ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް، ޔުނާން ޕްރޮވިންސުގެ ވައިސް ގަވަރނަރ، ހިޒް އެކްސެލަންސީ ލިއު ހުއިޔަން އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ޔުނާންގެ ފަރާތުން ވަޑައިގެންނެވި ވަފުދާ ބައްދަލުކުރެއްވުމުގެ ފުރުޞަތު ލިބުމަކީ ވަރަށް ބޮޑަށް އުފާފުޅުކުރައްވާ ކަމެއް ކަމުގައި ވިދާޅުވެ، އެވަފުދުގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ. އަދި ޗައިނާގައި ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދު ކުރިއެރުވުމުގެ ގޮތުން އޮފީހެއް ހުޅުވިގެން ދިއުމަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮންނަ ރަޙުމަތްތެރިކަމުގެ ގުޅުމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިބައްދަލުކުރެއްވުމުގައި، ޗައިނާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް އެކިއެކި ރޮނގުން ވެދެއްވާފައިވާ އެހީތައް ރައީސުލްޖުމްހޫރިއްރާ ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެއާއި ޔުނާންއާ ދެމެދު އޮތް ތާރީޚީ ގުޅުން މިހާރުގެ ޒަމާނީ ދައުރުގައިވެސް އިތުރަށް ކުރިއަށް ދާނެކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު" ހެދުމުގެ މުހިންމުކަން ހިއްޞާ ކުރައްވަމުން، މި ފާލަން އެޅުމުގެ ސަބަބުން ޢާންމު ރައްޔިތުން ކުރަންޖެހޭ ޚަރަދުތައް ކުޑަ ވެގެންދާނެކަން ފާހަގަ ކުރައްވާ، މި ފާލަން އެޅުމުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމުގެ ޙާލަތާއި ވިސްނުން ބަދަލުވާނެކަމުގައި ވިދާޅުވިއެވެ. އަދި، މި ފާލަން އެޅުމުގެ ސަބަބުން ދިވެހިރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުގެ ސަބަބުން ތަރައްޤީއަށް އެޅިގެންދާ ހުރަސްތަކަށް ޙައްލެއް ލިބިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު" ގެ މަސައްކަތް ކުރިއަށް ގެންދިއުމުގާ ވެދެއްވާ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ ރައީސަށް ޝުކުރުދެންނެވިއެވެ. އަދި މިމަހުގެ 30 ވަނަ ދުވަހު ފެށިގެންދާ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު" ގެ މަސައްކަތަށް ފޮނި އުންމީދާ އެކު އިންތިޒާރު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޔުނާންގެ ގަވަރނަރ ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށްޓަކައި ތަފާތު ދާއިރާތަކުން ކުރަންޖެހޭ ކަންތައްތަކުގައި ޗައިނާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވުންތަކަކާ ހަމައަށް އާދެވުމަކީ ވަރަށް އުފާފުޅުވާ ކަމެއްކަމުގައި ވިދާޅުވަމުން، ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ފަދަ މަސައްކަތްތައްކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ޔުނާންގެ ގަވަރނަރ ވަނީ، އަންނަ އަހަރު ކުންމިން ޕްރޮވިންސުގައި ބާއްވަން ހަމަޖެހިފައިވާ ކުންމިން އެކްސްޕޯ އަށް ޒިޔާރަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށާއި، ސަރުކާރުގެ އަދި ވިޔަފާރީގެ ދައިރާގެ ބޭފުޅުންނަށް ދަޢުވަތު ދެއްވާފައެވެ. މީގެ އިތުރުން، ކުންމިން އެކްސްޕޯގެ އެންމެ މުހިންމު ބައިވެރިއަކަށް ވާނީ ދިވެހިރާއްޖެ ކަމުގައިވެސް ވިދާޅުވެފައެވެ. އަދި ކުންމިން އެކްސްޕޯ ހިނގަމުންދާ ދުވަސްވަރުގައި، ޗައިނާގައި ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދު ކުރިއެރުވުމުގެ ގޮތުން ޤާއިމުކުރެވިގެންދާ އޮފީސް އިފްތިތާޙްކުރެވިގެން ދާނެކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމާލެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޔުނާންގެ ގަވަރނަރގެ ދަޢުވަތު ޤަބޫލުފުޅުކުރައްވާ، ފެށޭ އަހަރު ކުންމިން އަށް ޒިޔާރަތްކުރެއްވުމަށް އިންތިޒާރުކުރައްވާނެކަމުގައާއި ދިވެހި މަސައްކަތްތެރިންވެސް ފޮނި އުންމީދާ އެކު ކުންމިން އެކްސްޕޯގައި ބައިވެރިވުމަށް އިންތިޒާރު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް އޮނަރަބަލް މުހައްމަދު ސަޢީދާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.