ގދ. ތިނަދޫގައި ރޭގައި ދިމާވި އަލިފާނުގެ ހާދިސާގައި، ތިނަދޫގެ އިންޖީނުގެ އެކުގައި އަނދާ ހުލިވެ އަދި ނަތީޖާއެއްގެ ގޮތުން، މުޅި ރަށުން ކަރަންޓާއި ފެނުގެ ޚިދުމަތް ކެނޑި ރައްޔިތުންގެ ޢާންމު ދިރިއުޅުމަށް ބުރޫއަރާފައިވާ ކަމީ، ރައީސުލްޖުމްހޫރިއްޔާ ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމެކެވެ. އަދި މިކަމުގެ ސަބަބުން މިއަދު ތިނަދޫގެ ސްކޫލްތަކުގެ ކިޔެވުންވަނީ މެދުކަނޑާލެވިފައިކަންވެސް ހިތާމައާއެކު ފާހަގަކުރައްވައެވެ. ނަމަވެސް ކޮންމެހެން ދޭންޖެހޭ ޞިއްޙީ ފަރުވާގެ ކަންކަން ހަމަޖެއްސުމަށްޓަކައި ހޮސްޕިޓަލަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް މިހާރު ކުރިޔަށްދާކަން ފާހަގަކުރައްވައެވެ.

މި ހާދިސާގައި، ތިނަދުއަށް ކަރަންޓު ދިނުމަށް ބޭނުންކުރެވެމުން ދިޔަ ހުރިހާ އިންޖީނެއް ހަލާކުވެ، އިންޖީނުގެވެސް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވުމުން، ކުރިން ޚިދުމަތް ދެމުން ގެންދިޔަ ގޮތަށް ޚިދުމަތްތައް ދިނުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް، ދައުލަތުގެ ކަމާބެހޭ ހުރިހާ ވުޒާރާތަކާއި ފެނަކަ އަދި އެހެނިހެން ކުންފުނިންތަކުން ހުއްޓާނުލައި ކުރިޔަށް ގެންދާނޭ ކަމުގެ ފުރިހަމަ ޔަޤީންކަން ތިނަދޫގެ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައެވެ. އަދި މިމައްސަލަ މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ގެންދަވަނީ ތަޙްޤީޤު ކުރައްވަމުން ކަމަށާއި، މިފަދަ ކަންކަން ތަކުރާރުނުވާނޭ ފަދަޔަކުން ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނޭ ކަމުގެ ޔަޤީންކަންވެސް ދެއްވައެވެ.