ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރަން ދިހަފަހެއް ނޫޓް ސީރީޒް ދައުރުކުރުން ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދު ރަސްމީކޮށް ދައުރުކުރަން ފެށުނު ރާއްޖޭގެ އާ ނޫޓް ސީރީޒްގައި ހިމެނެނީ 10 ރުފިޔާއާއި، 20 ރުފިޔާއާއި، 50 ރުފިޔާއާއި، 100 ރުފިޔާއާއި، 500 ރުފިޔާއާއި، 1000 ރުފިޔާއެވެ. ރާއްޖޭގެ އާ ފައިސާގެ ނޫޓުތައް ޗާޕުކޮށްފައިވަނީ ސަލާމަތީ ގޮތުން ވަރުގަދަ ޕޮލިމަރ ނޫޓަށެވެ. އަދި މި ރަން ދިހަފަހެއް ނޫޓް ސީރީޒް ފަރުމާކުރެވިފައިވަނީ، ލޮލަށް ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށްވެސް ރުފިޔާގެ އަދަދު ދެނެގަނެވޭނެ ގޮތަށެވެ.

މިއަދުގެ ރަސްމިޔާތުގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ)ގެ ގަވަރނަރ ޑޮކްޓަރ ޢަޒީމާ އާދަމް ރަން ދިހަފަހެއް ނޫޓް ސީރީޒްގެ ހަނދާނީ ސެޓެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އެރުވިއެވެ.