بســم اللّـه الرّحمـن الرّحيــم
         
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ، އެއްވެސް ޝައްކެއްނެތް. މި ބަރަކާތްތެރި އާ އަހަރު ފެށޭ ދުވަހު، މާލޭގައި ހޮސްޕިޓަލެއްގެ ބިންގާ އެޅޭކަން އެއީ، ވަރަށްވެސް ރަނގަޅު ފާލެއް. އަޅުގަނޑު ދެކޭގޮތުގައި މިހާ މަތިވެރި ޢާންމު ޚިދްމަތަކުން މިއަހަރު ފެށޭ ކަމުގައި ވަންޏާ، އިރާދަކުރެއްވިއްޔާ މިއަހަރަކީ ހުރިހާ ގޮތަކުންވެސް ރާއްޖޭގެ ރައްޔިތުންނަށް ލުއި ފަސޭހަތަކާއި އިތުރު ޚިދްމަތްތައް ލިބޭނެ އަހަރަކަށްވާނެ.
 
އާދެ، ދެންމެ މިނިސްޓަރ އޮފް ހެލްތު އެ ދެއްކެވި ވާހަކަފުޅުގައި، އެ ވިދާޅުވިފަދައިން، އަޅުގަނޑުމެން މިވަގުތު އެންމެ ބޮޑަށް ޝުކުރުވެރިވާންޖެހެނީ، اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް. އެކަލާނގެ ރަޙްމަތްފުޅުގެ ތަނަވަސްކަމުން، އަދި އެކަލާނގެ ދެއްވި ތައުފީޤުގެ މަތީން، އަޅުގަނޑުމެންނަށް މިފަދަ މުހިންމު މަޝްރޫޢުތައް ރާވައި، އެކަމަށް ޢަމަލީ ސިފަ ގެނެވޭކަމަށްޓަކައި. އޭގެފަހުގައި މިއަދު އަޅުގަނޑުމެން ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންގެ ޝުކުރު ޙައްޤުވާ ފަރާތަކީ، އެއްވެސް ޝައްކެއްނެތްގޮތުގައި، ލީބިއަން އެރެބް ޖަމާހިރިއްޔާ. އާދެ، އެ އެކުވެރި އެ ރަޙްމަތްތެރި ޤައުމުގެ ފަރާތުން އަޅުގަނޑުމެންނަށް އެކި ރޮނގުރޮނގުގައި ވެދެމުންދާ އެހީތައް ގިނަގުނަ. އެފަރާތުން އަޅުގަނޑުމެންނަށް ލިބޭ ޚިދްމަތްތައް މަތިވެރި. އެކަމުގެ ހުރިހާ ޝުކުރެއް ރައްދުވަނީ މިހާރު ލީބިއާގެ ޒަޢީމް ކާރނަލް މުޢައްމަރުލް ޤައްޛާފީއަށާއި، އެމަނިކުފާނުގެ ސަރުކާރަށް.
 
އާދެ، މި ތާރީޚީ މުނާސަބަތުގައި، މިދެންނެވީ 14 ވަނަ ހިޖުރީ ޤަރުނުގެ ނިމޭ އަހަރަށް އަޅުގަނޑުމެން ކުރިމަތިލާ ދުވަހު، މިފަދަ ކަމެއްގެ ބިންގާ އެޅޭކަން އެއީ އިސްލާމީ އުޚުއްވަތްތެރިކަމުގެ އަލިގަދަ ހެއްކެއް. މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ފަދައިން، އެންމެހައި މުސްލިމުން އެކުވެރިވެ އެކަތިގަނޑަކަށްވެގެން އަޅުގަނޑުމެންގެ ޙަޔާތް ތަރައްޤީ ކުރުމަށް ކުރާ މަސައްކަތުގެ ވަރަށް ސާފު ދަލީލެއް މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ. އެއީ، ލީބިއަން އެރެބް ޖަމާހިރިއްޔާއާއި ދިވެހިރާއްޖެއާ ދެފަރާތުގެ އެއްބާރުލުމުގެ ނަތީޖާއެއްގެ ގޮތުން، ދިވެހި ރައްޔިތުންނަށް ފައިދާހުރި ޚިދްމަތެއްގެ ބިންގާ އެޅޭކަން. އާދެ، ދެންމެ އޮނަރަބްލް މުޞްޠަފާ ޙުސައިން އެ ވިދާޅުވި ފަދައިން، މިތާނގައި މި ހޮސްޕިޓަލްގެ ބިންގާ އެޅޭކަން އެއީވެސް އަޅުގަނޑުމެން ވަރަށް އުފާކުރުން އެކަށީގެންވާ ކަމެއް. އެގޮތަކީ މިހާރު މާލޭގައި ހުރި ހޮސްޕިޓަލުން ލިބޭ ޚިދްމަތްތަކުގެ ދާއިރާ ފުޅާވެގެންދާނެތީ. އަދި ޚާއްޞަކޮށް، މިތަނަކީ މިހާރު މާލޭގެ ފަޅުތެރޭން ބިން ހިއްކުމުގެ މަޝްރޫޢު ހިނގާ ތަން ކަމަށްވުމާއެކު، މިހިސާބުގަނޑުގައި ކުރިއަށް އޮތް އަހަރުތަކުގައި އުޅޭނެ މާލޭގެ ރައްޔިތުންނަށް، މިތާނގައި ހޮސްޕިޓަލެއް އެޅުމުން ލިބޭނެ ލުއިފަސޭހަތައް ގިނަކަމުން.
 
އެއްވެސް ޝައްކެއްނެތް. މިނިސްޓަރ އޮފް ހެލްތުގެ ވާހަކަފުޅުގައި، އެ ބަޔާންކުރެއްވި ފަދައިން، ޞިއްޙަތަކީ ވަރަށް މުހިންމު އެއްޗެއް. އަޅުގަނޑު ދަންނަވާނީ، ޞިއްޙަތަކީ އިންސާނުންގެ އެންމެ އަގުހުރި ރައުސުލްމާލޭ. އެކަންވަނީ އަޅުގަނޑުމެންގެ މާތް ދީނުގައިވެސް ފާހަގަކުރައްވާފައި. ޞިއްޙަތަށް ދޭންވީ އަހަންމިއްޔަތު، ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި އަދި އަޅުގަނޑުމެންގެ މާތް ރަސޫލާ عليه الصَّلاة والسّلامގެ ނަބަވީ އިރުޝާދުތަކުން އަޅުގަނޑުމެންނަށް ލިބިފައިވޭ. އިސްލާމްދީނުގައި ޞިއްޙަތަށް ދެއްވާފައިވާ މަޤާމު ބަޔާންކޮށްދޭ ކިތަންމެ ކަންތައްތަކެއް އަޅުގަނޑުމެންނަށް ދީނުގައި ފެންނަން އެބަހުރި.
 
އާދެ، އޭގެތެރެއިން ބައެއް ކަންތައްތައް ދަންނަވާލާނަމަ، އަޅުކަމުގެ ދާއިރާގައިވެސް ޞިއްޙަތަށް ރައްކާތެރިވުމުގެ ގޮތުންނާއި، އިންސާނާގެ ހަށިގަނޑާއި ވިސްނުމާއި އަދި ބުއްދީގެ ބާރުތައް ސަލާމަތްކުރުމަށްޓަކައި ދެއްވާފައިވާ ލުއިތައް އެއީ މިދެންނެވި ބަހުގެ ވަރަށް ސާފު ހެއްކެއް ކަމުގައި ނުވެނުދާނެ. މިސާލަކަށް، ބަލިވެއުޅޭ މީހާ ރޯދަ ދޫކޮށްލުން. ދަތުރުވެރިޔާ ރޯދަ ދޫކޮށްލުން. އެއީ ދަތުރުގެ ސަބަބުން ލިބޭ ވަރުބަލިކަމުގެ އިތުރަށް، ބަލީގެ ސަބަބުން ލިބޭ ވަރުބަލިކަމަށްޓަކައި. އަދި ރޯދައިގެ ސަބަބުން ލިބޭ ވަރުބަލިކަމަށްޓަކައި. މިކަންކަން މިހެން ހުރުމާއެކު، އިންސާނާގެ ބާރުތައް ދެރަވެ، ބަލިތައް ދިފާޢުކުރުމުގެ ބާރު ދެރަވެދާނެތީ، އެކަމަށް ރައްކާތެރިވުމުގެ ގޮތުން ދީނުގައި މިކަން މިގޮތަށް ހަމަޖައްސަވައި ލުއިކޮށްދެއްވާފައިވަނީ.
 
ހަމައެފަދައިން، އަޅުގަނޑުމެން އެންމެންވެސް ދަންނަމު، ނަމާދަކީ އިސްލާމްދީނުގެ އެންމެ މުހިންމު އެއް ފަރުޟު. ނަމާދަށް ވުޟޫކުރުމަކީ، ކޮންމެހެން ކުރަންޖެހޭނެ ކަމެއް. ނަމާދު ޞައްޙަވުމުގެ ޝަރުޠެއް. އެކަން އެހެން އޮތުމާއެކުވެސް، ބަލިމީހާގެ ބަލިޙާލު ހުންނަގޮތުން، ވުޟޫކުރުމުގެ ބަދަލުގައި ތަޔަންމަމް ކުރުންވެސް އޮތީ ޖާއިޒު ކުރައްވާފައި. ސަބަބަކީ ފެނުގެ ބޭނުން ކުރުމުން، ބަލިމީހާގެ ހަށިގަނޑަށް ލިބިދާނެ އިތުރު ނުބަޔަކަށްޓަކައި، އެކަމުން އެމީހާ ސަލާމަތްކޮށްދެއްވުމަށް. އެއާއެކު ދަންނަވަންޖެހެނީ އިސްލާމީ ޢިބާދާތުގެ އެހެނިހެން ދާއިރާތަކުގައިވެސް އިންސާނާގެ ހަށިގަނޑަށާއި ޞިއްޙަތަށް ރައްކާތެރިވުމަށްޓަކައި އިތުރު ކަންތައްތައް ދީނުގައި ޝަރުޢު ކުރައްވާފައިވެއޭ. އިތުރު މިސާލެއް ދަންނަވަނީނަމަ، ޙައްޖުވެރީން އިޙްރާމް ބަނދެގެން ތިބޭ ހިނދު، އެއިން މީހެއްގެ ބޮލަށްޖެހޭ ބައްޔެއްގެ ސަބަބުން ބޯ ބޭލުން ހުއްދަ ކުރައްވާފައިވޭ. އިޙްރާމް ބަނދެގެން ތިބޭ އެހެން މީހުންނަކަށް މިއީ ހުއްދަ ކަމެއް ނޫން. އެގޮތަށް ބޯ ބޭލި ނަމަވެސް، އެމީހާގެ އިޙްރާމަކީ ޞައްޙަ އިޙްރާމެއް. އަދި އެމީހާގެ ޙައްޖަކީ ޞައްޙަ ޙައްޖެއް.
 
އޭގެއިތުރަށް، ދީނުގެ ބައެއް މުހިންމު ކަންތައްތައް، ވަރަށް ބޮޑެތި ކަންތައްތައް ޙަރާމް ކުރައްވާފައިވަނީވެސް އިންސާނާގެ ހަށިގަނޑަށް ނުވަތަ ޞިއްޙަތަށް، ނުވަތަ ބުއްދިއަށް ލިބިދާނެ ގެއްލުމަކަށްޓަކައި. އޫރުމަސް ޙަރާމްކުރައްވާފައިވަނީވެސް އެ ސަބަބަށްޓަކައި. ބަނގުރާ ބުއިން ޙަރާމްކުރައްވާފައިވަނީވެސް އިންސާނާގެ ބުއްދި ސަލާމަތުން ބެހެއްޓުމަށްޓަކައި. މަސްތުވާތަކެތި ބޭނުންކުރުން ޙަރާމްކުރައްވާފައި ވަނީވެސް އިންސާނާގެ ބުއްދިއާއި ޞިއްޙަތު ސަލާމަތްކުރުމަށްޓަކައި. މިހުރިހާ ކަމެއް މިހެން ހުރުމާއެކު، އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އިސްލާމްދީނުގައި ޞިއްޙަތަށް ދެއްވާފައިވާ މަތިވެރި މަޤާމު އެނގޭ.
 
އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ޞިއްޙަތަކީ ނުވަތަ ފުރިހަމަ ޞިއްޙަތަކީ، އިންސާނިއްޔަތަށް ލިބިފައިވާ އެންމެ އަގުހުރި ރައުސްމާލު. ފުރިހަމަ ޞިއްޙަތަކާނުލައި ތަޢުލީމެއް ނޯންނާނެ. ފުރިހަމަ ޞިއްޙަތަކާނުލައި މުއްސަނދިކަމެއް ނޯންނާނެ. ފުރިހަމަ ޞިއްޙަތަކާނުލައި މަސައްކަތްތެރިކަމެއް ނޯންނާނެ. ފުރިހަމަ ޞިއްޙަތަކާނުލައި އިޤްތިޞާދީ ކުރިއެރުމެއް ނޯންނާނެ. އެހެން ބަހަކުން ދަންނަވަނީނަމަ، ފުރިހަމަ ޞިއްޙަތަކާނުލައި އިންސާނާ މިދުނިޔޭގައި ބޭނުންވާ އެއްވެސް ކަމަކާ ހަމަޔަކަށް ވާސިލެއް ނުވެވޭނެ. އަޅުގަނޑުމެންގެ މާތް ނަބިއްޔާގެ އިރުޝާދުތަކުގައި، ޞިއްޙަތު ސަލާމަތްކުރުމަށްޓަކައި ދެއްވާފައިވާ މުހިންމު އިރުޝާދުތަކުގެ ތެރެއިން ބައެއް ކަންތައްތައް ފާހަގަކޮށްލުން އެއީ މިވަގުތު ބޭނުންކަމެއް ކަމަށް އަޅުގަނޑު ދެކެން. އާދެ، ރަސޫލާ އަންގަވާފައިވަނީ، ބައްޔަށް ފަރުވާކުރުމަށް. އެއްވެސް އިންސާނަކަށް ބައްޔެއް ޖެހިއްޖެނަމަ، އެ ބައްޔަކަށް ފަރުވާކުރުމަށް އަވަސްވެގަތުމަށް ކީރިތި ރަސޫލާ އަންގަވާފައިވޭ. ހަމައެފަދައިން، ގައިންގަޔަށް އަރާ ބަލިބަލިން ސަލާމަތްވުމަށާއި ރައްކާތެރިވުމަށް ކީރިތި ރަސޫލާ އަންގަވާފައިވޭ. ވަރަށް މަޝްހޫރު ޙަދީޘެއްގައިވޭ. [إذا سمعتم الطاعون بأرض فلا تدخلوها وإذا وقع بأرض وأنتم فيها فلا تخرجوا منها.] އާދެ،  މި ޙަދީޘްފުޅުގެ މުރާދަކީ، [ތިޔަބައިމީހުންނަށް طاعون ބަލި (އެއީ ޕްލޭގް) އެ ބަލި އެއްވެސް ރަށެއްގައި އުޅޭކަން އެނގިއްޖެނަމަ، އޭގެ ޚަބަރު ތިޔަބައިމީހުންނަށް ލިބިއްޖެނަމަ، އެ ރަށަކަށް ނުވަންނާށޭ. އަދި ތިޔަބައިމީހުން ރަށެއްގައި އުޅެނިކޮށް، އެ ބަލި އެ ރަށުގައި ފެތުރިއްޖެނަމަ، ތިޔަބައިމީހުން އެރަށަކުން ނުވތަ އެ ބިމަކުން ނުނިކުންނާށޭ.] އެއީ މިހާރުވެސް އަޅުގަނޑު ހިތުން މިޒަމާނުގައިވެސް ޑޮކްޓަރުން އެއްބަސްވާ އުޞޫލެއް. ގައިންގަޔަށް އަރާ ބަލި، ބަލިޖެހިފައިވާ މީހުން އެއްފަރާތަކަށްލުން. ނުވަތަ އެމީހުންގެ ބަލި، މުޖްތަމަޢަށް ފެތުރިގެންނުދާނޭ ގޮތްތަކެއް ރޭވުން. އޭގެއިތުރުން، ކާބޯތަކެއްޗަށް ރައްކާތެރިވުމަށާއި، ކާބޯތަކެތި އަޅާފައި ހުންނަ އެކިއެކި އެއްޗެތި ނިވައިކުރުމާއި، އެ އެއްޗެތީގައި މަތިޖަހައިގެން ގެންގުޅުމަށް ރަސޫލާ އަންގަވާފައިވޭ. ހަމައެފަދައިން، އަޅުގަނޑުމެން ބޯ ފެނާއި އަދި އެހެނިހެން ކަންތައްތަކުގައި ބޭނުންކުރާ ފެން، ނަޖިހުން ސަލާމަތްކުރުމަށްވެސް އަންގަވާފައިވޭ.
 
މިހުރިހާ ކަންތައްތަކުގެ މާނަ. އެއާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާލައިފިނަމަ، އެއްވެސް ޝައްކެއްނެތި އަޅުގަނޑުމެންނަށް އެބަ އެނގޭ، މިހުރިހާ ކަމެއްގެ ސިއްރަކީ، އަދި ސަބަބަކީ އިންސާނާގެ ޞިއްޙަތު ސަލާމަތްކުރުންކަން. އަދި އިންސާނާއަށް ދިމާވާ އެކިއެކި ނުރައްކާތެރި ބަލިބަލިން އިންސާނާ ދިފާޢުވުންކަން. އެކަން އެހެން އޮތުމާއެކު، އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވާއިރު، އަޅުގަނޑުމެންގެ ޞިއްޙަތު ސަލާމަތްކުރުމަށް ވަރަށް އެކަށީގެންވާ ސަމާލުކަމެއް ދޭންޖެހޭނެ. ޞިއްޙަތު ސަލާމަތްކުރުމުގައި، ތަފާތު ގޮތްތަކެއް އެބަހުރި. އެގޮތްތަކާ ދޭތެރޭގައި އަޅުގަނޑުމެންނަށް މެދުނުކެނޑި ޑޮކްޓަރުންނާއި، އެކަމާބެހޭ މާހިރުންގެ އިރުޝާދުތައް ދަނީ ލިބެމުން. ވީމާ، އެ އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދިޔުމަކީ، ޞިއްޙަތު ސަލާމަތްކުރުމަށްޓަކައި ކޮންމެހެން ބޭނުންކަމެއް.
 
އާދެ، ދެން އަޅުގަނޑު އެނބުރިލާނީ، ސަރުކާރުން ޞިއްޙަތަށްދޭ އަހަންމިއްޔަތާ ދޭތެރޭގައި ދެތިންބަހެއް ދަންނަވާލުމަށް. ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނޭ ފަދައިން، މިމަހުގެ 12 ވަނަ ދުވަހު، އަޅުގަނޑު ދިވެހި ޤައުމާ މުޚާޠަބުކޮށް ދެއްކި ވާހަކައިގައި، ބައެއް ކަންތައްތައް ސަރުކާރުން ކުރަމުން ގެންދާގޮތާ ދޭތެރޭގައި ހިސާބަކަށް އަލިއަޅުވައިލިން. އެދުވަހު ކަންތައްތައް ދިމާވިގޮތުން، ޚާއްޞަކޮށް، ވިއްސާރަވެ މޫސުމް ނުބައިވުމުގެ ސަބަބުން އަޅުގަނޑު  ދައްކަންހުރި ބައެއް ވާހަކަ ވަނީ ނުދެއްކި. އޭގެތެރެއިން އެއްކަމެއް، ޞިއްޙަތަށް ސަރުކާރުންދޭ އަހަންމިއްޔަތުގެ ވާހަކަ. އާދެ، އަޅުގަނޑުވެސް އެއްބަސް. މިއަދާ އެދުވަހާ ތަފާތު. މި މުނާސަބަތަކީ، އެކަހަލަ މުނާސަބަތެއް ނޫން. އެހެންކަމުން، މާބޮޑު ތަފްޞީލަކަށް ދިއުމަކަށް އަޅުގަނޑު ގަސްދެއްނުކުރަން. އަޅުގަނޑު ދަންނަވާލާނީ، ކުރުކޮށް މިހާރު ސަރުކާރުން ޞިއްޙަތަށް ދެއްވާ އަހަންމިއްޔަތުގެ މައްޗަށް ދެތިން ބަހެއް.
 
އާދެ، ތިޔަ އެންމެ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖެތެރޭގައި ރީޖަނަލް ހޮސްޕިޓަލްތަކެއް އެޅުމަށް ވަނީ ގަސްދުކުރެވިފައި. އަދި އެކަމުގެ މަސައްކަތްވެސް މިހާރުވަނީ ހިސާބަކަށް ފެށިފައި، ހދ. ކުޅުދުއްފުށީގައި. އޭގެފަހުން ސ.އަތޮޅުގައިވެސް ރީޖަނަލް ހޮސްޕިޓަލެއް އެޅުމަށް ތަނެއްވަނީ މިހާރު ހަމަޖެހިފައި. މީގެކުރިންވެސް ދައުލަތުން ޞިއްޙަތަށް ވަރަށް ޚާއްޞަ އަހަންމިއްޔަތެއް ދެއްވާފައިވޭ. އޭގެތެރޭގައި، މާލޭގައި މި ހޮސްޕިޓަލް ބިނާކުރުން. އަދި ރާއްޖެތެރޭގައި އެކިއެކި ހެލްތު ސެންޓަރުތައް އުފެއްދުން ހިމެނޭ. އޭގެއިތުރަށް އަޅުގަނޑުމެންގެ ޞިއްޙީ ޚިދްމަތްތައް މިހާރުވަނީ ވަރަށްމަތީ ދަރަޖައަކަށް އިތުރުކުރަންވެފައި. އެއީ ޞިއްޙީ ޚިދްމަތަކީ، ދިވެހިރާއްޖޭގެ ކޮންމެ ފަރުދަކަށްވެސް ޙައްޤުވެގެންވާ އެއްޗަކަށްވާތީ. މިގޮތުން، މިއަހަރުގެ ތެރޭގައި ރާއްޖެތެރޭގައި އިތުރު ތިން ހެލްތު ސެންޓަރ ހުޅުވިއްޖެ. މިހާރު ހުރި އަދަދަކީ 23. ލީބިއާގެ އެހީގައި އަދިވެސް އެހެން ވަރަށްބޮޑު ޚިދްމަތެއް، އަޅުގަނޑުމެންނަށް ވަރަށް އަވަހަށް ލިބޭނެކަމުގެ ޔަޤީންކަން މިހާރުވަނީ ލިބިފައި. އެއީ ޞިއްޙީ ފަރުވާއަށްޓަކައި ރާއްޖެތެރޭގައި ދުއްވާނޭ، އެކަމަށް ތައްޔާރުކުރެވިފައިވާ ދެ އުޅަނދު ލީބިއާގެ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރައްވަން ވަނީ ގަސްދުކުރައްވާފައި. އެ ދެ އުޅަނދު، ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި ލިބޭނެކަން މިހާރުވަނީ އެނގިފައި.
 
ރާއްޖެތެރޭގެ ހުރިހާ ކަމަކަށް މިއަދު ސަރުކާރުންދޭ އަހަންމިއްޔަތާ ގުޅިގެން ރާއްޖެތެރޭގެ ޞިއްޙަތަށްވެސް އެހާބޮޑު އަހަންމިއްޔަތެއް ދޭ. އޭގެ ނަތީޖާއެއްގެ ގޮތުން، ރާއްޖެތެރޭގައި ފާޚާނާލުމުގެ މަސައްކަތް މިހާރު ހިނގަމުން އެބަދޭ 4 ރަށެއްގައި. އެއީ ރ. އަތޮޅު ކަނދޮޅުދޫ،  ބ. އަތޮޅު ތުޅާދޫ، ޅ. ނައިފަރު، ޅ. ހިންނަވަރު. މީގެއިތުރަށް، ވަރަށްގިނަ އެހެން ރަށްރަށުގައިވެސް މި މަސައްކަތް ކުރުމަށް މިހާރުވަނީ ހަމަޖެހިފައި. ޔޫ.އެން.ސީ.ޑީ.އެފް.ގެ އެހީގައި ރާއްޖޭގެ 30 ރަށަކަށް ބޯފެނާއި ފާޚާނާގެ  ކަންތައްތައް ހަމަޖެހެމުން މިހާރު އެބަދޭ. އެއީ ރާއްޖެތެރޭގެ 9 އަތޮޅުގެ 17 ރަށުގައި 46 ތާނގީ މިހާރުވަނީ ބެހެއްޓިފައި. އަދި ފާޚާނާ ހަދަން ފެށިފައިވޭ 4 ރަށެއްގައި. އެއީ، އަޅުގަނޑު ކުރިން ދެންނެވި 4 ރަށް.
 
އާދެ، މާލޭގައިވެސް ޞިއްޙީ ޚިދްމަތްތަކަށް އިތުރު ދާއިރާތަކެއް ތަނަވަސްވެފައިވޭ. އޭގެތެރެއިން އެއްކަމެއް، މިތާ ވަރަށް ކައިރީގައި އަޅުގަނޑުމެންނަށް ފެންނަން އެހެރީ. އެއީ މިހިސާބުގަނޑުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށްޓަކައި ސަރުކާރުން ތައްޔާރުކުރި ފެންހޮޅިތަކާއި ފާޚާނާތަކެއް. މިކަމަށް ވަރަށްބޮޑެތި ޚަރަދުތައް ހިނގާފައިވޭ. އެހެންނަމަވެސް، އެކަމަކީ ކޮންމެހެން މިހިސާބުގަނޑަށް ބޭނުން ޚިދްމަތަކަށްވާކަމަށް ފެނިގެން އެކަމަށް އެ ޚަރަދު ކުރެވިފައިވަނީ. ސަރުކާރުގެ ބަޖެޓުން މިކަމަށް، މި ދެކަންތަކަށް، ފެންހޮޅިލުމަށާއި، މިތާނގައި އެހުރި ފާޚާނާތައް ތައްޔާރުކުރުމަށް 388,597/56 ރުފިޔާ މިހާރުވަނީ ޚަރަދުވެފައި.
 
ގަވަރންމަންޓް ހޮސްޕިޓަލަކީ، މިހާރު ރާއްޖޭގައި ހުރި ޞިއްޙީ ފަރުވާދޭ އެންމެ އެކަށީގެންވާ މަރްކަޒު. ޞިއްޙީ ޚިދްމަތްތައް އެތަނަކުން އެންމެ މަތީ ދަރަޖައަކަށް ރާއްޖޭގައި ލިބެންހުރީ މާލޭގައި ހުރި ހޮސްޕިޓަލުން. އެހެންކަމުން، ހޮސްޕިޓަލްގެ ވަރަށްގިނަ ޚިދްމަތްތައް ހިލޭ ދިނުމަށް މިހާރުވަނީ ހަމަޖެހިފައި. އެއީވެސް އަޅުގަނޑު ދެކޭގޮތުގައި، ޢާންމު ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކުރެވިފައިވާ ކަމެއް. ހޮސްޕިޓަލްގެ ވަޒީފާތަކުގެ އަދަދުވެސް މިހާރުވަނީ އިތުރުކުރެވިފައި. އެއީ ހޮސްޕިޓަލްގެ ޚިދްމަތްތައް އެކަށީގެންވާ ރަނގަޅު ދަރަޖައަކަށް ނުލިބުމުގެ އެންމެބޮޑު ސަބަބަކީ، ހޮސްޕިޓަލްގެ ސްޓާފުންގެ މަދުކަން ކަމަށްވާތީ. މިއަހަރުގެ ތެރޭގައި 27 މުވައްޒަފުން އިތުރުވެ، މިހާރު ހޮސްޕިޓަލްގައި 146 މީހުން އެބަތިބި. ހަމައެފަދައިން، އެލައިޑް ހެލްތު ސަރވިސަސް ޓްރޭނިންގ ސެންޓަރ. މި ސެންޓަރުންވެސް ވަރަށް އެދެވޭ ޚިދްމަތްތަކެއް މިހާރު ގެންދަވަނީ ކުރައްވަމުން. 1979 ވަނަ އަހަރުގެ ތެރޭގައި މި ސެންޓަރުގައި ތަފާތު ރޮނގުރޮނގުން އަހަރުދުވަހުގެ ތެރޭގައި ގާތްގަނޑަކަށް ޓްރޭނިންގ ދެވޭނެ އެންމެގިނަ އަދަދަކަށް މީހުން ޓްރޭނިންގ ކުރެވިފައިވޭ. އާދެ، އެ އަދަދުތައް ކޮންމެހެން މިވަގުތު އަޅުގަނޑު ދަންނަވާލާކަށްނެތިން. އެހެން ނަމަވެސް، މިވަގުތަށް ޓްރޭނިންގ ދެވެންއޮތް އެންމެގިނަ އަދަދަކަށް މިހާރުދަނީ ޓްރޭނިންގ ދެވެމުން.
 
 1980 ވަނަ އަހަރުގައި ކުރިއަށް ގެންދިޔުމަށް މިނިސްޓްރީ އޮފް ހެލްތުން ރާއްވަވާފައިވާ ބައެއް މުހިންމު ކަންތައްތައް އެބަހުރި. އޭގެތެރެއިން އެއްކަމަކީ، ޕްރައިމަރީ ހެލްތު ކެއަރ ސްކީމްގެ ދަށުން ރާއްޖޭގައި ޕައިލެޓް ޕްރޮޖެކްޓެއް ފެށްޓެވުން. އަނެއްކަމަކީ، ޑަބްލިޔޫ.އެޗް.އޯ.ގެ ސައުތުއީސްޓް އޭޝިއާގެ ރީޖަނަލް ކޮމިޓީގެ މީޓިންގ ރާއްޖޭގައި ބޭއްވުން. މިއީ މިހާތަނަށް ދިވެހިރާއްޖޭގައި ބޭއްވޭ އެންމެބޮޑު އަދި އެންމެ ފުރަތަމަ ބައިނަލްއަޤްވާމީ ޖަލްސާ. ހަނދުމަފުޅު ހުންނާނޭ ފަދައިން، މިއަހަރުގެ ކުރީކޮޅުގައިވެސް ރާއްޖޭގައި ވަނީ ޞިއްޙީގޮތުން ބައިނަލްއަޤްވާމީ ފެންވަރުގެ ޖަލްސާއެއް ބޭއްވިފައި. އެހެންކަމަށްވުމާއެކު، ކުރިއަށް އޮތް އަހަރުގައި އެ ބޭއްވޭ ޖަލްސާއެއްގެ ސަބަބުން ވަރަށް އެކަށީގެންވާ ފައިދާތަކެއް ދިވެހިރާއްޖެއަށް ލިބޭނެކަމާމެދަކު އެއްވެސް ޝައްކެއްނެތް.
 
އާދެ، ދެން އަޅުގަނޑު ދަންނަވާލާނީ، މިހާތަނަށް މިއަހަރު ރާއްޖޭގެ ޞިއްޙަތަށް ކުރެވިފައިވާ ޚަރަދުގެ ޖުމްލަތައް. އާދެ، މި ދަންނަވާލުމުގެ ބޭނުމަކީ، މިހާރުގެ ސިޔާސަތަކީ، ޢާންމުންނަށް ހުރިހާކަމެއް ސާފުކޮށްދިނުން ކަމަށްވާތީ. އެއްވެސް ކަމެއް ފޮރުވިފައި އޮތުމަކީ، އަޅުގަނޑު ދެކޭގޮތުގައި ބޭނުންކަމެއް ނޫން. މިހުރިހާ ކަމެއް ކުރެވެމުން މިދަނީ، ރައްޔިތުންގެ ފައިދާއަށްޓަކައި. ރައްޔިތުންގެ  ޙައްޤުތައް ރައްކާތެރިކުރެއްވުމަށްޓަކައި. ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމަށްޓަކައި. އެހެންކަމަށްވުމާއެކު، ރައްޔިތުންނަށް މިހުރިހާ ކަމެއް އެނގިފައި އޮތުމަކީ، ކޮންމެހެން ބޭނުން ކަމެއްކަމަށް އަޅުގަނޑަށް ފެންނަނީ.
 
އާދެ، 1 ޖެނުއަރީ 1978 ން 31 އޮކްޓޯބަރ 1978 އަށް، 10 މަސްދުވަހުގެ ތެރޭގައި ސަރުކާރުގެ ހޮސްޕިޓަލުން ފަޤީރުންނަށް ހިލޭ ކޮށްދެވުނު ބޭސްފަރުވާ، އެއަށް ޚަރަދުވި ފައިސާއަކީ 34,662/15 ރުފިޔާ. ހަމަ އެ 10 މަސްދުވަހު، މިއަހަރު ޚަރަދުވެފައިވަނީ، 49,157/98 ރުފިޔާ. އިތުރަށް ހިނގާފައިވަނީ 14,495/87 ރުފިޔާ. އެއީ ކުރީ އަހަރަށް ނިސްބަތްކުރާއިރު 41.08 ޕަސެންޓް. ސްޕެޝަލް ވެލްފެއަރ ޑިވިޜަނުން ފަޤީރުންނަށް އެހީވުމުގެ ގޮތުން ކުރައްވާފައިވާ ޚަރަދުތައް، 1 ޖެނުއަރީ 1978 ން 31 އޮކްޓޯބަރ 1978 އަށް، 40,379/59 ރުފިޔާ. ހަމަ އެ 10 މަސްދުވަހުގެ ތެރޭގައި މިއަހަރު ޚަރަދުވެފައިވަނީ 58,850/23 ރުފިޔާ. އިތުރަށް ހިނގާފައިވަނީ 18,470/64 ރުފިޔާ. ކުރީ އަހަރަށް ނިސްބަތްކުރާއިރު އިތުރުވި ނިސްބަތަކީ 45 ޕަސެންޓް. ސަރުކާރުގެ އެކިއެކި ޚާއްޞަ ބަޖެޓުން އެކި ފަރާތް ފަރާތަށް، އެހީއަށް ބޭނުންވާ އެކި ފަރާތް ފަރާތަށް ކޮށްދިން ބޭސްފަރުވާ، އެއީ މާލޭގައި ކުރެވުނު ބޭސްފަރުވާ ކަމުގައިވިޔަސް އަދި ބައެއް މީހުން ކޮންމެހެން ބޭރަށް ބޭސްކުރަންދާން ޖެހިގެން، އެމީހުންނަށް ހޯދައިދެވުނު އެއަރޓިކެޓްގެ އަގު ކަމުގައިވިޔަސް، އަދި އެނޫން ގޮތްގޮތުންވެސް ކުރެވުނު ޚަރަދުތައް ކަމުގައިވިޔަސް، އޭގެ ޖުމްލައަކީ، މިދިޔަ އަހަރު މިދެންނެވި 10 މަސްދުވަހުގެ ތެރޭގައި 75,041/74 ރުފިޔާ. މިއަހަރު އެ 10 މަސްދުވަހުގެ ތެރޭގައި ޚަރަދުވެފައިވަނީ 309,318/22 ރުފިޔާ. އާދެ، އިތުރުވީ 234,276/48 ރުފިޔާ. ކުރީ އަހަރުގެ ޚަރަދަށް ނިސްބަތްކޮށް ބަލާއިރު އެއީ ކުރީ އަހަރުގެ ގާތްގަނޑަކަށް ހަތަރު ގުނަ. އާދެ، މިވާހަކަތައް އަޅުގަނޑު މި ދަންނަވާލީ، އަޅުގަނޑު ކުރިންވެސް އިޝާރާތް ކުރި ފަދައިން، މިހާރު ކަންތައް ކުރަމުންދާގޮތް، ރައްޔިތުންނަށް ރަނގަޅަށް އެނގިފައި އޮތުމަކީ، ބޭނުން ކަމެއްކަމަށް އަޅުގަނޑަށް ފެންނާތީ. އެނޫން އެއްވެސް މަޤްޞަދެއް މިގޮތަށް މި ވާހަކަ ދެއްކުމުގައި ނެތް.
 
އާދެ، އަޅުގަނޑުގެ ވާހަކަ ނިންމާލެވެން އަންނަނީ، މިއަދުގެ އިރުއެރުމާއެކު އިސްލާމީ އުންމަތަށް ފެތުރިގެންދިޔަ ޚަބަރުތަކެއްގެ ވާހަކައަށް އިޝާރާތް ކޮށްލުމަށްފަހު. އާދެ، އެ ޚަބަރުތަކަކީ އަޅުގަނޑުމެން އެންމެންގެ ހިތްތަކަށް، މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މުސްލިމުންގެ ހިތްތަކަށް ވަރަށްބޮޑު ހާސްކަމަކާއި ހިތްދަތިކަމެއް ގެނެސްދިން ޚަބަރުތަކެއް. އާދެ، އެއީ މައްކާގައި ސިޔާސީ ހަމަނުޖެހުމެއް އުޅޭ ވާހަކަ. އެ ސިޔާސީ ހަމަނުޖެހުމުގެ ސަބަބުން، އެކަމުގެ ބައެއް ކަންތައް، ކަޢުބަތުﷲ ގެފުޅަށްވެސް ފޯރާފައިވާ ވާހަކަ. މިއީ އަޅުގަނޑުމެން ވަރަށް ހިތާމަކުރާ ކަމެއް. އަޅުގަނޑުމެންނޭ މިދެންނެވީ، ދުނިޔޭގައި އުޅޭ އެންމެހައި މުސްލިމުން. މިކަމުން ކުރާނޭ ހިތާމައާއި، މިކަމުން އެމީހުންގެ ހިތްތަކަށް ލިބޭނޭ ދަތިކަން. އަޅުގަނޑުމެންނަށް ރަނގަޅަށް އިޙްސާސް ކުރެވޭ. އަޅުގަނޑުމެންގެ ދުޢާއަކީ، މިފަދަ ނުރައްކާތެރި ކަންތައްތަކުން މާތްﷲ އިސްލާމީ އުންމަތްތައް ރައްކާތެރިކޮށްދެއްވުން. މިފަދަ ފިތުނަތަކުން އިސްލާމީ އުންމަތް ސަލާމަތްކޮށްދެއްވުން. އަދި ޚާއްޞަކޮށް، އަޅުގަނޑުމެން އެންމެން ޙުރްމަތްތެރިކޮށްހިތާ މައްކާއާއި އަދި ސަޢޫދީ ޢަރަބިއްޔާގެ މުޤައްދަސް ބިމާއި އަދި ޚާއްޞަކޮށް، ކަޢުބަތުﷲ ގެފުޅު، މިބާވަތުގެ ހުރިހާ ކަމަކުން ރައްކާތެރިކުރައްވައި ބެލެހެއްޓެވުން.
 
އާދެ، އެއްވެސް ޝައްކެތްނެތް، މިވަގުތު ދުނިޔޭގެ ހުރިހާ މުސްލިމުންގެ ހިތްތައްވަނީ ސަޢޫދީ ރައްޔިތުންނާ އެކުގައި. ދިވެހިރާއްޖޭގެ މާނަވީ ތާއީދު ފުރިހަމައަށް ސަޢޫދިއްޔާގެ ކަމާބެހޭ ފަރާތްތަކާ އެކުގައިވޭ. އެއީ މި ހަމަނުޖެހުމުން އެތަން ރައްކާތެރި ކުރެއްވުމަށްޓަކައި ސަޢޫދިއްޔާގެ ކަމާބެހޭ ފަރާތްތަކުން އަޅުއްވާ ފިޔަވަޅުތަކަށް ތާއީދު ކުރުމުގެ ގޮތުން.
 
އާދެ، އެއްވެސް ޝައްކެއްނެތް. މި އާ އަހަރު ފެށިގެންދާ ވަގުތުގައި، މިފަދަ ހިތްދަތި ޚަބަރުތައް ލިބުމަކީ، އެއްވެސް ޙާލެއްގައި އަޅުގަނޑުމެން އެދޭ ކަމެއް ނޫން. އަޅުގަނޑު ދުޢާކުރަނީ، މާތްﷲ އަޅުގަނޑުމެންނަށް މި ވަރުގަދަ އިމްތިޙާނުން ރަނގަޅު ޢިބްރަތެއް ޙާޞިލުކުރެވޭގޮތް ހައްދަވައި ދެއްވުން. އަދި މިއަދު އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ އިމްތިޙާނުގެ ސަބަބުން، ކުރިއަށް އޮތް ތާނގައި މިބާވަތުގެ އެއްވެސް ކަމެއް އިސްލާމީ އުންމަތުގައި ނުހިނގުން.
 
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަދިވެސް އެއްފަހަރު، މިއަދު އަޅުގަނޑުމެން މި ބިންގާ އަޅާ ހޮސްޕިޓަލްގެ ބިންގާ މި އަޅަނީ، ލީބިއަން އެރެބް ޖަމާހިރިއްޔާގެ އިޚްލާޞްތެރި އެހީއެއްގެ ދަށުން ކަމަށްވާތީ، އެ ޤައުމުގެ ވެރިންނަށާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު، ދިވެހި ދައުލަތުގެ ނަމުގަޔާއި އަދި ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރަމުން. ހަމައެފަދައިން، ރާއްޖޭގެ ޞިއްޙީ ޚިދްމަތްތައް ކުރިއަށް ގެންދެވުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތުން ކުރައްވާ މަސައްކަތްތަކަށްވެސް ތަޢުރީފް ކުރަމުން. ޚާއްޞަކޮށް، މިނިސްޓަރ އޮފް ހެލްތު އޮނަރަބްލް އަލްފާޟިލް މުޙަންމަދު މުޞްޠަފާ ޙުސައިން، އެކަމަށް ބަހައްޓަވާ އަހަންމިއްޔަތަށްޓަކައި، އެމަނިކުފާނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަމުން.
 

                  والســّلام عليــكم ورحـمــةاللّـه،