بســم اللّـه الرّحمـن الرّحيــم
 
        ބަރަކާތްތެރި އަޟްޙާޢީދުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އަޅުގަނޑުގެ އެންމެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. މިރޭ ދިވެހި ޤައުމުގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް އަޅުގަނޑުގެ ހެޔޮއެދުންތައް މި ފޮނުވަނީ، ރާއްޖެތެރޭގެ ރަށެއް ކަމަށްވާ ޅ. ކުރެންދޫން ކަމަށްވާކަން އެއީ ވަރަށް ޚާއްޞަ ގޮތެއްގައި އަޅުގަނޑަށް ފާހަގަކޮށްލެވޭ ކަމެއް.
 
އަޅުގަނޑު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާކުރީ، މިދިޔަ އަހަރުގެ އަޟުޙާ ޢީދުވިލޭރޭ ކަމަށްވުމާއެކު، އަޅުގަނޑަށް މިރޭ ވަނީ ވަރަށް ޚާއްޞަ ރެޔަކަށް. ވީމާ، ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ލިބުނު މަތިވެރި ތާއީދާއި އެހީތެރިކަމަށްޓަކައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ޝުކުރު ދަންނަވަނީ، ހިތުގެ އެންމެ ފުންމިނުން.
 
މި ބަރަކާތްތެރި ޢީދުގައި އެކުލެވިފައިވާ ޤުރްބާނީއާއި، ތިމާގެ އަމިއްލަ ޒާތު އިންކާރު ކުރުމުގެ މަތިވެރި ފިލާވަޅުތަކުން އަޅުގަނޑުމެން އެންމެން އިލްހާމް ލިބިގަންނަމާތޯ؟ އަދި މިމަތިވެރި ފިލާވަޅުތަކުގެ އަލީގައި ދިވެހި ޤައުމާއިގެން ކުރިއަށް ދިޔުމަށްޓަކައި، އާ ޢަޒުމަކާއެކު ޤައުމީ ޚިދްމަތުގެ އަތުކުރި އޮޅާލަމާތޯ؟
 
މާތްﷲ ދިވެހި އުންމަތަށް ބާއްޖަވެރިކަމާއި، ހެޔޮ ނަޞީބާއި، އިތުރު ކުރިއެރުން މިންވަރު ކުރައްވާށި! އާމީން.
 
وَكُلُّ عَامٍ وَأَنْتُمْ بِخَيْر.