بســم اللّـه الرّحمـن الرّحيــم
                
އަޅުގަނޑު އެންމެ ފުރަތަމަ ތިޔަ ހުރިހާ ބޭފުޅުންގެ ކިބައިން ވަރަށް ބޮޑަށް މަޢާފަށް  އެދެން. 9 ޖަހާއިރަށް ދަންނަވާފައި އޮތް ނަމަވެސް، އެ ގަޑިއަށް އަޅުގަނޑަށް ނާދެވުނު ކަމަށްޓަކައި. އެއީ އެހެން ކަމެއް 8 ޖަހާއިރަށް ހަމަޖެހިފައި އޮތީ. ދެން އަޅުގަނޑު ހީކުރީ، އެކަން ނިންމާފައި ކިތަންމެހާވެސް ރަނގަޅަށް 9 ޖަހާއިރަށް އާދެވޭނެ ކަމަށް. އެހެން ނަމަވެސް، ކަންދިމާވި ގޮތުން، އެކަން ތަންކޮޅެއް ދިގުވާގޮތްވީ. އެހެންވީމާ، އަޅުގަނޑަށް އެ ގަޑިއަށް ނާދެވުނީ. ވަރަށް ބޮޑަށް މަޢާފް ކުރެއްވުން އެދެން.
 
އާދެ، އަޅުގަނޑު މިރޭ ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމުގެ ބޭނުމަކީ، މީގެ ދެތިން ދުވަސް ކުރިން މާލޭގެ އަވަށް އަވަށުގެ އަންހެން ބޭފުޅުންނާވެސް ބައްދަލުކޮށްލި ފަދައިން، ބައެއް ކަންތައްތަކާ ދޭތެރޭގައި އެއްޗެއް ދަންނަވާލަން. އެކަމަކީ، އަޅުގަނޑުމެން އަމިއްލައަށް އަމިއްލަ ރައްޔިތުންގެ ގޮތުގައި ބައެއް ކަހަލަ ކަންތައްތައް އިންތިޒާމުކޮށްގެން އެކަންތައްތައް ކުރުން. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ، ކޮމިއުނިޓީ ސަރވިސް ނުވަތަ އަޅުގަނޑުމެން އަމިއްލައަށް ކުރާ އިޖްތިމާޢީ ޚިދްމަތްތަކެއް އަޅުގަނޑުމެން ރާވައިގެން ކުރިއަށް ގެންދިއުން. އެއީ ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އޮންނަ ކަމެއް. ހުރިހާ ކަމެއް ކުރަނީ ހަމައެކަނި ސަރުކާރަކުން ނޫން. ސަރުކާރުން ކުރާ ކަންތައްތަކުގެ އިތުރަށް، އަމިއްލަ ޖަމްޢިއްޔާތަކުންނާއި، އަދި އަމިއްލަ އޮގަނައިޒޭޝަންތަކުންނާއި އަދި ހަމަ ރައްޔިތުންގެ ކޮމިޓީތަކުން ވަރަށްގިނަ ކަންތައްތައް ކުރަމުން ގެންދޭ. އެހެންވީމާ، އަޅުގަނޑަށް ޚިޔާލުކުރެވުނީ، އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިކަހަލަ ގޮތަކަށް ކަންތައްތައް ރޭވިގެން އަމިއްލަގޮތުން އަމިއްލަ ޙައިޘިއްޔަތުން، އަމިއްލަ ރައްޔިތުންގެ ގޮތުގައި ކަންތައްތަކެއް ކުރަމުން ގެންގޮސްފިނަމަ، އެކަންތައްތަކުގައި ސަރުކާރަށްވެސް ވަރަށް ބޮޑަށް އެހީވެދެވިދާނެ. އަދި ވަރަށްގިނަ ކަންތައްތައް އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވިދާނެ.
 
 އާދެ، އަޅުގަނޑު މިހެން ޚިޔާލުކުރިއިރު ވަރަށް ބޮޑަށް އަޅުގަނޑު ފާހަގަކުރިން، އަޅުގަނޑުމެން ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ހުރިހާ ކަމަކުން ހުރިހާ ޤައުމީ ޚިދްމަތަކަށްވެސް ވަރަށް ބޮޑަށް ތަރުޙީބުދޭ އަދި އަމިއްލަގޮތުންވެސް ވަރަށްގިނަ އެހީތައްވާ ބައެއްކަން. ކޮންމެ ކަމެއް ދިމާވި ކަމުގައިވިޔަސް، ކޮންމެ ޤައުމީ މަސައްކަތެއްގައިވެސް އަދި ކޮންމެ އިޖްތިމާޢީ މަސައްކަތެއްގައިވެސް އަޅުގަނޑުމެން ދިވެހިންނަކީ އަމިއްލަގޮތުންވެސް ވަރަށްގިނަ އެހީތައްވާ ބައެއް. އެއީ ހުޅުލޭ މަސައްކަތް ކަމުގައިވިޔަސް، އަދި ބައިނަލްއަޤްވާމީ ކުޑަކުދިންގެ އަހަރާ ބެހޭ ކަމެއް ކަމުގައިވިޔަސް، ނޫނީ މިހާރު މި ފެށިގެން މިއުޅޭ ބިން ހިއްކުމުގެ މަޝްރޫޢު ކަމުގައިވިޔަސް. މިއިން ކޮންމެ ކަމަކަށްވެސް އަޅުގަނޑުމެންގެ އަމިއްލަ ފަރާތްތަކުން ވަރަށް ގިނަގުނަ އެހީތައް ލިބެމުންދޭ.
 
ވީމާ، މިއިން އަޅުގަނޑު ދެކޭ މާނައަކީ، އަޅުގަނޑުމެންނަކީ އަމިއްލަ ރައްޔިތުންގެ ގޮތުގައި އަޅުގަނޑުމެންގެ ޤައުމަށް ފައިދާހުރި ކޮންމެ ކަމެއްގައިވެސް ވަރަށް އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރަން ތިބި ބައެއްކަން. އެހެންކަމުން އަޅުގަނޑަށް ހިތްވަރު ލިބުނީ، މި ޚިޔާލު ތިޔަބޭފުޅުންނަށް ހުށަހެޅުމަށް. އެކި އަވަށް އަވަށުގެ ބޭފުޅުންނަށް ދެންނެވިފައި މިވަނީ އެއްވެސް ޙާލެއްގައި  އަވަށުވާދަ އުފެއްދުމުގެ ގޮތަކުން ނޫން. އެހެން ނަމަވެސް، އަޅުގަނޑުމެން ކޮމިޓީތަކެއް ހަދައިގެން ކަންތައްތައް ކުރިއަށް ގެންދާ ކަމަށްވަންޏާ، ކޮންމެވެސް އުޞޫލަކުން އެ ކަންތައްތައް  އޮންނާނީ ބެހިފައި. މާލޭގެ ހުރިހާ ކަމެއް އެއް ކޮމިޓީއަކަށް ނުވަތަ އެއްބަޔަކަށް ނުކުރެވޭނެ. މާލެވެސް އެތައް ބަޔަކަށް ބެހިގެން، އަދި ކޮންމެ ބައެއްގައިވެސް އެބައެއްގެ ކަންތައްތައް ކުރާ ބައެއް ތިބެގެން، އަޅުގަނޑު މިދަންނަވާ އުޞޫލުގެ މަތީން ކަންތައްތައް ކުރެވޭނީ.
 
އެހެންވުމާއެކު، ކުރިއްސުރެ މާލެއަކީ ހަތަރު އަވަށަށް ބެހިފައި އޮންނަ ރަށަކަށްވާތީއާއި، އަދި މިބާވަތުގެ ކޮންމެ ކަމެއްގައިވެސް ކުރިމަތިލާ މީހުން ކުރިމަތިލަނީ އަވަށުގެ ނަމުގައި ކަމަށްވާތީ، އަޅުގަނޑު ހިތަށްއެރީ މިގޮތުން މިކަން ގެންދިޔައިމާ، އެއިން ވަރަށް ރަނގަޅު ނަތީޖާއެއް ނެރެވިދާނޭ. އާދެ، އަޅުގަނޑު މިދަންނަވާ ބާވަތުގެ ކަންތަކަކީ، އިޖްތިމާޢީ ކަންތައްތައް. މިސާލަކަށް، އަޅުގަނޑު ކުރީ ދުވަހު އަންހެން ބޭފުޅުންނާ ބައްދަލުކޮށް ވާހަކަ ދެއްކިއިރުވެސް ދެންނެވި ފަދައިން، އެއްކަމަކީ ޞިއްޙަތާބެހޭ ކަންތައް. އަޅުގަނޑުމެން އެންމެންވެސް ހަނދާން ހުންނާނެ، މިދިޔަ އަހަރު އަޅުގަނޑުމެންގެ ޤައުމަށް ދިމާވި ނުރައްކާތެރި ކޮލެރާގެ ވަބާ. އެދުވަސްވަރު ދިވެހިރާއްޖޭގެ ރައްޔިތުން އެއްބާރުލައިގެން ކުރި ވަރުގަދަ މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުން، މާތްﷲގެ ވާގިފުޅާއެކު ވަރަށް އަވަހަށް އަޅުގަނޑުމެންނަށް އެ ނުރައްކަލުން ސަލާމަތްވެވިއްޖެ. އެވަގުތު ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ވަރަށް ގިނަގުނަ އިރުޝާދުތަކެއް ދެއްވި، ޞިއްޙީގޮތުން އެ ބަލިން ރައްކާތެރިވާނެ ގޮތާމެދު. ސާފުތާހިރުކަމާއި އަދި އެނޫންވެސް ގޮތްގޮތުން ޢަމަލުކޮށްގެން، އެ ބަލިން ރައްކާތެރިވެވޭނެ ގޮތްތައް، ކަމާބެހޭ ފަރާތްތަކުންނާއި، އަދި ޑޮކްޓަރުން ހާމަކޮށްދެއްވި. ރޭޑިއޯގެ ޛަރީޢާއިންނާއި، ޓީ.ވީ.ގެ ޛަރީޢާއިންނާއި، އަދި މިނޫންވެސް ގޮތްގޮތުން އަދި ދައުލަތުން އެކިއެކި ޓީމްތައް ރާއްޖެތެރެއަށް ފޮނުއްވައިގެން ވެކްސިނޭޝަން ދެއްވުން. އޭގެއިތުރަށް، މީހުންނަށް ކަންތައް ކުރަންވީ ގޮތް ސާފުކޮށްދެއްވައިގެން، އެހުރިހާ މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުން، ދިވެހި ރައްޔިތުން އެއްބާރުލީ އެއްބާރުލުމެއްގެ ސަބަބުން އަޅުގަނޑުމެންނަށް އެހާ އަވަސް މުއްދަތެއްގައި އެ ނުރައްކާތެރި ބަލިން ސަލާމަތްވެވުނީ.
 
އަޅުގަނޑު ދަންނަވާނީ، އެއީ ވަރަށް ކުރު މުއްދަތެއްގައި އަދި ދުނިޔޭގައި މި ބަލި ފެތުރިފައިވާ ޤައުމުތަކަށް ވިސްނާއިރު، ރެކޯޑު މުއްދަތެއްގައި އަޅުގަނޑުމެންނަށް އެކަންތަކުން ސަލާމަތްވެވުނީ. އޭގެވެސް އެންމެބޮޑު ސަބަބެއް ކަމުގައި އަޅުގަނޑު ދެކެނީ ރައްޔިތުންގެ އެއްބާރުލުން. ރައްޔިތުން އަމިއްލައަށް އެހުރިހާ ކަމެއް ސަރުކާރުން ހިންގެވި ގޮތަށް އަދި ކަމާބެހޭ ޑޮކްޓަރުންނާއި މާހިރުން ދެއްވި އިރުޝާދާ އެއްގޮތަށް ކަންތައްކޮށްގެން، އެދުވަސްވަރު އަޅުގަނޑުމެން ސާފުތާހިރުކަމަށް ވަރަށް ބޮޑަށް އަހަންމިއްޔަތު ދިނިން. އަޅުގަނޑުމެންގެ ގެދޮރުގެ ސާފުތާހިރުކަމަށް، ރަށުތެރޭގެ ސާފުތާހިރުކަމަށް، އަދި އަޅުގަނޑުމެންގެ ކާބޯތަކެއްޗަށް ވަރަށް ބޮޑަށް ރައްކާތެރިވީމު. މެހިން ރައްކާތެރިވިން. އަދި ކާބޯތަކެތި ވިއްކާ ތަންތާނގައި ދާ ޖަހައިގެން މެއްސަށް ނުވަދެވޭގޮތަށްވެސް ކަންތައްތައް ކުރިން.
 
އެހެން ނަމަވެސް، އޭގެފަހުން އެ ކަންތައްތައް، މަޑުމަޑުން ނަމަވެސް ހަނދާން ނެތެމުން ގޮސް، މިހާރު ގާތްގަނޑަކަށް ވަރަށް ކުޑަ އަހަންމިއްޔަތެއް ނޫނީ އެކަހަލަ ކަންތަކަކަށް ނުދެވޭ.އެކަމުގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންގެ ތެރޭގައި މިހާރުވެސް ވަރަށްގިނަ ބަލިތައް ފެތުރެމުން އެބަދޭ. ޚާއްޞަކޮށް، ކުޑަކުދިންގެ ރޯގާތައް، ބޭރަށް ހިންގުން، ހޮޑުލުން. އަބަދުވެސް ހޮސްޕިޓަލްގައި ވަރަށްގިނަ ކުޑަކުދިން އެޑްމިޓް ކުރެވިފައި ތިބޭ. ކޮންމެފަހަރަކުވެސް އަލުން ޖެހެނީ މި އިރުޝާދުތައް ތަކުރާރުކޮށް ހަނދާންކޮށްދޭން. އޭގެ ސަބަބަކީ ކުރިން އަޅުގަނޑުމެންނަށް ލިބުނު ފިލާވަޅު މާ ރަނގަޅަށް ހަނދާން ނުހުންނަކަން. އެކަމުގެ ފޯރި ދިޔައިމާ، އެކަމަށް ބަހައްޓަންވީ އަހަންމިއްޔަތު އަޅުގަނޑުމެންނަށް ނުބެހެއްޓޭކަން. އެހެން ނަމަވެސް، މިބާވަތުގެ ކަންތަކަކީ އެހެން ކޮށްގެން އަޅުގަނޑު ހިތުން ފަރުޖެހޭނެ ކަންތައްތަކެއް ނޫން. ދާއިމީ ގޮތެއްގައި އަޅުގަނޑުމެން އެކަންތައްތައް ކޮށްގެން ނޫނީ، އަޅުގަނޑުމެންނަށް އެ ދިމާވާ ނުރައްކާތަކުން ސަލާމަތްނުވެވޭނެ ކަންތައްތައް.
 
ވީމާ، ސާފުތާހިރުކަން އަދި ޞިއްޙީގޮތުން އެކިއެކި ބާވަތުގެ ކަންތައްތައް ކުރަންވީގޮތް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް އެނގިފައި އޮތުމަކީ ކޮންމެހެން ބޭނުން ކަމެއް. އަޅުގަނޑު މިދަންނަވާ ޚިޔާލާ މިބާވަތުގެ ކަންތައްތައް ގުޅުވައިލާއިރު، އަޅުގަނޑު ހިތަށްއަރަނީ، މިސާލަކަށް، ކޮންމެ އަވަށެއްގައިވެސް އަވަށު ކޮމިޓީއެއް އޮވެގެން، އެ ކޮމިޓީގެ މެންބަރުން އެކި ގޭގެއަށް ވަޑައިގެން، މީހުންނަށް އިރުޝާދު ދެއްވައި، ކަންތައްތައް ކުރަންވީގޮތް ދަސްކޮށްދެއްވައި ހެއްދެވީމާ، އެކަމުން ވަރަށް ރަނގަޅު ނަތީޖާ ނުކުމެދާނެއޭ. ރޭޑިއޯއިން އަދި އިރުޝާދު ދިން ކަމުގައިވިޔަސް، ޓީ.ވީ އިން ދިން ކަމުގައިވިޔަސް، އަދި ނޫހުގައި ޖެހިކަމުގައިވިޔަސް، އެންމެ ޢާންމު ފެންވަރުގެ މީހުންނަށް، އެކަންތައްތައް ރަނގަޅަށް ސާފުވެއެކޭ އަޅުގަނޑަކަށް ހިއެއްނުވޭ. އެހެންވީމާ، ހަމަ އަޅުގަނޑުމެންގެ ތެރެއިން މީހުން ގޭގެއަށް ގޮސް، މީހުންނަށް އެކަންކަން އަންގައިދީ، ކިހިނެއްކަން އެކަންތައްތައް ކުރަންވީ، އޮޅުންފިލުވައިދިނީމާ، އަޅުގަނޑު ހިތުން އެމީހުންގެ ތަރުޙީބުވެސް ލިބޭނެ. މިހާރު ވާގޮތަކީ ނޭނގެނީސް ވަޅުވަޅަށް ބޭސްއަޅަންޖެހޭނޭ ބުނީމާ، އެއީ ކީއްވެގެންކަންވެސް ނޭނގެނީ. އެއާ ދޭތެރޭގައި އިޢުތިރާޟު ކުރެވޭގޮތްވެސް ވަނީ. މެހިން ކާބޯތަކެތި ރައްކާތެރިކުރާ ވާހަކަ ދެއްކީމާ، އެކަންވެސް އޮންނާނީ ނުވެފައި. ވަޅުދޮށާއި ގިފިއްޔާ، މިބާވަތުގެ ތަންތަންވެސް ބަހައްޓަންވާ ސާފުތާހިރުކަންމަތީ ބެހެއްޓުމަށް ސަމާލުކަމެއް ނުދެވޭ. އޭގެ ނުރައްކާތެރިކަމެއް ރަނގަޅަކަށް އޮޅުންފިލުވާފައެއް ނޯވޭ.
 
އެހެންވީމާ، މިބާވަތުގެ ކަންތަކުގައިވެސް އަވަށުގެ ކޮމިޓީގެ ފަރާތުން ކޮމިޓީގެ މެންބަރުން، އެ އަވަށުގެ ގޭގެއަށް ވަޑައިގެން، އެމީސްމީހުންނަށް އިރުޝާދު ދެއްވުމުން، އަޅުގަނޑު ހިތުން ދާއިމީ ގޮތެއްގައި މިކަހަލަ ކަންތައްތައް ވަރަށް ރަނގަޅަށް ބެލެހެއްޓިދާނެ. އަޅުގަނޑު ޞިޢްހަތު މިދެންނެވީ ހަމަ މިސާލެއްގެ ގޮތުން. ވަރަށްގިނަ ކަންތައް ކުރެވެން އޮންނާނެ. ހަމަ މަގުމަތީގެ ސާފުތާހިރުކަންވެސް މިހާރު އޮންނަނީ، އަޅުގަނޑު ހިތުން ކޮންމެ ގެއެއްގެ ބަޔަކު، އެބައެއްގެ މަގުމަތި ކުނިކަހާގޮތަކަށް. އެހެން ނަމަވެސް، އެކަންވެސް އޮންނަނީ ނުވެފައި. މަގުމަތިވެސް ސާފުކޮށެއް ނޯވޭ. ކޮންމެ އަވަށެއްގެވެސް ކޮމިޓީގެ މެންބަރުން، އެކަމަށް ސަމާލުކަމެއް ދެއްވައިގެން، މީސްމީހުންނަށް އިރުޝާދު ދެއްވައިގެން، ކޮންމެ ގެއެއްގެ ބަޔަކުވެސް، އެބައެއްގެ ގެ ދިމާވާ އެމީހުންގެ މަގުމަތި ކުނިކަހާ ގޮތަކަށް ސާފުކުރާގޮތަކަށް ވެއްޖިއްޔާ، ރަށުތެރެ ސާފުކުރުމާއި، ރަށުތެރެ ތާހިރުކޮށް ބޭއްވުން އެއީ އެއްވެސް ހާލެއްގައި ދަތިކަމަކަށް ނުވާނެ. އާދެ، މާލެއަކީ ހަމައެކަނި ސަރުކާރުގެ ރަށެއް ނޫން. މާލެއަކީ އަޅުގަނޑުމެން އެންމެންގެ ރަށް. އަދި ދިވެހިރާއްޖެއަކީވެސް ސަރުކާރުގެ ޤައުމެއް ނޫން. އަޅުގަނޑުމެން އެންމެންގެ ޤައުމު. އެހެންވީމާ. އަޅުގަނޑުމެން އެންމެން މިހުރިހާ ކަމަކަށް އަޅުގަނޑު ހިތުން ބާރުއަޅަންޖެހޭނެ.
 
ސަރުކާރުން އެކިއެކި ކަންކަމާ ބެހޭގޮތުން ހައްދަވާ ޤާނޫނުތައް ހައްދަވައިގެން، ޤާނޫނުތައް ހަރުކަށިގޮތަކަށް ތަންފީޛު ކުރައްވައިގެން، އެއްވެސް ކަމެއް ރަނގަޅަކަށް ނުހިންގޭނެކަމަށް އަޅުގަނޑަށް ލަފާކުރެވެނީ. އަޅުގަނޑުމެން އަމިއްލައަށް އެކަން ގަބޫލުކޮށްގެން، އަޅުގަނޑުމެން އެކަމަށް ޚިދްމަތްކޮށްފި މިންވަރަކުން، އޭގެ ނަތީޖާ ފެންނާނެ ކަމަށް އަޅުގަނޑަށް ވިސްނެނީ. އެހެންވީމާ، އަޅުގަނޑު މިދެންނެވީ، މިކަމަކީ އަޅުގަނޑުމެން އަމިއްލައަށް އަމިއްލަ ކޮމިޓީތަކެއް އުފައްދައިގެން، އަމިއްލަ މަސައްކަތެއްގެ ގޮތުގައި ހިންގާ ކަމަކަށްވާންޖެހޭނީ. ޤައުމީ ރޫޙުގައި އަޅުގަނޑުމެން އެހެނިހެންވެސް ޤައުމީ ކަންތައްތަކަށް މި ތަރުޙީބު ދޭ މިންވަރަށް، މިބާވަތުގެ ކަންތައްތަކަށްވެސް ތަރުޙީބު ދީގެން. އެއީ އަޅުގަނޑުމެންގެ އަމިއްލަ ކަމެއް ކަމުގައި ހަދައިގެން މަސައްކަތް ކޮށްގެން. ސަރުކާރުން އެކަން ނުކުރެވޭނެ ގޮތަކީ، ސަރުކާރުން އެފަދަ ކަމެއް ރާވައިފިއްޔާ، ލައްވަންޖެހޭނީ މުވައްޒަފުން. މުވައްޒަފުން ލެއްވީމާ އެމީހުންނަށް މުސާރަ ދޭންޖެހޭނެ. ދެން މުޅި މަޤްޞަދު ގެއްލިގެން ހިނގައިދާނެ. ކޮންމެ މީހަކުވެސް މަސައްކަތް ކުރާނީ ގަޑިން ގަޑިއަށް އެ މަސައްކަތް ކުރަންޖެހޭ ވަރަކަށް. އިރުކޮޅަކުން އޮންނާނީ ޝަކުވާކުރާތަން ފެށިފައި. ތިމަންނާ ކުރާ މަސައްކަތަށްވުރެ މިވެނި މީހަކުކުރާ މަސައްކަތް މާ މަދޭ. އޭނާއަށް ލިބެނީ މާ ބޮޑު މުސާރައެކޭ. ދެން ލިބޭ މުސާރައަކުން ދެކޮޅުޖެއްސޭވަރެއް ނުވެއޭ. ކުޑަކުދިން ވަރަށް ގިނައޭ. މިބާވަތުގެ ޝަކުވާތައް ފެށިގެން، އެ އަޞްލު އެކަން ރޭވި މަޤްޞަދު އޮންނާނީ މުޅިން ނާކާމިޔާބުވެފައި. އެއާ ޚިލާފަށް މިކަމަކީ އަޅުގަނޑުމެން އަމިއްލައަށް އަމިއްލަ ރަނގަޅަށްޓަކައި ކުރާ ކަމެއްކަން އަޅުގަނޑުމެންގެ ހިތުން ގަބޫލުކުރެވިގެން ކުރި ކަމެއް ކަމުގައި ވެއްޖައީވިއްޔާ ވަރަށް ރަނގަޅު ނަތީޖާއެއް ފެނިދާނެ.
 
އަޅުގަނޑު ކުރީ ދުވަހު ބައެއް އަންހެން ބޭފުޅުންނާ ވާހަކަ ދެއްކުމުގައި، އަދިވެސް ބައެއް އިތުރު މިސާލު ދަންނަވާލިން. އެއީ ހަމަ ޚިޔާލުފާޅުކުރުމުގެ ގޮތުން. އެއީ، އެއްގޮތަކަށްވެސް ވަކި ދާއިރާއެއްގައި އަވަށް އަވަށުގެ ކޮމިޓީގެ ޙަރަކާތްތައް ބޭއްވުމަކަށް ނޫން. ހަމަ ޚިޔާލެއް ފާޅުކޮށްލުމުގެ ގޮތުން ދަންނަވާލިން. އަޅުގަނޑު ދަންނަވާލިން، ކުޑަކުދިން ތަރުބިއްޔަތު ކުރުމުގެ ވާހަކަ. ކުޑަކުދިންނަށް އަޅުގަނޑުމެން ރައްކާތެރިވާންޖެހޭނެ މިންވަރު. ޖިސްމާނީ ގޮތުންނާއި، އަޚްލާޤީ ގޮތުންނާއި، ތަރުބިއްޔަތުގެ ގޮތުން އެކުދިންނަށް އަޅުގަނޑުމެން ދޭންޖެހޭނެ އަހަންމިއްޔަތު، އަޅުގަނޑު ދެންނެވިން. މިއީ ބައިނަލްއަޤްވާމީ ކުޑަކުދިންގެ އަހަރޭ. މިމަހުގެ 10 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހޭ. އެހެން ނަމަވެސް، އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވާތީ، އަޅުގަނޑުމެންގެ ކުޑަކުދިންނަށް އަހަންމިއްޔަތު ދޭންޖެހޭނީ އެންމެ ދުވަހަކުން ނޫނޭ. އަޅުގަނޑުމެން މުސްލިމުންގެ ކުރިމަތީގައި ކޮންމެ އަހަރަކީވެސް ކުޑަކުދިންގެ އަހަރޭ. އަދި ކޮންމެ ދުވަހަކީވެސް ކުޑަކުދިންގެ ދުވަހޭ. އެހެންވީމާ، އަޅުގަނޑުމެން، އަޅުގަނޑުމެންގެ ކުޑަކުދިން ސަލާމަތްކޮށް، އެކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދެވޭތޯ ބެލުމަކީ އަޅުގަނޑުމެންގެ ވާޖިބެކޭ. އެކަމުގައި އެތައް ފަރާތެއް އެއްބާރުލައިގެން ނޫނީ ފުރިހަމަ ނަތީޖާއެއް ނުނިކުންނާނެއޭ. އެއީ ސްކޫލްތަކުގެ ފަރާތުން ބެލެނިވެރިން، ސަރުކާރުގެ ކަމާބެހޭ ފަރާތްތައް، މިހުރިހާ ފަރާތްތަކުން ބާރުލައްވަންޖެހޭނެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ހީވެފައި އޮންނަނީ، އެމީހެއްގެ ދަރަޖައަކުން މޮންޓެސޫރީއަށް ވަދެވޭގޮތްވީމާ، އެ ދެން އެ ނިމުނީ ކަމަށް. ދެން އެ އޭނާގެ ތަޢުލީމުގެ ކަންތައް ހަމަޖެހުނީ ކަމަށް. އޮޓޮމެޓިކް ގޮތުން، އަމީނިއްޔާއަށް ނުވަތަ މަޖީދިއްޔާއަށް ލައްވާލާނެ ކަމަށް. ދެން ތަޢުލީމަށް މާބޮޑު ބާރެއް އަޅަންނުޖެހޭނެކަން. ތަރުބިއްޔަތު ކުރާން މާގިނަ ވިސްނުންތަކެއް ވިސްނާކަށް ނުޖެހޭނެކަމަށް. އެހެން ބައެއް މީހުންނަށް ހީވާކަހަލަ. އެހެން ނަމަވެސް، އަޅުގަނޑު ހިތުން އެއީ ވަރަށްބޮޑު ކުށް ހީއެއް.
 
އަޅުގަނޑުމެންގެ ކުޑަކުދިން އެންމެގިނަ ވަގުތު ހޭދަކުރަނީ ގޭގައި. މަދަރުސާއަށް ދަނީ ވަކި ގަޑިތަކަކަށް. ގޭގައި ގިނަ ވަގުތު ހޭދަކުރަނީ. އެހެންވީމާ، އެމީހުންނަށް ނަމޫނާއެއްގެ ގޮތުގައި ފެންނަނީވެސް އަޅުގަނޑުމެން. އެކުދިންގެ މައިންބަފައިން. އަޅުގަނޑުމެންގެ ޢަމަލުތައް އެކުދިން ނަމޫނާއަކަށް ބަލައިގެން، އަޅުގަނޑުމެންގެ  ޢަމަލުތައް އޮންނަ ގޮތަށް އެކުދީންގެ ކަންތައްތައް ހުންނާނީ. އަޅުގަނޑުމެންނަކީ ދޮގުހަދާ ބަޔަކަށް ވެއްޖިއްޔާ، އެކުދިންވެސް ވާނީ ބޮޑުވެގެން ދޮގުހަދާ ބަޔަކަށް. މީހުންނަށް މަކަރުހަދާ ތަން، އެކުދިންގެ ކުރިމަތީގައި ފެންނަންޏާ، އެކުދިންވެސް ވާނީ މަކަރުހަދާ ބަޔަކަށް. ހަމަ އެގޮތުން، އަޅުގަނޑުމެން އެކުދިންގެ ކުރިމަތީގައި ކުރާ ކޮންމެ ޢަމަލަކުން، އެކުދިންނަށް އެއިން ކޮންމެވެސް އަސަރެއް ކުރާނެ. އެގޮތަށް އެކުދިންގެ ކަންތައްތައް ހޭނޭތޯ. އެހެންވީމާ، ކުދިން ތަރުބިއްޔަތު ކުރުމުގައިވެސް އެންމެބޮޑު އަހަންމިއްޔަތެއް ދޭންޖެހޭނީ، އެކުދިން ގޭގައި އަޅުގަނޑުމެން ގެންގުޅޭގޮތަށް. އަދި އެކުދިންގެ ކުރިމަތީގައި އަޅުގަނޑުމެން ދައްކާ ނަމޫނާއަށްވުރެ ބޮޑު ފިލާވަޅެއް އަޅުގަނޑު ހިތުން ނޯންނާނެ. ބައްޕަ އެއީ ވަގުތުން ވަގުތަށް ނަމާދުކުރާ މީހަކަށްވަންޏާ، ދަރިފުޅުވެސް އަޅުގަނޑު ހިތުން ނަމާދުކުރާހިތްވާނެ. އެހެން ނަމަވެސް، ބައްޕައަކީ އެއްވެސް ކަހަލަ ނަމާދަކަށް ފަރުވާތެރިކަމެއް ނުބަހައްޓާ މީހަކަށްވަންޏާ، އަދި ރޯދައެއްވެސް ނުހިފާ މީހަކަށްވަންޏާ، ދަރިފުޅުގެ ހިތުގައިވެސް ނަމާދާ ދޭތެރޭގައި ނުވަތަ ރޯދައާ ދޭތެރޭގައި، އެކަހަލަ ޤަދަރެއް އިޙްތިރާމެއް ނޯންނާނެ. މިއީ ހަމަ ޠަބީޢީ ކަމެއް.
 
އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ، އެކުދިން ތަރުބިއްޔަތު ކުރުމުގައި، އެންމެބޮޑު އެއްޗަކީ މައިންބަފައިންނޭ. އެކުދިންނަށް އެންމެ ބޮޑު ބާރެއް އެޅޭނީ އެއިންނޭ. އަދި ކުދިން ތަރުބިއްޔަތު ކުރުން އެކަންޏެއް ނޫން. ކުދިން ސަލާމަތްކުރުންވެސް. ވަރަށް ގިނައިން އަޅުގަނޑުމެންނަށް ރޭޑިއޯއިން އަދި ނޫސްތަކުން ލިބޭ ޚަބަރެއް. ކޮންމެވެސް ކުއްޖަކު ކޮންމެވެސް ވަޅަކަށް ވެއްޓިގެން މަރުވެދާނެ. މޫދަށް ވެއްޓިގެން މަރުވެދާނެ. ލޮރީއެއްގެ ދަށުވެގެން މަރުވެދާނެ. މިކަހަލަ ކަންތައްތައް. ވަރަށް ހިތާމަވެރި ޚަބަރު. ޢުމުރުން ދެ އަހަރު، ތިން އަހަރުގެ ކުދިންނަށް މި ދިމާވާ ޙާދިޘާތައް. އަޅުގަނޑު ހިތުން އަޅުގަނޑުމެން އެކުދިންނަށް ފުދޭވަރަށް ރައްކާތެރިވަންޏާ ދިމާވާކަށް ނުޖެހޭނެ.
 
މާލެ، މާލެއަކީވެސް މިހާރު ވަރަށްގިނަ ކާރު ލޮރީ މޮޓޯސައިކަލް ފަދަ އެއްޗެތި ދުއްވާ ތަނެއް. އެހެންވީމާ، އެކްސިޑެންޓްވެސް ވާނެ. އެހެން ނަމަވެސް، މާލެކަހަލަ ރަށަކަށް އަޅާބަލާއިރު، އަޅުގަނޑު ހިތުން މި އެކްސިޑެންޓްވާލެއް މާގިނަ. އެހެން ރަށްރަށާ އަޅާބަލާއިރު، އޭގެވެސް އެންމެބޮޑު ސަބަބަކީ އަޅުގަނޑުމެންނަށް އެކަމަށް އެހާބޮޑު އަހަންމިއްޔަތެއް ނުދެވެނީ. ސަރުކާރުން ޤާނޫނެއްވެސް އޮވޭ. މިދިޔަ އަހަރުވެސް އޮންނާނެ، ސަރުކާރުން ޓްރެފިކް ކަންތަކާ ބެހޭގޮތުން ޤާނޫނެއް ފާސްކުރައްވާފައި. އެހެން ނަމަވެސް، އެ ޤާނޫނަށް ޢަމަލުކުރުން އެއީ އަދި މުޅިން އެހެން ކަމެއް. ޤާނޫނު އޮތީ އޮތް ތާނގައި. ޢަމަލުކުރުން އޮތީ އެހެން ދިމާއެއްގައި. އެ ޤާނޫނަށް ޢަމަލުކުރަން ފެށުނުއިރު، މަގުމަތީގައި ދުއްވާ އެއްޗިއްސާއި ދުއްވާ އެއްޗިއްސަށް އުނދަގޫވާގޮތަށް، ހިނގާ މީހުން ފުލުހުން ކޮންމެވެސް ގޮތަކުން ހައްޔަރުކޮށްގެން، އެ ޓްރާންސްޕޯޓަށް ހުށަހަޅައިގެން، ބައެއްފަހަރު ޖޫރިމަނާކޮށް، އަނެއްބައިފަހަރު ނަޞޭޙަތްދީ، މިހެންވެސް ވަރަށްގިނަފަހަރުމަތިން ހެދުނު. އެހެންނޫނަސް، އެއީ ދާއިމީގޮތުން ކުރެވޭނެ ކަމެއް ނޫން. ފުލުހުންނަކީ ހަމައެކަނި އެގޮތަށް ތިބޭ ބަޔަކުވިއްޔާ، އެމީހުންނަށް އެހެން ކަމެއް ކުރާނެ ވަގުތެއް ނުލިބޭނެ. މިކަމުގައިވެސް އެ ޤާނޫނަށް ޢަމަލުކުރުމުގައި، އަޅުގަނޑުމެން އަމިއްލައަށް ޢަމަލުކުރާގޮތް ނެތުމުން، ޤާނޫނަށް އޮންނަނީ ޢަމަލުނުކުރެވިފައި. މަގުމަތީގައި މިހާރުވެސް ހަމަ މިކަންކަން އެބަ ހިނގާ. މިއީ ހަމަ ތެދެއް. ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ފެނިވަޑައިގަންނަވާނެ. އެއްވެސް މީހަކު މިދެންނެވީ ބައިސްކަލް ދުއްވާ މީހަކުވެސް ދުއްވަނީ ގަވާއިދަކުން ނޫން. ކަނާތްފަރާތުންވެސް ހިނގައިދާނެ. ގޯޅިއަޅަމުން ރަނގަބީލުވެސް ނުކުރާނެ. ނޫނީ އެހެން އެއްޗެއް އާދޭތޯވެސް ނުބަލާނެ. ކާރެއްގެ ކުރިމައްޗަށް ހަމަ ޕުސްލާފައިވެސް ނުކުމެދާނެ. ކޮންމެވެސް ގޯޅިއަކުން ވަރަށް ބާރަށް ބައިސްކަލެއް. މިކަހަލަ ކަންތައްތައް ވަރަށް ގިނައިން ދިމާވޭ. ވަރަށްގިނަ އެކްސިޑެންޓްތައް ދިމާވަނީ މިކަމުގެ ސަބަބުން. އެއީ އަޅުގަނޑުމެންނަށް ޤާނޫނަށް ޙުރްމަތްތެރިކޮށްނުހިތޭތީ. އަޅުގަނޑުމެން ހިތުގައި އެބައި އެހާބޮޑަށް ނޯންނަނީ. އެހެންވީމާ، މިކަހަލަ ކަންތައްތަކުގައި އަވަށް އަވަށުގެ ކޮމިޓީތަކެއް އުފެދިގެން، އެ ކޮމިޓީގެ ފަރާތުން މީހުންނަށް އިރުޝާދު ދެއްވައިގެން، މީހުން ހޭލައްވައި، މިވަނީ ކިހިނެއްކަން، ވާންވީ ކިހިނެއްކަން، އުޅެންވީ ކޮން ގޮތަކަށްކަން މީހުންނަށް އަންގައިދެއްވީމާ، ދެން އަޅުގަނޑުހިތުން މިކަހަލަ ކަންތައްތައް ވަރަށް ރަނގަޅަށް ހަމަޖެހެމުންދާނެ.
 
މިއީ އަޅުގަނޑު ދަންނަވަން ގަސްދުކުރާ ވާހަކައަކީ. އެއީ އަޅުގަނޑުމެން ހުރިހާ ކަމެއް ސަރުކާރަށް ދޫކޮށްލާފައި ތިބުމުގެ ބަދަލުގައި، ރަށަކީ އަޅުގަނޑުމެންގެ ރަށް ކަމަށްވާތީ، ޤައުމަކީ އަޅުގަނޑުމެން އެންމެންގެ ޤައުމު ކަމަށްވާތީ، އަޅުގަނޑުމެން އެކަމުގައި ވަރަށްބޮޑު ބައެއް  އަދާކުރަންވެއްޖެއޭ. އެއްގޮތަކަށްވެސް އަޅުގަނޑު މިދެންނެވި ކަންތައްތަކަކީ ދަތި ނުވަތަ އުނދަގޫ ނުވާނެ ކަންތައްތަކެއް ނޫން. މިކަމުގެ ވަރަށް ސާފު ހެކި، އަޅުގަނޑު ރާއްޖެތެރެއަށް މިކުރި ދަތުރުންވެސް ފެނިއްޖެ. ރާއްޖެތެރޭގައި ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. ސަރުކާރުގެ މާބޮޑު މިދެންނެވީ ސަރުކާރުގެ އޮފީސްތަކެއް، އެ ޙައިޘިއްޔަތަކުން މާލޭގައި މިހުންނަހެނެއް ނުހުރޭ. ކޮންމެ ރަށެއްގައިވެސް ހުންނަނީ ރަށުއޮފީހެއް. އެއީ ކަތީބު، ކުޑަކަތީބު، ދެމީހުން ތިބެނީ. ޕިޔޯނަކުވެސް، މަސައްކަތު މީހަކުވެސް ނުހުރޭ. ކާތިބަކުވެސް ނުހުރޭ. އެންމެ ދެމީހުން މުޅި ރަށުގެ ހުރިހާ ކަމެއް ބަލަހައްޓަން ތިބެނީ. އެހެން ނަމަވެސް، އަޅުގަނޑު މިދިޔަ ކޮންމެ ރަށެއްގައިވެސް ދެން އެމީހުން އަމިއްލައަށް އެކަން ކުރި ކަމުގައިވިޔަސް، ވަރަށް ބޮޑެތި ތައްޔާރުތަކެއް ކޮށްފައި ހުރި. ރަށުތެރެ ވަރަށް ބޮޑަށް ސާފުކޮށްފައި. ފާރުތަކާ އެއްޗެތި ވަރަށް ރަނގަޅަށް ހަދާފައި، ވަރަށް ރަނގަޅަށް ޒީނަތްތެރިކޮށްފައި، ވަރަށް ބޮޑެތި މަސައްކަތް ކޮށްފައި ހުރި. އެއީ ހަމަ އެމީހުން އަމިއްލައަށް ކޮށްފައި ހުރި މަސައްކަތް. އަޅުގަނޑު ނުދަންނަވަން، ކޮންމެހެން އެ މަސައްކަތް ކުރަންޖެހޭނެއެކޭ. އަޅުގަނޑު ވަރަށް ދެރަވެސްވި. އަޅުގަނޑު ކޮންމެ ރަށަކަށް ގޮސްފައި ބުނަންވެސްމެ. އެއްގޮތަކަށްވެސް އަޅުގަނޑު އައުމުގެ މުނާސަބަތުގައި، މިހުރިހާ ބޮޑު ތަކުލީފުތަކެއް، މިރަށުގެ ރައްޔިތުން ކުރައްވާކަށް އަޅުގަނޑު ނޭދެމޭ. އަނެއްކާ އެކަމުގައި ހިސާބަކަށް ޚަރަދުވެސް ހިނގާފައި ހުންނާނެތީ، އެއީވެސް އެދެވޭ ކަމެއް ނޫނޭ. އެހެން ނަމަވެސް، އަޅުގަނޑުގެ ޕޮއިންޓަކީ، އެކަންވެސް އެއޮތީ ކުރެވިފައޭ ވަރަށް ރަނގަޅަށް.
 
އެހެންވީމާ، ރާއްޖެތެރޭގައި އެކަހަލަ ކަންތައް ކުރެވޭ ކަމަށްވަންޏާ، މާލޭގައި އަޅުގަނޑުހިތުން އަދި މާ ރަނގަޅަށް ކުރެވޭނެ. ރާއްޖެތެރޭގައިވެސް އެކަން ކުރަނީ ހަމަ ރައްޔިތުން އަމިއްލައަށް. އެއްގޮތަކަށްވެސް ސަރުކާރުގެ ފަރާތަކުން ނޫން. އަމިއްލައަށް ކުރާ ކަމެއް. ޚަރަދެއް ހިނގަންޏާ، އެމީހުން އަމިއްލައަށް ޚަރަދު ކުރަނީ. އަޅުގަނޑު ހިތުން މާލޭގައި ވީމާ މަގުތައްވެސް ސާފުކުރުމާ، މިކަހަލަ ކަންތައްތައް ބެލެހެއްޓުން އެއީ އެއްގޮތަކަށްވެސް ދަތިކަމަކަށް ނުވާނެ. ވަރަށްގިނަފަހަރު ވަރަށްގިނަ ކަންތަކަށް ހަމަ މާލޭގެ އެކިއެކި ޢިއްޒަތްތެރިންނާއި، މާލޭގެ ހަމަ ރަނގަޅު ފެންވަރުގެ ބޭފުޅުން ވަރަށްގިނަ ޢަދަދަކަށް ފައިސާވެސް ޚަރަދު ކުރައްވާ. އެކިއެކި ރަނގަޅު ކަންތައްތަކަށް މިދެންނެވި ފަދަ އިޖްތިމާޢީ ކަންތައްތަކަށް. އައި.ވައި.ސީ ފަންޑަށް، މިސާލަކަށް، ބިން ހިއްކާ ތަންތަނަށް ވެލި ގެންގޮސްދެއްވާ. މިކަހަލަ ކިތަންމެ ކަންތައްތަކެއް. ކޮންމެ މުނާސަބަތެއްގައި، މާލޭގެ ވަރަށްގިނަ ފަރާތްތަކުން އަމިއްލައަށް، އެއްވެސް ފަރާތަކުން އެދިގެން ނޫން ގޮތުގައި ހަމަ އަމިއްލައަށް އިޚްލާޞްތެރިކަމާއެކު ކުރައްވާ. އެހެން ކަމަށްވާނަމަ، އެއީ ކުރެވިދާނެ ކަމެއް. މިހުރިހާ ކަމެއް މިހާރު ވަމުން މިދަނީ މުޅިން ފަރުދީގޮތުން. އަމިއްލައަށް ކޮންމެ މީހަކުވެސް، އެމީހަކު އަމިއްލައަށް ކުރާ ކަމެއް ކުރާގޮތަށް. އެއާ ޚިލާފަށް، މިކަންތައްތައް ރޭވިގެން، އިންތިޒާމު ކުރެވިގެން، ގިނަ ބައެއްގެ ތެރޭގައި އޯގަނައިޒް ކުރެވިގެން ކުރެވިއްޖިއްޔާ، އަޅުގަނޑަށް ހީވަނީ އަވަސް، މާ އަވަސް ނަތީޖާ އަދި މާ ރަނގަޅު ނަތީޖާ ފެންނާނެހެން. އެއީ، އަޅުގަނޑުގެ ވާހަކައަކީ.
 
އަޅުގަނޑުމެން ކޮމިއުނިޓީ ވާރކް ނޫނީ ކޮމިއުނިޓީ ސަރވިސް ކޮންމެވެސް ގޮތަކަށް ފަށަންވެއްޖެ ކަމަށް އަޅުގަނޑަށް ހީވާތީ، އެ ވާހަކަ ތިޔަބޭފުޅުންނަށް ހުށަހެޅުން. މިއީ މިރޭގެ ބައްދަލުވުމުގެ މަޤްޞަދަކީ. އަދި މީގެކުރިން އަވަށް އަވަށުގެ އަންހެން ބޭފުޅުންނާ ބައްދަލުކުރުމުގެ މަޤްޞަދަކީވެސް، ކޮންމެ އަވަށެއްގައިވެސް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތިން ކޮމިޓީއެއް އުފައްދައިގެން ނުވަތަ ކޮމިޓީތަކެއް އުފައްދައިގެން އެއީ މުޅިން ތިޔަބޭފުޅުންގެ އަތްޕުޅުގައި އޮތް ކަމެއް. އުފައްދައިގެން މިބާވަތުގެ މަސައްކަތްތައް އިންތިޒާމް ކުރައްވައި ރާއްވަވައި އަދި އެ އަވަށެއްގެ ކަންތައް ބަލަހައްޓަވައި ހެއްދެވުން.
 

އަޅުގަނޑު ހިތަށް އަންނަ އެއް މިސާލަކީ މިސްކިތްތައް. ދާދިފަހުން، މީގެ ދެ މަހެއްހާ ދުވަސް ކުރިން ބައެއް މިސްކިތްތަކުގެ ދާނި ދަނޑި ބިންދާލާފައި ހުންނަ ތަން އެބަ ދިމާވޭ. ރޭގަނޑު ހަމަ އެއްވެސް ބޭނުމަކު ނޫން. ދެތިން ހަތަރު ދާނި ބިންދާލާފައި އޮވެދާނެ ވަޅަށް ވައްޓާލާފައި. މިސްކިތުން ގަޑި ގެއްލިފައި އެބަހުރޭ. ގަޑި ވަގަށް ނަގާފައި، ކުނާތައް ގެއްލިފައި އެބަހުރޭ. މިކަހަލަ ކަންތައް އެބަ ދިމާވޭ. ދެން އެކަހަލަ ކަންތައް އެއީވެސް ކޮންމެ މިސްކިތެއްގެ ކައިރީގައިވެސް ސިފައިންނެއް ނުބައިތިއްބޭނެ. އެމީހުންގެ ޢަދަދުވެސް ވަރަށް މަދު. ކުރަން ޖެހިފައި އޮންނަ މަސައްކަތްތައްވެސް ވަރަށްބޮޑު. މިސްކިތަކީ އަޅުގަނޑުމެން ނަމާދުކުރަންދާ ތަން. އެހެންވީމާ، އެއީ އަޅުގަނޑުމެންގެ ތަނެއް ކަމުގައި ބަލައިގެން، އަޅުގަނޑުމެންގެ އަމިއްލަ ގެދޮރު ރައްކާތެރި ކުރާ ފަދައިން، މިސްކިތްތައްވެސް ރައްކާތެރިކުރުމުގައި އަޅުގަނޑުމެން ކޮންމެވެސް ގޮތެއް ރާވައިފިއްޔާ، މިކަހަލަ ކަންތައްތަކެއް ދިމައެއްނުވާނެ. ދާނި ދަނޑި ބިނދޭ ތަނެއް ދިމައެއްނުވާނެ. މިސްކިތުން ގަޑި ގެއްލޭގޮތެއް ދިމައެއްނުވާނެ. ކުނާ ގެއްލޭގޮތެއް ދިމައެއްނުވާނެ. މިކަހަލަ ކިތަންމެ ކަމެއް ރަނގަޅު ކުރެވޭނެ. އަޅުގަނޑުމެންގެ ކުޑަކުދިން މަގުމައްޗަށް ނުކުމެ މިއުޅޭ އުޅުންވެސް ރަނގަޅުކުރެވޭނެ. 

 
އަޅުގަނޑު ކުރީ ދުވަހުވެސް ފާހަގަކޮށްލިން، އަޅުގަނޑުމެންގެ ކުދިން ވަރަށް އަވަހަށް ދުންފަތުގެ އިސްތިޢުމާލު ކުރަން ފަށާ ވާހަކަ. ޢުމުރުން ގާތްގަނޑަކަށް ހައެއްކަ އަހަރުގެ ކުދިން ނޫނީ އަށެއްކަ އަހަރުގެ ކުދިން މަގުމަތިން ފެނޭ ހަމަ ސިނގިރެޓް ބޯތަން. ނުވަތަ ބިޑިބޯ ތަން. ދުނިޔޭގެ ބައެއް ތަންތާނގައި އަޅުގަނޑުވެސް އުޅެފައި މިހުރީ. އެކަމަކު އެއްވެސް ތަނަކުން އެވަރުގެ ކުދިން ސިނގިރެޓް ބޮނިކޮށް ދުށް ހަނދާނެއްނުވޭ. ދުނިޔޭގައިވެސް ދުންފަތުގެ އިސްތިޢުމާލަކީ ކުރާ ކަމަކަށްވާތީ، ދިވެހިރާއްޖެއަށްވެސް އެކަން އަންނާނެ. ދިވެހިރާއްޖޭގެ މީހުން ދުންފަތުގެ އިސްތިޢުމާލުވެސް ކުރާނެ. އެއީ، އަޅުގަނޑު ގަބޫލުކުރާ ކަމެއް. މިދެންނެވީ އެހެން ކަން އެކަންވާނީ. އެހެން ނަމަވެސް، އެއީ އަދި އެދެވިގެންވާ ކަމެކޭ ދަންނަވަނީއެއް ނޫން. އެކަން އެހެން އޮތް ނަމަވެސް، އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ، ކުޑަކުދިން އެހާ ޅަޢުމުރެއްގައި އެކަހަލަ ކަންތައްތައް ފަށާކަށް. އެއީވެސް އަޅުގަނޑުމެންނަށް ނުބެލެވޭތީ. އެއީ އަޅުގަނޑުމެން މައިންބަފައިން އެކުދިންނަށް ދޭންވާ އަހަންމިއްޔަތު ނުދެވޭތީ. އެކަމުގެ ނުރައްކާ އަޅުގަނޑުމެންނަށް ނުވިސްނޭތީ. ހަމަ މިއާއެކު، ދަންނަވަން ޖެހެނީ، އަޚްލާޤީ ގޮތުންވެސް. ކުޑަކުދީންގެ ކަންތައްތައް މިހާރުހުރި ގޮތް، މާލޭގެ މަގުމަތީގައި ކުޑަކުދިން އުޅޭގޮތާ، ބައެއް ހިސާބު ހިސާބުގައި ހިނގާ މީހުންނަށްވެސް ހަމަ ވަރަށް ބޮޑަށް ދަތިވާ ގޮތަށް، އެކުދީންގެ ޢަމަލުތައް ހުންނަނީ. ހަޅޭއްލެވުމާއި ސަކަރާތްޖެހުމާއި، މަލާމާތް ކުރުމާ، މިގޮތުން ވަރަށް ދަތިގޮތަކަށް، ވަރަށް ނޭދެވޭގޮތަކަށް، ވަރަށްގިނަ ތަންތާނގެ ކުޑަކުދިންގެ ޢަމަލުތައް ހުރޭ. އެއީވެސް އެކުދިން ބަލާނެ ބަޔަކު ނެތީމާ. ނުވަތަ އެކުދިންނަށް އިރުޝާދު ދޭނެ ބަޔަކު ނެތީމާ. ނޫނީ އެކުދިންގެ ކަންތައްތައް ބަލަހައްޓާނެ ބަޔަކު ނެތީމާ ވެގެންއުޅޭ ގޮތެއް. ކޮންމެ މީހަކަށްވެސް ބެލޭނީ އެމީހެއްގެ ކުއްޖެއް ނުވަތަ އެމީހެއްގެ ދަރިއެއް. އެހެން މީހުންނަކަށް ނުބެލޭނެ.
 
އެހެން ނަމަވެސް  އަޅުގަނޑު މިދެންނެވި ގޮތަށް، އަވަށް އަވަށުގައި ކޮމިޓީތަކެއް އުފެދިގެން، އެކޮމިޓީތަކުގެ މެންބަރުންގެ ވާޖިބަކަށް އެފަދަ ކަންތައްވެސް ހައްދަވައިފިއްޔާ، އަދި އެކަންތައްތައް ބަލަހައްޓައިފިއްޔާ، އަޅުގަނޑު ހިތުން ވަރަށް އަވަހަށް މިކަންތައްތައް ރަނގަޅު ކުރެވިދާނެ. އަޚްލާޤީ ގޮތުން ބަލާއިރު ވަރަށްގިނަ ނުބައި ކަންތައްތައް އަޅުގަނޑުމެންގެ ތެރޭގައި ފެތުރިފައިވޭ. އަދި ފެތުރެމުންދޭ. މިހާރަކަށް އައިސް، މަސްތުވާތަކެތީގެ ޢަމަލުވެސް، އަޅުގަނޑުމެންގެ ތެރޭގައި ފެތުރިފައިވަނީ. ކޮންމެވެސް މިންވަރަކަށް ނަމަވެސް އެއީވެސް އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް ނުބެލެހެއްޓޭތީ ވާކަމެކޭ. އަޅުގަނޑުމެން، މައިންބަފައިންގެ ގޮތުން އަޅުގަނޑުމެންގެ ދަރިންނަށް އެ ފުރްޞަތުދޭތީ، އެހެން އެވަނީ. ނޫނީ އެކުދިން އެބާވަތުގެ ޢަމަލުކުރީމާ، އަޅުގަނޑުމެންނަށް ވާގޮތަކީ، އަޅުގަނޑުމެންނަށް އެމީހުން އެކަންކުރާ ކަމަކަށް ގަބޫލެއް ނުކުރެވޭ. ނޫނީވިއްޔާ އެއީ އެހެން ކޮންމެވެސް ކުއްޖެއްގެ ތައުސީރުން އެހެން ބައެއްގެ ފަރާތުން ވީކަމެއް ކަމަށް ގަބޫލުކުރެވެނީ. ތިމާގެ އަމިއްލަ ދަރިފުޅު އޭނަ އެއީ ނުބައި ކުއްޖެއް ކަމަކަށް ގަބޫލެއް ނުކުރެވޭ. އަދި އަޅަންވާ ފިޔަވަޅެއްވެސް ނޭޅޭ. އެކަންތައްތަކަކަށް އަޅުގަނޑުމެންނަށް ކުރިއަކުން ހެއެއްނުލެވޭ. ހޭލެވުނު ކަމުގައިވިޔަސް، އަޅުގަނޑުމެންނަށް ވާގޮތަކީ ލޯމަރާލެވެނީ. އަޅުގަނޑުމެންގެ އަމިއްލަ ކުދިންގެ ގޯހެއް ނުވަތަ ކުށެއް އަޅުގަނޑުމެންނަކަށް މާފަސޭހައަކަށް ނުފެނޭ. އެހެންވީމާ، އެކަހަލަ ކަންތައް އަޅުގަނޑުމެންގެ ތެރޭގައި ގިނަވެ ފެތުރެނީ. މިއީ ހަމަ މިސާލެއްގެ ގޮތުން މި ދަންނަވާލީ. އަޚްލާޤީ ގޮތުންނާއި ދީނީގޮތުން ބަލާއިރުވެސް މިކަހަލަ ވަރަށް ނޭދެވޭ ކަންތައްތައް ފެތުރިގެންދަނީ، އެއްވެސް ހިފެހެއްޓުމެއްނެތި، މިކަންތައްތަކަށް. ބައެއް ކަންތައްތަކަށް ޤާނޫނުވެސް ހެދިފައި އެބަހުރި. މަސްތުވާތަކެއްޗާބެހޭ ޤާނޫނެއް އެބައޮތް. އެކަހަލަ ކަމެއް ކޮށްފި މީހަކު 12 އަހަރާއި 22 އަހަރާ ދެމެދުގެ މުއްދަތަކަށް އަރުވާލާ ޤާނޫނެއް އެބައޮތް. ފަސްހާސް ރުފިޔާއާއި، ދެ ލައްކަ ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ޖޫރިމާނާކުރާ ގޮތެއްވެސް އެ ޤާނޫނުގައިވޭ. އެހެން ނަމަވެސް، އެހިސާބަށް ދާނީ ކިތައް މީހުންތޯ؟ އެކަންތައް އެކުރާ ބައެއްގެ ވަރަށްމަދު ބަޔަކު ނޫނީ ނުހިފޭ. އެހެންވީމާ، އެކަންތައް ދަނީ ނުހުއްޓުވިގެން. އެހެން ނަމަވެސް، އެކަމަށް ހޭލާ ތިބެގެން އަޅުގަނޑުމެން އެއީ ޤާނޫނު ރައްކާތެރި ކުރާ ބަޔަކަށް ވެއްޖިއްޔާ، އަޅުގަނޑު ހިތުން އެކަހަލަ ކަންތައް ހުއްޓުވިދާނެ.
 
ދެން އަޅުގަނޑު ކުރިންވެސް ދެންނެވިހެން، ޤާނޫނު ނުހެދޭ ކަންތައްވެސް ހުންނާނެ. ހަރުކަށި ޤާނޫނަކުން ނުކުރެވޭ ކަންތައްތައް ގިނަވާނީ. އެކަންތައްތައް އަޅުގަނޑުމެން އަމިއްލައަށް ގަބޫލުކޮށްގެން އެއީ އަޅުގަނޑުމެން އަމިއްލަ ކަމެއް ކަމުގައި ހަދައިގެން، ދެކިގެން ނޫނީ ނުވާކަހަލަ ކަންތައްތައް ބައިވަރު. ވީމާ، އަޅުގަނޑުގެ މި ޚިޔާލަކީ މިދެންނެވި ގޮތުގެ މަތިން އަވަށް އަވަށުގެ ގޮތުގައި ކޮމިޓީތަކެއް އުފެދިގެން، ކޮމިޓީގެ ވާޖިބުތަކެއް ކަމުގައި ދެކިވަޑައިގެން، އަވަށުގެ ކަންތައްތައް ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރުން އެއީ، މިރޭ މިދެންނެވިފައި ވަނީ ވަކިގޮތަކަށް ބަލާފައި، ވަކިބޭފުޅުން ކޮޅަކަށް ދެންނެވުނީކީ ނޫން. ކޮންމެ އަވަށަކުންވެސް ގާތްގަނޑަކަށް ފަންސަވީހަކަށް ތިރީހަކަށް ބޭފުޅުންނަށް ދެންނެވި ދެންނެވުމެއްގައި ތިޔަބޭފުޅުންނަށް ދެންނެވިފައިވަނީ. މިރޭ ވަޑައިނުގަންނަވާ، އަޅުގަނޑު ހިތުން ކޮންމެ އަވަށެއްގައިވެސް ވަރަށް ބޭނުންތެރި، ވަރަށް މުހިންމު ބޭފުޅުން ތިއްބަވާނެ. އެހެންވީމާ، އެއީކީ އެއްވެސް މައްސަލައެއް ކަމުގައި ނުހެއްދެވުން އެދެން. އަނެއްކާ މިކަމުގައި ތިޔަ ހުރިހާ ބޭފުޅުން އެއްވަރަކަށް ބައިވެރިވެވަޑައިގަންނަވަން އަޅުގަނޑު ދަންނަވަނީއަކީވެސް ނޫން. މިކަމަކީ އަޅުގަނޑު ކުރިންވެސް ދެންނެވިހެން، އަމިއްލައަށް ތިމާގެ ހިތުގައި އެކަންކުރާހިތް އޮތީވިއްޔާ އެކަންވާނީ. އެގޮތްތައް ސަރުކާރުން ބާރުއަޅައިގެން ސަރުކާރުން ވަކިގޮތަކަށް ހަމަޖައްސައިގެން މީހުން ލައްވާ ކަމެއް ކުރުވަން އުޅުވަނީއަކީ ނޫން. މި ޚިޔާލު އަޅުގަނޑު މިކުރަނީ ތިޔަބޭފުޅުންނަށް އެއީ ރަނގަޅު ޚިޔާލެއް ކަމުގައި ފެނިވަޑައިގެންފިއްޔާ، ތިޔަބޭފުޅުން އަމިއްލަގޮތުން އަމިއްލަފުޅަށް ކުރައްވާ ކަމެއްގެ ގޮތުގައި އެކަން ކުރައްވަންވާނީ. އެއީ، އަޅުގަނޑު ކުރިންވެސް ދެންނެވިހެން ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގައިވެސް މިކަހަލަ ގޮތްތައް ރޭވިފައި އޮންނާތީ، އަޅުގަނޑު ހިތަށްއެރީ، ދިވެހިރާއްޖޭގައިވެސް މިކަހަލަ ގޮތަކަށް ހަމަޖެހިފައި އޮތުން އެއީ ވަރަށް މުހިންމު ކަމެކޭ، އެގޮތަށް ނުވެގެންނޭ، އަޅުގަނޑުމެންނަށް އިޖްތިމާޢީ ގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުންވެސް ތަރައްޤީގެ މަގުގައި ކުރިއަށް ދެވޭނީ. ހަމައެކަނި ސަރުކާރުން ކުރާ ކަމަކުން ހުރިހާ ކަމެއް ރަނގަޅު ނުކުރެވޭނެ. އަޅުގަނޑުމެން ވަނީ އަލަށް އާގޮތަކަށް ތަރުބިއްޔަތުވާން ޖެހިފައި.
 
އަޅުގަނޑު ކުރިން، މީގެކުރިން ކޮންމެވެސް އެއް މުނާސަބަތެއްގައި ތަންކޮޅެއް ދިގުކޮށް ވާހަކައެއް ދެއްކިން. އޭގެ ބޭނުމަކީ އަޅުގަނޑުމެން މިހާރު ތަރުބިއްޔަތުވެފައި މިވާގޮތުން އަޅުގަނޑުމެންނަށް އަހަންމިއްޔަތުކަން ދެވެނީ، އަޅުގަނޑުމެންގެ އަމިއްލަ ކަންތައްތަކަށް. ކޮންމެ މީހަކުވެސް ބަލަނީ އެމީހެއްގެ އަމިއްލަ ކަންތައްތަކަށް. އެމީހެއްގެ އަމިއްލަ ފައިދާއަށް. އެމީހަކަށް ލިބޭނެ ގެއްލުމަކަށް. އަޅުގަނޑު އެރޭ ދަންނަވާލި ހަނދާންވޭ. ރައްޔިތުންގެ މަޖިލީހުން ޤާނޫނެއް ފާސްކުރިޔަސް، އަދި ސަރުކާރުގެ އެއްވެސް ފަރާތަކުން އެއްވެސް ކަމަކާ ބެހޭގޮތުން ފިޔަވަޅެއް އެޅުއްވިޔަސް، ނޫނީ، އެއްވެސް ކަހަލަ އެހެން ކަމެއް ހަމަޖެހިގެންދިޔަސް، ކޮންމެ މީހަކަށްވެސް އެންމެ ފުރަތަމަ ވިސްނާލެވެނީ، އެކަމަކުން ތިމާއަށް ލިބޭނީ ކޮން ފައިދާއެއްބާވައޭ ނުވަތަ ކޮން ގެއްލުމެއްބާވައޭ. މިއީ އަޅުގަނޑުމެން ތަރުބިއްޔަތުވެފައިވާ ގޮތް. ނުވަތަ އަޅުގަނޑުމެންނަށް ފަހަކަށްއައިސް ދަސްވެފައިވާ ގޮތް. އަޅުގަނޑުވެސް ގަބޫލުކުރަން، މިއީ އަޅުގަނޑުމެންގެ ދިވެހިންގެ ގޮތެއް ނޫންކަން. ހަމައެކަނި ވަކި ސަބަބުތަކެއް މެދުވެރިވެގެން، ވަކިގޮތަކަށް އަޅުގަނޑުމެންގެ ކަންތައް ވަރަށްގިނަ ދުވަސް ވަންދެން ހިންގާފައި އޮވެގެން، އެކަމުގެ ސަބަބުން ވެފައިވާ ގޮތެއްކަން.
 
އެހެން ނަމަވެސް، ދިވެހީންނަކީ ތާރީޚަށް ބަލާއިރު، އެމީހުންގައި ވަރަށް ހަރުދަނާ މިންވަރަކަށް އަޅުގަނޑުމެންގެ ރޫޙު އުފެދިފައވާ ބައެއް. އަޅުގަނޑުމެންގެ ތާރީޚު، އެއިން ހެކިދޭ ހުރިހާ ކަމެއްގައިވެސް ޤައުމީ ކަންތައްތައް އިސްކުރަމުން އައިސްފައިވާ ބައެއް. ހަމަ މިހާރުވެސް އަޅުގަނޑު މިދަންނަވަނީ ކިތަންމެ ކުޑަ ކަމަކަސް، ނުވަތަ ކިތަންމެ މުހިންމު މަސައްކަތެއް ފެށި ކަމުގައިވިޔަސް، ވަރަށް އަވަހަށް އަމިއްލަ ފަރާތްތަކުން އެކަމަށް އެހީ ލިބެމުންދޭ. އެއީ އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އައި.ވައި.ސީ ފަންޑަށްވީ ކަމުގައިވިޔަސް، ނުވަތަ ބިން ހިއްކުމުގެ މަޝްރޫޢާ ބެހޭގޮތުން ކަމުގައިވިޔަސް، ކޮންމެ މަސައްކަތެއްވެސް ފަށާ ތަނުން ވަރަށްބޮޑު ތަރުޙީބެއް އަޅުގަނޑުމެންގެ ވަރަށް ގިނަ މީހުން ދޭ. އެހެންވީމާ، އެހުރިހާ ކަމަކުން ދައްކަނީ، އަޅުގަނޑުމެންނަކީ ހިތުގެ އެންމެ އަޑިން ޤައުމީ ކަންތައްތަކަށް ވަރަށްބޮޑު އަހަންމިއްޔަތެއް ދޭ ބައެއްކަން. އަޅުގަނޑުމެން ހަމަ އިސްކަންދެނީ ޙަޤީޤަތުގައިވެސް އެބާވަތުގެ ކަންތައްތަކަށް. އެހެން ނަމަވެސް، ކަން ދިމާވެފައި އޮންނަ ގޮތުން، އަޅުގަނޑު މިދެންނެވިހެން އަމިއްލަ ކަންތައްތަކަށް އިސްކަންދެވޭގޮތްވެސް ދިމާވަނީ. އެހެންވީމާ، އެއީ އަޅުގަނޑުމެން ތަރުބިއްޔަތު ވެފައިވާ ގޮތުން ނުވަތަ އަޅުގަނޑުމެންނަށް ފަހަކަށް އައިސް ކަންތައްތައް ދިމާވެފައިވާ ގޮތަކުން ވެފައި އޮތް ކަމެއް. މިކަންތައްތައްވެސް ރަނގަޅު ކުރެވޭނީ އަޅުގަނޑުމެން ރައްޔިތުންގެ ގޮތުގައި އަމިއްލަގޮތުން މިކަމަށް ބާރުއަޅައިގެން، މިކަމަށް މަސައްކަތް ކޮށްގެން ކަމަށް އަޅުގަނޑަށް ފެންނަނީ.
 
ދެން އެއީ އަޅުގަނޑު ދަންނަވާލަން ބޭނުންވި ކަމަކީ. ކުރީ ދުވަހު އަންހެން ބޭފުޅުންނާވެސް ބައްދަލުކޮށްފައި ދެއްކި ވާހަކައަކީވެސް އެއީ. އޭގެ ޚުލާޞާއަކީވެސް މިދެންނެވީ. ދެން އެދުވަހު އެބޭފުޅުންނަށް ދެންނެވި ފަދައިން، އަޅުގަނޑުގެވެސް ޚިޔާލަކީ، ކޮންމެ އަވަށެއްގައިވެސް އަވަށު ރައްޔިތުންގެ ކޮމިޓީ ސިޓީއެއް އޮތުން. އެ ކޮމިޓީގެ މެންބަރުން، މިދެންނެވި ފަދަ ކަންތައްތައް ރާއްވަވައި، އަވަށުގައި އިންތިޒާމް ކުރައްވައި ދެއްވުން. އަޅުގަނޑު ކުރިންވެސް އިޝާރަތްކޮށްލި ފަދައިން، އޭގެ ބޭނުމަކީ އެއްވެސް ޙައިޘިއްޔަތަކުން އަލުން އަވަށު ވާދަ އުފެއްދުމެއް ނޫން. ނޫނީ އަވަށު ރޫޙެއް އުފެއްދުމެއް ނޫން. ހަމައެކަނި މާލެ ކަހަލަ ރަށެއްގައި، މިކަހަލަ ކަންތައްތައް ކުރެވޭނީ ބައިބަޔަށް ބެހިފައި އޮވެގެން ކަމަށްވާތީ، މިހާރުވެސް ޠަބީޢީ ގޮތުން ބެހިފައި އޮންނަ ބައިތަކެއް އެއީ. އެހެންވީމާ، އެގޮތުން އަޅުގަނޑު އެކި އަވަށުގެ ބޭފުޅުންނަށް ދަންނަވާލީ، އަދި އަވަށު ކޮމިޓީތަކެއް އުފެއްދުމުގެ ބޭނުމުގައި، އެއިން ބޭފުޅުންކޮޅަކަށް އަޅުގަނޑު ފާޅުކުރާ ޚިޔާލު.
 
ވީމާ، ދެން އޭގެ މާގިނަ ވާހަކަތަކެއް ދެއްކުމުގެ ބޭނުމެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން. މިކަމާ ބެހޭގޮތުން ތިޔަބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅަކު އެއްޗެއް ވިދާޅުވަން ބޭނުންފުޅުނަމަ، ވިދާޅުވުމުގެ ދޮރު އަޅުގަނޑަށް ހީވަނީ ހުޅުވިފައިހެން އޮތީ. ތިޔަބޭފުޅުންގެ އަރިހުގައި މަޤްބޫލު ޚިޔާލަކަށް ވެއްޖެ ކަމަށް އަޅުގަނޑު ހީކުރަން، ތިޔަބޭފުޅުން ތިޔަ ދެއްކެވި ވާހަކަފުޅުތަކުން. އެހެންވީމާ އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އަދި ވަރަށް ބޮޑަށް އުންމީދު ކުރަން. ވަރަށް އަވަހަށް ތިޔަބޭފުޅުން ޢަމަލީގޮތުން މި ޚިޔާލަށް އިތުރު ތަރައްޤީއެއް ގެންނަވާނެ ކަމަށް. އަދި އެކަމަށް އެހީއެއް ބޭނުންފުޅުވާ ކަމަށްވަންޏާ، އެކަން އަޅުގަނޑު ހިތުން ހަމަޖެހޭނެ. އަދި އެއްވެސް ޚިޔާލެއް ސީދާ އަޅުގަނޑަށް ހުށަހަޅުއްވަން ބޭނުންފުޅުވާ ކަމަށްވަންޏާ، އަޅުގަނޑުވެސް ވަރަށް އުފަލާއެކު ތިޔަބޭފުޅުންނާ ބައްދަލުކޮށް، ޚިޔާލު ބަދަލުކޮށް ހަދާނަން.
 
ވީމާ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެން ކުރަން ކުރިމަތިލާ މަސައްކަތުގައި މާތްﷲ އަޅުގަނޑުމެންނަށް ތައުފީޤު ދެއްވުން. އަދި އަޅުގަނޑުމެން އެންމެން ރައްޔިތުން އެކަތިގަނޑަކަށް ވެގެން ކުރާ މަސައްކަތުގެ ނަތީޖާ، ހުރިހާ ގޮތަކުންވެސް ވަރަށް އަވަސް މަގަކުން މާތްﷲ ދެއްކެވުން. އެއީ ޚާއްޞަކޮށް، ކުދިން ތަރުބިއްޔަތު ކުރުމުގެ ރޮނގުންނާއި، އަޚްލާޤީ ގޮތުންނާއި، ޞިއްޙީ ގޮތުންނާއި، ތަޢުލީމީ ގޮތުންނާއި، އަދި އަޅުގަނޑުމެންގެ ޤައުމު ތަރައްޤީ ކުރަން ބޭނުންވާ ހުރިހާ ގޮތަކުންވެސް.
 
އެހެންކަމުން، ތިޔަބޭފުޅުންވެސް އަޅުގަނޑުގެ ޚިޔާލަށް ދެއްވި ތަރުޙީބަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ކުރަމުން، ދެން އިތުރަށް އެހެން ބޭފުޅަކު އެއްޗެއް ވިދާޅުވަން ގަސްދު ނުކުރައްވާހެން ހީވާތީއާއެކުގައި، މިރޭ ދެން މިހިސާބަށް ނިންމާލަނީ.
 
           والســّلام عليــكم.