ދިވެހިރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރަމެވެ.
 
ރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަމުން މިދަނީ، މީގެ 11 އަހަރު ކުރިން 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ހިތާމަވެރި ކާރިސާއާ ގުޅިގެން ރާއްޖޭގެ ލޮބުވެތި ރައްޔިތުން ދައްކަވައިދެއްވި އެކުވެރިކަމާއި އަޚްވަންތަކަމާއި، ޤައުމީ އެއްބައިވަންތަކަމުގެ މަތިވެރި ގުޅުމުގެ ހަނދާންތައް އާކުރުމަށްޓަކައެވެ.
 
ސުނާމީ ކާރިސާގައި އަޅުގަނޑުމެންގެ ތެރެއިން މިދުނިޔެ ދޫކުރި އުޚްތުންނަށާއި އަޚުންގެ ފުރާނައަށް، މާތްﷲ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.
 
ސުނާމީ ކާރިސާގެ ހިތި ހަނދާންތައް މިއަދުވެސް ސިފަވެގެން މިދަނީ ހިތާމައިގެ އަސަރުގަދަ ޝުޢޫރުތަކާ އެކުގައެވެ. އެދުވަހު އަމިއްލަ ފުރާނައަށްވުރެ ބޮޑަށް އަޅުގަނޑުމެން އިސްކަންދިނީ އަނެކާގެ ފުރާނަ ސަލާމަތްކުރުމަށެވެ. އެފަދަ ހިތްދަތި އަދި ޚުޠޫރަތްތެރި ދަނޑިވަޅުގައިވެސް އަމިއްލަ ނަފްސުގެ މައްޗަށް ތިމާގެ ޤައުމާއި މުޖްތަމަޢުގެ ސަލާމަތްތެރިކަން އިސްކުރި ކުރުމަކީ، ސުނާމީ ކާރިސާއިން ދިވެހިން ދަސްކުރި އެންމެ މުހިންމު ފިލާވަޅެވެ. އަދި އެއީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ މުހިންމު ޝިޢާރެވެ.
 
އެހެންކަމުން، އެދުވަހު ދިވެހި ރައްޔިތުން ދައްކަވައިދެއްވި އެއްބައިވަންތަކަމުގެ ވަރުގަދަ ގުޅުން، އަޅުގަނޑުމެން އެންމެންގެ ހިތްމައްޗަށް ގެނެސް، އެ ހާދިސާއިން މިއަދުވެސް ޢިބްރަތް ހާސިލު ކުރެއްވުމަށް އަޅުގަނޑު ގޮވާލަމެވެ. އަދި އަޅުގަނޑުމެންގެ މެދުގައި އުފެދިފައިވާ އެއްބައިވަންތަކަމާއި އަޚްވަންތަކަމުގެ ގުޅުމަށް ބުރޫއަރާފަދަ އަދި ޤައުމުގެ މަޞްލަޙަތު ގެއްލޭފަދަ ޢަމަލުތައް ހިންގުމަށް، އެއްވެސް ފަރާތަކަށް ޖާގަ ނުދެއްވުމަށްވެސް އަޅުގަނޑު އިލްތިމާސް ކުރަމެވެ.
 
މާތްﷲ، އެކިއެކި ނުރައްކާތެރި ކާރިސާތަކުން ރާއްޖެއާއި ރާއްޖޭގެ ރައްޔިތުން ސަލާމަތްކުރައްވާށިއެވެ! އަޅުގަނޑުމެންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ޚިޔާލު ތަފާތުވާ ކަންކަމުގައިވެސް ޤައުމުގެ މަޞްލަޙަތު ކުރިއަށް ނެރުމުގެ ހިތްވަރު ދެއްވާށިއެވެ! ރާއްޖެއަށް އަމަންއަމާންކަމާއި ހެޔޮ ގޮތްތައް މިންވަރުކުރައްވާށިއެވެ! އާމީން.