بســم اللّـه الرّحمـن الرّحيــم             

السّلام عليــكم

                اَلحَمْـدُ لِلّـهِ رَبّ العَـالَمِـين،  وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، وَعلـى آلـه وأصـحابه أجمـعـين.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން.

މިރެޔަކީ، މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު ފެށޭ ރޭ. މިރޭގެ މިޖަލްސާއަށް އަޅުގަނޑު މި ޙާޒިރުވީ މި ޖަލްސާއަކީ، އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާކަމާ ހަވާލުވިފަހުން ބޭއްވޭ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފުރަތަމަ ޖަލްސާ ކަމަށްވާތީ، މި ޖަލްސާގައި ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ބައިވެރިވެލުމުގެ އުފަލާއި ޝަރަފް ޙާޞިލުކުރުމަށްޓަކައި. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ މުޚާޠަބުކޮށް ދެތިންބަހެއް ދަންނަވާލުމަށްވެސް، މިފުރްޞަތުގެ ބޭނުންކުރުމަށްޓަކައި. އަޅުގަނޑު ދެކޭގޮތުގައި، ވެރިކަމުގެ ފަރާތާއި ރައްޔިތުންގެ މަޖިލީހާ ދެމެދުގައި ވަރަށް ވަރުގަދަ ގުޅުމެއް އޮންނަންވާނެ.

ރައްޔިތުންގެ މަޖިލީހަކީ، ޤާނޫނުތައް ހަދައި، ޤާނޫނުތައް ފާސްކުރާ ފަރާތް. ރައީސުލްޖުމްހޫރިއްޔާއަކީ އެ ޤާނޫނުތައް ހިންގުމާ ހަވާލުވެ ހުންނަ، އެ ޤާނޫނުތަކަށް ޢަމަލީ ސިފަ ގެންނަ ފަރާތް. ވީމާ، މި ދެފަރާތުގެ ގުޅުމާއި އެއްބާރުލުން ވަރަށް ފުރިހަމަގޮތަކަށް އޮވެގެން ނޫނީ، ޤާނޫނީ ސަރުކާރެއްގެ ކަންތައްތައް އޮމާންކަމާއެކު، ހަމަޖެހޭގޮތަކަށް ހިނގަމަކުން ނުދާނެކަން ކަށަވަރު. ދިވެހިރާއްޖޭގައިވެސް ޤާއިމުވެފައި މިވަނީ ޤާނޫނީ ސަރުކާރަކަށް ވުމާއެކު، ރާއްޖޭގެ ހުރިހާ ކަމެއްވެސް ހަމަޖެހޭ ގޮތެއްގައި ހިނގަމުންދާނީ، ވެރިކަމުގެ ފަރާތާއި ރައްޔިތުންގެ މަޖިލީހާ ދެމެދުގައި އޮންނަ ގުޅުމަކީ، އެކަށީގެންވާ ހަރުދަނާ ގުޅުމެއް ކަމުގައި ވެގެން ކަމާމެދަކު ޝައްކެއްނެތް. ކަން މިހެން އޮތުމާއެކު، ވަރަށްގިނަ ކަންތައްތަކުގައި، ރައްޔިތުންގެ މަޖިލީހުގެ އެހީއަށް އަޅުގަނޑު ބޭނުންވާނެވާހަކަ ދަންނަވާލުމަށް، މި ފުރްޞަތުގެ ބޭނުންކުރަން. އަދި މިގޮތުން އަޅުގަނޑު ބޭނުންވާ އެހީ، މަޖިލީހުން އަޅުގަނޑަށް އަބަދުވެސް ލިބެމުންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރާ ވާހަކަވެސް ދަންނަވާލަން.  

ޝައްކެއްނެތް، ރައްޔިތުންގެ މަޖިލީހަށް، މަޖިލީހުގެ ވާޖިބުތައް ފުރިހަމައަށް އަދާކުރެއްވޭނީ، މަޖިލީހަށް ހުށަހެޅޭ ކަންތައްތަކުގައި، މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ޚިޔާލުފާޅުކުރެއްވުމުގެ ފުރިހަމަ މިނިވަންކަން އޮވެގެން. ވުމާއެކު، ޤާނޫނާއި ގަވާއިދު ތަންދޭ އެންމެފުޅާ ދާއިރާއެއްގައި މަޖިލީހަށް މިނިވަންކަން އޮންނާނެ ކަމުގެ ޔަޤީންކަން އަރުވަން. އަދި އެ މިނިވަންކަމަށް ދައުލަތުގެ ފަރާތުން އެއްވެސް ހުރަހެއް ނާޅާނެކަމުގެ ޔަޤީންކަންވެސް އަރުވަން.  

މި މަޤާމުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވާ އެއްޗަކީ، ކޮންމެ ޙައްޤަކީވެސް އޭގެ މުޤާބިލުގައި މަސްއޫލިއްޔަތެއްވާ އެއްޗެއްކަމުން، މިނިވަންކަމާ ގުޅިފައިވާ ވަރަށްބޮޑު މަސްއޫލިއްޔަތެއްވެސް ވެޔޭ. މިހެންކަމުން، މަޖިލީހުގެ މެމްބަރުންނަށް ޤާނޫނީގޮތުން ލިބިވަޑައިގެންފައިވާ މިނިވަންކަން ބޭނުންކުރައްވާއިރު، އެ މިނިވަންކަމުގެ މުޤާބިލުގައިވާ މަސްއޫލިއްޔަތަށް އަމާނަތްތެރިވެވަޑައިގަންނަވާނެ ކަމާމެދަކު އަޅުގަނޑު ޝައްކެއްނުކުރަން. އާދެ، މަޖިލީހަށް ހުށަހެޅޭ ބިލްތަކާއި މައްސަލަތަކަށް ބަޙުޘް ކުރައްވާއިރު، ކަމުގެ ދެކޮޅަށް ރަނގަޅަށް ވިސްނައިވަޑައިގަތުމަށް އަޅުގަނޑު އިލްތިމާސް ކުރަން. އަދި ކޮންމެ ކަމެއްގައިވެސް މަޞްލަޙަތު އޮތްގޮތާމެދު ވަރަށް ފުންކޮށް ޚިޔާލު ކުރައްވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

މަޖިލީހުގެ ރައީސް، ޢިއްޒަތްތެރި މެންބަރުން، 

އަޅުގަނޑު ރައީސްކަމާ ހަވާލުވިފަހުން މިވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި، ބައެއް ފަރާތްތަކުން، ބައެއް ކަންތައްތައް ވަކިގޮތަކަށް ގެންދިޔުމަށް ބާރުއަޅުއްވައި ހެއްދެވިކަން އަޅުގަނޑު ހިތުން ތިޔަބޭފުޅުންނަށް އޮންނާނީ ކޮންމެވެސްވަރަކަށް އެނގިވަޑައިގެންފައި. މިބާވަތުގެ މައްސަލަތަކާ ބެހޭގޮތުން އަޅުގަނޑު ދަންނަވާލަން އޮތް އެއްޗަކީ، އަޅުގަނޑަށް ކަންތައްތައް ގެންދެވޭނީ، ޤާނޫނުއަސާސީއާއި ރާއްޖޭގެ އެހެނިހެން ޤާނޫނުތައް ތަންދޭ ގޮތެއްގެ މަތިންނޭ. އަދި އިރާދަކުރެއްވިއްޔާ ކޮންމެ ކަމެއްވެސް އަޅުގަނޑު ގެންދާނީ އެގޮތަށޭ.

ޝައްކެއްނެތް، ޤާނޫނަކީ އެންމެންގެ ޙިމާޔަތަށް ހެދިފައި އޮންނަ އެއްޗެއް. އެއްވެސް ސަބަބަކާހުރެ ޤާނޫނާ ޚިލާފަށް ޢަމަލުކުރަން ފެށިއްޖެނަމަ، އަޅުގަނޑު ދަންނަވާނީ އެ ހުޅުވެނީ ވަރަށް ނުރައްކާތެރި ދޮރެކޭ. އާދެ، ޤާނޫނު ޙިމާޔަތް ކުރުމަށް ރާއްޖޭގެ ރައްޔިތުން ހޮވާފައިވާ މީހާ، ޤާނޫނާ އިދިކޮޅަށް ޢަމަލުކުރަން ފަށައިފިނަމަ، ދެން ކަންތައްތައް ވަމުންދާނެގޮތް ތަޞައްވުރު ކުރެއްވުން އަޅުގަނޑު ދޫކޮށްލާނީ ތިޔަބޭފުޅުންގެ ޚިޔާލުފުޅަށް.

އަޅުގަނޑުގެ މި ދެތިންބަސް ނިންމާލުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުންގެ އަރިހުން އަޅުގަނޑު އެދޭ ވަރަށް ޚާއްޞަ އެދުމެއް އެބައޮތް. އެއީ އެއްވެސް ކަމެއް އަޅުގަނޑަށް ގެންދެވޭގޮތާމެދު މަޖިލީހަށް އެހެން ގޮތެއް ފެނިވަޑައިގެންފިނަމަ، އެކަން އަޅުގަނޑަށް އަންގަވާލަދެއްވުން. މަޖިލީހުގެ ފަރާތުން ފާޅުކުރައްވާ ކޮންމެ ޚިޔާލަކަށާއި، ދެއްވާ ކޮންމެ ލަފަޔަކަށް އަޅުގަނޑު ތަރުޙީބު ދޭނީ ނުހަނު ހިތްހަމަޖެހުމާއި އިޚްލާޞްތެރިކަމާއެކު.

އަޅުގަނޑުގެ ދުޢާއަކީ، ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެކަށީގެންވާފަދަ ގޮތަކަށް ޚިދްމަތް ކުރުމުގެ ހެޔޮ ތައުފީޤު، މާތްﷲ އަޅުގަނޑުމެން އެންމެންނަށް ދެއްވުން. އަދި އަޅުގަނޑަށާއި، މި ޢިއްޒަތްތެރި މަޖިލީހުގެ މެންބަރުންނަށާއި އަދި ދިވެހި އުންމަތުގެ އެންމެހައި އަފްރާދުންނަށް ޙިކްމަތްތެރިކަމާއި ހެޔޮ ވިސްނުން ދެއްވުން. "وَمَن يُؤْتَ الْحِكْمَةَ فَقَدْ أُوتِىَ خَيْرًا كَثِيرًا."

والسّلام عليــكم ورحـمــة اللّـه وبـركاتـه.