بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام  عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وَصَحْبِـهِ أجمعـين.

އާދެ، މާތް اللّـه سبحـانـه وتعـالى ގެ ކިބަޔަށް ޙަމްދާއި ޝުކުރުކޮށް، އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم މާތް ރަސޫލާގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާކުރުމަށްފަހު، އަޅުގަނޑުގެ ވަރަށްބޮޑު އުފަލެއް ކަމަށް ދެކެން، މިރަށުގެ ރައްޔިތުންނަށް ހިތުގެ އިޚްލާޞްތެރި ޝުކުރު ރައްދުކުރުން.

އާދެ، އަޅުގަނޑު މިރަށަށް އައުމުގެ މުނާސަބަތުގައި، މިރަށުގެ ރައްޔިތުންނާއި ވެރިން އަދި މިއަތޮޅުގެ އަތޮޅުވެރިންނާއި އަދި އެހެނިހެން ރަށްރަށުގެ ވެރިން އަޅުގަނޑަށް ތިޔަ ދެއްވި ހޫނު ތަރުޙީބަށްޓަކައި، އަޅުގަނޑު ޝުކުރުވެރިވަނީ ހިތުގެ އެންމެ ފުންމިނުން. އާދެ، އަޅުގަނޑު ދެކޭގޮތުގައި، ތިޔަ އެންމެ ބޭކަލުންނާއި ބޭކަނބަލުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާ ރަމްޒުކޮށްދެނީ، ތިޔަ ބޭކަލުންނާއި ބޭކަނބަލުންގެ ހިތްތަކުގައި ދިވެހި ދައުލަތާމެދު އޮތް އިޚްލާޞްތެރިކަމެއް. އެހެންކަމުން، އަޅުގަނޑު މި ފުރްޞަތުގެ ބޭނުން މިކުރަނީ، ދައުލަތުގެ ފަރާތުންވެސް އަދި އަޅުގަނޑުގެ އަމިއްލަ ޙައިޘިއްޔަތުންވެސް ތިޔަ ހުރިހާ ބޭކަލުންނަށާއި، ބޭކަނބަލުންނަށް ޝުކުރު އަދާކުރުމަށް.

އާދެ، އަޅުގަނޑުގެ މި ދަތުރަކީ، ދެންމެ މިނިސްޓަރ އޮފް ޕްރޮވިންޝަލް އެފެއާޒްގެ ނައިބު އެ ވިދާޅުވި ފަދައިން، އައްޑުއަތޮޅަށް ކުރާ ދަތުރެއް. އެހެން ނަމަވެސް، އެ ދަތުރުގައި ދެކުނުގެ ބައެއް އަތޮޅުތަކަށް މަޑުކޮށްލާގޮތަށް ހަމަޖެހިފައިވަނީ. އަދި އެ އަތޮޅުތަކުގެ ބައެއް ރަށްރަށަށް ޒިޔާރަތްކޮށް، އެ ރަށްރަށުގެ އަހުލުވެރިންނާ ބައްދަލުކޮށްލާ ގޮތަށް. އަޅުގަނޑުގެ މިދަތުރުގެ މަޤްޞަދަކީ، އަޅުގަނޑު މާލޭގެ އުތުރުގެ ބައެއް އަތޮޅުތަކަށް ޒިޔާރަތްކުރި ކުރުމުގެވެސް މަޤްޞަދު. އެއީ ރާއްޖެތެރޭގެ ޙާލު އަޙުވާލު ދެކެލުން. ރާއްޖެތެރޭގެ ކަންތައްތައް ހުރިނެތްގޮތް ބަލައިލުން. އަދި ރާއްޖެތެރޭގެ މީހުންނާ ބައްދަލުކޮށް، އެކިކަންކަމާމެދު މަޝްވަރާކޮށް، އެމީހުންނަށް ކުރިމަތިވެފައިވާ ދަތިތައް ފިލުވައިލެވޭނޭ ގޮތްތަކާމެދު ޚިޔާލުކުރުން. އަދި އެކަމުގެ މައްޗަށް އެކުލެވޭ ޕްރޮގްރާމެއް ސަރުކާރުގެ ފަރާތުން ހިންގުމަށްޓަކައި، އެކަމާ ބެހޭ ހުރިހާ މަޢުލޫމާތުތަކެއް ހޯދުން.

 މި މަޤްޞަދުގައި އަޅުގަނޑު ވަނީ މީގެ އެތައް މަސްދުވަހެއް ކުރިން ރާއްޖެތެރެއަށް ދަތުރުތަކެއް ފަށާފައި. ފުރަތަމަކޮޅު، އަޅުގަނޑު ޒިޔާރަތްކުރީ މާލެއަތޮޅުގެ ބައެއް ރަށްރަށަށް. އޭގެފަހުން މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އަޅުގަނޑު ދަތުރު ފެށީ މާލެއިން އުތުރަށް. މިދަތުރުގައި ހއ. އަތޮޅާއި، ހދ. އަތޮޅުގެ ހުރިހާ ރަށަކަށް، މީހުން އުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރުމުގެ ފުރްޞަތު އަޅުގަނޑަށް ލިބުނު. ހަމައެފަދައިން، އެ ދަތުރުގައި މާލެއިން އުތުރުގެ ހުރިހާ އަތޮޅުތަކެއްގެ ވެރިކަންކުރާ ރަށްރަށަށް ޒިޔާރަތް ކުރުމުގެ ފުރްޞަތުވެސް އަޅުގަނޑަށް ލިބުނު. އެގޮތުގެ މަތިން މިހާރު އަޅުގަނޑު މި ދަތުރު ފަށައިގެން މިއުޅެނީ އެންމެ ދެކުނަށް ދިއުމަށްޓަކައި. އަދި އެދާ މަގުމަތީގައި ބައްދަލުވާ އެކިއެކި އަތޮޅުތަކަށް ޒިޔާރަތްކޮށް، އެކިއެކި ރަށްރަށަށް ޒިޔާރަތް ކުރިން.

އާދެ، ތިޔަ އެންމެ ކަލުންނާއި ކަނބަލުން އައްސަވާނެ، މިހާރު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ވަރަށްބޮޑު ބަޖެޓެއް ފާސްކުރި ވާހަކަ. އެ ބަޖެޓަކީ ރާއްޖެތެރޭގެ ކަންތައްތައް އިޞްލާޙުކޮށް ތަރައްޤީ ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓެއް. އާދެ، އެއްވެސް ޝައްކެއްނެތް، ރާއްޖެތެރެވަނީ ހުރިހާ ގޮތަކުންވެސް އިޞްލާޙު ކުރަން ބޭނުންވެފައި. ހުރިހާ ރޮނގަކުންވެސް ތަރައްޤީ ކުރަން ބޭނުންވެފައި. މީގެކުރިން ތަރައްޤީގެ ހުރިހާ ނަޞީބެއް ލިބެމުންދިޔައީ ހަމައެކަނި މާލެއަށް. މާލޭގައި ތަޢުލީމްދޭ ތަންތަން ހުންނަނީ. ސްކޫލްތައް، ޞިއްޙީ ފަރުވާ ލިބޭ ތަންތަން ނުވަތަ ހޮސްޕިޓަލް ހުންނަނީވެސް މާލޭގައި. އަދި އެނޫންވެސް އެކިއެކި ޚިދްމަތްތައް މުޅިންހެން ލިބެން ހުންނަނީ ހަމައެކަނި މާލެއިން. އެހެންނަމަވެސް، ދިވެހިރާއްޖެއަކީ ހަމައެކަނި މާލެއެއް ނޫން. ރާއްޖޭގެ އަޣުލަބިއްޔަތު ދިރިއުޅެނީ ރާއްޖެތެރޭގައި. އެހެންކަމުން، މިހުރިހާ ޚިދްމަތްތަކެއް މާލެއިން އެ ލިބެން ހުންނަ ފެންވަރަށް ނުވަތަ އެއާ ކައިރިކުރާ ފެންވަރަކަށް ރާއްޖެތެރޭގައި ލިބެން ހުރުމަކީ، ކޮންމެހެން ބޭނުންކަމެއް.

އެހެންކަމުން، އަޅުގަނޑު ސަރުކާރު ހިންގުމާ ޙަވާލުވީއްސުރެ މަސައްކަތް ކުރަމުން މިގެންދަނީ، މި މަޤްޞަދުތައް ޙާޞިލްކުރެވޭތޯ. އެއީ ރާއްޖެތެރޭގެ ކަންތައްތައް އިޞްލާޙު ކުރުން. ރާއްޖެތެރޭގެ ކަންތައްތައް ތަރައްޤީ ކުރުން. އަދި ރާއްޖެތެރޭގައިވެސް މިދެންނެވިފަދަ ދައުލަތުގެ ޚިދްމަތްތައް ލިބޭ ގޮތްތައް ރޭވުން. މި މަސައްކަތް އަޅުގަނޑު ފަށައިގެން، މިހާރު ހިސާބަކަށް ބައެއް ކަންތައްތައް ކާމިޔާބުވެސް ކުރެވިއްޖެ. އެހެން ނަމަވެސް، ކަންތައްތައް ހުންނަލެއް ދަތިކަމާއި، އަޅުގަނޑުމެން ކަހަލަ ކުޑަ ޤައުމަކަށް އެއްފަހަރާ މިހާ ބޮޑެތި ޚަރަދުކުރުން އެއީ ފަސޭހަކަމަކަށް ނުވާތީއާ އެކުގައި، އަޅުގަނޑު ހީކުރިވަރަށްވުރެ ކަންތައްތައް ދަނީ ތަންކޮޅެއް ލަހުން. އެހެން ނަމަވެސް، ލަހުންދިޔަނަމަވެސް، ހަމަ ޔަޤީނުންވެސް އިރާދަކުރެއްވިއްޔާ، ކަންތައްތައް ދަނީ ކުރިއަށް. ހުރިހާ ކަމެއްވެސް ދަނީ ތަރައްޤީވަމުން، ރަނގަޅު ކުރެވެމުން. އެހެންވީމާ، އަޅުގަނޑުގެ ވަރަށްބޮޑު ޔަޤީންކަމެއް އެބައޮތް، އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ ރާއްޖެތެރޭގައިވެސް ވަރަށްގިނަ ކަންތައްތައް ރަނގަޅުކުރެވޭނެ ކަމަށް. ވަރަށްގިނަ ކަންތައްތައް ތަރައްޤީ ކުރެވޭނެ ކަމަށް. އަދި ތަޢުލީމީ ގޮތުންނާއި، ޞިއްޙީ ގޮތުންނާއި އަދި އިޤްތިޞާދީ ގޮތުންވެސް. އަދި މިނޫންވެސް އެހެނިހެން ގޮތްގޮތުން، ރާއްޖެތެރެ ތަރައްޤީވަމުން ކުރިއަރަމުންދާނޭކަމަށް.

އާދެ، އަޅުގަނޑުމެންނަކީ މަސްވެރި ބައެއް. އަޅުގަނޑު މިދެންނެވީ މިއަތޮޅުގެ ރައްޔިތުންނަކީ މަސްވެރި ބައެއް. އަޅުގަނޑުމެންގެ ދިރިއުޅުން ބިނާވެފައިވަނީ މަސްވެރިކަމުގެ މައްޗަށް. އެހެންކަމުން، މަސްވެރިކަމަށް ވަރަށް ޚާއްޞަ އަހަންމިއްޔަތެއް ދައުލަތުން ދެއްވާ. އަޅުގަނޑުމެން އަމިއްލައަށްވެސް ދެމު. ވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ އަޅުގަނޑުމެން މަސްވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރުން. ހަމައެކަނި މަސްވެރިކަމެއް ނޫން. މިރަށަކީ އަޅުގަނޑު ދެކޭގޮތުގައި ވަރަށްގިނަ ގޮތްގޮތުން ނަޞީބުވެރި ރަށެއް. އެއީ މިރަށުގެ ފަސްގަނޑަކީ ވަރަށްމޮޅު ފަސްގަނޑެއް. ވަރަށްގިނަ ބާވަތުގެ ތަކެތި ހެއްދޭ. އެކަމުން މިރަށުގެ ރައްޔިތުންނަށް ވަރަށްގިނަ އާމްދަނީވެސް ލިބެމުންދޭ. އެހެންވުމާއެކު، މިރަށުގެ ރައްޔިތުން މާތްﷲގެ ކިބަޔަށް ޙަމްދާއި ޝުކުރުކުރުން އެއީ އެމީހުންގެ ބޮލުގައި އެޅިފައިވާ ވާޖިބަކަށް ނުވެނުދާނެ. މާތްﷲގެ ނިޢުމަތްތަކަށް ޝުކުރު ކުރުމުން ނޫނީ، އެކަލާނގެ ދެއްވާ ނިޢުމަތްތަކެއް އިތުރުކޮށެއް ނުދެއްވާނެ. އާދެ، މާތްﷲ ވަޙީކުރައްވާފައިވަނީ، [لَئِن شَكَرْتُمْ  لَأَزِيدَنَّكُمْ.] [ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ޝުކުރުކޮށްފިނަމަ، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވާ ނިޢުމަތްތައް އިތުރުކޮށްދެއްވާހުށީމެވެ.] އާދެ، ޝުކުރުކުރުމަކީ ހަމައެކަނި އަޅުގަނޑުމެންގެ ދުލުގެކޮޅުން ބުނެލާ ބަހަކަށްވެގެން ނުވާނެ. ޝުކުރުކުރުމަކީ ޙަޤީޤަތުގައި ޢަމަލީގޮތުން ޝުކުރުކުރުން. އެއީ މާތްﷲ ފަރުޟުކުރެއްވި ކަންތައްތަކަށް ރައްކާތެރިވެ، އެކަލާނގެ ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވުން. އަދި ހަމައެއާއެކު، އަޅުގަނޑުމެންގެ ދިރިއުޅުން ތަރައްޤީކުރުމަށްޓަކައި މަސައްކަތް ކުރަމުން ގެންދިއުން. އިޚްލާޞްތެރިކަމާއެކު، ފަރުވާތެރިކަމާއެކު މަސައްކަތް ކުރަމުން ގެންދިއުން.

އެއްވެސް ބަޔަކު އެއްވެސް ފޮނި އުންމީދެއް ކޮށްގެން، އެމީހުންނަށް އެމީހުން އެދޭ ކަންތައްތަކެއް ކާމިޔާބެއް ނުކުރެވޭނެ. އުންމީދާ އެކުގައި މަސައްކަތް ކުރަންވާނެ. ވަރުގަދަ ޢަޒުމެއް ކަނޑައަޅައިގެން، އެ އުންމީދުތައް ޙާޞިލު ކުރުމަށްޓަކައި، އިޚްލާޞްތެރިކަމާއެކު މަސައްކަތް ކޮށްގެން ނޫނީ، އެ އުންމީދެއް ޙާޞިލެއް ނުކުރެވޭނެ. މިއީ އަޅުގަނޑު އަމިއްލައަށް ދަންނަވާ އެއްޗެއް ނޫން. އެއީ މާތް اللّـه سبحـانـه وتعـالى އަންގަވާފައިވާ ގޮތް. މާތްﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވަނީ،[لَّيْسَ بِأَمَانِيِّكُمْ وَلَا أَمَانِيِّ أَهْلِ الْكِتَابِ] އެއީ، ސުވަރުގެވަނުމާ ދޭތެރޭގައި މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއް. އެ ބަސްފުޅުގައި އެ ވަޙީކުރައްވަނީ، [އެކަން އޮތީކީ ތިޔަބައިމީހުން ކުރާ ފޮނި އުންމީދެއްގެ މައްޗަށް ބިނާކުރެވިފައެއް ނޫނޭ. އަދި އެކަން އޮތީކީ އަހުލުކިތާބީންގެ މީހުންވެސް އެމީހުން ކުރާ ފޮނި އުންމީދުތަކެއްގެ މައްޗަށް ބިނާވެގެނެއް ނޫނޭ.] ކޮބައިތޯ މާނައަކީ؟ މާނައަކީ، އެކަން އޮތީ އެމީހުން ކުރާ ޢަމަލެއްގެ މައްޗަށް ބިނާވެގެންނޭ. އަޅުގަނޑުމެންނަކީ ހަމައެކަނި މުސްލިމުން ކަމުގައި ދުލުން ބުނެލައިގެން، އަޅުގަނޑުމެން މުސްލިމުން ޢަމަލުކުރަންވާގޮތަށް ޢަމަލުނުކުރާނަމަ، އަޅުގަނޑުމެން އެކުރާ އުންމީދުތަކެއް ޙާޞިލެއް ނުވާނެ. އަޅުގަނޑުމެން މުސްލިމުން ކަމުގައިވާނީ، ދުލުން އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައި ބުނާއިރު، ޢަމަލީގޮތުންވެސް އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައި ސާބިތުވެ ތިބެއްޖެނަމަ.

އެހެންކަމުން، އަޅުގަނޑުގެ ނަޞޭޙަތަކީ، އިލްތިމާސަކީ އަޅުގަނޑުމެން މާތް اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޝުކުރު ކުރުމުގައި ޢަމަލީ ސިފަ ދެއްކުން. އެއީ އަޅުގަނޑުމެން ކުރާ  ޢަމަލަކީ ޝުކުރެއް ކަމުގައި ހެދުން. އެކަލާނގެ ފަރުޟު ކުރެއްވި ކަންތައްތަކަށް ޙުރްމަތްތެރިކޮށްހިތައި، އެކަންތައްތައް ބަރާބަރަށް އަދާކުރަމުން ގެންދިއުން. އަދި މާތްﷲ ނަހީކުރައްވާފައިވާ ކަންތައްތަކުން ދުރުހެލިވެގެން ތިބުން. އަޅުގަނޑުމެންނަކީ އެއްބަނޑުއެއްބަފާ ބައެއް ކަމުގައި ބަލައިގެން، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އެހެން މީހުންނަށް އެހީވެދީ، އެހެން މީހުންނަށް އޯގާތެރިކަން ބަހައްޓައި، އެހެން މީހުންދެކެ ލޯބިވެ، އެހެން މީހުންނަށް ހުރިހާ ގޮތަކުންވެސް އެހީ ފޯރުވުން އެއީ މުސްލިމުންގެ ގޮތަކީ. މުސްލިމުންނަކީ އަޚުން. އެއްބަނޑުއެއްބަފާ ބައެއް. މުޅި އިސްލާމީ ޖަމާޢަތުގައި އޮންނަންވާނީ އެއްބަނޑުއެއްބަފާކަމުގެ ގުޅުން. އެއްވެސް ޙާލެއްގައި އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް އަނެކެއްގެ ޙައްޤަކަށް އަރައިގަނެގެނެއް ނުވާނެ. އަނެކެއްގެ މުދަލެއް ފޭރިގަނެގެނެއް ނުވާނެ. ނުވަތަ އެހެނިހެން ގޮތަކުންވެސް އަނެކާއަށް އެއްވެސް ކަހަލަ ގެއްލުމެއް، އުނިކަމެއް ދީގެނެއް ނުވާނެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވަނީ، [لايؤمن  أحدكم  حتّى  يحبُّ  لِأخِيه ما يحبّ لنفسِه]  އެކަލޭގެފާނުގެ ޙަދީޘްފުޅުގައި އެ އަންގަވަނީ، [ކަލޭމެންގެ ތެރެއިން އެކަކުވެސް ފުރިހަމަ މުއުމިނެއް ކަމުގައެއް ނުވެޔޭ، އެމީހާގެ އަމިއްލަ ނަފްސުދެކެ ލޯބިވާ ފަދައިން، އެމީހާގެ އަޚުންދެކެ ލޯބިވެއްޖައުމަށް ދާންދެން.] އާދެ، މިއީ ކީރިތި ރަސޫލާގެ އިރުޝާދު. ރަސޫލާ އަންގަވާފައި އެވަނީ، އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް މުއުމިނެއް ކަމުގައި ނުވާނެއޭ، އެމީހާގެ އަމިއްލަ ނަފްސުދެކެ ލޯބިވާ ފަދައިން، އެމީހާގެ އަޚުންދެކެ ލޯބިނުވާނަމަ. އެއީ ޢަމަލީގޮތުންވާ ލޯތްބެއް. އެއްގޮތަކަށްވެސް ތިމާ، ތިމާގެ އަޚުންދެކެ ލޯބިވަމޭ ބުނުމެއް ނޫން. އެއާ ޚިލާފަށް އެހެން ބުނުމާއެކު، ޢަމަލީގޮތުން އެކަން އެގޮތަށް ކުރުން. ތިމާ ތިމާގެ އަމިއްލަ ޙައްޤުތަކަށް ރައްކާތެރިވާ ފަދައިން، ތިމާގެ އަޚުންގެ ޙައްޤުތަކަށްވެސް ރައްކާތެރިވުން.

އާދެ، ވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ، އިލްތިމާސަކީ އަޅުގަނޑުމެން ކުރާ މަސައްކަތްތައް އިތުރުކުރެވޭތޯ ބެލުން. އަޅުގަނޑުމެންގެ އާމްދަނީ ތަނަވަސްވާނީ އަދި އަޅުގަނޑުމެންގެ ދިރިއުޅުން ތަނަވަސްވާނީ، އަޅުގަނޑުމެން ކުރާ މަސައްކަތްތައް އިތުރުކޮށްގެން. މިހެން ދަންނަވާއިރު، އަޅުގަނޑުމެން އެއްވެސް އެއްބާވަތެއްގެ މަސައްކަތަކަށް ބުރަވެ ތިބުން އެއީ އަޅުގަނޑު ދެކޭގޮތުގައި ރަނގަޅު ކަމެއް ނޫން. އެއީ އެކަމަކަށް އެއްވެސް ކަހަލަ ހުރަހެއް އެޅިއްޖިއްޔާ، އަޅުގަނޑުމެންގެ މުޅި ދިރިއުޅުން ހަލާކުވެގެން ހިނގައިދާނެތީ. ބުއްދިވެރި ގޮތަކީ ދިރިއުޅުމަށް ތަފާތު ބާވަތްތަކުގެ މަސައްކަތްތައް ކުރަމުން ގެންދިއުން. މަސްވެރިކަން ކުރުން، އަދި ދަނޑުވެރިކަންވެސް ކުރުން. އަދި އޭގެއިތުރަށް ރޯނުވެށުން ނުވަތަ އެނޫންވެސް އެބާވަތުގެ އެހެން މަސައްކަތްތައް ކުރުން. އެގޮތަށް އަޅުގަނޑުމެން އާދަކޮށްފިނަމަ، އެއްކަމެއް ހުއްޓާލަންޖެހުނަސް ނުވަތަ އެއްކަމަކަށް އެކި ބާވަތްބާވަތުގެ ހުރަސްތައް އެޅެމުންދިޔަނަމަވެސް، އެހެނިހެން ކަންތައްތަކުން އަޅުގަނޑުމެންނަށް ފުދޭވަރެއްގެ އާމްދަނީއެއް ލިބެމުންދާނެ.

އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ، އެއްގޮތަކަށްވެސް އަޅުގަނޑުމެން އެއްވެސް ރަށެއްގެ ބަޔަކު، އެއް މަސައްކަތެއްގެ މައްޗަށް އަޅުގަނޑުމެންގެ މުޅި ދިރިއުޅުން ހުއްޓާލައިގެން ނުތިބުން. ތަފާތު އެކި ބާވަތްބާވަތުގެ މަސައްކަތް ކުރެވޭތޯ ބެލުން. ހަމައެއާއެކު، އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާ ވަގުތުތައްވެސް އިތުރުކުރަމުން ގެންދިއުން. މިހާރު މަސައްކަތް ކުރަނީ އަށް ގަޑިއިރު ކަމުގައިވާނަމަ، ކުރިއަށް އޮތް ތާނގައި ދިހަ ގަޑިއިރަށް ހެދުން ނުވަތަ ބާރަ ގަޑިއިރަށް ހެދުން. އޭރުން އަޅުގަނޑުމެން ކުރާ މަސައްކަތުގެ ނަތީޖާ، އަޅުގަނޑުމެންނަށް ފެންނާނީ. އަޅުގަނޑުމެން ނުކުރާ މަސައްކަތެއްގެ ނަތީޖާއެއް، އަޅުގަނޑުމެންނަކަށް ނުފެންނާނެ. އަދި އަޅުގަނޑުމެން މަސައްކަތް ނުކޮށް ތިއްބާ، އެހެން ބަޔަކު އައިސް އަޅުގަނޑުމެންނަށް ކާންބޯކަށް ނުދޭނެ. އަޅުގަނޑުމެން، އަޅުގަނޑުމެންގެ އަމިއްލަ ރިޒުޤު ހޯދަންވާނީ، އަމިއްލަ ތަނަވަސްކަން ހޯދަންޖެހޭނީ، އަޅުގަނޑުމެން އަމިއްލައަށް ކުރާ މަސައްކަތްތަކުން.

އާދެ، ދެންމެ އަޅުގަނޑު ދެންނެވި ފަދައިން، ސަރުކާރުން މިހާރުވަނީ ވަރަށްބޮޑު ޕްރޮޖެކްޓެއް ހަމަޖައްސާފައި، ރާއްޖެތެރޭގެ އެކިއެކި ކަންތައްތައް ތަރައްޤީ ކުރެއްވުމަށްޓަކައި. އޭގެތެރޭގައި އެކިރަށްރަށުގެ ފަޅުތެރެ ކޮނުން، ނެރުކެނޑުން، މިސްކިތްތައް ޢިމާރާތް ކުރުން، މަދަރުސާ އެޅުން، މިބާވަތުގެ ވަރަށްގިނަ ކަންތައް ހިމެނޭ. އެކަމަށްޓަކައި ވަރަށް ބޮޑެތި ޚަރަދު ކުރެވެމުންދާނެ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ކަންތައްތައް ކުރިއަށްދާނީކީ ހަމައެކަނި ސަރުކާރުން ކުރައްވާ ޚަރަދަކުން ނޫން. އޭގެއިތުރަށް، އެކަމުގައި އަޅުގަނޑުމެން އެއްބާރުލައިގެން. ރައްޔިތުންގެ އެއްބާރުލުން ނެތް ކަމުގައިވަންޏާ، މިއިން އެއްވެސް ކަމެއް ކާމިޔާބާ ހަމައަކަށް ނުދާނެ. އެ ވާނީ ހަމަ ބޭކާރު ހުސް ޚަރަދަކަށް. އެހެންކަމާއެކު، އަޅުގަނޑު މި އިލްތިމާސް ކުރަނީ، ސަރުކާރުން މި ފަށާފައިވާ މަސައްކަތުގައި، ދިވެހި ރައްޔިތުން ވަރަށް އިޚްލާޞްތެރިކަމާއެކު އެއްބާރުލެއްވުން. އަދި ސަރުކާރާ އަތުގުޅާލައިގެން ހުރިހާ ކަމެއްވެސް ތަރައްޤީ ކުރެވޭތޯ ބައްލަވަމުން ގެންދެވުން.

އާދެ، މިރޭ މިހާރު ވަގުތުވެސް ވަނީ ވަރަށް ލަސްވެފައި. އެހެންކަމުން، އަޅުގަނޑުގެ ވާހަކަ މާދިގުކުރާކަށް ޤަޞްދެއްނުކުރަން. އަދި ކަންދިމާވި ގޮތުން، މިރޭގެ މި ޖަލްސާ ފެށުންވެސް ވަނީ ވަރަށްބޮޑުތަން ލަސްވެފައި. އެހެންކަމުން، އެކަމަށްޓަކައިވެސް މަޢާފް އެދެމުން، މިރަށުގެ ރައްޔިތުންނަށް އަދި ޢާންމުކޮށް، މިއަތޮޅުގެ ރައްޔިތުންނަށާއި، މުޅި ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ތަނަވަސް އަދި ބާއްޖަވެރި މުސްތަޤްބަލަކަށް އެދެމުން، އަދި އަޅުގަނޑަށް މިރަށުގެ ރައްޔިތުންގެ ފަރާތުންނާއި، މިރަށުގެ ވެރިންނާއި އަދި މިއަތޮޅުގެ އަތޮޅުވެރިންނާއި، މިއަތޮޅުގެ އެހެނިހެން ރަށްރަށުގެ ވެރިންގެ ފަރާތުންވެސް ތިޔަ ވިދާޅުވި މަރްޙަބާއަށްޓަކައި ހިތުގެ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ.

                والسّلام عليــكم.