މި ސަރުކާރުން ޤަބޫލުފުޅު ކުރައްވާ ފަލްސަފާއަކީ ރާއްޖޭގައި ރައްޔިތުންގެ ސަރުކާރެއް އޮތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޭގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި އޮންނަންވާނީ ރައްޔިތުންގެ ގިނަ ބަޔަކު ޤަބޫލުކުރާ އުސޫލުތަކެއްގެ މައްޗަށް ހިނގާ، ދުސްތޫރީ ވެރިކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުން މަސައްކަތްކުރައްވަނީ ދިވެހި ރައްޔިތުންނަށް ގެއްލިގެންދާ ހުރިހާ ޙައްޤުތައް އަލުން އިޢާދަކޮށްދެއްވަން ކަމުގައި ވިދާޅުވިއެވެ. އަދި، މި ސަރުކާރުގެ އަމާޒުފުޅަކީ މުޅި ދިވެހި ރައްޔިތުންނަށް ބޭނުންވާ އުފާ ފާގަތިކަން ގެނެސްދެއްވައި، ރާއްޖެއަށް ހަމަޖެހުމާއި އަމާންކަން ގެނެސްދެއްވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރާއްޖޭގެ ކަންކަން ނިންމުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު އޮންނަންވާނީ ދައުލަތުގެ ވެރިންގެ އަތްމަތީގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ޤަބޫލެއް ނުކުރެވޭ ޢަދުލު އިންސާފު ޤާއިމްކޮށްދޭން މަސައްކަތްކޮށްދޭ ފަނޑިޔާރުން ގެއްލިގެން ދާންވާނެ ކަމަކަށް. އަޅުގަނޑުމެންނަށް ޤަބޫލެއް ނުކުރެވޭ ސިޔާސީ ވެރިން ނިޒާމުން ގެއްލިގެންވާނެ ކަމަކަށް. އަޅުގަނޑުމެންނަށް ޤަބޫލެއް ނުކުރެވޭ އިދިކޮޅުގައާއި ވެރިކަމުގައި ތިބޭއިރު އަބަދު މަގުމަތީގައި ތިބެންޖެހޭނެ ކަމަކަށް. އަޅުގަނޑުމެން ޤަބޫލެއް ނުކުރަން ދިވެހިރާއްޖޭގައި އެހެން ދީންތައް އޮންނަންވާނެ ކަމަކަށް. އަޅުގަނޑުމެން ޤަބޫލުކުރަނީ ދިވެހި ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުމާއި މަސްލަހަތާއި ސުލްޙަވެރިކަން."

މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުގެ މަތީ ފަންތީގައި މަސައްކަތްކުރެއްވި އެތައް ބޭފުޅުންނެއް މިހާރު ސަރުކާރާ ވަކިވެވަޑައިގެންފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި، އޭގެ ތެރެއިން ބައެއް ބޭފުޅުން އިންސާފުގެ ކުރިމައްޗަށް ހުށަހެޅުނީ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ކަމަކުން ނޫންކަމަށާއި، އެއީ އެބޭފުޅުންގެ އަމިއްލަ އިޚްތިޔާރުގައި ކުރެއްވި ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އެއްވެސް ފަރާތެއް އިންސާފަށް ހުށަހެޅޭއިރު އެ ބޭފުޅަކާ އިންސާފާ ދޭތެރޭގައިވާ ހުރަހަކަށް އެމަނިކުފާނު ވެވަޑައިނުގަންނަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި އެބޭފުޅަކު ކުށުން ބަރީޢަވުމަކީ އެބޭފުޅަކު އަމިއްލަފުޅަށް ހޯއްދަވާނެ ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ހަކަތައަކީ ޒުވާނުންކަމުގައި ސިފަ ކުރެއްވިއެވެ. އަދި، ޒުވާނުން މަސައްކަތް ކޮށްގެންނޫނީ ދިވެހިރާއްޖެއަށް އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ހަމަޖެހުން ނާންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ޒުވާނުން ބާރުވެރި ކުރުވައި ކުރިއަރުވަން ސަރުކާރުން ކުރައްވަމުން ގެންދަވާ އެކިއެކި މަސައްކަތްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ.

މީގެ އިތުރުން، އަންހެނުންގެ ޙައްޤުތައް ރައްކާތެރި ކުރެއްވުމަށްޓަކައި މި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ.