މިރެއަކީ ކޮންމެ ސަރުކާރަކަށްވެސް ޙަޤީޤަތަކަށް ހަދަން ދަތިވި ހުވަފެން ޙަޤީޤަތަކަށްވާތަން ޢަމަލީގޮތުން ފެނިގެންދާ ރޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ކޮންޓްރެކްޓް ސޮއިކުރުމާއި، މާޝްރޫޢު ފެށުމުގެ މުނާޞަބަތުގައި، މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިރެޔަކީ ދެބަސްނުވެވޭނެފަދަ ތާރީޚީ ޙަޤީޤަތްތަކެއް ދިވެހިންނާ ބައްދަލުކުރާ ރެއެއްކަމަށާއި، ދިވެހިންނަށް އުފާވެރިކަމާއި ހިނިތުންވުން ގެނެސްދޭނެ ރެއެއްކަމުގައެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، މިރޭ މިފެށޭ ބްރިޖްގެ މަޝްރޫޢުއަކީ، މި ފަހުގެ ތާރީޚެއްގައި ދިވެހިރާއްޖެއަށް އެންމެ މަތިވެރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ހުވަފެންފުޅެއްކަމުގައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި އުފާވެރި ޙަފްލާއިން ދިވެހިން ހާޞިލް މިކުރަނީ، އުތުރާއި ދެކުނާ، ބޮޑު ޤައުމަކާއި ކުޑަ ޤައުމަކާ ދޭތެރޭގައި ރަޙްމަތްތެރިކަމުގެ ފާލަމެއް އެޅުމުގެ މަސައްކަތްތައްކެއްކަމަށެވެ. ރާއްޖެއާއި ޗައިނާ އާ ދެމެދު އޮންނަކީ ބައިނަލްއަޤްވާމީ މައިދާނުގައި ނަމޫނާ ގުޅުމެއްކަމަށާއި، ކުޑަ ޤައުމަކާއި ބޮޑު ޤައުމަކާ ގުޅިގެން، ދެ ޤައުމަށް ފައިދާހުރި ގޮތެއްގައި މަސައްކަތްކުރެވޭނެ ގޮތުގެ ފުރިހަމަ މިސާލެއް ރާއްޖެއާއި ޗައިނާއިން މިއަދު ދުނިޔެއަށް ދައްކަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި މިރޭގެ މި ރަސްމިއްޔާތުގައި ފެނިގެން މިދަނީ އިޙްތިރާމާއެކީ، ބޮޑެތި ޤައުމުތަކާއި ކުދި ޤައުމުތަކާ ދޭތެރޭގައި އޮންނަ އޯގާތެރިކަމާއި އަޅާލުންތެރިކަމުގެ ވަރުގަދަ ރަމްޒެއްކަމުގައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖެއަށް މި ގެނެސްދެނީ ދިވެހިރާއްޖޭގެ ލޭންޑްސްކޭޕް ބަދަލުކޮށްލާވަރުގެ އުފާވެރި ކަންތައްތަކެއްކަމަށާއި، މިއީ އަޅުގަނޑުމެންގެ ދިވެހި ޒުވާނުންނަށް ބޭނުންވެފައި ހުރި އެތައް ކަންތައްތަކެއް ޙަޤީޤަތަކަށް ހެދުމުގެ ފުރަތަމަ މަރްޙަލާކަމުގައެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، ހުޅުމާލޭގެ ކަންތައްތައް ފުރިހަމަވެގެންދާނީ، މާލެއާއި ހުޅުމާލެއާ ދޭތެރޭގައި މި އުފެދޭ ފާލަން އުފެދިގެންކަމަށާއި، އަދުގެ ސަރުކާރުން މަސައްކަތްކުރީ މިކަން ޙަޤީޤަތަކަށް ހެދޭތޯ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ބްރިޖްގެ މަސައްކަތް ނިމިގެން، ބްރިޖް ހުޅުވޭނެ ކަމަށް އަންދާޒާ ކުރެވެނީ، 2018 ވަނަ އަހަރުގެ ތެރޭގައެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި މި ބްރިޖުން ދިވެހިރާއްޖޭގެ ވެށްޓަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށާއި، ދިވެހިރާއްޖޭގެ އިޖްތިމާޢީ ފޭރާމަށް ރަނގަޅު ބަދަލުތަކެއް އަންނާނެކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ދިވެހިރާއްޖޭގެ ބަޖެޓް 183 ބަޔަށް ފޮތިކޮށްލުމަކީ އަދި މަދަރުސާތަކާއި، ބަނދަރު ހެދުމާއި، މަގު ހެދުމާއި، ޞިއްޙީ ޢިމާރާތްތައް ހެދުމާއި، ޤާނޫނު ތަންފީޛު ކުރުމުގެ ބާރުތައް 183 ބަޔަށް ބެހުމަކީ ފަސޭހަކަމެއް ނޫންކަމަށާއި، ބްރިޖް އެޅުމުން ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް، މާލެއާއި މާލެ ކައިރިއަށް ޒުވާނުން ހިޖުރަ ކުރުމުގެ ޝައުޤުވެރިކަން އުފެދިގެންދާނެ ކަމަށް އެމަނިކުފާނު އުންމީދުކުރައްވާކަމުގައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ ދިވެހި ޒުވާނުން މި ހިޖުރަ ކުރައްވައިފި ކަމަށްވަންޏާ، އިޤްތިޞާދީ ގޮތުން މިދެކޭ އުންމީދު ފުރިހަމަވެގެންދިޔައީ ކަމުގައާއި، އަދި އޭގެ ނަތީޖާއަކަށްވާނީ، ދެން އަންނަ ސަރުކާރުތަކަށް، ޚަރަދު ކުރެއްވުމުގައާއި، ބަޖެޓް ބެލެހެއްޓުމުގައި ފަސޭހަތަކެއް ވެގެންދިޔުންކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުފުޅުގައި މި ބްރިޖަކީ ދިވެހިންގެ އެތަކެއް އުންމީދުތަކެއް، އެ ބްރިޖަކާ ގުޅިފައިވާ ކަމެއްކަމަށާއި އެމަނިކުފާނު އެދެނީ، މިފަދަ ބްރިޖްތައް، ދިވެހިންގެ އިޖްތިމާޢީ ގުޅުންތަކުގެ ތެރޭގައި އެޅިގެން ދިޔުންކަމުގައެވެ. މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގެވެށި އަނިޔާކުރާ ފަރާތްތަކާއި، ގެވެށި އަނިޔާ ރައްދުވާ ފަރާތްތަކާ ދޭތެރޭގައި ވެސް މިފަދަ ބްރިޖްތައް މިހާރު އަޅަންވެއްޖެކަމަށާއި ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަންނަ ފަރާތްތަކާއި، ކުޑަކުދިންނާ ދޭތެރޭގައި، ކުޑަކުދިންގެ މަޢްޞޫމްކަމާ ދޭތެރޭގައި މިފަދަ ބްރިޖްތައް އަޅަންވެއްޖެކަމަށެވެ. އަދި ހަމަ އެހެންމެ ސިޔާސީގޮތުން ވާދަކުރާ ފަރާތްތަކުގެ ދޭތެރޭގައި ވެސް މިފަދަ ބްރިޖްތަކެއް އަޅަންވެއްޖެކަމަށާއި، ޤާނޫނަށް ޙުރްމަތްތެރިކޮށްހިތުމަކީ އެންމެންވެސް ކުރަންޖެހޭ ކަމެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މި އުފާވެރި ޙަފްލާގައިވެސް ހިތާމައަކީ ސިޔާސީ ގޮތުން މިސަރުކާރާ ޚިޔާލު ތަފާތު ބައެއް ބޭފުޅުންގެ އެހީތެރިކަމާއިއެކު ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ބުރޫ އަރާފަދަ ކަންކަން ކުރަމުން އަންނަކަމެވެ. މިފަދަކަންކަމުގެ ސަބަބުން ޤައުމަށް ލިބޭ އާމްދަނީ އުނިވެ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ މަސައްކަތްތެރިންގެ އާމްދަނީ އުނިވެ އެބޭފުޅުންގެ ޢާއިލާތަކަށް މިކަމުގެ ނޭދެވޭ އަސަރު ފޯރާނެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިފަދަ ކަންކަން ނުކުރުމަށް އެންމެހާ ރައްޔިތުންނަށް ގޮވާލެއްވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ބްރިޖް ހެދުމުގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ޗައިނާ ސަރުކާރުގެ ފަރާތުން ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށް ވަޑައިގެންނެވި ޙާއްޞަ މަންދޫބު މެޑަމް ގައޮ ޔަން އެވެ. މި ރަސްމިއްޔާތުގައި ދެ ސަރުކާރުގެ ދެމެދުގައި ސޮއިކުރެވިފާވާ މާޝްރޫޢުގެ އިމްޕްލިމެންޓޭޝަން އެގްރީމަންޓް ބަދަލުކުރެއްވިއެވެ. މީގެ އިތުރުން ޗައިނާ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާއަށް ބްރިޖްގެ ރަމްޒީ މޮޑެއްޔެއް ވެދުމަށް އެރުއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާރޒް އޮނަރަބަލް ދުންޔާ މައުމޫނާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ އޮފީސްތަކުގެ އެކިފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.