއް ކަމަށް ބައްލަވައިގެން ނުވާނެ. އެއީ އެމީހަކަށް އެމީހަކާ ބެހޭގޮތުން އެފިޔަވަޅު އަޅުއްވަންޖެހެނީ އެމީހަކު ކަންތައް ކުރާގޮތުން. އެކަން އެ މުވައްޒަފަކަށް ކުރިއްސުރެ ސާފުވެފައި އޮންނަނިކޮށް، އެމީހަކުވެސް ޝަކުވާކުރާނެ ތަނެއް ނޯންނާނެ. ގަވާއިދުން ފިޔަވަޅު ނާޅުއްވައި ހުރުމުގެ ސަބަބުން ޑިސިޕްލިން ގެއްލިގެންދަނީ. ހުރިހާ ކަމެއް ބޮއްސުންލައިގެން ދަނީ. އެއްވެސް މީހަކާ ބެހޭގޮތުން ކަމެއް ކުރެއްވޭކަށެއް ނޯވޭ. ހަމަ ދިމާއަށް ބައެއްފަހަރަށް މުވައްޒަފުން ޒުވާބުކޮށް، އަންގަވާ ކަންތައް ނުކޮށް ނުވަތަ މަސައްކަތަށް ފަރުވާކުޑަކޮށް އެބަ ހަދާ.
 
ދެން އަޅުގަނޑު ދަންނަވާލަން ބޭނުން އަނެއް ޕޮއިންޓަކީ، ޢާންމުންނާ ބެހޭގޮތުން އޮފީސް އޮފީހުގެ ކަންތައް ވީހާ ރަނގަޅަކަށް ބެހެއްޓެވޭތޯ ބައްލަވާށޭ! ޢާންމުންގެ ކަންތައްތައް އަވަސްކޮށްދެއްވޭތޯ ބެއްލެވުން. ސިޓީތަކަށް ޖަވާބު ދެއްވުން. ވަރަށް ގިނައިން އޮފީސް އޮފީހަށް މީސްމީހުންގެ ޝަކުވާ އާދޭ. ތިމަންނަ މިވެނި ކަމަކާ ބެހޭގޮތުން މިވެނި އޮފީހަކަށް މިވެނި ތާރީޚެއްގައި ސިޓީއެއް ފޮނުވީމޭ. މިހާރު ތިން މަސްދުވަސް ވެއްޖެއޭ. ހަތަރު މަސްދުވަސް ވެއްޖެއޭ، އެއްވެސް ޖަވާބެއް ނުލިބެއޭ. ބައެއްފަހަރަށް ބަލާއިރު އެއީ ހަމަ ތެދަކަށްވޭ. ބައެއް ތަންތަނުން ހަމަ ޖަވާބު ނުދެއްވައި، ތިންމަސް ހަތަރުމަސް ވެފައި ހުރޭ. އެހެން އެކަންވުމަކީ ވަރަށްދެރަ ކަމެއް. ސާފު ޖަވާބު އެއްފަހަރާ ދެއްވެން ނެތްނަމަ، ވަގުތީ ޖަވާބު ދެއްވުން އެއީ ކުރެއްވިދާނެ ކަމެއް. މައްސަލަ ބައްލަވާފައި، ޖަވާބެއް ދެއްވާނެކަމަށް. އެއީ ބައެއްފަހަރަށް އެ ހުށަހަޅާ ކަންތައްތަކަކީ އެހެން ފަރާތްފަރާތާ ގުޅުއްވައިގެން ސާފުކުރައްވަން ޖެހިވަޑައިގަންނަވާ ކަހަލަ ކަންތައްތަކަކަށް ވެދާނެ. އެހެން ވެއްޖިއްޔާ އެގޮތަށް ޖަވާބު ދެއްވާފައި، އެކަމެއް ސާފުކުރެއްވުނު ދުވަހަކުން ޖަވާބު ދެއްވަން ބޭއްވެވީމާ ރަނގަޅުވާނެ. އެހެންނަމަވެސް، ފުރަތަމަވެސް ކޮންމެވެސް ކަހަލަ ޖަވާބެއް ދެއްވަންވާނެ.
 
މީގެއިތުރަށް ޢާންމުންނަށް ގަވާއިދުން ވެދެއްވެން އޮތް ކޮންމެ އެހީއެއް ވެދެއްވުމަކީ ހަމަ ކޮންމެހެން ބޭނުންކަމެއް. އެހެން މި ދެންނެވީ ބައެއްފަހަރަށް މީހުންނަށް ކަންތައް އޮޅިގެން، ކަމާނުބެހޭ ފަރާތަކަށް ސިޓީވެސްލާފާނެ. މައްސަލައަކާ ބެހިގެން ހިނގައިދާނެ. ދިޔައިމާ އެތަނުން ޖަވާބު ދެއްވަފާނެ، [މިތަނާ ބެހޭ ކަމެއް ނޫނޭ.] ދެން ކޮންތަނަކަށްތޯ ދާންވީ ސުވާލުކޮށްފިއްޔާ، ގިނަފަހަރަށް ރަނގަޅު ޖަވާބެއް ނުލިބޭނެ. ސަރުކާރުގެ ބޭނުމަކީ ޢާންމުންނަށް ޚިދުމަތް ކުރުން ކަމަށްވަންޏާ، އަޅުގަނޑު ދެކޭގޮތުގައި އެއީ އެތަނަކާބެހޭ ކަމަކަށް ނުވާނަމަ، އެހެން ވިދާޅުވުން އެއީ އޮތް ކަމެއް. އެހެންނަމަވެސް، އޭނާ ދެން ދާންޖެހޭ ދިމާއެއް އެނގިވަޑައިގަންނަވަންޏާ، [ކަލޭ ދާންޖެހޭނީ މިވެނި ދިމާއަކަށޭ] އެހެން ވިދާޅުވެލެއްވުން އެއީ އަޅުގަނޑު ހިތުން އޮތް ކަމެއް. ރީތިގޮތެއް. މީހުންނަށް އެހީތެރިކަން ބެހެއްޓެވުމުގެ ގޮތުން، "ދެން ތިމައްސަލައިގައި މިވެނި ފަރާތަކަށް ދިޔުން ރަނގަޅުވާނޭ. ތިޔަކަމާބެހޭ ފަރާތަކީ މިވެނި ފަރާތެކޭ." އެހެން ނެހެއްދެވޭތީ ވަރަށްގިނަ މީހުން ޝަކުވާކުރާތަން ދިމާވޭ. އެއީ އެހެން ހެއްދެވުމުން އޮފީހަށް ލިބޭ އެއްވެސް އުނިކަމެއް ނެތް. މީހަކަށް އެހީތެރިކަން ބެހެއްޓެވުނީ. އެއީ އަޅުގަނޑު ދެކޭގޮތުގައި ވަރަށް ރަނގަޅު ޚިދުމަތަކަށްވެސްވާނެ. މީސްމީހުންނަށް ޖަވާބު ދެއްވާއިރުވެސް ވީހާ ބޮޑަކަށް މާތްކޮށްހިއްތަވައިގެން ޖަވާބު ދެއްވޭތޯ ބެއްލެވުން އެއީވެސް ވަރަށް ރަނގަޅު ކަމެއް ކަމަށް އަޅުގަނޑު ދެކެން. ބައެއް ތަންތަނުން ދިމާވާ ގޮތަކީ، ޖަވާބު ދެއްވާއިރު އަޅުގަނޑު ނުދަންނަވަން، އޮފީސް އޮފީހުގެ ވެރިންނެކޭ. އެ ޖަވާބުދޭ މީހަކު، ސެކްރެޓަރީއަކު ކަމުގައިވިޔަސް ނުވަތަ ކާތިބަކު ކަމުގައިވިޔަސް، ނުކުމެ ޖަވާބުދޭއިރު ތަންކޮޅެއް ހަރުކަށިގޮތަކަށް ޖަވާބުދެނީ. ބައެއްފަހަރަށް ކުޑަކޮށް ރުޅިއައިސްގެން، ނޫނީ އަދަބާޚިލާފު ގޮތަކަށްވެސް ޖަވާބުދީފާނެ. އެ ބޭރުން އަންނަ މީހަކީ އެއްވެސް މީހެއް ކަމަށް ނުބެލި ދެވޭ ކަހަލަ ޖަވާބެއްވެސް ދެވިދާނެ. އެހެން ނަހައްދަވައި ހުރިހާ މުވައްޒަފުންނަށްވެސް އަންގަވައިގެން މީހުންނަށް ޖަވާބުދޭއިރުވެސް، އެމީހުންނަށްވެސް އިޙްތިރާމް ކުރައްވައިގެން ޖަވާބު ދެއްވުން އެއީ ރަނގަޅު ގޮތެއް ކަމަށް އަޅުގަނޑު ދެކެން. އަޅުގަނޑު ހަދާގޮތަކީ ރައީސް އޮފީހަށް ކޮންމެ މީހަކު ސިޓީ ލީކަމުގައިވިޔަސް، ޖަވާބުދެނީ ރީތިބަހުން، މާތްކޮށް. އެއްވެސް މީހަކަށް ހުތުރުބަހުން ޖަވާބެއްނުދެން. އެއީ ކޮންމެ މީހެއް ކަމުގައިވިޔަސް، އެއީ އަޅުގަނޑު ދެކޭގޮތުގައިވެސް އުޞޫލަކަށްވާތީ. އެހެން ހެދުމަކުން އޮފީހުގެ ޤަދަރު ކުޑައެއްނުވޭ. މީހުންނާ ރީތިކޮށް ވާހަކަ ދެއްކުމަކުން މާތްކޮށް ޖަވާބު ދިނުމަކުން. އެ ޖަވާބުދޭ މީހާގެ ޤަދަރުވެސް ކުޑައެއްނުވޭ. އަޅުގަނޑު ހިތުން އެމީހާގެ ޤަދަރު، އެހެން މީހުންގެ ކުރިމަތީގައި މަތި ވިއްޔާ ވާނީ.
 
ވީމާ، އިޙްތިރާމާއެކު ޖަވާބު ދެއްވުމާއި ޢާންމުންނަށް އެހީތެރިކަން ބެހެއްޓެވުމާ، މިކަންކަމަށް އޮފީސް އޮފީހުގެ ވެރިންވެސް ސަމާލުކަމެއް ދެއްވައިގެން އަދި މުވައްޒަފުންނަށް އަންގަވައިގެން މުވައްޒަފުން ލައްވައި، އެގޮތަށް އެކަންތައް ކުރުއްވުން އެއީ ވަރަށް ރަނގަޅު ކަމެއް. އެއީ ކޮންމެ ތަނެއްގައިވެސް ޢާންމުންނާ ބެހޭގޮތުން ޖަވާބު ދޭން ނުވަތަ އެހެން ކަންތައްތައް ކުރަން ތިބޭނީ އެހެން މީސްމީހުން. ތިޔަބޭފުޅުންނެއް ނޫން ތިއްބަވާނީއަކީ. އެހެންވީމާ، އެމީސްމީހުންނަށް އެގޮތް އަންގަވައިގެން އެގޮތަށް ޖަވާބު ދެއްވާގޮތަށް ހަމަޖެއްސެވުން އެއީ، އަޅުގަނޑު ދެކެނީ ވަރަށް ބޭނުންތެރި ކަމެއް ކަމުގައި. އޭރުން މީހުންގެ ޝަކުވާ ކުޑަވެ އަދި އެމީހުންނަށްވެސް ތިމަންނަމެންނާމެދު އޮފީސް އޮފީހުން ކަންތައް ކުރައްވަނީ ރަނގަޅަށްކަން ދޭހަވާނެ. އިޙްސާސް ކުރެވޭނެ.
 
މުވައްޒަފުން ރަސްމީގަޑީގައި ބޭރަށްދިޔުން އެއީވެސް ވަރަށް ނުހިފެހެއްޓިފައި އޮންނަ ކަމެއް. މިހާރު ހަމަޖެހިފައިވާ ގޮތުން، ރަސްމީގަޑި 7:30 ން 1:30 އަށް އޮތީމާ ތަންކޮޅެއް ބޮޑަށް ބައްލަވަންޖެހޭނެ ކަމަށް އަޅުގަނޑަށް ފެނޭ. އެއީ އިތުރު ވަގުތެއް ދެން ނެތް. ކޮންމެހެން އޮފީސް މެންދުރުފަހުން ހުޅުވަން ޖެހިއްޖިއްޔާ ނޫނީ ނުހުޅުވާގޮތަކަށް މިއޮތީ. އެހެންވީމާ، އެ 6 ގަޑިއިރުގެ މަސައްކަތް ފުރިހަމައަށް އޮފީހަށް ލިބުން އެއީ ކޮންމެހެން ބޭނުންތެރި ކަމެއް. އެހެންވުމާއެކު، ކޮންމެހެން ބޭނުންވެއްޖެ ހިނދެއްގައި ނޫނީ އެއްވެސް މުވައްޒަފަކު އޮފީހުން ބޭރަށް ދިޔުން އެއީ މުޅިން މަނާކަމެއް ކަމުގައި ހައްދަވަންޖެހޭނެ ކަމަށް އަޅުގަނޑަށް ފެނޭ. ސަރުކާރުގެ އެއްވެސް އޮފީހަކުން ކުރައްވާ މަސައްކަތަކީ އެހެން އެއްވެސް އޮފީހަކާ ކުޑަކޮށްވެސް ބެހޭ ކަމަކަށްވާނަމަ، އެ އޮފީހަކާ ވާހަކަ ދައްކަވައިގެން ނުވަތަ އެ އޮފީހަކަށް އެނގިވަޑައިގަންނަވާ ގޮތަކަށް އެކަމެއް ކުރެއްވުން އެއީވެސް ވަރަށް ބޭނުންކަމެއް. މީގެކުރިން އަޅުގަނޑު ހިތުން ކޮންމެވެސް ދެންނެވުމެއްވެސް ގޮސްފައި އޮންނާނެ. އެއްފަރާތަކުން ކުރައްވާ ކަންތައްތައް، އަނެއް ފަރާތަކަށް އެނގިވަޑައިގަންނަވާ ގޮތަށް ކުރައްވަން. އެއީ ބެހޭ ފަރާތްތަކަށް އެނގިވަޑައިގަންނަވާ ގޮތަށް. ރާއްޖެތެރޭގެ ކަންތައްތައް ވިއްޔާ އަތޮޅުވެރިންނާ ބައްސަވައިގެން ކުރައްވަން. ޕްރޮވިންޝަލް އެފެއާޒަށް އެނގިވަޑައިގަންނަވާ ގޮތަށް ކުރައްވަން. އަދި އެހެން ކަންތައްތައްވެސް އެއް އޮފީހުން  ކުރައްވާ ކަމަކީ އަނެއް އޮފީހަކާ ކުޑަކޮށްވެސް ގުޅޭ ކަމެއް ކަމަށްވަންޏާ، އެތަނަކާ ވާހަކަފުޅު ދައްކަވައިލެއްވުން. ނުވަތަ އެތަނަކަށް އެ ފޮނުއްވާ ސިޓީއެއްގެ ކޮޕީއެއް ފޮނުއްވުން. މިއީ އަޅުގަނޑު ހިތުން ކުރެއްވިދާނެ ކަމެއް. އެއިން މަސައްކަތަށް އިތުރު ހަލުއި ކަމެއް ލިބި، އެ ސަރުކާރު ހިނގަމުންދާގޮތް ގިނަ މީހުންނަށް އެނގި، ކަންތައްތައް ފަސޭހަވަމުންދާނީ.
 
ދެން އޮތް އަނެއް ނުކުތާއަކީ، އަމިއްލަ ފަރާތްތައް ލައްވައި ސަރުކާރުގެ އޮފީސްތަކުން މަސައްކަތް ކުރައްވާއިރު، އެ މަސައްކަތް އެބަޔަކު ގެންދަނީ އެކަށީގެންވާ ގޮތަކަށްތޯ ބެއްލެވުން. ވަރަށްގިނަ މަސައްކަތްތައް މިހާރު އަމިއްލަ ފަރާތްތަކާ ހަވާލުކުރެވެމުންދަނީ. ކޮންޓްރެކްޓް ދޭ އުޞޫލުގެ މަތީން. އެކަމުގެ ގަވާއިދެއްވެސް ވަނީ ރައީސް އޮފީހުން ހަމަޖައްސާފައި. އެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތް ހަވާލުކުރައްވަމުން ގެންދަވަނީ. އެހެންނަމަވެސް، އެ މަސައްކަތް އެބަޔަކު އެކުރަނީ، އެކަން ކުރަންވީ ގޮތަށްތޯ ބެއްލެވުން، އެވާނެ އޮފީސް އޮފީހުގެ ވެރިންގެ މަސްއޫލިއްޔަތަކަށް. އެބޭފުޅުންނަށް ސީދާ ބެއްލެވެން ނެތިއްޔާ، އޮފީހުގެ ސެކްރެޓަރީ ފޮނުއްވައިގެން ނަމަވެސް ނުވަތަ ރަނގަޅު ފެންވަރެއްގެ މުވައްޒަފަކު ފޮނުއްވައިގެން ނަމަވެސް، އެ މަސައްކަތް ކުރަމުންދާގޮތް ބައްލަވަންވާނެ. އެހެން ނޫނީވިއްޔާ ބައެއްފަހަރަށް ދިމާވާގޮތަކީ އެ މަސައްކަތާ ހަވާލުވެވަޑައިގަންނަވަންޖެހޭއިރު އޮންނަނީ ގަބޫލުފުޅުނުކުރެއްވޭ ގޮތަކަށް މަސައްކަތް ނިންމާފައި. ދެން ވަރަށްބޮޑު މައްސަލައެއް ޖެހިދާނެ، އެފަރާތަކުން އެއްބަހެއް ނުވާނެ، އިތުރަކަށް އަލުން އެހެން މަސައްކަތެއް ކުރާކަށް. ދެން މިކަހަލަ ކިތަންމެ ކަމެއް ދިމާވެގެން، އެންމެފަހުން އޮފީހަށް މަޖުބޫރުވަނީ އެމަސައްކަތް ބަލައިގަންނަން. އެހެންވީމާ، ކުރިއްސުރެ އޮފީހުން ބައްލަވަމުން ގެންދަވަންޏާ އެކަހަލަ ގޮތެއް ދިމައެއްނުވާނެ.
 
ދެން އޮތް އެންމެ މުހިންމު އަނެއް ނުކުތާއަކީ، ޤާނޫނާއި ގަވާއިދުތަކުގެ ތެރެއަށް މުވައްޒަފުން ހޭލެއްވުން. މުވައްޒަފުންނަށް ޤާނޫނާއި ގަވާއިދުތައް އަންގަވައިދެއްވުން. އެއީ ވަރަށްގިނަ މުވައްޒަފުންނަށް ބައެއް ޤާނޫނުތައް އޮންނަނީ އޮޅިފައި. ނުވަތަ އެއީ ހުންނަ ޤާނޫނުތަކެއްކަން ނުދަންނަ މީހުން ތިބޭ. ޤާނޫނުފޮތް ޗާޕުކޮށްގެން އޮފީހުގައި ގެންގުޅުނު ކަމުގައިވިޔަސް، އެ ބަލައިނުލެވެންޏަކާ، އޭގައި ހުންނަ ޤާނޫނުތަކެއް ނޭނގޭނެ. އަދި ގަވާއިދުތަކެއްވެސް ނޭނގޭނެ. ރައީސް އޮފީހުން ފޮނުވާ ދެންނެވުންތައްވެސް ފައިލްކޮށްލާފައި ބެހެއްޓުމަކުން އެއިން މާބޮޑު ފައިދާއެއް ނުކުރާނެ. އެހެންވީމާ، އެ ގަވާއިދުތައް ހަމަޖެހިފައި ހުންނަގޮތް މުވައްޒަފުންނަށް އަންގަވައިދެއްވަމުން ގެންދެވުން އެއީ އޮފީސް އޮފީހުގެ ވެރިންގެ މަސްއޫލިއްޔަތެއް. ޚާއްޞަކޮށް، އަލަށްވަންނަ މުވައްޒަފުންނަށް އެކި ކަންކަން ކުރަންވީގޮތް ސާފުކޮށް އަންގަވައިދެއްވުމަކީ ކޮންމެހެން ބޭނުން ކަމެއް. އެއީ އެމީހުންނަށް ގަވާއިދު އޮންނަގޮތް ނޭނގިގެން ނުބައިކޮށް ނުވަތަ ގަވާއިދާ ޚިލާފަށް ކަންތައްތައް ކުރަމުންދާތީ. ޢާންމުކޮށް ބަލާއިރު، ސަރުކާރު ހިނގަމުންދާ އުޞޫލުތައް ހުރިހާ މުވައްޒަފުންނަށްވެސް އެނގިފައި އޮތުމަކީ ކޮންމެހެން ލާޒިމުކަމެއް. އެހެންވީމާ، މިނުކުތާތަކަށް ވިސްނަވައިގެން ކުރިއަށް އޮތް ތާނގައި ގެންދެވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން.
 
ދެން އަދި އަޅުގަނޑު ފުރަތަމަ ގަސްތުކުރި ވަގުތުކޮޅު ހިނގައްޖެ. އެހެން ނަމަވެސް، ވަރަށް އަވަހަށް ދެތިން ހަތަރު ނުކުތާއެއް ދަންނަވާލާނަން. އެއީ ވަޒީފާއާ ބެހޭގޮތުން ހުރި ބައެއް މައްސަލަތައް. ވަޒީފާއާ ބެހޭގޮތުން އެކި މީސްމީހުން ވަޒީފާއަށް ލައްވަން ފޮނުއްވާއިރު ދިމާވާ ބައެއް ކުދިކުދި ދަތިތައް. މީހުން ލެއްވުމަށް ފޮނުއްވާއިރު މަޤާމުގެ ނަން އޮންނަގޮތް ނޫން ގޮތްގޮތަށް ބައެއްފަހަރަށް ލިޔުއްވިފައި ހުރޭ. އެހެންވުމުން މައްސަލަ ދަތިވެ، ލަސްވެ އެކަހަލަ ކަންތައް އެބަ ދިމާވޭ. ހުސް މަޤާމެއް އޮތްތޯ ނުބައްލަވައި، ބައެއްފަހަރަށް މީހުން ލެއްވުމަށް އެބަ ފޮނުއްވާ. އެއީ ބައެއްފަހަރަށް ގަވާއިދު އޮންނަގޮތުން، ކުރިން އޮތް މަޤާމެއްވެސް އެއްމަސްދުވަސްވީމާ، މީހަކު ނެތުމުގެ ސަބަބުން ރައީސް އޮފީހުން އުނިކޮށްފައި އޮވެދާނެ. އެހެން އޮއްވައި މަޤާމު އިތުރުނުކުރައްވައި ފޮނުއްވާފާނެ މީހަކު ލައްވަން. މުސާރަ ކަނޑައެޅުމާބެހޭ ޤާނޫނާ ޚިލާފަށް އެކިއެކި މަޤާމުތަކަށް ވަކި މުސާރައެއް ވިދާޅުވެފައި، އެ މުސާރައަށް މީހުން ލެއްވުމަށް ބައެއްފަހަރަށް ފޮނުއްވާފައި ހުރޭ. އެހެން ނަމަވެސް، އެއީ އެ ޤާނޫނާ އެއްގޮތަށް ކުރެއްވޭ ކަމަކަށްނުވޭ. މުވައްޒަފުން އެއްތަނުން އަނެއްތަނަށް ބަދަލުކުރެއްވުމަށް ލިޔުއްވާއިރު، އެމީހަކު އުޅޭ ތަނުގެ އިޢުތިރާޒެއް އޮތްތޯ ނުބައްލަވައި ފޮނުއްވޭގޮތް އެބަދިމާވޭ. ބައެއްފަހަރަށް އެހެން ދިމާވުމުން، ވަރަށް ބޮޑެތި މައްސަލަތައްވެސް ނުކުމޭ. އެއީ މުސާރަ ބޮޑު ތަނެއްގެ ވަޒީފާއެއް ކަމަށްވަންޏާ، އެ މުވައްޒަފަކު ދާން ބޭނުންވާނެ. އެހެންނަމަވެސް، ބަލާއިރު ވާގޮތަކީ ވަކި ޚާއްޞަ ބޭނުމަކު ވަކިކަމަކަށް ފަރިތަކޮށްދެވިގެން އޭނަ އުޅޭ ތަނަށް ލެވިފައި ހުރި މީހަކަށްވެދާނެ. އެހެންވެއްޖިއްޔާ އޭނާ ކުއްލިއަކަށް އެ މަޤާމުން އެހެން މަޤާމަކަށް ބަދަލުކޮށްފިއްޔާ، އޭނަހުރި ތަނަށް ވަރަށްބޮޑު އުނިކަމެއް ލިބޭ. އެހެންނަމަވެސް، އެ ބަދަލުވަނީ ބޮޑު މުސާރައެއް ލިބޭ ތަނަކަށްވާތީ އޭނާ އެދެނީ ބަދަލުވާން. އޭނާއަށް އެނގޭ މިކަން އެބަ ހިނގާކަން. ދެން ބަދަލުކޮށްނުދީފިއްޔާ އެންމެފަހުން އޭނާ ނަފްރަތުވާތަން އަންނާނެ. އެންމެ ބޮޑަށް އޭނާ ހިތަށްއަރާނީ ރައީސް އޮފީހުން އެކަން ކޮށްނުދިނިއްޔޭ.
 
ދެން މުވައްޒަފުން ވަކިކުރެއްވުމަށް ނުވަތަ ބަދަލުކުރެއްވުމަށް ލިޔުއްވާއިރު، އެ މުވައްޒަފަކު ސަރުކާރަށް ލެއްވުނު ނަމާއި އެޑްރެސް ނޫން ގޮތަކަށް ލިޔުއްވައި ފޮނުވިފައި އެބަހުރޭ. އެހެންވީމާވެސް ރައީސް އޮފީހަށް ވަރަށްބޮޑު ދައްޗަކަށް އެކަންވޭ. ސަރުކާރަށް ވަކިމުއްދަތަކަށް ޚިދުމަތްކުރަންޖެހޭ މީހުން ވަކިކުރެއްވުމަށް ފޮނުއްވާއިރު، އެމީހެއްގެ ބޮންޑުގެ މައްސަލަ އޮތްގޮތް ނުލިޔުއްވައި ބައެއްފަހަރަށް އެބަ ފޮނުއްވޭ. އެހެންދިމާވުމުންވެސް ރައީސް އޮފީހުން އެމީހަކު ވަކިކޮށްފައި، ފަހުން ބަލާއިރު އެއީ ބޮންޑު އޮތް މީހަކަށްވެގެން، ދެން ޖެހެނީ މައްސަލަ ރަނގަޅު ކުރަން އިތުރު އެތައް ފިޔަވަޅެއް އަޅަން. ވަކި މަސައްކަތަކަށް ޚާއްޞަވެ، އެމީހަކު ނެތުމުން ތަނަށް ދަތިވާފަދަ މީހުން އެހެން ތަންތަނަށް ގެންދަވަން ލިޔުއްވުން އެއީ  އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އެތަނަކާ ވާހަކަފުޅު ނުދައްކަވައި ބައެއްފަހަރަށް އެކަން ކުރެއްވުމުން ދިމާވާ ކަމެއް.
 
ދެން އޮތް ޕޮއިންޓަކީ އެކިއެކި ކޯސްތަކުގައި ފޮނުއްވާ މީހުންގެ ވަޒީފާގެ ކަންތައް ގަވާއިދުން ހަމަނުޖައްސަވައި ބެހެއްޓެވުން. އެކަމާބެހޭ މުވައްޒަފަކު ހަނދާންނެތިގެން ނަމަވެސް، މީހަކު ކޯހެއްގައި ފުރުމުން، އެމީހަކާ ބެހޭގޮތުން ރައީސް އޮފީހަށް ފޮނުއްވަންޖެހޭ މައްސަލަ ނުފޮނުއްވެވި އެބައޮވޭ ބައެއްފަހަރަށް. އެއީ، ބައެއްފަހަރަށް މީހުން އެބަދޭ ވަޒީފާ ވަކިކުރައްވާފައި، ވަކިކޮށްފައި އެހެންނަމަވެސް މުސާރަ ލިބޭގޮތަށް. އަނެއްބައި މީހުން ދަނީ މުސާރަ ނުލިބޭގޮތަށް. އެހެންވީމާ، އެ ވަރަށްބޮޑު ތަފާތެއް އެ ދެގޮތުގައި އެބައޮތް. ކަނޑައެޅިގެން އެމީހަކު ކޯހުގައި އެ ފުރީ މިވެނި ގޮތަކަށްކަން ރައީސް އޮފީހަށް އެންގެވުމަކީ، އެހެންވީމާ ވަރަށް ބޭނުންކަމެއް.
 
އާދެ، މިއީ އަޅުގަނޑު މިރޭ ދަންނަވާލަންހުރި ކަންތައްތަކަކީ. މިހުރިހާ ކަމަކީވެސް ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަންތައްތައް. އެއްވެސް ބޭފުޅަކަށް އެނގިވަޑައިނުގެން އޮތް ކަމެއް މީގެތެރެއަކު ނޯންނާނެކަން އަޅުގަނޑަށް އެނގޭ. އެހެންނަމަވެސް، ހަނދުމަފުޅުކޮށް އެރުވުމުގެ ގޮތުންނާއި އަދި މިކަންކަމަށް އިތުރު ސަމާލުކަމެއް ދެއްވުމަށް އެދެވޭތީ މިވާހަކަ ދަންނަވާލީ.
 
ދެން އަޅުގަނޑު ދެންނެވި ވާހަކަތައް ސަމާލުކަމާއެކު އައްސަވަން ތިއްބެވި ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އޭގެފަހުގައި އެހެން މުވައްޒަފުންނާ ބައްދަލުކޮށްލަން ޖެހިފައިވުމާއެކު، މިހިސާބަށް އަޅުގަނޑު ކުރުކޮށްލަނީ.
 

                  السّلام عليــكم