ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްމަރްޙޫމް ޢަބްދުއްސައްތާރު މޫސާދީދީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުގެ ހިތާމައިގައި ބޭއްވި ތައުބީނުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގެންފިއެވެ. މިޖަލްސާ ބާއްވާފައިވަނީ މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

މިރޭގެ ޖަލްސާގައި، އަލްމަރްޙޫމް ޢަބްދުއްސައްތާރު މޫސާދީދީގެ ހަނދާނުގައި "ފަނޑުވުމެއް ނެތް ހަނދާންތައް"، މިނަމުގައި ތައްޔާރުކޮށްފައިވާ ފޮތް ރައީސުލްޖުމްހޫރިއްޔާ ވަނީ ނެރުއްވައިދެއްވާފައެވެ. އަދި، މިފޮތާއި އެކު މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ބޭއްވި ތަޢުޒިޔާގެ ފޮތް، އަލްމަރްޙޫމް ޢަބްދުއްސައްތާރު މޫސާދީދީގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ވެދުން ކުރެއްވިއެވެ.

މި ޖަލްސާގާއި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމްއާއި، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާގެ ލަޤަބު އަރުވާފައިވާ އަލްފާޟިލް ޢަބްދުއްރަޝީދު ޙުސެއިންއާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަޞީރު މުޙައްމަދުއާއި، އަލްމަރްޙޫމް ޢަބްދުއްސައްތާރު މޫސާދީދީގެ ޢާއިލާގެ ފަރާތުން އަލްފާޟިލް ޠާރިޤް އިބްރާހިމް ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.