ދިވެހި ދައުލަތަށާއި، ދިވެހި ސަރުކާރަށް އަދި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ވިޔަފާރީގެ ދާއިރާއަށް ވަރަށް ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދްމަތްތަކެއް ކުރެއްވި އަދި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ލަޤަބު އަރުވާފައިވާ މާފަންނު ޕާމްކޯޓު ޢަލީ ޢުމަރު މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ޚަބަރު، ރައީސުލްޖުމްހޫރިއްޔާ އެއްސެވީ ވަރަށް ފުން ހިތާމަޔާ އެކުގައެވެ. އެހެންކަމުން، މި ހިތާމައިގައި ބައިވެރިވެވަޑައިގެން، މަރްޙޫމް ޢަލީ ޢުމަރު މަނިކުގެ އަނބިކަނބަލުންނަށާއި ދަރިކަލުންނަށާއި އަދި އެމަނިކުފާނުގެ ލޮބުވެތި ޢާއިލާގެ ހުރިހާ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައެވެ.

ޢަލީ ޢުމަރު މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމަކީ، ދިވެހި ދައުލަތަށާއި ދިވެހި ސަރުކާރަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެކެވެ. އަދި އެމަނިކުފާނު ވަކިވެވަޑައިގަތުމަކީ، ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ހީނަރުކަމެކެވެ.

އެމަނިކުފާނަކީ، 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ދިވެހި ޤައުމަށާއި، ދިވެހި ދައުލަތަށާއި، ދިވެހި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ރައީސް އިބްރާހީމް ނާޞިރު (ނ.ޣ.ޢ.ވ)ގެ ވެރިކަމުގަޔާއި، އަދި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް (ނ.ޣ.ޢ.ވ)ގެ ވެރިކަމުގައި ޢަލީ ޢުމަރު މަނިކު ދައުލަތަށާއި ސަރުކާރަށް ކޮށްދެއްވާފައިވާ ޚިދްމަތްތަކަކީ، ވަރަށް އަގުހުރި ޚިދްމަތްތަކެކެވެ. ޚާއްޞަކޮށް، ރާއްޖޭގެ އިޤްތިޞާދަށާއި ވިޔަފާރިއަށް އެމަނިކުފާނު ގެނެސްދެއްވި ތަރައްޤީއާއި ހެޔޮ ބަދަލުތަކަކީ، ރާއްޖޭގެ ތާރީޚުގައި ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކޮށްލެވޭނެ ޚިދްމަތްތަކެކެވެ. ހުޅުލޭ އެއަރޕޯޓް ހެދުމުގެ އެންމެ ފުރަތަމަ މަޝްރޫޢު ފެށުނު ހިސާބުން ފެށިގެން އެ އެއަރޕޯޓް ތަރައްޤީވެ، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބަދަލުވެ ދިއުމުގަޔާއި، ރާއްޖެއަށް މިޒަމާނުގެ ފަތުރުވެރިކަން ތަޢާރުފްވެ، ތަރައްޤީވެގެން ދިއުމުގަޔާއި، ރާއްޖޭގައި މުވާޞަލާތީ ގުޅުން ޤާއިމުކުރެވި، ސެޓަލައިޓް މެދުވެރިކޮށް ކުރިއަރައި ދިޔަ ދިޔުމުގައި ޢަލީ ޢުމަރު މަނިކު ވެދެއްވި ޙިއްޞާ ހަނދާންކުރަންޖެހެއެވެ. އަދި ރާއްޖޭގެ އެންމެ މުހިންމު އެއްބިނާ ކަމުގައިވާ، އިސްލާމީ މަރްކަޒު ބިނާކުރެއްވުމުގެ މަޝްރޫޢުގެ މަސައްކަތުގަޔާއި، އަދި އޭގެފަހުން ހުޅުމާލޭ މަޝްރޫޢު ހިންގެވުމުގައި، ޢަލީ ޢުމަރު މަނިކު ޢަމަލީގޮތުން ބައިވެރިވެވަޑައިގެން ކުރައްވާފައިވާ މަސައްކަތްޕުޅުތައް، މި ފުރްޞަތުގައި ހަނދާންކުރަންޖެހެއެވެ.

އަލްމަރްޙޫމް ޢަލީ ޢުމަރު މަނިކު ފެނިގެންދިޔައީ، ރައީސް އިބްރާހީމް ނާޞިރާއި، އަދި އޭގެފަހުން ވެރިކަމަށް ވަޑައިގެންނެވި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވަރަށް އިތުބާރު ކުރެއްވި ހަރުދަނާ ބޭފުޅެއްގެ ގޮތުގައެވެ. ސަރުކާރުން ހިންގެވި އިޤްތިޞާދީ ބޮޑެތި މަޝްރޫޢުތައް ހިންގެވުމުގަޔާއި، ޤައުމަށް ދިމާވި އެކިއެކި ބޮޑެތި ކަންކަން، ރައީސް އިބްރާހީމް ނާޞިރާއި، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ނިންމަވަމުން ގެންދަވާފައިވަނީ، ޢަލީ ޢުމަރު މަނިކުގެ ލަފާފުޅާއި މަޝްވަރާގެ މަތިން ކަމަށްވުމީ، އެކަމުގެ އަލިގަދަ ދަލީލެކެވެ.

އަލްމަރްޙޫމް ޢަލީ ޢުމަރު މަނިކު ފާހަގަކުރެވިފައިވަނީ، އެމަނިކުފާނާ ޙަވާލުކުރެއްވި ކޮންމެ މަސައްކަތެއްވެސް ވަރަށް ފަރުވާތެރިކަމާއެކު ކުރެއްވި އަދި އެކަމެއް ޙާޞިލު ކުރެއްވުމުގައި އެއްވެސް ޖެހިލުންވެވަޑައިގަތުމެއްނެތި މަސައްކަތްޕުޅު ކުރެއްވި ހުނަރުވެރި ބޭފުޅެއްގެ ގޮތުގައެވެ. އަދި ނަތީޖާ ނެރުއްވައިދެއްވި ލާމަސީލު ނަމޫނާއެކެވެ. ކޮންމެ ގޮންޖެހުމަކާ ކެރިގެން ކުރިމަތިލައްވައި، އެކަމެއް ކާމިޔާބު ކުރެއްވި ޝަޚުޞިއްޔަތު ވަރުގަދަ ބޭފުޅެއްގެ ގޮތުގައެވެ. ހަމައެހެންމެ، ސަރުކާރުން އެދިވަޑައިގެންނެވި ކޮންމެ ކަމެއްވެސް ޤައުމާއި ރައްޔިތުންގެ މަޞްލަޙަތަށް އިސްކަން ދެއްވައިގެން، އެކަމެއް ކާމިޔާބު ކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވި ބޭފުޅެއްގެ ގޮތުގައިވެސްމެއެވެ. ހަމައެއާއެކު އެމަނިކުފާނަކީ، އެ މަސައްކަތެއްގެ ޙަޤީޤީ ބުރަކަމާއި، އަދި އެކަމެއްގެ ޚަބަރު ނޭނގޭ ކަމެއްގައި ކުރިމަތިވެދާނެ ނުރައްކާތަކަށް ބެއްލެވުމެއްނެތި، އެކަމުގެ ހިރާސް ނަންގަވައިގެން، އެފަދަ ކޮންމެ ބޮޑު ކަމެއްވެސް ކާމިޔާބުކަމާއެކު ނިންމެވި ބޭފުޅެކެވެ.

ރާއްޖެއަށް އެކި ދުވަސްވަރު ކުރިމަތިވި ސިޔާސީ ހަލަބޮލިކަމުގެ ތެރެއިންވެސް ރާއްޖެއަށް ތަރައްޤީއާއި ކުރިއެރުން ހޯއްދަވައިދެއްވުމުގައި، ޢަލީ ޢުމަރު މަނިކުގެ މަސައްކަތްޕުޅުތަކަށް އެއްވެސް މަޑުޖެހުމެއް އައިސްފައިނުވާކަންވެސް މި ފުރްޞަތުގައި ފާހަގަކުރަމެވެ.

އަލްމަރްޙޫމް ޢަލީ ޢުމަރު މަނިކުގެ ޚިދުމަތްތައް ސަރުކާރުން ވަޒަންކުރައްވައި، އެމަނިކުފާނަށް ވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް އަރުވާފައެވެ. އެގޮތުން، ޤައުމީ އިޤްތިޞާދަށް ޚިދްމަތް ކުރެއްވުމުގެ ރޮނގުން 1979 ވަނަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު، އަދި ޖަމާޢަތަށް ފައިދާހުރި ޚާއްޞަ ކަންތައްތައް ކުރެއްވުމުގެ ރޮނގުންވެސް 1982 ވަނަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ސަރުކާރުން ވަނީ އެމަނިކުފާނަށް އަރުވާފައެވެ. އަދި މިނިވަން 25ގެ ޢާންމު ޚިދްމަތުގެ އިނާމުވެސް އެމަނިކުފާނަށް ވަނީ އަރުވާފައެވެ.

މާތްﷲ، މަރްޙޫމް ޢަލީ ޢުމަރު މަނިކުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ! ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ!