بسـم الِلّـه الرّحمٰـن الرّحيـم
 
الحمـدلِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.
 
އާދެ! އިލާހީ ޤާނޫނުގައިވާ ގޮތުގެމަތިން ދުވަސްތަކާއި ރޭތައް ދައުރުވެ، ތަކުރާރުވަމުންގޮސް، މިހާރު އަޅުގަނޑުމެން އަނެއްކާ މިތިބީ ޝަޢްބާންމަހުގެ އެންމެފަހުކޮޅުގައި. އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ ބަރަކާތްތެރި ރަމަޟާންމަސް.
 
ދެންމެ އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގެ ފަރާތުން، މިއަހަރުގެ ރަމަޟާންމަހުގެ ހަނދާ ބެހޭގޮތުން، އެ އިއްވެވި ބަޔާނުގައިވާފަދައިން، މާދަމާއަކީ، އާދެ، 2008 އޯގަސްޓް މަހުގެ 31 ވަނަ ދުވަހަކީ، މިއަހަރުގެ ޝަޢްބާން މަހުގެ 30 ވަނަ ދުވަސް. މިއަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ 1 ވަނަ ދުވަހަކީ، 2008 ސެޕްޓެމްބަރު މަހުގެ 1 ވާ ހޯމަދުވަސް. އާދެ، މާދަމާ ނޫން އަނެއްދުވަސް.
 
މިއުފާވެރި މުނާސަބަތުގެ ތަހުނިޔާ، އާދެ، ބަރަކާތްތެރި ރަމަޟާންމަސް އައުމުގެ ތަހުނިޔާ، ތިޔަ ޢިއްޒަތްތެރި އަޚުންނަށާއި އުޚުތުންނަށް، އަދި ދިވެހިރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ދަންނަވަން. ހަމައެއާއެކީގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އިސްލާމީ ޤައުމުތަކުގެ ރައްޔިތުންނަށް އާދެ، މުޅި އިސްލާމީ އުންމަތަށްވެސް މިއުފާވެރި، ބަރަކާތްތެރި މުނާސަބަތުގެ ތަހުނިޔާއާއި މުބާރަކްބާދީ އަޅުގަނޑު ދަންނަވަން.
 
އާދެ، ޝައްކެއްނެތްގޮތުގައި، ރަމަޟާންމަހަކީ، ބަރަކާތުން ފުރިފައިވާ މަހެއް. އަހަރުތެރޭގައި އަންނަ މަސްތަކުގެ ތެރެއިން، އެންމެ މާތް މަސް. އެންމެ ޚާއްޞަގޮތެއްގައި އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންތައްތައް ބައްޓަންކުރަންޖެހިފައި އޮންނަ މަސް. ރަމަޟާންމަހަކީ، ފަރުޟު ރޯދަހިފުމަށް މާތްﷲ ކަނޑައުޅުއްވާފައިވާ މަސް. ދެންމެ އަޅުގަނޑުމެންނަށް އިވިގެންދިޔަ، ކީރިތި ޤުރްއާނުގެ އާޔަތްތަކުން، އެކަން ވަރަށް ރަނގަޅަށް އެނގޭ.
 
މާތްﷲ ވަޙީކުރައްވާފައިވަނީ، "شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ  هُدًى لِّلنَّاسِ  وَبَيِّنَاتٍ مِّنَ الْهُدَى وَالْفُرْقَانِ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ"(البقرة: 185) މާނައަކީ: "رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. (އެ قرآن ބާވައިލެއްވީ) މީސްތަކުންނަށްހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حقّ އާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެމައްސަރުގައި حاضرވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! "
 
ޝައްކެއްނެތް. މި މަތިވެރި އާޔަތުން އެނގޭގޮތުގައި ބަރަކާތްތެރި ރަމަޟާންމަހަކީ، އެމަހުގައި މުސްލިމުން ރޯދަހިފުން މާތްﷲ ފަރުޟު ކުރައްވާފައިވާ މާތް މައްސަރު. އަދި އޭގެސަބަބުވެސް އަޅުގަނޑުމެންނަށް އެބައެނގޭ. އެ ސަބަބަކީ، ބަރަކާތްތެރި ރަމަޟާންމަހަކީ، އެމަހެއްގައި ކީރިތި ޤުރްއާން ބާވައިލެއްވި މަސްކަމަށްވާތީ. އެހެން ޢިބާރާތަކުން ދަންނަވަންޏާ، އެމަހެއްގައި ކީރިތި ޤުރްއާން ބާވައިލައްވަން ފެށްޓެވި މަސްކަމަށްވާތީ.
 
މިހެން މިދެންނެވީ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ކީރިތި ޤުރްއާނަކީ އެއްފަހަރާ ބާވައިލެއްވި ފޮތެއްނޫން. އެކިފަހަރު އެކި އާޔަތް، އެކި ސޫރަތް، ވަރަށްދިގު މުއްދަތެއްގެ ތެރޭގައި ބާވައިލައްވައި ނިންމެވި ފޮތެއް. ޢިލްމުވެރިން ވިދާޅުވާގޮތުގައި، 22 އަހަރު ދުވަހުގެ ދިގު މުއްދަތުގެ ތެރޭގައި ކީރިތި ޤުރްއާން ބާވައިލައްވައި ނިމުނީ. އެހެންނަމަވެސް ޤުރްއާން ބާވައިލައްވަން ފެށްޓެވީ، ބަރަކާތްތެރި ރަމަޟާންމަހުގައިކަން އެނގެން އެބައޮތް. އެހެންވީމާ، މިމަހަކީ، ރަމަޟާންމަހަކީ އެމަހެއްގައި ކީރިތި ޤުރްއާން ބާވައިލައްވަން ފެށްޓެވި މަސްކަމަށްވާތީ، އެމަހުގެ ޝަރަފަށްޓަކައި، އެމަހުގެ މާތްކަމަށްޓަކައި، اللّـه سبحـانـه وتعـالى އެ މަހުގައި މުސްލިމް އުންމަތުގެ މައްޗަށް، ހުރިހާ މުސްލިމުންގެ މައްޗަށް ރޯދަ ފަރުޟު ކުރައްވާފައި އެވަނީ.
 
އެހެންވީމާ، ބަރަކާތްތެރި ރަމަޟާންމަހަށް އަޅުގަނޑުމެން ދޭންޖެހޭ އިޙްތިރާމާއި ޤަދަރާއި، އެމަހަށް އަޅުގަނޑުމެން ބަހައްޓަންވީ ޝައުޤުވެރިކަން، މިއާޔަތުންވެސް އަދި ދީނުގެ އެހެން ދަލީލުތަކުންވެސް ވަރަށް ރަނގަޅަށް އެނގޭ.
 
މުއުމިނުންގެ ކުރިމަތީގައި ރަމަޟާންމަހަކީ ވަރަށް ޚާއްޞަ މަހެއް. އެއީ ކުރިންވެސް ދެންނެވިފަދައިން، އެމަހުގައި ވަރަށް ޚާއްޞަ އަޅުކަމެއް އަޅުގަނޑުމެން އަދާކުރުމަށް މާތްﷲ އަންގަވާފައިވާތީ. އެއީ ރޯދަހިފުމުގެ އަޅުކަން. 
 
އާދެ، ރޯދަހިފުމަކީ، ހަމައެކަނި ރަމަޟާންމަހު ކުރާކަމަކަށްނުވިޔަސް، ބަރަކާތްތެރި ރަމަޟާންމަހުގެ ރޯދައަކީ، ފަރުޟު ރޯދައެއް. އެނޫން މަސްމަހުގައި، އެނޫން ދުވަސްތަކުގައި، ސުންނަތް ރޯދަ ހިފިދާނެ. ނުވަތަ ރަމަޟާން މަހުން ފާއިތުވެފައިވާ ރޯދައެއްނަމަ، ފަރުޟު ރޯދައެއްގެ ގޮތުގައިވެސް އެހެން މަސްމަހުގައި ހިފިދާނެ. އެހެންނަމަވެސް، ރަމަޟާންމަހުގެ ރޯދައަކީ، ދީނުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ރުކުނެއް.
 
ރޯދައަކީ ޙަޤީޤަތުގައި ހަމައެކަނި އިސްލާމީ އުންމަތުގެ މައްޗަށް މާތްﷲ ފަރުޟު ކުރެއްވި އަޅުކަމެއްނޫން. އިސްވެގޮސްފައިވާ އުންމަތްތަކުގެ މައްޗަށްވެސް، އެހެން ދީންތަކުގައިވެސް މާތްﷲ ވަނީ ރޯދަ ފަރުޟު ކުރައްވާފައި. މިކަންވެސް ދެންމެ އަޅުގަނޑުމެންނަށް އިވިގެންދިޔަ އާޔަތްތަކުން ވަރަށްރަނގަޅަށް އެނގޭ.
 
މާތްﷲ ވަޙީކުރައްވާފައިވޭ، "يَاأَيُّهَاالَّذِينَ آمَنُواْ كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ" (البقرة: 183) މާނައަކީ: "އޭ ايمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ  فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ."
 
އާދެ، މިއާޔަތުން އެނގޭ ޙުކުމްތަކުގެ ތެރޭގައި، ރޯދައަކީ އެހެން ޤައުމުތަކުގެ މައްޗަށް، އެހެން ދީންތަކުގެ އަހުލުވެރިންގެ މައްޗަށް، ސަމާވީދީންތަކުގެ އަހުލުވެރިންގެ މައްޗަށް މާތްﷲ ފަރުޟު ކުރެއްވި އަޅުކަމެއްކަން ވަރަށް ރަނގަޅަށް އެބަ އެނގޭ.
 
ހަމައެއާއެކީގައި، ރޯދަ ފަރުޟު ކުރެއްވުމުގެ ޙިކްމަތްވެސް މިއާޔަތުން އަޅުގަނޑުމެންނަށް މާތްﷲ އެބަ އަންގަވައިދެއްވާ. އެއީ އެ އާޔަތް ނިމޭތާނގައި އެ އޮންނަ ދެލަފްޒު. "لَعَلَّكُمْ تَتَّقُونَ" "އެއީ ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ."
 
އެހެންވީމާ، އަޅުގަނޑުމެން ރޯދަ މި ހިފަނީ، އަޅުގަނޑުމެން تقوى ވެރިވުމަށްޓަކައި. ރޯދަހިފުމުގެ ސަބަބުން އަޅުގަނޑުމެންގެ އީމާންކަންގަދަވެ، تقوىވެރިކަން ހަރުދަނާވެ، އަޅުގަނޑުމެންނަކީ ﷲގެ ޙުކުމްތަކަށް ހެޔޮގޮތުގައި ތަބަޢަވާ ބަޔެއް ކަމުގައި ވުމަށްޓަކައި. ﷲއަށް ބިރުވެތިވެ، އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންވާ، އެކަލާނގެ ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވާ ބަޔަކުކަމުގައި ވުމަށްޓަކައި. މިމާތް މަޤްޞަދުގައި މާތްﷲ ރަމަޟާންމަހުގެ ރޯދަ މުސްލިމު އުންމަތުގެ މައްޗަށް، ނުވަތަ ހުރިހާ މުސްލިމުންގެ މައްޗަށް ފަރުޟު ކުރައްވާފައި މިވަނީ.
 
އާދެ، ރަމަޟާންމަހަކީ، ޚާއްޞަ މަހަކަށްވިޔަސް، އެމަހުގައި އަޅުގަނޑުމެން ލިބިގަންނަ ފައިދާ ވާންޖެހޭނީ، މުޅި އަހަރުތެރެއަށް އާންމުވެގެންދާ ފައިދާއަކަށް. މިބަރަކާތްތެރި މައްސަރުގައި އަޅުގަނޑުމެން ރޯދަހިފައި، އަދި އެނޫން ހެޔޮކަންތައްތައް ކުރުމުން، އަޅުގަނޑުމެންގެ ނަފްސަށް އެ ލިބޭ ދިރުމާއި، ރޫޙާނީގޮތުން އަޅުގަނޑުމެން އެ ވާޞިލުވާ އުސްމިންތަކާއި، އޭގެ ސަބަބުން އަޅުގަނޑުމެންނަށް ލިބޭ ފައިދާތައް، އެއީ ހަމައެކަނި ރަމަޟާންމަހުގެ ތެރޭގައި، ރަމަޟާންމަހުގެ ހުދޫދުގެ ތެރޭގައި ހިފަހައްޓަންވީ ކަމެއް ނޫން. އަޅުގަނޑުމެންގެ އުމުރުގެ ހުރިހާ ދުވަސްތަކެއްގައި، އަހަރުގައި އަންނަ އެހެން މަސްމަހުގައިވެސް، އެހެން ދުވަސްތަކުގައިވެސް އާންމުކޮށް އަޅުގަނޑުމެންނަށް ލިބެނިވި ފައިދާތަކެއް ކަމުގައި އެކަން ވާންޖެހޭނެ. އެހެންވީމާ، މިއީ އަޅުގަނޑުމެން ވަރަށްބޮޑަށް ސަމާލުކަންދޭންވީ ނުކުތާއެއްކަމުގައި އަޅުގަނޑު ދެކެން.
 
ރަމަޟާންމަސް އައިމާ އަޅުގަނޑުމެންގެ ޙަޔާތުގެ ވަށްޓަފާޅި، ނުވަތަ ބައްޓަން އެހެން ގޮތަކަށް ބަދަލުވެގެން ދިޔަކަމުގައިވިޔަސް، ރަމަޟާންމަސް އަޅުގަނޑުމެންނާ ވަކިވީމާ، އަނެއްކާ ކުރިން އަޅުގަނޑުމެން އުޅުނުގޮތަށް ދިޔަކަމުގައިވިޔަސް، ރަމަޟާންމަހުން ލިބޭ ރޫޙާނީ ފައިދާތައް ޖެހޭނެ ދަމަހައްޓަން. އެއީކީ ހަމައެކަނި ވަކިމަހަކަށް އޮތްކަމެއްނޫން. ކެތްތެރިވުމާއި، އިޙްސާންތެރިވުމާއި، މީސްތަކުންނަށް ކަމޭހިތުމާއި، މާތްﷲގެ ޙަޟްރަތަށް تقوىވެރިވުމާއި، މިކަންކަމަކީ ވަކިމަހަކަށް ޚާއްޞަ ކަންކަމެއްނޫން. ވަކިމަހެއްގެ ހުދޫދުގެ ތެރޭގައި ހިފެހެއްޓިފައި އޮންނަންވީ ކަންކަމެއްނޫން. އެއީ ހުރިހާ މަހެއްގައިވެސް އަޅުގަނޑުމެން ކަންތައް ކުރަންވީގޮތް. އެހެންވީމާ، މިކަމަށް އަޅުގަނޑުމެން ވަރަށްބޮޑު ސަމާލުކަމެއް ދިނުމަކީ، ރަމަޟާންމަހާ ކުރިމަތިލާއިރު އަޅުގަނޑުމެންގެ ޢަޒުމުގައި ހުންނަންޖެހޭނެ ކަމެއްކަމުގައި އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ.
 
އާދެ، ބަރަކާތްތެރި ރަމަޟާންމަސް އައުމުން، ދިވެހިރާއްޖޭގައި އަޅުގަނޑުމެން ޢަމަލުކުރާ ގޮތަކީ، ދީނީގޮތުން އެކަންކުރަންޖެހޭ ކަންތަކުގެ އިތުރަށް، މިދެންނެވީ، ބަރަކާތްތެރި ރަމަޟާންމަހުގެ ފަރުޟު ރޯދަ ހިފުމާއި، ތަރާވީޙު ނަމާދުކުރުމާއި، އެމަހުގެ ދުވަސްތަކާއި ރޭތަކުގައި ކީރިތިޤުރްއާން ކިޔެވުމާއި، ގިނަގިނައިން ދުޢާކުރުމާއި، މާތްﷲގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދި ދެންނެވުމާއި، އިޙްސާންތެރިވުމާއި، ނިކަމެތިންނާއި، އެކިއެކި އެހީއަށް އެދޭމީހުންނަށް އެހީތެރިވެދިނުމާއި، ކެތްތެރިވުމާއި، މިހެންގޮސް މިކުރާ ކަންތައްތަކުގެ އިތުރުން، އަޅުގަނޑުމެން މިރާއްޖޭގައި ރަމަޟާންމަހުގެ ރޭތަކާއި، ދުވަސްތައް އިޙްޔާކުރުމުގެ ޕްރޮގްރާމްތަކެއްވެސް ހިންގަމުން އެބަގެންދަމު. ވަރަށްގިނަ އަހަރުތަކެއް ވަންދެން މިޕްރޮގްރާމްވަނީ ވަރަށްކާމިޔާބުކަމާއެކީގައި ހިންގިފައި. މާލޭގައިވެސް، އަދި އަތޮޅުތަކުގައިވެސް.
 
އެހެންވީމާ، އިރާދަކުރެއްވިއްޔާ މިއަހަރުވެސް އެޕްރޮގްރާމް ހަމަ ކުރިއަށްދާނެ. އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުން ރާއްވަވައި، އިންތިޒާމުކުރައްވައިގެން ރަމަޟާންމަހުގެ ރޭތަކާއި ދުވަސްތައް އިޙްޔާކުރުމުގެ ޕްރޮގްރާމް، ކުރިއެކޭ އެއްގޮތަށް މިއަހަރުވެސް ހިނގަމުންދާނެ. މިޕްރޮގްރާމްގެ ކަމާބެހޭ ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސަވައިދެއްވައި، އަދި އެކަން އެހާ ކާމިޔާބުގޮތެއްގައި ކުރިއަށް ގެންގޮސްދެއްވާތީ، އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ފަޟީލަތު އަލްއުސްތާޛުއްޝައިޚް، މުޙަންމަދު ރަޝީދު އިބްރާހީމަށް ވަރަށް ޚާއްޞަގޮތެއްގައި އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެއާއެކީގައި، އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން، އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގެ އެހެންވެރިންނާއި މުވައްޒަފުން، މިކަމަށް ދެއްވާ ޚާއްޞަ އަހަންމިއްޔާތާއި، ޝައުޤުވެރިކަމަށްޓަކައި އެހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.
 
މިއާގުޅިގެން ދަންނަވާލަން އޮތީ، މިވޭތުވެދިޔަ އަހަރުތަކާ ޚިލާފަށް، ރާއްޖެއިން ބޭރުން ވަޑައިގަންނަވާ، ޢިލްމުވެރިންނާއި ޤާރީން މިއަހަރު މިޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވާގޮތަކަށް ހަމަޖެހިފައެއްނެތޭ. އާދެ، ސަބަބަކީ، އަޅުގަނޑުމެންގެ ސަރުކާރުގެ ބަޖެޓްގެ ދަތިކަން. ބަޖެޓުން ޚަރަދުކުޑަކުރަން ޖެހިފައިވާލެއް ބޮޑުކަން. ބޭރުގެ ޢިލްމުވެރިން، ޤާރީން ވަޑައިގެން ރާއްޖޭގައި ހޭދަކުރައްވާ ވަގުތުތަކުގައި އެބޭފުޅުންނަށް މެހްމާންދާރީ އަދާކުރުމަށާއި، އެބޭފުޅުންގެ ދަތުރުފަތުރަށާއި މިކަންކަމަށް ސަރުކާރުގެ ބަޖެޓުން ގިނައަދަދަކަށް ފައިސާ ޚަރަދުވެގެންދޭ. އެހެންވީމާ، މިއަހަރުގެ ބަޖެޓުން ޚަރަދުކުޑަކުރަން ޖެހިފައިވާތީ، އެއުސޫލުން މިފަހަރު އެބޭފުޅުންވެސް މިޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވާގޮތަށް ހަމަޖައްސަން އަޅުގަނޑުމެންނަށް ދަތިވީ.
 
އެހެންނަމަވެސް، ދަންނަވާލަން އޮތްވާހަކައަކީ، ދިވެހިރާއްޖޭގައި އެބަތިއްބެވިއޭ، ކަމަށް އެކަށީގެންވާ، ޤާބިލް ޢިލްމުވެރިން. އިރާދަކުރެއްވިއްޔާ އެބޭފުޅުން، އަޅުގަނޑުމެންގެ މި އިޙްޔާ ޕްރޮގްރާމްގައި ވަރަށް ފުރިހަމައަށް އެބޭފުޅުންގެ ވާޖިބު އަދާކޮށްދެއްވާނެއޭ. މާތްވެގެންވާ އިސްލާމްދީނުގެ ޢަޤީދާއާއި އުޞޫލުތަކާއި ޙުކުމްތައް، މިޕްރޮގްރާމްގެ ތެރެއިން އެބޭފުޅުން ދިވެހި ރައްޔިތުންނަށް ވަރަށް ރަނގަޅަށް ބަޔާންކޮށްދެއްވާނެއޭ. ހަމައެހެންމެ، ރާއްޖޭގައި އެބަތިއްބެވި ތަޖްވީދުގެމަގުން ވަރަށް ރީތިކޮށް ޤުރްއާން ކިޔަވާ ވިދާޅުވާ ޤާރީން. އެހެންވީމާ، އެބެފޭޅުން ކީރިތިޤުރްއާން ކިޔަވާވިދާޅުވުމާއި، އަދި މިދެންނެވި ޢިލްމުވެރިން މިޕްރޮގްރާމްގައި ތަޤްރީރު ކުރެއްވުމާއި މިދެކަންތައް އިރާދަކުރެއްވިއްޔާ ވަރަށް ފުރިހަމައަށް އިންތިޒާމުވެގެން ކުރިއަށްދާނެ.
 
އާދެ، އަޅުގަނޑުގެ ވާހަކަ ނިންމާލަމުން އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުންނަށް މިބަރާކާތްތެރި މުނާސަބަތުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދަންނަވަން. ހަމައެހެންމެ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށްވެސް ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަޅުގަނޑު ދަންނަވަން.
 
މާތްﷲ، މިފެށޭ ބަރަކާތްތެރި މައްސަރަކީ، އަޅުގަނޑުމެން އެންމެންނަށް ހެޔޮގޮތްތައް މިންވަރުކުރައްވައި، އެމަހުގެ ރޯދަހިފުމާއި، ރޭއަޅުކަން ކުރުމާއި، އެނޫންވެސް ހެޔޮކަންތައްތައް ކުރުމުގެ ހެޔޮތައުފީޤު އަޅުގަނޑުމެންނަށް ދެއްވައި، އަޅުގަނޑުމެންނަށް ފުރިހަމަ ޞިއްޙަތާއި، ޢާފިޔަތު ދެއްވައި އަމަންއަމާންކަމާއި، ސުލްހަމަސަލަސްކަމުގައި، އަދި އުފާފާގަތިކަމުގައި ދިވެހި ރައްޔިތުން ވަގުތުތައް ހޭދަކުރާ މަހެއްގެ ގޮތުގައި މިމަސް ލެއްވުންއެދި އެކަލާނގެ ޙަޟްރަތުގައި އަޅުގަނޑު ދުޢާ ދަންނަވަން.
 
والســّلام عليــكم ورحـمــة اللّـه وبـركاتـه.