بســم اللّـه الرّحمـن الرّحيــم

 

 

السّلام عليــكم ورحـمــة اللّـه وبـركاتـه،
 
ކީރިތިވަންތަ މާތް ﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު مُحَمَّـد صـلّى الله علـيـه وسـلّم މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.
 
އާދެ، މިއަދަކީ، [ދުނިޔޭގެ ކުޑަކުދިންގެ ދުވަސް] ދިވެހިރާއްޖޭގައި ފާހަގަކުރާ ދުވަސް. ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބެއް ކަމަށް ދެކެނީ، ދިވެހިރާއްޖޭގެ ހުރިހާ ކުޑަކުދިންނަށް އަޅުގަނޑުގެ ހިތުގެ އެންމެ އިޚްލާޞްތެރި ލޯތްބާއި ހެޔޮއެދުންތައް ރައްދުކުރުން. ހަމައެއާއެކު، އަޅުގަނޑު މިއަދު މި އަދާކުރާ މަޤާމުގެ ޙައިޘިއްޔަތުން، ދިވެހި ދައުލަތުގެ ހެޔޮއެދުމާއި ރިޢާޔަތްތެރިކަން ވަރަށްމަތީ ދަރަޖައަކަށް ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށް ޚާއްޞަކުރެވިފައިވާ ކަމުގެ ޔަޤީންކަން، އެކުދިންނަށް ދިނުން.
 
އާދެ، [ޔުނިވަރސަލް ޗިލްޑްރެންސް ޑޭ] ނުވަތަ [ދުނިޔޭގެ ކުޑަކުދިންގެ ދުވަހަކީ] ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ފާހަގަކުރެވޭ ދުވަހެއް. އެކި ޤައުމުގައި އެ ދުވަސް ފާހަގަކުރެވެނީ އެކިދުވަހު. ދިވެހިރާއްޖޭގައި އެދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ މިއަދު. ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަސް ކަމުގައި މިއަދު ހަމަޖެހިފައި މިވަނީ، ދިވެހިރާއްޖޭގެ ތުއްތު ކުދިންނަށް ތަޢުލީމު ދިނުމަށް ޚާއްޞަ ކުރެވިފައިވާ މޮންޓެސޫރީ ސްކޫލް ހުޅުވިފައިވަނީ، މީގެ އެތަކެއް އަހަރު ކުރިން، މެއި މަހުގެ 10 ވަނަ ދުވަހު ކަމަށްވާތީ.
 
އާދެ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މި އަހަރަކީ ބައިނަލްއަޤްވާމީ ކުޑަކުދިންގެ އަހަރު. ބައިނަލްއަޤްވާމީ ކުޑަކުދިންގެ އަހަރަކީ، ވަރަށް މާތް މަޤްޞަދެއްގައި ފާހަގަކުރެވޭ އަހަރެއް. އެ މަޤްޞަދަކީ، ދުނިޔޭގެ ކޮންމެ ޤައުމެއްގައިވެސް ކުޑަކުދިންގެ ހުރިހާ ކަންތައްތަކަކަށް، އަދި ވަކިން ޚާއްޞަކޮށް، ކުޑަކުދިންގެ ތަޢުލީމާއި، ކުޑަކުދިންގެ ޞިއްޙަތާއި، ކުޑަކުދިންގެ އަޚްލާޤާއި، ކުޑަކުދިންގެ ތަރުބިއްޔަތަށް، ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގޮވައިލުން. އަދި މިދެންނެވި ހުރިހާ ކަމަކަށްވެސް، ސަރުކާރުގެ ފުރިހަމަ ޢިނާޔަތާއި، އަދި އަމިއްލަ ޖަމާޢަތްތަކާއި، ސްކޫލްތަކާއި އަދި ޤައުމުގެ އެންމެހާ އަފްރާދުންގެ އެހީ ލިބޭނެ އަދި ލިބެމުންދާނެ ގޮތްތަކެއް ރޭވުން.
 
މިގޮތުން، ދިވެހިރާއްޖޭގައިވެސް، 1979 ވަނަ އަހަރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން، ވަރަށް އެކަށީގެންވާ ފެންވަރަކަށް ތަފާތު ޙަރަކާތްތައް ހިނގަމުން އެބަދޭ. އައި.ވައި.ސީ ކޮމިޓީއެއް ވަނީ އުފެދިފައި. އެ ކޮމިޓީގެ ފަރާތުން ދަނީ، ކުޑަކުދިންނަށް ފައިދާކުރާނެ ތަފާތު ޕްރޮގްރާމްތައް ރޭވެމުން. އަދި އަމިއްލަ ފަރާތްތަކުންވެސް ދަނީ، ބައިނަލްއަޤްވާމީ ކުޑަކުދިންގެ އަހަރާ ބެހޭގޮތުން ވަރަށް މަތީ އެހީތަކެއް ލިބެމުން. މިގޮތުން، އެކިއެކި ފަރާތްތަކުން އައި.ވައި.ސީ ފަންޑަށް ވެދެއްވަމުން ގެންދަވާ ދީލަތި އެހީތައް، އަޅުގަނޑު މި ފާހަގަކޮށްލަނީ، އެކަމަށްޓަކައި ވަރަށް ބޮޑަށް އުފާކުރަމުން. އަދި އެފަރާތްތަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަމުން.
 
ޝައްކެއްނެތް، މިއަހަރު އަޅުގަނޑުމެން ބައިނަލްއަޤްވާމީ ކުޑަކުދިންގެ އަހަރާ ބެހޭ ޙަރަކާތްތައް ހިންގަމުންދާއިރު، އަދި ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ ނަމުގައި މިއަދު އަޅުގަނޑުމެން އެކިއެކި އިޙްތިފާލުތައް ކުރަމުންދާއިރު، އަޅުގަނޑުމެން ވިސްނާލަންޖެހޭ ވަރަށްގިނަ ނުކުތާތަކެއް އެބަހުރި.
 
އާދެ، މިގޮތުން އަޅުގަނޑުމެން އެންމެ ފުރަތަމަ ވިސްނައި ފިކުރުކުރަންޖެހޭ ނުކުތާއަކީ، މިދެންނެވި އިޙްތިފާލުތައް ކުރާ މަޤްޞަދާމެދު. އެއްވެސް ޝައްކެއްނެތްގޮތުގައި، ކުޑަކުދިންނަކީ ކޮންމެ މުޖްތަމަޢެއްގައިވެސް ވަރަށް ޚާއްޞަ ބައެއް. އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންފަދަ އިސްލާމީ މުޖްތަމަޢެއްގައި ކުޑަކުދިންނަށް ދެވިފައި އޮންނަންވާނީ، ވަރަށް މަތިވެރި މަޤާމެއް. އާދެ، ކުޑަކުދިންދެކެ ލޯބިވުމަށް، ކުޑަކުދިންނަށް އޯގާތެރިވުމަށް، ކުޑަކުދިންގެ ޙައްޤުތަކަށް ރައްކާތެރިވުމަށް، އަދި ހަރުދަނާ އިސްލާމީ އުޞޫލުތަކެއްގެ މަތިން ކުޑަކުދިން ތަރުބިއްޔަތު ކުރުމަށް. މިބާވަތުގެ ހުރިހާ ކަމަކަށްވަނީ މާތްވެގެންވާ އިސްލާމްދީނުގައި ވަރަށް މަތިވެރި އިރުޝާދުތަކެއް ދެއްވާފައި. އާދެ، މާތް رســول اللّـه صـلّى الله علـيـه وسـلّم އަންގަވާފައިވާ ގޮތުގައި، ކުޑަކުދިން ދުނިޔެއަށް މާތް ﷲ ފޮނުއްވާއިރު ފޮނުއްވަނީ ފިޠުރަތުގެ ސާފު ޠާހިރުކަންމަތީގައި. އެއްވެސް ކުށެއް، ފާފައެއްނެތް މަޢުޞޫމް ބައެއްގެ ގޮތުގައި. މިފަދަ ސާފުޠާހިރު މަޢުޞޫމް ފިޠުރަތެއްގެ މަތިން އެކުދިން މި ދުނިޔެއަށް ފޮނުއްވުމަށްފަހު، އެކުދިންގެ މިޒާޖާއި އުޅުން އެކިގޮތްގޮތަށް ލަންބުވަނީ އެކުދިންގެ މައިންބަފައިން ކަމުގައިވެސް ވަނީ މާތް ރަސޫލާ އަންގަވާފައި. އާދެ، ކަންއޮތީ މިހެން ކަމަށްވުމާއެކު، ރަނގަޅު ގޮތެއްގައި ކުޑަކުދިން ތަރުބިއްޔަތު ކުރުމަކީ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މަންމައެއްގެވެސް އަދި ކޮންމެ ބައްޕައެއްގެވެސް ބޮލުގައި އެޅިފައިވާ ވަރަށް މުހިންމު މަސްއޫލިއްޔަތެއް ކަމުގައި ނޫނީ ނުވާނެ.
 
  ތިޔަބޭފުޅުންވެސް ގަބޫލުކުރައްވާނެ، ކުޑަކުދިންގެ ޙައްޤުތަކާމެދު އަޅުގަނޑުމެން ވިސްނާއިރު، ތަފާތު ރޮނގުރޮނގުން ޚިޔާލުކުރަންޖެހޭނެކަން. އެންމެ ފުރަތަމަ ކަމަކީ ކުޑަކުދިންގެ ޞިއްޙަތު ސަލާމަތްކުރުން. އެކުދިން ބަލިތަކުން ރައްކާތެރިކުރުމާއި، އަދި ބަލިވެއްޖެނަމަ ލަސްނުކޮށް އެކަށީގެންވާ ފަރުވާދިނުން. ދެވަނަކަމަކީ، ކުޑަކުދިންނަށް ތަޢުލީމް ޙާޞިލުކުރުމުގެ މަގުތައް ފަހިކޮށްދިނުން. އެދެވޭ ރަނގަޅު ތަޢުލީމަކާ ނުލައި، އެއްވެސް ކުއްޖަކީ، އެ ކުއްޖާގެ މުޖުތަމަޢަށް ނުވަތަ ޤައުމަށް ފައިދާކުރާނެ ކުއްޖަކަށް ނުވާނެ.
 
އަޅުގަނޑުމެންގެ ޅަދަރިން ތަރުބިއްޔަތު ކުރުމުގައި އަޅުގަނޑަށް ފެންނަ ދެތިން ކަމެއް ދަންނަވާލުމަށް، މި ފުރްޞަތުގެ ބޭނުންކުރަން. އެއްކަމަކީ، އެންމެ ޅައިރުއްސުރެ ކުދިންގެ ހިތްތަކުގައި އިސްލާމީ ރޫޙާއި، ޤައުމީ ލޯބި އުފެއްދޭތޯ ބެލުން. އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން. އަދި ދިވެހި ޤައުމިއްޔަތުގެވެސް އަހުލުވެރިން. އެހެންކަމުން، ދިވެހިރާއްޖޭގެ ޒަޢާމަތުގައި، ދީނަށް ޙުރްމަތްތެރިކޮށްހިތާ، ޤައުމުދެކެ ލޯބިވާ، ދިވެހިވަންތަކަމަށް ޤަދަރުކުރާ ބަޔަކު ތިބެގެން ނޫނީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ދިވެހިރާއްޖޭގެ ޤައުމީ ޢިއްޒަތު ހިފެހެއްޓޭނެ ކަމަކަށް އަޅުގަނޑު ނުދެކެން.
 
ކުދިން ތަރުބިއްޔަތު ކުރުމުގައި އަޅުގަނޑުމެން ސަމާލުކަންދޭންޖެހޭ އަނެއް ނުކުތާ ކަމުގައި އަޅުގަނޑު ދެކެނީ، ކޮންމެ ކުއްޖަކީވެސް އެކުއްޖާ ބޮޑުވުމުން، މަސްއޫލިއްޔަތު އުފުލަން ކެރޭ، ހިތްވަރާއި ޢަޒުމުން ފުރިގެންވާ، ހަރުދަނާ އަމިއްލަ ޝަޚްޞިއްޔަތެއް ލިބިގެންވާ ޒުވާނެއް ކަމުގައި ހެދުން. އާދެ، އަޅުގަނޑުވެސް ގަބޫލުކުރަން، މުޖުތަމަޢުގެ އެންމެހާ އަފްރާދުންނަކީ، ޢާންމުކޮށް ބަލާއިރު، އެއް އުޞޫލުތަކަކަށް ޙުރްމަތްތެރިކޮށްހިތާ، އެއް މިޞްރާބަކަށް ދަތުރުކުރާ ބަޔަކަށްވުމީ ކޮންމެހެން ލާޒިމުކަމެއް. އެހެން ނަމަވެސް، ކޮންމެ އިންސާނަކީވެސް ވަރަށް ޚާއްޞަ މީހެއް. އެހެން މީހުންނާ ތަފާތު އަމިއްލަވަންތަ ކަމެއް އެމީހެއްގައި ޤުދްރަތީގޮތުން އެކުލެވިގެންވާ މީހެއް. ތަފާތު އެކި ރޮނގުރޮނގުން އެކިމީހުންގެ ނަން ވިދާ، މަޝްހޫރުވެ، ތަފާތު އެކި ޙައިޘިއްޔަތުން އެކި މީހުންގެ ޚިދްމަތްތައް އެމީހުންގެ ޤައުމުތަކަށާއި، މުޅި އިންސާނިއްޔަތަށް ލިބެމުންދާ ދިއުމުގެ ސިއްރަކީ، އަޅުގަނޑު ދަންނަވާނީ މިދެންނެވި އަމިއްލަވަންތަކަމޭ. އެހެންކަމުން ކުދިން ތަރުބިއްޔަތު ކުރުމުގައި، ޤުދްރަތީގޮތުން އެކި ކުދިންނަށް ލިބިފައިވާ އެކިބާވަތުގެ ޤާބިލިއްޔަތުތައް ތަރައްޤީކޮށް، ކޮންމެ ކުއްޖަކީވެސް އަމިއްލަ ޝަޚްޞިއްޔަތެއްގެ ވެރިޔަކަށްވުމުގައި އަޅުގަނޑުމެންގެ އެހީތެރިކަން އެކުދިންނަށް ލިބެންވާނެ.
 
ޝައްކެއްނެތް، އަޅުގަނޑުމެން އެންމެންވެސް އަޅުގަނޑުމެންގެ ދަރިންގެ ބޭނުންތައް ފުއްދައިދެވޭތޯ މަސައްކަތް ކުރަމު. އެކުދިންނަށް ރަނގަޅު ކާނާއާއި، ބަލިވެއްޖެނަމަ ބޭސްފަރުވާއާއި، އަދި ތަޢުލީމް ޙާޞިލުކުރުމުގެ ފުރްޞަތު ހޯދައިދެވޭތޯ ބެލުން، އަޅުގަނޑުމެން ދެކެނީ އަޅުގަނޑުމެންގެ ވަރަށްބޮޑު ވާޖިބެއް ކަމުގައި. އެހެންނަމަވެސް މިބާވަތުގެ ބޭނުންތައް އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ދަރިންނަށް ފުއްދައިދެވެނީ އެކި މީހުންނަށް އެކިވަރަށް. އެމީހެއްގެ ތަނަވަސްކަން ހުރި މިންވަރަކުން. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް އެހެން މީހުންނާ އެއްވަރަށް ކުރެވިދާނެ ވަރަށްބޮޑު ކަމެއް އެބައޮތް. އެއީ އަޅުގަނޑު ދެކޭގޮތުގައި، ކުދިން ބަލައިބޮޑުކުރުމުގައި އެންމެ މުހިންމު ކަންތައް. އާދެ، އެކަމަކީ ދަރިންދެކެ ލޯބިވުން. ލޯބީގެ އެކި ބާވަތުގެ ޝުޢޫރުތައް، އަޅުގަނޑުމެންގެ ހިތްތަކަށް އިޙްސާސް ކުރެވޭ. މި ތަފާތު ބާވަތްތަކުގެ ތެރެއިން، ދަރިންދެކެ މައިންބަފައިންވާ ލޯތްބަކީ އެންމެ މާތް ލޯބިކަމާމެދަކު ޝައްކެއްނެތް. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ދަރިންދެކެ އެކަށީގެންވާ ވަރަށް ލޯބިވެވޭނަމަ، އަދި އަޅުގަނޑުމެން އެކުދިންދެކެ ލޯބިވާކަން އެކުދިންނަށް ދެއްކޭނަމަ، ކުދިން ތަރުބިއްޔަތު ކުރުމުގެ އެންމެ ފުރަތަމަ ހަރުފަތް އަޅުގަނޑުމެންނަށް އޮންނާނީ ގިރާކުރެވިފައި. ދަރިންދެކެ ލޯބިވާކަން ހަމައެކަނި އަޅުގަނޑުމެންނަށް އިޙްސާސް ކުރެވުނަސް، އެވަރަކުން ނުފުދޭނެ. އަޅުގަނޑުމެން އެކުދިންދެކެ ލޯބިވާކަން އެކުދިންނަށްވެސް ފުރިހަމައަށް ގަބޫލުކުރެވޭ ވަރަށް އަޅުގަނޑުމެންގެ ޢަމަލުތަކުން ފެންނަންވާނެ. އަޅުގަނޑުމެންކުރެ ކޮންމެ މީހަކީ، ދިރިއުޅުމަށް ކުރާ މަސައްކަތުގައި ވަރަށްގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހިފައިވާ މީހެއް. އެހެން ކަމުގައިވިޔަސް، އަޅުގަނޑުމެން ވަގުތު ހޯދައިގެން އަޅުގަނޑުމެންގެ ކުދިންގެ ކަންތައްތައް ހަމަޖައްސައިދިނުމާއި، އެކުދިންނަށް އޯގާވެރިކަމާއެކު ކަންތައްތައް އޮޅުންފިލުވައިދީ، އިރުޝާދުދީ ހެދުމާ، މިބާވަތުގެ ކަންތައްތަކަށް އެކަށީގެންވާ ވަގުތު ހޭދަކުރަންވާނެ. ބޮޑެތިވަމުން އަންނަ ކުދިންނަށް ނަފްސާނީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން ވަރަށްގިނަ މައްސަލަތައް ދިމާވާނެ. އަޅުގަނޑުމެންގެ ނަޒަރުގައި އެއީ ވަރަށް ކުދިކުދި ކަންތައްތަކަށް ވެދާނެ. ނުވަތަ ހެއްވާ ކަންތައްތަކަކަށްވެސް ވެދާނެ. އެހެންކަމުގައިވިޔަސް، އެކަންތައްތަކަކީ އެކުދިންގެ ކުރިމަތީގައި ވަރަށް މުހިންމު މައްސަލަތަކަކަށް ވެދާނެކަން އަޅުގަނޑުމެން އަބަދުވެސް ހަނދާން ބަހައްޓަންވާނެ. އެހެންކަމުން، އެބާވަތުގެ ކަންތައްތަކަށްވެސް އަޅުގަނޑުމެން އެކަށީގެންވާ ސަމާލުކަމެއް ދޭންވާނެ.
 
މިފަދަ މުނާސަބަތެއްގައި ވާހަކަ ދައްކާއިރު، އަޅުގަނޑުމެންގެ ރާއްޖެތެރޭގެ ޙާލުއަޙުވާލު ހުރިގޮތާމެދު ވިސްނުމަކީ، އަޅުގަނޑު ދެކޭގޮތުގައި ކޮންމެހެން ބޭނުންކަމެއް. ތިޔަ އެންމެ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖެތެރޭގެ ހުރިހާ ކަމެއްވެސް ވަނީ މާލެއާ ވަރަށް ތަފާތު ފެންވަރެއްގައި. ކުޑަކުދިންގެ ކަންތައް އޮތީވެސް ހަމަ އެކަހަލަ ގޮތަކަށް. އެހެންކަމަށްވާތީ، ރާއްޖެތެރޭގެ ކުޑަކުދިންގެ ޙާލާމެދު ވިސްނަވައި، އެކުދިންނަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އަޅުގަނޑު ހުރިހާ ފަރާތްތަކަކަށްވެސް މިއަދު އިލްތިމާސް ކުރަން. އަޅުގަނޑު ދެކޭގޮތުގައި، ބައިނަލްއަޤްވާމީ ކުޑަކުދިންގެ އަހަރާ ބެހޭގޮތުން އަޅުގަނޑުމެން ރާވަމުން މިގެންދާ ކަންތައްތަކުގެވެސް އެންމެ ބޮޑުބައި ޚާއްޞަކުރެވެންވާނީ ރާއްޖެތެރޭގެ ކުޑަކުދިންނަށް. އަޅުގަނޑުމެންނަށް ކަމެއް ކުރެވުނު ކަމަށްވާނީ ރާއްޖެތެރޭގެ ނިކަމެތި ކުޑަކުދިންނަށް އެކަށީގެންވާ ޢިނާޔަތްތަކާއި، އެހީތެރިކަމެއް ދެވިގެން.
 
ހަމައެފަދައިން، އަޅުގަނޑުމެންގެ ކުޑަކުދިންގެ ތެރެއިން، އެކިގޮތްގޮތުން އުނި ކުދިންނަށްވެސް އަޅުގަނޑުމެންގެ ވަރަށް ފުރިހަމަ ރިޢާޔަތެއް ލިބެންވާނެކަމަށް އަޅުގަނޑު ދެކެން. އަޅުގަނޑުމެންގެ ކުޑަކުދިންގެ ތެރެއިން، މަންމަން ކުދިންނަށް އެހީވެދެއްވާ އަމިއްލަ ޖަމްޢިއްޔާއެއް އަޅުގަނޑުމެންގެ ތެރޭގައި މިއަދު އުފެދިފައިވާކަން އެއީ އަޅުގަނޑު މި މަޤާމުގައި ވަރަށް ޚާއްޞަ އުފަލަކާއެކު ފާހަގަކޮށްލާ ކަމެއް. މި ދެންނެވި ޖަމްޢިއްޔާގެ ވެރިންނަށް މި މުނާސަބަތުގައި ދިވެހި ސަރުކާރުގެ ފަރާތުންނާއި، އަޅުގަނޑުގެ އަމިއްލަ ފަރާތުން ޝުކުރާއި ތަޢުރީފް އަދާކުރަން. އާދެ، މަންމަންކުދިންގެ އިތުރަށް، އަޅުގަނޑުމެންގެ ކުޑަކުދިންގެ ތެރޭގައި، އެހެނިހެން ގޮތްގޮތުން ވަރަށްގިނަ އުނި ކުދިންނާއި، ޔަތީމު ކުދިން އެބަތިބި. މިކަން މިއަދު އަޅުގަނޑުމެން ހަނދާންކުރުން ލާޒިމު. އަދި އެކުދިންނަށް ލޯތްބާއި އެހީތެރިކަން ފޯރުވާނެ މަގުތަކެއް އަޅުގަނޑުމެން ހޯދުމަކީ، ދީނީގޮތުންނާއި، އިޖުތިމާޢީ ގޮތުން އަޅުގަނޑުމެން އެންމެންގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތެއް ކަމުގައި އަޅުގަނޑު ދެކެން. ޔަތީމު ކުދިންނާމެދު  ކީރިތި ޤުރްއާނުގައިވާ ގިނަގުނަ އިރުޝާދުތައް، މިކަމުގެ ހެއްކެއް ކަމުގައި ފުދޭނެ.
 
އާދެ، ޔަތީމު ކުދިން ބަލައި ބޮޑުކުރުމާއި، އެކުދިންގެ ޙައްޤުތަކަށް ރައްކާތެރިވުމާއި، އެކުދިންނަށް އެހީތެރިކަން ފޯރުވުމާއި، އެކުދިން ބޮޑުވެ، އެކުދިންގެ އަމިއްލަ މަސްއޫލިއްޔަތު އުފުލޭވަރު ވަންދެން، އެކުދިންނަށް ޢިނާޔަތްތެރިކަން ބަހައްޓަންވީގޮތް ވަރަށް ތަފްޞީލުކޮށް ކީރިތި ޤުރްއާނުގައި  އަންގަވާފައިވޭ.   ހަމައެފަދައިން،  މާތް ރަސޫލާ ޙަދީޘް ކުރައްވާފައިވޭ. "خير بيت فى المسلمين بيت فيه يتيم يحسن إليه وشرّبيت فِى المسلمين بيت فيه يتيم يساء إليه" އާދެ، [މުސްލިމުންގެ ގެތަކުގެ ތެރެއިން އެންމެ ހެޔޮކަންބޮޑީ، އެ ގެއެއްގައި ޔަތީމު ކުއްޖަކު ގެންގުޅޭ އަދި އެ ކުއްޖާއަށް އިޙްސާންތެރިކަން ބަހައްޓާ ގެއެކެވެ. އަދި މުސްލިމުންގެ ގެތަކުގެ ތެރެއިން އެންމެ ނުބައިކަން ބޮޑީ، އެ ގެއެއްގައި ޔަތީމު ކުއްޖަކު ގެންގުޅޭ، އަދި އެ ކުއްޖާއަށް ނުބައިކޮށް ކަންތައްކުރާ ގެއެކެވެ.]
 
އާދެ، މިއަދު ދުނިޔޭގެ ކުޑަކުދިންގެ ދުވަސް އަޅުގަނޑުމެން ފާހަގަކުރާއިރު، މިފަދަ މާތް އިރުޝާދުތަކުން ފައިދާ ލިބިގަތުމަކީ އަޅުގަނޑުމެންގެ ވާޖިބެއް ކަމުގައި ނުވެނުދާނެ. އިސްލާމީ މާތް އުޞޫލުތައް އަޅުގަނޑުމެންނަށް ދައްކައިދޭ އަލިމަގުން އަޅުގަނޑުމެން ހިނގަމުންދަނީނަމަ، އަޅުގަނޑުމެންގެ ހުރިހާ ކަމެއްވެސް ރަނގަޅުވެ އިޞްލާޙުވަމުންދާނެކަން ޔަޤީން.
 
އަޅުގަނޑުގެ މި ވާހަކަކޮޅު ނިންމާލަމުން، އަޅުގަނޑު ދިވެހި ޤައުމުގެ އެންމެހާ އަޚުންނާއި އުޚްތުންނަށް މި އިލްތިމާސް ކުރަނީ، އަޅުގަނޑުމެންގެ ލޮބުވެތި ކުޑަކުދިންގެ ހުރިހާ ކަމަކަށްވެސް އިތުރު ސަމާލުކަމެއް ދެއްވުމަށް. އެ ކުދިންނަށް އިތުރު އޯގާތެރިކަމަކާއި، އިތުރު އެހީތެރިކަމެއް ބެހެއްޓެވުމަށް. އަދި އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ، އަޅުގަނޑުމެންގެ ޅަދަރިން ބޮޑުވެގެން، އެކުދިން އުޅޭހިތްވާފަދަ މިނިވަން އަދި އުފާވެރި ތަނަކަށް ހެދުމުގައި އެއްބާރުލެއްވުމަށް. އެކުދިން ބޮޑުވެގެން އަޅުގަނޑުމެންގެ ލޮބުވެތި ޤައުމު ދޫކޮށްފައި ދުވަހަކުވެސް ދާހިތްނުވާފަދަ، ހިތްހަމަޖެހޭ، ރީތި، ޞުލްޙަވެރި އަދި ހުރިހާގޮތަކުންވެސް ބާއްޖަވެރި ޤައުމަށް ހެދުމުގައި، ސަރުކާރާއި ރައްޔިތުން އަތާއަތް ގުޅާލެއްވުމަށް.
 

وما توفيقى إلّا بالله عليه توكّلت وإليه أنيب
 
والســّلام عليــكم ورحـمــة اللّـه وبـركاتـه