ދިވެހިރާއްޖެގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާޞަބަތުގައި ބާއްވާ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒު 2015 ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރަސްމީ ގޮތުން ހުޅުއްވައިދެއްވައިފިއެވެ. އެމަނިކުފާނު މި މަޢުރަޒު ހުޅުއްވައިދެއްވީ މިރޭ ދަރުބާރުގޭގައި މިކަމައްޓަކައި ބޭއްވުނު ރަސްމިއްޔާތުގައެވެ. މަޢުރަޒު ހުޅުއްވައިދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާވަނީ މަޢުރަޒުގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ މަސައްކަތްތައް ބައްލަވާލައްވާފައެވެ.

މިއަހަރުގެ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒުގައި 85 ސްޓޯލް ވަނީ ބެހެއްޓިފައެވެ. އަދި މި ސްޓޯލްތައް ބެހިފައިވަނީ 38 ބަޔަކަށެވެ. މި މަޢުރަޒުގައި ތަފާތު ވައްތަރުގެ ދިވެހި ފަރުމާތަކާއި ދިވެހިންގެ ޡަޤާފަތް ދައްކުވައިދޭ ކުޅިވަރުތަކާއި މަސައްކަތްތައް ވަނީ ހިމެނިފައެވެ. އަދި، މިއަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒު މި ބޭއްވުނީ 12 އަހަރުގެ މެދުކެނޑުމަކަށް ފަހުކަން ފާހަގަކޮށްލެވެއެވެ.

ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒުން ވަނަ ވަނައަށް އަންނަ ފަރާތްތަކަށް މިރޭ އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ.