بســم اللّـه الرّحمـن الرّحيــم
                 
    السّلام عليــكم؛
 
                  الْحَمْدُ لِلَّهِ الَّذِى هَدَاىٰــنا لِهَـــٰذَا وَمَا كُنَّا لِنَهْتَدِىَ لَوْلَآ أَنْ هَدَاىٰـنااللَّهُ.
 
އެންމެހައި ނިޢްމަތްތަކުގެވެރި، ކުޅަދުންވަންތަ މާތްﷲގެ ކިބައަށް ޙަމްދާއި ޝުކުރުކުރަން. އެއަށްފަހު އަޅުގަނޑުމެންގެ ކީރިތި ރަސޫލާ مُحَمَّـد صـلّى الله علـيـه وسـلّم މި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުމަށް އެދި ދުޢާކުރަން.
 
އާދެ، މިރޭގެ މި މުހިންމު ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާކުރުމަށްފަހު، އަޅުގަނޑުގެ ފުރަތަމަ ވާޖިބެއްކަމަށް ދެކެނީ، ދިވެހިރާއްޖޭގެ ރައްޔިތުން އަޅުގަނޑަށް ދެއްވި މަތިވެރި އިތުބާރާއި ތާއީދަށްޓަކައި އިޚްލާޞްތެރިކަމާއެކު ރާއްޖޭގެ އެންމެހައި އަޚުންނާއި އުޚްތުންނަށް ޝުކުރު އަދާކުރުން. އަދި ބަރަކާތްތެރި އަޟްޙާޢީދުގެ ހެޔޮއެދުމާއި ތަހުނިޔާ ތިޔަ ހުރިހާ ފަރާތްތަކަކަށް ރައްދުކުރުން.
 
ހަމައެއާއެކު، އަޅުގަނޑުމެންގެ މި ޖުމްހޫރިއްޔާގެ ބާނީ، އަދި ދުވަހަކުވެސް އެ ނަންފުޅުގެ ކުލަ ފަނޑުވުމެއްނެތް ޒަޢީމު ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާއަށް ޝުކުރާއި ތަޢުރީފު އަދާކުރުމަކީ، މިފުރުޞަތުގައި އަޅުގަނޑަށް ދޫކޮށްލެވޭފަދަ އުފަލެއްނޫން. ޝައްކެއްނެތް، މެދުކެނޑުމެއްނެތް 21 އަހަރެއްހާ ދުވަހުގެ ދިގުމުއްދަތެއް، ޤައުމީ ޚިދުމަތުގައި ހޭދަކުރެއްވުމަށްފަހު، މިރޭ އެކިލެގެފާނު ދިވެހި ދައުލަތުގެ ވެރިކަމުން ދުރުވެވަޑައިގަތީ، ޑިމޮކްރެސީ އުސޫލުގެ ވަރަށް ރީތި ނަމޫނާއެއް ދައްކަވަމުން. ޤާނޫނަށް ޙުރްމަތްތެރިކޮށް ހިތްތެވުމާއި، އަދި ޤައުމަށް ތެދުވެރިވެވަޑައިގަތުމުގެ ވަރަށް ފުރިހަމަ މިސާލެއް ހާމަކުރައްވަމުން.
 
އެއްވެސް އޮޅުމެއްނެތް، ދިވެހިރާއްޖެއަށް ސިޔާސީ އަދި އިޤްތިޞާދީ މިނިވަންކަން ހޯއްދަވައި ދެއްވީ އެކިލެގެފާނު. އަދި ރާއްޖެ އެކިއެކި ރޮނގުރޮނގުން މިއަދު މިއޮތް ފެންވަރަށް އުފުލިގެންދިޔައީވެސް އެކިލެގެފާނުގެ ސިޔާސީ އަދި އިޤްތިޞާދީ ރޭއްވެވުމާއި ޙަރަކާތްތެރިކަމުގެ ސަބަބުން. ވީމާ، މި ކުލަގަދަ ލާމަސީލު ޚިދްމަތްތަކަށްޓަކައި، ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނަށް، އިޚްލާޞްތެރި ދިވެހި ދަރިއެއްގެ ހައިސިއްޔަތުން އަޅުގަނޑު ނުހަނު އިޙްތިރާމާއެކު ޝުކުރު އަދާކުރަން. އަދި ހިތުގެ އިޚްލާޞްތެރި ހެޔޮއެދުންތައް ރައްދުކުރަން.
 
އާދެ، އަޅުގަނޑު ތެދުވެ މިހުރީ މި ޢިއްޒަތްތެރި މަޖިލީހުގައި، ހަމަ ދެންމެއަކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާކުރުމާ ވިދިގެން. ދިވެހިރާއްޖޭގެ ވެރިކަމުގެ ބުރަ މަސްއޫލިއްޔަތު ކޮނޑުގައި އަޅައިގެން، މިކަމުގެ މުހިންމުކަމާއި އަދި ޚުޠޫރަތްތެރިކަން އަޅުގަނޑަށް ރަނގަޅަށް އިޙްސާސް ކުރެވޭ. އަދި އަޅުގަނޑުގެ ލިޔާޤަތުގެ ފެންވަރުވެސް އަޅުގަނޑަށް ރަނގަޅަށް ވަޒަންކުރެވޭ. ނަމަވެސް، މިއީ ދިވެހިރާއްޖޭގެ ރައްޔިތުން އަޅުގަނޑާ ހަވާލުކުރެއްވި ކަމަކަށްވީތީ، ކީރިތިވަންތަ މާތްﷲގެ ޙަޟްރަތުން ތައުފީޤު އެދިހުރެ، ރައީސުލްޖުމްހޫރިއްޔާކަމުގެ ވާޖިބުތައް އަދާކުރަން މިފަށަނީ، ނުހަނު ސާބިތުކަމާއެކުގައި. މިމަޤާމުގައި ހުއްޓާ އަޅުގަނޑަށް ކުރިމަތިވެދާނެ އެއްވެސް ނުރައްކަލަކާމެދު، އަޅުގަނޑު ކުޑަކޮށްވެސް ޖެހިލުމެއްނުވޭ. އަޅުގަނޑު ވާގިއެދޭހުށީ ގަދަކީރިތިވަންތަ މާތްﷲގެ ޙަޟްރަތުން. [وما توفيقى إلّا باالله عليه توكّلت وإليه أنيب].
 
މިރޭ މި ގަޑީގައި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، އަދި އާންމުކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނާ މުޚާޠަބުކޮށް، އަޅުގަނޑު ފުރަތަމަ ދަންނަވަން ބޭނުން އެއްޗަކީ، ރާއްޖޭގެ ވެރިކަން ހިންގުމަށް މިއައި ބަދަލަކީ، ހަމަމުޅީންމެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް، ޤާނޫނީ ހަމަތަކުގެ މަތިން އޮމާންކަމާއެކު އައި ބަދަލެކޭ. ވުމާއެކު، އަޅުގަނޑުމެން އެންމެންވެސް ޤާނޫނާއި ގަވާއިދަށް ޙުރްމަތްތެރިކޮށްހިތުންމަތީ ދެމިތިބުމަކީ މިދަނޑިވަޅުގައި ކޮންމެހެން ބޭނުން ކަމެއް ކަމަށް ދަންނަވަން. ހަމައެއާއެކު، ތިޔަ ހުރިހާ ފަރާތެއްގެ އިތުބާރާއި ތާއީދު މިހާތަނަށް އަޅުގަނޑަށް ސާބިތުކޮށްދެއްވި ފަދައިން، ކުރިއަށް އޮތް ތާނގައިވެސް އަޅުގަނޑަށް އިތުބާރު ކުރެއްވުން އެދެން. ދިވެހިރާއްޖޭގެ އެންމެހައި އަފުރާދުންގެ މިނިވަންކަމާއި ޙައްޤުތަކާމެދު ރައްކާތެރިވެ، ޞުލްޙަވެރިކަމާއި ހަމަހިމޭންކަންމަތީ ދެމިތިއްބެވުން އެދެން. ޤައުމުގެ މިނިވަންކަމާއި ރީތިނަމަށްޓަކައި ޤައުމުގެ ސަލާމަތާއި އާންމު މަޞްލަޙަތަށް ރައްކާތެރިވެ، ވެރިކަމުގެ ފަރާތަށް ކިޔަމަންތެރިކަން އަދާކުރެއްވުން އެދެން. އާދެ، ޤައުމުގެ ރައީސްގެ ހައިސިއްޔަތުން ދިވެހި ޤައުމަށް އަޅުގަނޑު ފުރަތަމަ ކުރާ އިލްތިމާސަކީ، ހަމަ މިރޭގެ މިވަގުތުން ފެށިގެން ހަމަހިމޭންކަމާއި ހަމަޖެހުމާއެކު އަޅުގަނޑުގެ ފަހަތުގައި ސާބިތުވެ ތިއްބެވުން.
 
ޝައްކެއްނެތް، މިރޭގެ މި ޢިއްޒަތްތެރި މަޖިލީހުގައި، ދިވެހިރާއްޖެއާ ޑިޕްލޮމެޓިކް ގޮތުން ގުޅިފައިވާ ބައެއް ޤައުމުތަކުގެ ވަކީލުން ބައިވެރިވެވަޑައިގަތްކަމީ، ތާރީޚަށްޓަކައި އަޅުގަނޑުމެން އުފާކުރަންޖެހޭނެ ކަމެއް. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، ޤައުމުގެ އެންމެމަތީ ވެރިކަމަށް ބަދަލު އައި ވަގުތުގައި، އަޅުގަނޑުމެންގެ އެކުވެރި ބައެއް ޤައުމުތަކުގެ ފަރާތުން މިރޭ އެ ސާބިތުކޮށްދެއްވަނީ ވަރަށް ވަރުގަދަ އެއްޗެއް. އެއީ ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންނާމެދު، އެ ޤައުމުތަކުގައި އުފެދިފައިވާ އެއްބަނޑުއެއްބަފާކަމާއި އެކުވެރިކަމުގެ ޝުޢޫރުގެ މަތިވެރިކަން. އާދެ، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެގެންވަނީ ޙައްޤާއި ޢަދާލަތުގެ ފަރާތަށް ބުރަވުމާއެކު، ބޭރުގެ ޤައުމުތަކާ އެކުވެރިކަން ދަމަހައްޓައި އާލާކުރުމުގެ މައްޗަށް. ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އުސޫލުތަކަށް ތަރުޙީބު ދިނުމުގެ މައްޗަށް. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނީއްސުރެ، މިރެޔާ ޖެހެންދެން ހުންނެވި ޤައުމުގެ ރައީސް ޢަމަލުކުރައްވަމުން ގެންދެވި ޙިކްމަތްތެރި ސިޔާސަތަކީ މިއީ. އަޅުގަނޑުވެސް އެ ހަރުދަނާ ޚާރިޖީ ސިޔާސަތަށް ބަދަލެއް ނުގެނެސް ޤައުމުގެ މަޞްލަޙަތާއި ތަރައްޤީއަށްޓަކައި، އެގޮތަށް ގެންދެވޭތޯ ބަލާނެ ވާހަކަ ދަންނަވަން. އަދި މި މަޖިލީހުގައި ބައިވެރިވެވަޑައިގެން ތިއްބެވި ބޭރު ޤައުމުތަކުގެ ޢިއްޒަތްތެރިންނަށް ދައުލަތުގެ ނަމުގައާއި ރާއްޖޭގެ ނަމުގައި ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން.
 
އާދެ، އަޅުގަނޑު މިރޭ ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި، އަދި އާންމުކޮށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ކުރިމަތީގައި މިކުރި ހުވަޔަކީ، އިސްލާމްދީނަށާއި ރާއްޖޭގެ ޤާނޫނުއަސާސީއަށާއި ރައްޔިތުންގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށްހިތުމަށާއި އެއިން އެއްވެސް ކަމަކަށް ޚިޔާނާތްތެރިނުވުމަށް ކުރި ހުވައެއް. މި ހުވާގެ ބޮޑުކަން އަޅުގަނޑުގެ ހިތުން އެންމެ ހިނދުކޮޅެއްގައިވެސް ފިލައިގެންނުދާނެ. އަޅުގަނޑުގެ މި ދެތިންބަސް ނިންމާލުމުގެ ކުރިން، ދިވެހިރާއްޖޭގެ ރައްޔިތުން އަޅުގަނޑަށް ދެއްވި ޝަރަފަށްޓަކައި އަދިވެސް އެއްފަހަރު ޝުކުރިއްޔާ ދަންނަވަން. އަޅުގަނޑު މި މަޤާމުގައި ހުރިހާ ދުވަހަކު، ރައްޔިތުންގެ ޙައްޤުތަކަށް ރައްކާތެރިވެ، އަޅުގަނޑުގެ ލިޔާޤަތުހުރި މިންވަރަކުން ޤައުމަށް ޚިދްމަތްކުރުންމަތީ ދެމިހުންނާނެކަމުގެ ޔަޤީންކަން އަރުވަން.
 
އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ އަޅުގަނޑުމެން އެންމެންނަށް ރަޙްމަތް ލެއްވުން. ދިވެހިރާއްޖޭގެ އަމަންއަމާންކަން ދެމެހެއްޓެވުން. ވެރިންނަށާއި ރައްޔިތުންނަށް ހެޔޮވިސްނުމާއި ކެތްތެރިކަން ދެއްވުން. އަދި ހުރިހާ ރޮނގަކުންވެސް ރާއްޖެ ތަރައްޤީވަމުންދާނެ މަގުތައް ފަހިކޮށްދެއްވުން.
 
والسّلام عليــكم ورحـمــةاللّـه وبـركاتـه.