2016 ވަނަ އަހަރު [ވިޒިޓް މޯލްޑިވްސް އިޔަރ] ގެ ގޮތުގައި ފާހަގަކުރެއްވުމަށް ސަރުކާރުން ކަނޑައަޅުއްވައި، މި އަހަރުގެ ތެރޭގައި 1.5 މިލިޔަންގެ ރިކޯޑު އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ގެނައުމުގެ އަމާޒާއެކު، [ވިޒިޓް މޯލްޑިވްސް އިޔަރ] ގެ ކެމްޕޭން ފުރިހަމަ ގޮތުގައި ކުރިއަށް ގެންދެވުމަށް ސަރުކާރުން ނިންމަވާފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.     މި ކެމްޕޭނުގެ ދަށުން، މި އަހަރުގެ ތެރޭގައި ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދެވުމަށް ހަމަޖައްސަވާފައިވާ ކަމަށާއި، މިއީ ކާމިޔާބު ކެމްޕޭނަކަށް ހެއްދެވުމަށްޓަކައި، ތިރީގައި މިވާ [ވިޒިޓް މޯލްޑިވްސް އިޔަރ] ގެ ޚާއްޞަ ލޯގޯ، ސަރުކާރުގެ ރަސްމީ ސިޓީތަކާއި، އެކިއެކި ލިޔުންތަކުގައި ބޭނުންކުރެއްވުމަށް ނިންމަވާފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

        [ވިޒިޓް މޯލްޑިވްސް އިޔަރ] ގެ ލޯގޯ

ވީމާ، މި ފެބުރުވަރީ މަހުގެ 15 ވާ ހޯމަ ދުވަހުން ފެށިގެން އަހަރު ނިމެންދެން، ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ ސިޓީތަކާއި، އެކިއެކި ލިޔުންތަކުގައި، [ވިޒިޓް މޯލްޑިވްސް އިޔަރ] ގެ ލޯގޯ ބޭނުންކުރެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުގެ ރަސްމީ ސިޓީތަކާއި އެކިއެކި ލިޔުންތަކުގައި މި ލޯގޯ ޖެއްސެވުމަށްޓަކައި،   މި ލޯގޯގެ ތައްގަނޑެއް ހެއްދެވުމާބެހޭގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމުން ސަރުކާރުގެ އޮފީސްތަކަށް މަޢުލޫމާތު ދެއްވާނެ ކަމަށާއި، އެ މަޢުލޫމާތު ލިބިވަޑައިގަތުމުން، އެ ލޯގޯއާއި އެ ތައްގަނޑު ހައްދަވައި، މި އަހަރުގެ ތެރޭގައި ބޭނުންކުރައްވަމުން ގެންދެވުމަށް ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.