ދި ޞަދަޤާތު ފައުންޑޭޝަނާއި، އާސަންދަ އަދި އެންސްޕާ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަޖައްސައިދެވުނު ވަޒީފާގެ ލިޔުން އެފަރާތްތަކާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް މިއަދު ހަވާލު ކޮށްދެއްވައިފިއެވެ. މި ވަޒީފާގެ ފުރުޞަތުތަކަކީ، ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަޤްވާމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދި ސަދަޤާތު ފައުންޑޭޝަނުން އިސްނަގައިގެން، އާސަންދަ ކުންފުންޏާއި އެންސްޕާ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަޖައްސައިދެވުނު ވަޒީފާގެ ފުރުޞަތުތަކެކެވެ.

މިއަދު މުލިއާގޭގައި އޮތް މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، މިރަސްމިއްޔާތަކީ ވަޒީފާތަކަށް ޝައުޤުވެރިކަންފާޅުކުރެއްވި ފަރާތްތަކުގެ މެދުގައި އިންޓަވިއު ކުރެވި ވަޒީފާ ހަމަޖެހިގެންދިޔަ ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު ކަމުގައި އެކަމަނާ ވިދާޅުވިއެވެ. މިގޮތުން ނުކުޅެދުންތެރިކަން ހުރި 10 ފަރާތަކަށް އާސަންދަ ކުންފުންޏާއި އެންސްޕާއިން ވަޒީފާގެ ފުރުޞަތުވަނީ ހަމަޖެހިފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެންސްޕާގެ ސީ.އީ.އޯ އަލްފާޟިލް މުޖުތަބާ ޖަލީލާއި، އާސަންދަ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް މައުމޫން ޢަބްދުއްޞަމަދު ބައިވެރިވެވަޑައިގެންނެވިއެވެ.