ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ދިވެހި ބަޔޯމެޓްރިކް ޕާސްޕޯޓް މިރޭ އިފްތިތާޙުކޮށްދެއްވައިފިއެވެ. ބަޔޯމެޓްރިކް ޓެކްނޮލޮޖީއަކީ ޕާސްޕޯޓުގައި ހިމެނޭ، ޕާސްޕޯޓުގެ ވެރިފަރާތުގެ ސިފަތައް ކެމެރާއާއި ސްކޭނަރުގެ އެހީގައި ވަގުތުން އަޅާކިޔައި، އޭގެ ސައްޙަކަން ކަށަވަރުކޮށްދޭ އެންމެ ޒަމާނީ ސަލާމަތީ ޓެކްނޮލޮޖީއެވެ. ދިވެހި ބަޔޯމެޓްރިކް ޕާސްޕޯޓުގައި 34 ސަލާމަތީ ސިފަ ހުންނާނެއެވެ. އަދި ރާއްޖެއަކީ ސާކް ޤައުމުތަކުގެ ތެރެއިން ބަޔޯމެޓްރިކް ޕާސްޕޯޓް ތަޢާރަފްކުރި ފުރަތަމަ ޤައުމެވެ. ދިވެހި ބަޔޯމެޓްރިކް ޕާސްޕޯޓުގެ ސަލާމަތީ މަސައްކަތްކޮށްފައިވަނީ ދުނިޔޭގައި ބަޔޯމެޓްރިކް ޓެކްނޮލޮޖީން އެންމެ ފާހަގަކޮށްލެވޭ ޑަރމަލޮގް ކުންފުނިންނެވެ.

މިރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އިމިގްރޭޝަން އޮޓޯ-ގޭޓުގެ ޚިދުމަތްވެސް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވިއެވެ. މި ޚިދުމަތުގެ ސަބަބުން ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް އިމިގްރޭޝަންގެ ޚިދުމަތް ހޯދުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން، "ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން"، "މޯލްޑިވްސް އިމިގްރޭޝަން"އަށް ރީބްރޭންޑްކޮށް، އިމިގްރޭޝަންގެ އާ ޔުނިފޯމްވެސް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިފްތިތާޙުކޮށްދެއްވިއެވެ. އަދި، ދިވެހި ބަޔޯމެޓްރިކް ޕާސްޕޯޓް ފަރުމާކުރެއްވި ފަރާތަށާއި، ދިވެހި ބަޔޯމެޓްރިކް ޕާސްޕޯޓުގެ ސަލާމަތީ މަސައްކަތް ކުރެއްވި ފަރާތަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.