މަސައްކަތްތެރިންނަށް ހިތްވަރުދީގެން، މަސައްކަތްތެރިންނަށް ބޭނުންވާ ހުރިހާ ފުރްޞަތުތަކެއް ތަނަވަސްކޮށްދީގެން ކަންތައްތައް ކުރަން މިސަރުކާރުން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާޞަބަތުގައި ބޭއްވި ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒުގައި ބައިވެރިވި ފަރާތްތަކަށް އިނާމު ދިނުމަށްޓަކައި، އުސްފަސަގަނޑު ސަރަޙައްދުގައި، މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މަސައްކަތްތެރިންނަށް ބޭނުންވާ ހުރިހާ ފުރްޞަތުތަކެއް ތަނަވަސްކޮށްދީގެން ކަންތައްތައް ކުރުމަށް ސަރުކާރަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ، އުފައްދާ ތަކެއްޗަށް ބާޒާރު ހޯދައިދިނުންކަމުގައާއި، އަދި ބާޒާރު ހޯދާއިރު، އެކަށީގެންވާ އަގެއްގައި އުފެއްދުންތަކުގެ ފެންވަރު ބަދަލުނުކޮށް، ބޭނުންވާ ޢަދަދަށް އަބަދުވެސް ސަޕްލައި ކުރުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރަށް އޮތް އަނެއް ގޮންޖެހުމަކީ މުދާ އުފައްދާ މީހުންނާއި މުދާ ގަންނަ މީހުންނާ ދޭތެރޭގައި އޮންނަ ވަޞީލަތް ނުވަތަ ދެފަރާތް ގުޅުވާދޭ ފާލަން ޤާއިމުކުރަން ކުރެވޭ މަސައްކަތް ކަމަށާއި، މިދެފަރާތް ގާތްކޮށްދިނުމަށްޓަކައި މުޢާމަލާތް ކުރާނެ ބާޒާރެއް އުފެއްދުންކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވާހަކަފުޅުދައްކަވަމުން ވިދާޅުވީ އަންނަ އަހަރު ޗައިނާ ސަރުކާރުގެ ފަރާތުން ކުންމިންގައި ބާއްވާ އެކްސްޕޯގައި، ދިވެހިރާއްޖެއަށް ކަންޓްރީ އޮފް އޮނަރގެ ދަރަޖަ ދީފައިވާކަމަށާއި، މިފަދަ ފަހި ފުރްޞަތުތަކުގެ ބޭނުމަކަށްވާނީ، މިއަދު ޤައުމީ މަޢުރަޒުގައި ފެނިގެންދިޔަ ކަހަލަ އުފެއްދުންތަކެއް މި ފެއަރގައި ދިވެހި މަސައްކަތްތެރިންގެ ފަރާތުން ބައިވެރިކުރުންކަމުގައެވެ. އަދި މި މަޢުރަޒުގެ ތެރެއިން ހޮވާލެވޭ ބައެއް އުފެއްދުންތަށް ކުންމިން ފެއާރގައި ބައިވެރިކުރުމުގެ ފުރްޞަތު ލިބިގެންދާނެކަމުގާ ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވިގޮތުގައި، ސަރުކާރުން ދެން ކުރަންޖެހޭ މަސައްކަތަކީ، އިކޮނޮމިކް ސްކޭލެއް މާސް ޕްރޮޑަކްޝަނަކަށް ދިޔުމަށްޓަކައި، ބޭނުންވާ މެޝިނަރީއާއި ވަސީލަތްތައް ޤާއިމްކޮށްދެވޭނެ ގޮތްތައް މަސައްކަތްތެރިންނަށް ފަހިކޮށްދިނުމެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ޤައުމީ މަޢުރަޒުގައި ދައްކާލެވިފާވަނީ މޮޑެލްތަކެއްކަމަށާއީ، މި މޮޑެލްތައް ކޮމާރޝަލައިޒް ކޮށް، އޮޓަމޭޓް ކޮށް، މެކެނައިޒްކޮށްގެން، އެއްފަހަރާ ގިނަ މުދާތަކެއް އުފައްދައިގެން ބާޒާރު ހޯދުން އެއީ އެންމެ ފައިދާކުރަނިވި ގޮތަކަށް މިފަދަ މަސައްކަތުން އާމްދަނީ ލިބޭނެ ގޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒުން އެއްވަނައަށް އައި ފަރާތްތަކަށް ތައްޓާއި ހަނދާނީ ލިޔުމުގެ އިތުރުން ކުދި އަދި މެދުފަންތީގެ ލޯނު ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. ދެވަނައަށް އައި ފަރާތްތަކަށް ތައްޓާއި ހަނދާނީ ލިޔުން ދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙައްމަދު ސަޢީދެވެ. އަދި ތިންވަނައަށް އައި ފަރާތްތަކަށް ތައްޓާއި ހަނދާނީ ލިޔުން ދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އަލްފާޟިލް މޫސާ ޒަމީރެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙައްމަދާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ އޮފީސްތަކުގެ އެކިފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.