بسـم الِلّـه الرّحمٰـن الرّحيـم
 
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيّدنا محـمَّدٍ، وعلى آله وأصحـابه أجمعـين.
 
އާދެ! ބަރަކާތްތެރި ރަމަޟާންމަސް އަޅުގަނޑުމެންނާ މިވަނީ ކުރިމަތިލާފައި. އަޅުގަނޑުމެން ވޭތުކުރަމުން މިގެންދަނީ އެމާތް މައްސަރުގެ ފުރަތަމަ ދުވަސްތަކާއި ރޭތައް. މިގޮތުން މިއަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ ރޭތަކާއި ދުވަސްތައް އިޙްޔާކުރުމަށް ބޭއްވޭ ޕްރޮގްރާމްގެ އެންމެ ފުރަތަމަ ޖަލްސާ މިރޭ މިތާނގައި ބޭއްވިގެން މިދަނީ.
 
މިއުފާވެރި ބަރަކާތްތެރި މުނާސަބަތުގައި އާދެ، ބަރަކާތްތެރި ރަމަޟާންމަސް އައުމުގެ މުނާސަބަތުގައި، މިތަނަށް ވަޑައިގެން ތިއްބެވި ހުރިހާ ޢިއްޒަތްތެރި އަޚުންނާއި އުޚުތުންނަށް އަދި މިޕްރޮގްރާމް ބައްލަވާ ނުވަތަ މީގެ އަޑު އައްސަވާ ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަދި ދިވެހިރާއްޖޭގެ ހުރިހާ އެންމެންނަށް ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން. ހަމައެއާއެކީގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި އިސްލާމީ ޤައުމުތަކުގެ ރައްޔިތުންނަށް، މިބާއްޖަވެރި މުނާސަބަތުގެ މުބާރަކްބާދީއާއި ހެޔޮއެދުންތައް އަޅުގަނޑު ފޮނުވަން.
 
އާދެ، ބަރަކާތްތެރި ރަމަޟާންމަހަކީ ވަރަށް ޚާއްޞަމަހެއް. ރަމަޟާންމަސް ޚާއްޞަވަނީ އެމަހުގައި ފަރްޟުރޯދަ ހިފުން މާތްاللّـه ޝަރުޢު ކުރައްވާފައިވާތީ. ރޯދައަކީ، މުސްލިމުންގެ މައްޗަށް ފަރްޟު ކުރެއްވިފަދައިން، އިސްވެގޮސްފައިވާ އެހެން އުންމަތްތަކުގެ މައްޗަށްވެސް މާތްاللّـه ފަރްޟުކުރެއްވި އަޅުކަމެއް. ރޯދަ ފަރްޟުކުރެއްވުމުގައި ހިމެނިފައިވާ އެންމެބޮޑު އިލާހީ ޙިކްމަތަކީ، މިއަޅުކަމަކީ، تقوىވެރިވުމަށް ބާރުއަޅައިދޭ އަޅުކަމަކަށްވާކަން. تقوىވެރިވުމަށް މަގުފަހިކޮށްދޭ އަޅުކަމަކަށްވާކަން. تقوىވެރިކަން އަޅުގަނޑުމެންގެ ހިތްތަކުގައި އުފައްދައިދޭ އަދި އެ تقوىވެރިކަން ވަރުގަދަކޮށްދޭ އަޅުކަމަކަށްވާތީ.
 
އާދެ، މާތްاللّـه ކީރިތި ޤުރްއާންގައި ވަޙީކުރައްވާފައިވަނީ، "يَاأَيُّهَاالَّذِينَ آمَنُواْ كُتِبَ عَلَيْكُمُ الصِّيَامُ كَمَاكُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ"(البقرة:183) މާނައަކީ:"އޭ ايمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرضކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ."
 
   تقوىވެރިކަމަކީ، ނުތަވަ تقوىވެރިވުމަކީ، މާތްاللّـهގެ ކުޅަދުންވަންތަކަމާއި، އިލާހުވަންތަކަމާއި، މަތިވެރިކަމާއި، އެކަލާނގެ ޙަޟްރަތުގައި އިންސާނާގެ ނިކަމެތިކަމާއި އަޅުވެތިކަން ގަބޫލުކޮށް އަދި އިންސާނާގެ ހުރިހާކަމެއް ތަދުބީރު ކުރައްވާ ފަރާތަކީ اللّـه سبحـانـه وتعـالىކަން ގަބޫލުކޮށް، އެ ޝުޢޫރުތައް ހިތްތަކުގައި އުފެއްދުން. މިކަމުގެ މޭވާއަކީ اللّـه سبحـانـه وتعـالى އަށް ބިރުވެތިވުން. اللّـه سبحـانـه وتعـالى އަންގަވާފައިވާ އަމުރުތަކަށް ކިޔަމަންގަތުން. އެކަލާނގެ ނަހީކުރައްވާފައިވާ ކަންތައްތަކުން ދުރުހެލިވުން. ޙަޤީޤަތުގައި تقوىވެރިވުމަކީ، މިދުނިޔޭގައި އުޅެންވީގޮތުގެ މަގު އިންސާނާއަށް ދައްކައިދޭ ވަރަށް އަލިގަދަ ދަންމަރެއް.
 
ރޯދައަށް ހުންނަމީހާ، އާދެ، ރޯދަވެރިޔާ، ފާފަކުރުމުން ދުރުހެލިކުރުވަނީ، އެމީހާގެ ހިތުގައި އޮންނަ تقوىވެރިކަން. އަދި އެނޫންދުވަސްތަކުގައިވެސް ޙަރާމް ކަންތައްތަކުން އަޅުގަނޑުމެން ދުރުހެލިކުރުވަނީ، އަޅުގަނޑުމެންގެ ހަވާނަފްސަށް އަޅުގަނޑުމެން ތަބަޢަވުން ހުއްޓުވަނީ، އަޅުގަނޑުމެންގެ ހިތުގައި އޮންނަ تقوىވެރިކަން. އަޅުގަނޑުމެންގެ ހިތުގައި މާތްاللّـه އަށް އޮންނަ ބިރުވެތިކަން. اللّـه سبحـانـه وتعـالىގެ ކުޅަދުންވަންތަކަމާއި މަތިވެރިކަން އަޅުގަނޑުމެންގެ ހިތުގައި އޮންނާތީ. އަދި އަޅުގަނޑުމެންނަކީ އެކަލާނގެ ޙަޟްރަތުގައި އެއްވެސް ބާރެއްނެތް، އަޅުގަނޑުމެންގެ ހުރިހާކަމެއް އެކަލާނގެ ޔަދް ޤުދުރަތުގެ ތެރޭގައިވާ ބައެއްކަން، އަޅުގަނޑުމެން ގަބޫލުކުރާކުރުން.
 
އެހެންވީމާ، ރޯދައަކީ މިމާތް ޝުޢޫރަށް، އާދެ، އިންސާނާގެ ހިތުގައި އުފެދިގެންދާ تقوىވެރިކަމުގެ ޝުޢޫރަށް، ބާރުދޭ ކަމަކަށްވާތީ، އެ އަޅުކަން މާތް اللّـه އިސްލާމީ އުންމަތުގެ މައްޗަށް، މުސްލިމުންގެ މައްޗަށް ފަރްޟުކުރައްވާފައިވަނީ. ހަމައެސަބަބަށްޓަކައި، އިސްވެދިޔަ ޖަމާޢަތްތަކުގެ މައްޗަށް، އުންމަތްތަކުގެ މައްޗަށްވެސް މާތް اللّـه މި މަތިވެރި އަޅުކަން ފަރްޟު ކުރައްވާފައިވަނީ.
 
އާދެ، ރަމަޟާންމަހުގެ ރޯދައާ ބެހޭގޮތުން މާތްاللّـه، البقرة ސޫރަތުގެ 184 ވަނަ އާޔަތުގައި، ވަޙީކުރައްވާފައިވަނީ، "أَيَّاماً مَّعْدُودَاتٍ فَمَن كَانَ مِنكُم مَّرِيضاً أَوْعَلَى سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ فَمَن تَطَوَّعَ خَيْراً فَهُوَخَيْرٌ لَّهُ وَأَن تَصُومُواْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ" މާނައަކީ: "(ރޯދަހިފަންވީ) އަދަދު ކަނޑައެޅިގެންވާ ދުވަސްތަކެއްގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާމީހާ (ރަމަޟާން މަހުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ އަދަދު ހަމަކުރުން ހުށްޓެވެ. އަދި އުދަނގޫކަމާއެކު އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށްއޮތީ، (ރޯދަ ދޫކޮށްލުމާއެކު) ފިދުޔާ ދިނުމެވެ. (ފިދުޔާގެ މިންވަރަކީ) މިސްކީނަކަށް ކާންދޭ މިންވަރެވެ. ފަހެ، ތަޠައްވަޢުގެ ގޮތުން އިތުރު ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަންތައް އެމީހަކަށް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުން ރޯދަ ހިފުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަން ތިޔަބައިމީހުން ދަންނާނެ ނަމައެވެ."
 
މިމަތިވެރި އާޔަތުގައި ރޯދަހިފަންވީ ކަނޑައެޅިގެން އަދަދު އެނގޭ ދުވަސްތަކެއްގައި ކަމަށް ބަޔާންކުރައްވަފާއިވޭ. އެއީ ބަރަކާތްތެރި ރަމަޟާންމަހުގެ ދުވަސްތައް. ބައެއްފަހަރަށް އެއީ 29 ދުވަސް. އަނެއްބައިފަހަރަށް އެއީ 30 ދުވަސް. އަދި އެދުވަސްތަކުގެ ތެރޭގައި މިއާޔަތުގައި ބަޔާންކުރައްވާފައިވާ ޢުޒުރު ދިމާވާމީހުން، ރޯދަ ދޫކޮށްލުން ހުއްދަކަމުގައިވެސް އަންގަވާފައިވޭ. ބަލިވެއުޅޭ މީހާއާއި ދަތުރެއްގެ މަތީގައިވާމީހާ. އެފަދަމީހުން ރޯދަ ދޫކޮށްލައިފިނަމަ، ދޫކޮށްލި އަދަދު ބަލާފައި ރަމަޟާންމަސް ދިޔުމުން އެއަދަދަށް ރޯދަ ހިފުމަށް މިއާޔަތުގައިވަނީ އަންގަވާފައި.
 
މިއާޔަތުގައި ދެއްވާފައިވާ އިލާހީ އިރުޝާދުތަކުގެ ތެރެއިން މިރޭ އަޅުގަނޑު އެއްޗެއް ދަންނަވާލަން ބޭނުންވަނީ އެއާޔަތުގެ 7 ލަފްޒެއްގެ މާނައާ ބެހޭގޮތުން. އެ 7 ލަފްޒަކީ، "وَأَن تَصُومُواْ خَيْرٌلَّكُمْ إِن كُنتُمْ تَعْلَمُونَ." "އަދި ތިޔަބައިމީހުން ރޯދަ ހިފުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަން ތިޔަބައިމީހުން ދަންނާނެ ނަމައެވެ."
 
އާދެ، މި 7 ލަފްޒުގައި ވަރަށް މަތިވެރި މާނައެއް އެކުލެވިފައިވޭ. އެއީ ރޯދަ ހިފުމަކީ އިންސާނުންނަށް ހެޔޮކަންބޮޑު ކަމެއްކަމުގައި އަންގަވާފައިވާ އެންގެވުން. މީގެތެރޭގައި ދުނިޔަވީގޮތުން އިންސާނުންނަށް ލިބޭ ހެޔޮކަންތަކާއި، އާޚިރަތުގައި އިންސާނުންނަށް ލިބޭ ހެޔޮކަންތައް ހިމެނިފައިވޭ. އާޚިރަތުގެ ހެޔޮކަމަކީ، اللّـه سبحـانـه وتعـالى ދެއްވާ ޘަވާބާއި މަތިވެރި ދަރުމަ.
 
ރޯދަހިފުމުން ދުނިޔެމަތީގައި އިންސާނާއަށް ލިބޭ އެންމެބޮޑު ފައިދާއަކީ، އިންސާނާ މިދުނިޔޭގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް އެމީހާގެ ނަފުސް ތަމްރީނު ކުރުން. އާދެ، ކޮންމެ އިންސާނަކީވެސް މަސްއޫލު މީހެއް. ބުއްދި ހަމައަށްހުރި، ބާލިޣުވެފައިވާ ކޮންމެ އިންސާނަކީ މަސްއޫލިއްޔަތުތަކަކާއި ވާޖިބުތަކެއް އަދާކުރަންޖެހޭ މީހެއް. އެމީހާއަކީ، މުޖުތަމަޢުގައި ކޮންމެ ހައިސިއްޔަތެއްގައި ހުރި މީހަކު ކަމުގައިވިޔަސް، އެމަސްއޫލިއްޔަތު އަދި ވާޖިބު އަދާކުރުމަކުން އެމީހަކަށް ދުރަކަށްނުދެވޭނެ. އެމީހަކީ ޢާއިލާއެއްގެ ތެރޭގައި ހިމެނޭ، ޢާއިލާގެ ބައްޕަ ނުވަތަ ފިރިމީހާ، ނުވަތަ މަންމަ ނުވަތަ އަނބިމީހާކަމަށްވިޔަސް، ނުވަތަ އެމީހަކީ، ޢާއިލާގެ އެހެން މީހެއް ކަމުގައިވިޔަސް، ނުވަތަ އޭނާއަކީ މުޖުތަމަޢުގެ އެހެން ދާއިރާއެއްގައި އުޅޭ މީހެއް ކަމަށްވިޔަސް، އާދެ، ވިޔަފާރިވެރިއަކަށްވިޔަސް، މަސައްކަތްކުރާ މީހަކަށްވިޔަސް، ނުވަތަ މުޖުތަމަޢުގެ ކޮންމެވެސް ކަމަކާ ހަވާލުވެހުރި މީހަކަށްވިޔަސް، މިއިން އެއްވެސް މީހަކީ މަސްއޫލިއްޔަތުތަކަކާއި ވާޖިބުތަކެއް އަދާކުރުމުން ދުރަށްދެވޭނެ މީހެއްނޫން. ކޮންމެ މީހެއްގެ ކޮނޑުގައިވެސް ވަކި މަސްއޫލިއްޔަތުތަކެއް އެޅިފައިވޭ. ވަކި ވާޖިބުތަކެއް އަދާކުރަންޖެހޭ. މިއީ، ދީނުގައި އަންގަވާފައިވާގޮތް.
 
 ކީރިތި ރަސޫލާ ޙަދީޘް ކުރައްވަނީ، "كُلُّكُم رَاعٍ وَكُلُّ رَاعٍ مَسئولٌ عَن رَعِيّته"  "ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީ ބެލުންތެރިއެކެވެ. ބަޔަކު ބަލަންޖެހޭ މީހެކޭ، ކަންތައްތަކެއް ބަލަންޖެހޭ މީހެކޭ. އަދި ކޮންމެ ބެލުންތެރިއަކީ އެމީހާ ބަލަންޖެހޭ ބައެއްގެމަތިން ޒިންމާ ވާންޖެހޭ، މަސްއޫލުވާންޖެހޭ މީހެކޭ."
 
އެހެންވީމާ، ކޮންމެ އިންސާނަކަށްވެސް، އެއީ ކޮންމެ ކަހަލަ ކަމެއްގައި އުޅޭ މީހަކު ކަމަށްވިޔަސް އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކެއް އޮންނާނެ. ރޯދައިގެ އެންމެބޮޑު ފައިދާއަކީ، ކޮންމެ އިންސާނަކުވެސް އެމީހަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި އެމީހާގެ ނަފްސަށް ބޭނުންވާ ތަމްރީނު ލިބިދިނުން. ރޯދަ ހިފުމުގެ ސަބަބުން އެމީހާއަށް ދަސްވާ ކަންތައްތަކެއް އެބަހުރި. މިސާލަކަށް ކެތްތެރިކަން. ރޯދަހިފުމަކީ ފަސޭހަކަމެއްނޫން. ރޯދަހިފުމުގެ ތެރޭގައި ކާބޯތަކެތިން ދުރުހެލިވުން ހިމެނޭ. އަދި އެނޫންވެސް ބައެއް އެދުންތަކުން ދުރުހެލިވުން ހިމެނޭ. މިކަންތައްތަކަކީ އިންސާނާގެ ޠަބީޢަތުގައިވާ ކަންތައްތައްވީމާ، އެކަންތައްތަކުން ދުރުހެލިވެ ހުރުމަކީ ފަސޭހަކަމެއްނޫން. އެއީ ބުރަކަމެއް.
 
އެހެންނަމަވެސް، އެމީހާގެ ނަފްސު އެކަމަށް ހާނުވަނީ. ކެތްތެރިވުމަށް އަދި އެނޫންވެސް އެކިއެކި ހުނަރުތައް ހާސިލުކުރުމަށް ރޯދަ އެބަ ބާރުއަޅައިދޭ. މީހާގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ވަރަށްގިނަ ހުނަރުތަކެއް އެބަ ބޭނުންވޭ. އެންމެ ފުރަތަމަ ކޮންމެވެސް މިންވަރަކަށް ތަޢްލީމު ހާސިލުކޮށްފައިވުން. އާދެ، ތަންދޮރު އޮޅުންފިލާ މީހެއް ކަމުގައިވުން. އެއީ ކޮންމެހެން މަތީ ފެންވަރަކަށް ރަސްމީ ތަޢްލީމު ހާސިލުކުރުމެއްނޫން. އެނޫންވެސް ތިމާއަށް، ހެޔޮނުބައި ވަކިކުރެވޭ މިންވަރަށް ކަންތައްތައް ދަންނަ މީހަކުނަމަ، އެހެރީ މަސްއޫލިއްޔަތު އުފުލުމަށް ނުވަތަ ވާޖިބުއަދާކުރުމަށް އެގޮތުން އެމީހަކަށް ތައްޔާރުވެވިފައި. މިއީ އެއްކަންތައް. އަދި މިނޫންވެސް ވަރަށްގިނަ ކަންތައްތައް އެބަހުރި. ކެތްތެރިވުން، ތެދުވެރިވުން، އަމާނާތްތެރިވުން، އެމީހަކާ ހަވާލުކުރެވޭކަމެއް ފުރިހަމައަށް އަދާކުރުން، މިކަންތައްތަކުގެ ހުނަރުތައް ރޯދަހިފުމުން އަޅުގަނޑުމެންނަށް އެބަ ގެނެސްދޭ.
 
ތެދުވެރިވުމަކީ، ޝައްކެއްނެތް، ހުރިހާ ހެޔޮކަމެއްގެ އަސްލު. ކޮންމެ އިންސާނަކުވެސް އެމީހަކު ހެއްދެވި ފަރާތަށް، اللّـه سبحـانـه وتعـالى އަށް ތެދުވެރިވާންޖެހޭ. ހަމައެހެންމެ، އެހެން އިންސާނުންނަށް ތެދުވެރިވާންޖެހޭ. ތިމާގެ ޢާއިލާގެ މީހުންނަށް ތެދުވެރިވާންޖެހޭ. ތިމާގެ މުޖުތަމަޢުގައި ދިރިއުޅޭ އެހެން މީހުންނަށް ތެދުވެރިވާންޖެހޭ. ތެދުވެރިވުމުގައި ބަހާއި ޢަމަލު އެއްގޮތްކުރަން އެބަޖެހޭ. ތިމާގެ ހިތުގައި ވަކިގޮތެއް، ބުނާ އެއްޗެއްގައި ވަކިގޮތެއް، އެހެން ހެދުމަކީ ތެދުވެރިވުމާ ޚިލާފަށް ކުރެވޭކަމެއް.
 
ހަމައެހެންމެ، އަމާނާތްތެރިވުން، އެއީވެސް މަސްއޫލިއްޔަތު އަދާކުރުމުގައި ވަރަށް މުހިންމުކަމެއް. އެމީހަކަށް ހަވާލުވެފައިވާ މަސްއޫލިއްޔަތު އަދާކުރަންޖެހޭނީ އަމާނާތްތެރިކަމާއެކީގައި. އެއްވެސް ކަމަކަށް ޚިޔާނަތްތެރިނުވެ، އެމީހަކު އަދާކުރަންޖެހޭ ހުރިހާކަމެއް، އެމީހެއްގެ ލިޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ ފުރިހަމަކޮށް އަދާކުރަންއެބަޖެހޭ.
 
 ހަމައެހެންމެ، ކޮންމެ އިންސާނަކީ، އަނެކުންނަށް ކަމޭހިތާ މީހަކު ކަމުގައި ވާންޖެހޭ. އިޙްސާންތެރިއަކު ކަމުގައި ވާންޖެހޭ. އެހެންމީހުންނަށް ތިމާގެހިތް ސާފުކުރަންޖެހޭ. މިކަންތައްތައް މިގޮތަށް ބާއްވައިގެން ނޫނީ، އިންސާނަކަށް އެމީހަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދައެއްނުކުރެވޭނެ.
 
އާދެ، އިންސާނާ އަދާކުރަންޖެހޭ މަސްއޫލިއްޔަތު ތަފާތުވާނެ. މިދެންނެވީ، އެއަށްވުރެ މަތީ ފެންވަރެއްގައި ހުންނަ މީހަކު، އެންމެ އާދައިގެ މީހާ އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަށްވުރެ މާބޮޑެތި މަސްއޫލިއްޔަތުތަކަކާއި ވާޖިބުތަކެއް އަދާކުރަންޖެހޭނެ. މާގިނަ ބަޔަކާ ހަވާލުވެ ހުންނަ މީހަކު، މާބޮޑެތި ބާރުތަކެއް ލިބިފައިވާ މީހަކު، ކޮންމެ ގޮތަކުން ނަމަވެސް އެމީހާގެ ބެލުމުގެ ދަށުގައިވާ މީހުންގެ އަދަދު ގިނަވިވަރަކަށް، ނުވަތަ ކަންތައްތައް ގިނަވިވަރަކަށް އެމީހާގެ މަސްއޫލިއްޔަތު ބޮޑުވާނެ. އެމީހާ އަދާކުރަންޖެހޭ ވާޖިބުތައް ގިނަވާނެ. އެހެންނަމަވެސް، ބޭނުމަކީ، ކޮންމެ މީހަކުވެސް އެމީހަކު އެއަދާކުރަންޖެހޭ މަސްއޫލިއްޔަތެއް ނުވަތަ ވާޖިބެއް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައި އަދާކުރަމުން ގެންދިޔުން. އަދި އެހެން މީހުންނަށް އިޙްސާންތެރިވެ، ކަމޭހިތުން އޭނާގެ ހިތުގައި އަދި ޢަމަލުތަކުގައި ބޭއްވުން.
 
މިގޮތުން، އަނެކުންނަށް ލިބޭ އުފާތަކުގައި ބައިވެރިވެ، ހަމައެއާއެކީގައި އެހެން މީހުންނަށް ލިބޭ ހިތްދަތިކަމާއި ވޭންތަކުގައިވެސް ބައިވެރިވެ، އެބަޔަކަށް ތަޞައްލީ ދިނުމަކީވެސް، އިސްލާމީ އުސޫލުތަކުގެ ތެރޭގައި ވާކަމެއް. މިއީވެސް، ހަމަ ކޮންމެ އިންސާނަކުވެސް ކުރަންޖެހޭނެކަމެއް. އަޅުގަނޑުމެން ދުނިޔެމަތީގައި އުޅޭއިރު، ބައެއް ފަހަރަށް އެކިއެކި ނިޢުމަތްތައް އަޅުގަނޑުމެންނަށް އެބަލިބޭ. އެކިއެކި ކުރިއެރުންތައް އެބަލިބޭ. އެކިއެކި ކާމިޔާބީތައް އެބަ ހާސިލުކުރެވޭ. އެފަދަ ދަނޑިވަޅެއްގައި ކޮންމެ މީހަކުވެސް، އެކަމަށްޓަކައި ވަރަށްބޮޑަށް އުފާކުރާނެ. اللّـهއަށް ޙަމްދުކުރާނެ. ޝުކުރު ކުރާނެ. އެހެންމީހުންވާނެ އެމީހެއްގެ އުފަލުގައި ބައިވެރިވާން.
 
 ހަމައެހެންމެ، ބައެއް ޙާލަތްތަކުގައި، ހިތާމަތަކާ ކުރިމަތިލާން އަޅުގަނޑުމެންނަށް އެބަޖެހޭ. ހިތްދަތިކަން އިޙްސާސްކުރަން އެބަޖެހޭ. ނާކާމިޔާބީއާ ކުރިމަތިލާން އެބަޖެހޭ. މިކަހަލަ ދަނޑިވަޅުތަކުގައިވެސް، އަޅުގަނޑުމެން ކެތްކުރަން ދަސްކުރަންވާނެ. ކެތްކުރުމަކީ، ރޯދަ ދަސްކޮށްދޭ ވަރަށްބޮޑު ފިލާވަޅެއް. ހިތާމައެއް ލިބުނަސް، ހިތްދަތިކަމެއް ލިބުނަސް މާޔޫސްވެގެން ނުވާނެ. އެމީހަކު ކެތްކޮށް اللّـه އަށް ޝުކުރުވެރިވާންޖެހޭނެ. ހަމައެހެންމެ، އެހެންމީހުން، އެމީހަކަށް އެލިބުނު ހިތާމައިގައި ބައިވެރިވެ އެމީހާއަށް ތަޞައްލީ ދޭންވާނެ. މިއީ އިސްލާމީ ރީތި އުސޫލަކީ. މިކަން ކުރެވޭނީ، ތިމާގެ ހިތް އެހެންމީހުންނަށް ސާފުކޮށްގެން. ތިމާގެ ހިތުގައި އެހެން މީހުންނާ ދޭތެރޭގައި އެކަށީގެންނުވާ ޝުޢޫރެއްނެތި، ތިމާގެ ހިތް ވަރަށް ސާފުކޮށް ބާއްވައިގެން. މިއީ ރޯދަ އަޅުގަނޑުމެންނަށް ދަސްކޮށްދޭ ވަރަށް މުހިންމު ފިލާވަޅެއް.
 
މިހެން ދަންނަވާއިރު، އެހެންމީހުންނާ ދޭތެރޭގައި ތިމާގެ ހިތުގައިވާ ޝުޢޫރުތައް ނުރަނގަޅުވުމަށް، އެންމެބޮޑަށް ބާރުއަޅައިދޭ ކަމަކީ ޙަސަދަވެރިވުން. އެކަން އަޅުގަނޑުމެންނަށް އެނގޭ. ޙަސަދަވެރިވުމަކީ، ވަރަށް ނުރައްކާތެރި އިޖްތިމާއީ ބައްޔެއް. އެއީ އެހެން މީހަކަށް ލިބިފައިވާ ނިޢުމަތް ފިލައިގެން ދިޔުމަށް އެދުން. "تمنى زوال النعمة" ޢިލްމުވެރިން ވިދާޅުވާގޮތުގައި، ޙަސަދަވެރިވުމަކީ، އެހެންމީހަކަށް ލިބިފައިވާ ނިޢްމަތެއް ފިލައިގެން ދިޔުމަށް ތިމާ އެދުން. މިއީ ވަރަށް ނުރަނގަޅު ސިފައެއް. މުސްލިމުންގެ ހިތްތަކުގައި އެއްގޮތަކަށްވެސް އޮންނަންވާނެ ކަމެއްނޫން.
 
 ކާފިރުވި މީހުންގެ ހިތްތަކުގައި މި ޙަސަދަ އޮތްގޮތް ބަޔާންކޮށްދެއްވައި މާތްاللّـه ކީރިތި ޤުރްއާންގެ النساء ސޫރަތުގެ 54 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވޭ، "أَمْ يَحْسُدُونَ النَّاسَ عَلَى مَا آتَاهُمُ اللّهُ مِن فَضْلِهِ، فَقَدْ آتَيْنَا آلَ إِبْرَاهِيمَ الْكِتَابَ وَالْحِكْمَةَ وَآتَيْنَاهُم مُّلْكاً عَظِيماً" މާނައަކީ: "ނުވަތަ، ﷲގެ ފަޟުލުވަންތަކަމުގެ ތެރެއިން، އެކަލާނގެ މީސްތަކުންނަށް ދެއްވާފައިވާ ކަންތަކާމެދު އެއުރެން (އެބަހީ: ޔަހޫދީން) މީސްތަކުންނަށް ޙަސަދަވެރިވަނީ ހެއްޔެވެ؟ ފަހެ، ހަމަކަށަވަރުން، އިބްރާހީމުގެފާނުންގެ އާލުވެރިންނަށް، ފޮތާއި ޙިކްމަތް، ތިމަންރަސްކަލާނގެ ދެއްވީމެވެ. އަދި ބޮޑުވެގެންވާ ވެރިކަމެއް، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވީމެވެ."
 
ޔަހޫދީންގެ ހިތްތަކުގައި، ނަބީބޭކަލުންނާމެދު އޮތް ޙަސަދަވެރިކަން މިއާޔަތުގައި ބަޔާންކުރައްވާފައި އެވަނީ. އެހެންވީމާ، އެކަހަލަ ޙަސަދަވެރިކަމެއް، މުސްލިމުންގެ ހިތްތަކުގައި އޮވެގެން ނުވާނެ. އެހެން މީހަކަށް ލިބިފައިވާ ކުރިއެރުމެއް، ކާމިޔާބީއެއް، ނިޢުމަތެއް ފިލައި ދިއުމަކަށް އެއްވެސް މީހަކު އެދިގެނެއްނުވާނެ.
 
ކީރިތި ޤުރްއާންގައި އެކަންކަމުން ރައްކާތެރިވާންވީ ކަންތައްތައް އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައިވާ ވަރަށްކުރު ސޫރަތެއްގައި، "الفلق" ސޫރަތުގެ ނިމޭތާނގައި މާތްاللّـه ވަޙީކުރައްވާ. "وَمِن شَرِّ حَاسِدٍ إِذَا حَسَدَ" މާނައަކީ؛ "އަދި ޙަސަދަވެރިޔަކު ޙަސަދަވެރިވެއްޖެ ހިނދު، އޭނާގެ ނުބައިކަމުންވެސް މެއެވެ." اللّـهގެ ޙަޟްރަތުން ރައްކާތެރިކަމަށް އަޅުގަނޑުމެން އެދެންވީ ކަންތައްތަކުގެ ތެރޭގައި ޙަސަދަވެރިވާ މީހާ ކުރާ ކަންތައްތަކުގެ ނުބައިކަމުން ރައްކާތެރިވުމަށްވެސް އަޅުގަނޑުމެން އެދެން އެބަޖެހޭ. އެހެންވީމާ، މިކަމުންވެސް އެނގެނީ، ޙަސަދަވެރިކަމަކީ ވަރަށް ނުރަނގަޅު ސިފައެއްކަން. މުސްލިމުންގެ މެދުގައި އޮވެގެންވާނެ ސިފައެއްނޫންކަން.
 
ޙަޤީގަތުގައި ޙަސަދަވެރިކަމުން އެންމެބޮޑަށް ގެއްލުން ލިބޭނީ އެ ޙަސަދަވެރިވާ މީހާއަށް. އެ ޝުޢޫރު އެމީހެއްގެ ހިތުގައި އޮންނަ މީހާއަށް. އެހެންމީހުންނަކަށް ނޫން. އެމީހާގެ ހިތުގައި ޙަސަދަވެރިކަމުގެ އަލިފާން އަނދަންފަށައިފިނަމަ، އެމީހާގެ ހުރިހާ ހެޔޮކަމެއް ގެއްލިގެން ހިނގައިދާނެ. އެމީހާއަށް ބުނެވޭ އެއްޗެއް، ކުރެވޭކަމެއް، އެމީހަކަށް ނޭނގޭނެ. އެމީހާއަށް ކުރެވޭ ކަމެއްގެ ސަބަބުން، ލިބޭ ގެއްލުންވެސް ލިބޭނީ ހަމައެމީހަކަށް. އަދި ބުނެވޭ ބަހެއްގެ ސަބަބުން ލިބޭ ގެއްލުންވެސް ލިބޭނީ ހަމައެމީހަކަށް.
 
މިކަން ވަރަށް ރީތިކޮށް رسول الله صلى الله عليه وسلم، އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާފައި އެބައޮތް. އެކަލޭގެފާނު ޙަދީޘްކުރައްވައި، "إِيَّاكُمْ وَالْحَسَدَ، فَإِنَّ الْحسَدَ يَأْكُلُ الْحسَناَتِ كَمَا تَأْكُلُ النَّارُ الْحطَبَ" (رواه أبوداود) މާނައަކީ، "ތިޔަބައިމީހުން ޙަސަދަވެރިކަމާ ދުރުހެލިވާށޭ، ހަމަކަށަވަރުން ހަސަދަވެރިކަން ހެޔޮކަންތައް ކައި، އެކަންތައްތައް އުވާލައި، އެކަންތައްތައް ފިލުވާލައެވެ. އެއީ އަލިފާން ދަރު އަންދާ ހުލިކޮށްލާ ފަދައިންނެވެ."
 
އަޅުގަނޑުމެން ގެންގުޅޭ ދަރު އަލިފާނުގައި ޖަހައިފިއްޔާ، ނުވަތަ އަލިފާނަށް ދަރު ލައިފީވިއްޔާ،  އެ އަނދައިގެން ހުލިވެގެންދާނެ. އެގޮތަށް އިންސާނާގެ ހިތުގައިވާ ޙަސަދަވެރިކަމަކީ، އޭނާކުރާ ހެޔޮކަންތައްތައް އަންދާލައި ހުލިކޮށްލާކަމެއް. އޭގެސަބަބުން އަޅުގަނޑުމެންކުރާ ހެޔޮ ކަންތައްތައް ބާޠިލުވެ އުވިގެންދާނެ. އެހެންވީމާ، އޭގެ މާނައަކީ، ޙަސަދަވެރިވާ މީހާގެ ހިތުގައި އޮންނަ ޙަސަދަވެރިކަމުން، އޭނާކުރާ ހެޔޮކަންތައްތަކުގެ އަސަރު ގެއްލިގެންދާކަން. އޭގެ ހުރިހާވެސް ނުބައެއް އޮތީ އެމީހާއަށް. އެހެންވީމާ، މިކަހަލަ ކަންތައްތަކުން އަޅުގަނޑުމެން އެބަ ސަލާމަތްވާންޖެހޭ. މިއީވެސް ރޯދަ އަޅުގަނޑުމެންނަށް ދަސްކޮށްދޭ ވަރަށްމަތިވެރި ފިލާވަޅެއް.
 
އިންސާނާގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ވާޖިބުއަދާކުރުމުގައި، އެހެންމީހުންނަށް ކަމޭހިތަން އެބަޖެހޭ. އިޙްސާންތެރިވާން އެބަޖެހޭ. އޯގާވެރިވާން އެބަޖެހޭ. ކެތްތެރިވާން އެބަޖެހޭ. ޙިކްމަތުގެ ބޭނުންކުރަން އެބަޖެހޭ. މިއާ ޚިލާފަށް މީހުންނާމެދު ރުޅިވެރިކަން ހިތުގައި ބާއްވައި، ޙަސަދަވެރިކަން ބާއްވައި، އެހެންމީހުންނަށް ލިބިފައިވާ ކުރިއެރުމާއި ނިޢުމަތްތައް ފިލައިދިޔުމަށްއެދި އެގޮތަށް މަސައްކަތްކުރުމަކީ އެއްގޮތަކަށްވެސް މުސްލިމަކު ކަންތައް ކޮށްގެން ވާނެގޮތެއްނޫން. ހަމައެހެންމެ، އެ ރޯދަވެރިއާ އެކަންކަމުން ދުރުހެލިވާންޖެހޭނެ ވަރަށްބޮޑު ކަމެއް.
 
އެހެންވީމާ، މިކަންކަމަށް އިންސާނާ ތައްޔާރުކުރުން، އާދެ، އިންސާނާއަކީ އެމީހާއާ ހަވާލުވެފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ޤާބިލުމީހަކަށް ހެދުމަށްޓަކައި، އެކަމަށްޓަކައި އެމީހާގެ ނަފްސަށް ލިބެންޖެހޭ ތަމްރީނުތައް ހޯދައިދިނުމަށްޓަކައި، ރޯދަ މިކޮށްދޭ ކަންތައް، އަޅުގަނޑުމެން އެބަޖެހޭ ވަރަށް ރަނގަޅަށް ގަބޫލުކުރަން. ރޯދަހިފުމުން އިންސާނާއަށް ދުނިޔެމަތީގައި ލިބޭ އެންމެބޮޑު ހެޔޮކަމަކީ، އެއީ ކަމަށް ޢިލްމުވެރިން ވިދާޅުވެފައިވަނީ.
 
އާދެ، "وَأَن تَصُومُواْ خَيْرٌ لَّكُمْ" "ތިޔަބައިމީހުން ރޯދަހިފުމަކީ، ތިޔަބައިމީހުންނަށް ހެޔޮކަންބޮޑު ކަމެކެވެ." ހުރިހާ ގޮތަކުންވެސް ހެޔޮކަމެއް. ދުނިޔެމަތީގައިވެސް، އާޚިރަތުގައިވެސް.
 
އެހެންވީމާ، މިފަދަ މަތިވެރި ނިޢުމަތެއް، މާތްاللّـه އަޅުގަނޑުމެންނަށް ދެއްވިކަމަށްޓަކައި، އެކަލާނގެ ޙަޟްރަތަށް އަޅުގަނޑުމެން ޙަމްދާއި ޝުކުރު ކުރަންޖެހޭނެ. ހަމައެހެންމެ، މިބަރަކާތްތެރި މައްސަރުގެ ރޯދަ އަޅުގަނޑުމެން ވަރަށް ފަރުވާތެރިކަމާއެކީގައި، ހުޝޫޢަވެރިކަމާއެކީގައި ހިފަމުން ގެންދަންވާނެ. ރޯދައަށް ހުންނަ ހުރުމުގައި، މާތްاللّـه ޙަރާމްކުރައްވާފައިވާ އެއްވެސް ކަމެއް ކޮށްގެންނުވާނެ. އަދި މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ހިތްތަކަށް އިތުރު ދިރުމާއި، އިތުރު ކުރިއެރުމާއި، އިތުރު تقوىވެރިކަން ގެނެވޭތޯ މަސައްކަތް ކުރަންޖެހޭނެ.
 
އާދެ، އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ اللّـه سبحـانـه وتعـالى މިމާތް މައްސަރުގެ ބަރަކާތާއި، ޘަވާބާއި، ރަޙްމަތް އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން. އަދި މި މަތިވެރި އަޅުކަމުގެ ސަބަބުން އަޅުގަނޑުމެންގެ ނަފްސުތަކަށް ލިބެންޖެހޭ ތަމްރީންތައް ގެނައުމުގައި، އަޅުގަނޑުމެންނަށް އެކަލާނގެ މަދަދާއި ތައުފީޤު ދެއްވުން.
 
والسّلام عليــكم ورحـمــة اللّـه وبـركاتـه.