ޓެރަރިޒަމް ހުއްޓުވުމަށްޓަކައި މިސަރަޙައްދުގެ ޤައުމުތަކަށް އެކީގައި މަސައްކަތް ކުރެވިދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ސްރީލަންކާގެ ޚާރިޖީ ވަޒީރު، ހިޒް އެކްސެލަންސީ މިސްޓަރ މަންގަލަ ސަމަރަވީރައާއި މާލީ ވަޒީރު، ހިޒް އެކްސެލަންސީ މިސްޓަރ ރަވީ ކަރުނަނަޔަކެ ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ‏ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އެކި ދާއިރާތަކުން އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުން ސްރީލަންކާގެ ޚާރިޖީ ވަޒީރާ އަދި މާލީ ވަޒީރާ މަޝްވަރާ ކުރައްވާފައެވެ.

ސްރީލަންކާގެ ޚާރިޖީ ވަޒީރު މިބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއަށް އައުމަށް ދަޢުވަތު ދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދެންނެވިއެވެ. އަދި، ސްރީލަންކާގެ ފަރާތުންވެސް ދިވެހިރާއްޖެއާއި ދެމެދުގައިއޮތް ގުޅުން ވަރުގަދަކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގައި އެއްބާރުލެއްވުން ދެއްވާނެކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮނަރަބަލް ދުންޔާ މައުމޫނާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަޞީރު މުޙަންމަދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.