ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުގެ ތެރެއިން، ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިއަހަރުގެ ރިޔާސީބަޔާން ރައްޔިތުންގެ މަޖިލީހަށް މިއަދު އިއްވަވައިފިއެވެ. ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2016 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ވާޖިބު އަދާކުރަމުން މިގެންދަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ބާރު ދަމަހައްޓައިގެން ކަމުގައާއި، އަދި ކުރިޔަށްއޮތް ތާނގައިވެސް މިކަންކަން މިގޮތުގެމަތީން ދަމަހައްޓާނޭ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި، ސަރުކާރުން ވެފައިވާ ގެދޮރުވެރިކުރުވުމުގެ ސިޔާސަތުގެ ދަށުން މާލެއާއި، ހުޅުމާލޭގައި އަޅަމުންދާ ހައުސިންގް ޔުނިޓްތަކުގެ މަސައްކަތް ކުރިޔަށްދާގޮތަށް އަލިއަޅުއްވާލެއްވިއެވެ. މީގެ ތެރޭގައި، މާލޭގައި ޢިމާރާތްކުރަމުންދާ ފްލެޓްތަކުގެ ތެރެއިން ކުރީގެ ޢަރަބިއްޔާ ސްކޫލް ހުރި ބިމުގަޔާއި އަދި ގާކޮށީގައި ހަދާ ފްލެޓްގެ މަސައްކަތް ނިންމައި، މިއަހަރު އެ ދެތަނުގައި މީހުން ދިރިއުޅެން ފަށާނެކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ހުޅުމާލޭގައި 704 ހައުސިންގ ޔުނިޓުގެ މަސައްކަތް މިއަހަރު ނިމޭނެކަމަށާއި، އެތަނުގައި މީހުން ދިރިއުޅެން ފަށާނެކަމަށް ވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވިގޮތުގައި ހުޅުމާލޭ ޔޫތުސިޓީގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 10,120 ހައުސިންގ ޔުނިޓްގެ މަސައްކަތްތައް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށާއި، މީގެއިތުރުން ޗައިނާ އެގްޒިމް ބޭންކުގެ ލޯނުގެ އެހީގެ ދަށުން ފަށާފައިވާ 1500 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތްތައް، މި އަންނަ އަހަރު ނިންމާލެވޭނެކަމަށް ވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރެއްވުމަށާއި، ރާއްޖޭގެ ޢުމްރާނީ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ އެކިއެކި މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި، މަސްވެރިކަމުގެ ދާއިރާއާއި، ދަނޑުވެރިކަމުގެ ދާއިރާއާއި، ޓުއަރިޒަމްގެ ދާއިރާއާއި، އަދުލު އިންސާފުގެ ދާއިރާއާއި، އަންހެނުން ބާރުވެރިކުރުމުގެ ދާއިރާއާއި، އިޖްތިމާޢީ ދާއިރާއިން ސަރުކާރުން ޙާޞިލްކުރައްވާފައިވާ ލަނޑުދަނޑިތަކާއި، މިދާއިރާތަކުން ކުރިއަށް ރާއްވަވާފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ޙިއްޞާ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީބަޔާނުގައި، ޒުވާނުންނަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ ކަންކަން ޚާއްޞަގޮތެއްގައި ފާހަގަ ކުރެއްވިއެވެ. މިގޮތުން، ރާއްޖޭގެ ޒުވާނުންނަށް ވަޒީފާގެ ފުރްޞަތުތައް ހޯދައިދިނުމަށާއި، ވަޒީފާ ބޭނުންވާ ޒުވާނުންނަށް އެކިއެކި ތަމްރީނު ޕްރޮގްރާމްތައް ހިންގައި އަދި ވަޒީފާގެ ދަފްތަރުގެ ނަމުގައި އެކުލަވައިލެވިފައިވާ ޑޭޓާބޭސް މެދުވެރިކޮށް، ޒުވާނުންނަށް ވަޒީފާ ހޯދައިދީ، ވަޒީފާގެ މަޢުލޫމާތު ފޯރުވައިދިނުމުގެ މަސައްކަތް މިހާރުވެސް ކުރަމުންގެންދާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވުމުގެ ގޮތުން ސަރުކާރުން އެކުލަވާލައްވާފައިވާ ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް [ގެޓްސެޓް]ގެ ނަމުގައި 34 ވިޔަފާރިއަކަށް ލޯނުގެ ގޮތުގައި 25.5 މިލިއަން ރުފިޔާ ކަނޑައެޅި، އެ ލޯނުތައް ދޫކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިހާރުދަނީ ހިނގަމުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތަޢުލީމީ ދާއިރާގެ އެންމެ މުހިންމު ލަނޑުދަނޑިއަކީ، އެއްވެސް ކުއްޖަކު ބާކީނުކޮށް، ޢުމުރުން 18 އަހަރުވަންދެން ނުވަތަ އެކުއްޖަކަށް ވަޒީފާގެ ބާޒާރަށް ނުކުމެ ވަޒީފާ އަދާކުރެވޭނޭފަދަ ޤާބިލުކަމެއް ލިބެންދެން ތަޢުލީމުގެ ކޮންމެވެސް ހަރުފަތެއްގައި ނުވަތަ ގިންތިއެއްގައި ގެންގުޅުން ކަމުގައެވެ. އަދި ރާއްޖެއަކީ މިސަރަޙައްދުގައިވެސް 14 އަހަރުގެ ހިލޭ ތަޢުލީމު ދޭންފަށާ ފުރަތަމަ ޤައުމުކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު އިއްވެވި ރިޔާސީބަޔާނުގައި، ދިވެހިރާއްޖެއަކީ، މެލޭރިޔާ ނައްތައިލެވިފައިވާ ޤައުމެއް ކަމަށް ޑަބްލިޔޫ.އެޗް.އޯ އިން ކަނޑައަޅައި، އެކަމުގެ ލިޔުން މިދިޔަ އަހަރު ހަވާލުކުރިކަން އެއީ، ޞިއްޙީ ގޮތުން ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށާއި، އެންސްޕާ އަދި އާސަންދަ މެދުވެރިކޮށް ސްޕެޝަލިސްޓުންނާއި ސްޕަރ ސްޕެޝަލިސްޓުންގެ ޚިދުމަތް، ރާއްޖޭގެ ހުރިހާ އަތޮޅަކަށް މިދިޔަ އަހަރު ފޯރުކޮށްދީ، 6,000 އަށްވުރެ ގިނަ މީހުން ބަލައި ފަރުވާދީފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި އެސް.ޓީ.އޯ.ގެ ބޭސްފިހާރަތައް ޤާއިމުކޮށް، އާސަންދަ މެދުވެރިކޮށް މި ބޭސްފިހާރަތަކުން ރައްޔިތުންނަށް ހިލޭ ބޭސް ދޫކުރަން ފެށުން އެއީ، ޞިއްޙީ ދާއިރާއަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއްކަމަށާއި، ރާއްޖެއިން ލިބެން ނުހުންނަ ޞިއްޙީ ޚިދްމަތްތަކަށް ރާއްޖެއިން ބޭރުގެ 31 ހޮސްޕިޓަލަކުން "ހުސްނުވާ އާސަންދަ"އިގެ ދަށުން ޚިދްމަތް ދެމުން ގެންދާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި، ފެންވަރު ރަނގަޅު ކެތުލެބަކާއި، ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކާއި ކިޑްނީގެ މައްސަލަތަކަށް ޚާއްޞަ ސުޕަރ ސްޕެޝަލިސްޓް ކިޑްނީ ސެންޓަރެއްވެސް މިއަހަރުގެ ތެރޭގައި އައި.ޖީ.އެމް.އެޗް.ގައި ޤާއިމުކުރެވޭނެކަމަށާއި، އަދި ރާއްޖޭގައި ކިޑްނީ ޓްރާންސްޕްލާންޓްގެ ޚިދްމަތް، މި ސެންޓަރުން ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު އިއްވެވި ރިޔާސީބަޔާނުގައި، ދައުލަތުގެ މުދަލަށާއި ފައިސާއަށް އިހުމާލުވެފައިވާ ފަރާތްތަކާއި، ޚިޔާނާތްތެރިވެފައިވާ ފަރާތްތަކާއި، ދައުލަތުގެ މުދަލާއި ފައިސާއާ ގުޅިގެން ކޮރަޕްޝަންގެ ޢަމަލު ހިންގާފައިވާ ފަރާތްތަކާ ގުޅޭގޮތުން މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ރިޕޯޓްތަކުގެ އަލީގައި އެފަދަ ފަރާތްތަކުން ކޮށްފައިވާ ޢަމަލުތަކާ ގުޅިގެން ދައުލަތަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަންއެބަޖެހޭކަމަށާއި، މިގޮތުން، ސަރުކާރަށް ލިބެންޖެހޭ ފައިސާ ހޯދުމަށް، އެފަރާތްތަކުގެ މައްޗަށް ދަޢުވާ އުފުލުމުގެ މަސައްކަތް ބަންޑާރަ ނައިބު މިއަހަރުގެ ތެރޭގައި ފަށްޓަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރިޔާސީ ބަޔާން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ އެންމެ މުހިންމު ލަނޑުދަނޑިއަކީ، ރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުއަސާސީގެ ދަށުން ހަދާފައިވާ ޤާނޫނުތަކަށް ފުރިހަމައަށް ބޯލަނބައި އިޙްތިރާމްކުރާ ބައެއްގެ ގޮތުގައި ދިވެހިން ދެމިތިބުންކަމަށާއި، ރާއްޖެއަކީ ބޮޑެތި ޖިނާއީ ކުށްތައް މަދު، އަދި މަސްތުވާތަކެތީގެ ވަބާއިން ރައްކާތެރިވެފައިވާ ޤައުމެއްގެ ގޮތުގައި ދެމެހެއްޓުން ކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. މީގެ އިތުރުން މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމުގައި މެންބަރުންގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ސަރުކާރަށް ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.