އެސްޓީއޯގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި، އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ބަށި މުބާރާތް 2015 ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންފިއެވެ. އަންގާރަ ދުވަހު ހަވީރު ހެންވޭރު ދަނޑުގައި އޮތް މިމެޗްގައި، ރިއަލް އައިލެންޑް ޓީމާ ބައްދަލުކޮށް މުބާރާތުގެ ޗެމްޕިޔަންކަން ހޯދާފައިވަނީ، ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމުންނެވެ. މިމުބާރާތް ވިދިވިދިގެން ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމުން ކާމިޔާބުކުރާތާ މިއީ 4 ވަނަ އަހަރެވެ. އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ބަށި މުބާރާތް ކުރިޔަށްދިޔައީ ޑިސެންބަރު މަހުގެ 1 އިން 15 އަށެވެ.
ފައިނަލް މެޗަށްފަހު އޮތް އިނާމު ދިނުމުގެ ރަސްމިއްޔާތުގައި، މުބާރާތުގެ ޗެމްޕިޔަންކަން ހޯދި ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމަށް ތަށްޓާއި، 100,000 ރުފިޔާގެ ފައިސާގެ އިނާމު އަދި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ފާޠިމަތު އިބްރާހީމެވެ. މުބާރާތުގެ ބަށި ރާނީއަށް ފައިސާގެ އިނާމު އަދި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުންނެވެ. މުބާރާތުގެ ރަނަރަޕް ރިއަލް އައިލެންޑް ޓީމަށް 50,000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ލިބިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްގެ އަރިހުގައި، މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އަލްފާޟިލް އަޙްމަދު ޡުހޫރާއި، އެސްޓީއޯގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.