بســم اللّـه الرّحمـن الرّحيــم
             
السّلام عليــكم
 
       ކީރިތިވަންތަ މާތްﷲގެ ކިބަޔަށް ޙަމްދާއި ޝުކުރުކުރަން. އަދި މި އުންމަތުގެ މާތް ރަސޫލާގެ މައްޗަށް ޞަލަވަތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.
 
މިއަދު ރޭޑިއޯ މޯލްޑިވްސް އިން މި ފަށްޓަވާ އާ ދީނީ ޕްރޮގްރާމުގައި އަޅުގަނޑު ދެތިން ބަހެއް، ތިޔަބޭފުޅުންގެ އަރިހަށް ފޮނުވުމަށް މި ލިބުނު ފުރްޞަތަށްޓަކައި ވަރަށް ބޮޑަށް އުފާކުރަން. އަޅުގަނޑުމެން ދިވެހިންނަކީ، މާތްﷲގެ ރަޙްމަތްފުޅުން ސަތޭކައިންސަތޭކަ މުސްލިމް ބައެއް. ވުމާއެކު، މިފަދަ ދީނީ ޕްރޮގްރާމެއްގެ ބޭނުންތެރިކަން އެއީ އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް ވަންހަނާވެގެންވާނެ ކަމެއް ނޫން. އަޅުގަނޑު ދެކޭގޮތުގައި، މިފަދަ ޕްރޮގްރާމެއްގެ ބޭނުމަކަށް ވާންވާނީ، އަޅުގަނޑުމެންގެ ޢާންމު ރައްޔިތުންނަށް އިސްލާމްދީނުގެ މާތް އުޞޫލުތައް ހާމަކޮށްދިނުން. އަފްރާދުންނާއި ޖަމާޢަތުގެ ޙަޔާތުގައި ދިމާވާ އެކިބާވަތުގެ ކަންކަމާމެދު ދީނީ ނަޒަރަކުން ބަލައި، އެކަންކަމާ ބެހޭގޮތުން ޢާންމުންނަށް އިރުޝާދު ދިނުން.
 
އާދެ، ރޭޑިއޯގެ އަޑަކީ އަޅުގަނޑުމެންގެ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށްވެސް ލިބޭ އެއްޗެއް. ރޭޑިއޯއިން ފޮނުވާ ޚަބަރުތަކާއި، ތަފާތު ޕްރޮގްރާމްތަކަކީ، މުޅި ރާއްޖޭގެ ރައްޔިތުންނަށްވެސް އިވޭ އެއްޗެކޭ ދެންނެވުމަކީ ދޮގަކަށްނުވާނެ. ވީމާ، ޢާންމު ރައްޔިތުންނަށް ފައިދާހުރި މަޢުލޫމާތާއި އިރުޝާދުގެ މައްޗަށް އެކުލެވޭ މިފަދަ ޕްރޮގްރާމެއް ރޭޑިއޯގެ ޛަރީޢާއިން ފޮނުވާގޮތަށް ހަމަޖެހުމަކީ ވަރަށް ބޭނުންތެރި ކަމެއްކަން ކަށަވަރު.
 
އާދެ، އަޅުގަނޑުމެން އެންމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން. ކީރިތި ﷲގެ ރަސްކަންފުޅަށް އީމާންވެ ތިބި مُحَمَّـد صـلّى الله علـيـه وسـلّم މާތް ނަބިއްޔާގެ ރިސާލަތު ގަބޫލުކޮށްގެން ތިބި، ކީރިތި ޤުރްއާނުގެ ޢިއްޒަތްތެރި އަހުލުވެރީން. ޝައްކެއްނެތް، އަޅުގަނޑުމެންނަށް ލިބިފައިވާ ޙަޤީޤީ މިނިވަންކަމަކީ އިސްލާމްދީނުގެ މިނިވަންކަން. އަޅުގަނޑުމެންނަށް ލިބިފައިވާ ޙަޤީޤީ ޝަރަފަކީވެސް އިސްލާމްދީނުގެ ޝަރަފު. އަޅުގަނޑުމެންނަށް ލިބިފައިވާ ޢިއްޒަތާއި ޤަދަރަކީވެސް އިސްލާމްދީނުގެ ޢިއްޒަތާއި ޤަދަރު. އާދެ، މާތްﷲގެ ވަޙީގެ ބަސްފުޅު އައްސަވާލައްވާ! [وَلِلَّـهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ] [ހުރިހާ ޢިއްޒަތަކާއި ޝަރަފެއްވަނީ މާތްﷲގެ ރަސްކަންފުޅަށެވެ. އަދި އެކަލާނގެ ރަސޫލާއަށެވެ. އަދި އެންމެހައި މުއުމިނުތަކުންނަށެވެ.]
 
އާދެ، މާތްﷲގެ މި ޙައްޤު ބަސްފުޅުގައި ކަނޑައަޅުއްވައި އަންގަވާފައިވާ ފަދައިން، އަޅުގަނޑުމެންނަށް ލިބިފައިވާނަމަ ލިބިފައިވާ ހުރިހާ ޢިއްޒަތަކާއި ހުރިހާ ރީތި ނަމެއްގެ އަޞްލަކީ، މާތްވެގެންވާ އިސްލާމްދީން ކަމުގައިވީހިނދު، އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ އިސްލާމްދީނުގައި ހިފަހައްޓައި، ހުރިހާ ކަމެއްގައިވެސް އިސްލާމީ އުޞޫލުތަކަށް ބޯލެނބުންކަމާމެދަކު ޝައްކެއްނެތް.
 
މި މަޤާމުގައި، ވަރަށް މުހިންމު ނުކުތާއަކާމެދު ވިސްނާލަންޖެހޭކަމަށް އަޅުގަނޑު ދެކެން. މިދެންނެވި ނުކުތާއަކީ، ފަހަކަށްއައިސް ބައެއް މީހުންގެ ހިތްތަކުން އިސްލާމީ ރޫޙުގެ އަސަރު ފިލައިގެން ދިއުމުގެ ސަބަބުންނާއި، އަދި ޣައިރު އިސްލާމީ އެކިއެކި އޮއިވަރުތައް މުސްލިމުންގެ މެދުގައިވެސް ފެތުރެމުން ދިއުމުގެ ސަބަބުން، އިސްލާމްދީނަކީ އުނދަގޫ ބުރަ ތަކުލީފުތަކެއްގެ މައްޗަށް އެކުލެވިގެންވާ ހަރުކަށި ދީނެއް ކަމުގައި ބައެއް މީސްމީހުންނަށް ހީވެފައިވާ ހީވުން. ޝައްކެއްނެތް، މި ހީއަކީ ހަމަ މުޅިން ކުށްހީއެއްކަން ޔަޤީން. އާދެ، އިސްލާމްދީނަކީ، އެއްވެސް ޙާލެއްގައި އުނދަގޫ ދީނެކޭ ނުވަތަ ހަރުކަށި އުޞޫލުތަކެއްގެ މައްޗަށް ބިނާވެގެންވާ ދީނެކޭ ބުނެވޭކަށެއްނެތް. އަދި ނުވެސް އޮންނާނެ.
 
އިންޞާފުވެރި ނަޒަރަކުން ބަލައިލަމާ ހިންގަވާ! އިސްލާމްދީނުގައި ފަރުޟު ކުރައްވާފައިވާ ކަންތައްތައް އަދާކުރުމަކީ، އިންސާނެއްގައި ހުންނަންވާ ކެތްތެރިކަމާއި، މުރާލިކަމުގެ ކިތަންމެ ކުޑަ މިންވަރެއް ހުރި މީހަކަށްވެސް އުނދަގޫ ކަމަކަށްނުވާނެ. ހަމައެފަދައިން، ދީނުގައި ނަހީކުރައްވާފައިވާ ކަންތައްތަކުން ދުރުހެލިވުމަކީވެސް ޠަބީޢަތު ސަލާމަތުން ހުރި އެއްވެސް މީހަކަށް ދަތިކަމަކަށް ނުވާނެ.
 
ފަރުޟު ފަސްނަމާދަކީ ނުހަނު ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަދާކުރެވިދާނެ ކަމެއް. ރޯދަހިފުން ވާޖިބުވަނީ، އަހަރެއްގައިވާ 354 ދުވަހުން އެންމެ 29 ދުވަހު ނުވަތަ 30 ދުވަހު. ޒަކާތަށް ނެރެންޖެހެނީ، ޢާންމުކޮށް ބަލާއިރު، ނިޞާބު ހަމަވާ މީހާގެ މުދަލުގެ ހަމައެކަނި ސަތޭކައަކުން ދޭއް ދެބައިކުޅައެއްބައި. ޙައްޖު ވާޖިބު ވަނީ މުޅި ޢުމުރުން އެއްފަހަރު. މިހެން ވާޖިބުވަނީވެސް، ޙައްޖަށް ދިއުމުގެ ތަނަވަސްކަން ހުރި އެކަމަށް ކެރިކުޅަދާނަވެގެންވާ މީހުންގެ މައްޗަށް އެކަނި.
 
ދީނުގައި ފަރުޟު ކުރައްވާފައިވާ ކަންތައްތައް ފަރުޟު ކުރައްވާފައިވަނީ، މިހާ ލުއިފަސޭހަ ގޮތެއްގެ މަތިން ކަމުގައިވާއިރުވެސް، އެ ފަރުޟުތައް އަދާކުރުން އުނދަގޫވާކަހަލަ ޢުޛުރެއް މެދުވެރިވެއްޖެނަމަ، އެކަންތައްތައް ވަނީ އަދި އެއަށްވުރެވެސް ލުއިކޮށްދެއްވާފައި. އާދެ، މާތްﷲގެ އޯގާވަންތަކަމުގެ ކޮޅެއްވެސްނެތް. ނިކަން ވިސްނާވަޑައިގެންބައްލަވާ! ދަތުރުވެރިންނަށް، ހަތަރު ރަކުޢަތް ނަމާދު ޤަޞްރުކޮށް، ދެ ރަކުޢަތް ކުރުމާއި، އަދި ދޭދޭ ނަމާދު ޖަމްޢުކޮށް އެއްވަގުތެއްގައި ކުރުމުގެ ރުޚްޞަތު ވަނީ ދެއްވާފައި. ވުޟޫ ނުކުރެވޭފަދަ ޙާލެއްގައިވާ މީހަކުނަމަ ތަޔައްމުމު ކުރުމުގެ ހުއްދަވަނީ ދެއްވާފައި. އަންހެނުން، އެމީހުންގެ ޚާއްޞަ ޢުޛުރު ދިމާވެގެން ތިބޭ ތިބުމުގައި ފާއިތުވާ ނަމާދު ޤަޟާކުރާކަށެއް ނުޖެހޭ. ދަތުރުވެރިންނާއި ބަލިމީހުން ރޯދަހިފުމަށް ޢުޛުރުވެރިވެއްޖެނަމަ، ރޯދަ ވީއްލައި، ދަތުރު ނިމުމުން، ނުވަތަ ބަލިފަސޭހަވުމުން، ފާއިތުވީ ރޯދަ ޤަޟާކުރުންވެސް ވަނީ ހުއްދަ ކުރައްވާފައި. ހަމައެފަދައިން، މުސްކުޅިވެ ހަށިގަނޑު ދެރަވެ، ރޯދަ ހިފުމަށް ނުކުޅެދިއްޖެ މީހާ، ރޯދަ ހިފުމުގެ ބަދަލުގައި ފިދްޔަ ދިނުމުގެ ރުޚުޞަތުވެސް ވަނީ ދެއްވާފައި.
 
ޝައްކެއްނެތް، [يُرِيدُاللَّـهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ] [މާތްﷲ ތިޔަބައިމީހުންނަށްޓަކައި އިރާދަކުރައްވަނީ ލުއިފަސޭހަގޮތޭ، އަދި ތިޔަބައިމީހުންނަށް ދަތި އުނދަގޫ ގޮތެއް އިރާދައެއްނުކުރައްވައޭ.] މިހެން ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވަނީ، މިދެންނެވި ފަދަ ލުއިފަސޭހަ ގޮތްތައް ޝަރްޢު ކުރައްވާފައިވާތީ.
 
މުޢާމަލާތުގެ ދާއިރާއަށް ނަޒަރު ހިންގާލިނަމަވެސް ފެނިގެންދަނީ ކޮޅެއްނެތްހާ ލުއި އަދި ފަސޭހަ އުޞޫލުތަކެއް. ގަނެވިއްކުމާއި، ތަކެތި ކުއްޔަށް ދިނުމާ، މިބާވަތުގެ ވިޔަފާރީގެ މުޢާމަލާތުތަކުގައި އަޞްލެއް ކަމުގައި ލައްވާފައިވަނީ، އެއްވެސް މަޖުބޫރުކަމެއްނެތި، ދެފަރާތުގެ ރުހުމާއެކު އެއްބަސްވާގޮތް. އެއްވެސް ކަމެއްގައި ޢަޤްދުކުރާ މީހާގެ ރުހުމާނުލައި މުޢާމަލާތެއް ނުހިންގޭނެ.
 
އިންސާނީ ޙަޔާތުގެ އެހެނިހެން ކަންކަމުގައިވެސް، ސަލާމަތް ބުއްދި ނިޔާކުރާ ގޮތުގެ މަތިން، ނުވަތަ އިޖްތިމާޢީ ޟަރޫރަތު ތަންދޭ ގޮތުގެ މަތިން، އެކަށީގެންވާ ކޮންމެ ކަމެއް ވަނީ ހުއްދަ ކުރައްވާފައި. ކެއުމާއި ބުއިން، މީހުނާ އިނުން، އަރާމުކުރުން، ދިރިއުޅުމަށް އެމީހަކު ބޭނުން މަސައްކަތެއް ކުރުން. މިނޫންވެސް މިބާވަތުގެ ހުރިހާ ކަމެއްވަނީ ހުއްދަކުރައްވާފައި. ޙަރާމް ކުރައްވާފައިވަނީ ހަމައެކަނި އެކަންކަމުން ތިމާއަށް ނުވަތަ އަނެކުންނަށް ކޮންމެވެސް ބޮޑު ގެއްލުމެއް ނުވަތަ އުނިކަމެއް ލިއްބައިދޭ ކަންތައްތައް. އާދެ، ވައްކަންކުރުން، މީހުން މެރުން، ބަނގުރާ ބުއިން، ޒިނޭކުރުން، މިބާވަތުގެ މުންކަރާތް ޙަރާމްކުރައްވާފައިވަނީ ހަމަ އަޅުގަނޑުމެންގެ ހަށިތަކާއި، ފުރާނަޔާއި، މުދަލާއި، ބުއްދިއާއި، ދަރިފަސްކޮޅާ، މިފަދަ ބޮޑެތި ނިޢުމަތްތައް ރައްކާތެރިކުރުމަށްޓަކައި.
 
ކަން މިހެން ހުރިއިރު،ބައެއް އެހެން ދީންދީނުގައި ކަންތައްތައް ހުރިގޮތަށް ނަޒަރު ހިންގާލައިފިނަމަ، ފެނިގެންދަނީ އިސްލާމްދީނުގައި ކަނޑައަޅުއްވާފައި މިވާ މާތް އަދި ފަސޭހަ އުޞޫލުތަކާ ވަރަށް ތަފާތު ގޮތްތަކެއް. އާދެ، ނަޞްރާނީ ދީނުގެ ބައެއް މަޛުހަބުގައި، އެމީހުންގެ ފާދިރީންނަށް، މީހުނާއިނުން ވަނީ މަނާކުރެވިފައި. ޝައްކެއްނެތްގޮތުގައި، މިއީ އިންސާނީ ޠަބީޢަތާ މުޅިން ޚިލާފު ކަމެއް. ޔަހޫދީ ދީނުގައި، ޔަހޫދީންގެ އެކަކު އަނެކަކު މެރުމަކީ މަނާކަމެއް ކަމުގައިވިޔަސް، އެހެން ދީނެއްގެ މީހަކު މެރުމަކީ މަނާކަމެއް ނޫން. އަދި ވަކިން ޚާއްޞަކޮށް، [ކަންޢާން]އޭ ކިޔުނު ދަރިކޮޅުގެ މީހުން މެރުމަކީ، އެ ދީނުގެ އަޙްބާރުން ބާރުވެސްއަޅާ ކަމެއް. ހިންދީ ދީނުގެ ބައެއް ޖަމާޢަތްތަކުގެ ދީނީ އުޞޫލުތައް ނިޔާކުރާގޮތުގައި، ފިރިމީހާ މަރުވެއްޖެނަމަ، އަނބިމީހާ ޖެހެނީ އަމިއްލައަށް މަރުވާން. އާދެ، މާތްވެގެންވާ އިސްލާމްދީން ފިޔަވައި އެހެން ކޮންމެ ދީނެއްގައިވެސް މިފަދަ އަނިޔާވެރި، ހަމަނުޖެހޭ އުޞޫލުތައް ހުންނަނީ މަދެއްކޮށްނޫން.
 
ކަން މިހެން އޮތުމާއެކު، ބުއްދި ގަބޫލުކުރާ އެއްވެސް އުޞޫލަކުން ބަލައިފިނަމަ، އިރުގެ އަލި ފަދައިން، އަބަދުވެސް ފެންނަން އޮންނަނީ އިސްލާމްދީނުގެ މާތްކަން. އިސްލާމްދީނުގެ ދީލަތިކަން. އިސްލާމްދީނުގެ މަތިވެރިކަން. އިސްލާމްދީނުގައި އިންސާނީ ޙަޔާތަށް ދެއްވާފައިވާ މަތިވެރި ދަރަޖަ. ޢާންމުކޮށް، އިންސާނުންގެ ފުރާނައަށާއި، ބުއްދިއަށާއި، މިނިވަންކަމަށާއި، ޝަރަފަށް ދެއްވާފައިވާ ޙުރްމަތްތެރިކަމުގެ ބޮޑުކަން.
 
އާދެ، މާތްﷲ ވަޙީކުރައްވާފައިވަނީ މިފަދައިން، [إِنَّ الدِّينَ عِندَ اللَّـهِ الْإِسْلَامُ] [ހަމަކަށަވަރުން، މާތްﷲގެ ޙަޟްރަތުގައި މަޤްބޫލުވެވިގެންވާ ދީނަކީ އިސްލާމްދީނެވެ.]  އަދިވެސް  ވަޙީކުރައްވާފައިވޭ، [وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ] [އިސްލާމްދީން ފިޔަވައި އެހެން ދީނަކަށް އެދި އެ ދީނެއް ލިބިގެންފި މީހާ ދަންނާށެވެ. ފަހެ އެދީން އެމީހާގެ ކިބައިން ގަބޫލުނުކުރެއްވޭ ހުއްޓެވެ.]
 
މި އާޔަތްތަކުގައި މާތްﷲ ވަޙީކުރައްވައި އަންގަވާފައިވާ ގޮތުގައި މާތްﷲ ރުހިވޮޑިގެންވާ ދީނަކީ ހަމައެކަނި އިސްލާމްދީން. އަދި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއް އެއްވެސް މީހެއްގެ ކިބައިން ގަބޫލެއްނުކުރައްވާނެ.
 
ކަންއޮތީ މިހެން ކަމަށްވުމާއެކު، އަޅުގަނޑުމެންނަށް މާތްﷲ އިސްލާމްދީނުގެ މަތިވެރި ހިދާޔަތް ދެއްވި ކަމަށްޓަކައި، އެކަލާނގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރުމަކީ، އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް އެންމެ ފުރަތަމަ ވާޖިބު ކަމުގައި ނޫނީ ނުވާނެ. މިމަޤާމުގައިވެސް ވިސްނާލަންޖެހޭ ނުކުތާއެއް އެބައޮތް. އެއީ، މާތްﷲގެ ކިބަޔަށް ޝުކުރުކުރުމަކީ ހަމައެކަނި ދުލުގެ ކޮޅުން ބުނެލާ އެއްޗަކަށް ވެގެންނުވާނެކަން. ޙަމްދުކުރުމަކީ ހަމައެކަނި الْحَمْدُ لِلَّـهِ އޭ ނުވަތަ މާތްﷲގެ ކިބަޔަށް ޝުކުރުކުރަމޭ، މިހެން ބުނެލާ ބުނެލުމެއް ނޫންކަން. ޙަޤީޤަތުގައި ޝުކުރުކުރުމަކީ ޢަމަލީގޮތުން ޝުކުރުކުރުން. އާދެ، ދީނުގެ ފަރުޟުތަކަށް ރައްކާތެރިވުން. ދީނުގައި ނަހީކުރައްވާފައިވާ ކަންތައްތަކުން ދުރުހެލިވުން.
 
ދީނުގެ އުޞޫލުތަކަށް ޙުރްމަތްތެރިކޮށްހިތުން. ދީނުގެ އިރުޝާދުތަކަށް ތަބާވުން. ދީނުގެ ހަމަތަކުން ނެއްޓިދާފަދަ އެއްވެސް ޢަމަލެއް ނުކުރުން. މިގޮތުގެ މަތިން، އަޅުގަނޑުމެން މާތްﷲގެ ޙަޟްރަތަށް ޝުކުރުކޮށްފިނަމަ، އަޅުގަނޑުމެންނަށް ހެޔޮ ރަޙްމަތް ލައްވައި، އެކަލާނގެ ރުހިވޮޑިގެންވާ މަގަށް އަޅުގަނޑުމެންގެ ފައިތިލަތައް ސީދާކުރައްވާނެ. އަދި އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވާ ހެޔޮ ދަރުމައާއި ނިޢުމަތްތައް، އެތައް ގުނަޔަކަށް އިތުރުކުރައްވާނެ. އާދެ، لَئِن شَكَرْتُمْ لَأَزِيدَنَّكُمْ.
 
وآخر دعواهم أن الحمد لله ربّ العالمين.