ސިވިލް ސާރވިސް ކޮމިޝަންގެ ތެރެއިން އިންސާނީ ވަޞީލަތްތައް އޮޑިޓްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ، ސިވިލް ސާރވިސްގެ ވޭތުވެދިޔަ ފަސް އަހަރުގެ ކާމިޔާބީ ފާހަގަކުރުމަށާއި، ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލެވޭ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ރަސްމީ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސިވިލް ސަރވިސްއަކީ ނިސްބަތުން ވަރަށް ފަންނީ، ހުނަރުވެރި، ޢިލްމީ ބޭފުޅުންތަކެއް ތިއްބެވި މުޢައްސަސާއެއް ކަމަށާއި، އެބޭފުޅުންގެ ޚިދްމަތް އެންމެ ރަނގަޅު ގޮތުގައި ބޭނުން ހިފޭނީ މަސައްކަތުގެ ފެންވަރުބެލުމުގެ އޮޑިޓަކާއި އިންސާނީ ވަޞީލަތްތަކުގެ އޮޑިޓެއް ކުރުމުން ކަމުގައި ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި، ސިވިލް ސަރވިސް ކޮމިޝަނުން ކޮންމެ މިނިސްޓްރީއަކާއި، އޮފީހެއްގެ އިންސާނީ ވަޞީލަތްތަކުގެ އޮޑިޓެއް ހައްދަވަންޖެހޭކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، މިފަދަ އޮޑިޓެއް ކޮއްފިނަމަ، އޮފީސްތަކަށް ބޭނުންވާ ޢަދަދަށް ފަންނީ މުވައްޒަފުން އެތަންތަނުގައި ތިބޭނެކަމުގައި ވިދާޅުވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން ތަފްޞީލީ އިންސާނީ ވަޞީލަތްތަކުގެ އޮޑިޓެއް ކުރެވިފާ ނެތުމުގެ ސަބަބުން ސިވިލް ސަރވިސްގެ މުވައްޒަފުން ވަނީ ބޭނުން ނުވާ ދާއިރާތަކުން ވަރަށް ބޮޑަށް އިތުރުވެފާކަމަށާއި، މިފަދަ އޮޑިޓެއް ކުރުމުން ބޭނުންވާ ދާއިރާތަކަށް މިފަދަ މުވައްޒަފުން ބަދަލުކުރެވިގެންދާނެ ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މީހުން ނުއުފެއްދޭ ނަމަ، ރިސޯސް މެނޭޖްކުރަންޖެހޭ ކަމަށާއި ރިސޯސް މެނޭޖް ކުރުމުގައި، އެންމެ ރަނގަޅު ޚިޔާލުތަކާއި ނަތީޖާ ލިބޭނީ އިންސާނީ ވަޞީލަތްތަކުގެ އޮޑިޓެއް ހެދިގެންކަމަށް ވިދާޅުވިއެވެ.
މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރާއި ސިވިލް ސަރވިސްގެ ތެރޭގައި އެންމެ ބޮޑަށް މިހާރު މަދުވާކަމަކީ، ސުޕަވައިޒަރީ މަސައްކަތް ކުރާނެ، މިޑްލް މެނޭޖްމަންޓްގެ އިންސާނީ ވަޞީލަތް ނެތުންކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުދިކުދި ކަންތައްތަކަށް ސަރުކާރުގެ އޮފީސްތަކަށް ތަކުރާރުކޮށް ޚިދްމަތް ހޯދަން މީހުން ދާންޖެހުމަކީ، އެއީ ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމަށާއި މިކަމުން ދޭހަކޮށްދެނީ އެ މުޢައްސަސާ ހިންގުމުގައި މައްސަލަ އުޅޭ ކަމުގައި ކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ކަންކަން ޙައްލުކުރުމަށް މަސައްކަތް ކުރުމަށާއި، މުވައްޒަފުންގެ މަސައްކަތު އަޚްލާޤު ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި ސިވިލް ސަރވިސް ކޮމިޝަންގައި ތިއްބަވަނީ، ސަރުކާރުގެ ވަސީލަތްތައް މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ ޚިދްމަތްތަށް ފޯރުކޮށްދޭ ބައެއް ކަމަށާއި، ސިވިލް ސަރވިސްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަކީ ދައުލަތުގެ އެންމެ މުހިންމު ރައުސުލްމާލުކަމުގައި ފާހަގަކުރެއްވިއެވެ. އަދި ކޮންމެ މުވައްޒަފަކީ ސިވިލް ސަރވިސްގެ އެންމެ މުހިންމު މީހާ ކަމަށް ހަދަން ޖެހޭކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޓްރޭނިންގ ކަމުގައި ވީނަމަވެސް، އަދި މުވައްޒަފުންނަށް ލުއި ގޮތްތައް ހޯދައިދޭން ކަމުގައިވީނަމަވެސް، މުވައްޒަފުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދޭން ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގައެވެ. އެހެން ނަމަވެސް، މުވައްޒަފުންނަށް އެންމެ ރަނގަޅު ގޮތް ހަދައިދެވޭ ކަންތައްތަކުގެ ތެރޭގައި، މުވައްޒަފުންނަށް ލިބޭ ޢިނާޔަތްތައް އިތުރުކުރުން ހިމެނޭއިރު ފުއްދުންތެރި ސިވިލް ސަރވިސްއަކަށް ސިވިލް ސާރވިސްގެ ސައިޒު ބަދަލުކުރަން ޖެހޭކަމުގައި ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ޙަފްލާގައި ސިވިލް ސަރވިސްގެ ކުރިއަށް އޮތް 5 އަހަރުގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އަދި ދިވެހި ސިވިލް ސަރވިސް ޓްރެއިނިންގ ޕޮލިސީއާއި، 2016 ވަނަ އަހަރުގެ ޓްރެއިނިންގ ޑައިރެކްޓްރީ އަދި ސިވިލް ސާރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ވެބްސައިޓް އިފްތިތާޙް ކޮށްދެއްވީ ސިވިލް ސާރވިސް ކޮމިޝަންގެ ނާއިބު ރައީސާ އަލްފާޟިލާ ޖަމީލާ ޢަލީ ޚާލިދެވެ.