ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ މިރޭ ދަރުބާރުގޭގައި ބޭއްވުނު ފާމަސީ އެސިސްޓަންޓުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ. މިކޯހަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) ގުޅިގެން ކުރިއަށް ގެންދެވުނު ކޯހެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިރޭ ދަސްވެނިވުނު ދަސްވާރުން ވަނީ ގުރޫޕު ފޮޓޯއެއް ނަންގަވާފައެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން، ޑރ. ޢާއިޝަތު ޝިހާމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެކަމަނާ ދެއްކެވި ވާހަކަފުޅުގައި އެންމެ ކުއްޖެއްވެސް ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން މިހާރު ސްކޫލް ނިންމައިގެން ނިކުންނަ ކޮންމެ ކުއްޖަކީވެސް މަސައްކަތްތެރިކަމުގެ ރޮނގުންނާއި ތަޢުލީމީ ރޮނގުން ކުރިއަށް ދެވޭނެ މަގުތަކެއް ލިބިފައިވާ ކުއްޖަކަށް ހެދުމަކީ މިސަރުކާރުން ވަރަށް އިސްކަމެއްދެއްވާ ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. މިގޮތުން، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިސްނެންގެވުމުގެ މަތިން، ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިންގެ (ޓިވެޓް) އޮތޯރިޓީ މެދުވެރިކޮށް އެސް.ޓީ.އޯގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގައި ދިވެހި ފާމަސިސްޓުން ތަމްރީނުކުރުމަށްޓަކައި މިހިންގުނު ކޯސްތަކުންވެސް މިސަރުކާރުން ތަޢުލީމީ އަދި ފަންނީ ދިވެހި ޒުވާނުން އުފެއްދުމަށް މުހިންމުކަން ދެއްވާކަން ހާމަވެގެންދާ ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ. މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޢާއިޝަތު ޝިހާމް ވަނީ، ދިވެހިރާއްޖެއަށް މުޅިން އަލަށް ތަޢާރަފްކުރެވިގެންދާ ދެކޯސްކަމުގައިވާ ލެބޯރެޓަރީ އެސިސްޓަންޓުން ތަމްރީނުކުރުމުގެ ސެޓްފިކެޓް ލެވެލް 3 އަދި 4 ގެ ކޯހާއި ރޭޑިއޯގްރަފީ އެސިސްޓަންޓުން ތަމްރީނުކުރުމުގެ ސެޓްފިކެޓް ލެވެލް 3 އަދި 4 ގެ ކޯސް އިޢުލާން ކޮށްދެއްވާފައެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމް އާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ޓިވެޓް އޮތޯރިޓީގެ އިސްވެރިންނާއި ސަރުކާރުގެ އޮފީސްތަކުގެ އެކިފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.