بســم اللّـه الرّحمـن الرّحيــم

                  އާދެ، މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. މިއަދު މައްޗަންގޮޅީގެ ރައްޔިތުން އަޅުގަނޑަށް މި ދެއްވި ޝަރަފަށްޓަކައި، އަވަށް ކުރިއަރުވާ ކޮމިޓީގެ މެންބަރުންނަށް، އަދި މައްޗަންގޮޅީގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން.

އެއްވެސް ޝައްކެއްނެތް، މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި ހާމަވެގެން މިދިޔައީ، އިޖްތިމާޢީ ޚިދްމަތުގެ ވަރަށް މަތިވެރި މަންޒަރެއް. މީގެ ދުވަސްކޮޅެއް ކުރިން މާލޭގެ ރައްޔިތުންނާ މުޚާޠަބުކޮށް އަޅުގަނޑު ދެއްކި ވާހަކަކޮޅެއްގައި، އިޖްތިމާޢީ ޚިދްމަތުގެ ދާއިރާގައި، އަވަށްއަވަށުގެ މީހުން، އެމީހުން އަމިއްލައަށް ޙަރަކާތްތެރިވުމަކީ މިއަދު ވަރަށް ބޮޑަށް އެދެވިގެންވާ ކަމެއް ކަމުގައި އަޅުގަނޑު ބަޔާންކުރި ކުރުމަކާ ވިދިގެން، މާލޭގެ އަވަށްއަވަށުގައި، މާލޭގެ ރައްޔިތުން ޙަރަކާތްތެރިވަމުން އައިސްފައި ވަނީ ވަރަށްމަތީ ދަރަޖައަކަށް. ތަޢުރީފާއި ޝުކުރު ޙައްޤުވެގެންވާ ދަރަޖައަކަށް.

މީގެ ދިހަވަރަކަށް ދުވަސް ކުރިން ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކޮށްލުމުގެ ފުރްޞަތެއް އަޅުގަނޑަށް ލިބުނު. އެ ފުރްޞަތުގައި ހެންވޭރުގެ ރައްޔިތުންނަށް ޝުކުރު އަދާކުރުމުގެ ފުރްޞަތު އަޅުގަނޑަށް ލިބުނު. ހަމައެފަދައިން، އެދުވަހު ހެންވޭރުގެ ރައްޔިތުން އެކުރެއްވި މަތިވެރި ޚިދްމަތުގައި ބައިވެރިވެ، އެ ޚިދްމަތަށް އެހީތެރިވެދެއްވުމުގެ ގޮތުން، މާފަންނުގެ ރައްޔިތުން އެ ކުރެއްވި އަގުހުރި ޚިދްމަތަށްވެސް ޝުކުރު އަދާކުރުމުގެ ފުރްޞަތު އަޅުގަނޑަށް ލިބުނު.  

މިއަދު އަޅުގަނޑަށް ލިބިފައިމިވާ ފުރްޞަތަކީ، މިބާވަތުގެ ޤައުމީ އަދި އިޖްތިމާޢީ ޚިދްމަތުގައި، މައްޗަންގޮޅީގެ ރައްޔިތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭގޮތުން، މައްޗަންގޮޅީގެ ރައްޔިތުންނަށް ޝުކުރު އަދާކުރުމުގެ ފުރްޞަތު. ހަމަ މިނޭވާގައި ގަލޮޅުގެ ރައްޔިތުންނަށްވެސް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރަން. އެއީ ގަލޮޅު ރައްޔިތުންގެ ފަރާތުން އެތައް ދުވަހަކު، މާލޭގެ ބިން ހިއްކުމުގެ މަޝްރޫޢަށް ވެދެއްވި މަތިވެރި އެހީއަށްޓަކައި. އަދި ހަމަޖެހިފައިވާ ގޮތުގެ މަތިން ދުވަސްތައް ހިނގަމުންދާނަމަ، މިއަދު ގަލޮޅުގެ ރައްޔިތުން އެއަރޕޯޓަށް ވަރަށްމަތީ ޚިދްމަތެއް އަދާކުރުމަށް ވަނީ ހަމަޖެހިފައި. އެއީ ސަރުކާރުން މިވަގުތު އެއަރޕޯޓަށް އިތުރުކުރުމަށް ހަމަޖެހިފައިވާ ބައި އިތުރުކުރުމުގެ މަސައްކަތުގައި އެހީވެދެއްވުމުގެ ގޮތުން. ވީމާ، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ އަވަށްއަވަށުގެ ޙަރަކާތްތައް މިހާރު މިދަނީ ވަރަށް ހަލުއިކަމާއެކު ހިނގަމުންނޭ. ވަރަށް އެދެވޭގޮތެއްގައި، ޤައުމީ ދާއިރާގަޔާއި އަދި އިޖްތިމާޢީ ދާއިރާގައި ޚިދްމަތް ކުރަމުންނޭ.  

އާދެ، މަދަރުސާއެއްގެ ބިންގާ އެޅުމަކީ ވަރަށް އުފާވެރި ކަމެއް. އެއީ މުސްތަޤްބަލަށްޓަކައި، އަޅުގަނޑުމެން އެންމެންނަށް ޙައްޤު ކަމެއް. ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައި ވަނީ ތަޢުލީމް. މިއީ ހަމަ އެއްވެސް ޝައްކެއްނެތި، އަޅުގަނޑުމެން އެންމެންނަށް ގަބޫލުކުރެވޭ ޙަޤީޤަތެއް. އަޅުގަނޑު ރާއްޖެތެރެއަށް މިކުރި ދަތުރުންވެސް އަދި އެހެން ގޮތްގޮތުންވެސް އެނގިފައިވާ ގޮތުގައި، ރާއްޖޭގެ ރައްޔިތުން، މާލޭގެ ރައްޔިތުންނާއި ރާއްޖެތެރޭގެ ރައްޔިތުންވެސް އެންމެ ބޮޑަށް އެދޭ ކަމަކީ ތަޢުލީމް. ތަޢުލީމަކީ އެއާނުލައި އެއްވެސް ޤައުމަކަށް ތަރައްޤީނުވެވޭނެ އެއްޗެއް. ތަޢުލީމްގެ ފުރްޞަތު މީގެކުރިން ލިބިފައިވަނީ ހަމައެކަނި މާލޭގެ ބަޔަކަށް. މިހާރު މާތްރަސްކަލާނގެ އިރާދަފުޅާއި ތައުފީޤާއެކު، ރާއްޖެތެރޭގެ ކޮންމެ އަތޮޅެއްގައިވެސް ސަރުކާރުގެ ޕްރައިމަރީ ސްކޫލެއް ހިނގަމުން އެބަދޭ. އަދި އޭގެއިތުރަށް މެދުކެނޑުމެއްނެތި ދިހަ އަހަރު ހިނގަމުން ގޮސްފައިވާ ކޮންމެ ޕްރައިވެޓް ސްކޫލަކަށް، އަމިއްލަ މަދަރުސާއަކަށް، ސަރުކާރުން ވަނީ އެހީވެދެއްވާގޮތަށް ހަމަޖެހިފައި. އެ އެހީ މިހާރުދަނީ އެ ސްކޫލްތަކަށް ލިބެމުން. ވީމާ، މާތްރަސްކަލާނގެ އިރާދަފުޅާއި ތައުފީޤާއެކު، ރާއްޖެތެރޭގެ ތަޢުލީމްގެ ކަންތައް، އިރާދަކުރެއްވިއްޔާ ވަރަށް ހަރުދަނާ ބިންގަލެއްގެ މައްޗަށް ވަނީ ބިނާކުރެވިފައި. އޭގެ އެއް ހެއްކެއް މިއަދު މި ފާޅުވެގެންދިޔައީ. އެއީ މައްޗަންގޮޅީގެ ރައްޔިތުންގެ އަމިއްލަ މަސައްކަތާއި، އެމީހުންގެ އަމިއްލަ ހިންމަތުން އެމީހުން ބިނާކުރާ މަދަރުސާއެއްގެ ބިންގާ އެޅުނު ދުވަސް މިއަދު މިއީ.

އާދެ، މި މުނާސަބަތުގައި، އަޅުގަނޑު ހިތަށް ކުއްލިއަކަށް އަންނަނީ، މިޞްރުގެ ވަރަށް މަޝްހޫރު ޢާލިމެއް، އަދީބެއް. އަދި މިޞްރުގެ ވަރަށްފަހުގެ ދުވަސްވަރެއްގައި، އެތާނގެ ވަޒީރުލް މަޢާރިފްކަން އަދާކުރެއްވި ބޭފުޅެއް. އޭނާ ވިދާޅުވެފައިވާ ބަސްފުޅެއް.  އޭނާ ވިދާޅުވެފައިވަނީ، [العلم للإنسان كالماء والهــواء]  އާދެ، އޭގެ މާނަޔަކީ، [ޢިލްމަކީ ނުވަތަ ތަޢުލީމަކީ އިންސާނާއަށް ބޯފެނާއި ވައި ބޭނުންވާ ފަދައިން ބޭނުންވާ އެއްޗެކޭ.] އާދެ، އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ، އިންސާނާއަށް އޭނާ ނޭވާލާނެ ވައި ނުލިބޭނަމަ، ދުނިޔެއަކު ނޫޅެވޭނެކަން. މިޞްރުގެ ކުރީގެ އެޑިއުކޭޝަން މިނިސްޓަރ އެ ވިދާޅުވަނީ، ތަޢުލީމަކީ ނުވަތަ ޢިލްމަކީ ހަމަ އެފަދަ އެއްޗެކޭ. އިންސާނާއަށް ޢިލްމު ނުލިބި ނުވަތަ ތަޢުލީމް ނުލިބި ދުނިޔެއަކު ނޫޅެވޭނެއޭ. ޝައްކެއްނެތް، އެއީ ވަރަށްބޮޑު ޙަޤީޤަތެއް. ފެނާއި ވަޔަކީ، އަދި ކާބޯތަކެއްޗަކީ އިންސާނާގެ ހަށިގަނޑަށް ލިބޭ ޣިޛާ ކަމުގައި ވަނީނަމަ، ޢިލްމަކީ ނުވަތަ ތަޢުލީމަކީ އިންސާނާގެ ސިކުނޑިއަށް، ބުއްދިއަށް ލިބޭ ޣިޛާ.

ވީމާ، އެއްވެސް ޝައްކެއްނެތް، މާތް ﷲ އިންސާނާ، ހުރިހާ މަޚްލޫޤާތުތަކުގެ މައްޗަށް މާތްކުރައްވާފައިވަނީ އިންސާނާއަށް ދެއްވާފައިވާ ބުއްދީގެ ސަބަބުން. އިންސާނާއަށް ދެއްވާފައިވާ ސިކުނޑީގެ ނިޢުމަތުން. އެހެންކަމަށްވާނަމަ، އަޅުގަނޑުމެންގެ އެންމެ މަތިވެރި ޝަރަފު ލިބިފައިވާ އެއްޗަކީ ބުއްދި، އަދި ސިކުނޑި. އެ ބުއްދިއަށް ނުވަތަ އެ ސިކުނޑިއަށް ޣިޛާ ލިބޭ ކޮންމެ އެއްޗަކީ ޝައްކެއްނެތްގޮތުގައި، އިންސާނީވަންތަކަމަށް އެންމެ ބޮޑަށް ބޭނުންވާ ކަންތައް. އެހެންކަމަށްވުމާއެކު، މިއަދު ދިވެހިރާއްޖެއަކީ ތަރައްޤީވަމުން އަންނަ ޤައުމަކަށްވާއިރު، ދިވެހިރާއްޖޭގެ ރައްޔިތުން ތަޢުލީމަށް ވަރަށްބޮޑު އަހަންމިއްޔަތެއް ދޭންޖެހޭނެ. އެ އަހަންމިއްޔަތު ދޭކަން މިއަދުވެސް އަޅުގަނޑުމެންގެ ކުރިމަތީގައި ވަރަށްމަތީ ދަރަޖައަކަށް ފާޅުވެގެން ހިނގައްޖެ.

އާދެ، އަޅުގަނޑު މި ފުރްޞަތުގައި، މާގިނަ ވާހަކަ ދައްކާކަށް ނެތިން. ކަންދިމާވިގޮތުން މޫސުމްވެސް އެގޮތަކަށް ތަނެއްނުދޭ. ގިނަބޭފުޅުން ތިއްބެވީ ވާރޭގައި. އެހެންކަމަށްވާތީ، އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލަނީ. ކޮންމެއަކަސް އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށްފިން، މި ފުރްޞަތު އަޅުގަނޑަށް މައްޗަންގޮޅީގެ ރައްޔިތުން ދެއްވިކަމަށްޓަކައި. އެހެންކަމާއެކު، މައްޗަންގޮޅީގެ ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މައްޗަންގޮޅީގެ ރައްޔިތުން މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި އެ ހާމަކޮށްދެއްވި ޤައުމީ ޚިދްމަތުގެ އަދި އިޖްތިމާޢީ ޚިދްމަތުގެ މަތިވެރި ނަމޫނާއަށްޓަކައި، އެއްވެސް ހިފެހެއްޓުމެއްނެތި، މައްޗަންގޮޅީގެ އެންމެހާ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އާދެ، މިފަދަ މަތިވެރި ޚިދްމަތްތައް، މާލޭގެ އަވަށްއަވަށުގައި ކުރިއަށްދާ ކަމުގައިވާނަމަ، އަޅުގަނޑު ދެކޭގޮތުގައި، ވަރަށް ކައިރި މުސްތަޤްބަލެއްގައި، އަޅުގަނޑުމެން އެންމެން އެދޭ ފަދައިން ދިވެހިރާއްޖެ ތަރައްޤީވަމުން ކުރިއަރަމުންދާނެ.

އަޅުގަނޑުގެ ދުޢާއަކީ، މާތް ﷲ އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތުގައި ހެޔޮ ތައުފީޤު ދެއްވުން. އަޅުގަނޑުމެން އެންމެންނަށް ހެޔޮވިސްނުމާއި ޚިދްމަތް ކުރުމުގެ މައިދާންތައް ފަހިކޮށްދެއްވުން. އަދި ހުރިހާ ގޮތަކުން ބަލާއިރުވެސް، ތަޢުލީމީގޮތުން ބެލިނަމަވެސް، އިޤްތިޞާދީ ގޮތުން ބެލިނަމަވެސް، މިހުރިހާ ރޮނގަކުންވެސް މިއަށްވުރެ ތަނަވަސް، މިއަށްވުރެ ބާއްޖަވެރި، މިއަދަށްވުރެ އުފާވެރި މާދަމާއެއް، މާތްﷲ އަޅުގަނޑުމެންނަށް ދެއްކެވުން. وَمَا تَوْفِيقِىٓ إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

                 والسّلام عليــكم ورحـمــة اللّـه