بســم اللّـه الرّحمـن الرّحيــم

               އަޅުގަނޑު ފާދިއްޕޮޅަށް މިކުރާ ދަތުރުގައި، މިފަދަ އުފާވެރި ފުރްޞަތެއް އަޅުގަނޑަށް ދެއްވި ކަމަށްޓަކައި ފާދިއްޕޮޅުގެ ހުރިހާ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އާދެ، އަޅުގަނޑު ދެކޭގޮތުގައި، މިއަދު ފާދިއްޕޮޅުގެ ރައްޔިތުން ތިޔަ ފަށްޓަވާ މަސައްކަތަކީ، ވަރަށް ބޭނުންތެރި މަސައްކަތެއް. އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ ފަދައިން، ރާއްޖެތެރޭގައި މިހާރު ރުއްގަސް ވަނީ ވަރަށްބޮޑަށް މަދުވެފައި. މީގެ އެތަކެއް އަހަރު ކުރިން ރާއްޖޭގެ ބޭނުންތަކަށް ފުދޭވަރަށް ރާއްޖެއިން ވަކަރާއި، އެކި ބާވަތުގެ ލަކުޑި ލިބެންހުރި. އެހެން ނަމަވެސް، ފަހަކަށްއައިސް ލަކުޑި ކެނޑޭލެއް ގިނަވެފައި، އޭގެ ބަދަލުގައި އިތުރު ގަސް ނުއިންދޭތީ، އެކަމުގެ ސަބަބުން މިހާރު ރާއްޖެތެރެއިން މުޅިންހެން ލަކުޑި ހުސްވެއްޖެއޭ ދެންނެވިޔަސް އެއީ ދޮގަކަށް ނުވާނެ.

އާދެ، މިކަމަކީ ސަރުކާރުންވެސް ވަރަށްބޮޑު އަހަންމިއްޔަތުކަންދޭކަމެއް. އަދި އަޅުގަނޑު މިކުރާ ދަތުރުތަކުގައި ބައެއް ރަށްރަށުގައި ގަސް އިންދުމުގެ މަސައްކަތަށް އިތުރު ހިތްވަރެއް ދެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އެބަގެންދަން. އެހެންކަމަށްވުމާއެކު، މިއަދު ފާދިއްޕޮޅުގެ ރައްޔިތުން ތިޔަ އިސްނެންގެވި އިސްނެންގެވުމަކީ، އަޅުގަނޑު ދެކޭގޮތުގައި މިދަނޑިވަޅަށް ވަރަށް ފައިދާހުރި ކަމެއް.

އަޅުގަނޑު ރައީސްކަމާ ޙަވާލުވީއްސުރެ ގޮވައިލަމުން މި އަންނަނީ، ރާއްޖޭގެ ކަންތައްތައް ކުރިއަށް ގެންދިއުމަށްޓަކައި ރައްޔިތުން އެއްބާރުލެއްވުމަށް. މިއަދު ފާދިއްޕޮޅުގެ ރައްޔިތުން ތިޔަ ސާބިތުކޮށްދެއްވަނީ، އެކަމަށް ދެއްވި ޢަމަލީ އިޖާބައެއް. އާދެ، ކޮންމެ ކަމެއްވެސް ރައްޔިތުންގެ ފަރާތުން ފެށިގެން ރައްޔިތުން އެކަމަށް މަސައްކަތް ކުރައްވާނަމަ، އެކަމެއް ވަރަށް އަވަހަށް ކާމިޔާބުވާނެ. ހަމައެކަނި ސަރުކާރުން އެއްވެސް ކަމަކަށް ކުރާ މަސައްކަތަކުން އެހާ އެދެވޭ ނަތީޖާއެއް ނުނުކުންނާނެ. އެހެންވުމާއެކު، އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އަދި މިއަދަކީ [ފާދިއްޕޮޅުގެ ލަކުޑީގެދުވަސް] ކަމަށް ހަމަޖެއްސެވި ހަމަޖެއްސެވުމަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަރުޙީބުދެން. ހަމައެފަދައިން، ކޮންމެ އަހަރެއްގެވެސް މި ދުވަސް، އާދެ، ޛުލްޙައްޖު މަހުގެ އެގާރަވަނަ ދުވަސް އެއީ ފާދިއްޕޮޅުގެ ރައްޔިތުން ލަކުޑި އިންދެވުމަށް ފާހަގަކުރައްވާ ދުވަހަކަށް ހެއްދެވިކަން އެއީވެސް އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް.

ކޮންމެއަކަސް، އަޅުގަނޑުމެން ބޭނުންވަނީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އަދި ކޮންމެ އަތޮޅެއްގައިވެސް ލަކުޑި އިންދުމަށް އިތުރު ސަމާލުކަމެއް ލިބުން. އަޅުގަނޑުމެން މިކަމަށް ވަރަށް ޚާއްޞަ ސަމާލުކަމެއްދީގެން، ވަރަށް އިޚްލާޞްތެރިކަމާއެކު މަސައްކަތްކޮށްގެން ނޫނީ އަޅުގަނޑުމެން ބޭނުންވާ ޢަދަދަކަށް ރާއްޖެއިން ރުކާއި އަދި ލަކުޑީގެ ބާވަތްތައް ލިބޭކަށެއް ނޯންނާނެ. އެހެންކަމަށްވުމާއެކު، އަދިވެސް އެއްފަހަރު ފާދިއްޕޮޅުގެ ރައްޔިތުންނަށް އަޅުގަނޑު ޝުކުރު އަދާކުރަން. އަދި އަޅުގަނޑު ޔަޤީންކުރަނީ، ރާއްޖޭގެ އެހެނިހެން އަތޮޅުތަކުގެ ރައްޔިތުންވެސް މިބާވަތުގެ މަސައްކަތެއް، މާލަހެއްނުވެ ފަށްޓަވާނެ ކަމަށް.

ކޮންމެއަކަސް، މިއަދު ހުރިހާ ޝުކުރަކާއި ތަޢުރީފެއް ޙައްޤުވަނީ، ފާދިއްޕޮޅުގެ ރައްޔިތުންނަށް. ވީމާ، މިއަތޮޅުގެ އަތޮޅުވެރިންނަށާއި އަދި ރަށްރަށުގެ ވެރީންނަށާއި، ފާދިއްޕޮޅުގެ ރައްޔިތުންނަށާއި އަދި މިއަތޮޅުގެ، ނައިފަރުގެ ރައްޔިތުން މި ފުރްޞަތު އަޅުގަނޑަށް ދެއްވި ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރަމުން، އަޅުގަނޑު ނިންމާލަނީ.