އެސްޓީއޯގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި، އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ބަށި މުބާރާތުގަ ބައިވެރިވި ޓީމުތަކާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައްދަލުކުރައްވައިފިއެވެ. ބުދަ ދުވަހުގެ ހަވީރު މުލީއާގޭގައި ބޭއްވުނު ބައްދަލުވުމުގައި މި މުބާރާތުގައި ބައިވެރިވި 20 ޓީމާ ބައްދަލުކުރައްވާ، ކޮންމެ ޓީމަކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ވަނީ ޚާއްޞަ އިނާމެއް ދެއްވާފައެވެ.

މި ބައްދަލުވުމުގަ ބައިވެރިވި ޓީމުތަކާ ވަކިވަކިން ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކުޅުންތެރިންނަށް ދިމާވާ ދަތިތައް އޮޅުންފިލުވާ އެކަންކަމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އެސްޓީއޯގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި، އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ބަށި މުބާރާތުގެ ފައިނަލް މެޗުގައި ރިއަލް އައިލެންޑް ޓީމާ ބައްދަލުކޮށް މުބާރާތުގެ ޗެމްޕިޔަންކަން ހޯދާފައިވަނީ، ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމުންނެވެ.