ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް)ގެ އިސްނެންގެވުމާއެކު އިޙްތިރާމްކުރުމުގެ ޡަޤާފަތް އަށަގެންނެވުމަށް "ރެސްޕެކްޓް" ގެ ނަމުގައި ފެއްޓެވި ޚާއްޞަ ކެމްޕެއިން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ރަސްމީގޮތުން އިފްތިތާޙު ކޮށްދެއްވައިފިއެވެ. އެކަމަނާ މި ޚާއްޞަ ކެމްޕެއިން އިފްތިތާޙުކޮށްދެއްވީ އެކަމަށްޓަކައި މިއަދު ހަވީރު ޕީ.އެސް.އެމް ގޯތިތެރޭގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

"ރެސްޕެކްޓް" ގެ ނަމުގައި ފެއްޓެވި ޚާއްޞަ ކެމްޕެއިނަކީ، މީގެ ހަފްތާއެއް ކުރިން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޤައުމީ ޙައްޤުތަކަށާއި ވަކިވަކި ފަރުދުންނަށް އިޙްތިރާމްކުރުމުގެ ޡަޤާފަތެއް އަށަގަންނެވުމަށް ޤައުމުގެ އެންމެހާ ފަރާތްތަކުން މަސައްކަތް ކޮށްދެއްވުމަށް ކުރެއްވި އިލްތިމާސަށް އިޖާބަދިނުމުގެ ގޮތުން ފެއްޓެވި ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ މަޤްޞަދަކީ އިޙްތިރާމް ކުރުމާއި، އިޙްތިރާމް ލިބިގަތުމަށް ބާރު އެޅުމެވެ.

ޕަބްލިކް ސަރވިސް މީޑިއާގެ އިތުރުން މޯލްޑިވިއަންއާއި، މިނިސްޓްރީ އޮފް ޓޫރިޒަމް އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ވަނީ މި ކެމްޕެއިން ބަލައިގަތްކަން މި ރަސްމިއްޔާތު މެދުވެރިކޮށް އިޢުލާން ކުރައްވާފައެވެ.

މިއަދުގެ މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްގެ އަރިހުގައި ޕީ.އެސް.އެމް.ގެ ޗެއަރޕާސަން އަލްފާޟިލް އިބްރާހީމް އުމަރު މަނިކު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.