بســم اللّـه الرّحمـن الرّحيــم

السّلام عليكم

މިނިވަންކަމުގެ މާތް ނިޢުމަތް އިންސާނުންނަށް ދެއްވި ކީރިތި اللَّـه سبحانه وتعالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އޭގެފަހުގައި މިނިވަންކަމުގެ ރިސާލަތައިގެން މި ދުނިޔެއަށް ވަޑައިގެންނެވި މާތް ސާހިބާ ކައުއިތުރު محمد صلى اللَّـه عليه وسلّم  މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، މިރޭގެ މިޖަލްސާއަކީ، މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވޭ ޖަލްސާއެއް. މިޖަލްސާ ބޭއްވުން އެންމެ އެކަށީގެންވަނީ، ޖުލައި މަހުގެ 26 ވަނަ ދުވަހު. އެހެންނަމަވެސް، މިފަހަރު އަޅުގަނޑުމެންގެ މިނިވަންދުވަސް މިއައީ ބަރަކާތްތެރި ރަމަޟާންމަހުގެ ތެރޭގައި ކަމަށްވުމާއެކު، މިނިވަންދުވަހުގެ ހުރިހާ ކަމެއްވެސް ރޭގަނޑު ކުރާގޮތަކަށް ހަމަޖެހިފައިވާތީ، މިޖަލްސާ 26 ވަނަ ދުވަހު ނުބޭއްވުނީ.

މިނިވަންދުވަހަކީ، މިހާރު ހަމަޖެހިފައިވާ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ މުނާސަބަތުތަކުގެ ތެރެއިން އެންމެ އިސްކަންދެވޭ މުނާސަބަތު. އެގޮތުން މިރޭ އަޅުގަނޑުމެންގެ މިޖަލްސާގައި ރަޙްމަތްތެރި ޤައުމުތަކުގެ ޢިއްޒަތްތެރިން ހާޒިރުވެވަޑައިގެން އެ ތިއްބެވީ. ވީމާ، ދިވެހި ދައުލަތުގެ ފަރާތުންނާއި، ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑުމެންގެ އެކުވެރި ޤައުމުތަކުގެ އެމްބެސެޑަރުންނާއި އަދި އެހެނިހެން ޢިއްޒަތްތެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.  

އާދެ! މިނިވަންދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް، ހިތުގެ އިޚްލާޞްތެރި މުބާރިކްބާދީއާއި ތަހުނިޔާ ރައްދުކުރުމަށް މިފުރުޞަތުގެ ބޭނުން ކުރަން. މިތަހުނިޔާއާއި މުބާރިކްބާދީ، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަޅުގަނޑު މި ރައްދުކުރަނީ، ދައުލަތުގެ ފަރާތުންނާއި އަދި އަޅުގަނޑުގެ އަމިއްލަ ހައިސިއްޔަތުން.

އަޅުގަނޑުމެން މިރޭ މި ފާހަގަކުރާ މިނިވަންކަމަކީ، ދިވެހިރާއްޖެއަށް މީގެ 14 އަހަރު ކުރިން ލިބުނު މިނިވަންކަން. އެއީ އިނގިރޭސީންގެ ޙިމާޔަތުގެ ދަށުގައި ވަރަށް ގިނަ އަހަރުތަކެއް ވަންދެން ދިވެހިރާއްޖެ އޮތުމަށްފަހު، 1965 ވަނަ އަހަރުގެ ޖުލައި މަހުން 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް ލިބުނު ފުރިހަމަ ސިޔާސީ މިނިވަންކަން. އާދެ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިފެހެއްޓުމަކީ، ދައުލަތުގެ އެންމެ އިސް ވާޖިބު. އަދި އަޅުގަނޑު ދެކޭގޮތުގައި އެއީ އަޅުގަނޑުމެންގެ މާތް ދީނުގެ ޙައްޤުގައި އަދި އަޅުގަނޑުމެންގެ ލޮބުވެތި ވަޠަނުގެ ޙައްޤުގައި އަދި އަޅުގަނޑުމެންގެ  ފަޚުރުވެރި ކާބަފައިންގެ ޙައްޤުގައި، ކޮންމެ ދިވެހި ރައްޔިތެއްގެ މައްޗަށް ވާޖިބުވެގެންވާ، ވަރަށް ބޮޑު މަސްއޫލިއްޔަތެއް. މިމަސްއޫލިއްޔަތުގެ ބޮޑުކަމާއި ޚުޠޫރަތްތެރިކަމާމެދު އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް އެކަން އޮޅިގެނެއްނުވާނެ. 

އާދެ، ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ ދާއިރާގައި ފުރިހަމަ ސިޔާސީ މިނިވަންކަން ލިބިގެންވާ ޤައުމެއް. ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އިޙްތިރާމް ލިބިގެންވާ ޔުނައިޓެޑް ނޭޝަންސްގެ މެންބަރު ޤައުމެއް. އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އަޅުގަނޑުމެންގެ ދައުރު ކިތަންމެ ފަނޑުގޮތެއްގައި ނަމަވެސް، އުޅެމުން މިގެންދަނީ އަޅުގަނޑުމެންގެ މިނިވަންކަމަށް ފުރިހަމައަށް ރައްކާތެރިވެ ތިބެގެން. އާދެ! ރާއްޖެއަކީ، އަޅުގަނޑުމެން ގަބޫލުކުރާ އުސޫލުތަކެއްގެ މަތިން ބައިނަލްއަޤްވާމީ ދާއިރާގައި އަމިއްލަ މިނިވަން ސިޔާސަތެއް ގެންގުޅޭ ޤައުމެއް. ވަކިފަރާތަކަށް ނުޖެހޭ ސިޔާސަތު އެއީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު، އޭގެ މައްޗަށް ބިނާވެގެންވާ ވަރަށް މުހިންމު އަޞްލަކަށްވެފައި އޮތީވެސް، މިދެންނެވި މިނިވަންކަން ރައްކާތެރިކުރުމަށްޓަކައި.

އާދެ، އަޅުގަނޑު މިނުކުތާގައި ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ރައްކާތެރިވާންވީ ހަމައެކަނި އަޅުގަނޑުމެންގެ ސިޔާސީ މިނިވަންކަމަކަށްނޫނޭ. އޭގެއިތުރުން އިޤްތިޞާދީ މިނިވަންކަމަށްވެސް އަޅުގަނޑުމެން ރައްކާތެރިވާންޖެހޭނެ. ތަޢުލީމީ މިނިވަންކަމަށްވެސް ރައްކާތެރިވާންޖެހޭނެ. ޘަޤާފީ މިނިވަންކަމަށްވެސް ރައްކާތެރިވާންޖެހޭނެ. އާދެ، ކަންތައްތައް ދިމާވެފައި އޮންނަ ގޮތުން، ދުނިޔޭގެ ބައެއް ޤައުމުތަކަށް ލިބިފައިވަނީ، ހަމައެކަނި ސިޔާސީ މިނިވަންކަމޭ ދެންނެވިދާނެ. މިދެންނެވި ބަހުގެ މާނައަކީ، އެ ޤައުމުތަކުގައި ބޭރުގެ ފަރާތެއްގެ ނުފޫޒު ކޮންމެވެސްވަރަކަށް ހިނގާ ވާހަކަ.  އާދެ، ޤައުމުގެ އިސްވެރިޔަކަށް ހުންނަވަނީ، އެ ޤައުމުގެ އަހުލުވެރިޔަކަށްވީނަމަވެސް، ޤައުމުގެ އެހެނިހެން ކަންތައްތަކާ ބެހޭގޮތުން ބޭރުގެ ބައެއް ޤައުމުތަކުގެ ނުފޫޒު ހިނގާކަން. އިޤްތިޞާދީގޮތުން، ނުވަތަ އެހެނިހެން ގޮތްގޮތުން. ވީމާ އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލަންޖެހޭނެ. އަޅުގަނޑުމެން ރައްކާތެރިވާންވީ ހަމައެކަނި ސިޔާސީ މިނިވަންކަމަކަށް ނޫންކަން. ސިޔާސީ މިނިވަންކަމަށް ރައްކާތެރިވާ މިންވަރަށް އެހެނިހެން މިނިވަންކަމުގެ ބައިތަކަށްވެސް އަޅުގަނޑުމެން ރައްކާތެރިވާންޖެހޭނެކަން. ކިތަންމެ އެކުވެރި، ކިތަންމެ ރަޙްމަތްތެރި ޤައުމެއްގެ ނުފޫޒުވެސް އަޅުގަނޑުމެންގެ މައްޗަށް އަޅުގަނޑުމެންގެ މިނިވަންކަމަށް އެއްވެސް ހުރަހެއް އެޅޭފަދަ ގޮތެއްގައި ފޯރައިގެން ނުވާނެކަން.

އާދެ، ޤައުމެއްގެ މިނިވަންކަން ފެށިގެން އަންނަނީ، އެ ޤައުމެއްގެ އަފްރާދުންގެ މިނިވަންކަމުން. އަފްރާދުންގެ މިނިވަންކަމަށް ރައްކާތެރިވުން އެއީ އަޅުގަނޑުމެންގެ ވާޖިބަކަށް ނުވެނުދާނެ. މިނިވަންކަމަކީ، އިންސާނީ ޙައްޤުތަކުގެ ތެރެއިން އެންމެ އިސް ޙައްޤު. މި ޙައްޤު އަޅުގަނޑުމެންނަށް ދެއްވި ފަރާތަކީ އަޅުގަނޑުމެން ހައްދަވާ ބޮޑުކުރެއްވި ފަރާތް. އެހެންކަމުން މިނިވަންކަމުގެ ޙައްޤު އަޅުގަނޑުމެންގެ އަތުން ނިގުޅައިގަނެވޭނެ އެއްވެސް ބާރެއް ދުނިޔެއަކު ނޯންނާނެ. މިނިވަންކަމަކީ އިންސާނުންނަށް ލިބިފައިވާ އެންމެ މަތިވެރި ޙައްޤު. އެންމެ އަގުހުރި ޝަރަފް. 1948 ވަނަ އަހަރުގައި ބައިނަލްއަޤްވާމީ ގޮތުން ”އިންޓަރނޭޝަނަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް“ މި ޙައްޤުތައް އިޢުލާނު ކުރެވުނު ކަމުގައިވިޔަސް، އަޅުގަނޑުމެންނަށް ޙަޤީޤަތުގައި އެ ޙައްޤުތައް ލިބިފައިވަނީ، މީގެ 14 ޤަރުނުގެ ކުރިން. އާދެ، އިންސާނީވަންތަކަމުގެ ހުރިހާ ޙައްޤުތަކެއް އަޅުގަނޑުމެންނަށް ވަނީ މާތް اللَّـه سبحانه وتعالى ދެއްވާފައި. އެ ޙައްޤުތައް އަޅުގަނޑުމެންނާ ހަމައަށް ވާސިލުކޮށްދެއްވާފައިވަނީ ކީރިތި ރަސޫލާ. އަދި މިއަދާ ހަމައަށް އަޅުގަނޑުމެންނަށް، އެ ޙައްޤުތައް ލިޔެވި ރައްކާތެރިކުރެވިގެންވޭ، ކީރިތި ޤުރްއާނުގެ ފަތްފުށްތަކުގައި.  

މިނިވަންކަމުގެ ޙައްޤަކީ، "وَلَقَدْ كَرَّمْنَا بَنِي آدَمَ" މިފަދައިން، މާތް اللَّـه سبحانه وتعالى އިޝާރާތް ކުރައްވާފައިވާ އިންސާނީ ކަރާމާތްތެރިކަމުގެ އެންމެ އިސްބައި. މި އިލާހީ އުސޫލު އަޅުގަނޑުމެންގެ ކީރިތި ރަސޫލާ، އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ވަނީ ޢަމަލީގޮތުން އަޅުގަނޑުމެންނަށް ދައްކަވާފައި. މީސްތަކުންގެ މިނިވަންކަން ހުންނަންވީ ދާއިރާއާ، މިނިވަންކަމުގެ މާތްކަމާއި އޭގެ ޝަރަފް. އަދި މިނިވަންކަން އިންސާނުން ބޭނުންކުރަންވާ އުޞޫލުތައް އެކަލޭގެފާނުވަނީ ވަރަށް ސާފުކޮށް ވަރަށް އަލިގަދަ ގޮތެއްގައި އަޅުގަނޑުމެންނަށް ދައްކަވާފައި. ހަމައެފަދައިން، އެކަލޭގެފާނުގެ ފަހުން އިސްލާމީ ދުނިޔޭގެ ވެރިކަން ކުރެއްވި އެކިއެކި ޚަލީފާއިންވެސް ވަނީ އަޅުގަނޑުމެންނަށް މިނިވަންކަން އެއީ ކޮންއެއްޗެއްކަން އަންގަވާދެއްވާފައި.  

އާދެ، ތިޔަ ހުރިހާ ބޭފުޅުންވެސް ދެނެވަޑައިގަންނަވާނެ. ޢުމަރުބުނުލްޚައްޠާބު ރަޟިޔަﷲ ޢަންހު، އެކަލޭގެފާނުގެ ދައުރުގައި މިނިވަންކަމަށް ދެއްވި އަހަންމިއްޔަތު. އޭރު މިޞްރު އޮތީ މުސްލިމް ޤައުމަކަށްވެފައި. މިޞްރުގެ ޢާންމު ރައްޔިތެއްގެ ދަރިޔަކަށް، އޭރު މިޞްރުގެ ވެރިޔަކަށް ހުންނެވި ޢަމްރުބުނުލްޢާޞްގެ ދަރިކަލުން ދެއްވި އަދަބަކާ ގުޅޭގޮތުން ޢުމަރުގެފާނު ޢަމްރުބުނުލްޢާޞް އަށް އެންގެވީ ކޮންއިރަކުތޯއޭ ތިޔަބޭފުޅުން މީސްތަކުން އަޅުވެތި ކުރެއްވީ. ފަހެ އިންސާނުންނަކީ، އެމީހުންގެ މައިން، އެމީހުން މި ދުނިޔެއަށް ވިހޭއިރު މިނިވަންބައެއް ނޫންތޯއޭ؟ މިމާތް އުޞޫލު އަޅުގަނޑުމެންނާ ހަމައަށް އައިސްފައިވަނީ މިދެންނެވިގޮތުގެ މަތިން ކީރިތި ޤުރްއާނުން. އަދި މާތް ރަސޫލާގެ ޙަދީޘާއި އެކަލޭގެފާނުގެ ޢަމަލީ ހިންގެވުމުން. އަދި އޭގެއިތުރަށް އިސްލާމީ ޚަލީފާއިންގެ ފަރާތްޕުޅުން. 

ވީމާ، މި މިނިވަންކަމަކީ މިއަދު މުސްލިމުންނަށް ލިބިފައިވާ އެއްޗެއް ނޫން. އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މީގެ 14 ޤަރުނުގެ ކުރިން މުސްލިމުންނަށް ލިބިފައިވާ ޙައްޤެއް. އާދެ، ދިވެހިބަހަށް ބަލާއިރުވެސް މިނިވަންކަން] އެ ލަފްޒު އަޅުގަނޑަށް ހީވަނީ ވަރަށް ފުން މާނައެއް ދޭހަކޮށްދޭހެން. "މިނި" ދިވެހިބަހުގައި ބޭނުންކުރަނީ އިންސާނުންނަށް އިޝާރާތް ކުރުމަށް. ނުވަތަ އާދަމުގެ ދަރިންނަށް އިޝާރާތް ކުރުމަށް. އެހެންކަމުން، [މިނިވަންކަން] އޭގެ މާނައަކީ، އަޅުގަނޑު ހިތުން "އިންސާނީވަންތަކަން". އެހެންކަމަށްވުމާއެކު، ދިވެހިބަހުގައި މިނިވަންކަމާއި އިންސާނީވަންތަކަމާ އެއީ ހަމަ އެކައްޗެއް. އެއިން އަޅުގަނޑުމެންނަށް ދައްކައިދެނީ އަޅުގަނޑުމެންގެ ޢިއްޒަތްތެރި ކާބަފައިން، މިނިވަންކަމަށް ދެއްވާފައިވާ މަތިވެރި ޤަދަރާއި ޝަރަފް. އެކަން އަޅުގަނޑުމެންނަށް ދޭހަވަނީ ހަމައެކަނި ދިވެހިބަހަކުންނޫން. އެކަން ދޭހަވަނީ އަޅުގަނޑުމެންގެ ފަޚުރުވެރި ކާބަފައިން ކުރައްވާފައިވާ ޖިހާދުން. މިނިވަންކަމަށްޓަކައި އެ ބޭކަލުން ކުރައްވާފައިވާ މަތިވެރި ޤުރުބާނީތަކުން.

އާދެ، މިނިވަންކަމާ ދޭތެރޭގައި އަޅުގަނޑުމެން ވާހަކަދައްކާއިރު، މިނިވަންކަމުގެ މާނައަކީ ކޮބައިތޯ ބަލައިލަންޖެހޭނެ. މިނިވަންކަމުގެ މާނައަކީ، ހުރިހާ އުޞޫލަކުން ވީއްލުންތޯ؟ އެއްވެސް އުޞޫލަކަށް ތަބަޢަނުވެ، އެމީހަކު ބޭނުންގޮތަކަށް އެމީހަކު ބޭނުންކަމެއް ކުރަމުން ގެންދިއުންތޯ؟ މިސާލަކަށް، އެއްވެސް ފޭރާމެއްނެތި، އެއްވެސް ނިވައިކަމެއްނެތި އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް މަގުމަތީގައި ހިނގުމުގެ މިނިވަންކަން އެމީހަކަށް ލިބިގެންވޭތޯ؟ އަދި ފިހާރައަކަށް ވަދެ އަގެއް ދިނުމެއްނެތި، އެމީހަކު ބޭނުން އެއްޗެއް ނަގައިގެން ގެންދިޔުން އެއީ އެމީހާގެ މިނިވަންކަންތޯ؟ ހަމައެފަދައިން ޓްރެފިކް ޤަވާޢިދުގައިވާ، ވާތްފަރާތުން އެއްޗެތި ދުއްވަންޖެހޭ އުޞޫލު ބަދަލުކޮށްލައި، އަޅުގަނޑުމެންގެ ކޮންމެ މީހަކުވެސް އެމީހަކު ބޭނުން ފަރާތަކުން މަގުމަތީގައި އެއްޗެތި ދުއްވާފައި ދިޔުން އެއީވެސް މިނިވަންކަންތޯއޭ؟ ހަމައެފަދަ އަނެއް މިސާލަކީ، ރޭގަނޑުގެ ހަމަހިމޭން ވަގުތުގައި، އެންމެން ނިދީގެ އަރާމުގައި ތިއްބާ، ތިމާ ބޭނުންވެއްޖެ ހިނދެއްގައި އަވަށްޓެރިންނަށް އުނދަގޫވާފަދަ ގޮތެއްގައި އަޑުގަދަކޮށް ރޭޑިޔޯ ޖަހާ، ލަވަޖަހާ، މިހެން އުޅުން މިއީވެސް އަޅުގަނޑުމެންގެ މިނިވަންކަން ހުއްދަކުރާ ކަމެއްތޯއޭ؟

އާދެ، އެއްވެސް ޝައްކެއްނެތް، މިދެންނެވި މިސާލުތަކުން އެނގިވަޑައިގަންނަވާނޭ ފަދައިން، މިނިވަންކަމަކީ، އެއީއެއްނޫން. އެއްވެސް އުޞޫލަކަށް ތަބަޢަވުމެއްނެތި، އެއްވެސް ހަމައަކަށް ބޯލެނބުމެއްނެތި، އެމީހަކު ބޭނުންގޮތަކަށް ދުނިޔޭގައި އުޅޭނަމަ އެއީ މިނިވަންކަމަކަށް ނުވާނެ. އެއީ އަޅުގަނޑު ދެކޭގޮތުގައި ޖަންގަލީގެ އުޞޫލު. ޖަނަވާރުންގެ މެދުގައި އޮންނަ އުޞޫލު. އިންސާނުންނަކީ، އެއަށްވުރެ މާތް ބައެއް. އިންސާނުންނަކީ، އެއަށްވުރެ ޝަރަފްވެރި ބައެއް. އިންސާނުންނަށް މާތްﷲ ބުއްދީގެ ނިޢުމަތްވަނީ ދެއްވާފައި. އެހެންކަމަށްވުމާއެކު، އިންސާނާ ދުނިޔޭގައި އުޅެންވާނީ، އެހެން މީހުންނަށްވެސް ބަލައިގެން. މުޖްތަމަޢުގެ މަޞްލަޙަތަށާއި ރަނގަޅަށް، ބަލައިގެން.  

އާދެ، ތިޔަ އެންމެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ސަރުކާރަކަށް، އިންސާނީ ތާރީޚުގައި ބޭނުންވެގެން، ކޮންމެ ޤައުމެއްގައިވެސް ސަރުކާރެއް ހިނގާގޮތަށް ހަމަޖެހިފައިވަނީ ސޯޝަލް ކޮންޓްރެކްޓް، ނުވަތަ އަލްޢަޤްދުލް އިޖްތިމާޢީ ނަމަކަށް ކިޔާ އުޞޫލެއްގެ މަތިން. އެ އުޞޫލު ބުނާގޮތުގައި، މުޖުތަމަޢަކަށް އިންސާނާ ބޭނުންވީހިނދު، ކޮންމެ ފަރުދެއްވެސް، އޭނާގެ ޙައްޤުތަކުގެ ތެރެއިން ނުވަތަ އޭނާގެ މިނިވަންކަމުގެ ތެރެއިން ބައެއް ދޫކޮށްލައި، އެބައެއް ދައުލަތާ ޙަވާލުކުރީ. އާދެ، އެއީ އެންމެންގެ މިނިވަންކަން ރައްކާތެރިކުރުމަށްޓަކައި. އެހެންކަމަށްވުމާއެކު، މުޖުތަމަޢުގެ އެއްވެސް ފަރުދަކަށް ޙައްޤުވެގެން ނުވާނެ، ތިމާގެ އަމިއްލަ ކަންތައްތައް، ތިމާ ބޭނުންގޮތަކަށް ކުރަމުންގެންދާކަށް. ކޮންމެވެސް އުޞޫލެއް އޮންނަންވާނެ. ކޮންމެވެސް ޤާނޫނެއް އޮންނަންވާނެ. އަޅުގަނޑުމެންގެ މުޖުތަމަޢުގައިވެސް އަދި ދުނިޔޭގެ ކޮންމެ މުޖުތަމަޢެއްގައިވެސް ވަކި ހަމަތަކެއް ހުރޭ. ޝަރުޢީ ހަމަތަކެއް ހުރޭ. ޤާނޫނީ ހަމަތަކެއް ހުރޭ. ބައިނަލްއަޤްވާމީ ހަމަތަކެއް ހުރޭ. އަޚްލާޤީ ހަމަތަކެއް ހުރޭ. މިހުރިހާ ހަމަތަކެއްގެ މަތިން އަޅުގަނޑުމެންގެ ކަންތައްތައް ގެންދަންވާނީ. އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓަންވާނީ، އެ ހަމަތަކުގެ ދާއިރާގައި. އެހެން ނޫންކަމަށްވާނަމަ، އަޅުގަނޑުމެންނަށް އެ އުޅެވެނީ، މިނިވަންކޮށް ކަމަށް ބުނެވޭނެ ތަނެއް ނޯންނާނެ.

އާދެ، މިދެންނެވި ސޯޝަލް ކޮންޓްރެކްޓްގެ ދަށުން އަޅުގަނޑުމެން ކޮންމެ ޤައުމެއްގައިވެސް އެތަނެއް ހިންގުމުގެ ބާރު، އެތަނެއްގެ ސަރުކާރަކާ ޙަވާލުކޮށްފައިވަނީ. ސަބަބަކީ، އެންމެން އެއްތަނަކަށް އެއްވެގެން، ޤައުމުގެ އެންމެހައި ރައްޔިތުން އެއްތަނަކަށް އެއްވެގެން ވާހަކަދައްކައި މަޝްވަރާ ކުރުމަކީ މުސްތަޙީލު ކަމަކަށްވާތީ. އެހެންވީމާ، ކޮންމެ މީހެއްގެވެސް މިނިވަންކަމުން ވަކި ބައެއް، އޭނާ ދައުލަތަށް ދޫކޮށްލަނީ. ދައުލަތުގެ ކަމާބެހޭ ފަރާތުން އެކަންތައްތައް، މީހުންގެ މަޞްލަޙަތު އޮތް ގޮތެއްގެ މަތިން  ނިންމެވުމަށްޓަކައި.

ހަމައެފަދައިން، ޤާނޫނު ހެދުމަކީވެސް އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކަށް އެއީ ކިތަންމެ މޮޅު، ކިތަންމެ ޢިލްމުވެރި، ކިތަންމެ ބުއްދިވެރި މީހަކަށްވިޔަސް އޮންނާނެ ޙައްޤެއް ނޫން. އެޙައްޤު އަޅުގަނޑުމެން ސޯޝަލް ކޮންޓްރެކްޓްގެ ދަށުން ދޫކޮށްފައިވަނީ ޤާނޫނު ހަދާ ފަރާތަށް. އެއީ ކޮންމެ ޤައުމެއްގައިވެސް ކަނޑައެޅި ބަޔާންވެގެންވާ ފަރާތެއް. ހަމައެއާއެކު ދަންނަވަން ޖެހެނީ ޢަދުލު އިންޞާފު ޤާއިމުކުރުން، އެއީވެސް ހަމަ އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކަށް، އެމީހަކު އަމިއްލައަށް ކުރެވޭނެ ކަމެއް ނޫނޭ. އެކަންވެސް އެމީހާ ދޫކޮށްލާފައިވަނީ، މިދެންނެވި ސޯޝަލް ކޮންޓްރެކްޓްގެ ދަށުން ޝަރީޢަތް ކުރުމުގެ ބާރު ލިބިގެންވާ ފަރާތަށް. އެހެންކަމުން އަޅުގަނޑު މިދަންނަވާ އެއްޗަކީ، އިންސާނުން ތަހުޒީބު ގޮތެއްގައި މި ދުނިޔޭގައި އުޅެމުން ގެންދިޔުމަށްޓަކައި އެމީހުންވަނީ މިދެންނެވިފަދަ އިޖްތިމާޢީ ޢަޤުދެއް ހަދާފައޭ. އަދި އެ އިޖްތިމާޢީ ޢަޤުދުގެ ދަށުން ކޮންމެ މީހަކުވެސް، އެމީހަކަށް ލިބިގެންވާ މިނިވަންކަމުގެ ބައެއްވަނީ ދައުލަތަށް ނުވަތަ ދައުލަތުގެ ކަމާބެހޭ ފަރާތަށް ދޫކޮށްލާފައޭ.

އާދެ، ދެން ނުކުންނަ ސުވާލަކީ، އެހެންކަމުގައިވާނަމަ ޑިމޮކްރަސީއާ މިދެންނެވި އުޞޫލުތައް ތަފާތުވޭތޯއޭ؟ އަޅުގަނޑުމެން ވަރަށް ގިނަގިނައިން މިހާރު އަހާ ބަހެއް ”ޑިމޮކްރަސީ“ އެއީ. އަދި ކޮންމެ ޤައުމަކުންވެސް ވަކާލާތު ކުރަނީ، އެ ޤައުމަކީ އެއީ ޑިމޮކްރެޓިކް އުޞޫލެއްގެ މަތިން ހިނގަމުންދާ ޤައުމެއް ކަމަށް. ވީމާ، ޑިމޮކްރަސީއަކީ ކޮބައިތޯ؟ އަދި އެގޮތުގެ މަތިން ކަންތައްތައް ކަމާބެހޭ ފަރާތާ ޙަވާލުކޮށްގެން، އެ ފަރާތްތަކުން ހިންގަވާގޮތަށް އޮތުމުން އެއީ ޑިމޮކްރަސީގެ އުސޫލާ ޚިލާފުވެވެނީތޯއޭ؟ އާދެ، ވަރަށް ކުރުކޮށް ދަންނަވާނަމަ، ޑިމޮކްރަސީއަކީ ރައްޔިތުންގެ ސަރުކާރު ހިންގާ އުޞޫލު. އާދެ، ވަކި ހަމަތަކެއްގެ މަތިން ރައްޔިތުން ބޭނުންވާ ބަޔަކާ، ވެރިކަން ޙަވާލުކުރުން. އަދި އެބަޔަކު، ރައްޔިތުން އެދޭ ގޮތެއްގެ މަތިން ވެރިކަން ހިންގަމުން ގެންދިޔުން.

ޢަމަލީގޮތުން އަޅުގަނޑުމެން ބަލައިލާއިރު، އެކި ޤައުމުތަކުގައި މިކަންތައް އޮންނަނީ އެކިގޮތަށް. ވީމާ، އެއްވެސް ކަމެއްގައި ޑިމޮކްރެޓިކް އުޞޫލަކީ މިއީއޭ ކިޔާފައި، ވަކި އުޞޫލެއް ފާހަގަކުރުން އެއީ އަޅުގަނޑު ހިތުން ވެވޭނެ ކަމެއް ނޫން. ވެރިކަމަށް ނިސްބަތްކޮށް ބަލާއިރުވެސް، ބައެއް ތަންތާނގައި އޮންނަނީ ޝާހީ ވެރިކަން، ނުވަތަ ރަސްކަން. އިނގިރޭސިވިލާތުގައި އޮންނަނީ ރަސްކަމެއް. ސްވިޑްންގައި އޮންނަނީ ރަސްކަމެއް. ޕޮލެންޑްގައި އޮންނަނީ ރަސްކަމެއް. ސުޢޫދީ ޢަރަބިއްޔާގައި އޮންނަނީ ރަސްކަމެއް. ބައެއް އެހެން ތަންތާނގައި އޮންނަނީ ޖުމްހޫރީ ވެރިކަން. ޔުނައިޓެޑް ސްޓޭޓްސްގައި އޮންނަނީ ޖުމްހޫރީ ވެރިކަމެއް. ފަރަންސޭސިވިލާތުގައި އޮންނަނީ ޖުމްހޫރީ ވެރިކަމެއް. އިންޑިޔާގައި އޮންނަނީ ޖުމްހޫރީ ވެރިކަމެއް. ސްރީލަންކާގައި އޮންނަނީ ޖުމްހޫރީ ވެރިކަމެއް. އަދި ދިވެހިރާއްޖޭގައިވެސް އޮންނަނީ ޖުމްހޫރީ ވެރިކަމެއް.

ޖުމްހޫރީ ވެރިކަމަށް ބަލާއިރުވެސް، އެ ވެރިކަން ހިންގާ އުޞޫލުތައް، އެއް ޤައުމުން އަނެއް ޤައުމަށް ވަރަށްބޮޑަށް ތަފާތުވެފައިވޭ. ޖުމްހޫރީ ސަރުކާރެއްގެ އެންމެ މަތީ ވެރިޔަކަށް ހުންނަނީ، އެ ޖުމްހޫރިއްޔަތެއްގެ ރައީސް. އެ ރައީސް ހޮވަނީވެސް އެކިޤައުމުގައި އެކިގޮތަށް. މިސާލަކަށް، ޔުނައިޓެޑް ސްޓޭޓްސްގައި ރައީސް ހޮވަނީ ސީދާ ރައްޔިތުންނެއް ނޫން. ރައްޔިތުން ހޮވަނީ ކޮންމެ ސްޓޭޓެއްގެވެސް "އެލެކްޓްރޮލްކޮލެޖް" ކިޔާ ބައެއް. އެމީހުން އެއްވެގެން އެފަހަރަކު ބޭނުންވާ ރައީސަކު އިޚްތިޔާރު ކުރަނީ. އެއާ ޚިލާފަށް، ފަރަންސޭސިވިލާތުގައި އޮންނަނީ ސީދާ ރައްޔިތުން ރައީސް ހޮވާ ގޮތަކަށް. އަދި އެ ދެގޮތާ ޚިލާފަށް، އިންޑިޔާގައި އޮންނަނީ، މިސާލަކަށް، ޕާލަމެންޓްގެ ފަރާތުން ރައީސް ހޮވާގޮތަށް. އެތާނގައި ރައްޔިތުން ރައީސަށް ވޯޓްލުމެއް ނޯވޭ. މިޞްރުގައި އޮންނަނީ އެއާ ތަފާތު ގޮތަކަށް. އަދި ދިވެހިރާއްޖޭގައިވެސް އޮންނަނީ އެއާ ތަފާތު ގޮތަކަށްކަން، ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ދިވެހިރާއްޖޭގައި އޮންނަގޮތުން ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަން ފެންނަ މީހަކު، ފުރަތަމަ އިޚްތިޔާރު ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ފަރާތުން. އޭގެފަހުން އެމީހެއްގެ ނަން ހުށަހެޅެނީ އާންމު ރައްޔިތުންނަށް. އާންމު ރައްޔިތުންގެ ތާއީދު ލިބިގެން ނޫނީ، އެމީހަކަށް ރައީސުލްޖުމްހޫރިއްޔާގެ މަޤާމަކާ ޙަވާލެއްނުވެވޭނެ.

އާދެ، އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ، މިހުރިހާ ކަމަކަށް ބަލާއިރު، ޑިމޮކްރަސީއަކީ ވަކިގޮތެކޭ، އެހެން ބުނެވޭކަށެއްނެތް. ކޮންމެ ޤައުމެއްގައިވެސް ޑިމޮކްރެޓިކް އުޞޫލު ބިނާވެފައި އޮންނާނީ، އެ ޤައުމެއްގެ ހުރިހާ ކަމަކާ ގުޅޭގޮތަކަށް. އެ ޤައުމުގެ މީހުން އެދޭ ގޮތަކަށް. އެއީ ވަކި ތަނަކުން އަޅުގަނޑުމެން ކޮޕީކޮށްގެން، ވަކި ޤައުމެއްގައި އޮންނަ ގޮތަކަށް، ދިވެހިރާއްޖޭގައި ހިންގޭނެ ކަމެއް ނޫން. އަދި ދުނިޔޭގެ އެއްވެސް ޤައުމެއްގައި ހިންގޭނެ އުޞޫލެއް ނޫން.

 އާދެ، ޤާނޫނު ހަދާ މަޖިލިސް ނުވަތަ ރައްޔިތުންގެ މަޖިލިސް، ނުވަތަ ޕާލަމެންޓަށް ވިސްނާލިޔަސް، އަޅުގަނޑު މިދެންނެވީ ތެދެއްކަން އެނގިވަޑައިގަންނަވާނެ. ދުނިޔޭގެ އެކި ތަންތާނގައި ޕާލަމެންޓް ހޮވުން އޮންނަނީ އެކި ގޮތަށް. ޕާލަމެންޓަށް ލިބިފައިވާ އިޚްތިޔާރުތައް، އެކި ތަންތާނގައި އޮންނަނީ އެކިގޮތަށް. ބައެއް ތަންތާނގައި ދެ މަޖިލިސް އޮވޭ. ސެނެޓަކާއި އޭގެ ދަށުން އޮންނަ އެހެން މަޖިލީހެއް. އަނެއްބައި ތަންތާނގައި އޮންނަނީ އެންމެ މަޖިލީހެއް. އަދި މީހުން ހޮވުމުގައިވެސް ތަފާތު ގޮތްތައް ގެންގުޅޭ. މިސާލެއް ދަންނަވަނީނަމަ، [ލެބަނަން] އަޅުގަނޑުމެން އެންމެންވެސް ދަންނަމު. އެތާނގައި އޮންނަނީ އެކިއެކި ދީންތަކުގެ މީހުންނަށް އެކި ޢަދަދަށް ގޮނޑި، މަޖިލީހުގައި ހުސްކުރެވިފައި ނުވަތަ އެމީހުންނަށް ޚާއްޞަކުރެވިފައި. ކްރިސްޓިއަނުންނަށް ވަކި ޢަދަދެއް، މުސްލިމުންނަށް ވަކި ޢަދަދެއް. އަދި މުސްލިމުންގެ ތެރެއިންވެސް އެކި މަޒުހަބުގެ މީހުންނަށް އެކި ޢަދަދު. ދުނިޔޭގެ އެހެން ތަންތާނގައި އެކަން އޮންނަނީ އެހެންނަކުންނެއް ނޫން. މިސާލަކަށް، މިޞްރުގައި އޮންނަނީ ޕާލަމެންޓްގެ ގޮނޑިތަކުގެ ޢަދަދުގެ ތެރެއިން ސަތޭކައަކުން ފަންސާސް ހަމައެކަނި މަސައްކަތު މީހުންނާއި، ދަނޑުވެރިން އިންތިޚާބު ކުރެވޭ ގޮތަކަށް.

ވީމާ، އަޅުގަނޑު މިދަންނަވަން އުޅޭ އެއްޗަކީ، ޑިމޮކްރަސީއަކީ އެކި ޤައުމުގައި އެކި ގޮތަށް އޮންނަ އެއްޗެކޭ. އޭގެ މުހިންމު ބަޔަކީ އޭގެ ރޫޙު، އޭގެ އުޞޫލު އެއީ ރައްޔިތުން ހޮވާބަޔަކު ވެރިކަންކުރަން ތިބުން. އަދި ރައްޔިތުން އެދޭ ގޮތަށް ކަންތައްތައް ގެންދިޔުން. ރައްޔިތުންގެ ޙައްޤުތަކަށް ރައްކާތެރިވުން. މިފަދަ ގޮތެއްގައި ގެންދާ ސަރުކާރަކީ އެއީ ޑިމޮކްރެޓިކް ސަރުކާރެއް. ޑިމޮކްރަސީގެ އުޞޫލަށް ތަބަޢަވެގެން ހިނގާ ސަރުކާރެއް. އަޅުގަނޑުމެން މުސްލިމުން ކަމުގައިވާއިރު، ޑިމޮކްރަސީއެކޭ އެކަނި ބުނެ ދެން ދޫކޮށްލެވޭކަށެއްނޯވޭ. އެއީ، އަޅުގަނޑުމެންގެ އިސްލާމްދީނުގައި ކަނޑައެޅިފައިވާ އުޞޫލުތަކެއްވާތީ. އިސްލާމްދީނުގައި ވަނީ، އަޅުގަނޑު ދަންނަވާނީ، ޑިމޮކްރެޓިކް އުޞޫލުތަކުގެ ތެރެއިން އެންމެ ޑިމޮކްރެޓިކް އުޞޫލޭ. ދީނުގައި ވެރިޔަކަށް ހުންނަ މީހަކު އިޚްތިޔާރުކުރާ ގޮތެއް އޮވޭ. އަދި އެ ވެރިޔަކަށް ހުންނަ މީހާ މަޝްވަރާ ކުރަންޖެހޭ ފަރާތްތަކެއް އޮވޭ. ”وَأَمْرُهُمْ شُورَى بَيْنَهُمْ“ މިފަދައިން ކީރިތި ޤުރްއާނުގައި އަންގަވާފައިވަނީ. އެ މަޝްވަރާ ކުރަންޖެހެނީ، ކޮންމެ ޤައުމެއްގައިވެސް ތިބޭ، ކަމަށް އެކަށީގެންވާ މީހުންނާ. އާދެ، އެއީ އިސްލާމީ ތަޢުބީރަކުން ދަންނަވާނަމަ ”اهل الحلّ والعقد“ އެއްވެސް ޙާލެއްގައި ރައްޔިތުންގެ އެންމެންނަކާ އެއްވެސް ކަމެއްގައި މަޝްވަރާއެއް ނުކުރެވޭނެ. އެއީ މުޅިން މުސްތަޙީލު ކަމެއް. ދުނިޔޭގައިވެސް އެކަން އޮންނަނީ އެހެން. އަދި އިސްލާމްދީނުގައިވެސް އެކަން އޮންނަނީ އެހެން. އެހެންކަމަށްވުމާއެކު، ވެރިޔަކަށް ހުންނަ މީހަކު ޤާނޫނީގޮތުން އަދި ޝަރުޢީގޮތުން އޭނާ މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން ނިންމާ ކޮންމެ ކަމަކީ، ޑިމޮކްރެޓިކް އުޞޫލުން އަދި އިސްލާމްދީނުގެ މާތް އުޞޫލުން ނިމޭ ކަންތައްތައް.

އާދެ، މިނިވަންކަމާ ދޭތެރޭގައި ވާހަކަ ދައްކާއިރު، ނުކުންނަ އެހެން ނުކުތާއެއް އެބައޮތް. އެއީ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ޢަމަލުކުރާ މީހުންނާ ދޭތެރޭގައި ކަންތައް ކުރުން. ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ޢަމަލުކުރުން އެއީ މިނިވަންކަމާ ޚިލާފުވާ ކަމެއްތޯއޭ؟ އަދި ޑިމޮކްރަސީގެ އުޞޫލާ ޚިލާފުވާ ކަމެއްތޯއޭ؟ އާދެ، އެއްވެސް ޝައްކެއްނެތް، ކޮންމެ ޤައުމެއްގައިވެސް އެ ޤައުމެއްގެ ޤާނޫނާ ޚިލާފުވާ މީހުން ހިފާ ހައްޔަރުކޮށް، އެމީހުން ޝަރީޢަތަށް ހުށައަޅައި، ޝަރީޢަތުން ނިންމާ ގޮތެއްގެ މަތިން އެމީހުންނަށް އަދަބުދިނުން އެއީ އޮންނަ ކަމެއް. އެގޮތަށް އޮވެގެން ނޫނީ އެއްވެސް ޤައުމެއްގައި ސަރުކާރެއް ނުހިންގޭނެ. އެހެންކަމުން، ކުށްވެރިންނަކަށް، އެމީހުންނާމެދު ސަރުކާރުން ޢަމަލުކުރަންޖެހޭ ގޮތަށް ޢަމަލުކުރުމުން، އެއީ މިނިވަންކަމާ ޚިލާފުވަނީއެކޭ ބުނެވޭކަށެއް ނޯންނާނެ. އަދި ޑިމޮކްރަސީގެ އުޞޫލުތަކާ ޚިލާފުވަނީއެކޭ ބުނެވޭކަށްވެސް ނޯންނާނެ. އަޅުގަނޑު މިހެން މިދަންނަވަނީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް މިކަން މާބޮޑަށް ސާފުވެފައި ނޯންނާތީ. އެއީ އެއްވެސް ކުށަކާ ގުޅޭގޮތުން އެމީހަކު ހައްޔަރުކުރަން ޖެހިގެން، އެމީހަކު ހައްޔަރުކުރުމަށް ކަމާބެހޭ ފަރާތުން ދިޔުމުން، މިއީ އެހެން ދައުރެކޭ، މިއީ މިނިވަންކަމުގެ ދައުރޭ، ތިމަންނަ ހައްޔަރެއް ނުކުރެވޭނެއޭ، ތިމަންނާ ނުގެންދެވޭނޭ، މިބާވަތުގެ ޢިބާރާތްތައް ބުނަމުން ގެންދާތީ. އެއީ އަޅުގަނޑު މިދެންނެވީ އެއީ، އެކަން އޮންނަންވީ ގޮތެއްނޫނޭ.

 ތަނެއްގައި ސަރުކާރެއް އޮންނަކަމަށްވާނަމަ، އެ ސަރުކާރަށް ލިބިފައިވާ ޤާނޫނީ ބާރުތަކެއް ހުންނާނެ. އަދި އެ ޤާނޫނީ ބާރުތަކަށް، ސަރުކާރުން ޙުރްމަތްތެރިކޮށްހިތަންވާނެ. އެ ޤާނޫނީ ބާރުތައް ސަރުކާރަށް އޮވެގެން ނޫނީ، އެ ޤައުމެއްގެ ކަންތައްތައް ރަނގަޅު އުޞޫލެއްގެ މަތިން ހަމަޖެހިގެން ހިނގަމަކުން ނުދާނެ. އެހެންވީމާ، ޤާނޫނާއި ގަވާއިދާ ޚިލާފުވާ މީހުން ހިފާ ހައްޔަރުކޮށް ބަންދުކޮށް، ބަންދުކުރަންވީ ގޮތަކަށް ބަންދުކޮށް، އެމީހުންނާމެދު ޝަރީޢަތް ހިންގައި ޤާނޫނީ އަދި ޝަރުޢީ ހަމަތަކުގެ މަތިން އެމީހުންނާމެދު ނިޔާ ކަނޑައެޅޭ އުޞޫލެއްގެ މަތިން އެމީހުންނަށް އަދަބުދިނުމަކީ އެއްވެސް ޙާލެއްގައި މިނިވަންކަމާ ޚިލާފުވެވެނީކީނޫން. އެއީ ޑިމޮކްރަސީއާ ޚިލާފަށް ކުރެވޭ ޢަމަލެއްވެސް ނޫން. އެކަން އެހެން އޮވެގެންނޫނީ އެއްވެސް ޤައުމަކަށް ކުރިއަކަށް ނުދެވޭނެ. އެއްވެސް ޤައުމެއްގައި ކަންތައްތައް ހަމަޖެހިގެން ހިނގަމަކުންނެއް ނުދާނެ. މިއީ ހަމައެކަނި ދިވެހިރާއްޖޭގައި އެކަން އޮންނަންވީ ގޮތެއް ނޫން. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އެކަން ހިނގަމުންދަނީ އެހެން. ތިޔަބޭފުޅުންނަށް ނޫސްތަކުންނާއި ރޭޑިޔޯތަކުންނާއި އަދި އެނޫން ގޮތްގޮތުންވެސް މިކަންތައްތައް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އެކި ޤައުމުގައި ޤާނޫނުތަކާ ޚިލާފަށް ޢަމަލުކުރާ މީހުންނާމެދު އެ ޤައުމުތަކުގައި ކަންތައްތައް ކުރަމުންދާގޮތް.

އާދެ، މިރޭ އަޅުގަނޑުގެ ވާހަކައިގައި، ދާޚިލީގޮތުން މިހާރު ސަރުކާރުން އެންމެ މުހިންމުކަން ދެއްވާ ކަންތައްތަކާ ދޭތެރޭގައިވެސް އެއްޗެއް ދަންނަވާލަން ބޭނުންވޭ. އާދެ، މި ދައުރު ފެށުމާ ގުޅިގެން ދައުލަތުގެ ސަމާލުކަން ފޯކަސްކުރެވެމުން މިހާރު މިދަނީ ރާއްޖެތެރެއަށް. ސަބަބަކީ ރާއްޖެތެރެއަކީ ހުރިހާ ގޮތަކުން ބަލާއިރުވެސް ކަންތައްތައް އިޞްލާޙުކޮށް ތަރައްޤީކުރަންވެފައިވާ ތަނަކަށްވާކަން. މީގެކުރިން ސަމާލުކަން ދެވެމުން އައިސްފައިވަނީ ހަމައެކަނި މާލެއަށް. ދައުލަތުގެ ހުރިހާ ޚިދުމަތްތައް އެދެވޭގޮތެއްގައި ލިބެމުންދަނީ މާލޭގެ މީހުންނަށް. ތަޢުލީމް، ޞިއްޙަތު، އަދި އެނޫންވެސް ޚިދުމަތްތައް ލިބެމުންދަނީ މާލޭ މީހުންނަށް. ރާއްޖެތެރޭގެ މީހުންނަށް އެކަމުގެ ނަޞީބު ލިބިފައިވަނީ ވަރަށްކުޑަކޮށް. އެހެންނަމަވެސް ދިވެހިރާއްޖޭގެ އަޣްލަބިއްޔަތަކީ ރާއްޖެތެރޭގެ މީހުންކަމަށްވެފައި، ދައުލަތުގެ ކުރިމަތީގައި ރާއްޖޭގެ އެންމެންނަކީވެސް ހަމަހަމަވެގެންވާ ބަޔަކަށްވާތީ. އަޅުގަނޑު ސަރުކާރާ ޙަވާލުވީއްސުރެ ދައުލަތުގެ ސަމާލުކަން މިހާރު ފޯކަސް ކުރަމުން މިގެންދަނީ ރާއްޖެތެރެއަށް. އެއީ، މާލެއަށް، އަޅުގަނޑުމެންފަދަ ރާއްޖެއަކަށް އެކަށީގެންވާ ފެންވަރަށް ތަރައްޤީވެވިފައިވާތީ. އަދި މާލެއާއި ރާއްޖެތެރެއާ ދެމެދުގައިވާ ތަފާތު ބޮޑުކަމުން، ދައުލަތުގެ މިދެންނެވި ފަދަ ޚިދުމަތްތައް ރާއްޖެތެރެއަށް ރައްދުކުރުމަކީ ދައުލަތުގެ ވާޖިބެއް ކަމަށް ފެންނާތީ. އާދެ، މިގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ ވާހަކަ ތިޔަބޭފުޅުން އައްސަވާނެ. އެވާހަކަތައް ތަފްޞީލުކޮށް ދެންނެވުމަކީ، މި މަޤާމުގައި އަޅުގަނޑު ކުރަން ގަސްދުކުރާ ކަމެއްނޫން.

އާދެ، ޢާންމު އުޞޫލެއްގެ ގޮތުން ބަލާއިރު، ދައުލަތުން އެންމެ އަހަންމިއްޔަތު ދޭ ކަމަކީ، އަޅުގަނޑުމެންގެ ތެރެއިން އެންމެ ދެރަ މީހުންނަށް ނުވަތަ އާމްދަނީގެ ގޮތުން އެންމެ ނިކަމެތިކަން ލިބިފައިވާ މީހުންނަށް، އަދި ތަނަވަސްކަމުގެ ގޮތުންވެސް އެންމެ އެދެވޭ ފެންވަރަށް ކަންތައްތައް ހަމަޖެހިފައިނުވާ މީހުންނަށް ޚާއްޞަ ޢިނާޔަތެއް ދިނުން. އަޅުގަނޑު ކުރިން މިއިޝާރާތްކުރި ރާއްޖެތެރޭގެ ކަންތައްތަކަށް ސަމާލުކަން ދޭންޖެހުނީވެސް މިހެންވެ. އެއީ ރާއްޖެތެރޭގެ މީހުންނަށް، މާލޭގެ މީހުންނަށް ލިބެމުންދާވަރަށް އެކިއެކި ކަންތައްތައް ލިބެމުންނުދާތީ. އަދި ރާއްޖެތެރޭގެ މީހުން އުޅެންޖެހޭ ޙާލުގެ ދެރަކަމުން.

އާދެ، މިގޮތުން ބަލާއިރު އަޅުގަނޑު ދަންނަވާނީ، ސަރުކާރުގެ މުވައްޒަފުންނަކީ، ރާއްޖޭގައި ތިބި މީހުންގެ ތެރެއިން އާމްދަނީގެ ގޮތުން އެންމެ އެކަށީގެންނުވާ ހިސާބުގައިވާ މީހުންނޭ. އާދެ، ސަރުކާރުގެ މުސާރަތައް -/60 ރުފިޔާއިން ފެށިފައި އެބަހުރި. ބައެއް މީހުންނަށް ލިބެނީ މަހަކު -/60 ރުފިޔާ. އަނެއްބައި މީހުންނަށް -/80 ރުފިޔާ. މިހެންގޮސް މުސާރަތައް މައްޗަށް ގޮސްފައިވަނީ. އަޅުގަނޑު ދާދި ފަހުން ނެގި ހިސާބަކުން ދައްކައިދޭގޮތުގައި -/300 ރުފިޔާއަށްވުރެ ދަށް މުސާރަ ލިބޭ މީހުންގެ ނިސްބަތަކީ، މުވައްޒަފުންގެ އަދަދަށް ބަލާއިރު ސަތޭކައަކުން ނުވަދިހަ. އެހެންކަމުން، މިހާރު ގަސްދުކުރެވިފައިވަނީ، -/300 ރުފިޔާއަށްވުރެ ދަށް މުސާރަ ލިބޭ، ސަރުކާރުގެ މުވައްޒަފުންނަށް، މި އޯގަސްޓް މަހު 1 ވަނަ ދުވަހުން ފެށިގެން ސަތޭކައަކުން ދިހަޔަކާއި، ސަތޭކައަކުން ފަނަރައާ ދެމެދުގެ ޢަދަދެއް އިތުރުކޮށްދޭގޮތަށް. އާދެ، ތިޔަބޭފުޅުން ވިދާޅުވުން އެކަށީގެންވޭ، އެއަށްވުރެ މަތީ މުސާރަ ލިބޭ މީހުންވެސް އުޅެންޖެހެނީ ވަރަށް ދަތި ޙާލެއްގައޭ. ބާޒާރުގެ އެއްޗެހި ވަރަށް އަގު ބޮޑޭ. އަދި ސަރުކާރުގައި އުޅޭ މީހުންނަށް އެހެނިހެން ކަންތައްތައް ކުރުމުގެ ފުރުސަތެއް ނުލިބެޔޭ. އާދެ، އަޅުގަނޑުވެސް އެއްބަސް. ތިޔަ ވިދާޅުވަނީ ހަމަ ތެދުފުޅެއް. އެހެންނަމަވެސް، ސަރުކާރަށް އެވަރުގެ ކަމެއް ކުރެވެން އަންނަނީ އަދި ތަންކޮޅެއް ފަހުން. އެއީ، އަޅުގަނޑުމެން ބަލަންޖެހޭ އެއްޗަކީ، ސަރުކާރަށް ލިބޭ އެއްޗަކުން ޚަރަދު ކުރެވޭތޯ.

މިގޮތުން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިހާރު ސަރުކާރުގެ މުވައްޒަފުންގެ އަދަދު ގާތްގަނޑަކަށް ޖުމްލަ 5700 އެބައުޅޭ. އޭގެތެރެއިން މިދެންނެވި މުސާރަ ލިބޭ މީހުން އެއީ  -/300 ރުފިޔާއިން ދަށުގެ މުސާރަ ލިބޭ މީހުން، ނޫނީ ތެދުތެދަށް ދަންނަވަންޏާ -/299 ރުފިޔާއިން ފެށިގެން އޭގެދަށުގެ މުސާރަ ލިބޭ މީހުންގެ ޢަދަދަކީ ގާތްގަނޑަކަށް 5100 އެއީ މިދެންނެވި އުޞޫލުގެ މަތިން ބަލާއިރު ސަތޭކައަކުން ނުވަދިހަ. ވީމާ، މިހާރު ސަރުކާރުން މި ހަމަޖެއްސި ގޮތުން މިއައި ބަދަލުން ފައިދާ ލިބޭނީ، ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން ސަތޭކައަކުން ނުވަދިހަ މީހުންނަށް. އަޅުގަނޑަށް ހީވާގޮތުގައި އެއީ ވަރަށް ރަނގަޅު ނިސްބަތެއް. މިހާރު ކުރެވެން އޮންނާނީ އެހާކަންހާވަރަށް. ދައުލަތުގެ އާމްދަނީ އިތުރުވީވަރަކުން، ކުރިއަށް އޮތް ތާނގައި، އެއަށްވުރެ މަތީ ފެންވަރުގެ މީހުންނަށްވެސް އެފަދަ ފައިދާ ލިބެމުންދާނެ.

އާދެ، ރުފިޔާގެ ޢަދަދަށް ބަލައިލާއިރު މިއީ އަޅުގަނޑުމެން ކޮންމެ ކަމެއްގައިވެސް ބަލަންޖެހޭ އެއްޗެއް. މިހާރު  މިދެންނެވި އުޞޫލުން ހަމަޖެއްސީމާ، މަހަކަށް ދައުލަތަށް -/1,04,685 ރުފިޔާ ޚަރަދުވާނެ. މުޅިއަހަރަށް ބަލާއިރު، 12,56,226/- ރުފިޔާ އިތުރަށް ޚަރަދުވާނެ. ވީމާ، އަޅުގަނޑުމެން މި ފައިސާ ސަރުކާރަށް ލިބޭ ގޮތެއްވެސް ވާނީ ހޯދަން. މިހާރު ވާގޮތަކީ ލިބޭ އެއްޗަކަށްވުރެ ކުރެވޭ ޚަރަދު ބޮޑުވަމުންދަނީ. އެއީ ހަމައެކަނި މިހާރަކުނޫން. ވޭތުވެދިޔަ ތިން ހަތަރު އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށްވެފައި އޮތީ އެހެން. ސަރުކާރުން މިގެންގުޅެންޖެހެނީ ޑެފިސިޓް ބަޖެޓެއް. އާދެ، ލިބޭ އެއްޗަކަށްވުރެ ޚަރަދު ބޮޑުވަމުންދަނީ.

އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް، އެމީހަކަށް ލިބޭ އާމްދަނީއާ އެއްވަރަށް ނުވަތަ އެއަށްވުރެ ބޮޑުނޫންގޮތަކަށް ޚަރަދު ހަމަޖައްސަން ޖެހިފައިވާ އުޞޫލުގެ މަތިން ސަރުކާރަށްވެސް ޖެހޭނީ، ސަރުކާރަށް ލިބޭ އެއްޗަކުން ޚަރަދު ފޫބެއްދޭތޯ ބެލުން. އެހެންނޫންކަމަށްވާނަމަ އެއީ، ފަހުން ވަރަށްދަތި އުނދަގޫ މައްސަލައަކަށް ވެދާނެ. އަޅުގަނޑު މިހާ ސާފުކޮށް މިވާހަކަ ދަންނަވަން ބޭނުންވާ ސަބަބަކީ، އެއީ ބައެއް ބޭފުޅުންނަށް އެކަން ކޮންމެވެސްވަރަކަށް އޮޅިވަޑައިގެންފައި އޮތުން އެކަށީގެންވާތީ. ބައެއް ނޫސްތަކުގައި ލިޔެވެމުންދާ މަޒުމޫނުތަކާއި، ފާޅުކުރެވެމުންދާ ޚިޔާލުތަކަށް ބަލާއިރު ހީވަނީ މުސާރަ ބޮޑުކުރުމަކީ ސަރުކާރުން ހަމަ އެއްދުވަހުން ކޮށްލެވެން އޮތް ކަމެކޭ. އެހެންނަމަވެސް، އެކަން ސަރުކާރުން ނުކޮށް އޮންނަނިއްޔޭ. އަޅުގަނޑު ދަންނަވަން ބޭނުންވަނީ އެކަން އޮތީކީ އެހެނެއް ނޫނޭ. ސަރުކާރުން ބޭނުންވެޔޭ، ސަތޭކަ ރުފިޔާގެ ބަދަލުގައި ތިންސަތޭކަ ރުފިޔާ ދޭން. ފަސްސަތޭކަ ރުފިޔާގެ ބަދަލުގައި އެއްހާސް ރުފިޔާ ދޭން. އެހެންނަމަވެސް، އެކަން ކުރެވެން އޮންނާނީ، އެ ފަސްސަތޭކަ ރުފިޔާ ނުވަތަ އެ އެއްހާސް ރުފިޔާ ޚަޒާނާގައި އޮވެގެންނޫންތޯއޭ؟

އާދެ، މުސާރައިގެ ވާހަކަ ދެއްކުމާ ގުޅިގެން، އަދިވެސް ވަރަށް ޞަރީޙަކޮށް އެހެން އެއްޗެއް ދަންނަވާލަން ބޭނުންވޭ. އެއީ ބައެއް ފަރާތްތަކުން ހީކުރާގޮތުގައި، ކަންތައްތައް ދާންވާ ހަލުވިކަމާއެކު ނުދޭ. ބައެއް ކަންތައްތައް ވަރަށް ލަހުން ދަނީ. އަދި މީހުން އިންތިޒާރުކޮށްގެން ތިބޭހާ އަވަހަކަށް ކަންތައްތައް ނިމެމަކުންނެއް ނުދޭ. އޭގެ ސަބަބު ދަންނަވާލަން އަޅުގަނޑު ބޭނުންވޭ. ސަބަބަކީ ކޮންމެ ކަމެއްވެސް ނިހާޔަތުގައި، އޭގެ އާޚިރުގައި ގޮސް ނިމެނީ ފައިސާގެ މައްސަލައަކަށްވާތީ. ވަރަށް ކުޑަކުޑަ މިސާލެއް އަޅުގަނޑު ދަންނަވާލާނަން. މާލޭގެ މަގުތައް، ވަރަށް ގޯސްކޮށް މަގުތައް އޮންނަނީ. ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެކަން ތަޖުރިބާ ކުރެއްވޭނެ. ކޮންމެ މަގެއްގައިވެސް އެތައް ވަޅުތަކެއް އޮވޭ. މަގުގައި ހިނގުމަކީ އެހާ އުނދަގޫ ކަމެއް. ބައިސްކަލް ދުއްވުމަކީ އަދި އެއަށްވުރެ އުނދަގޫ ކަމެއް. ކާރުގައި ދިޔުމަކީ އަދި އެއަށްވުރެވެސް އުނދަގޫ ކަމެއް. މީހުން ހިތަށްއަރާނެ، އެކަންތައްވެސް ސަރުކާރަކަށް ނުކުރެވެޔޭ. އާދެ، އަޅުގަނޑުވެސް އެއްބަސް. އެކަންތައްތައް ނުކުރެވޭ ސަބަބަކީ ކޮބައިތޯ؟ ސަބަބަކީ އެކަން ކުރަން ބޭނުންވެއްޖެނަމަ، އިތުރަށް މީހުން ބޭނުންވޭ. މިހާރު ތިބޭ ޢަދަދަށްވުރެ، އެ މަސައްކަތް ކުރަން ތިބޭ މުވައްޒަފުންގެ ޢަދަދު ޑަބަލް އިތުރުކުރަންޖެހޭ. އިތުރުވާ ކޮންމެ މުވައްޒަފަކަށް މުސާރަ ދޭންޖެހޭ. އެހެންކަމުން އެންމެފަހުންގޮސް ނިމެނީވެސް މުސާރައިގެ މައްސަލައަކަށްވެގެން، ފައިސާގެ މައްސަލައަކަށްވެގެން، ދައުލަތުން އިތުރަށް ކުރަންޖެހޭ ޚަރަދަކަށްވެގެން. އެކަން އެހެން އޮތްއިރުވެސް، މި ފަހަކަށްއައިސް ވަގުތީގޮތުންވެސް މަސައްކަތު މީހުން އިތުރުކުރެވިއްޖެ، މަގުތައް ހެދުމަށްޓަކައި. ވަގުތީ މުސާރަ އެމީހުންނަށް ދެވޭ. އެއީވެސް އިތުރަށް ކުރެވެމުންދާ ޚަރަދެއް. ހަމަ މިގޮތުން ބަލާއިރު، އިތުރު މަދަރުސާތަކަށް އަޅުގަނޑުމެން ވަނީ ބޭނުންވެފައި. އިތުރު ހެލްތު ސެންޓަރުތަކަށް ވަނީ ބޭނުންވެފައި. އިތުރު އެތައްކަމަކަށްވަނީ ބޭނުންވެފައި. އެހެންނަމަވެސް އެކަންތައްތައް ކުރެވޭނީ އަޅުގަނޑު މިދެންނެވި ފަދައިން، ސަރުކާރަށް ލިބޭ އެއްޗެއް އިތުރުވެގެން. އާމްދަނީ އިތުރުކުރެވިގެން.

އާދެ، މިނުކުތާއަކީ، މާގިނަ ވާހަކަ ދައްކަން ބޭނުންވާނެ ނުކުތާއެއް ކަމަކަށް އަޅުގަނޑު ނުދެކެން. މިހާރުވަނީ ނޭޝަނަލް ޕްލޭނިންގ އޭޖެންސީއެއް އުފެދިފައި. އެ ނޭޝަނަލް ޕްލޭނިންގ އޭޖެންސީއިން ވަރަށް ޙަރަކާތްތެރިކަމާއެކު މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ. ސަރުކާރަށް ބޭނުންވާ އެކިއެކި ޚިދުމަތްތައް، ކުރިއަށް އޮތް ތާނގައި ތަރައްޤީވުމަށް ބޭނުންވާ އެކިއެކި ޕްރޮގްރާމްތަކަކީ ކޮބައިތޯ، އެއިން ކޮންމެ ކަމަކަށް ޚަރަދުވާނީ ކިހާވަރެއްތޯ، އެ ޚަރަދުވާނެ ފައިސާ ހޯދަނީ ކޮންތާކުންތޯ، އެކަންތައްތައް ގެންދާނީ، ކޮން ޕްރޮގްރާމެއްގެ ދަށުންތޯ، ކިހާއަވަހަކަށްތޯ، ކޮންކަމެއްތޯ، އެންމެ ފުރަތަމަ ކުރަންވީ، ދެންކުރަންވީ ކޮންކަމެއްތޯ. މިހުރިހާ މަޢުލޫމާތެއް ސާފުކޮށްގެންނޫނީ، މިއިން އެއްވެސް ކަމެއް ކުރިއަށް ނުގެންދެވޭނެކަން، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. ވީމާ، އެ މަސައްކަތްތައް ދަނީ ހިނގަމުން. ކޮންމެ ދުވަހަކު ނޫހުގައި، އެ މަސައްކަތްތަކުގެ ވާހަކައެއް ނޯންނާނެ. ރޭޑިޔޯއަކުން އެ ވާހަކައެއް ނުގޮވާނެ. އެހެންނަމަވެސް ތިޔަ ބޭފުޅުންނަށް އެނގިވަޑައިނުގަތަސް، އެހުރިހާ މަސައްކަތެއް ދަނީ ކުރެވެމުން. ރެޔާ ދުވާލު ދަނީ ކުރެވެމުން. ނޭޝަނަލް ޕްލޭނިންގ އޭޖެންސީގެ ބޭފުޅުންވެސް މެންދުރުފަހުގައިވެސް އަދި ރޭގަނޑުގައިވެސް އެ މަސައްކަތުގައި އުޅުއްވަނީ. އަދި ކުއްލިއަކަށް، އަޅުގަނޑު ދަންނަވާލީމާ ކޮންމެވެސް އެއްބޭފުޅަކު، އަޅުގަނޑު އުޅޭތާކަށް ވަޑައިގަންނަވައިގެން، ރޭގަނޑު ދަންވަންދެންވެސް އިންނަވަން ޖެހިވަޑައިގަންނަވަނީ. އެކި ކަންތައް ކުރައްވަމުން ގެންދަވަނީ. ވީމާ، މިމަސައްކަތް މިއޮތީ ފެށިފައި. މަސައްކަތުގެ ނަތީޖާ ފެންނާނީ އެކަމަށް ފުރުޞަތު ލިބިގެން. ވީމާ، އަޅުގަނޑު ވަރަށް ޞަރީޙަކޮށް މި ދަންނަވަނީ ކަންތައްތައް ނުކުރެވެނީކީ ނޫނޭ. ކޮންމެ ކަމަކީވެސް، އެކަމަށް ބޭނުންވާ ޚަރަދު ފުރަތަމަ ހޯދަންޖެހޭ ކަމަކަށްވާތީ، އެ ޚަރަދު ލިބިގެން ނޫނީ ކުރިއަކަށް ނުދެވޭނެ ކަމެކޭ.

އާދެ، އަޅުގަނޑު ގަސްދުކުރިވަރަށްވުރެވެސް މިރޭގެ ވާހަކަ މިހާރު ދިގުވެގެން ހިނގައްޖެ. އެހެންނަމަވެސް، އަޅުގަނޑަށް ނިންމާލެވެން އަންނަނީ، ވަރަށް ޚާއްޞަ ވާހަކައެއް ދަންނަވާލާފައި. އެއީ، މިރޭ ތިޔަބޭފުޅުންނަށް ޕްރޮގްރާމްގައި ތިޔަ އިވިވަޑައިގެންނެވި ފަދައިން، މިރޭ ބައެއް ފަރާތްތަކަށް ދައުލަތުންދޭ އިނާމުތަކެއް އޮތް ވާހަކަ. އާދެ، ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި އޮންނަ ގޮތެއް. އެކިއެކި ރޮނގުރޮނގުން ދައުލަތަށް ޚިދުމަތް ކުރައްވާ ބޭފުޅުންނަށް، ނުވަތަ އެހެން ޢިބާރާތަކުން ދަންނަވަނީނަމަ، ޤައުމަށް ޚިދުމަތް ކުރައްވާ ފަރާތްތަކަށް އެކަށީގެންވާ އިނާމު ދިނުން. ކޮންމެވެސް ނޭޝަނަލް އެވޯޑެއް ނުވަތަ އެބާވަތުގެ ކޮންމެވެސް ނަމެއްކިޔާ އިނާމެއް އޮންނާނެ. ދިވެހިރާއްޖޭގައި މިހާތަނަށް އަދި އެކަން އޮތީ ނުކުރެވިފައި. އެހެންނަމަވެސް، އަޅުގަނޑު ދެކޭގޮތުގައި އެއީ ވަރަށް ބޭނުންތެރި ކަމެއް. އެހެންކަމަށްވުމާއެކު، މިއަހަރު އެކަން ކުރަން މާތްރަސްކަލާނގެ އިރާދަފުޅާއެކު މިފަށަނީ. މިރޭ އިރާދަކުރެއްވިއްޔާ، މި އިނާމުތައް ދިނުން އޮންނާނެ. މިފަހަރު ބެލިފައިވަނީ ހަމައެކަނި އެއް އަހަރަކަށް ނޫން. މިފަހަރު ބެލިފައިވަނީ ވޭތުވެދިޔަ ވިހި ތިރީސް އަހަރަށް. ވިހި ތިރީސް އަހަރުގެ ތެރޭގައި ޚިދުމަތް ކުރެއްވި ބޭފުޅުން. މިހާރު ދުނިޔޭގައި ތިއްބެވި ބޭފުޅުންގެ ތެރެއިން، އެ ރޮނގުރޮނގުން އެންމެ އެކަށީގެންވާ ފަރާތްތަކަކަށް ސަރުކާރުން އިނާމު ދިނުން. އާދެ، މި އިނާމާއެކު ފައިސާގެ ޢަދަދެއްވެސް ވާނެ.  އެހެންނަމަވެސް، އެއީކީ މާބޮޑު އެއްޗެއް ނޫން. މީގައި އަޅުގަނޑު ބަލަނީކީ ނުވަތަ ބަލަންވާނީކީ އެ ލިބޭ ފައިސާގެ ޢަދަދަކަށް ނޫން. އެ ރަމްޒުކޮށްދޭ މާނައަށް. އެ ރަމްޒުކޮށްދޭ މާނައަކީ، ދައުލަތުން އެބޭފުޅުން އެ ކުރައްވާ ޚިދުމަތްތައް ފާހަގަކުރައްވާކަން. އަދި އެކަމަށްޓަކައި އެފަރާތްތަކަށް ޝުކުރުވެރިވެވަޑައިގަންނަވާކަން. އަދި އެކަމަކީ އެއްވެސް ޙާލެއްގައި ގެއްލިގެންދާނެ ކަމެއްނޫންކަން. ހަމައެއާއެކު އެފަދަ ޚިދުމަތްތައް ކުރުމަށް އިތުރު ފޯރިއެއް ލިބޭނެ ކަމަކަށްވެސް މިކަން ވާނެކަމަށް އަޅުގަނޑު ޔަޤީންކުރަން. މިގޮތުން ކޮންމެ އަހަރަކު އެއްފަހަރު، އެކަށީގެންވާ ފަރާތްތަކަށް ދައުލަތުން ދެއްވާ އިނާމުތައް ދެމުން ގެންދިޔުމުން، އޭގެ ސަބަބުން މި މަސައްކަތްތަކަށް އިތުރު ފޯރި ލިބޭނެ. އިތުރު މީސްމީހުން މިމަސައްކަތްތައް ކުރަމުން ގެންދާނެ.

އާދެ، މީގެތެރޭގައި ހިމެނެނީ ހަމައެކަނި އަމިއްލަގޮތުން އެބޭފުޅުން ކުރައްވާފައިވާ ޚިދުމަތްތައް. ސަރުކާރުގެ ވަޒީފާ އަދާކުރެއްވުމުގެ ގޮތަކުންނެއް ނޫން. އަދި ވިޔަފާރީގެ ގޮތަކުންވެސް ނޫން. ހަމަ ވީހާ އަމިއްލަ ގޮތަކުން ވީހާ ގިނަ ބަޔަކަށް، އޭގެ ފައިދާ ލިބޭގޮތަކަށް އެކިރޮނގުރޮނގުގައި، އެކިބޭފުޅުން ކުރައްވާފައިވާ ޚިދުމަތްތައް ފާހަގަކޮށްލެވިފައިވަނީ. އަދި އެގޮތުގެ މަތިން، މިރޭގެ އިނާމުތައް ހަމަޖެހިފައިވަނީ. އާދެ، މިއިނާމުތަކުގައި ދެ ފެންވަރެއް އެބައުޅޭ. އެއްފެންވަރަކަށް މިކިޔަނީ، [ޝަރަފްވެރިކަމުގެ އިނާމު]. ”ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު“ އަނެއް އިނާމަށް މިކިޔަނީ، ”ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު“. އާދެ، އެއީ އެންމެމަތީ އިނާމު ޙައްޤުވެގެންވާ ފަރާތްތަކަކީ، އެންމެ ގިނަދުވަސް ވަންދެން އެ ރޮނގަކުން އެންމެ ގިނަ ޚިދުމަތްތަކެއް ކުރެއްވި ފަރާތްތައް. ހިތްވަރު ދިނުމުގެ އިނާމު ޙައްޤުވާ ފަރާތްތަކަކީ، އެއީ ކުރިން މި ދެންނެވި ފެންވަރާ ހަމަޔަށް ވާސިލުނުވިޔަސް، އެފަރާތަކުން އެ ކުރައްވަމުން ގެންދަވާ ޚިދުމަތްތައް އެއީ ވަރަށް އަގުހުރި ޚިދުމަތްތަކެއް ކަމަށް ދައުލަތަށް ފެންނާތީ، އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އިނާމު. އާދެ، މީގެ އިތުރު ތަފްޞީލް، އަޅުގަނޑު ހިތުން މީގެފަހުން ވާހަކަފުޅު ދައްކަވަން އޮތް ބޭފުޅަކު ދެއްވާނެ. އެހެންކަމަށްވުމާއެކު، އެކަމަށް އިޝާރާތްކޮށްލުމަށްފަހު، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ.

އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ އަޅުގަނޑުމެންގެ މިނިވަންކަން ދެމެހެއްޓެވުން. ދިވެހިރާއްޖޭގެ އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރިކުރެއްވުން. އަދި އަޅުގަނޑުމެންނަށް، މިނިވަންކަމަކީ ކޮންއެއްޗެއްކަން އެނގޭނެ ގޮތްތައް މާތްﷲ މެދުވެރިކޮށްދެއްވުން. އަދި މިނިވަންކަމުގެ މަސްއޫލިއްޔަތު އަޅުގަނޑުމެންނަށް އުފުލޭނެ ކުޅަދާނަކަން، އަޅުގަނޑުމެންނަށް މާތްﷲ ދެއްވުން.  

                والسّلام عليـكم ورحمـة اللَّـه.