بســم اللّـه الرّحمـن الرّحيــم

السّلام عليــكم ورحـمــة اللّـه.  

            އާދެ، މިރޭ އަޅުގަނޑު ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމުގެ ބޭނުމަކީ، މި ބަރަކާތްތެރި ފިޠުރުޢީދުގެ މުނާސަބަތުގައި، އަޅުގަނޑުގެ އިޚްލާޞްތެރި ހެޔޮއެދުންތައް ތިޔަ އެންމެ ބޭފުޅުންނަށް ރައްދުކުރުން. އާދެ، މިރެޔަކީ ބަރަކާތްތެރި ފިޠުރުޢީދުވިލޭރޭ. އެހެންކަމުން، މި އުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އަޅުގަނޑު ތަހުނިޔާއާއި މުބާރަކްބާދު މި ފޮނުވަނީ ހިތްހެޔޮކަމާއެކު، އަދި ރާއްޖޭގެ ކުދިބޮޑު އެންމެހައި އަޚުންނާއި އުޚުތުންނަށް ފުރިހަމަ ޞިއްޙަތާއި ބާއްޖަވެރިކަން އެދެމުން.

ޝައްކެއްނެތް، ޢީދަކީ ވަރަށް އުފާވެރި، ވަރަށް ޚާއްޞަ މުނާސަބަތެއް. މިރޭ އަޅުގަނޑުމެން މި ފާހަގަކުރަނީ ފިޠުރުޢީދުގެ މުނާސަބަތު. ފިޠުރުޢީދަކީ، އިސްލާމްދީނުގައި ލައްވާފައިވާ ދެ ޢީދުގެ ތެރެއިން އެއް ޢީދު.

އާދެ، ފިޠުރުޢީދަކީ، މާތްވެގެންވާ ރަމަޟާންމަހާ ވިދިގެން އަންނަ ޢީދު. މި ޢީދުގެ އުފަލަކީ، މި މާތް މައްސަރުގައި އަދާކުރުމަށް اللّـه سبحـانـه وتعـالى އަންގަވައި ފަރުޟު ކުރައްވާފައިވާ މާތް އަޅުކަން އަދާކުރެވިއްޖެ ކަމުގެ އުފާ. އާދެ، އެކަލާނގެ އަންގަވާފައިވާ އެންގެވުމަށް ރޯދަ ހިފާ ނިމުމުން، އެ މަތިވެރި ވާޖިބު އަދާކުރެވިއްޖެ ކަމުގެ އުފާ. ކީރިތި ﷲ އަށް ޠާޢަތްތެރިކަން އަދާކުރެވިއްޖެ ކަމުގެ އުފާ. ޝައްކެއްނެތް، އިންސާނަކަށް ލިބޭ އެންމެބޮޑު ނިޢުމަތަކީ، اللّـه سبحـانـه وتعـالى އަށް އީމާންވުމުގެ ނިޢުމަތް. އެކަލާނގެއަށް ފުރިހަމަގޮތުގައި ކިޔަމަންތެރިކަން އަދާކުރުމުގެ ނިޢުމަތް. އެހެންކަމުން، މިފަދަ މާތް ނިޢުމަތެއް ލިބިގަނެވިއްޖެ ކަމުގެ ހިތްހަމަޖެހުން އަޅުގަނޑުމެންނަށް އިޙްސާސް ކުރެވޭ ދުވަހަކީ، ވަރަށް މަތިވެރި އުފަލަކާއި ބާއްޖަވެރިކަމެއް އަޅުގަނޑުމެންނަށް ލިބޭނެ ދުވަހެއްކަން ކަށަވަރު.  

އާދެ، މާތްވެގެންވާ އިސްލާމްދީނުގައި ލައްވާފައިވާ ކޮންމެ ޢީދަކީވެސް އޭގައި ވަރަށްފުން އިޖްތިމާޢީ މާނަތަކެއް އެކުލެވިގެންވާ ދުވަހެއް. އުފާވެރި ދުވަހެއްގެ ގޮތުގައި ޢީދު ފާހަގަކުރުމުގެ ބޭނުމަކީ އަދި މަޤްޞަދަކީ މުޅި މުޖްތަމަޢުގައި އުފާވެރިކަން ފެތުރުން. އެކަކު އަނެކަކަށް ހިތްހެޔޮކަން ފާޅުކުރުން. އެކަކު އަނެކަކަށް އެއްބަނޑުއެއްބަފާކަމުގެ ލޯބި ރައްދުކުރުން.  

އާދެ، ޢީދުގެ މުނާސަބަތުގައި އެކަކު އަނެކަކާ ސަލާންކޮށް، ހިތްހެޔޮކަމުގެ ޢިބާރާތްތައް ރައްދުކުރުމަށް ދީނުގައި އަންގަވާފައިވަނީ، އެކަމުގައި މިދެންނެވި ވަރުގަދަ އިޖްތިމާޢީ މަޤްޞަދުތައް އެކުލެވިގެންވާތީ.

އާދެ، އަޅުގަނޑުމެން ސަލާންކުރުމުގެ ގޮތުން ބޭނުންކުރާ ޢިބާރާތަށް ވިސްނައިލިނަމަވެސް، މިދެންނެވި އެއްޗެއް އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް އެނގޭނެ. އާދެ، އަޅުގަނޑުމެން ބޭނުންކުރާ ޢިބާރާތަކީ، [السّــلام عليــكم] މި ޢިބާރާތް. އާދެ، [ތިޔަ ފަރާތަށް އަމަންއަމާންކަން ހުއްޓޭ، ޞުލްޙަމަސަލަސްކަން ހުއްޓޭ] މިހެން ބުނާ ޢިބާރާތް.

ޝައްކެއްނެތް، މިއީ ވަރަށް މަތިވެރި މާނަތަކެއް ދޭހަކޮށްދޭ ޢިބާރާތެއް. އެ ޢިބާރާތުން ދޭހަކޮށްދެނީ، ތިމާގެ ހިތުގައި ތިމާގެ އަޚުން ކަމުގައިވާ އެހެނިހެން މުސްލިމުންނާމެދު އުފެދިފައިވާ އިޚްލާޞްތެރި ކަމުގެ ޝުޢޫރު. ހިތްހެޔޮކަމުގެ ޝުޢޫރު. ތެދުވެރިކަމުގެ ޝުޢޫރު. އެ ބުނަނީ ތިމާގެ ފަރާތުން ތިޔަ ޢިއްޒަތްތެރި އަޚާއަށް ހުރީ އަމަންއަމާންކަމޭ، ޞުލްޙަވެރިކަމޭ، އެކުވެރިކަމޭ، ތިމާގެ ފަރާތުން ތިޔަ ޢިއްޒަތްތެރި ފަރާތަށް އެއްވެސްކަހަލަ ނުރައްކަލެއް ދެކޮޅުވެރިކަމެއް، ބިރެއް ނެތޭ. 

އާދެ، އެކަކު އަނެކަކާ ބައްދަލުވުމުން، ސަލާން ގޮވައިލުމުގެ ގޮތުން އަޅުގަނޑުމެން މުސްލިމުން މި ބޭނުންކުރާ ޢިބާރާތަށް އެކަނި ވިސްނައިލިޔަސް، މުޖްތަމަޢުގެ އެންމެހާ އަފްރާދުންގެ މެދުގައި އޮންނަންޖެހޭ އުޚުއްވަތްތެރިކަމާއި އެއްބަނޑުއެއްބަފާ ކަމަށް މާތްވެގެންވާ އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާ މިންވަރު ވަރަށް ރަނގަޅަށް އެނގޭނެ. އާދެ، އެއް މުސްލިމަކު އަނެއް މުސްލިމަކާ ބައްދަލުވުމުން ބުނަނީ، އެ ބައްދަލުވި ވަގުތަކާ ނިސްބަތްކޮށް، [ރަނގަޅު ހެނދުނެކޭ] ނުވަތަ [ރަނގަޅު ހަވީރެކޭ] ނޫން. ބުނަނީ، [އަހަރެންގެ ކިބައިން ތިޔަ ފަރާތަށް ހުރީ އަމަންއަމާންކަމޭ، އެކުވެރިކަމޭ، ހިތްހެޔޮކަމޭ، ލޯތްބޭ.] ވީމާ، މިފަދަ މުނާސަބަތުތަކުގައި އަޅުގަނޑުމެންގެ މާތް ދީނުގައި ކަނޑައަޅުއްވާފައިވާ އަގުހުރި އުޞޫލުތަކާމެދު ވިސްނައި، އެ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރަމުން ގެންދިއުމަށް އަޅުގަނޑުމެން ވަރަށްބޮޑު ސަމާލުކަމެއް ދޭންޖެހޭނެ. 

މި ބަރަކާތްތެރި ޢީދާ ގުޅިގެން ފަރުޟު ކުރައްވާފައިވާ ޒަކާތް އެއީވެސް ވަރަށް މަތިވެރި އިޖްތިމާޢީ ސިއްރުތަކެއް އޭގައި އެކުލެވިގެންވާ ކަމެއް. އާދެ، މިފަދަ ދުވަހެއްގައި އެކަކު އަނެކަކުގެ ޙާލުދެކެ، އެކަކު އަނެކަކުގެ ޙާލަށް ހަމްދަރުދީވެ، އެކަކު އަނެކަކަށް އެހީތެރިކަން ފޯރުވުމަށްވުރެ ޖަމާޢަތުގެ އެކުވެރިކަމާއި ހަމަޖެހުން ހިފަހައްޓައިދޭނެ އެހެން އެއްވެސް ކަމެއް ނޯންނާނެކަން ކަށަވަރު. ކަންއޮތީ މިހެން ކަމަށްވުމާއެކު، މި މުހިންމު ފަރުޟު އަދާކުރުމަށް އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އަވަސްވެގަންނަންވާނެ. އާދެ، މާތް رســول اللّـه صـلّى الله علـيـه وسـلّم ޙަދީޘް ކުރައްވާފައިވަނީ، [صوم رمضان معلق بين السَّماء والأرض لا يرفعه إلاّ زكاة الفطر] މިފަދައިން. މާނައަކީ، [ރަމަޟާންމަހުގެ ރޯދަ އުޑާއި ބިމާ ދެމެދުގައި ހިފެހެއްޓިފައިވެއޭ. ފިޠުރު ޒަކާތް ފިޔަވައި އެހެން އެއްޗެއް، އެ ރޯދަ ކީރިތި ﷲގެ ޙަޟުރަތަށް އުފުލައެއްނުދޭނެއޭ.] 

މި ހަދީޘުން އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ، ރަމަޟާންމަހު އަޅުގަނޑުމެން މި ހިފި ރޯދަ މާތްﷲގެ ޙަޟުރަތުގައި މަޤްބޫލު އެއްޗަކަށްވާނީ، އަޅުގަނޑުމެން ފިޠުރު ޒަކާތް ދީގެންކަން. އެހެންކަމުން، އަޅުގަނޑުމެންގެ ތެރެއިން ފިޠުރު ޒަކާތް ވާޖިބުވާ ކޮންމެ މީހަކުވެސް މިހާތަނަށް ފިޠުރު ޒަކާތް ނުދީވާނަމަ، މިރޭ އެ ޒަކާތް ދެވޭތޯ ބަލަންވާނެ. ފިޠުރު ޒަކާތް ދިނުމަށް އެންމެ ހެޔޮކަން ބޮޑު ވަގުތު ކަމުގައި ޢިލްމުވެރިން ވިދާޅުވެފައިވަނީ، ޢީދުވިލޭރޭގެ ފަތިސްނަމާދާއި ޢީދުނަމާދާ ދެމެދުގައިވާ ވަގުތު. ޢުޛުރަކާ ނުލައި ޒަކާތް ދިނުން ޢީދު ނަމާދަށްވުރެ ފަސްކުރުމަކީ މަކުރޫހަކަމެއް.

ފިޠުރުޢީދުގައި ފިޠުރު ޒަކާތް ނެރުން ފަރުޟު ކުރައްވާފައިވާ ފަދައިން، އަޟުޙާ ޢީދުގައި އުޟުޙިޔާ ކަތިލުން ޝަރުޢު ކުރައްވާފައިވޭ. އެއީވެސް ފަޤީރުންނާއި ނިކަމެތިންނަށް އެހީވެދިނުމަށްޓަކައި. މިކަމުންވެސް ދޭހަވާ އެއްޗަކީ، އިސްލާމްދީނުގައި ލައްވާފައިވާ ކޮންމެ ޢީދަކީވެސް، ކުރިން ދެންނެވި ފަދައިން، ވަރަށް މަތިވެރި އިޖްތިމާޢީ މަޤްޞަދުތަކަކަށްޓަކައި ލައްވާފައިވާ ޢީދެއްކަން.

މާތްﷲ، އަޅުގަނޑުމެން އެންމެންނަށް މި ޢީދުގެ ބަރަކާތް ލައްވާށި! މިފަދަ މަތިވެރި މުނާސަބަތުތަކުގެ ސަބަބުން އަޅުގަނޑުމެންގެ އީމާންކަން ވަރުގަދަކުރައްވައި، އަޅުގަނޑުމެންގެ ޙަޔާތަށް އިތުރު ހަމަޖެހުމާއި އުފާވެރިކަން ގެނެސްދެއްވާށި! 

               وكل عام وأنتم بخير.