ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް، ފަލަސްޠީނުގެ މަސްޖިދުލްއަޤްޞާގެ އިމާމު، ފަޟީލަތުއްޝައިޙު ޢަލީ ޢުމަރު ޔަޢުޤޫބު އައްބާސީ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ފަލަސްޠީނުގެ މަސްޖިދުލްއަޤްޞާގެ އިމާމު ރާއްޖެއަށް ޒިޔާރަތް ކުރެއްވިކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅުކުރައްވާ ކަމުގައި ވިދާޅުވެ، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ. ރާއްޖެއާއި ފަލަސްޠީނާ ދެމެދު އޮންނަ ގާތް ގުޅުން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރައްވައި، ފަލަސްޠީނާއި ރާއްޖޭއާއި ދެމެދު އޮންނަނީ ވަރަށް އެކުވެރި އެއްބައިވަންތަ ގުޅުމެއް ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތާނގައި އިސްލާމްދީން ކުރިއެރުވުމުގެ ދާއިރާއިންނާއި، އެހެން ދާއިރާތަކުން ދެޤައުމުގެ ގުޅުން މިހާރަށްވުރެ ބަދަހި ވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މީގެ އިތުރުން، ފަލަސްޠީނުގެ ރައްޔިތުންނަށް ހެޔޮގޮތް މެދުވެރިވުމަށާއި ފަލަސްޠީނަށް މިނިވަންކަންލިބުމަށް އެދި ދުޢާ ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

މަސްޖިދުލްއަޤްޞާގެ އިމާމު ދެއްކެވި ވާހަކަފުޅުގައި ހުރިހާ މަޒްހަބަކަށްވެސް އިޙްތިރާމް ކުރުމަކީ މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖޭގައި އިސްލާމްދީނުގެ މެދުމިންގަނޑެއް ހިފަހައްޓަވައި، ދީނީ ކަންކަން ކުރިއެރުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްފުޅުތައް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ދިވެހިރާއްޖެ އަކީ އަބަދުވެސް ފަލަސްޠީނަށް ވަރަށް ހެޔޮއެދޭ ވަރަށްގިނަ އެހީތެރިކަން ދެއްވާ ޤައުމެއްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އަށް ޝުކުރު ދެންނެވިއެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙަންމަދު ނަޞީރާއި، ޑެޕިއުޓީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އަލްފާޟިލް މުޙައްމަދު މުޞްޠަފާ އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.