بســم اللّـه الرّحمـن الرّحيــم

އަޅުގަނޑު ތިޔަބޭފުޅުންނާ ބައްދަލުކޮށްލަން ޚިޔާލުކުރާތާ ދުވަސްކޮޅެއް ވެއްޖެ. ޢާންމުކޮށް ރާއްޖޭގެ އަންހެނުންނާ ބައްދަލުކޮށްލުމަށް ގަސްދުކުރާތާ ދުވަސްކޮޅެއް ވެއްޖެ. މިބައްދަލުކޮށްލުމުގެ ފުރަތަމަ ބޭނުމަކީ، ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދެންނެވުން. އެއީ، ދިވެހިރާއްޖޭގެ އަންހެނުންނަކީވެސް ވަރަށް މަތިވެރި ދަރަޖައަކަށް ޤައުމީ ރޫޙާއި ޤައުމީ ލޯބި ހިތުގައި އުފެދިފައިވާ ބަޔަކަށްވުމާއެކު، ވަރަށް މަތިވެރި ޚިދްމަތްތަކެއް ކުރައްވަމުން ގެންދަވާ ބަޔަކަށްވާތީ. މީގެކުރިންވެސް  ހުޅުލޭ އެއަރޕޯޓް ހެއްދެވި ދުވަސްވަރުވެސް އަދި އޭގެކުރިންވެސް ރާއްޖޭގެ އަންހެނުން ވަނީ އެކިގޮތްގޮތުން ވަރަށް މަތިވެރި ޚިދްމަތްތަކެއް ކޮށްފައި.

ދިވެހިރާއްޖޭގައި އިނގިރޭސިން ތިބިއިރު، މިސްޓަރ އާތިން ތަންޑޭވީއާ ބެހޭގޮތުން މާލޭގައި ހިނގި ޙަރަކާތްތަކުގައިވެސް އަންހެނުން ވަރަށްމަތީ ބައެއް ކުޅެފައިވާކަން އަޅުގަނޑަށް ވަނީ އެނގިފައި. އަދި މާލެއާއި ރާއްޖެތެރޭގެ އަންހެނުންގެ ފަރާތުން ހުޅުލޭ އެއަރޕޯޓް ފަންޑަށްވެސް ލިބުނު ތަރުޙީބު ފާހަގަކޮށްލެވޭ. އެކަންކަމުގެ ޙައްޤު ތަޢުރީފް އަންހެނުންނަށް ރައްދުކުރަންވީ ވަރަށް ރައްދުކުރެވިފައެއްނުވޭ. ގިނަފަހަރަށް ރަނގަޅު މަތިވެރި ޚިދްމަތްކުރާ މީސްމީހުންގެ އަގުހުރި ޚިދްމަތް އޮންނަނީ ހަނދާންނެތިފައި. ނަމަވެސް މީހަކު ނުވަތަ ބަޔަކު ރަނގަޅު ކަމެއް ކޮށްފި ކަމުގައިވާނަމަ، އެކަމުގެ ޙައްޤު ޝުކުރު އަދާކުރަންޖެހޭނެ. ހަމައެފަދައިން ނުބައި ކަންތައްކޮށް، ޤައުމަށް ޚިޔާނާތްތެރިވާ މީހުންނަށްވެސް އެކަމަށްޓަކައި ޙައްޤުވާ ކަންތައްތައް ފުރިހަމަކުރަންޖެހޭނެ. ކޮންމެއަކަސް މިހާތަނަށް ރާއްޖޭގެ އަންހެނުން ޤައުމީ އަދި އިޖްތިމާޢީ ކަންތައްތަކުގައި ކޮށްފައިވާ ކަންތައްތަކަށާއި، އެބައިމީހުން ކުޅެފައިވާ މަތިވެރި ބަޔަށް ޝުކުރު ދަންނަވަން.

ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައިވެސް އަންހެނުން އެކިއެކި އަމިއްލަ ކަންތައްތަކުގައި އިސްނަގައި، އެފަދަ ކަންތައްތަކުގެ އިންތިޒާމުތައް ރާވަމުން ގެންގޮސްފައިވޭ. މިގޮތުން، ދިވެހިރާއްޖޭގެ އަންހެނުންވެސް މިބާވަތުގެ ކަންކަމުގައި ޙަރަކާތްތެރިވުމަށް، މީގެކުރިންވެސް ދެތިންފަހަރު މިފަދަ ޚިޔާލު ފާޅުކުރެވިފައިވާނެ. މިގޮތުން، ކޮމިއުނިޓީ ވާރކް، އާދެ، ޖަމާޢަތުގެ މީހުން އަމިއްލަ ކަންތައްކުރާގޮތަށް ޤައުމީ އަދި އިޖްތިމާޢީ ކަންތައްތަކުގައި ކުރިއަށް ދިޔުމަކީ ވަރަށް ބޭނުން ކަމެއް.

މާލެއަކީ ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް ކަމަށްވުމާއެކު، އަމިއްލަ ފަރާތްތަކުން އަޅުގަނޑުމެން އަމިއްލައަށް ބޭނުންވާ ކަންތައްތަކާމެދު ވިސްނައި، ރަނގަޅު ގޮތް ހޯދައި ވިސްނައި، އަމިއްލަ ކަންތައްތައް ކުރާ ފަދައިން، ޚާއްޞަކޮށް، އިޖްތިމާޢީ މައިދާނުގައިވެސް އަންހެނުންނަށް ކުރެވިދާނެ ވަރަށް ގިނަ ކަންތައްތައް ހުރޭ. ދިރިއުޅުމަށްޓަކައި ކުރަންޖެހޭ ގިނަ ކަންކަމުގައި ފިރިހެނުންނަށްވުރެ ބޮޑަށް އަންހެނުންނަށް ވަގުތު ލިބޭ. ފިރިހެނުން، ސަރުކާރުގެ ވަޒީފާ އަދާކޮށްގެން ލިބޭ އެއްޗަކުން ދެކޮޅުނުޖެހިގެން، އިތުރު އަމިއްލަ ވަގުތުގައިވެސް އިތުރު އާމްދަނީ ހޯދުމަށް ރެޔާދުވާލު ސަރުކާރުގެ މަސައްކަތުގެ ވަގުތު ނޫން ގަޑީގައިވެސް އުޅެންޖެހޭ. އެހެންކަމުން، އަމިއްލަ ކަންކަމުގައި ފިރިހެނުންނަށް އުޅޭނެ ވަގުތު އޮންނަނީ ނުލިބިފައި.

ދުނިޔޭގެ އެހެން ތަންތާނގެ ފިރިހެނުންނަށް، ސަރުކާރުގެ މަސައްކަތް ރޭވިފައި ހުންނަ ގޮތުން ފިރިހެނުންނަށް އަމިއްލަ އިތުރު ކަންތައް ކުރާނެ ވަގުތު ލިބޭ. ވީމާ، އެތަންތާނގެ އަންހެނުންނާއި ފިރިހެނުންނަށް މިގޮތުން މަސައްކަތް ކުރާނެ ވަގުތު ނުލާހިކު ގިނައިން ލިބެމުންދޭ.

ދިވެހިރާއްޖޭގައިވެސް މީގެކުރިން އިޖްތިމާޢީ މައިދާންތަކުގައި ޤައުމީ ރޫޙު އުފެދެމުންދިޔަ. ނަމަވެސް ފަހަކަށްއައިސް، މި ލަފްޒު ބޭނުންކޮށް އުޅޭ އަޑު ވަރަށްވެސް ނީވޭ. ނަމަވެސް މިހާރު ޤައުމީ ލޯބި، ޤައުމީ ރޫޙުގެ އަޑު އިވެން ފަށައިފި. މާތްﷲގެ ރަޙްމަތްފުޅުން ކުރީގެ ގޮތް ބަދަލުވެ، ހުރިހާ ގޮތަކުން ރަނގަޅުގޮތް ފެންނަން ފަށައިފި. ކަންކަމުގައި އެއްބާރުލުމާއި، އެކިއެކި ކަންތައްތައް އިންތިޒާމް ކުރެވެމުން ދާން ފަށައިފި. ޖަމްޢިއްޔާތައް އެކިއެކި ކަންކަމަށް އުފެދިއްޖެ. އެހެންކަމުން، މިހާރު ވިސްނާއިރު އަންހެނުންނަށްވެސް ވަރަށްގިނަ ކަންތައްތައް ކުރެވެން އެބަހުރި. މިކަންކަމުގައި އަންހެނުންގެ ބޭނުން ވަރަށްވެސް ބޮޑު. މިސާލަކަށް، ޞިއްޙީ ކަންތައްތައް ކުރުމުގައިވެސް އަންހެނުންނަށް ވަރަށްބޮޑު ބައެއް ކުޅެވިދާނެ. މިގޮތުން، ކޮލެރާ، ހޮޑުލުމާއި ބޭރަށް ހިންގުން، އަދި މިނޫންވެސް އެކަކު ގައިން އަނެކަކު ގަޔަށްއަރާ ބަލިބައްޔާ ބެހޭގޮތުން އަބަދުހެން ސަރުކާރުން އިރުޝާދު ދެއްވަމުން ގެންދަވާ. ނަމަވެސް އެކަށީގެންވާ ވަރަށް ތަރުޙީބު ނުލިބޭ. އެއީ އެކަން އާދައިގެ މީހުންނަށް ރަނގަޅަށް އޮޅުންނުފިލާތީ. އަދި މިކަމަށް އިހުމާލު ކުރެވެމުން ގޮސް، ސާފުތާހިރުކަމަށް ފުދޭވަރަށް އަހަންމިއްޔަތެއް ނުދެވި އޮންނަގޮތް މެދުވެރިވަމުންދަނީ. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ވަޅުވަޅަށް ބޭސްއެޅުންފަދަ ކަންތައްތައް ކުރަމުންދޭ. ނަމަވެސް، އެކަމަށް ގިނަ މީހުންނަށް ސަމާލުކަން އޮންނަނީ ނުދެވިފައި.

ވީމާ، މިކަހަލަ ކަންތަކުގައިވެސް އަންހެނުންނަށް ވަރަށްބޮޑު ބައެއް ކުޅެވިދާނެ. މިދަންނަވަނީއަކީ އަވަށު ވާދަ އުފައްދަން ޚިޔާލުކުރާ ވާހަކައެއް ނޫން. ނަމަވެސް ކުރިއްސުރެވެސް މާލޭގެ ހަތަރު އަވަށް (ހަތަރު ބަޔަށް ބައިކުރެވިފައިވާތީ) އޮންނާތީ އަވަށުގެ ރައްޔިތުންގެ ކޮމިޓީއެއް އުފައްދައިގެން ގެންދެވުން ކީއްތޯއެވެ؟ މި ކޮމިޓީގައި ތިބޭނީ ހަމައެކަނި އަންހެނުންނެއް ނޫން. ފިރިހެނުންނަށްވުރެ އަންހެނުންނަށް ޙަރަކާތްތެރިވެވޭނެ.

ޖަމާޢަތްތަކުގައި ކުރާ މަސައްކަތްތަކުގައިވެސް ހަމައެކަނި ފިރިހެނުން ނުވަތަ ހަމައެކަނި އަންހެނުން ޙަރަކާތްތެރިވެގެން ކުރިއަށް ދެވޭކަށް ނޯންނާނެ. ފިރިހެނުން ކުރާ ކަންތައްތަކުގައި އަންހެނުންވެސް ޙަރަކާތްތެރިވާންޖެހޭނެ. އަންހެނުން ކުރާ ކަންތައް ހުރޭ. ހަމައެހެންމެ ފިރިހެނުން ކުރަންޖެހޭ ކަންތައްވެސް ހުރޭ. ވީމާ، ދެބައިމީހުން އެކުވެގެން ނޫނީ އެކަންކަން ފުރިހަމައެއް ނުކުރެވޭނެ. ވީމާ، މިފަދަ ކަންކަމަށް އެހީތެރިވުމަށް ނުރަސްމީ އަމިއްލަ ކޮމިޓީއެއް އޮތުން ފެނޭ. މިގޮތުން، އުފެދޭ ކޮމިޓީތަކުގެ އެއްކަމަކީ، ޞިއްޙަތާ ބެހޭގޮތުން އިރުޝާދު  ދިނުމާއި، ގޭގެއަށް ވަޑައިގެން، ސާފުތާހިރުކަމާ ބެހޭގޮތުން ނަޞޭޙަތްދީ ހެއްދެވުން. 

ހަމައެފަދައިން، ހަމައެހާމެ މުހިންމު ދާއިރާއެއް އެބައޮތް. އެއީ ކުޑަކުދިންގެ ދާއިރާ. މިއަހަރަކީ ކުޑަކުދިންގެ އަހަރުވެސްމެ. ކުޑަކުދިންނަށް އަޅުގަނޑުމެން އެހީވެދީ އޯގާވެރިކޮށްހިތައި، އެކުދިން ދެކެ ލޯބިވާންވީ ކުޑަކުދިންގެ އަހަރު ކަމަށްވާތީއެއް ނޫން. އެކުދިންނަކީ، މާތްވެގެންވާ އިސްލާމްދީން އަންގަވާ ގޮތުގައިވެސް އަޅުގަނޑުމެންނާ މާތްﷲ ޙަވާލުކުރައްވާފައިވާ މަތިވެރި އަމާނަތެއް. އެކުދިންނަށް ރަނގަޅަށް ކަންތައްކޮށްދީ، އެކުދިން ޙިމާޔަތްކޮށްދީ، ތަޢުލީމް ދިނުންވެސް އެއީ ދީނީ ވާޖިބެއް. ހަމައެކަނި މިއަހަރުގެ 10 މޭ ގައެއް ނޫން، އެކުދިންނަށް ލޯބިކޮށްހިތައި ކަމޭހިތަންވީ.

ކުޑަކުދިންނާމެދު ޖިސްމާނީގޮތުން އެކުދިންގެ ޞިއްޙަތު ރައްކާތެރިކޮށްދީ، ފުރާނަ ސަލާމަތް ކުރުމުގައިވެސް ސަމާލުކަންދޭންޖެހޭ. ކުޑަކުދިން ވަޅަށްވެއްޓި، މޫދަށް ވެއްޓި، ކާރުދަށުވެ މަރުވަމުންދާ ދިއުމާމެދު ވަރަށް ބޮޑަށް ހިތާމަކުރަންޖެހޭ ހިސާބަށް ވަނީ ގޮސްފައި. އެހެން އެވަނީ، މައިންބަފައިންނަށް އެކަމަށް ދޭންވާ ސަމާލުކަން ނުދެވިގެން. ވީމާ، ފުރަތަމަ ކުޑަކުދިންގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތް ކުރުން ބޭނުން. މާލެއަކީ ވަރަށް ގިނައިން ކާރު، ލޮރީފަދަ ދުއްވާތަކެތި މަގުމަތީގައި ގެންގުޅޭ ރަށެއް. ދުނިޔޭގެ އެކްސިޑެންޓް ރެކޯޑަށް ބަލާއިރު، ވަރަށްމަތީ ޢަދަދަކަށް މާލޭގައި އެކްސިޑެންޓް ގިނަވަމުން އެބަދޭ.  

އަދި ހަމައެފަދައިން، ކުޑަކުދީން ތަރުބިއްޔަތު ކުރުމަށްވެސް އެކުދިންގެ މަންމަ ވަރަށްމަތީ ދައުރެއް އަދާކުރަންޖެހޭނެ. އެކުދިންގެ ގިނަވަގުތު ހޭދަކުރަނީ ގޭގައި ކަމަށްވާތީ، އެކުދިން ތަރުބިއްޔަތު ކުރުމަށް މަންމަ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ. ގިނަ މީހުންނަށް ހީވެފައި އޮންނަނީ، ކުދިން މޮންޓެސޫރީ ސްކޫލަށް ފޮނުވުމުން، އެކުދިންގެ ތަޢުލީމާ ބެހޭ ހުރިހާ ކަމެއް އެ ހަމަޖެހުނީ ކަމަށް. އެހެން ހީނުކުރެއްވުން އެދެން. ކުދިންނަށް ސްކޫލަށް ވަދެވުނަސް، އެކުދިންގެ ތަރުބިއްޔަތާ ތަޢުލީމާ ބެހޭ ކަންތައް އެ ހަމަޖެހުނީއަކީ ނޫން. އެ ފެށުނީ ވަރަށްބޮޑު މަސްއޫލިއްޔަތެއްގެ ފެށުން. އަމީނިއްޔާ، މަޖީދިއްޔާއަށް ވަދެވުނީމާ، އެ ލިބޭ ފިލާވަޅުތަކުން ހަރުދަނާ ތަރުބިއްޔަތެއް އަދި ނުލިބޭނެ. މައިންބަފައިންގެ ފުރިހަމަ އެހީއާނުލައި އެކުދިންގެ ތަރުބިއްޔަތާއި ތަޢުލީމް ފުރިހަމައެއް ނުކުރެވޭނެ.

އަޅުގަނޑުމެންނަށް މާލޭގެ މަގުތައް މަތިން ފެންނަނީ އުފާވެރިކަން ހިތަށް ލިބޭ މަންޒަރެއް ނޫން. މަގުމަތީގައި ވަރަށް ގިނަ ޢަދަދަކަށް ކުޑަކުދިން ހުތުރު އެއްޗެތި ކިޔައި، ސަކަރާތްޖަހައި ހަދަމުން ގެންދާތަން އެބަ ފެނޭ. މިކަންވެސް މިހެން ވާން އެ ޖެހެނީ، މައިންބަފައިންނަށް އެކުދިންނާމެދު ދޭންވާ ސަމާލުކަން ނުދެވޭތީ، އެކަމަށް ފަރުވާތެރި ނުވެވޭތީ. އަދި މިހާރު ފެންނަމުންދާ ގޮތުގައި، މާލޭގައި ވަރަށް ޅަ ޢުމުރުގައި ކުދިން ދުންފަތުގެ އިސްތިޢުމާލު ކުރަމުން ގެންދޭ. ވަރަށް ކުޑަކުޑަކުދިން ސިނގިރެޓް ބޮއި ހަދާތަން ފެނޭ. އެހާ ޅަ ޢުމުރުގައި އެކަން ފެށޭގޮތްވުން އެއީ ވަރަށް ހިތާމަހުރި ކަމެއް. އަޅުގަނޑަކީވެސް ދުނިޔޭގެ ވަރަށްގިނަ ތަންތަން ދެކެފައިވާ މީހެއް. ނަމަވެސް، މިހާ ޅަ ޢުމުރުގެ ކުދިން، އެކަން ކުރާ ތަނެއް ނުދެކެން. މިކަންވެސް މިދެންނެވި ފަދަ ކޮމިޓީގެ އިރުޝާދުން ހުއްޓުވިދާނެ.

ސާފުތާހިރުކަމާމެދުވެސް ސަމާލުކަންދޭންޖެހޭ. މަގުމައްޗާއި ގޯތިގެދޮރު ސާފުކޮށް ބޭއްވުމަށް ސަރުކާރުން އަންގަވައި، ވަކި ކަހަލަ ތަންތަނަށް ކުނި ނޭޅުމަށް އިޢުލާނު ކުރެވޭ. ނަމަވެސް، އެކަންކަމަށްވެސް ސަރުކާރުގެ ފަރާތުން އަންގަވާ ގޮތަށް އޮންނަނީ ސަމާލުކަން ނުދެވިފައި. އެހެންކަމުން، ބޮޑެތި ކުނިގޮނޑުތައް ހުރުމުން ޞިއްޙީގޮތުން ގެއްލުންވަމުންދާނެ ކަމަށް ސަރުކާރުގެ ކަމާބެހޭ ފަރާތުން އެކަމާ ބެހޭ ޑިޕާޓްމަންޓެއް ހުރުމާއެކު، އެތަނުން އަންގަވަމުން ގެންދަވާ. މިފަދަ ކަންކަމުގައިވެސް އަވަށު ރައްޔިތުންގެ ކޮމިޓީއަށް ވަރަށްބޮޑު ބައެއް އަދާކުރެވިދާނެ. މިފަދަ ކަންކަމުގައި ޤާނޫނު ހެދުމުގެ ބަދަލުގައި އަމިއްލައަށްވެސް މިކަންކަން ރަނގަޅު ކުރެވިދާނެ. ވޮލަންޓްރީ މަސައްކަތެއްގެ ގޮތުގައިވެސް މިފަދަ ކަންތައްތައް ރަނގަޅު ކުރެވިދާނެ. މިބާވަތުގެ ކަންކަމަކީ މުސާރައެއް، އަދި ފައިސާ ނުދިނަސް ކުރެވިދާނެ ކަންތައްތައް.

އަޅުގަނޑު މި ހުށަހަޅަނީ ޚިޔާލުތަކެއް. މިކަމާމެދު ވިސްނާވަޑައިގެން، އިތުރު ކަންތައްތަކާއި ގޮތްތައް ހޯދުން އެއީ ތިޔަބޭފުޅުންގެ ކަމެއް. ވީމާ، މިކަންކަމާމެދު ވިސްނަވައި، ކޮމިޓީއިން ރަނގަޅު ނަތީޖާއެއް ނެރެވިދާނެ. މާލޭގައި މި ކޮމިޓީތަކުން ރަނގަޅު ނަތީޖާއެއް ނެރެވިއްޖެނަމަ، ރާއްޖެތެރޭގެ ރަށްރަށުގައިވެސް މިފަދަ ކަންކަމުން އެދެވޭ ނަތީޖާއެއް ނެރެވިދާނެ.

އަޅުގަނޑުމެންނަށް މި ކަޑައްތު ކުރެއްވުނީ ވަރަށްދަތި ދުވަސްވަރެއް. ފުރަތަމަ ކާބޯތަކެތީގެ ދަތިކަމާއި ހާސްކަން. ނަމަވެސް މިހާރު އިރާދަކުރެއްވީތީ، އެކަން ހަމަޖެހިއްޖެ. ފުދޭވަރަކަށް ރާއްޖެއަށް ކާބޯތަކެތި އެތެރެކުރެވިއްޖެ. އަދި ކުރިއަށް އޮތް ތަނަށްވެސް ކާބޯތަކެތި ލިބޭނެގޮތަށް ދަނީ އެގްރީމަންޓްތައް ކުރެވި، ހުރިހާ ކަމެއް ހަމަޖެހެމުން. މިގޮތުން، އިހަށްދުވަހު ހަމަޖެހުނު، ހިކި ކަނޑުމަސް ސްރީލަންކާއަށް ވިއްކޭގޮތަށް ހަމަޖެހުނު ހަމަޖެހުން އެއީވެސް ރާއްޖޭގެ މީހުންނަށް ލިބުނު ވަރަށްބޮޑު އުފަލެއް. އިޤްތިޞާދީ ގޮތުންވެސް ވަރަށްގިނަ މަޝްރޫޢުތައް ދަނީ ރޭވެމުން.  

އަޅުގަނޑުގެ ވާހަކައިގެ ޚުލާޞާއަކީ، ކޮންމެވެސް ގޮތަކުން މިހާރު ކޮމިއުނިޓީ ވާރކް ފަށަންވެއްޖެ ވާހަކަ. މިކަންވާނީ ފުރަތަމަ ތަޖުރިބާއަކަށް. ނަތީޖާ ރަނގަޅު ވެއްޖެނަމަ، ރާއްޖެތެރޭގައިވެސް މިކަން ހަމަޖެހި، ރާއްޖެތެރޭގެ ކަންތައްތައް ކުރިއަށްދާނެ. ރާއްޖެތެރޭގެ ގިނަ ކަންތައް، މާލެއާ ވަރަށް ތަފާތު. ރަށްރަށުގެ އޮފީހުގައި އިހަށްދުވަހާ ހަމައަށް ހުންނަނީ އެންމެ ވެރިއެއް. ކަތީބު ނުވަތަ ކުޑަކަތީބު ހުރިހާ ކަމެއް ކުރަނީ. އެހެންކަމުން، އޮފީހުގެ ވާޖިބުތައް ގިނަފަހަރަށް އޮންނަނީ އަދާނުކުރެވިފައި. ނަމަވެސް މިހާރު ކޮންމެ ރަށެއްގެ ރަށު އޮފީހަށް ކާތިބަކާއި މަސައްކަތު މީހެއްވެސް ވަނީ ލެއްވިފައި. އަދި ކޮންމެ އަތޮޅުއޮފީހަކަށް ސެކްރެޓަރީއަކުވެސް ވަނީ ލެއްވިފައި. އަދި ރާއްޖެތެރެ ކުރިއެރުވުމަށް އެޓޮލްސް ޑިވެލޮޕްމަންޓް އެޑްވައިޒަރީ ބޯޑެއްވެސް އުފެދިފައިވޭ. މިހުރިހާ ކަންކަމަށާއި، މިކަންކަން ހިންގުމަށް ސަރުކާރުން ވަރަށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭ. އަދި ރާއްޖެތެރޭގެ ކޮންމެ އަތޮޅެއްގައި، ސަރުކާރުން ޚަރަދު ދީގެން ހިންގާ ކޮމިއުނިޓީ ސްކޫލެއް ހުޅުވި، ކިޔަވައިދޭނެ ޓީޗަރުންވެސް ސަރުކާރުގެ ޚަރަދުގައި ހޯދުމަށް މިހާރުވަނީ ހަމަޖެހިފައި. މިއިން ކޮންމެ ޚަރަދަކީވެސް ހަމަ ނުކޮށް ނުވެގެން ކުރަންޖެހޭ ޚަރަދު.  

           ވީމާ، ސަރުކާރަށް އިތުރު އާމްދަނީ ލިބޭނެގޮތް ތަނަވަސްކުރަން ވަނީ ޖެހިފައި. މިގޮތުން، މިހާރު ޓުއަރިޒަމާ ބެހޭގޮތުންވެސް ޤާނޫނެއް ފާސްވެ، އެކަމުންވެސް އިތުރު އާމްދަނީ ލިބޭނެގޮތަށް ވަނީ ހަމަޖެހިފައި. ޓުއަރިޒަމުން ކުރިން ސަރުކާރަށް އެއްޗެއް ލިބެމުންދިޔައީ، ހަމައެކަނި ވިލިނގިލިން. އެކަމުގެ ފައިދާ، ކުރިން ލިބެމުން ދިޔައީ ވަރަށްގިނަ އަމިއްލަ ފަރާތްތަކަކަށް. މިދެންނެވީއަކީ އަމިއްލަ ފަރާތްތަކުން އެފަދަ މަސައްކަތް ނުކުރާނެ ވާހަކައެއް ނޫން. އެކަމަކީ އަމިއްލަ ފަރާތްތަކަށްވެސް ވަރަށް ފައިދާކުރަމުންދާ ކަމެއް. ނަމަވެސް، އެކަމުންވެސް ސަރުކާރަށް އެކަށޭނަ ފައިދާއެއް ލިބިގެން ނޫނީ ދިރިއުޅުމަށް ފުރަތަމަ ބޭނުންވާ ބަނޑުފުރާނަ މުއްތިކުރުމަށް ބޭނުންވާ ކާބޯތަކެތި ގެންނާނެ ބޭރު ފައިސާ ލިބޭކަށް ނެތް. ޓުއަރިޒަމާ ބެހޭ ޤާނޫނެއްވެސް ފާސްކުރަންޖެހުނީ މިހެންވެ. ޓެކްސް ނަގަން ޖެހުނީ މިގޮތުން. އެއީ ވަކި ބަޔަކަށް ދަތިކުރުމުގެ ގޮތުން އެޅޭ ފިޔަވަޅެއް ނޫން. އިރާދަކުރެއްވިއްޔާ، ހުރިހާ ގޮތަކުން ކުރިއަށް ދެވޭނެގޮތް ދާނީ ތަނަވަސްވަމުން. މަޑުމަޑުން އިޖްތިމާޢީ ކަންތައްތައްވެސް ދާނީ ކުރިއަށް.