ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ޕަރމަނަންޓް ރެޕްރެޒެންޓޭޓިވް ކަމުގެ މަޤާމަށް ހ.މީނާޒް ޑރ. ހާލާ ޙަމީދު ޢައްޔަން ކުރައްވައި، އެކަމަނާއަށް ސަފީރު ކަމުގެ ފަތްކޮޅު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ، އެކަމަނާއަށް މަޤާމުގެ ފަތްކޮޅު ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ޕަރމަނަންޓް ރެޕްރެޒެންޓޭޓިވް ކަމުގެ މަޤާމަށް ޑރ. ހާލާ ޙަމީދު ޢައްޔަން ކުރެއްވުމައްޓަކައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމުން އެކަމަނާ ވަކިކުރައްވާފައެވެ.

‏‏މި‏‎ ‎‏ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ އަލްފާޟިލް ޢަލީ ނަޞީރު މުޙައްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓޭޓް މިނިސްޓަރު އަލްފާޟިލް މުޙަންމަދު މުޖުތާޒް ބައިވެރިވެވަޑައިގެންނެވިއެވެ.